" އަހަރެން ބޭނުމެއް ނޫން މިތާ އުޅޭކަށް! އަހަރެން މާލެ ދާން ބޭނުމީ.. މިރަށުގައި އުޅެންޏާ އަހަރެންގެ ރުޅި ދުވަހަކުވެސް މައިތިރިއެއް ނުވާނެ!"
ކަފީލާއާ ދިމާލަށް ރުޅިވެރި ނަޒަރަކުން ބަލައިލުމަށްފަހު މާހިލް ނިކުމެގެން ދިޔައެވެ.
" ނަޖީބް! ދެން އެސޮރު މާލެ ފޮނުވަންވީނު.. އޭރުން ކޮންމެވެސް އެއްޗެއް ކިޔަވަން ފަށާނެތާ! "
މާޔޫސީ ރާގެއްގައި ކަފީލާ ބުންޏެވެ. އެއާއެކު ނަޖީބު ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ތިކަމަށް ގޮތެއް ނިންމާނީ މުއާޒާ ވާހަކަ ދައްކާފަ! "
ނަޖީބު އަވަސް އަވަހަށް ތެދުވެ ރަނގަޅަށް ދެއަތް ދޮވެލިއެވެ. އަދި އިތުރު ވާހަކައެއް ދެއްކުމެއް ނެތި ބޭރު ދޮރާ ދިމާލަށް ހިނގައިގަތީ ފިހާރައަށް ދާށެވެ. މަގުމައްޗަށް ނިކުތުމާއެކު ޖީބުގައި އޮތް ފޯން ވައިބްރޭޓްވާން ފެށިއެވެ.
" ބައްޕާ! އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން"
މުއާޒްގެ އަޑުގައިވާ ނުތަނަވަސްކަން ނަޖީބަށް އިޙްސާސް ކުރެވުމުން އޭނާގެ ހިތަށްވެސް އުނދަގޫތަކެއް ވާން ފެށިއެވެ. އެހެންކަމުން މުއާޒަށް ވަގުތު ދިނުމަށްޓަކައި އޭނާ ބޭރުގައި މަޑުކޮށްލުމަށްފަހު ކުރިއަށް ގެންދާށޭ ބުންޏެވެ. އެއާއެކު ކަންތައްވީ ގޮތް މުއާޒް ނަޖީބަށް ވަރަށް ސާފުކޮށް ކިޔައިދިނެވެ.
" ބައްޕަ ތިކަމާ ކީކޭ ބުނާނީ؟ އެމީހުން މާލޭގައި އުޅެން ބޭނުންވަނީ ޖުމާ ބަދުނާމުން ސަލާމަތްކުރަން! އެކަމަކު ކިހިނެއް ދުނިޔެއަށް އެކަން ސިއްރު ކުރާނީ؟ މާހިލްގެ ބޮލުގައި އެ ތުހުމަތު އެޅުވި ދުވަހުން ފެށިގެން މަންމަމެން އެމީހުންނަށް ވަރަށް ނަފްރަތު ކުރޭ! ޒާރާވެސް ހުރީ ޒާރާގެ ކޮއްކޮގެ ވާހަކަ ޤަބޫލުކޮށްގެން.. އެހެންވީމަ މަންމައަށްވެސް އުނދަގޫވާނެތާ ޒާރާ ބަލައިގަންނަން.. "
ނަޖީބުގެ ވާހަކަތައް ހުރި ގޮތުން މުއާޒް އިތުރަށް ކަންބޮޑުވާން ފެށިއެވެ.
" ދެން ކީކޭތޯ ބައްޕަ ބުނުއްވަން ތިއުޅުއްވަނީ؟ "
ހާސްކަމާއެކު މުއާޒް ސުވާލު ކުރިއެވެ.
" ބައްޕައަކަށް ނުފެނޭ ދަރިފުޅު ދެން އިތުރަށް ޒާރާގެ ފަހަތުން ދުވާކަށް! އެއީ އެމީހުން ބުނާހާ ގޮތެއް ހަދައިގެން އުޅެން ޖެހޭ ފެންވަރުގެ ބައެއް ނޫން! ޖުމާ ބޭޒާރު ވާ ދުވަހު ދަރިފުޅުވެސް ބަދުނާމުވާނީ.. އެހާ ދަށު ދަރަޖައަކަށް ވެއްޓިފައި ތިބި ބައެއްގެ ފަހަތުން ދަރިފުޅު ކީއްކުރަން ތި ދުވަނީ؟ މިހާރު ޒާރާ އިނީ ބަލިވެއެއްވެސް ނޫނެއްނު.. ބައްޕަ ބުނާނީ ދަރިފުޅު އަވަހަށް ތިކަމުން ދެން ސަލާމަތްވާށޭ.."
