" އަހަރެން މިރަށުން ދާނީ ޒާރާ ގޮވައިގެން"

މުއާޒްގެ ޖުމްލައިން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއާއެކު އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރުތައް މުއާޒަށް ފެނުނެވެ.

Ad
rt

" އުނހު! މިހާރަކު ނޫން.. މިހާރަކު އަހަންނަކަށް ނުދެވޭނެ.. އެހެން ނޫނަސް މުއާޒް ތި ދައްކަނީ ކުޑަކަމެއްގެ ވާހަަކައެއް ނޫނެއްނު.."

ތެޅިގަނެފައި ޒާރާއަށް ބުނެވުނެވެ.

" އެކަމަކު..ތިގޭގައި އެންމެ ހިނދުކޮޅަކުވެސް ޒާރާ ބަހައްޓާކަށް އަހަންނަކަށް ކުޅަދާނައެއް ނޫނޭ.. ޤަބޫލުކޮށްބަލަ! އަހަރެން ޒާރާދެކެ މިވާ ލޯބީގެ މިންވަރު ޚުދު އަހަންނަށްވެސް ބުނެދޭކަށް ނޭނގެ.. "

މުއާޒްގެ ޖުމްލަ ނިމުމާއެކު ޒާރާއަށް ރޮވެން ފެށިއެވެ.

" އަހަރެން ދެން ދަނީ.. އަހަންނަށް މާގިނައިރަކު މިތާކު ނުހުރެވޭނެ.. ޕްލީޒް.. އަހަރެން ދިޔަދީ"

ދެރަވެފައި ހުރެ ޒާރާ އެހެން ބުނުމުން މުއާޒް ބޯ ޖަހާލިއެވެ.

" އަހަރެންގެ ލޯބި ޤަބޫލު ކުރަންޏާ މާދަމާ ހެނދުނު 9 ޖަހާއިރަށް ޒާރާގެ ބައްޕަ މި ބަނދަަރަށް ފޮނުވައިދެއްޗޭ! އަހަރެން މަޑުކުރާނަން އެހާއިރުވަންދެން.. "

ހިނގައިގަނެފައިވެސް ޒާރާއަށް ހުއްޓެވުނީ މުއާޒް ދޫކޮށްލި ޖުމްލަ އަޑު އިވިފައި ހިތަށް ވީ އުނދަގުލުގެ ސަބަބުންނެވެ. ނަމަވެސް އެއްވެސް ޖަވާބެއް ނުދީ އޭނާ އަނެއްކާވެސް ކުރިއަށް ހިނގައިގަތީއެވެ. ލޯމަތިން ގޮސް ޒާރާ ގެއްލެންދެން މުއާޒަށް އެހުރި ފިޔަވަޅުމަތީގައި ހުރެވުނެވެ. ތިމާއަކީ ފިނޑިއެއްކަމަށް އަބަދުވެސް މުއާޒް ޤަބޫލު ކުރެއެވެ. ނަމަވެސް ޒާރާގެ ލޯބި ކާމިޔާބު ކުރުމަށްޓަކައި އޭނާއަށް އުޅެވޭ ގޮތުން ބައެއް ފަހަރު އަމިއްލަ ނަފްސުދެކެ ލަދު ގަންނަ ހެންވެސް އޭނާއަށް ހީވެއެވެ. އެހެނަސް އަދިވެސް އޭނާ ހުރީ ފަސްޖެހޭ ގޮތަކަށް ނޫނެވެ.

***

ގެއާ ހަމައަށް ނުދެވެނީސް ގޭތެރެއިން ބައްޕަގެ ހަޅޭކުގެ އަޑު ޒާރާއަށް އިވުނެވެ. އޭރު ގޭ މަގުމަތީގައިވެސް ހިސާބުގަނޑު މީހުން އެއްވެފައި ތިއްބެވެ. އެހެންކަމުން ގަޔަށް ބާރު ލައިފައި ޒާރާ މާ ދުރުން ދުއްވައިގަތް އިރު އޭނާގެ މޭގަނޑު ނެގިނެގިފައި ޖެހެމުންދެއެވެ. ނޭވާ ކުރުވެ ހިތްވެސް ވަރަށް ބޮޑަށް އަވަސް ވެއްޖެއެވެ.

