ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފިއެވެ.
މުބާރާތުގެ ގުތުއަތުލުން ރޭ ހަނިމާދޫ ބްރޭކް ޓައިމް ރެސްޓޯރެންޓްގައި ބާއްވާފައިވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހު 15 ވަނަ ދުވަހު ވާދަކުރާނީ އަހުލީއާއި ޔޫތު ފްރެންޑްސްއެވެ.
މި މުބާރާތް ކުރިއަށް ގެންދަން ރާވާލާފައި ވަނީ ބައިވެރިވި ނުވަ ޓީމް ދެ ގްރޫޕަކަށް ބަހާލުމަށްފަހު، ކޮންމެ ގްރޫޕަކުން އެއްވަނަ އަދި ދެވަނަ ޓީމަށް ސެމީ ފައިނަލްގެ ޖާގަ ލިބޭގޮތަށެވެ. ސެމީފައިނަލްގައި ގްރޫޕް އޭއިން އެއްވަނަ ހޯދާ ޓީމް ވާދަކުރަން ޖެހޭނީ ގްރޫޕް ބީގެ ދެވަނަ ޓީމާއެވެ. ގްރޫޕް އޭއިން ދެވަނައަށްދާ ޓީމް ސެމީގައި ވާދަކުރާނީ ގްރޫޕް ބީގެ އެއްވަނަ ޓީމާއެވެ. ސެމީ ފައިނަލް ދެ މެޗު ކުޅެން ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 2 އަދި 3 ވަނަ ދުވަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖަނަވަރީ 5 ވަނަ ދުވަހު ހަވީރުއެވެ.
ގްރޫޕް އޭގައި ފަސް ޓީމް ހިމެނެއެވެ. އެ ޓީމްތަކަކީ އަހުލީ، ޔޫތު ފްރެންޑްސް، ކްލަބް ޑޮމިނޭޓާސް، ރިއަލް ސްޓާސްގެ އިތުރުން ޔުނީފޯމް އެވެ. ގްރޫޕް ބީގައި ހިމެނޭ ހަތަރު ޓީމަކީ ރޫހް، ޑެޒަޔަރ ކްރޫ، ފަލްކަންގެ އިތުރުން ޝީލްޑް އެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް އޮންނަ ލޯބި އިތުރު ކުރުމާއި ވާދަވެރި މާހައުލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ އިތުރުން ހަނިމާދޫގައި ފުޓްބޯޅަ ކުރިއެރުވުމެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން އިންތިޒާމް ކޮށްގެން ފުރަތަމަ ރަށު ފެންވަރުގައި ފުޓްބޯޅަ މުބާރާތެއް ބާއްވާފައި ވަނީ 1999 ވަނަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އެ އަހަރު އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ސާސްކަފް ކަޕްގެ ނަމުގައެވެ. އެއަށްފަހު މި މުބާރާތް 2002 ވަނަ އަހަރު ބާއްވާފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. އެ އަހަރަށް ފަހު (2003، 2004، 2005، 2006، 2007، 2010، 2012، 2014، 2019، 2021) ފާއިތުވި ދިހަ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައި ވަނީ އާދަމް ސަލީމް ކަޕްގެ ނަމުގައެވެ. ނަމަވެސް މި އަހަރަކީ ޖަމިއްޔާއަށް 30 އަހަރު ފުރޭ އަހަރަށް ވުމުން މުބާރާތް އެކަމަށް ހާއްސަ ކުރުމުގެ ގޮތުން މުބާރާތުގެ ނަމަށް ވަނީ ބަދަލު ގެނެސްފައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަކީ 1993 ވަނަ އަހަރު ރަޖިސްޓަރީ ކުރެވި ފާއިތުވި 30 އަހަރު ހުއްޓުމެއްނެތި ރަށުގެ ކުރިއެރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2015 ވަނަ އަހަރު ހދ.އަތޮޅު ކައުންސިލުން، އަތޮޅަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދީފައިވާ ތިލަދެކުނު ޝަރަފްވެރިކަމުގެ އިނާމް ދެ ދާއިރާއަކުން ހާސިލް ކޮށްފައެވެ. އެއީ އިޖްތިމާޢީ ދާއިރާއާއި ތަޢުލީމީ ދާއިރާއެވެ. މީގެއިތުރުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ވަނީ 2016 ވަނަ އަހަރު ޤައުމީ އިނާމް ވެސް ހާޞިލް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!