" ބައްޕާ! "
ނަޖީބުގެ ވާހަކަތައް އަޑުއަހަމުންދިޔަ މުއާޒްގެ ދެލޯ ފެންކަޅިވެ ރަތްވެގެން ދިޔައެވެ. އެއީ އޭނާ ފަހަރެއްގައިވެސް ބައްޕަގެ ދުލުން ބޭރުވާ އަޑު އަހަން ބޭނުންވި ޖުމްލަ ތަކެއް ނޫނެވެ. އެހެންކަމުން އޭނާއަށް ހުރީ ބުނާނެ އެއްޗެއް ނޭނގި، ނެގި މަޑުވެފައެވެ.
" އަޅުގަނޑު ހީކުރީ އަޅުގަނޑަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނާނީ ބައްޕަ ކަމަށް! އެކަމަކު.... މިއަދު އެނގިއްޖެ ބައްޕަގެ ހިތުގައި އަޅުގަނޑާމެދު އެއްވެސް ރަޙުމެއް ނުވާކަން... މަންމައަށް ނުވިސްނޭތީ މަންމަ ކޮންމެ އެއްޗެއް ބުންޏަސް އަޅުގަނޑު އެހާ އަޅައެއް ނުލަން.. އެކަމަކު އަޅުގަނޑު ޤަބޫލު ކުރަނީ އެންމެ ހަރުދަނާ ވިސްނުން ގެންގުޅުއްވަނީ ބައްޕަކަމަށް.. "
މުއާޒަށް ބުނެވުނެވެ. އެއާއެކު ނަޖީބު މަޑުކުރުމެއްނެތި ވާހަކަ ދައްކަން ފެށިއެވެ.
" ދަރިފުޅާ! ޖަޒްބާތުގައި ނުޖެހި މިކޮޅަށް އާދޭ! ނޫނީ ޒާރާއަށް ހުށަހަޅާ ޖުމާ ބަހައްޓާފައި މިރަށަށް ދަރިފުޅާއެކު އައުމަށް.. އޭނަ ޤަބޫލު ނުކޮށްފިއްޔާ ދެން ހިއެއް ނުވެ ތި ދެކުދިންނަށް އުޅެވިދާނެ ހެންނެއް.. ދަރިފުޅު އާދޭސް ކޮށްކޮށް އޮއްވައެއްނު ދިޔައީވެސް"
" ބައްޕާ! ކީއްވެ އަޅުގަނޑުމެންނަށް ނޫޅެވެންވީ؟ ބައްޕަ ތިޔަ ދައްކަވަނީ އަޅުގަނޑުމެންގެ ދިރިއުޅުން ރޫޅާލަންޖެހޭ ސަބަބެއް ނޫނޭ! ޖުމާ ވިހާ ގަދަވީމަ، ޒާރާއަށް އަޅުގަނޑުގެ ރަށަށް އާދެވޭނެއެއްނޫންތޯ! ކޮންމެ ގޮތެއް ވިޔަސްއޭނާއަށް މިއަދު އަޅާލުން ބޭނުންވާނެ.. ޒާރާ ނޫން ވަކި ކާކުތޯ ޖުމާގެ ހުރީ؟ ބައްޕަ އަންޑަސްޓޭންޑް ނުވަނީތޯ އަޅުގަނޑު މި ދައްކާ ވާހަކަ؟ އަޅުގަނޑުވެސް ހުރީ މާހިލް ކޮއްކޮގެ ހިމާޔަތުގައެއް ނޫންތޯ؟"
މުއާޒް އާދޭހުގެ ރާގަކަށް ވާހަކަ ދައްކާ އަޑު އަހަން ނަޖީބަކަށް ފަސޭހައެއް ނުވިއެވެ.
