ކުރީގެ ޢަދަދާއިގުޅޭ،

" ކާން ދޯ؟ ހަނދާންނެތި މިރޭ ކެވުނީ. އަސްލު މުނާ ވަރަށް ދުވަސްވެއްޖެ ނުކައްކާތާ! އެހެންވެ އޭނަ މިރޭ ނޫޑްލްސް ކެއްކީމަ މާ ގަދަޔަށް ކެވުނީ! "

Ad
rt

ބޭއިޙްތިޔާރުގައި ޝާމިންއަށް ބުނެވުނެވެ. އެވާހަކަތައް އަޑުއަހަން ހުރި ޝެރީންގެ ހިތަށް އަރާ ފައިބަމުންދާ އެއްވެސް އެއްޗެއް އޭނާއަށް ނުވިސްނޭފަދައެވެ. ޝެރީންގެ ހިތުގައި އަޅާނެ ވޭނާ އޭނަ ވާނެ ދެރަވެސް ޝާމިންއަކަށް އިޙްސާސެއް ނުކުރެވެއެވެ.

" އެހެންތަ؟ދެން އަޅާނުލާ! " މޭޒުކައިރިން ތެދުވެގެން ގޮސް އޭނާ ފަންކާ ޖަހާލީ ސިޓިންރޫމްގައި ހުރި އުއްބައްތިތައް އަވަހަށް ނިވާލުމަށްޓަކައެވެ. އެއަށްފަހު ބޮކިތައް ދިއްލާ ގޭތެރެ އަލިކޮށްލިއެވެ. އޭރުވެސް ޝެރީންގެ މޫނުމަތީގައިވަނީ މާޔޫސީގެ އަސަރުތަކެވެ.

" ހާދަ ވަރަކަށް ތައްޔާރުކޮށްލާފަ! މިވަރު ނުކުރިޔަސް ހަނދާންވިނަމަ ކާން އައީމުސް! "

ޝެރީންގެ ހަރަކާތްތަކަށް ބަލަން ހުރެ، ސޯފާގައި އިށީންނަމުން ޝާމިން ބުނެލިއެވެ. ޝެރީން އިށީނީ ޝާމިންގެ ކުރިމަތީގައި ހުރި ސޯފާގޮނޑީގައެވެ.

" އަހަންނަށް އެމީހަކު ޚާއްސަ ވެއްޖެނަމަ، އެމީހަކަށްޓަކައި އަހަރެން ކުރާ ކޮންމެ ކަމެއްވެސް ޚާއްސަވާނެ! "

އެހެން ބުނަމުން ޝެރީން އިސްޖަހާލިއެވެ. ދޭނެ ޖަވާބެއް ނޭނގޭ ޙާލު ޝާމިންއަށް އިނދެވުނީ ޝެރީންއާއި ދިމާލަށް ބަލާށެވެ.

" އެކަމަކު.. އެއްވެސް މީހަކަށް އަހަރެން މުޙިއްމެއް ނުވި! ދުވަހަކުވެސް އަހަރެން މީހެއް ދެކެ ލޯތްބެއް ނުވަން! ޝާމިން ފިޔަވާ.... "

ލަސްލަހުން ޝެރީން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ އަދިވެސް އިނީ އިސްޖަަހައިގެންނެވެ.

" ގަދަބާރުން އަހަރެން ޝާމިންގެ މީހަކަށް ވީން! އެކަމަކު އަހަންނަށް ލޯތްބެއް ނުލިބުނު..! އުފަލެއް ނުލިބުނު! އަހަރެން ހީކުރީ ޝާމިންގެ މީހަކަށް ވެވުނީމަ ހުރިހާ އުފަލެއް ލިބުނީކަމަށް! "

ޝެރީންގެ އަޑު ކުރަކިވެ ބެދޭގޮތް ވުމުން އޭނާ ކުޑަކޮށް ކެއްސާލިއެވެ.

" ކައިވެންޏަކީ ވަރަށްވެސް މާތް ގުޅުމެއް! އަހަރެމެން ދެމީހުން މި މާތް ގުޅުމުން ގުޅިފައި ތިއްބަސް ލިބެނީ ކޮން އުފަލެއް؟ ޝެރީންއަށް ލިބެނީ ހިތްދަތިކަން. އަހަންނަށް ލިބެނީ ނުތަނަވަސްކަން.. "

ޝާމިން ވާހަކަ ދައްކަން ފެށުމުން ޝެރީން އިސް އުފުލާ ބަލާލިއެވެ.

" ދެއަތްނބަށް އިނުމަކީ ގޯސްކަމެއްތަ ޝާމިން؟ ދުނިޔޭގަ ކިތައް މީހުން އެގޮތަށް ދިރިއުޅޭ؟ އަހަންނަކީ ޝާމިންގެ ޙަލާލު އަތްނބެކޭ! އަހަންނަށް ތިހެން ނަހަދާ ޝާމިން ޕްލީޒް! "

މޫނުމަތީގައި އަތްއަޅަމުން ޝެރީން ރޯންފެށިއެވެ. ގިސްލަގިސްލާފައި އޭނާ ރޮމުންދާތަން ބަލަން، އެއްވެސް ހަރަކާތެއްނެތި ޝާމިން އިނެވެ.