" ބޮއިގެން ގޮސް އަމަލުވެފަ! "

ގެއަށް ނުވަދެވެނީސް މީހަކު ބުނި އަޑު އިވުނެވެ. އެހެންކަމުން ކުރިއަށް ވުރެ ބޮޑަށް ޒާރާ ބިރުގަތެވެ. ގޭ ދޮރުމައްޗަށް އެރި އިރު ކައިރި ގެއެއްގެ ދެ ފިރެހެނުން ތިބީ ހައިދަރުގެ ގައިގައި ހިފަހައްޓައިގެންނެވެ. ހައިދަރު އޮތީ ޚަބަރު ހުސްވެގެން ސަރަންފީ މައްޗަށް ވެއްޓިފައެވެ. އޭރު ގޮނޑިއެއްގައި އިށީނދެގެން އިނދެ އާރިފާ މަޑުމަޑުން ރޮމުން ދެއެވެ. އަވަސް އަވަހަށް ޒާރާއަށް އެކި ދިމަދިމާލަށް ލޯ ހިންގާލެވުނީ ޖުމާއާއި ބައްޕަ ފެންނަން ނެތުމުންނެވެ. ކުރިން އިވުނީ ބައްޕަގެ އަޑުކަން އޭނާއަށް ޔަޤީނެވެ. ނަމަވެސް މިހާރު އެތަނުގައި އެތިބީ ދޮންމަންމައާއި ހައިދަރެވެ.

" މީނަ ރަނގަޅު ކުރެވޭނީ ކަލެޔަށް! މީނަޔާ އިނދެގެން ރަނގަޅަށް އުޅުނީމަ ވީނު.. މީނަ ބޮނީވެސް ކަލެއާ ހެދި! "

ޒާރާ ފެނުމާއެކު އާރިފާ ބުންޏެވެ. ނަމަވެސް އޭނާގެ އަޑު ކުރިއަށްވުރެ މަޑުމޮޅިކަން ޒާރާއަށް ފާހަގަ ކުރެވުނެވެ. އާރިފާގެ ވާހަކަތަކުން ޒާރާ ވީ ފޫހިން، ހައިދަރާ ދިމާލަށް ބަލައިލާ ހިތްވެސް ނުވިއެވެ. އާރިފާއާ ވާހަކަ ދައްކާ ހިތް ނުވެގެން ޒާރާ ބާރުބާރަށް ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ.

" ކިހިނެއް ވެގެންތަ މިއުޅެނީ ބައްޕާ؟"

ޒާރާ އަވަސް އަވަހަށް ސުވާލު ކުރީ ގޮނޑީގައި އިން ވާހިދާއެވެ. އޭރު ޖުމާވެސް އިނީ ބައްޕަގެ ގައިގައި އަތް ޖައްސާލައިގެން ވާހިދާ ނުހަނު ގާތުގައެވެ. އަދިވެސް ރުޅިގަނޑު މައިތިރި ނުވާކަން ވާހިދުގެ މޫނުމަތިން ސާފުކޮށް އެނގޭތީވެ ޒާރާ ބޭނުންވީ ބައްޕަ ހަމައަކަށް އަޅުވާށެވެ.

" ބައްޕާ! އެއީ ހައިދަރު އަބަދުވެސް އުޅޭ ގޮތެއްނު.. އޭނަ އެހެން އުޅުނަސް އަހަރެމެންނަށް ކީއް؟ އޭނަ ކުރާ ކަންކަމަށް އަހަރެމެން ބެހޭނެ ކަމެއް ނެތް"

ވާހިދުގެ ބޮލުގައި ފިރުމާލަމުން ޒާރާ ބުންޏެވެ. އެއާއިއެކު ޖުމާ ފުންމައިގެން ތެދުވެ ޒާރާއާ ވާހަކަ ދައްކަން ފެށިއެވެ.

" ނުބެހޭ ކަހަލަ ކަންކަމެއް ނޫނޭ އޭނަ ކުރަނީ!"

ޖުމާގެ ޖުމްލައިން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެއްޖެކަން ޒާރާއަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން ހާސްވެފައި ހުރެ އޭނާ ޖުމާއަށް ބަލަން ފެށިއެވެ.