" ދެން.. ކީކޭ ބުނާނީ؟ ދަރިފުޅަށް ފެންނަ ގޮތަކަށް ކަންތައް ކުރޭ! ބައްޕަމެން އެހާ ހިތްހަމައެއް ނުޖެހޭ! "
ނަޖީބު އޭނާގެ ނިންމަުން ހާމަކުރުމަށްފަހު އަވަސް އަވަހަށް ފޯނު ކަނޑާލިއެވެ. އެއާއެކު ފޯނު ޖީބަށް ލުމަށްފަހު މުއާޒަށް ދެއަތުން މޫނު ފޮހެލެވުނެވެ. އޭރު އޭނާ ހުރީ ޒާރާމެން ގޮވައިގެން މާލެ ދިޔުމަށްޓަކައި ހދ ހަނިމާދޫ އެއަރޕޯޓަށް އައިހެވެ.
" ކިހިނެއްވީ؟ ހާދަ މާޔޫސްވެފައި؟ "
މުއާޒް އައިސް ޒާރާ ގާތު އިށީނުމާއެކު ޒާރާއަށް އެ މޫނުމަތީގައިވާ އުދާސްވެރިކަން ފާހަގަ ކުރެވުނެވެ. ޒާރާ ސުވާލު ކުރި ނަމަވެސް ނަޖީބު ދެއްކި ވާހަކަތައް ޒާރާގާތު ބުނަން މުއާޒަށް ފަސްޖެހެވުނެވެ. ކޮންމެ ޙާލެއްގައިވެސް އޭނާގެ ޙަޔާތުން ޒާރާ ގެއްލިދާކަށް މުއާޒް ބޭނުންމެއް ނޫނެވެ.
" ކީއްވެ އެހާވަރަށް ތި ބަލަނީ؟ "
ފުން ވިސްނުމެއްގައި އިނދެ ޒާރާގެ މޫނަށް ބަލަހައްޓައިގެން އިން މުއާޒަށް އިސްޖަހާލެވުނީ ޒާރާ އަނެއްކާވެސް ސުވާލު ކުރުމުންނެވެ.
" ފިހާރަ އޮޑިޓް ކުރަން އަންނާތީވެ އަހަރެން އެބަ ޖެހޭ މިއަދު ރަށަށް ދާން! ޒާމެން މާލެއަށް ގެންގޮސް އަހަރެން ފުރާނަން.."
މުއާޒްގެ ޖުމްލައިން ޒާރާ ލުއި ގޮތަކަށް ހިނިތުންވެލިއެވެ.
" ދެން ކޮން ދުވަހަކުން އަންނާނީ؟ "
ޒާރާއަށް އަހާލެވުނެވެ. ޒާރާގެ އަޑާއިއެކު މުއާޒަށް ބަލައިލެވުނީ ޒާރާގެ ދެލޮލަށެވެ. މުއާޒަށްޓަކައި އޭނާގެ ހިތުގައިވާ ލޯބި އޭރުވެސް އެ ދެލޮލުން ހާމަވަމުންދެއެވެ.
" ވަރަށް އަވަހަށް! "
ޒާރާގެ އަތްތިލައަށް ފިތާލަމުން މުއާޒް ބުންޏެވެ.
***
" ދެން އަބަދު ގޭގައިތަ އޮންނަނީ؟ ނިކުމެ އުޅެން ފެށީމަ އެއްނު ރަނގަޅުވާނީ!"
މާހިލްގެ އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ހާނިމް ބުންޏެވެ. އެއާއެކު މާހިލް ތެދުވެ، ބުރަކަށި ދަށަށް ބާލީސް ލައްވާލަމުންފާރުގައި ލެނގިލިއެވެ.
" ނިކުންނަ ހިތެއް ނުވޭ! އިއްޔެ ކޮފީއަކަށް ދިޔައިރަށް އެތާ ތިބި ރައްޓެހިންތަކެއްވެސް ދިމާކޮށްފި ރީނާއަށް ދޯކާ ދިނިއްޔޯ ކިޔާފަ! ދެން ވަރަށް ފޫހިވެއްޖެ"
މާހިލް އެހެން ބުނުމާއެކު ހާނިމް ލާނެތް ހިނިގަނޑެއް ޖަހާލިއެވެ.
