" މި ސެމިސްޓަރގެ ޓެސްޓް އޮވޭ މާދަމާ! އަހަންނަށް މިރޭ ނޭނގެ ކިޔެވޭނެ ކަމެއްވެސް"

ޖުމާ އެހެން ބުނުމާއެކު ޒާރާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އޭރުވެސް މުއާޒް ހުރީ ވީ ގޮތެއް ނޭނގިގެން ޒާރާއާ ވާހަކަ ދައްކަން ބޭނުން ވެފައެވެ.

Ad
rt

" ކޮންމެ ގޮތެއް ވިޔަސް ދޮންމަންމަ ގާތަށް ހައިދަރުދާނެ.. މިދުވަސްކޮޅު މާ ބޮޑަށް ބޭރަށް ނުނިކުންނައްޗޭ!"

ކަންބޮޑުވުން ފާޅުކުރުމަށްވުރެ ބޮޑަށް ޒާރާ މަސައްކަތްކުރީ، ޖުމާއަށް ހިތްވަރު ދިނުމުގެ ގޮތުން ހަމަޖެހޭގޮތް ދައްކާށެވެ. ނަމަވެސް އޭރު އޭނާގެ ހިތް އޮބި ނޯންނަ ވަރަށް ތެޅެމުންދާކަން އޭނާއަށް އިޙްސާސް ކުރެވެއެވެ.

" ނަސީބެއް ކަންނޭނގެ އެންމެ ފަހު ޓެސްޓްކަން! އަޅެ ދޮންތާ އަހަރެން ވަރަށް ބިރުގަނެޔޭ! ޓެސްޓް ނިންމާފަ ތި ރަށަށް އަހަރެން ގެންދެބަލަ!"

އާދޭހުގެ ރާގަކަށް ޖުމާ ބުންޏެވެ. އެއާއެކު ޒާރާއަށް ހިންދިރުވާލެވުނެވެ. ޖުމާގެ އެދުމަށް ވަގުތުން ގޮތް ނިންމުމަކީ އޭނާއަށް ކުރަން ފަސޭހަކަމެއް ނޫނެވެ.

" ޕްލީޒް ދޮންތާ! ދޮންތަ ނެތީމަ އަހަރެން މިރަށުގައި ވަރަށް ފޫހިވޭ!"

އަނެއްކާވެސް ޒާރާގެ ކަންފަތުގައި ޖުމާގެ އަޑު ޖެހުނެވެ.

" އެކަމަކު ޖުމާއަށްވެސް އެނގެއެއްނު ބައްޕަ ވަރަށް އެކަނިވެރިވާނެކަން... ޖުމާ ނެތިއްޔާ ބައްޕައަށް ރަނގަޅު ކާއެއްޗެއްވެސް ހަދައިދޭނެ މީހަކު ދެން ނުހުންނާނެ! ދޮންތަމެންނާއެކު ކޯޓުން ނިކުތް ގޮތަށް ބައްޕަ ފުރައިގެން ދިޔައީވެސް، ޖުމާއަށްޓަކައެއްނު.. ވިސްނަންވާނެ ހުރިހާ ކަމަކަށް! ބައްޕަ ޖުމާދެކެ އެހާ ލޯބިވާއިރު ބައްޕަ އެކަނިކޮށްފައި އަންނާކަށް ނުވާނެއެއްނު"

ޒާރާގެ ވާހަކަތައް އަޑުއަހަން އިން ޖުމާއަށް މައިތިރި ވެވުނެވެ. ޒާރާދެއްކި ވާހަކަތައް އެހާމެ އަވަހަށް އޭނާ ޤަބޫލުވެސް ކުރިއެވެ.

" ހައިދަރަށް ދޮންތަ މެރީ ކުރިކަން އެނގުނިއްޔާ ނޭނގެ ބައްޕައަށްވެސް ގޮތެއް ނަހަދާނެކަމެއް"

ޖުމާ އަނެއްކާޥެސް ޒާރާގެ ހިތް، ނުތަނަވަސްކޮށްލިއެވެ.

" އޭނައަކަށް ނުކެރޭނެ! ދެން އެކަމާ ނުވިސްނާ... ފޯނު ބާއްވާފައި ޓެސްޓަށް ދަސްކުރެވޭތޯ ބަލާ!"