" އަހަރެން އޭރު ބަނދަރުން އައިސް ކޮޓަރީގައި އިންދާ، އޭނަ އައިސް މިތަނަށް ވަދެގަތީ! އަހަރެންގެ އަތުގައި ހިފައިގެން ގަދަކަމުން ސިޓިންގރޫމަށް ނެރެފައި އަހަނީ ދޮންތަ އެބަހުއްޓޯ ފިރެހެނެއް ގޮވައިގެން! އޭރުވެސް އޭނައަށް ރަނގަޅަށް ކޮޅަށް ނުހުރެވޭ! ދޮންތައާ އިނދެފަޔޯ އަހަރެންގެ އަތުންވެސް ދޫކުރާނީ! ބައްޕަ އައީމަ ބައްޕަގެ ގައިގައި ޖަހަންވެސް ޖެހި! އޭނަ ކިރިޔާ އަހަރެން އެތަނަށް ބަރަހަނާ ނުކުރީ! "

ރުޅިއައިސް ހުރެ ޖުމާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ޖުމްލައަކަށްފަހު ޖުމްލައެއް އަޑު އިވޭ ވަރަކަށް ޒާރާގެ ލޯވެސް ދިޔައީ ބޮޑުވަމުންނެވެ.

" ނަސީބަކުން މިތާ ކައިރި މީހަކު ހޯރަފުށީ ދިއްދޫ ޕޮލިހަށް ގުޅައިފި! އޭނަ ގެންދާނެ މިރޭ! "

" ބައްޕާ! އޭނަ ޖެހީ ކޮންތާކު؟ ތަދުވޭތަ؟ "

ވާހިދުގެ ކޮނޑުގައި އަތް ޖައްސާލަމުން ޒާރާ އެހިއެވެ. އެއާއިއެކު ވާހިދު ޒާރާގެ މޫނަށް ބަލައިލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

" އޭރު ޝާމް ކޮބާ؟"

ޒާރާ އަނެއްކާވެސް ސުވާލު ކުރީ ޖުމާއާޢެވެ.

" ކޮއްކޮވީ ޤުރުއާން ކުލާހަށްގޮސް..މިހާރު ވެއްޖެ މިތާ ކައިރި ގެއެއްގައި.. ޝާމްކޮއްކޮ މިގެއަށް ގެންނާނީ ޕޮލިހުން އައިސް ހައިދަރު ގެންދިޔައީމަ. ކޮއްކޮއަށް މިކުޅިގަނޑު ދައްކާކަށް ބޭނުމެއް ނޫން.. "

އަނެއްކާވެސް ޖުމާ ގޮނޑީގައި އިށީނދެލިއެވެ.

" ދޮންމަންމަ އަދި ބައްޕައަށް އެވަރުގަނޑު ބާލާނެ.."

ޖުމާ އަނެއްކާވެސް އިތުރު ކޮށްލިއެވެ.

" އަހަރެންގެ ދަރިންގެ ގަޔަށް ބޮލަށް އަރަންޏާ އަހަންނަކަށްވެސް މަޑަކުން ނުހުރެވޭނެ.. އާރިފާއަކަށް މީގަ ބުނެވޭނެ އެއްޗެއް ނޯންނާނެ"

ހަރުކަށި ގޮތަކަށް ވާހިދު ބުންޏެވެ. އެއަށްފަހު އިސްޖަހައިގެން ހުރި ޒާރާގެ މޫނަށް ބަލައިލަމުން ވާހިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު ފަރުވާތެރިކަމާއެކު ޒާރާގެ މޫނަށް ނަޒަރު ހުއްޓައިގެން އިނދެ އޭނާ ސުވާލު ކުރިއެވެ.

" ހައިދަރު އަބަދާއަބަދު އެ ދައްކަނީ ކޮން ފިރެހެނެއްގެ ވާހަކައެއްތަ؟ ދަރިފުޅު ކޮންމެވެސް ފިރެހެނެއްގާތު ހުންނަ ވާހަކައެއް އޭނަ ދެފަހަރަކު މިހާރު ދައްކައިފި! "

ބައްޕަގެ ހިތުގައި އެކަމާމެދު ސުވާލު އުފެދޭނެކަން މާ ކުރިންވެސް ޒާރާއަށް އެނގެއެވެ. ނަމަވެސް ބައްޕަގާތު އެފަދަ ވާހަކައެއް ދައްކާނެ ހިތްވަރެއް ޒާރާގެ ކިބަޔަކު ނެތެވެ. އެހެންކަމުން އޭނާ ވަގު ލޮލަކުން ޖުމާއަށް ބަލައިލިއެވެ. އޭރު ޖުމާއަށްވެސް ހުރެވުނީ ޒާރާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި ސީދާ ޒާރާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.