" އެއީ ރުޝްދީ ދައްކާ ވާހަކަ"
" އެކަމަކު އެކަމާ ބައްޕަ ހުންނަނީ އަބަދު ނައްޓާފައޭ! އާއިލާ ބޭޒާރު ވާތީ... ދެން ނޭނގެ އަހަރެން މިހާރު ބޭނުންވަނީ މާލެދާން"
ފޫހި ރާގަކަށް މާހިލް ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ކުރިއަށް ވުރެބާރަށް ހާނިމް ހޭންފެށިއެވެ.
" މާލެދާށޭ؟ ރީނާއަށް ފިލަން ވެގެންތަ؟ "
" ނޫން.. ކީއްކުރަން އޭނައަށް ފިލަންވީ؟އަހަރެން އޭނަ ދެކެ ބިރެއް ނުގަނޭ! ބޭނުންވަނީ ހަމަ ރަށުން ދާން! ދެންމާލެ ގޮސް ކޮންމެވެސް އެއްޗެއް ކިޔަވަން ޖެހޭނެ.. އެހެން ނޫނީ މަންމަމެން ނުފޮނުވާނެ"
މާހިލް އެހެން ބުނުމާއެކު ހާނިމް އެކަމާ އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލިއެވެ.
***
ކުލީ އެޕަރޓްމަންޓްގައި ޒާރާ އާއި ޖުމާ ބޭތިއްބުމަށްފަހު މުއާޒް ނިކުތީ ގޭގެ ވެރިފަރާތުން އޭނާއާ ބައްދަލް ކުރަން އެދުމުންނެވެ. ކުރިމަތީގައި ހުރި އެޕަރޓްމަންޓްގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމާއެކު ދޮރު ހުޅުވާލީ ޒުވާން އަންހެން ކުއްޖެކެވެ. އޭނާއަށް މުއާޒް ފެނުމާއެކުހިނިތުންވެލުމަށްފަހު އެތެރެއަށް ވަނުމަށް އެދުނެވެ. ޖެހިލުންވެ ހުރެ މުއާޒް އެތެރެއަށް ވަތް އިރު ސިޓިންގރޫމްގައި ހުރި ކޮންޕިޔުޓަރެއް ކައިރީގައި ޒުވާން ފުރައިގެ ފިރެހެނެއް އިނެވެ. މުއާޒް ފެނުމާއެކު އޭނާ ހީލަމުން ތެދުވެ މުއާޒާ ސަލާމްކޮށްލިއެވެ.
" ލަމްހާ ދޭ ބަލަ ކޮފީއެއް ހަދާލަން! ކަޅެއްތަ؟ "
ހިތްހެޔޮކަމާއެކު އޭނާ އެހެން ބުނުމާއެކު ލަދުން ހުރެ މުއާޒް ބޯ ޖަހާލިއެވެ.
" މި ގެ ހަދާ ނިންމާފަ ހަމަ އަލަށް ކުއްޔަށް ދޭން މިފެށުނީ.. އެހެންވެ އެގްރިމެންޓްގައި ސޮއިވެސް ކުރަން ޖެހޭނެތާ!"
އަތުގެ އިޝާރާތުން އިށީނުމަށް އެދެމުން އޭނާވެސް އިށީނެވެ.
" އަހަންނަށް ކިޔަނީ ޝާހު އިނގޭ! މުއާޒް ހީވަނީ ވަރަށް ލަދުން ހުންނަހެން.. އަހަންނަކީ މަތީ މީހެއް ނޫނޭ.. އަހަރެމެން ދެމީހުންނަކީ ހަމަ އެއް އުމުރެއްގެ ދެމީހުންނޭ..."
ހިނިގަނޑެއް ޖަހާލަމުން ޝާހު އެހެން ބުނުމާއެކު މުއާޒްގެ މޫނުމައްޗަށް ހައިރާންކަމުގެ ކުލަވަރު އެރިއެވެ.
" ހާދަ ހާސްވީ؟ މަށަށް ފޮނުވީމެއްނު އައިޑީކާޑު.. އެހެންވެ އެނގުނީ!"
