" ނޫނޭ ނޫނޭ! ދެން މާ ނޫން ކަމަށް ހެދޭނެ ކަމެއް ނެތް... އޮފީހުން އަންނަން ވާއިރަށް އޭނަ މިގޭގައި ބައިންދާނީ.. ދެން ފްރެންޑް ވެގެން... ލޯބި ވެގެން.. ކައިވެންޏަކާ ހަމައަށް ދިޔައީމަ އަހަންނަށް އަގު ދޭންވާނެ"
ލަމްހާ ވާހަކަ ދައްކާ ނިމުމާއެކު ޝާހު ލަމްހާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތެވެ.
" ލާނެތް ކުއްޖާގަނޑު"
ލަމްހާ ދުރަށް ދުއްވައިގަތުމުން ޝާހަށް ބުނެވުނެވެ.
***
މުއާޒް ފިހާރައިން އަންނާނެ އިރަކަށް މާހިލް ދިޔައީ އިންތިޒާރު ކުރަމުންނެވެ. މިދުވަސްވަރު މުއާޒްގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަމެއްގެ ސަބަބުން މާހިލްވެސް ހުންނަނީ މުއާޒާ ވާހަކަ ދައްކަން ޖެހިލުންވެފައެވެ. ނަމަވެސް މިއަދު ކޮންމެހެންވެސް މުއާޒާ ވާހަކަ ދައްކަން އޭނާ ބޭނުން ވެއެވެ. ކެތްތެރިކަމެއްނެތި ގަޑި ބަލައިލާ ބަލައިލާ އިންދާ މުއާޒް އައިސް ގެއަށް ވަތް މަންޒަރު ފެނި މާހިލް ސޯފާއިން ތެދުވިއެވެ. ނަމަވެސް އަތުގައި އޮތް ފޯނާ ކުޅެމުން ގޮސް މުއާޒް އޭނާގެ ކޮޓަރިއާ އަރާ ހަމަވި އިރުގައިވެސް އިސްއުފުލައި މާހިލާ ދިމާއަށް ބަލައިވެސް ނުލައެވެ.
" ދޮންބެ"
މުއާޒް ކޮޓަރިއަށް ވަނުމުގެ ކުރިން މާހިލް އަވަސް އަވަހަށް މުއާޒަށް ގޮވައި އޭނާ ހުއްޓުވިއެވެ. މުއާޒް ބަލައިލުމާއެކު މާހިލް މުއާޒާ ދިމާލަށް ހިނގައިގަންނަމުން ވާހަކަ ދައްކަން ފެށިއެވެ.
" މިރޭ ފުރާ ފްލައިޓުން މާލެ ދާން ވެގެން.."
މާހިލް އެހެން ބުނުމާއެކު މުއާޒަށް ލިބުނީ ހައިރާންކަމެވެ.
" ސަރުކާރު އޮފީހަކަށް އެޕްލައިކޮށްގެން މިއުޅުނީ ޖޮބެއް ލިބޭތޯ! ދެން އެމީހުން މިއަދު ބުނެފި މި ހަފްތާ ނިކުންނަން ޖެހޭނެ ވާހަކަ. އެހެންވެ"
ޖެހިލުންވެ ހުރެ މާހިލް ވާހަކަ ދެއްކިއެވެ. އެއާއެކު މުއާޒް ބޯ ޖަހާލަމުން ކޮޓަރި ހުޅުވާ ކޮޓަރިއަށް ވަނީ މާހިލްގާތު އެތެރެއަށް ވަންނަން ބުނަމުންނެވެ.
" ހުރިހާ ކަމެއް ހަމަ ޖައްސާފައި އެންމެ ފަހުން ތި ބުނީ ކީއްވެޔޯ؟ ބައްޕަމެން ޤަބޫލު ނުވީތަ؟"
ފަރުވާ ކުޑަ ގޮތަކަށް މުއާޒް އަހާލިއެވެ. އެއާއެކު އެނދުމަތީ އިށީންނަމުން މާހިލް ހިނިގަނޑެއް ޖަހާލިއެވެ.
