" ނޫން! އަޅުގަނޑު ނުދާނަން.. ބައްޕަ ނެތް ތަނެއްގައި އަޅުގަނޑަކަށް ނޫޅެވޭނެ"
އަސަރާއެކު ޒާރާއަށް ބުނެލެވުނެވެ. އެއާއެކު ހިނިތުންވެލަމުން ވާހިދު ޒާރާގެ ބޮލުގައި ފިރުމާލިއެވެ.
" ނޫނޭ! ދަރިފުޅުގެ ދިރިއުޅުން ބިނާ ކުރުމަށްޓަކައި ދެންވެސް ކުރަން ޖެހުނު ކޮންމެ ކަމެއް ބައްޕަ ކުރާނަން.. ކައިވެންޏަށްފަހު ދަރިފުޅު ކިހިނެއް މިގޭގައި އުޅޭނީ؟ ދެން މުއާޒަށް ކިހިނެއް ވަކި މިރަށަށް އާދެވޭނީ؟ އެހެންވީމަ އެންމެ ރަނގަޅުވާނީ ދަރިފުޅު އެރަށުގައި އުޅެން ދިޔައީމަ! ޖުމާއާ ޝާމްވެސް އެތިބީނު ބައްޕަގާތު"
ބައްޕަގެ ވާހަކަތައް އަޑުއަހަން ޒާރާ އިނީ ލަދުންނެވެ. ނަމަވެސް ބައްޕަ އޭނާގެ ދިރިއުޅުމާމެދު ވިސްނާވަރު އެނގުމުން އޭނާ އިނީ ނުހަނު އުފާވެސް ވެފައެވެ.
" ބައްޕަ ބުނިން މުއާޒްގާތު ރަށަށް ދާށޭ! ދެން ދެކުދިން ވާހަކަ ދައްކައިގެން ކަންތައްތައް ހަމަޖައްސާނީއޭ! "
" އޭނަ މިހާރު ފުރީތަ؟ "
ސިހިފައި ޒާރާއަށް އަހާލެވުނެވެ. އެއާއެކު ވާހިދު ބޯ ޖަހާލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.
" ހޫމް.. ފުރީމަ ބައްޕަ މިއައީ! މާދަމާ ނަޖީބުވެސް މިރަށަށް އަންނާނެޔޭ ބުނި.. ދެން ބައްޕަ ބުނިން އިހަށް ދެން ރަށަށް ދާށޭ! ގުޅައިގެން ބައްޕަ ނަޖީބާ ވާހަކަ ދައްކާލާނަމޭ! ދެން އަނެއްކާ އިތުރު ޚަރަދެއް ކުރަންވީ ކީއްކުރަން"
ވާހިދުގެ ވާހަކަތައް އަޑުއަހަން ހުރެ ޒާރާ މަޑުމަޑުން ހިނިތުންވެލިއެވެ.
" ބައްޕަ ތިހެން ތި ހެދީ އެމީހުން މިގެއަށް ގެންނަން ނުކެރިގެންދޯ"
ޒާރާގެ ސުވާލުން ވާހިދަށް އިސްޖަހާލެވުނެވެ. އާރިފާގެ މިޒާޖާއި އުޅުން ހުންނަ ގޮތުން އެއްވެސް މީހަކު ގެއަށް ގެނައުމަކީ ވާހިދު އެއް އިރެއްގައިވެސް ކޮށް އުޅުނު ކަމެއް ނޫނެވެ. ދެބަފައިންގެ ދެމެދަށް ހަމަހިމޭންކަން ވެރިވެފައި ވަނިކޮށް ވާހިދު ނިކުމެ މަޑުމަޑުން ދޮރު ލައްޕާލިއެވެ. އެހިނދު ޒާރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
**
ނިދަން އުޅެ އުޅެ ޒާރާއަށް ނިދޭ ގޮތެއް ނުވިއެވެ. ނޭނގި ހުއްޓާ އޭނާގެ ޙަޔާތަށް އަންނަން އުޅޭ ބަދަލުތަކުން ހިތް ނުތަނަވަސްވަނީއެވެ. ހިތް ބިރުގަންނަނީއެވެ. އަދި ހިތް އަވަސްވެ، އުދާސްވަނީއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ މުއާޒްގެ ނަންބަރު ބްލޮކް ކޮށްލި ހަނދާނެވެ. އެހެންކަމުން އަވަސް އަވަހަށް އޭނާ ފޯނު ނެގިއެވެ. އެއަށްފަހު މުއާޒްގެ ނަންބަރަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ.