ފަށަފަށައިގެން ހައިދަރުގެ ވާހަކަ، ޖުމާ ދައްކަން އުޅޭތީ ޒާރާ ބޭނުންވީ ކޯލް ކުރުކޮށްލާށެވެ.

" ކިހިނެއްވީތަ؟ "

ފޯނު ބޭއްވުމާއެކު ކެތްތެރިކަމެއްނެތި މުއާޒް އަހާލިއެވެ. އެއާއެކު ޖުމާ ދެއްކި ހުރިހާ ވާހަކައެއް ޒާރާ މުއާޒާ ހިއްސާކުރިއެވެ. ޒާރާ ވާހަކަ ދައްކަމުން ދިޔައިރު އޭނާއަށްވެސް އުނދަގޫވެފައި ހުރިކަން މުއާޒަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން މުއާޒް މަސައްކަތްކުރީ ޒާރާ ހަމައަކަށް އެޅުވޭތޯއެވެ.

" އާދެބަލަ ކޮޓަރިއަށް ދާން! ދެން މިއަދު ބޭރަށް ދާނެ ކަމެއް ނެތް"

އޭރުވެސް އެދެމީހުންނަށް ތިބެވުނީ ގޭ ދޮރުމަތީގައެވެ. މުއާޒްގެ އެދުމަށް އޭނާގެ ފަހަަތުން ޒާރާ ހިނގައިގަތީ ކޮޓަރިއަށެވެ.

" ޖުމާ ޓެސްޓް ނިމުނީމަ ބައްޕައާއެކު ގެންނަންވީނު ދުވަސްކޮޅަކަށް.. އޭރުން ޖުމާވެސް އުފާވާނީ! އޭނަ އެހުންނަނީ ޒާ ކައިރިއަށް އަންނަ ހިތުން"

އެނދުމަތީގައި އިށީނދެލައިގެން އިން ޒާރާގެ ކޮނޑުގައި އަތް ޖައްސާލަމުން މުއާޒް ވާހަކަ ދެއްކިއެވެ. އޭރުވެސް ޒާރާ އިނީ އިސްޖަހާލައިގެންނެވެ.

" މިއީ ރަނގަޅު ގޮތެއްނޫންތަ؟ "

ޒާރާ އެއްޗެއް ނުބުނުމުން އަނެއްކާވެސް މުއާޒް ބުނެލިއެވެ. އެއާއެކު ޒާރާ މުއާޒްގެ ކޮނޑުގައި ބޯ ޖައްސާލަމުން ވާހަކަ ދައްކަން ފެށިއެވެ.

" ތިއީ އަހަރެން ވަރަށް ބޮޑަށް ބޭނުންވާ ގޮތެއް! ކޮއްކޮއާ ބައްޕަ އަހަރެންގާތު ގެންގުޅެން ވަރަށް ބޭނުންވޭ! އެކަމަކު.. ޝާމް އެތާ ހުއްޓާ، ބައްޕައެއް ނާންނާނެ.. ބައްޕަ ބަހައްޓާފައި ޖުމާ ގެންނާކަށް ބޭނުމެއް ނޫން! ދެން އޮތް ގޮތަކީ އަހަރެން އެރަށަށް ބަދަލުވުން"

ޒާރާގެ އެންމެ ފަހު ޖުމްލައިން މުއާޒް ދިޔައީ ސިހިގެންނެވެ. އެއީ މުއާޒް އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން ޒާރާގެ ވިސްނުން ބަދަލު ކުރުވުމަށްޓަކައި އޭނާ ބޭނުންވީ އިތުރަށް ވާހަކަ ދައްކާށެވެ. ޒާރާގެ ދަތްދޮޅީގައި އަތް ޖައްސާލުމަށްފަހު މުއާޒް ވާހަކަ ފެށިއެވެ.

" ޒާ! އަހަރެން މެރީ ކުރީ ދުރުގައި އުޅޭކަށް ނޫން.. ޒާ އާ ދުރުގައިވެސް އަހަންނަށް ނުވެސް އުޅެވޭނެ! އަމުދުން އެރަށަކަށް ނުފޮނުވޭނެ.. އެންމެ ދުވަހަކަށްވެސް ޒާ އެކަންޏަކު އެތާކަށް ނުފޮނުވޭނެ.."