" ޝާމިންގެ އަނެއް ދިރިއުޅުމަށް އަހަރެންގެ އެއްވެސް ނުފޫޒެއް އުނދަގުލެއް ނުފޯރުވާނަން! އަހަންނާމެދު ތިހާ ރަޙުމުކުޑަ ނުކުރޭ ޝާމިން.."

ޝެރީންގެ ހިތް ކުދިކުދިވަމުންދާކަން ޝާމިންއަށް ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ. އެއާއެކު ޝާމިން ތެދުވެގެން ގޮސް ޝެރީންއާ ދާދި ގާތުގައި އިށީނދެ ޝެރީންގެ ގައިގައި މަޑުމަޑުން ހިފަހައްޓާލިއެވެ. ސިހިފައި ޝެރީންއަށް ބަލާލެވުނީ ޝާމިންގެ މޫނަށެވެ. އޭރުވެސް އޭނާގެ މުޅި މޫނުވަނީ ކަރުނައިން ތެމިފައެވެ.

" ސޮރީ! " މަޑުމަޑުން ޝާމިން ބުނެލިއެވެ.

" އަހަންނާހެދި ތިހާ ވަރަށް ނުރޮއި! އަހަރެން މިއީ ތި ހީކުރާހާ ނުބައި މީހެއް ނޫން! "

ޝާމިން އަސަރާއެކު ބުނެލިއެވެ. އެއާއެކު ޝެރީން އަވަސް އަވަހަށް ޝާމިންގެ މޭތެރޭގައި ބޮނޑިވެގަތެވެ.

" އަހަރެންވެސް މިއީ ޝާމިންގެ އަތްނބެކޭ ޝާމިން! އަހަންނަށް ތިހެން ނަހަދާ! "

އުފާވި ނަމަވެސް އަނެއްކާވެސް ޝެރީންއަށް ރޮވުނެވެ. އެއްއަތުން ޝެރީންގެ ގައިގައި އަތްޖައްސާލައިގެން ހުރެ އަނެއްއަތުން ޝެރީންގެ ބޮލުގައި ފިރުމާލަ ފިރުމާލަ ޝާމިން އިނެވެ. ޝާމިންގެ ކަނދުރާގައި މޫނު ޖައްސާލައިގެން ޝެރީން އިނެވެ. އެންމެ ލޯބިވާމީހާއާ އެހާ ގާތުގައި އިނދެވޭތީ ޝެރީންގެ ހިތަށް ހަމަޖެހުން ލިބެމުންދިޔައެވެ.އެހެން އިނދެ ޝެރީން މަޑުމަޑުން ޝާމިންގެ ގައިގައި ބައްދާލިއެވެ. އަދި ޝާމިންގެ މޫނަށް ބަލާލިވަގުތު ޝާމިންވެސް ޝެރީންއަށް ބަލާލިއެވެ. ދެމީހުންގެ މޫނުމަތީގައިވަނީ އެއް ވާހަކަ ތަކެކެވެ. ދެލޮލުން ހެކިދެނީ ދުރަށްދާން ބޭނުން ނުވާކަމެވެ. ޝެރީންގެ ގައިން ދުވާ ފޮނިފޮނި ސެންޓުގެ ވަހުންވެސް ޝާމިންއަށް ދުރަަކަށް ނުދެވުނެވެ. ޝާމިންއަށް މަޑުމަޑުން ޝެރީންގެ މޫނުގައި އަތް ޖައްސާލެވުނެވެ. ހިނިތުންވާންވެސް ނޭނގި ޝެރީންއަށް އިނދެވުނީ ޝާމިންގެ މަސްތީ ލޮލަށް ބަލާށެވެ.

ކުއްލިއަކަށް ޝާމިންއަށް ލޯ ހުޅުވާލެވުނުއިރު ދާދި ގާތުގައި ނިދާފައި ޝެރީން އޮތެވެ. އޭނާ އަވަސް އަވަހަށް ތެދުވެ ފޯން ހޯދަން ފެށިއެވެ. ކޮޓަރީގެ ސޯފާ މައްޗަށް އެއްލާފައި އޮތް ގަމީސް ގަޔަށް މަހާލަމުން ގޮށްތައް އަޅުވަމުން އޭނާ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ނިކުތުމާއެކު ސިޓިންރޫމްގެ ސޯފާމަތީގައި އޮތް ފޯން ދިއްލޭތަން ފެނެއެވެ. އޭރުވެސް މުނާ ގުޅަމުންދެއެވެ. އަވަސް އަވަހަސް ފޯން ކަނޑާލުމަށްފަހު ގަޑި ބަލާލިއިރު ގަޑިން ފަތިހު ފަހެއް ޖަހަނީއެވެ.