" ނޫން! ލިބޭނެ ކަމަކަށް ނޫން އެޕްލައި ކުރީ.. އެކަމަކު ލިބުނީމަ ހިތަށް އެރި ދާނަމޭ.. އަސްލު މިކޮޅުގައި އުޅޭ ހިތެއް ނުވެޔޭ މިހާރަކު"
އަތުކުރީ ގަޑި ބޭލުމަށްފަހު ޑްރެސިންގ ޓޭބަލްމަތީ ބާއްވަމުން މުއާޒް މާހިލަށް ބަލައިލިއެވެ.
" ކޮންތާކު ގޮސް ހުންނަނީ؟ "
" ނޭނގެ! ކުއްޔަށް ކަންނޭނގެ ހުންނަން ޖެހޭނީ"
ދެކޮނޑު ހިއްލާލަމުން މާހިލް ބުންޏެވެ. އެއާއެކު އެއްމިޔަކަނުން މުއާޒް ހީލިއެވެ.
" އަހަރެން ހުންނަންވެސް ދޮންބެ ތަނެއް ކުއްޔަށް ނަގައިދޭންވީނު! ދައްތަމެންނަށްވެސް ހަމަ ތަނެއް ނެގީމެއްނު"
ހިތްހަމަ ނުޖެހޭ ފަދަ ރާގަކަށް މާހިލް އެހެން ބުނުމުން މުއާޒަށް ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބުނެވެ. އެއްޗެއް ނުބުނެ ކުޑަ އިރުކޮޅަކު ހުރުމަށްފަހު މުއާޒް ލަސްފިޔަވަޅުތަކެއްގައި އައިސް އެނދުގައި އިށީނދެލިއެވެ. އަދި ފުން ނަޒަރަކުން މާހިލްގެ މޫނަށް ބަލައިލިއެވެ.
" ބައެއް ފަހަރު ހިތަށް އަރާ، ޖުމާ އެހާ ސީދާކޮށް މާހިލްގެ ނަން ބުނަން ކެރުނީ ކީއްވެ ބާވައޭ؟ "
ގޮދަނޑީގައި ދެއަތް ވިއްދާލަމުން ހަށިގަނޑު ފަހަތަށް ކަތި ކޮށްލުމަށްފަހު މުއާޒް މައްޗަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. އެއާއެކު މާހިލްގެ މޫނުމަތީގައި ނުތަނަވަސްކަމުގެ އަސަރުތައް ކެކި އަރަން ފެށިއެވެ.
" ދޮންބެ ކީކޭ ބުނަން ތިއުޅެނީ؟ މިހާރު ދޮންބެވެސް އެމީހުންގެ ވާހަކަތައް އަޑުއަހައި ޤަބޫލު ކުރީދޯ! "
" ދޮންބެ އުއްމީދު ކުރަން މާހިލް ދޮންބެއަށް އެއްވެސް ދޮގެއް ނަހަދާނެކަމަށް! ތެދަށް ބުނެބަލަ! ޖުމާ އެ ދައްކަނީ ތެދު ވާހަކައެއްތަ؟ "
އަނެއްކާވެސް މުއާޒް ސުވާލު ކުރިއެވެ. އެއާއެކު އެނދުމަތީގައި އޮތް މާހިލް ފުންމައިގެން ތެދުވިއެވެ. އަދި މުއާޒަށް ފުރަގަސް ދިނުމަށްފަހު ރުންކުރު ގޮތަކަށް ވާހަކަ ދައްކަން ފެށިއެވެ.
" ދެން ހެޔޮ ދޮންބެ! އަހަރެން މާލެގޮސް އަމިއްލައަށް އަހަރެންގެ ކަންތައްތައް ބަލަހައްޓާނަން.. އަހަރެން މިއައީ ދޮންބެގާތު ސަލާން ޖަހާކަށް ނޫން.. އަހަންނަށް އެނގޭ ދޮންބެއަށް އަހަންނަށްވުރެ މުޙިއްމުވަނީ ދައްތައާއި އެ ޖުމާކަން! އަދި އެމީހުންގެ ވާހަކަތައް ޤަބޫލުކޮށް ދޮންބެ ތި ކުއްވެރިކުރަނީ ދޮންބެގެ އަމިއްލަ ލޭ! ޝުކުރިއްޔާ ވަރަށް ބޮޑަށް.."