" އެއީ... އެއީ... އަޅުގަނޑުމެން ރަށު ކުއްޖެއް.."

ޒާރާއަށް ބުނެވުނީ އެހިސާބަށެވެ. އަރުތެރެ ބެދި، އަޑު ކުރަކި ވެއްޖެއެވެ. އެހެންކަމުން ދޮންތައަށް އެހީތެރިވެދިނުމުގެ ގޮތުން އަވަސް އަވަހަށް ޖުމާ އެވާހަކަ ބައްޕައާ ހިއްސާކުރަން ފެށިއެވެ.

" އަހަންނަށް ކަލްކިޔުލައިޓަރ ދިނީ އޭނަ! އޭނަ މިއަދު މިރަށަށް އައިސްގެން އެއުޅެނީ ދޮންތަ ހޯދަން.."

ޖުމާ އެހެން ބުނުމުން ވާހިދަށް ދެބުމަ ކައިރި ކޮށްލެވުނެވެ. އަދި ނުވިސްނޭފަދަ ގޮތަކަށް އަނެއްކާވެސް ޒާރާއަށް ބަލައިލިއެވެ.

" ދަރިފުޅު ހޯދަން؟ ބައްޕައަކަށް ނުވިސްނުނު އަދި"

" ބައްޕާ! އޭނަ ބޭނުންވޭ ބައްޕައާ ބައްދަލްކޮށްލަން! މާދަމާ ހެނދުނު 9 ޖަހާއިރަށް ބަނދަރަށް ގޮސްދޭން ބުނި! "

ސާފުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދޭން ނުކެރިގެން ޒާރާއަށް ބުނެވުނީ އެހާ ވަރަށެވެ.

" އޭނަ މިހާރުވެސް ހުރީ މިރަށުގައިތަ؟ ކޮން ގެއަކު އުޅެނީ؟"

ގަޔާވެލާފައި ވާހިދު ސުވާލުު ކުރިއެވެ. ދޭނެ ޖަވާބެއް ނޭނގިގެން މިފަހަރުވެސް ޒާރާއަށް ބަލައިލެވުނީ ޖުމާގެ މޫނަށެވެ.

" މުއާޒް ހުންނަނީ މުއާޒް މިރަށަށް އައި ލޯންޗްގައި! "

ޖުމާ އެހެން ބުނެލުމާއެކު ޒާރާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެހިނދު މުއާޒްގާތު އެއްވެސް އެއްޗެއް އަހައިވެސްނުލާ އޭނާއަށް އާދެވުނީތީ އަމިއްލަ ނަފްސުދެކެ ރުޅިވެސް އާދެވުނެވެ.

" ސުބްޙާނަﷲ! ލޯންޗްގައޭ! ތިހެން ތިކަން ވެގެން ކަމަކު ނުދާނެއެއްނު.. މިހާރު ގަޑިން 9 ޖަހަންދަނީ.. ބައްޕަ މިދަނީ ބަނދަރާ ދިމާލަށް.."

ވާހިދު އަވަސް އަވަހަށް ތެދުވިއެވެ.

" ބައްޕާ! އެ ހައިދަރު ބަލައި ފުލުހުން އަންނައިރު ބައްޕަ ހުންނަން ޖެހޭނެ އެއްނު."

ޖުމާ ހަނދާންކޮށްލަދިނެވެ. ނަމަވެސް ވާހިދު ހުރީ އެކަމާ ގަޔާވެފައެއް ނޫނެވެ.

" ބައްޕަ ހޯދަން ދެން އަންނަން ޖެހޭނީ ފުލުހުން.... މިހާރު ތިއަށްވުރެ މާ މުހިއްމުކަމެކެއްނު މި ދިމާވީ"

ކޮޓަރިން ނިކުތުމަށްފަހު ވާހިދު އެނބުރިލީ ވަލު ފަރާތު ދޮރުން ބޭރަށް ނިކުންނާށެވެ. އެއީ އާރިފާއަށް އޭނާ ފެނިއްޖެނަމަ ބޭރަށް ނިކުންނަން ހުރަސް އަޅާނެކަން ވާހިދަށް ޔަޤީން ވާތީއެވެ. ވާހިދު ނިކުތުމާއެކު ޒާރާއަށް ލަދުރަކި ހިނިތުން ވުމަކުން ޖުމާއަށް ބަލައިލެވުނެވެ.