" ގައިމު މިހާރު ގުޅޭނެ! އެނގިދާނެތާ މިރޭ އަހަންނާ ވާހަކަ ދައްކާ ހިތްވަންޏާ! "
ޒާރާއަށް ބުނެލެވުނެވެ. ހަމަ އެވަގުތެވެ. މުއާޒްގެ ކޯލް އަތުވެއްޖެއެވެ. ހައިރާންވީ ވަރުން ޒާރާއަށް ނޭނގި ފޯނުވެސް ނެގުނެވެ. ފޯނު ނެގުމާއެކު މުއާޒްގެ ރީތި އަޑު އޭނާގެ ކަންފަތުގައި ޖެހިއްޖެއެވެ. އެއާއެކު ޒާރާއަށް އޭނާގެ ތުންފަތުގައި ދަތްއަޅާލެވުނެވެ.
" އަންބްލޮކް ކުރީ ކީއްވެޔޯ؟"
ނުހަނު ލޯބި ގޮތަކަށް މުއާޒް އަހާލުމާއެކު ޒާރާއަށް އަނެއްކާވެސް ހެވުނެވެ.
" މިނެޓަކު އެއްފަހަރު އަހަރެން އެބަ ބަލަން ތި ފޯނަށް ގުޅޭތޯ! ކިހާ މަސައްކަތެއް ކުރެވިއްޖެ! "
އަނެއްކާވެސް މުއާޒް ބުނެލިއެވެ.
" މިހާރު ރަށަށް ދެވިއްޖެތަ؟ "
" ހާދަ އަވަހަކަށް އަހަންނާ ކެއަރ ކުރަން ތި ފެށީ! "
އަނެއްކާވެސް މުއާޒް ޒާރާއާ ދިމާކޮށްލިއެވެ. މިފަހަރު މަޑުން ހުންނާކަށް ޒާރާވެސް ބޭނުމެއް ނުވިއެވެ.
" އަހަރެންގެ ރައްޓެއްސެއްވިއްޔާ އަހަރެން ވާހަކަ ދައްކާނީ ވަރަށް އޯގާތެރިކޮށް"
ޒާރާގެ ޖުމްލައިން މުއާޒް ތަންކޮޅެއް ބާރަށް ހޭންފެށިއެވެ.
" އެހެންތަ؟ ތިބުނީ އަހަންނަކީ ރައްޓެއްސެކޭތަ؟"
" ދެން ތިއީ ކާކު؟ "
މުއާޒްގެ ސުވާލަށް ޒާރާވެސް ރައްދުގައި ކޮށްލީ ސުވާލެކެވެ.
" އަހަންނަކީ ތިކުއްޖާގެ ވާން އުޅޭ ފިރިމީހާ! "
މިފަަހަރު ޒާރާއަށް މަޑަކުން ނޯވެވުނެވެ. އޭނާއަށް ބާރުބާރަށް ހޭންވެސް ފެށުނެވެ. އެންމެފަހުން ލޯތްބާއި މަޖަލުގައި އެކި ވާހަކަތައް ދައްކަން ފެށުނެވެ. ދެމީހުންގެ އާއިލީ ވާހަކަތަކާއި ދެމީހުންވެސް މިޒާޖުގައި ހުންނަ ކަންތައްތައް ކިޔައިދެމުން ދިޔައެވެ.
" ކިތައް ދުވަހު އަދި އަހަރެން މަޑުކުރަން ޖެހޭނެތަ؟ "
މުއާޒް އަހާލިއެވެ.