ފަސްއެނބުރި ބަލައިލުމެއްނެތި މާހިލް ހިނގައިގަތީ ދޮރާ ދިމާލަށެވެ. ނަމަވެސް ނުރުހުންވެފައި މާހިލް ދާ ތަން ބަލަން މުއާޒަށް އުނދަގޫވުމުގެ ސަބަބުން އޭނާ އަވަސް އަވަހަށް މާހިލަށް ގޮވަން ފެށިއެވެ.
" އެމީހުންނަކީ ތި ހީކުރާ ކަހަލަ ބައެއް ނޫނޭ.. އެމީހުން މާހިލްގެ ވާހަކަ އިތުރަކަށް ނުދައްކާ! އަހަރެން ކޮއްކޮއާ ސުވާލު މިކުރީ ކޮއްކޮއަށް އޮތް އިތުބާރާއި ޔަޤީންކަން އިތުރުކޮށްލަން.. ޤަބޫލު ކުރަންވީ ކާކުގެ ވާހަކަތަކެއްކަމެއް އޮޅިފައެއް ނެތޭ. އެނގެންޖެހޭ ދުވަހަކުން އެނގިދާނެ ހުރިހާ ޙަޤީޤަތެއްވެސް... ޖުމާ ކުރި ކުށެއްގެ ސަބަބުން އެކަމުގެ ސަޒާ ޒާރާއަށް ލިބެން ޖެހޭނެތަ؟ ބުނެބަލަ! ދޮންބެއާ ދައްތަގެ ގުޅުން ހީނަރު ވާން ޖެހޭނެތަ މާހިލް؟ "
މުއާޒްގެ ވާހަކަތަކުން މުއާޒްވެސް ހިތްދަތިކަން ތަޙައްމަލް ކުރަމުންދާކަން މާހިލަށް އިޙްސާސް ކުރެވުނެވެ. އެހެންކަމުން އޭނާއަށް ކުރެވުނު ކުށުގެ ސަބަބުން ފުރަތަމަ ފަހަރަށް އަމިއްލަ ކުށް ހިތުގެ އަޑިން ޤަބޫލުވެސް ކުރެވުނެވެ.
" މިވީހާ ތަނަށްވެސް ކޮއްކޮ ބޭނުންވާ ކޮންމެ ކަމެއް ދޮންބެ ފުއްދައިދެވޭތޯ ބެލިން.. އެހެންވީމަ ތިކަންވެސް ދޮންބެއަށް ކުރެވޭނެ... "
އަނެއްކާވެސް މުއާޒް ބުންޏެވެ. އެއާއެކު ލަދުން ހުރެ މާހިލް މުއާޒަށް ބަލައިލިއެވެ.
***
" އަހަރެން މި ނިކުންނަނީ ފެން ވަރައިގެން.. ޖުމާ މަޑުކުރައްޗޭ ސިޓިންގރޫމްގައި.. އުނދުންމަތީގައި އެހުރި ރިހަ ކޮޅު ހޫނު ވީމަ ނިއްވާލައްޗޭ ހަނދާންކޮށް.. އެހެން ނޫނީ އަނދާފާނެ"
ކޮޓަރި ދޮރުމަތީގައި ހުރި ލަމްހާ ވާހަކަ ދެއްކީ ހިނިއައިސް ހުރެއެވެ. ލަމްހާގެ އެދުމަށް ޖުމާ ގޮސް އުނދުން ކައިރީ ހުއްޓި، ދެއަތް އުރާލައިގެން ހުރީ ރިހަ ކޮޅު ހޫނުވާނެ އިރެއްގެ އިންތިޒާރުގައެވެ. އިރުއިރުކޮޅުން ތެލީގެ އެތެރެ ބަލައިލުމަށްފަހު އޭނާ އެގޭ ސިޓިންގ ރޫމަށް ނަޒަރު ހިންގަމުން ދިޔައެވެ. ތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ، ބޭރުން އައިސް ވަތް ޝާހެވެ. އެތެރެއަށް ވަތް ޝާހު ފެނުމާއެކު އިސްޖަހާލުމަށްފަހު ޖުމާއަށް ހަށިގަނޑު ތެދުކޮށްލެވުނެވެ. ދޮރު ތަޅުލުމަށްފަހު ޝާހުއަށް އެކި ދިމަދިމާ ބަލައިލެވުނީ ލަމްހާ ފެނޭތޯއެވެ.