ޝާހުގެ އަތުގައި އޮތް ފައިލުން އެގްރިމެންޓް ކަރުދާސްތައް ނަގާ މުއާޒަށް ދިއްކޮށްލަމުން ޝާހު ބުންޏެވެ. އެއާއެކު މުއާޒް ހިނިތުންވެލަމުން އޭގައި ހިފިއެވެ. އޭރު ކޮފީތަށި ހިފައިގެން ލަމްހާވެސް އަތުވެއްޖެއެވެ.
" އެތަނުގައި އުޅެނީ ކޮންބައެއް؟ "
ސޯފާގައި ރަނގަޅަށް ހަމަޖެހިލަމުން ޝާހު އެހިއެވެ. އެއާއެކު އަތުގައި ހުރި ކަރުދާހުން ގަނޑެއް އެއްލަމުން މުއާޒް ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެންގެ އަންހެނުންނާ އޭނަގެ ކޮއްކޮ އުޅޭނީ! އަހަރެން އުޅޭނީ ރަށުގައި.. "
" އެހެންތަ؟ އެހެންވިއްޔާ ދެން ލަމްހާ އެހާ ފޫއްސެއް ނުވާނެތާ! ލަމްހާ ވާނެ އެބަޔަށް ވަދެ ހަދަން.. އޭރުން އެމީހުންވެސް ހިތްހަމަ ޖެހޭނެއެއްނު.. އަނެއްކާ... އެއީ މައްސަލައަކަށް ވާނެތަ؟ "
މުއާޒަށް ބަލައިލަމުން ޝާހު ބުންޏެވެ. އެއާއެކު މުއާޒް އުފާވެރިކަމާއެކު ހިނިތުންވެލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.
" ނޫން... ދެން އެކުވެރިވެވޭނީވެސް ގޮސްލާ ހެދީމައެއްނު"
މުއާޒް ބުނެލިއެވެ.
***
އެގްރިމެންޓްގެ ކޮޕީއެއް ހިފައިގެން މުއާޒް އައިސް ގެއަށް ވަނެވެ. އޭރު ޖުމާ އިނީ ސިޓިންގރޫމްގައެވެ. އެހެންކަމުން ޒާރާ ވާނީ ކޮޓަރީގައިކަން އެނގުމާއެކު މުއާޒް ގޮސް ކޮޓަރިއަށްވަނީ ނުހަނު ބާރަށެވެ. މުއާޒް ފެނުމާއެކު އަލަމާރި ކައިރީގައި ހުރި ޒާރާ އިސްޖަހާލިއެވެ.
" ކިހިނެއްވީ؟ "
އަތުގައި ހުރި ކަރުދާސްތައް އެނދުމަތީގައި ބަހައްޓަމުން މުއާޒްގޮސް ޒާރާގެ ކުރިމަތީގައި ހުއްޓި މަޑުމަޑުން އަހާލިއެވެ. އެއާއެކު ދެރަވެލާފައި ޒާރާ މުއާޒްގެ މޫނަށް ބަލައިލިއެވެ.
" މަޑުވެސް ކޮށްނުލާ ދަނީތަ؟ "
ޒާރާގެ ސުވާލާއެކު މުއާޒް ބޯ ޖަހާލިއެވެ.
" އަހަންނަށް އެނގޭ ނަފްސާނީގޮތުން ޒާ އަދިވެސް ހަމައަކަށް ނޭޅޭނެކަން.. އަހަންނަށްވެސް ވަރަށް އަސަރު ކުރޭ!އެކަމަކު.... ކެތްތެރިވުން ނޫން ގޮތެއް އަހަރެމެންނަށް އެބަ އޮތްތަ؟ ދާން ބޭނުން ނުވިޔަސް އަހަންނަށް ދާން ޖެހިއްޖެ!"
އަސަރާއެކު މުއާޒް ވާހަކަ ދެއްކި ނަމަވެސް، ހިތުގައިވާ ހިތްދަތިކަމާ ހިތާމަތަކުގެ ވާހަކަ އިތުރަށް މުއާޒްގާތު ދައްކާކަށް ޒާރާ ބޭނުމެއް ނޫނެވެ. ދެމީހުން ދެތަން ވާ ވަގުތު އިތުރަށް ދެރަކުރާކަށްވެސް ޒާރާގެ ހިތެއް ނޭދުނެވެ. އެހެންކަމުން އޭނާ އަވަހަށް މައުޟޫ ބަދަލު ކޮށްލިއެވެ.