" ހަމަޖެހިބަލަ މުއާ! އަދި ހައެއްކަ މަސް ދުވަސް ބޭނުން! ކޮއްކޮ ކިޔަވާ ނިމި، އޭނަ ނަތީޖާ ލިބި، ދެން އޭނަ މިތަނުން ނެރެފައި އަހަންނަށް ދެވޭނީ! މިބުނީ އިތުރަށް ކިޔަވަން އެހެންތާކަށް ފޮނުވަން ވިޔަސް، ވަޒީފާއަކަށް ވިޔަސް މިގޭގަ ޖުމާ ބަހައްޓާފަ އަހަންނެއް ނުދާނަން"
ޒާރާގެ ނިންމުމަށް އިޙްތިރާމް ކުރުމުގެ ގޮތުން މުއާޒަށް ޖެހުނީ މޭގައި އަތް އަޅާފައި ކެތްތެރިކަން އިސްކުރާށެވެ. މާ އަވަސް އަރުވާލައިގެން އުޅެން ވެއްޖެނަމަ ޒާރާ އޭނާދެކެ ފޫހިވެދާނެތީ މުއާޒް ބިރުގަނެއެވެ. އެހެންކަމުން ޒާރާގެ ނިންމުމަށް އޭނާ ތާއީދު ކުރިއެވެ.
" އެންމެ ރަނގަޅު! އަހަރެން އިންތިޒާރު ކުރާނަން...އަހަރެން ވަރަށް ލޯބިވޭ އިނގޭ"
ވާހަކައިގައި ތިބެ ދެމީހުންނަށް ސިހުން ލިބުނީ ފަތިސްނަމާދު ބަންގީގެ އަޑަށެވެ. ވަގުތުތައް ދިޔަ ގޮތް ވެސް އެމީހުންނަކަށް ނޭނގުނެވެ.
" އަހަރެން ނުބުނާނަން ލޯބިވެޔެކޭ! އަހަރެން ބުނާނީ އަހަރެން މުއާޒް އާ ގަޔާވެޔޭ! އެއީ ދެ އެއްޗެއް އިނގޭ! ލައިކްވުމާ ލޯބި ވުން އެއީ އެކައްޗެއް ނޫން.."
ހެމުން ހެމުން ޒާރާ ފޯނު ކަނޑާލީ މުއާޒާ ދެކޮޅު ހަދަމުންނެވެ. ފޯނު ބާއްވާފައިވެސް އޭނާއަށް ހަމަ ހެވެނީއެވެ.
***
" މުއްސަންޖަކާ ވިއްޔާ އަހަރެން ޤަބޫލު! ޒާރާ ގާތު ބުނާތި ފިރިމީހާ ކައިރި ބުނެގެން އަހަރެމެންނަށް ޚަރަދު ކުރަން ޖެހޭނޭ"
މޭޒުމަތީގައި ހުރި ތަށިތައް ނަގަމުން އާރިފާ ބުނެލިއެވެ. އެއާއިއެކު ވާހިދަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަކާ އެކުގައެވެ.
" އަހަރެން މިދަނީ މަސް ބާނަން! ތުނޑިއަށް ދާތީވެ ޝާމްވެސް ގޮވައިގެން ދާނީ! "
ކައި ނިމިގެން އަވަސް އަވަހަށް ވާހިދު ތެދުވިއެވެ. އޭރުވެސް އޭނާގެ ހިތުގައި ވަނީ އުފާވެރިކަމެވެ.
***
" ޒާ! "
މުއާޒްގެ މޭމަތީގައި ބޯ އަޅާލައިގެން އޮތް ގޮތަށް ޒާރާއަށް އޮތީ ނިދިފައެވެ. ސޯފާގައި ގިނައިރު އިންނަން ޖެހުމުގެ ސަބަބުން މުއާޒްގެ ހަށިގަނޑުވަނީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ.