މުއާޒް ދޫކުރަމުންދާ ޖުމްލަތައް އަޑުއަހަން އިން ޒާރާ، ފުން ނަޒަރަކުން މުއާޒްގެ މޫނަށް ބަލައިލިއެވެ.

" ދެން ޖެހެނީ ޒާ އާއެކު އަހަރެންވެސް ބަދަލުވާން.. އެގޮތަށް އަހަރެން ނިންމައިފިނަމަ އަހަރެންގެ ބައްޕަގެ ވިޔަފާރި ހުއްޓުމަކަށް އަންނާނެ! އެކަމަކުވެސް އަހަންނަށް އެންމެ މުހިއްމުވާނީ ޒާރާ! ޒާރާގެ ކޮންމެ ނިންމުމަކަށް އަހަރެން އިޙްތިރާމް ކުރާނަން"

މުއާޒްގެ ސާފު މޫނުމަތީގައިވާ ނުތަނަވަސްކަން ޒާރާއަށް ވަރަށް ރަނގަޅަށް ދެނެގަނެވުނެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް މުއާޒްގެ މޭމަތީގައި މޫނު ޖައްސާލަމުން ބުންޏެވެ.

" އަހަންނަކީ ތިހާ ރަޙުމުކުޑަ މީހެއް ނޫނޭ.. އަދި އަހަންނަކީ އަމިއްލަ އެދުން ބޮޑު މީހެއްވެސް ނޫން.. މުއާ ދޫކޮށްފައި އަހަންނަކަށްވެސް ނޫޅެވޭނެ.. ވަކިން އެންމެ ދުވަހެއްވެސް ނޫޅެވޭނެ.."

" ދެން އެހެންވީމަ ޒާ ހިތްހަމަ ޖެހޭ ގޮތެއް އަހަރެން ގާތު ބުނެބަލަ! "

މިފަހަރު މުއާޒް ބޭނުންވީ ޒާރާގެ ނުތަނަވަސްކަމަށް އަވަސް ޙައްލެއް ހޯދާށެވެ. ޒާރާ ބޭނުންވާ ކަންތައްތައް އޭނާއަށް ފުރިހަމަ ކޮށްދޭށެވެ.

" އަހަރެން ގޮތެއް ނިންމާނީ ބައްޕައާ ވާހަކަ ދައްކާފައި! "

އަވަސް އަވަހަށް ޒާރާ ބުނެލިއެވެ.

****

އިޝާ ނަމާދު ކޮށްގެން ޒޜާ ސިޓިންގރޫމަށް ނިކުތް އިރު މާހިލް އޮތީ ސޯފާގައި ގޭމް ކުޅޭށެވެ. މާހިލަށް ޒާރާ ފެނުމާއެކު ފުންމައިގެން ތެދުވެ ހިނިތުންވެލިއެވެ.

" ދައްތާ! އާދޭ އާދޭ އިށީންނަން"

ގާތްގޮތަކަށް މާހިލް އެހެން ބުނުމުން ދެކޮޅު ހަދާކަށް ޒާރާއަކަށް ނުކެރުނެވެ. ހިނިތުންވެލަމުން އޭނާ އިށީނދެލީ ސޯފާގެ އެއްކޮޅުގައެވެ.

" ދޮންބެ އަދިވެސް ނާދޭތަ މިސްކިތުން؟ "

ބޭރު ދޮރާ ދިމާލަށް ބަލައިލަމުން މާހިލް އަހާލިއެވެ. އެއާއެކު ޒާރާ ބޯޖަހާލަމުން މާހިލްގެ މޫނަށް ބަލައިލިއެވެ. އޭރުވެސް މާހިލްގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އައިޕެޑަށެވެ.

" މާހިލް ކީއްވެ މިސްކިތަށް ނުދަނީ؟ ދޮންބެއާއެކު ދިޔަނަމަ.."

ޒާރާއަށް ސުވާލު ކުރެވުނު ވަގުތަކީ ކަފީލާއަށް ކޮޓަރިން ނިކުމެވުނު ވަގުތެވެ. އެއާއެކު ޒާރާގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ޒާރާގެ އަޑު ކަފީލާއަށް ރީތިކޮށް އަޑު އިވޭނެކަން އޭނާއަށް ޔަޤީނެވެ. ކަފީލާގެ މޫނަށް ބަލައިލުމަށްފަހު ޒާރާއަށް އިސްޖަހާލެވުނީ ލަދުންނެވެ. އެއްވެސް ޖަވާބެއް ނުދީ އޭރުވެސް މާހިލް ގޭމް ކުޅެމުން ދިޔައެވެ.