" މުއާގެ މަންމަމެންނަށް އެނގޭތަ އަހަރެމެން މާލޭގައި ތިބިކަން؟ "
ބޯ އަރިކޮށްލުމަށްފަހު ޒާރާ މުއާޒްގެ މޫނަށް ބަލައިލަމުން އެހިއެވެ. އެއާއެކު ދޭނެ ޖަވާބެއް ނޭނގިފައި އޭނާއަށް އިރުކޮޅަކު ހުރެވުނެވެ.
" ނުބުނަން ދޯ! "
އަނެއްކާވެސް ޒާރާ އެހިއެވެ. އެއާއެކު މުއާޒް ދެފަރާތަށް ބޯ ހޫރާލަމުން ޒާރާގެ މާޔޫސްވެފައިވާ މޫނަށް ބަލައިލިއެވެ.
" ބައްޕަ ގާތު ބުނީ! "
" ކީކޯ ދެން ބައްޕަ ބުނީ؟ "
މުއާޒްގެ ޖުމްލަ ރަނގަޅަށް ނުނިމެނިސް ޒާރާ ސުވާލު ކުރިއެވެ. އެވަގުތު ފުން ނޭވާއެއް ދޫކޮށްލަމުން މުއާޒް ޒާރާގެ އަތުގައި ހިފާލިއެވެ.
" ވަކި އެއްޗެއް ނުބުނެ... އަހަރެން ބޭނުން ގޮތެއް ހަދާށޯ ބުނީ.. އެހެން ނޫނަސް އަހަރެމެންގެ ދިރިއުޅުމުގެ ކަންތައްތައް ނިންމާނީ އަހަރެމެންނެއްނު.."
މުއާޒް އެހެން ބުނުމާއެކު ޒާރާ މުއާޒްގެ މޭމަތީގައި ބޮނޑިވެގަތެވެ.
" މުއާ...."
ތުރުތުރުއަޅާ އަޑަކުން ޒާރާ ގޮވާލިއެވެ. އެއާއެކު މުއާޒަށްވެސް ޒާރާގެ ގައިގައި ނުހަނު ލޯބިން ބައްދާލެވުނެވެ.
" އެދުވަހު އަހަރެން މުއާ ދޫކޮށްފައި އައީ ކީއްވެކަން މުއާއަށް އެނގެއެއްނު... ޕްލީޒް އަހަންނަށް ދެރަގޮތެއް ނަހަދައްޗޭ"
ޒާރާ އެހެންބުނުމާއެކު މުއާޒް ޒާރާގެ ގައިން ދޫކޮށްލިއެވެ. އަދި އޭނާގެ ދެއަތުން ޒާރާގެ ރީތި މޫނުގައި ހިފަހައްޓާލައިގެން ހުރެ ފުންނަޒަރަކުން އެ މޫނަށް ބަލަމުން ދިޔައެވެ.
" އަހަރެމެން ދެމީހުންގެ މަޖުބޫރީ ޙާލަތު އަހަންނަށް ވަރަށް ރަނގަޅަށް އެނގެޔޭ! އެކަމަކު އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ ހިތުން ޒާގެ ހަނދާންތައް ފިލައިގެން ނުދެ... ވާ ލޯތްބަކަށް ބަދަލެއްވެސް ނާދެ.. އަހަންނާމެދު ޝައްކު ނުކުރައްޗޭ! އަހަރެން ދުވަހަކުވެސް ބަދަލެއް ނުވާނަން.."
މުއާޒްގެ ޖުމްލަތައް އަޑުއަހަން ހުރި ޒާރާގެ ދެލޯ އޭރު ކަރުނައިން ފުރެމުން ދެއެވެ.
" ދެން ނުރޮއި.. މިވަގުތު ތިހެން ރޮންޏާ އަހަންނަށް ދާން އުނދަގޫވާނެ.. އިރާދަކުރެއްވިއްޔާ ކޮންމެ މަހަކުވެސް އެއް ފަހަރު އަންނާނަން.. އެހެންވީމަ ދެން ހިތްހަމަ ޖައްސާލާ"
މިފަހަރު މުއާޒް ދިން އުފާވެރި ޚަބަރުން ޒާރާގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލައެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ބޯ ޖަހާލިއެވެ.