މުނާއަށްދޭނެ ޖަވާބެއް ނޭނގި ޝާމިންގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ.ގެއަށް ދާއިރަށް މުނާގެ ސުވާލުތައް އަމާޒުވާނެކަން އޭނާއަށް ޔަޤީންވެއެވެ. ބާރުބާރަށް ދުއްވާފައި އޭނާ ދިޔައީ ގެއަށެވެ. ކޮޓަރިއަށް ވަތްއިރު މުނާ ހުރީ ކޮޓަރީގެ މެދުގައި ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ޝާމިން ފެނުމާއެކު އޭނާ ހުއްޓުނެވެ. އެތެރެއަށް ވަދެ ތަޅުލުމަށްފަހު ޝާމިންއަށް ބަލާލެވުނީ މުނާގެ މޫނަށެވެ.

" ރައްޓެއްސަކާއެކު ކޮފީއަކަށޭ ކިޔާފަ ދޮގު ހެދީ ކީއްވެ؟ "

މުނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ.

" އަހަރެން ބޭރަށް ދިޔައީ ކޮފީއަކަށް ދާން.. އެކަމަކު ޝެރީންގެ ދަޢުވަތަކަށް އެގެއަށްވެސް ދިޔައިން.."

ޝާމިން އަވަސް އަވަހަށް ބުނެލިއެވެ. އެއާއި އެކު މުނާ އައިސް ޝާމިންގެ ކުރިމަތީގައި ހުއްޓުނެވެ.

" ދެން މިރޭ ތިއައީ ކޮންތާކުން؟ "

" ވަކީލެއްހެން އަހަންނާ ސުވާލު ނުކޮށްބަލަ! މުނާއަށް ނޭނގެނީތަ އެއީވެސް އަހަރެންގެ އަތްނބެކޭ! އޭނަގެ ޙައްޤުތަކާ ވާޖިބުތަކެއްވެސް މަގޭ މައްޗަށް އޮވެޔޭ! "

ބާރުބާރަށް ޝާމިންއަށް ބުނެވުނެވެ.

" އޯހް! "

މަލާމާތުގެ ރާގަކަށް އެހެން ބުނުމަށްފަހު މުނާ އަތްޖަހަން ފެށިއެވެ.

" އަހަރެންދެކެވީ ލޯބި އޮޔާ ވަޔަށް ބުރައިގެން ދިޔައީތަ؟ ޝާމިންއަށް އަހަރެން ނޫން އެހެން އަންހެނެއް ބޭނުމެއް ނުވާނެޔޭ ކިޔާފަ ދެއްކި ވާހަކަތައްވެސް ޝިފްޓް ޑިލީޓްވީ ބާ؟ "

މުނާގެ ވާޙަކަ ހުރިގޮތުން ޝާމިން ވަރަށް ހިތްހަމަ ނުޖެހުނެވެ.

" މުނާ ލަދުގަންނަން ޖެހޭނެ ތި ވައްތަރަށް ވާހަކަ ދައްކަން! އެދުވަހު ކަންތައް ވީގޮތް މިއަދު ވީ ކަމެއްހެން އަހަރެންގެ ލޯމައްޗަށް އަދިވެސް ސިފަވޭ! އެދުވަހު މުނާ ދެއްކި ވާހަކަތައް އަދިވެސް މި ކަންފަތަށް އިވޭކަހަލަ! ހަމައެކަނި އަހަރެން ކުށްވެރި ނުކުރޭ މުނާ! ކޮންމެ ގޮތެއްވިޔަސް ޝެރީންއަކީ އަހަރެންގެ އަތްނބެއް! އަހަންނަކަށް އޭނަ ދޫކޮށެއްވެސް ނުލެވޭނެ!"

" އެހެންވިއްޔާ މަ ދޫކޮށްލާ! "

" މުނާ!"

މުނާގެ މޫނުމަތީގައި އެތިފަހަރެއް ޖަހަން ޝާމިންއަށް އަތްމަޅާލެވުނެވެ. ދިފާޢުވާން މުނާއަށްވެސް އަނެއް ފަރާތަށް މޫނު އަނބުރާލެވުނެވެ.

" ޖަހާ! ކީއްވެ މަޑުކުރީ؟ އަހަރެން ހިއެއް ނުކުރަން ޝާމިން ތިފެންވަރަށް ވެއްޓިދާނެކަމަކަށް! "

އެހެން ބުނުމަށްފަހު ކޮޓަރިން ބޭރަށް ނިކުތުމަށް މުނާ ހިނގައިގަތެވެ. އެއާއެކު ޝާމިން މުނާގެ އަތުގައި ހިފާ އޭނާ ހުއްޓުވިއެވެ.