" ޒާ! ލޯބި.. ތެދުވެލަބަލަ! ދޭބަލަ އެނދަށް"
ލޯތްބާއެކު ޒާރާގެ ބުރަކަށީގައި ފިރުމާލަމުން މުއާޒް ގޮވަން ފެށިއެވެ. އެހިނދު ޒާރާއަށްވެސް ހޭވެރިކަން ވެއްޖެއެވެ.
" އަޅެ އަހަންނަށް ނިދުނީ! ސޮރީ މުއާ! ވަރަށް އިރުވެއްޖެތަ؟ "
އަވަސް އަވަހަށް ކޮޅަށް ތެދުވަމުން ޒާރާ ބުނެލިއެވެ. އެއާއެކު މުއާޒް މޯޅި އަކަށް ދެމިލިއެވެ.
" ނޫން.. އެހާ އިރެއް ނުވެ! "
މުއާޒް އެހެން ބުނުމުން ޒާރާ ދެއަތުން މޫނު ސާފުކޮށްލަމުން ގޮސް ވަނީ ފާޚާނާއަށެވެ. ޒާރާ ދިޔުމުން މުއާޒް ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ.
***
އަސްރު ނަމާދުކޮށްގެން ޒާރާ ސިޓިންގރޫމަށް ނިކުމެލިއެވެ. އޭރު ބަދިގެބައިން ތެލިތައް ގުއްޑާ އަޑު އިވޭތީ އޭނާ އަވަސް އަވަހަށް އެދިމާލަށް ދާން ހިނގައިގަތީ ބަދިގޭގައި އުޅެނީ ކާކުތޯ ބަލައިލާށެވެ.
" މަންމާ؟ މިގަޑީގައި ބަދިގޭގައި ކީއްކުރަނީ؟ "
ތެއްޔެއް ހިފައިގެން ސިންކް ކައިރީ ހުރި ކަފީލާ ފެނި، ހައިރާންވެފައި ޒާރާ އަހާލިއެވެ.
" މިއުޅެނީ މިރެޔަށް ކައްކަން ވެގެން.."
ޒާރާގެ މޫނަށް ބަލައިލުމެއް ނެތި ކަފީލާ ބުންޏެވެ. އެއާއެކު ޒާރާގެ ހިތް ނުތަނަވަސް ވެގެން ދިޔައެވެ. މިއީ މީހުން ކައްކަން ބަދިގެއަށް ވަންނަ ގަޑި ހެއްޔެވެ؟ ހަވީރު ގަޑީގައި މަންމަ އަބަދުވެސް ރީތިވެގެން ބޭރަށް ދާ ވާހަކަ މުއާޒް އޭނާގާތު ކުރިންވެސް އޮތީ ބުނެފައެވެ. މަންމަމެންނާ ގުޅުން ބަދަހި ކުރަން ބައެއް ފަހަރު މަންމައާއެކު ބޭރަށް ދާންވާނެ ކަމުގައިވެސް މުއާޒް ބުންޏެވެ. ނަމަވެސް އޭގެ ބަދަލުގައި ޒާރާއަށް ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ. ތެޅިތެޅި އޮތް ހިތަކައިގެން ޒާރާ ބަދިގެއަށް ވަނީ މަންމައާ އިތުރަށް ވާހަކަ ދައްކާލާށެވެ.
" މަންމަ މިގަޑީގައި ހިނގާލާކަށް ނުދާނަންތަ؟ މަންމަ ދާނެކަމަށް އަހަރެން މިއައީ ރީތިވެސް ވެގެން.."
ފާރުގައި ލެނގިލަމުން ގާތްގޮތަކަށް ޒާރާ ސުވާލު ކޮށްލިއެވެ. އޭރުވެސް ކަފީލާ އުޅެނީ އެކި ކަންކަން ކުރުމުގައި އަވަދި ނެތިއެވެ.