" ތިއީ.... ޖުމާ ތަ؟ "
ޝާހުގެ އުފާވެރި އަޑުން ޖުމާއަށް ދެލޯ ބޮޑުކޮށްފައި އޭނާއަށް ބަލައިލެވުނެވެ.
" އުމް؟ "
ސިހުނު ވަރުން ޝާހު ބުނި އެއްޗެއް ސާފުނުވާ ޙާލު ޖުމާ އަހާލިއެވެ.
" މިބުނީ ތިއީ ޖުމާ ހޭ؟ "
އައިސް އަލަމާރިއާ ދިމާލަށް ހިނގައިގަންނަމުން ޝާހު ސުވާލު ތަކުރާރު ކޮށްލިއެވެ. އެއާއެކު ޖުމާ ބޯ ޖަހާލަމުން އަވަސް އަވަހަށް އުނދުން ނިއްވާލިއެވެ.
" ކޮބާ ލަމްހާ؟ "
ޖުމާގެ މިސްރާބު ހުރީ ބޭރު ދޮރާ ދިމާލަށްކަމުން ޝާހު ބޭނުންވީ އޭނާ ހުއްޓުވާށެވެ.
" ލަމް... ފެންވަރަށް ވަނީ! "
މިފަހަރުވެސް ޖުމާއަށް ބުނެވުނީ ލަދުރަކި ކަމާއެކުގައެވެ. އޭރު ފެން ފުޅިއެއް ނަގައިގެން އައިސް ޝާހު ކާމޭޒު ކައިރީގައި އިށީނދެއްޖެއެވެ.
" އަހަރެން އައީމަ ޖުމާ ދަނީދޯ!"
ޝާހުގެޖުމްލައިން އަނެއްކާވެސް ޖުމާއަށް ޖެހުނީ މަޑުކުރާށެވެ.
" މިއީ ޖުމާގެވެސް ގެކަމަށް ދެކިގެން އުޅެންވީއޭ.. އަހަރެމެން ވަރަށް އެކަނި މިއުޅެނީ.. ލަމްހާވެސް މިހާރު ހުންނަނީ އަބަދުވެސް ވަރަށް އުފަލުން.. "
ޝާހު އެހެން ބުނުމުން ޖުމާ އިސްޖަހާލަމުން ހީލިއެވެ. ނަމަވެސް އޭނާ ހުރީ މަޑުކުރާ ހިޔާލަކު ނޫނެވެ. އެހެންކަމުން އޭނާ އިތުރަށް މަޑުނުކޮށް ނިކުމެގެން ދިޔައެވެ. އޭރުވެސް ޝާހު އިނީ ފެންތަށި ހިފައިގެން ދޮރާ ދިމާލަށް ބަލަހައްޓާށެވެ. ތަށީގައި ހުރި ފިނިފިނި ފެންފޮދު އެތެރެ ހައްޓަށް ދިޔަ ވަގުތު ހަށިގަނޑަށް ނުވާ ފިނި ޖުމާ ފެނުމުން އޭނާއަށް އިޙްސާސް ކުރެވުނުހެން ހީވިއެވެ.
" އައި ލައިކް ހަ"
މަޑުމަޑުން ޝާހުއަށް ބުނެވުނެވެ.
***
" މާހިލް މާލެ އެބައާދެ! "
ޖުމާ ގޮސް ކޮޓަރިއަށް ވަނުމާއެކު ފޯނަށް ބަލަހައްޓައިގެން އިން ޒާރާ ބުންޏެވެ. އެއާއެކު ޖުމާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެގެން ދިޔައެވެ. ދޮންތައަށް ދޭނެ ޖަވާބެއް ނޭނގި އޭނާއަށް އެނދުމަތީގައި އިށީނދެވުނެވެ.