" ތައްޔާރުވޭ ރަށަށް ދާން! " ޝާމިންގެ އެ ޖުމްލައިން މުނާ ސިހިގެން ދިޔައެވެ.

" ރަށަށް؟ ޝާމިންއެއް ނުދާނަންތަ؟ "

" އާނ! ނުދާނަން. ޝާއިނާ ގޮވައިގެން މުނާ ދެން ދިރިއުޅޭނީ ރަށުގަ! "

" ދަރިފުޅާ ދުރުގައި ޝާމިންއަށް އުޅެން ފަސޭހަ ވާނެތަ؟ " މުނާއަށް ބަލާލެވުނީ ނިދާފައި އޮތް ތުއްތު ދަރިފުޅާ ދިމާލަށެވެ.

" ދަރިފުޅާއެކު މިތާ މަ މިއުޅެނީ އުފަލުގައިތަ؟ ކޮންމެ ދުވަހަކު ޝަކުވާތަކާ ޒުވާބު ކުރުން ނޫންކަމެއް އެބަ ވޭތަ މިތާ؟ އަަހަރެންގެ ނިންމުން ދެން ބަދަލެއް ނުވާނެ! "

ހިތްހަމަ ނުޖެހިފައި ހުރެ ޝާމިން ވާހަކަ ދެއްކިއެވެ.

" ދެން ޝާމިން އުޅެނީ؟ "

" އަހަންނާމެދު މުނާ ނުވިސްނާދެން! މުނާއަށް އުޅެން ނޭނގުނީމަ ވީގޮތް ތީ! "

ޝާމިން އެހެން ބުނުމަށްފަހު މުނާގެ އަތުން ދޫކޮށްލިއެވެ. ޤަބޫލުކުރަން ދަތިވެފައި މުނާއަށް ހުރެވުނީ ރޮވޭ ގޮތްވެފައެވެ.

ދުވަސްކޮޅެއްފަހެވެ. މުނާއާއި ޝާމިންގެ ގުޅުން ވަރަށް ބޮޑަށް ހީނަރު ވެއްޖެއެވެ. އެކަމާ ޝާމިން ވެސް ނުހަނު ހިތާމަކުރެއެވެ.

" އަހަރެން ގޮތް ހުސްވީ ހަމަ! ގެއަށް ވަންނަ ކޮންމެ ފަހަރަކު މުނާގެ ޝަކުވާތައް އިވެނީ! ރަށަށް ގެންދާނީއޭ ކިޔާތާވެސް ދުވަސްކޮޅެއް ވެއްޖެ! އެކަމަކުވެސް މުނާ ރަނގަޅުވޭތޯ މި މަޑުކުރީ! އެންމެ ފަހުން މިނޫން ގޮތެއް ނެތިގެން މިއުޅެނީ މާދަމާ ފުރުވާލަން ވެގެން"

ޝާމިން ވާހަކަ ދެއްކީ ރީހާނާއެވެ. ނަމަވެސް ޝާމިންގެ ވިސްނުމާ ރީހާންގެ ވިސްނުން މުޅިން ތަފާތެވެ.

" ޝެރީނަށްވުރެ ބޮޑަށް އަސަރުކުރާނީ މުނާއަށޭ! އެދުވަހު އޭނަ އިމޯޝަނަލް ވެގެން ޝެރީންގެ މަންމަ ކުރިމަތީ ހުރިހާ ވާހަކައެއް ދެއްކުނީ! މަށަށް ދެރައީ ޝާމިން އެއްބަސްވީމަ! "

" ރީހާނަށްވެސް މަ ދޯ ކުށްވެރިވީމި! ދަރިއެއްގެ ފުރާނަ އަތްމައްޗަށްލައިގެން އައިސް މަ ކައިރީ ސަލާންޖެހީ! އަހަރެންގެ ދިރިއުޅުމަށް މިހާ ބޮޑު އިންޤިލާބެއް އައީމަ އަހަންނަށްވެސް ކަންތައް ކުރާނީ ކިހިނެއްކަމެއް ނޭނގުނީ! ދެން ކޮންމެ ގޮތެއްވިޔަސް މިއޮތީ ހުރިހާކަމެއްވެ ނިމިފަ! މިހާރު މަ ބޭނުންވަނީ ހަމަޖެހިގެން ދިރިއުޅެން.."

ޝާމިންގެ ވާހަކަ ހުރިގޮތުން އިތުރަށް އެއްޗެއް ބުނާކަށް ރީހާންއަކަށް ނުކެރުނެވެ. ބިޒީ ވެއްޖެ ކަމަށްބުނެ ރީހާން ފޯން ބޭއްވީ ފައިހާ ގުޅަން ފެށުމުންނެވެ.

" ލޯބިވެސް އަދި އެގޮތަށް އެހެން މީހަކާ އިނދެފާނަންތަ؟ "

ފައިހާ ހީލަމުން އެހިއެވެ.

