" މުނާއަށް ނޭނގުނަސް އަހަރެން މުނާދެކެ ހާދަ ލޯބިވެޔޭ! "
ޝާމިން އަނެއްކާވެސް ބުނެލިއެވެ. އަދި މުނާގެ އަތުގައި ހިފާލުމަށްފަހު ބޮސްދިނެވެ.
" އެކަމަކު އެ ލޯތްބާއި އެ އުފާތައް ދެބަޔަށް ބަހަން އަހަންނަށް މަޖުބޫރުވެއްޖެ މުނާ! އަހަރެން ކިހިނެއް ހަދާނީ ؟ "
ޝާމިން މުނާގެ ކޮނޑުގައި މޫނު ޖައްސާލުމާއެކު މުނާ އޭނާގެ ބޮލުގައި ފިރުމާލިއެވެ.
" ޝެރީން ވަރިކުރޭ! " ފަސޭހަ ކަމާއެކު މުނާ ބުނެލި ޖުމްލައިން ޝާމިން ސިހުނެވެ. އަދި ބާރުބާރަށް އެނދުން ތެދުވެ މުނާއަށް ފުރަގަސްދިނެވެ.
" ތިކަން ކުރެވޭ ވަރަށް ވުރެ އެމީހުންގެ ކުރިމަތީގަ އަހަރެން ނިކަމެތި! އެކަން މުނާއަށް އެނގޭނެ! އަހަރެން މިހާ ލޯބިން މުނާގާތު އަހަރެން މިހުރި ޙާލަތު ކިޔައިދިނީމަވެސް މުނާ ބުނެލަނީ ބޭނުން އެއްޗެއް! ކީއްވެތަ ނުވިސްނެނީ! އަހަރެން އޭނަޔާ އޭނަ ރީތިކަމުން އޭނަޔާ ހިތާވެގެންނެއް ނޫނޭ! ލޯބިވެގެން ދީވާނާ ވެގެން އިންނަމަ މިއަދު އަހަރެން މިގޭގަ ނުހުރީސްދޯ! "
ޝާމިން އެނބުރި މުނާއާ ދިމާލަށް ބަލާލިއިރު މުނާވެސް ހުރީ ކޮޅަށް ތެދުވެއެވެ. އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
" އެހެންވިއްޔާ އަހަރެން ވަރިކުރޭ! " މުނާ އެހެން އެބުނީ ރުޅި އައިސްގެންކަން ޝާމިންއަށް އެނގެއެވެ. އެހެންކަމުން އޭނާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ.
" އަހަރެން ކަންތައް ކުރަންވީގޮތް އެނގޭނީ އަހަންނަށް! އަހަންނާ މުނާގެ ދެމެދަށް ޝެރީން ގެނުވީ މުނާ! އެތަނަށް ގޮސް އަހަރެން އެމީހުން ގާތަށް ދޫކޮށްލާފަ އައީ ކީއްވެ؟ އެދުވަހު ގަދަ ބަހުން ބުނިނަމަ ތިމަންނަ ޤަބޫލެއް ނޫނޭ! ބުނި ނަމަ ކަލޭމެންގެ ދަރި ކަލޭމެން ހިފަހައްޓާށޭ! ތިމާ ވަރުގެ މީހަކު ނެތްކަމަށް ވަގުތުން ރުހި ޤަބޫލުވެގެން މަށަށް ވުރެ ކުރިން ކާރަކަށް އަރައިގެން ނައްޓާލީނު! މީހަކު މަރުވާން ދޫކޮަށްލަން މުނާއަށް ނުކެރުނު އިރު މަށަށް ވަކި ކެރޭނެތަ؟ އެމީހުން ރޮއިރޮއި ތިއްބާ މަށަށް ވަކި ކެރޭނެތަ؟ މުނާ އެހެން ބުނެފަ ދިޔައީމަ މިހިތުގައި އިންސާނިއްޔަތުކަން ކެކިއަރަން ފެށި! މަ އޭނަ ދެކެ ލޯބިވެގެން އޭނަޔާ ހިތާވީނަމަ ބާލީގަ ވެސް މަށަށް އެކަން ކުރެވުނީސް! އަހަންނަށް ރަނގަޅީ މުނާ ދެން ގޮތް ދޫކުރިއްޔާ! އުއްމީދު ކުރަން އަހަރެން ޝެރީނާ އިން ސަބަބު ދެން އިތުރަށް ކިޔައިދޭން ނުޖެހޭނެކަމަށް! "
މުނާ ދައްކަން އުޅޭ ވާހަކަ އަޑުއެހުމެއް ނެތި ޝާމިން ނިކުމެގެން ދިޔައީ ސިޓިންގ ރޫމަށެވެ.