" މެންދުރު އެންމެން ކައިފައި ރޭގަނޑަށް ކާނެ އެއްޗެއް ނެތް! އެކުދިންނަށް ކައްކާފައެއްނު ތާކަށް ދެވޭނީ.. "
މާބޮޑު ހިތްހަމަ ނުޖެހުމެއް އެއަޑުގައި އެކުލެވިގެން ނުވި ނަމަވެސް ޒާރާއަށް އިޙްސާސް ކުރެވުނީ ނުތަނަވަސް ކަމެވެ.
" މިގަޑީގައި ކައްކާނެ ކަމެއް ނެތް މަންމާ! އަހަރެން މިރޭ ސްޕެގެޓީ ހަދައިދޭނަން"
ހިނިތުން ވެލަމުން ޒާރާ އެހެން ބުނެލުމާއެކު ކަފީލާ ހީލީ އެއްމިޔަކަނުންނެވެ. އެ ހިނިތުންވުން ޒާރާއަށް ކިތަންމެހާވެސް ބީރައްޓެއްސެވެ. ގޯސް އެއްޗެއް ބުނެވުނު ކަމަށް ހިތާ ޒާރާގެ ހިތް ކުރިއަށްވުރެ ބޮޑަށް އުދާސްވެގެން ދިޔައެވެ.
" ސްޕެގެޓީ؟ އެއީ މިގޭ މީހުން ކައި އުޅޭ އެއްޗެއްސެއްނޫން.. ކާހިތްވާ އެއްޗެއްސާ، ކާހިތް ނުވާ އެއްޗެހި މުއާޒް ކިޔައިވެސް ނުދެނީތަ؟ "
މިފަހަރު ޒާރާގެ ދޫ ބަންދު ވީ ކަހަލައެވެ. މައިދައިތަގެ އަޑުގައި ކޮންމެވެސް ވަރަކަށް މަލާމާތުގެ ރާގު އެކުލެވިފައި ހުއްޓެވެ. އެހެންކަމުން ޒާރާ ވަރަށް ބޮޑަށް ހިތުގައި ޖެހުނެވެ.
" މިގޭ މީހުން ކާނީ އެކި ކަހަލަ ރިހަ! ދެން ގަރުދިޔަ! މި ޒަމާނީ އެއްޗެހި ވަރަށް ނުކާނެ.. އެހެންވީމަ ޒާރާވެސް ރަނގަޅުވާނީ މަންމަ މަސައްކަތް ކުރާއިރު އަތްގާތްކޮށްލަ ދޭން ހުރީމަ! އޭރުން މަންމައަށް ފަސޭހަ ވާނެ.. އެހާ ފާޑުފާޑުގެ އެއްޗެހި ކައްކާނެ ކަމެއް ނެތް"
ފިޔާ ކޮށަން ހުރެ ކަފީލާ ދެއްކި ވާހަކަތަކުން ޒާރާ ވަރަށް ބޮޑަށް ލަދުގަތެވެ. އޭނާ އެގެއަށް އައީ މުއާޒްގެ މަންމައާއި އާއިލާގެ ކަންތައްތައް ހެޔޮހިތުން ކޮށްދޭނެކަމަށް މުއާޒަށް ވަޢުދުވަމުންނެވެ. ނަމަވެސް އެފުރުޞަތު އޭނާއަށް ވަރަށްވެސް ހަނިކަން މިއަދު އެނގުނެވެ.
" މިއަދު މުއާޒް މިސްކިތަށް ދާން ލައިފައި ހުރި ގަމީހަކާ އެ ފަޓްލޫނެއް ނުގުޅޭ އިނގޭ! ނޫ ކުލައިގެ ގަމީހާއެކު އަބަދުވެސް މުއާޒް ލާނީ ކަޅު ފަޓްލޫނެއް.."
މިފަހަރުވެސް ޒާރާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ގައިމުވެސް މުއާޒް އެ ފަޓްލޫން ލީ އިރު އެ ޝަކުވާއެއް ނުކުރެއެވެ.