" ވަޒީފާއަކަށް ވަންނަން އަންނަނީ"
އަނެއްކާވެސް ޒާރާ ބުންޏެވެ. އެއާއެކު ޖުމާ ފުންމައިގެން ތެދުވިއެވެ. އަދި ކުރިއަށް ހިނގައިގަންނަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ބަލާކަށް ބޭނުމެއް ނޫން.. އޭނަގެ އެއްވެސް މައުލޫމާތެއް އެނގޭކަށްވެސް ބޭނުމެއް ނޫން! "
" އެކަމަކު އަދިވެސް ޖުމާ އޭނަދެކެ ލޯބިވެއެއްނު.."
އެނދުގައި އިށީނދެލަމުން ޒާރާ ބުންޏެވެ. އެއާއެކު ޖުމާ އަނެއްކާވެސް ކޮޓަރީގެ އެހެން ދިމާއަކަށް ހިނގައިގަތެވެ.
" ދޮންތާ! ތިހެން ނުބުނޭ! ތިކަން ޤަބޫލު ކުރާކަށް އަހަރެންގެ ސިކުނޑި އެއްބަހެއް ނުވެޔޭ! އަހަރެން އޭނަދެކެ ލޯތްބެއް ނުވޭ! އޭނައަށް ނަފްރަތު ކުރަން"
އަޑަށް ބާރު ލުމަށްފަހު ޖުމާ އެހެން ބުނުމާއެކު ޒާރާވެސް އެނދުން ތެދުވިއެވެ. އަދި މަޑުމަޑުން އައިސް ޖުމާގެ ކުރިމަތީގައި ހުއްޓި ދެއަތް އުރާލިއެވެ.
" އެހެންތަ؟ ސިކުނޑި ޤަބޫލެއް ނުކުރޭ! ލޯތްބެއް ނުވޭ! އެކަމަކު.. އަދިވެސް އޭނަ މަތިން ހަނދާންކުރާކަން އަހަންނަށް އެނގެނީ! މުޅި ދުނިޔެއަށް ތިމާ ބަދުނާމުކޮށްފައި ފަޟީޙަތްކޮށްފައި ހުރި މީހެއްގެ މަތިން ހަނދާންކުރުމުގެ ބޭނުމެއް އެބައޮތްތަ؟ "
ޒާރާގެ ރުޅިވެރި ބަސްތައް އަޑު އަހަން ހުރެ ޖުމާ ގޮސް އެނދުގައި އިށީނެވެ. އަދި އިސްޖަހާލުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ.
" އަހަރެން މާހިލް މަތިން ހަނދާނެއް ނުކުރަން... އަހަންނަށް ވިސްނެނީ މި ދަރިފުޅާމެދު! ބޮޑުވެގެން ބައްޕައާމެދު މި ދަރިފުޅު ދެކޭނެ ހުވަފެންތަކާ އަހަންނާ ކުރާނެ ސުވާލުތަކާމެދު! ދޮންތަ ބުނެބަލަ! އަހަރެން ދޭނީ ކޮން ޖަވާބެއް؟ "
ރޮވިފައި އިނދެ ޖުމާ ދައްކަމުން ދިޔަ ވާހަކަތަކުން ޒާރާ ހިތުގައި ޖެހުނެވެ. ބާރުބާރަށް އޭނާ އައިސް ޖުމާއާ ދާދި ގާތުގައި އިށީނދެ ޖުމާގެ ގައިގައި ބައްދާލިއެވެ.
"ތިކަންކަމާމެދު ވިސްނަން އަދި މާ އަވަސް..ފުރިހަމަ ތަޢުބާއަކުން ތަޢުބާ ވީމަ މާތްﷲ ކޮންމެވެސް ރަނގަޅު މަގެއް ދައްކަވާނެ! "
ޒާރާގެ އަޑުގައިވާ އޯގާތެރިކަމުގެ ސަބަބުން ޖުމާގެ ހިތަށް ހަމަޖެހުން ލިބުނު ކަހަލައެވެ. އެހެންކަމުން ޒާރާގެ ބޮލުގައި ބޯ ޖައްސާލައިގެން އިނދެ އޭނާ ހިތް ފުރެންދެން ރޮމުން ދިޔައީ ހިތުގައިވާ އުދާސްތައް ބޭރުކޮށްލަން ބޭނުންވާތީއެވެ.