" މާހިލް މިސްކިތަށް ނުދިޔަޔަސް ގޭގައި ނަމާދު ކުރާނެ! ޒާރާ ހީކުރީ މާހިލަކީ ނަމާދު ނުކުރާ ކުއްޖެއް ކަމަށްތަ؟ "

ހިނިތުންވެފައި ހުރި ނަމަވެސް ކަފީލާގެ ރާގުގައިވަނީ މަލާމާތުގެ އަސަރުތަކެވެ. އެހެންކަމުން ޒާރާ އިތުރަށް ލަދުގަތެވެ.

" ނޫ...ނޫނޭ މަންމާ! އަޅުގަނޑަށް އެނގޭ މަންމަގެ ދަރިން ނަމާދު ކުރާނެކަން.. މަންމަވެސް އަބަދު އަޅުކަމުގައި އުޅޭތަން އަޅުގަނޑަށް ފެންނަނީ"

ގަދަކަމުން ހިނިތުންވެލަމުން ޒާރާ ބުންޏެވެ. އެއާއެކު މާހިލްގެ ބޮލުގައި ފިރުމާލަމުން ކަފީލާ ހިނިތުންވެލިއެވެ.

" އަހަންނަށް ސައިކެއް ހޯދައި ދިނީމަ މިސްކިތަށް ދެވޭނީ.."

ލާނެތް ގޮތަކަށް މާހިލް އެހެން ބުނެލުމާއެކު ކަފީލާ ހޭން ފެށިއެވެ.

" ދޮންބެ ގާތު ބުނަންވީނު.. އޭރުން ސަައިކަލެއް ނަގައިދީފާނެ"

ކަފީލާ އެހެން ބުނި ވަގުތަކީ ނަޖީބު އައިސް ވަތް ވަގުތެވެ. ބޫޓު ހަރަށް ބޫޓު ލުމަށްފަހު ނަޖީބުވެސް އައިސް އިށީނދެލީ ސޯފާގައެވެ. ގޭމް ކުޅުމުގައި އަވަދިނެތި އިން މާހިލަށް ބަލައިލަމުން ނަޖީބް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ދަރިފުޅު ތިހާ ވަރަށް އެއްޗެހި ބޭނުން ވަންޏާ ވަޒީފާއަކަށް ދާންވީނު... ދޮންބެވެސް ދޮންބެ ބޭނުންވާ އެއްޗެހި ހޯދަނީ އަމިއްލައަށް މަސައްކަތް ކޮށްގެން..."

ނަޖީބުގެ ވާހަކަ އަޑު އިވިފައި ކަފީލާގެ ހިތްހަމަ ނުޖެހުން އިތުރުވެގެން ދިޔައެވެ. ނަމަވެސް ޒާރާ އިންދާ ޒުވާބު ކުރަން ބޭނުން ނުވާތީ އޭނާ، ކެތްތެރިވެލިއެވެ.

" އަހަރެން އަދި ވަޒީފާއަކަށް ދާނަމޭ! ޕޮލިހަށް ވަންނަން ކަމަށް އަސްލު މި ހުންނަނީ"

މާހިލްގެ ނިންމުން އަޑު އިވިފައި ނަޖީބަށް ހިނިތުންވެލެވުނެވެ. އެހިނދު ކަފީލާ އަނެއްކާވެސް މާހިލްގެ ގައިގައި ފިރުމާލިއެވެ.

" އިއުލާން ކުރީމަ އެޕްލައި ކުރާނަން.. "

އައިޕެޑަށް ބަލަމުން މާހިލް ތެދުވެ އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.

" އެދިޔައީނު.. ދެން އެ ދާމީހާ ފެންނާނީ މާދަމާ މެންދުރު.. ދަންވަރު ގޭމް ކުޅެކުޅެފަ އެވަރަށް ނިދާނެ.. އެގޮތަށް ކިހިނެއް ފުލުހަކަށް ވާނީ؟ އެއީ ނިކަން ޒިންމާދާރު މަސައްކަތެއް.. ކަފީލާ ނިކަން ވިސްނައިދީބަލަ"

ނަޖީބު އެހެން ބުނުމާއެކު ކަފީލާގެ މޫނުމަތީގެ ކުލަވަރު ބަދަލު ވެގެން ދިޔައެވެ.