" މަ؟ މަށަކީ ޝާމިން ކަހަލަ ނުވިސްނޭ މީހެއްނޫނޭ! ދެއަތްނބަށް އިނުމަކީ ވަރަށް ރަނގަޅުކަމެއް! އެކަމަކު ތަފާތު ކޮށްގެން ނުވާނެ! ހަމަހަމަ ކުރެވެންޖެހޭނެ. ޝާމިން ފަކީރަށް އެއުޅެނީ އަދި އެވަރުވެސް ނުވެގެން. މަށަކަށް ނުވާނެ ގައިމުވެސް."

" ތިހެން ބުނާނީ.. ކާކު ހީކުރާނީ ޝާމިން އެގޮތަށް ކަންތައް ކުރާނެޔޭ! އެކަމަކު އެއުޅެނީ މުނާ ރަށަށް ފޮނުވާލަން. އަދި ދަރިފުޅަށްވެސް އަހަރު ނުވޭ. ކިހާ ގޯސް.."

ދެރަވެލާފައި ފައިހާ ވާހަކަ ދެއްކިއެވެ.

" ޝާމިންގެ މަޖުބޫރީ އެނގޭނީ ހަމަ އޭނައަށް. އޭނަ ބޯ ހަލާކުވެގެންނޭ އެއުޅެނީ މިހާރު. މުނާ ރަށަށް ފޮނުވާލައިގެންވެސް އޭނަ އެއުޅެނީ ދެއަނބިންވެސް ގެންގުޅެވޭތޯ ކަންނޭނގެ! ދެން އެވާހަކަ ބާއްވަމާ! ގުނާލަބަލަ އަހަރެން މާލެ ދާން ކިތައް ދުވަސްތޯ އޮތީ."

ރީހާންގެ ވާހަކައިން ފައިހާއަށް ބާރުބާރަށް ހެވުނެވެ. ކޯސް ނިންމާފައި ރީހާން މާލެ އަންނަ ދުވަސް ކައިރިވާ ވަރަކަށް ފައިހާ ދެކެމުން އަންނަ ހުވަފެންތައް ގިނައެވެ. ދެމީހުން އެކުގައި ވަގުތު ހޭދަކުރެވޭނެތީ އޭނާ ހުންނަނީ ނުހަނު އުފާވެފައެވެ.

ބަންދުކޮށްފައިވާ ފޮށިތައް ސިޓިންގރޫމަށް ނެރުމަށްފަހު ޝާމިން ކޮޓަރިއަށް ވަނެވެ. އޭރުވެސް މުނާ އިނީ އެނދުމަތީގައެވެ. ޝާއިނާ ގޮވައިގެން ސޮފާވެސް ހުރީ ސިޓިންގރޫމްގައެވެ.

" ދެން ހިނގާ ނިކުންނަން ދާން! "

ޝާމިން އެހެން ބުނުމުން އިސް އުފުލާ މުނާ ބަލާލިއެވެ.

" އަހަރެމެން ރަށަށް ތި ފޮނުވާލަނީ ޝާމިންއަށް ކޮން އުފަލެއް ނުލިބިގެން؟ " ދެރަވެފައި މުނާ އަހާލިއެވެ. މުނާގެ ސުވާލުން ޝާމިންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް އޭނާ އަދިވެސް ހުރީ މުނާދެކެ ރުޅިއައިސްފައިކަން މުނާއަށް އެނގެއެވެ.

" ފަހަރެއްގަ މުނާއަށް އޮޅިފައި އޮވެދާނެ މިވީ ދުވަސްތަކުގައި މުނާއަށް އުޅެވުނު ގޮތް.. އަހަންނާމެދު ޝައްކުކޮށް އަހަންނާ ކުރެވުނު ޒުވާބުތައްވެސް. ވިސްނައިދީދީ ކޮޅުންނުލީ! މުނާއަށް ލިބެންޖެހޭ އެއްވެސް އެއްޗެއް މަދުވެފައެއް ނޯންނާނެ! ލޯބި އުނިކޮށްފައެއް ނޯންނާނެ! އެކަމަކުވެސް މުނާގެ ކަމަކީ އަބަދުވެސް މަގޭ ނޮޅާކެއުން.. މުނާދެކެ ފޫހިވާންފަށާފާނެތީ އަހަރެންވެސް ބިރުގަނޭ.. ފަހަރެއްގައިވެސް މަގޭ ދަރިފުޅާ ދުރަށްދާކަށް އަހަރެން އަމުދުން ބޭނުމެއްނޫން. އެކަމަކުވެސް އަހަންނަށް މި ނޫންގޮތެއްނެތް ދެން.."

އެހެން ބުނުމަށްފަހު ޝާމިން މުނާއަށް ފުރަގަސްދިނެވެ. އެއާއެކު މުނާ ޝާމިންގެ ގައިގައި ބައްދާލިއެވެ.

