އިނގިރޭސި އެފްއޭ ކަޕް ހަތަރުވަނަ ބުރުގެ ދެވަނަ ލެގުގައި އެސްޓަންވިލާ ބަލިކޮށް މުބާރާތުގެ ފަސްވަނަ ބުރުން ޗެލްސީ ޖާގަ ހޯދައިފިއެވެ.
އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި މިދިޔަ މަހުގެ ފަހުކޮޅު ޗެލްސީ ދަނޑުގައި، ވިލާއާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ވުމާއިއެކު ނަތީޖާ ނެރުމަށް ދެވަނަ ލެގު ކުޅެން ޖެހުނުއިރު، އެ މެޗު ރޭ ކުޅެފައިވަނީ އެސްޓަންވިލާގެ ދަނޑުގައެވެ. ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗު 3-1 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޗެލްސީންނެވެ.
މި މޮޅަކީ ޗެލްސީގެ ކޯޗް ޕޮޗެޓީނޯއަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށްވާނެއެވެ. ޕްރިމިއާ ލީގުގައި ޗެލްސީގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށަށް ގޮސް އޮތުމާއިއެކު އޭނާއަށް ވަނީ ސަޕޯޓަރުންގެ ނުރުހުން އެންމެ ފަހުން ކުޅުނު މިދިޔަ ހަފްތާ ބަންދުގައި ވުލްވްސް އަތުން ޗެލްސީ ބަލިވި މެޗުގައި ވެސް އަމާޒުވެފައެވެ. ލީގުގައި މިވަގުތު ޗެލްސީ އޮތީ 11 ވަނާގައެވެ.
ލީގުގައި ނަތީޖާދަށް ނަމަވެސް އެފްއޭ ކަޕާއި ލީގު ކަޕްގައި އެ ޓީމްގެ ނަތީޖާތައް ރަނގަޅެވެ. ލީގު ކަޕްގެ ފައިނަލުން ޗެލްސީ ޖާގަ ހޯދާފައިވާއިރު މި މަހު 25 ގައި އެ ޓީމް ނުކުންނާނީ ލިވަޕޫލާއި ދެކޮޅަށެވެ.
ރޭ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީން ވަނި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 11 ވަނަ މިނެޓުގައި ޖަހައިދިނީ ގަލަގާއެވެ. ދެވަނަ ލަނޑު 21 ވަނަ މިނެޓުގައި ޖަހައިދިނީ ޖެކްސަންއެވެ. މެޗުގެ ތިނަވަނަ ލަނޑު 54 ވަނަ މިނެޓުގައި ޖަހައިދިނީ އެންޒޯ ފެނާންޑޭޒްއެވެ. ވިލާގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭ ޖަހައިދިނީ ޑިއާބީއެވެ.
ރޭ އެފްއޭ ކަޕް ހަތަރުވަނަ ބުރުގައި ނޮޓިންހަމް ފޮރެސްޓާއި ބްރިސްޓަލް ސިޓީ ބައްދަލުކުރި މެޗު ޕެނަލްޓީ ޖަހައިގެން ކާމިޔާބު ކުރީ ފޮރެސްޓުންނެވެ. ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެހާފް ކުޅެ ނަތީޖާއަށް ބަދަލެއް ނައުމުން ޖެހި ޕެނަލްޓީގައި ފޮރެސްޓް ކުރި ހޯދީ 5-3 ގެ ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!