" ގަމީހުގެ އަތުގައި ރޫ ނަގާފައެއް ނެތް.. އެ ރޫ އިނީމަ ރީތިވާނީ! "
އިސްޖަހައިގެން ހުރެ ކަފީލާ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ އަޑުއެހުން ނޫން ގޮތެއް ޒާރާއަކަށް ނެތެވެ. ގަދަކަމުން ހިނިތުން ވެލަމުން ޒާރާ ބޯ ޖަހާލިއެވެ.
" އަޅުގަނޑު ކޮންކަމެއް ކޮށްދޭންވީ؟ "
ޒާރާ އަހާލިއެވެ. އެއާއެކު ކަފީލާ އަނެއްކާވެސް ކުރު ގޮތަކަށް ހީލިއެވެ.
" ޒާރާ ތިއައީ ފެން ވަރައިގެންދޯ! ގައިގައި ވަސް ހިފާނެ! މަންމަ ކައްކާނަން.. "
ޒާރާއަށް މާބޮޑު ސަމާލުކަމެއް ނުދީ ކަފީލާ އަވަދި ނެތި އުޅުނެވެ. އެހެންކަމުން އިރުކޮޅަކު ހުރެލުމަށްފަހު ޒާރާ މަޑުމަޑުން އެތަނުން ނިކުމެއްޖެއެވެ. އޭރު އޭނާގެ ހިތް އާދަޔާ ޚިލާފަށް ތެޅެމުންދެއެވެ. ކަފީލާގެ މިޒާޖު ދެނެގަންނަން އަދި ވަގުތު ބޭނުންވާނެކަން އޭނާއަށް އެނގެއެވެ. އޭނާ ވާހަކަ ދައްކާ ރާގުގައި ރުޅިވެރިކަމެއް ނެތަސް، ބުނެލާ ކޮންމެ ޖުމްލައަކުން ޒާރާގެ ހިތަށް އުނދަގޫވެއެވެ.
ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަހިނގާލަ ހުރި ޒާރާއަށް ދޮރާ ދިމާލަށް ބަލައިލެވުނީ މުއާޒް ދޮރު ހުޅުވާލުމުންނެވެ. މުއާޒް އެތެރެއަށް ވަނުމާއެކު ޒާރާ އަވަސް އަވަހަށް އޭނާއާ ދިމާލަށް ހިނގައިގަތެވެ.
" އަހަރެން ހީކުރީ ޒާ އުޅޭނީ މަންމައާއެކު ބޭރުގައި ކަމަށް! "
ޒާރާގެ ކުރިމަތީގައި ހުއްޓެމުން މުއާޒް ބުނެލީ ހިނިތުން ވަމުންނެވެ. އެއާއެކު ޒާރާގެ ދެތުންފަތް ހުޅުވުނެވެ. ނަމަވެސް ހިތުގައި ފުނިޖެހިފައިވާ ޖުމްލަތައް ބޭރު ކުރާކަށް ނުކެރުނެވެ. އެހެންކަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު އޭނާ ހިނިތުންވެލިއެވެ.
" އާނ.. މަންމަ މިއަދު ރޭގަނޑަށް އެއްޗެއް ކައްކަން އުޅޭތީ ނުދާނެ.. އަހަރެން ފެންވަރައިގެން ނިކުތް ފަހުން އެނގުނީ މަންމަ ކައްކަން އުޅޭކަން"
ޒާރާ ވާހަކަ ދެއްކީ ލަސްލަހުންނެވެ.
" އަހަރެންވެސް ގެއަށް ވަތްއިރު މަންމަ ބަދިގޭގައި ހުރިތަން ދުށިން.. ފުރަތަމަ މިއައީ ޒާ އުޅޭތޯ ބަލައިލަން.. މަންމަ ދުވަހަކުވެސް މިގަޑީގައި ބަދިގެޔަކު ނޫޅޭނެ.. ރީތިވެލައިގެން ނައްޓާލާނެ ހިނގަން"
ހިނިއައިސް ހުރެ މުއާޒް ވާހަކަ ދެއްކިއެވެ. އެ ވާހަކަތަކުން ޒާރާގެ ހިތް އިތުރަށް ހާސްކުރުވަމުން ދިޔައެވެ. ނަމަވެސް އެކަންތައްތައް މޫނުމަތިން ނުދައްކާ ވޭތޯ، އޭނާ ދިޔައީ ހިނިތުންވާން މަސައްކަތް ކުރަމުންނެވެ.