" އަހަރެން މަތިން ހަނދާންނައްތާ ނުލައްޗޭ! "

ރޮވިފައި މުނާ ބުނެލިއެވެ. އެއާއިއެކު މުނާގެ އަތުގައި ހިފާ ފިތާލަމުން ޝާމިން އެއަތަށް ބޮސްދިނެވެ.

" ކޮންމެވެސް ދުވަހަކުން މުނާއަށް ވިސްނޭނެކަމަށް އުއްމީދުކުރަން! "

ޝާމިން މުނާގެ އަތުން ދޫކޮށްލުމާއެކު މުނާ ހިނގައިގަތެވެ.

ކާރުގައި އިން އިރުގައިވެސް ކުޑަކުޑަ ޝާއިނާއަށް އިރުއިރުކޮޅުން ޝާމިން ބޮސްދެމުންދިޔައެވެ. ފުރާނަފަދަ ދަރިފުޅާ ދުރަށްދާންޖެހޭތީ އޭނާގެ ހިތް ރޮމުންދެއެވެ.

" އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލައްޗޭ! ޗުއްޓީ ލިބުނުހާ އަވަހަކަށް ދާނަން.." މުނާގެ ބޮލުގައި ފިރުމާލަމުން ޝާމިން ބުނެލިއެވެ. ޝާމިންއަށް ރަށަށް ނުދެވޭނެތީވެ ސޮފާގެ ފިރިމީހާ އެމީހުން ބަލާ އައިސް ހުއްޓެވެ.

" ދެވުނީމަ ބޭބެއަށް ގުޅާތި! "

ސޮފާ ބަލާލުމާއެކު ޝާމިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ޝާމިންއާއި ދިމާލަށް ބަލާވެސް ނުލާ މުނާ ގޮސް ސީޓުގައި އިށީނެވެ. އެންމެ ފަހު ފަހަރަށް ޝާއިނާގެ ކޮލަށް ބޮސްދިނުމަށްފަހު ސޮފާގެ ފިރިމީހާއަތަށް ދިއްކޮށްލަމުން ޝާމިން ލޯންޗުން ފޭބިއެވެ. އެއާއެކު ލޯންޗް މާލޭ ފަޅުން ނިކުންނަން މިސްރާބުޖެހިއެވެ.

ގެއަށް އައިސް ވަދެވުމާއެކު ޝެރީން ގުޅަން ފެށިއެވެ.

" ރޭގަ ދިޔަ ގޮތަށް ހަބަރެއް ނުވީމަ މިގުޅާލީ؟ އަނެއްކާ ހިތްހަމަ ނުޖެހިފަތަ؟ "

" އަހަރެން ދަންތަ ތިގެއަށް؟ " ޝެރީންގެ ސުވާލަށް ޖަވާބު ދިނުމެއްނެތި ޝާމިން އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު ޝެރީނަށް ހިނިތުންވެލެވުނެވެ.

" ތިހެން ނާހާވެސް ޝާމިންއަށް މިގެއަށް އާދެވޭނެއެއްނު.. "

ޝާމިން އަންނަ ވާހަކަ ބުނުމުން ޝެރީން އަވަސް އަވަހަށް ތައްޔާރުވާން ފެށިއެވެ. ފުށްޖަހާލާ ސެންޓް ބުރުވާލިއެވެ. ތާޒާވެލުމަށްފަހު ސިޓިންގރޫމަށް ނިކުތުމާއެކު ޝާމިން އައިސް ވަނެވެ.

" ޝާމިން؟ ކިހިނެއްވެފަ ތިހުރީ ؟ "

އުދާސްވެ، މާޔޫސްވެފައި ހުރި ޝާމިން ފެނުމާއެކު ޝެރީންއަށް ބުނެލެވުނެވެ. އައިގޮތަށް އައިސް ޝާމިން ސޯފާގައި އިށީނެވެ. ފިނި ފެންތައްޓެއް ހިފައިގެން އައިސް ޝެރީން ދިއްކޮށްލިއެވެ.

" ބުނެބަލަ! ކަމެއްވީތަ؟ ކުޑަމީހާއަށް ކަމެއްވީތަ؟ "

ޝެރީން ސުވާލަކަށް ފަހު ސުވާލެއް ކުރަމުންދިޔައެވެ. އެވަގުތު ޝާމިން ފެން ކޯވަރެއް ދަމާލުމަށްފަހު އެތެރެހަށި ފިނިކޮށްލިއެވެ. ކުޑަކޮށް ހަމަޖެހިލުމަށްފަހު ކަންތައްވީ ހުރިހާ ގޮތެއް ޝެރީންއަށް އޭނާ ކިޔައިދިނެވެ.

" އެކަމަކު ޝާމިން ތިހެން ހަދާކަށް ނުވާނެއެއްނު! ޝާމިންގެ ދަރިފުޅާ ދުރަށް ދާން ތި ޖެހުނީ އަހަންނާހެދިދޯ ؟ "

ޝެރީން އަވަސް އަވަހަށް އެހިއެވެ. ޝާމިންއަށް އަދިވެސް އެއްވެސް އެއްޗެއް ނުބުނެވުނެވެ.