" ހިތްވަރުގެ ބަހެއް ނުބުނާތާ ކޮންމެވެސް މަލާމާތެއް ކުރާނީ؟ "

ޒާރާއަށް ބަލައިލަމުން ކަފީލާ ބުނެލިއެވެ. އެއާއިއެކު ޒާރާ ލުއިގޮތަކަށް ހީލިއެވެ.

" އަދި ރަނގަޅުވާނެ.. އެއުމުރުގެ ކުދިން އުޅޭނީ އެގޮތަށް"

ނަޖީބުގެ ވާހަކައަށް ރައްދެއް ދިނުމުގެ ގޮތުން ޒާރާ އެއްޗެއް ބުނެލިއެވެ. ވަގުތަކީ މުއާޒްވެސް ގެއަށް އައިސް ވަގުތެވެ. ޒާރާ ދެއްކި ވާހަކަ އަޑު އިވުނު ނަމަވެސް އޭނާ އެއްވެސް ސުވާލެއް ނުކޮށް އައިސް ސޯފާގައި އިށީނދެލީ ނަޖީބާ ދާދި ގާތުގައެވެ.

" ހިނގާ ކާން ދާން"

ޒާރާއަށް މުއާޒް ބަލައިލުމާއެކު ޒާރާ ތެދުވަމުން ބުނެލިއެވެ. އެހިނދު ލަސްނުކޮށް މުއާޒްވެސް ތެދުވިއެވެ.

" މަންމަ ކެއްކި ރިހަ ވަރަށް މީރު ވާނެ އިނގޭ! "

ހެވިލާފައި ކަފީލާ ބުނެލީ މުއާޒް ގާތުއެވެ. ލުއި ގޮތަކަށް ހިނިތުން ވެލުމަށްފަހު މުއާޒް ޒާރާގެ ފަހަތުން ކާބަޔަށް ވަންނަން ހިނގައިގަތެވެ.

" މަށަށް ލިބިފައި މިތިބަ ދެދަރިން އުޑާ ބިމާހާވެސް ތަފާތު! "

ލޯމަތިން މުއާޒް ގޮސް ގެއްލުމާއެކު ކަފީލާ ބުންޏެވެ. އެހިނދު ނަޖީބުވެސް ބޯ ޖަހާލަމުން އެއްބައިވެލިއެވެ.

" އާނ! ތިޔައީ ވަރަށް ބޮޑު ތެދެއް.. އެއް ދަރިޔަކީ ވަރަށް ފަރުވާތެރި، ޒިންމާދާރު، އަދި އެހާމެ މަސައްކަތްތެރި އަޙްލާޤް ރަނގަޅު ކުއްޖެއް.. ދެން ހުރީ މި ހުރިހާ ކަމެއްގެވެސް އިދިކޮޅު.. އެއްކަމެއްވެސް ކުރާކަށް ނޭނގެ! އަދި ނުވިތާކަށް މީހަކަށް އިޙްތިރާމެއްވެސް ކުރަނީއެއް ނޫން.. ގައިމު މި ދެކުދިންވެސް ތަރުބިއްޔަތު ކުރީ ހަމަ އަހަރެމެން ދެމީހުން"

ނަޖީބުގެ ދިގު ވާހަކަތައް އަޑުއަހަން އިން ކަފީލާގެ ދެލޮލުގައިވާ ރުޅިވެރިކަން ނަޖީބަށް ކިތަންމެހާވެސް ރަނގަޅަކަށް ފާހަގަ ކުރެވުނެވެ. ނަމަވެސް އޭނާ ކަފީލާއަށް މާބޮޑު ސަމާލުކަމެއް ނުދީ ޓީވީ އަޅުވާލިއެވެ.