" ބުނެބަލަ! ކީކޭތަ އޭނަ ކީ ދެން؟ "

ޖުމާ ވަރަށް ގަޔާވެލާފައި އެހެން އަހާލުމާއެކު ޒާރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.

" ހައިދަރު ކީއްތަ ކުރީ؟ އެއަށްވުރެ ދޮންތަ މާ ބިރުގަނެއްޖެ ތިކަމާ"

" ސާބަހޭ! މިހާރު އޭނަގެ ދުވަސް އެ ދަނީއެއްނު.. ދެން އޭނަ ނާންނާނެ އަހަރެމެންނަށް އުނދަގޫ ކުރާކަށް.. ބައްޕަގެ ބުރަކަށީގައޭ އޭނަ ޖެހީ... ނަސީބެއްނު އާދަމްބެމެންނަށް އޭނަގެ އަޑު އިވިގެން މިގެއަށް ވަތްކަން.. "

ހަލުވިކަމާއެކު ޖުމާ ވާހަކަ ދެއްކިއެވެ.

" ކޮންތާކު! މިއަދު ޖަލަށް ލިޔަސް މާދަމާ ނެރޭނެ.. "

ގޮނޑީގައި އިށީންނަމުން ޒާރާ ބުނެލީ އުއްމީދެއްނެތް ގޮތަކަށެވެ.

" ދެން ތިއެއް ނޫނޭ.. ބުނެބަލަ ކޮބައިތަ ދޮންތަބެ؟ "

ޖުމާ މަޖާވެލާފައި އެހެން ބުނި ނަމަވެސް ޒާރާ ހުރީ އަދިވެސް ހާސްވެފައިވާ މޫޑެއްގައެވެ.

" އޭ! ތިހެން ނުކިޔައްޗޭ! އަދި އެއީ ވާނެ ކަމެއްކަމެއްވެސް ކިހިނެއް އެނގެނީ؟ ބައްޕަ އެދިޔައީނު.. ދެން އިނގިދާނެތާ އޭނަ ދައްކާ ވާހަކައެއްވެސް."

މަޑުމަޑުން ޒާރާ ބުނެލިއެވެ. އެއާއިއެކު ޖުމާ ކުޑަކޮށް ހިނިތުންވެލިއެވެ.

" ދޮންތަ އޯކޭހޭ ސުވާލަކީ؟ "

ރަޙްމަތްތެރިއެއް ގާތު އަހާލާ ފަދަ ގޮތަކަށް ޖުމާ، ޒާރާއާ ސުވާލު ކޮށްލިއެވެ. އެއާއިއެކު ޒާރާއަށް ލަދުރަކި ގޮތަކަށް ހިނިތުން ވެލެވުނެވެ. އަދި އިސާހިތަކު އޭނާގެ ދޮންދޮން މޫނު ރަތްވެގެން ދިޔަތަން ނުހަނު ގާތުން ޖުމާއަށް ފެނުނެވެ.

" އޯހް! މިހާރު އެނގިއްޖެ! ތި ރީތި މޫނުގައިވާ ދޮންޖޭމު ކުލައިން ޖަވާބު ވަރަށްވެސް ސާފުވެއްޖެ"

މަޖާ ގޮތަކަށް ޖުމާ ބުންޏެވެ. ހަމަ އެވަގުތެވެ. ގޭތެރެއިން ތަންކޮޅެއް ބާރަށް ވާހަކަ ދައްކާ އަޑު އިވުމާއެކު ދެމީހުންނަށްވެސް ނިކުމެވުނީ އެއްފަހަރާއެވެ. އެއާއިއެކު އާރިފާ އަންނަތަން ފެނި، ދެމީހުންގެ ހިތުގައި ބިރުވެރިކަން އުފެދިގެން ދިޔައެވެ.

" ކަލޭގެ ބަޔާން ނަގަން ވެގެން އެބަ ގޮވާ! "

ރުންކުރު ގޮތަކަށް ޖުމާއާ ދިމާލަށް ބަލައިލަމުން އާރިފާ ބުނެލިއެވެ. އެއާއިއެކު ޖުމާއަށް ބަލައިލެވުނީ ޒާރާގެ މޫނަށެވެ.