" ދެން.. ވާހަކަދައްކަބަލަ! އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނޭ ޝާމިން.. އަހަންނާ ހެދި ދޯ ތި ދިރިއުޅުން ހަލާކުވަމުން ތިދަނީ ؟ ބުނެބަލަ"

" ޝެރީން އަމިއްލައަށް ތި ސުވާލުގެ ޖަވާބު އެނގޭނެ! ސިކުނޑި ސުމަކަށް ދިޔައީމަ ހެދޭ ނެހެދޭއެއް ނޭނގޭނެ އެއްނު! މުނާއަކީ މީގެ ކުރިން މަގޭ ކުރިމަތީ ޗުއްޕުވެސް ބުނާ މީހެއްނޫން. އެކަމަކު އަަހަރެން ޝެރީންއާ މެރީ ކުރިފަހުން މުނާއަށްވެސް ހަމަޖެހުމެއް ނުލިބޭ! އަސްލު އަހަންނަކަށްވެސް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބޭ! މިދުނިޔޭގަ މުނާގެ ހުރީ އަހަރެން އެކަނި. މިއަދު އަހަންނާ ވަކިވެގެންވެސް އޭނަ ދާނީ ވަކިކޮންތާކަށް؟ އެހެންވެގެންވެސް ކޮންމެ ޙާލަކަށްވެސް މުނާ ކެތްކުރާނެ! "

އެހިސާބަށް ބުނެވުމާއެކު ޝާމިންގެ ދެލޮލުން ފެންތައް ފައިބައިގަތްތަން ޝެރީންއަށް ފެނުނެވެ. ފެންނަކަމަށް ނަހަދާ ޝެރީން އިނީ ޝާމިންގެ ވާހަކަތައް އަޑުއަހަން އިސްޖަހައިގެންނެވެ.

" އަހަރެން އަދިވެސް މުނާދެކެ ވަރަށް ލޯބިވޭ! އެކަމަކު މި ކަންތައްގަނޑުގެ ތެރެއިން އަހަންނަށް ވަރަށް ބޮޑަށް އޭނަ ދެރަކުރެވިއްޖެ! ދުރުވެސް ކުރެވިއްޖެ! އަހަންނަށް މަޢާފްކުރޭ ޝެރީން. މިވާހަކަތައް ދައްކައިގެން ޝެރީން ހިތުގައި ޖައްސާކަށްވެސް ބޭނުމެއްނޫން. "

" މާބޮޑަށް ނުވިސްނާ ޝާމިން! އިންޝާﷲ ހުރިހާ ކަމެއްވެސް ވަރަށް އަވަހަށް ހަމައަކަށް އެޅިދާނެ! ދާންވީނު އޮށޯވެލަން. ކުޑަކޮށް ނިދާލެވުނީމަވެސް ސިކުނޑިއަށް ލުއިވާނެ! ކޮޓަރިއަށް ގޮސްލާ! އަހަރެން މިތާ މަޑުކޮށްލާނަން. "

ޝެރީން އެހެން ބުނުމުން ޝާމިން މަޑުމަޑުން ތެދުވެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.ޝާމިން ދިޔުމާއެކު ޝެރީން ފުންމައިގެން ތެދުވެ ލަތީފްއަށް ގުޅިއެވެ. އަދި ވަރަށް އަވަހަށް އައިސް ދިނުމަށް އެދުނެވެ.

" އަހަންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއް ނޫނޭ! މީހެއްގެ ދިރިއުޅުން ހަލާކުކޮށްފަ އަހަންނަކަށް ވަކި އުފަލަކު ނޫޅެވެއެއްނު! އަންކަލް ބުނެބަލަ އަހަންނަށް ލިބޭ އުފަލެއް އޮވޭތަ؟ "

" ދަރިފުޅަށް ރަނގަޅު ގޮތަކަށް ވިސްނަންވާނީ! ޝާމިންއަކީ މީހެއްގެ ފިރިއެއްކަން އެނގި ހުރެ އެއްނު މެރީ ކުރީވެސް. "

ލަތީފް ވާހަކަ ދެއްކީ އޯގާތެރިކަމާއެކުއެވެ. ޝެރީން އިނީ ލަތީފްގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުރިމަތީގައި ދުން އަރައަރާހުރި ކޮފީތަށި ނަގާ ޝެރީންއަތަށް ދިއްކޮށްލަމުން އަނެއްކާވެސް ވާހަކަ ދެއްކީ ލަތީފެވެ.