" ތިއީ އަބަދުވެސް ނަޖީބު ދައްކާ ވާހަކަ! ނަޖީބު އަބަދުވެސް މާހިލް ދެކެ ރުޅި އަންނާނެ.. ބޭނުން ނުވެ ލިބުނު ކުއްޖެއްވީމަ ކަންނޭނގެ! ނޫނީ އަންހެން ކުއްޖަކު ބޭނުންވެ ހުއްޓާ ލިބުނު ކުއްޖަކަށްވީމަބާ؟"

" ކަފީލާ އަބަދުވެސް ދައްކާނީ ތިޔަ ކަހަލަ އޮއްޓަރުނެތް ވާހަކަ. ބޭކާރު ވާހަކަ! އަހަރެންވަކި މާހިލްދެކެ ލޯތްބެއް ނުވާނެތަ؟ ދެން އަހަންނަށް ބުނެވިދާނެ އެއީ ކަފީލާ ހައްދާގޮތޭ!"

އަތުގައި އޮތް ރިމޯޓް މޭޒުމަތީގައި ބޭއްވުމަށްފަހު ނަޖީބު ތެދުވެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭނާ ދިޔައީ ހިތްހަމަ ނުޖެހިގެންކަން ކަފީލާއަށް އެނގެއެވެ. އެހެންކަމުން ނަޖީބުގެ ފަހަތުން ނުގޮސް، އޭނާ ތެދުވެ ހިނގައިގަތީ ކާބަޔަށް ދާށެވެ. އެތަނަށް ގޮސް ވަނުމާއެކު މޭޒުމަތީގައި ހުރި ކިރުސައިތައްޓާއި ބިސްކޯދު ތަށި ފެނުމުން، މުއާޒްގެ މޫނަށް އޭނާއަށް ބަލައިލެވުނީ ފުން ނަޒަރަކުންނެވެ.

" ކީއްވެ ދަރިފުޅު ރިހަ ނުކެއީ؟ ނުބައީތަ؟ "

މުއާޒާ ޖެހިގެން ހުރި ގޮނޑީގައި އިން ޒާރާގެ ހިތް އެ ސުވާލުން ނުތަނަވަސް ވެގެން ދިޔައެވެ. ނަމަވެސް އަތުގައި ހުރި ކޮފީތައްޓަށް ބަލަހައްޓައިގެން އޭނާ އިނީ މުއާޒް ބުނާނެ އެއްޗެއް އަޑުއަހާ ހިތުންނެވެ.

" މަންމާ! ރޭގަނޑު ރިހަ ކެއީމަ އަޅުގަނޑު ވަރަށް މޭ އަންދާ! އެހެންވެ ސައިބޯން ބޭނުންވީ.. މާދަމާ ހެނދުނު ރިހަ ކާނަން"

މުއާޒްގެ ޙާލަތު ބަޔާންކުރި ނަމަވެސް ކަފީލާ ހިތްހަމަ ޖެހުނުހެންނެއް ހިއެއް ނުވެއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި އޭނާ ނިކުމެގެން ދިޔައެވެ.

" ހަމަ އަސްލުވެސް މޭ އަންދާތީތަ ރިހަ ނުކެއީ؟ އަހަރެން ގާތު ބުނީމެއްނު ކާހިތެއް ނެތޭ"

ޒާރާ މަޑުމަޑުން އަހާލިއެވެ. އެއާއެކު މުއާޒް ބޯ ޖަހާލިއެވެ.

" ކާހިތް ނުވަނީ އެހެންވެގެން.. މޭ އަންދާތީ! ދެން މަންމައަށް ޤަބޫލު ކުރެވޭނީ ވަރަށް ސާފުކޮށް ބުނެދިނީމަ.. "

މުއާޒްގެ ޖުމްލައިން، ޒާރާއަށް އިތުރަށް ވިސްނަން މަޖުބޫރުވިއެވެ. ކަފީލާގެ ގޮތް، އޭނާ އެނގެން ބޭނުންވެއެވެ.

" ކޮންމެ އެއްޗެއްވެސް މަންމަ ގާތު ބުނަން ޖެހޭނީ ހަމަ އެހާ ތަފްސީލްކޮށްތަ؟ "

ޒާރާއަށް ބޭއިޙްތިޔާރުގައި އަހާލެވުނެވެ. އެއާއެކު ފުން ނަޒަރަކުން މުއާޒަށް ޒާރާގެ މޫނަށް ބަލަން ފެށުނެވެ.

( ނުނިމޭ)

މިވާހަކަ ގެނެސްދެވޭނީ ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގައެވެ.

(ނިމުނީ)