" އެމީހުން މިގެއަށް އެއައީ ވާހިދުގެ ބަޔާންވެސް ނަގައިގެން..! ކަލޭމެންނާހެދި މަގޭ އެއްބަނޑުގައި ހުރި ހަމައެކަނި ކުއްޖާވެސް އެ ގެއްލެނީ"

ރުޅިވެރިކަމާއެކު އާރިފާ ބުނެލީ ތަންކޮޅެއް މަޑުންނެވެ. އޭނާ ހިނގައިގަތުމުން ޖުމާވެސް އޭނާގެ ފަހަތުން ދިޔައެވެ.

****

ކެތްތެރިކަމެއް ނެތި ޒާރާ އިންތިޒާރު ކުރަމުން ދިޔައީ ބައްޕަ ގެއަށް އަންނާނެ ވަގުތަކަށެވެ. މާދަމާ ޓެސްޓަށް ދާން ޖެހޭތީ އޭރު ޖުމާވެސް އޮށޯވެ ނިދައިފިއެވެ. ނަމަވެސް ބައްޕަ ނާންނާތީވެ، ޒާރާއަށް އަދިވެސް އޮތީ ނުނިދިފައެވެ. މުއާޒަށް ގުޅާލަން ބޭނުންވި ނަމަވެސް ބައްޕަ ދޭ ޖަވާބަކަށް ބަލާފައި ނޫނީ މުއާޒާއެކު ގުޅުން ކުރިއަށް ގެންދާކަށް ޒާރާ ބޭނުމެއް ނޫނެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އޭނާ ބޭނުންވަނީ ބައްޕަގެ އިތުބާރެވެ.

ކުއްލިއަކަށް އޭނާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެހެންކަމުން ފުންމައިގެން ތެދުވެ ގޮދަނޑީގައި އޭނާ ހަމަޖެހިލިއެވެ. އޭރު ނުހަނު މަޑުމަޑުން ވާހިދު އެތެރެއަށް ވަދެއްޖެއެވެ.

" ދަރިފުޅު ނުނިދަންތަ؟ "

ވާހިދު އެހެން ބުނެލުމާއެކު ޒާރާ އަވަސް އަވަހަށް ލައްބައޭ ބުނެލިއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ވާހިދު ގޮނޑީގައި އިށީނުމާއެކު ޒާރާ އެނބުރިލިއެވެ. އޭނާ އިނީ މުއާޒާ ބެހޭގޮތުން އެއްވެސް ސުވާލެއް އަހަންވެސް ނުކެރިފައެވެ. ބައްޕަ ވާހަކަ ފަށާނެ ގޮތެއް ނޭނގޭތީ އޭނާގެ ހިތުގެ ތެޅުން ފަހަރަކަށްވުރެ ފަހަރެއް ބާރުވަރުން ދެއެވެ.

" އޫމް.. ދަރިފުޅަށް އޭނަ ކަމުދޭތަ؟ "

ވާހިދު އަހާލިއެވެ. އެއާއިއެކު ޒާރާއަށް އަނެއްކާވެސް ލަދުން އިސްޖަހާލެވުނެވެ. ޖަވާބު ދޭނެ ގޮތެއްވެސް އޭނާއަކަށް ނުވިސްނުނެވެ.

" އަޅުގަނޑަކަށް އެއްވެސް ވަރަކަށް އޭނައެއް ނޭނގެ! މުއާޒާމެދު ބައްޕަ ދެކިލައްވަނީ ކިހިނެއްތޯ؟ "

ޒާރާ ސުވާލުކޮށްލީ ނުހަނު މަޑުންނެވެ.

" އޭނަގެ ބައްޕަ ނަޖީބަކީ ވަރަށް ހެޔޮލަފާ ދީލަތި މީހެއް! މުއާޒާ ވާހަކަ ދައްކާލެވުނީމަ ބައްޕައަށް ހީވީ ހަމަ ނަޖީބާ ވާހަކަ ދެއްކުނުހެން.. ވާހަކަ ދެއްކުމުގެ ބަސްމަގު އެހާ ރީތި! ވަރަށް މަޑުމައިތިރި ވަރަށް ހެޔޮލަފާ ކުއްޖެއް! ބައްޕައަށް ހީވަނީ ދަރިފުޅަށް އޭނަ ކަމުދާނެހެން.. "

ވާހިދުގެ ޖުމްލަތަކުން ޒާރާއަށް ހިނިތުންވެވުނެވެ. އެހެންކަމުން އިސް އުފުލާލަން ނުކެރިފައި އޭނާ އިނީ ބައްޕައަށް ބަލައިވެސް ނުލައެވެ.