" ދެން ދަރިފުޅު ތިއުޅެނީ ޝާމިން ގާތުން ވަރިވާންތަ؟ "

" ވަރި؟ އަންކަލް... އަހަންނަށް ޝާމިން ލިބިފައިވެސް ގެއްލެނީތަ؟"

ދެރަވެލާފައި ޝެރީން އަހާލިއެވެ. ޝެރީންގެ ޙާލަތު ގޯސްވެދާނެތީ ލަތީފް އިނީ ވަރަށް ކަންބޮޑުވެފައެވެ. އެހެންކަމުން އޭނާ ބެލީ ޝެރީންއަށް ނަޞޭޙަތް ދެވޭތޯއެވެ.

" އަދިވެސް އެއީ ޝެރީންގެ މީހެކޭ! ދިރިއުޅެންވާނީ އުފާވެރިކަންމަތީ! ހިތްދަތިކަމާ ހިތާމަައިގައި ދިރިއުޅުމަކީ އެއްވެސް މީހެއް އުޅެން ބޭނުންވާނެ ގޮތެއް ނޫން! "

" އަހަރެން އުފަލެއްނުވެ! ބައެއް ފަހަރު ހީވޭ ޝާމިން ލޯބިވަނީ އަހަރެންދެކެއޭ! އެކަމަކު އަސްލު އޭނަ ލޯބިވަނީ ހަމަ މުނާދެކެ! މިހާރު އޭނަ ދެރަވެގެން އުޅެނީ ދަރިފުޅާ ދުރަށް ދާންޖެހުނީމަ. އަސްލު އެއީ އަހަންނާހެދި. އަހަންނާހެދި ޝާމިންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހުނީ. އަންކަލް އަހަރެން ބޭނުން ވަރިވާން. އަހަރެން ބޭނުމީ ޝާމިންގެ ޙަޔާތުން ދުރަށްދާން.."

ޝެރީން އެހެން ބުނުމަށްފަހު ގަދަކަމުން ހިނިތުންވެލިއެވެ.

" ތީ ހަމަ ދަރިފުޅު ހަމަޖެހިގެން ބުނާ އެއްޗެއްތަ؟ "

ޤަބޫލު ނުކުރެވޭޙާލު ލަތީފް ދެފަހަރު ސުވާލުކުރިއެވެ.

" އާނއެކޭ އަންކަލް! ޝާމިންގެ ހައްޤުގައި އަހަރެންގެ ހުރިހާ އުފަލެއް ޤުރުބާންކޮށްފާނަން! ޝާމިން ބޭނުންވަނީ ޝާމިންގެ ދަަރިފުޅާއެކު އުފަލުގައި އުޅެން. އެފުރުޞަތު އަހަރެން އޭނައަށް ދޭން ބޭނުން. އަހަންނާހެދި ޝާމިން މިތާ ބަންދުވެފައި ހުންނާކަށް ބޭނުމެއް ނޫން އަންކަލް! "

އެހެން ބުނުމަށްފަހު ޝެރީން މަޑުމަޑުން އޭނާގެ ބަނޑުގައި އަތްޖައްސާލިއެވެ.

" ޝާމިންއަކަށް ނޭނގޭނެ! އަހަރެންގެ ބަނޑުގައިވެސް މިވަނީ ޝާމިންގެ ދަރިއެއް! ޙަޔާތުގެ ބާކީބައި މި ދަރިފުޅާއެކު ޝާމިންގެ ހަނދާނުގައި އަހަރެން ދިރިއުޅެދާނަން. "

" ވަޓް؟ ވަޓް؟ ދަރިފުޅު ބަނޑުބޮޑީތަ؟ "

" އާނ! އެއްވެސް މީހަކަށް ނޭނގޭނެ! ޚުދު ޝާމިންއަކަށްވެސް ނޭނގޭނެ މިކަމެއް! އަންކަލްވެސް މިކަން ސިއްރުކޮށްދީ! އަހަރެންގެ ވިސްނުން ބަދަލުކޮށްލުވީ މި އުފާވެރި ޚަބަރު! އެކަމަކު ޝާމިންއަށް މިކަމުން ލިބޭނީ އިތުރު ހިތް ނުތަނަވަސްކަމެއް. އަހަރެން ބޭނުމެއްނޫން އެހެންވާކަށް.. އަހަރެން ޝާމިން ދެކެވާ ލޯބީގެ ޙައްޤުގައި ފިރިއެއްގެ ލޯބިން މި މަޙްރޫމްވަނީ! އަދި މި ދަރިފުޅު ބައްޕައެއްގެ ލޯބިންވެސް މަޙްރޫމް ކުރުވަނީ.. އެއީ.. އެއީ އަހަރެމެން ގާތު އުޅެގެން ޝާމިންއަށް އުފަލެއް ނުލިބޭނެ! "

ޝެރީންގެ ވާހަކަތައް އަޑުއަހަން ލަތީފް ހުރީ ފެންކަޅި ވެފައެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (ފަހުބައި)

ސިލްސިލާ ވާހަކަ: ޙައްޤުގައި (ފަހުބައި)

(ނިމުނީ)