އަޞްރު ނަމާދުކޮށްލުމަށްފަހު ފައިހާ އަވަސްވެގަތީ ރީތިވާށެވެ. އަތުގައި ހުރި ހެދުންތައް ބަލަބަލާފައި އޭނާއަށް އެންމެ ރީތި ކްރީމްކުލައިގެ ހެދުމާއި ޝޯލް ނަގާ އިސްތިރިކުރަންފެށިއެވެ.
" ދަރިފުޅު ދެން ހަޑިނުވައްޗޭ! މާބޮޑަށް ފުމެންޏާ ހޫނުވާނެ! ރީތިކޮށް އިނދޭ ގޭމް ކުޅެން.." އާލް ފޫހިވެގެން އުޅޭހެން ހީވެގެން ފައިހާ ބުނެލިއެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ފައިހާ ނިކުތްއިރު ކާގެބައިން މީހުން ވާހަކަ ދައްކާ އަޑުއިވެމުންދެއެވެ. އާލްގެ އަތުގައި ހިފައިގެން ލަސްފިޔަވަޅުތަކެއްގައި ގޮސް ކާގެ ދޮރުމައްޗަށް އެރުމާއެކު އެންމެ ފުރަތަމަވެސް އޭނާއަށް ބަލާލީ ރާމިޒާއެވެ.
" އަހަނ ދަރިފުޅާ! އަވަހަށް އާދޭ! މިތިބީ މަންމަ އާއި ބައްޕަގެ އެކުވެރިން.. "
ވާހަކަ ދައްކަމުން އައިސް ފައިހާގެ ބުރަކަށީގައި އަތްޖައްސާލަމުން ރާމިޒާ ހުއްޓުނެވެ. އެއާއިއެކު ކާމޭޒުކައިރީގައި ތިބި މީހުންނާ ދިމާލަށް ލަދުރަކި ހިނިތުންވުމަކާއެކު ފައިހާ ބަލާލިއެވެ. އެއާއިއެކު އޭނާގެ ރީތި މޫނުމަތީގައިވާ ހިނިތުންވުން ގެއްލޭކަށް މާގިނަ އިރުތަކެއް ނުނެގިއެވެ. ދެލޮލަށް ޖަމާވަމުންދާ ކަރުނަތައް ލޮލުތެރޭގައި ހިފަހައްޓާލައިގެން ހުރީ ކެތްކުރެވިގެންނެއްނޫނެވެ.
ކުރިމަތީގައި އެތިބީ އޭނާގެ ލޯބިވާ މައިންބަފައިންނެވެ. އެތައް ދުވަހަކަށް ފަހު އެމީހުން ފެނުމުން ފައިހާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ޤަބޫލުުކުރަން ދަތިވ،ެ ފައިހާގެ މޫނަށް ބަލަން ތިބި އޭނާގެ މައިންބަފައިންގެ ދެލޮލުންވެސް ކަރުނަ ފައިބަމުންދާތަން އޭނާއަށް ފެނުނެވެ. އެހިނދު އެތަނުގައި ތިބި އެހެން މީހުން އެކަކު އަނެކަކުގެ މޫނަށް ބަލަމުންދިޔައީ ވާނުވާ އޮޅުންފިލުވަން ބޭނުންވާ ޙާލުގައެވެ.
އާލްގެ އަތުން ދޫކޮށްލުމަށްފަހު ފައިހާއަށް ކުރިއަށް ހިނގައިގަނެވުނެވެ. ބާރުބާރަށް ގޮސް އޭނާގެ މަންމަގެ ގައިގައި އޮޅުލައިގަނެވުނެވެ. ފައިހާގެ ބައްޕަ އައިސް އާލް އުރާލާ ކޮލަށް އެތައް ފަހަރަކު ބޮސްދީ ހެދިއެވެ.