***
ކަފީލާއާއި ނަޖީބުވެސް ދޮރާށި ކައިރިއަށް ނިކުމެ ތިބީ މާހިލް ފުރަން ނިކުންނާތީއެވެ. އޭރު މާހިލްގެ އިންތިޒާރުގައި ސައިކަލްމަތީ މުއާޒްވެސް އިނެވެ.
" ކުއްޔަށް ކުދިން ބަހައްޓާގެއަކުން ޖާގަ ހޯދީ! "
ނަޖީބު ސުވާލު ކުރުމާއެކު މުއާޒް މަޑުމަޑުން ޖަވާބު ދިނެވެ. އެއާއެކު ކަފީލާގެ މޫނުމަތީގައި ރުޅިވެރިކަން އުތުރި ގަތެވެ. އަދި އޭނާއަށް ހިމޭނަކުންވެސް ނުހުރެވުނެވެ.
" ކިހާ ރީތި! މުއާޒަށް ކޮއްކޮ ބަހައްޓާލަން ވަކިން ތަނެއް ނަގައި ނުދެވުނު؟ އެކަމަކު މުއާޒްގެ އަންހެނުންނާ އޭނަގެ ކޮއްކޮއަށް އަރާމު ތަނެއް ހޯދައި ދެވުނު... "
ކަފީލާ އެހެން ބުނުމާއެކު ނަޖީބު ރުޅި އައިސް ހުރެ ކަފީލާގެ މޫނަށް ބަލައިލިއެވެ.
" މަންމަ އަބަދު މިހާރު އަޅުގަނޑުދެކެ ރުޅި އައިސް ހުންނަނީ! އަޅުގަނޑު މިގޮތަށް ނިންމީ ކޮއްކޮއާ ވާހަކަ ދައްކާފައޭ.. ކޮއްކޮ ކިހިނެއް އަމިއްލައަށް ކައްކައިގެން ކާނީ؟ ކުއްޔަށް ހުރީމަ އެގެއިން ހުރިހާ ކަމެއްވެސް ކޮށްދޭނެ.. "
ނަޖީބުގެ މޫނަށް ބަލައިލަމުން މުއާޒް އެހެން ބުނެލި އިރު އޭނާގެ އަޑުގައި ހުރީ މޮޅިވެރިކަމެވެ.
" އަވަހަށް ނައްޓާލަން އުޅޭ ދޮންބޭ.. ތަންކޮޅެއް ލަސްވީއޭ... ދަނީއޭ މަންމާ... ބައްޕާ އަހަރެން ގޮސް ގުޅާނަން"
ބާރުބާރަށް ގެއިން ނިކުމެގެން އައި މާހިލް ސައިކަލަށް އަރަމުން އުފާވެރި ރާގެއްގައި ވާހަކަ ދައްކަން ފެށިއެވެ. އޭނާ ސައިކަލަށް އެރުމާއެކު އިތުރަށް މަޑުނުކޮށް މުއާޒް ސައިކަލް ދުއްވާލިއެވެ.
" ކަފީލާވެސް މިހާރު މާ އަނގަ ގަދައީއޭ! ކޮންމެވެސް ވަރެއްގެ ހިފެހެއްޓުމެއް ހުންނަން ޖެހޭނެހެން ހީވަނީ! ދަރިންނާ ތިގޮތަށް ޖައްސާލައިގެން އުޅެވޭނެ ކަމަށް ހީ ނުކުރައްޗޭ! ތިއީ މީގެ ކުރިން ކަފީލާގެ ގައިގައި ހުރި ސިފައެއް ނޫން.. އަހަރެން އުއްމީދުކުރަން މި ދެއްކި ވާހަކަތަކާ މެދު ވިސްނާނެކަމަށް"
ހަރުކަށި ރާގަކަށް ވާހަކަ ދެއްކުމަށްފަހު ނަޖީބު އެތެރެއަށް ވަނެވެ. އޭރުވެސް ކަފީލާ ހުރީ ތުންދަމާފައެވެ.
(ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!