" އަދި އެއްވާހަކަ ބުނަންތަ؟ ކުރިމަތީގައި އެހުރި އެޕާރޓްމަންޓްގައި އެއުޅެނީ މިގޭ ވެރިމީހާ އާއި އޭނާގެ ކޮއްކޮ.. އެމީހުން ބުނި ކޮންމެ ކަމެއްގައިވެސް އެހީތެރިވެދޭނަމޭ.. އެމީހުންނާ ގުޅުން ބަދަހި ކުރައްޗޭ.. ގެއަށް ބޭނުންވާ އެއްޗެހި ގަނެދޭން އޭނަ ކޮއްކޮ ލަމްހާވެސް އައިސްދޭނަމޭ ބުނި.. އެހެންވީމަ އަވައްޓެރިންވެސް ލިބުނީއެއްނު.."
ޒާރާ ހިތްހަމަ ޖައްސައިދެވޭތޯ މުއާޒް މަސައްކަތް ކުރިއެވެ. މުއާޒްގެ ވާހަކަތަކަށް ޒާރާ ބޯ ޖަހާލީ ގަދަކަމުން ހިނިތުންވެލަމުންނެވެ.
" ދެން ދަނީ! "
އަނެއްކާވެސް ޒާރާގެ މޫނުގައި މުއާޒަށް އަތް ޖައްސާލެވުނެވެ. މިފަހަރުވެސް ޒާރާ ދެރަވެ ހުރެ ގަދަކަމުން ހިނިތުންވެލިއެވެ. ލަސް ހިނގުމެއްގައި ގޮސް މުއާޒް ކޮޓަރިން ނިކުންނަން ދެން ޒާރާއަށް ހުރެވުނީ ބަލާށެވެ.
***
މުއާޒަށް ރަށަށް ދެވުނު އިރު ރޭގަނޑު ވެއްޖެއެވެ. އޭނާ ގެއަށް އައިސް ވަތް އިރު ސިޓިންގރޫމްގައި ކަފީލާގެ އިތުރުން ނަޖީބުވެސް ތިބީ އަށެއްގެ ޚަބަރު ބަލާށެވެ. މުއާޒް ފެނުމާއެކު ނަޖީބު ގޮވާލިއެވެ.
" ދަރިފުޅާ! އާދެބަލަ... މިތާ އިށީނދެލަބަލަ! "
ލޯތްބާއެކު ނަޖީބު އެހެން ބުނުމާއެކު މުއާޒް ގޮސް މަޑުމަޑުން އިށީނދެލިއެވެ. އަދި ކުޑަކުއްޖަކު ފަދައިން އޭނާ އިނީ އިސްޖަހާލައިގެންނެވެ.
" ދަރިފުޅު ކީއްވެ މަންމަގާތު ނުބުނީ ޒާރާއަށް އެގޮތަށް އެކަންތައް ދިމާވި ވާހަކަ! މަންމަވެސް މިހުރީ މާމަ ދަރިފުޅު ފެންނާނެ ދުވަހެއްގެ އިންތިޒާރުގައޭ.. އެކަމަކު އެ ނަސީބުވެސް އެގެއްލުނީ"
ދެރަވެލާފައި ކަފީލާ ބުންޏެވެ. ރައްދުގައި އެއްވެސް އެއްޗެއް މުއާޒް ނުބުނުމުން އަނެއްކާވެސް ވާހަކަ ދެއްކީ ކަފީލާއެވެ. މިފަހަރު އޭނާގެ ރާގުގައި ހުރީ ނުރުހުންތެރިކަމާއި ހަރުކަށި ކަމެވެ.
" އެކަމުގައި އަހަރެން ޒާރާ ކުއްވެރި ކުރާނަން.. އޭނަ ކީއްކުރަން ލޯންޗްގައި ދަތުރު ކޮށްފައި ދާންވީ؟ އޭނަ އެ އިން ޙާލުުގައި މިތާ އިންނަން ވީހެއްނު... އެއީ އޭނަ ގަސްތުގައި ކުރި ކަމަކަށްވާނީ! "
އަޑުއަހަން އިނދެ މުއާޒަށް މަންމައާ ދިމާލަށް ބަލައިލެވުނީ ނުރުހުމުގެ ލޮލަކުންނެވެ،
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.