" މީ އަޅުގަނޑުގެ ކާފަ ދަރިފުޅު.." ފައިހާގެ ބައްޕަ އަމްޖަދުވެސް އޭރު ހުރީ އުފަލުން ރޮވޭ ވަރުވެފައެވެ. އެހިސާބުން ފައިހާއަކީ އެމީހުންގެ ދަރިއެއްކަން އެންމެންނަށް ހާމަވިއެވެ.
" އަޅުގަނޑުގެ އެންމެ ހަގު އަންހެން ދަރިފުޅުމީ.." ރިޒާއާ ދިމާލަށް ބަލަހައްޓައިގެން ހުރެ އަމްޖަދު ބުނެލިއެވެ. ރައްދުގައި ރިޒާވެސް ހީލިއެވެ.
ފައިހާގެ ބައްޕައަކީ ރީހާންގެ ބައްޕަ ރިޒާގެ މުވައްޒަފެކެވެ. އަމްޖަދު މަސައްކަތްކުރަނީ ރީހާންމެންގެ ކުންފުނީގައިކަންވެސް ފައިހާއަށް އެނގުނީ އަދިކިރިޔާއެވެ.
" އަމްޖަދުގެ ދަރިފުޅު ރިޒާގެ ދަރިފުޅާ ކައިވެނި ކުރި އިރު އަމްޖަދަކަށް ނޭނގުނުތަ ހަމަ؟ "
އެތަނުން މީހަކު ބުނެލިއަޑު ރިޒާއަށް އިވުނެވެ. އޭނާގެ ދަރިފުޅުގެ ދިރިއުޅުމުގެ ވާހަކަތައް ގޯސްގޮތަކަށް ފެތުރިގެން ހިނގައިދާނެތީ ރިޒާގެ ހިތް ނުތަނަވަސްވިއެވެ. ރީހާންއާ ފައިހާގެ ދިރިއުޅުމާމެދު އެހާ ދަށުދަރަޖައަކަށް އެހެން މީހުން ވިސްނުމަކީ ރިޒާ ބޭނުންވާ ގޮތެއް ނޫނެވެ. އެހެންކަމުން ރިޒާގެ ވިސްނުމުގައި ހުރީ ކަންތައްވީގޮތް އެންމެންނަށް ކިޔާދޭށެވެ.
" އާދެ! ނޭނގޭނެ! ފައިހާ ވަލީ ހޯދީ ކޯޓު މެދުވެރިކޮށް! އާލްގެ ބައްޕަ އާއި ފައިހާ ކައިވެނީގެ ގޮތުން ގުޅުނީ އަމްޖަދުގެ ނުޤަބޫލުގައި! އެހެންވެ އެކައިވެނި ރޫޅުނީމަ ދެރަވެގެން މައިންބަފައިން ކުރިމައްޗަށް ދާން ނުކެރިފަ ފައިހާ ހުރީ! އަމްޖަދު! އަހަރެން މިއަދު ވަރަށް އުފާވެެއްޖެ! ދެން މާޒީ ހަނދާން ނައްތާލާފަ އުފާވެރިކަމާއެކު ކުރިއަށްދާން މަސައްކަތްކުރާނީ! އަހަރެމެން ބޭނުންވަނީ އެ ދެކުދިންނަށްޓަކާ އެންމެންގެ ހެޔޮދުޢާ! "
ރިޒާގެ ވާހަކަތަކުން އެންމެންގެ މޫނުމަތިންވެސް އުފާވެރިކަން ގެނުވިއެވެ. އެތައް ދުވަހަކށް ފަހު މައިންބަފައިންނާ ބައްދަލްވުމުން ފައިހާއަށްވެސް ވަނީ ބަޔާންކުރަން ދަތި އުފަލެއް ލިބިފައެވެ. އޭނާ މަންމަގެ އަތުން ދޫވެސްކޮށްނުލައެވެ.
" ޝެރީން ވަރި ނުކުރިޔަސް އޭނައަށް ހިތްދަތިކަންދޯ ލިބޭނީ ؟"
ފެންވަރައިގެން ނިކުތް ޝާމިންއާ ދިމާއަށް މުނާ ބުނެލިއެވެ. އެއާއިއެކު ޝާމިންއަށް ދެފަރާތަށް ބޯހުރާލެވުނެވެ.