" މުއާޒް ބޭނުންވަނީ ވީހާވެސް އަވަހަކަށް ކައިވެނި ކުރަން! އަދި އޭނަ އުޅެން ގަސްތުކޮށްފައި ހުރީ އެރަށުގައި.. ދަރިފުޅަށް އެގޮތް ރަނގަޅުތަ؟ "

ވާހިދު އަހާލިއެވެ. އެހިނދު އެކަމާ ގުޅިގެން ބައްޕަގެ ނިންމުމަކީ ކޮބައިކަމެއް ނޭނގޭތީ ޒާރާއަށް އިނދެވުނީ ދޭނެ ޖަވާބެއް ނޭނގިފައެވެ. ނަމަވެސް އޭނާގެ ހިޔާލު ފާޅުކުރުމަށްޓަކައި ހިތްވަރާއެކު ވާހަކަ ދައްކަން ފެށިއެވެ.

" ބައްޕާ! ކޮންމެ ކަމެއްގައިވެސް އަޅުގަނޑު ބޭނުންވަނީ ބައްޕަގެ ރުހުން! އަޅުގަނޑަށް ދެރަގޮތެއް ވާކަށް ބައްޕަ ނޭދޭނެކަން އަޅުގަނޑަށް އެނގޭ! ދިރިއުޅުމެއް ފަށައިގެން އަޅުގަނޑާމެދު ކަންތައްތައް ވެގެންދާނެ ގޮތާމެދު އެންމެ ބޮޑަށް ވިސްނަވާނީވެސް ހަމަ ބައްޕަ! އެހެންވީމަ ތިކަމުގައި މިއަދު އަޅުގަނޑު ކަންތައް ކުރަންވީގޮތް ބައްޕަ ބުނެދެއްވާ! މި ދުނިޔެއިންވެސް އަޅުގަނޑު އެންމެ އިތުބާރުކުރަނީ އަދި އެންމެ ޤަބޫލުކުރަނީވެސް ބައްޕަގެ ވާހަކަތައް.. "

އެހިސާބަށް ބުނެވުނު އިރު ޒާރާ ފެންކަޅި ވެއްޖެއެވެ. ނަމަވެސް ކޮޓަރީގައި ހުރި ނިދާބޮކީގެ ފަނޑު އަލީގެ ތެރެއިން އޭނާގެ ކަރުނަތައް ވަންހަނާ ކުރުމަށް މަސައްކަތް ކުރިއެވެ.

" އެހެންވީމަ... އެހެންވީމަ... ދަރިފުޅު... މުއާޒާއެކު ދިރިއުޅުމެއް ފަށަން ބައްޕަ ޤަބޫލު! އަދި މުއާޒް އެދޭ ފަދައިން ދަރިފުޅު އެރަށުގައި އުޅުމަށްވެސް ބައްޕަ ރުހެން.. އެކަމަކު މިހެން ބުނެލެވޭއިރުގައިވެސް ބައްޕައަށް ހީވަނީ ބައްޕަގެ ފުރާނަ، ބައްޕައާ ވަކިވާން އުޅެނީހެން.. "

ވާހިދުގެ ހިތުގެ ކެކުޅުންތަކާއެކު ދެލޮލުން ކަރުނަ ފައިބަން ފެށިއެވެ. ބައްޕަ ރޯ މަންޒަރު ދެކެން ޒާރާއަކަށް ކެތެއް ނުކުރެވުނެވެ. އެހެންކަމުން އޭނާ ވާހިދުގެ ކަކުލުގައި ބޯ ޖައްސާލައިގެން އިނދެ ވާހަކަ ދައްކަން ފެށިއެވެ.

" ނޫން! އަޅުގަނޑު ނުދާނަން.. ބައްޕަ ނެތް ތަނެއްގައި އަޅުގަނޑަކަށް ނޫޅެވޭނެ"

އަސަރާއެކު ޒާރާއަށް ބުނެލެވުނެވެ.

( ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)