" މިރެއަށް ކާނެ އެއްޗެއް ނެތީމަ ރިހަ ކައްކާ ވާހަކަ ބުނީ"
ޒާރާ އިތުރު ކޮށްލިއެވެ.
" އެހެންތަ؟ އަހަރެމެން އާންމުކޮށް ރޭގަނޑު ސައި ބޮނީ! ހޮޓަލުން ހެދިކާ ގެނެސްގެން.. ނޫނީ ބިސްކޯދާއެކު! އެކަކަުވެސް ރޭގަނޑު ބަތްކާކަށް ނޫޅޭނެ.. ދެން ވެދާނެ މަންމަ އެއުޅެނީ ޒާރާ އައީމަ ތަންކޮޅެއް ރަނގަޅު ކޮށްލަން ކަމަށްވެސް.."
ހިނިތުންވެ ހުރެ މުއާޒް ބުންޏެވެ. ނަމަވެސް މުއާޒްގެ ހިތުގައި އެ އޮތްގޮތާ، ކަފީލާގެ ވާހަކަތައް ހާސްބައި ތަފާތުކަން ޒާރާއަށް އެނގެއެވެ. އެހެންކަމުން ކަންތައްތައް ދެނެގަންނަން އަދިވެސް ވަގުތު ބޭނުންވާކަން ޒާރާގެ ހިތް އަންގަމުން ދިޔައެވެ.
" ކީއްވެ ތިހުރީ؟ އާދޭ ދާން.."
ދޮރާ ދިމާލަށް ގޮސް މުއާޒް ގޮވާލުމާއެކު ޒާރާ ދިޔައީ ސިހިގެންނެވެ. ބޮލަށް އުނދަގޫ ވެފައި ހުރި ވަރުން ޒާރާ ހުރީ ބޭރަށްވެސް ދާހިތް ނުވެފައެވެ. ނަމަވެސް މުއާޒް އުފައްދާނެ ސުވާލެއް ނޭނގޭތީ އޭނާ މުއާޒްގެ ފަހަތުން ނިކުތެވެ. ހަމަ އެވަގުތެވެ. އަތުގައި އޮތް ފޯން ރިންގްވާން ފެށުމުން ޒާރާއަށް ބަލައިލެވުނެވެ.
" ޖުމާ"
" ދޮންތާ! ހައިދަރު ދޫކޮށްލައިފި"
ޖުމާގެ ޖުމްލައިން ޒާރާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެއާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.
" ކީކޭ؟ އޭނަ ރަށަށްވެސް ގެނައީތަ؟ "
ޒާރާގެ އަޑުގައިވާ ހިތްހަމަ ނުޖެހުން ފާހަގަ ކުރެވުމުން މުއާޒް ހުއްޓި ފަހަތް ބަލައިލިއެވެ.
" ހޫމް.. އޭނަ ރަށަށްވެސް އަތުވެއްޖެ! އަހަރެން މިހުރީ މިގެއަށް އަތުވެދާނެތީ ބިރުން.."
ޖުމާ ވާހަކަ ދައްކާ ގޮތުން އޭނާ ބިރުގަނެފައިވާވަރު ޒާރާއަށް އެނގުނެވެ.
" މި ސެމިސްޓަރގެ ޓެސްޓް އޮވޭ މާދަމާ! އަހަންނަށް މިރޭ ނޭނގެ ކިޔެވޭނެ ކަމެއްވެސް"
ޖުމާ އެހެން ބުނުމާއެކު ޒާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރުވެސް މުއާޒް ހުރީ ވީ ގޮތެއް ނޭނގިގެން ޒާރާއާ ވާހަކަ ދައްކަން ބޭނުން ވެފައެވެ.
( ނުނިމޭ)
މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައި
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!