" އަނެއްކާވެސް އެވާހަކަ ފެށުނީދޯ! މިހާރު ކިތައް ފަހަރު ބުނާނީ އަހަންނާ އޭނަޔާ ދެމެދު އެއްވެސް ގުޅުމެއް ނޯންނާނޭ! ދެން މުނާ އަބަދު އަބަދު ތިވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައިތަ؟ އަހަރެން ބުނެފީމެއްނު އޭނަ ވަރިއެއް ނުކުރެވޭނެޔޭ! ދެން މަ ގާތު ތިކަހަލަ ވާހަކަ ދައްކަން ނަހަދާ މުނާ! އަހަރެން މުނާ ދެކެ ފޫހިވާން ފަށާފާނެ! މިއަދުވެސް މަށަށް މުނާއާ ދިމާލަށް އަޅެ އެއްޗެހި ކިޔުނު؟ އެއީ އަހަރެން ބޭނުންވާ ގޮތެއް ނޫނޭ މުނާ "
އަތަށް ލޯޝަންފުޅި އޮއްސާލަމުން ޝާމިން ވާހަކަ ދައްކަމުން ދިޔައެވެ. ޝާއިނާއަށް ބުއްފުޅި ދޭން އިން މުނާ އިތުރަށް އެއްޗެއް ނުބުނެ އިނީ ޝާމިންގެ ބާރު އަޑުން ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.
" އަހަރެން މިދަނީ ބޭރަށް! ރައްޓެއްސަކާ އެކު ކޮފީއަކަށް ދާންވެގެން..! ކަމެއް ބޭނުންވިޔަސް ގުޅާލާތި! "
އަތުކުރީގައި ގަޑި އަޅާލަމުން ޝާމިން ދޮރާއި ދިމާއަށް ހިނގައިގަތެވެ.
ބޭރަށް ނިކުމެ ސައިކަލް މައްޗަށް އެރުމާއެކު ޝާމިންގެ ފޯން ރިންގްވާން ފެށިއެވެ. ޖީބުން ފޯންނަގާ ބަލާލުމާއެކު އޭނާގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. ގުޅަނީ ލަތީފެވެ. ނުނަގަން ހުރެފައިވެސް އޭނާ ފޯން ނެގީ ޝެރީންއަށް ކަމެއްވީބާއޭ ހީކޮށެވެ.
" ޝާމިން ބިޒީ ގަޑިއެއްތަ؟ "
ލަތީފް ހުރީ ވަރަށް ހަމަޖެހިލާފައެވެ. އެހެންކަމުން ޝާމިންގެ ހިތުގައި އުފެދިފައިވާ ބިރު ކޮންމެވެސް ވަރަކަށް ފިލައިގެން ދިޔައެވެ.
" ނޫން.. ނޫނޭ އަޅުގަނޑު .... "
" ގޭގަދޯ! ޝެރީން ބުންޏޭ ގެއަށް ގޮސްލާވެއްޖެޔޭ! މިގުޅާލީ ބިޒީ ނޫނިއްޔާ މިކޮޅަށް ޖައްސާލާށޭ ބުނަން ވެގެން! ޝެރީންގެ ބައްޕަވެސް ބޭނުންވެލައްވައިގެން އަސްލު މިގުޅާލީ! "
ލަތީފް އެހެން ބުނުމުން ޝާމިން ބޭނުންވީ ޝެރީންގެ ގެއަށް ދާށެވެ. މިދަނީއޭ ބުނެ އޭނާ މިސްރާބް ޖެހީ އެގެއާއި ދިމާލަށެވެ. ޝެރީންގެ ގެއަށް ގޮސް ވަތްއިރު ސޯފާގައި ތިއްބީ ޝެރީންއާ މައިންބަފައިންގެ އިތުރުން ލަތީފެވެ.
" ޝެރީން ބުނެފި ދުބާއީއަށް ނުދާވާހަކަ!" ޝެރީންގެ ބައްޕަ ޖައުފަރް ޝާމިންއާ ސުވާލުކުރިއެވެ. ބުނާނެ އެއްޗެއް ނޭނގިގެން ޝާމިން ބަލާލީ ޝެރީންގެ މޫނަށެވެ. އެވާހަކަތައް ޝެރީން ކިޔައިދިނީބާއޭ ހިތަށް އެރުމާއެކު އޭނާއަށް ޝެރީންދެކެ ރުޅިވެސް އާދެވުނެވެ.
" ޝާމިންގާތުވެސް އަޅުގަނޑު ބުނީމޭ މިދުވަސްކޮޅު ދާކަށް ބޭނުމެއް ނޫނޭ! ފަހުންވެސް ދެވިދާނެ އެއްނު! "
ޝެރީންގެ ވާހަކައިން، ޝާމިން ހީކުރިފަދަ އެއްވެސް ވާހަކައެއް އޭނާ ނުދައްކާކަން ޔަޤީންވިއެވެ. އެހެންކަމުން ޝާމިންވެސް ޝެރީނާ އެއްބައިވިއެވެ.
" ޝެރީން ބޭނުމެއް ނުވޭ މިހާރު ބޭރަށް ދާކަށް! "
" އެހެންވިއްޔާ ރާއްޖެތެރެއަށް ދާންވީނު؟ވަރަށް ރީތި ގެސްޓްހައުސްތައް ހުރޭ މިހާރު ރާއްޖެތެރޭގައިވެސް! ކައިވެނިކޮށްގެން އަބަދު ގޭގަ އިންނަންވީމަ ދަރިފުޅު ފޫހިވާނެއެއްނު! ޝާމިންއަކަށްވެސް އަބަދަކު މިގޭގަ ނުހުރެވޭނެތާ! ބައްޕައަށް ފެންނަނީ ދެތިން ދުވަހަށް ރާއްޖެތެރެއަށް ގޮސްލަން! "
ކޮންމެ ގޮތެއް ހަދައިގެންވެސް ޖައުފަރު ބޭނުންވަނީ ޝެރީން އާއި ޝާމިން އެހެންތާކަށް ފޮނުވާލާށެވެ. ޝާމިންގެ ހިތުގައި ޝެރީނަށްޓަކައި ލޯބި އުފެއްދުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ.
" އަޅުގަނޑު ވަރަށް ފޫހިވޭ ދަތުރުކުރަން! " ޝާމިން ނުދާނެކަން ޔަޤީންވާތީވެ، ޝެރީން އަވަހަށް ބުނެލިއެވެ.
" ބައްޕާ! މިދުވަސްވަރު ވަރަށް ރޯގާވެސް ބާރެއްނޫންތޯ! ދަތުރުކުރަން ހަދައިގެން އަނެއްކާ ބަލިވެސް ވެދާނެ! " ޝެރީން އަނެއްކާވެސް ބުނެލިއެވެ. އޭނާ ސިއްރުސިއްރުން ޝާމިންއަށް ބަލާލިތަން ޝާމިންއަށް ފެނުނެވެ. އެހެނަސް އެކަމާ ގުޅިގެން އެއްވެސް ވާހަކައެއް ދައްކާކަށް ޝާމިން ބޭނުމެއްނޫނެވެ.
" ދެން ދެކުދިން ބޭނުންވާ ގޮތެއް ނިންމާލާ! ބައްޕަ އަސްލު ޝާމިން މިގެނައީ އެހެން ބޭނުމަކު! "
ޖައުފަރު އެހެން ބުނުމަށްފަހު ސޯފާގެ ކުރިމަތީގައި ބަހައްޓާފައިވާ ބިއްލޫރި މޭޒާއި ދިމާއަށް އިޝާރާތްކުރިއެވެ. އެއާއެކު ލަތީފް އަވަސް އަވަހަށް މޭޒުމަތީގައި އޮތް ފައިލް ނަގާ ޖައުފަރުގެ އަތަށް ދިއްކޮށްލިއެވެ.
" އަހަރެންގެ ހުރި ހަމައެކަނި ދަރިޔަކީ ޝެރީން! އެހެންވެ އަހަރެންގެ ވިޔަފާރިއާ މުދަލާ މިގެއާ ހުރިހާ އެއްޗަކީވެސް ހަމަ ޝެރީންގެ އެއްޗެހި! މާދަމާ އަހަރެން ލޯމަރާލިޔަސް މި ހުރިހާކަމެއްވެސް ކުރާނީ ޝެރީންއާ ޝާމިން! އެހެންވީމަ ވިޔަފާރީގެ 25 ޕަސެންޓް ޝާމިންގެ ނަންމަތީގައި ރަޖިސްޓްރީކުރަން އަހަރެން ނިންމައިފިން! "
ޖައުފަރުގެ ޖުމްލަ ރަނގަޅަށް ނުނިމެނީސް ފުންމައިގެން ޝާމިން ތެދުވެއްޖެއެވެ. އަދި ހިތްހަމަ ނުޖެހޭ ރާގަކަށް ތަންކޮޅެއް ބާރަށް އޭނާ ވާހަކަ ދައްކަންފެށިއެވެ.
" މަޢާފްކުރައްވާ! ޝެރީންގެ ބައްޕަގެ ވިޔަފާރިއާ މުދަލުން އެންމެ ބައި ޕަސެންޓްވެސް އަޅުގަނޑު ބޭނުމެއްނޫން! އަޅުގަނޑު ޝެރީންއާ އިނީ މި މުއްސަނދިކަން ބޭނުން ވެގެންނެއް ނޫން! އެކަން އެންމެ ރަނގަޅަށްވެސް އިނގިލައްވާނީ ތި ބޭފުޅުންނަށް! މިގޭގަ ޝެރީން އެހުރީ ، ޝެރީންގެ މައިންބަފައިންގެ އެދުމުގެ މަތިން. އަޅުގަނޑުގެ އަތްނބަކު އިންނަންވާނީ އަޅުގަނޑު ދައްކާތާކު! އަދި އުޅެންވާނީވެސް އަޅުގަނޑުގެ ފެންވަރުން! "
ޝާމިންގެ ވާހަކަތައް މާ ދިގުވާން ފެށުމުން ޖައުފަރު އަތުގެ އިޝާރާތުން ހުއްޓާލުމަށް އެދުނެވެ.
" އަހަރެން ޝާމިންއަށް މިކަންތައްތައް ކޮށްދޭން މިއުޅުނީ ތީ އަހަރެންގެ ފިރެހެން ދަރިއެއްގެ ގޮތުގައި ދެކިގެން! އެއްވެސް ޙާލެއްގައި ޝާމިންގެ ފައިދާއެއް ނަގާކަށް ނޫން.."
" ބައްޕަގެ ނިންމެވުމަށް ދެކޮޅު ނަހަދާ ޝާމިން! "
އާދޭހުގެ ރާގަކަށް ޝެރީން ބުންޏެވެ. އެހެނަސް ޝާމިން ހުރީ އެކަމަށް އެއްބަސްވާ ގޮތަކަށް ނޫނެވެ.
" ސޮރީ ޝެރީން! އަހަންނަކަށް އެއްބަހެއް ނުވެވޭނެ! "
ޝާމިން އިންކާރު ކުރުމުން އިތުރަށް އާދޭސްކުރާކަށް ޖައުފަރު ބޭނުމެއްނުވިއެވެ. އެހެންކަމުން ފައިލް ހިފައިގެން ތެދުވަމުން އޭނާ ޝާމިންއާ ވާހަކަ ދެއްކިއެވެ.
" އަހަރެން ވަރަށް އުފާވާނެ އަހަރެން މީ ބައްޕައެއްގެ ގޮތުގައު ބަލައިގަންނަ ދުވަހަކުން.."
ގާތްގޮތަކަށް އެހެން ބުނުމަށްފަހު ޖައުފަރު ހިނގައިގަތީ ނިކުންނާށެވެ. އޭނާގެ ފަހަތުން ޝެރީންގެ މަންމަ އާއި ލަތީފުވެސް ދިޔައެވެ. އޭރުވެސް ޝެރީން އިނީ ސޯފާގައެވެ. އެމީހުން ދިޔުމުން ޝާމިން އިށީނދެލިއެވެ.
" ވިޔަފާރީގެ ޝެއަރ ނުދިނަސް އަހަރެންގެ އަތްނބެއްގެ ގޮތުގަ ޝެރީން ބައިންދާނޭ ބުނޭ ބައްޕަގާތު! އަހަރެން ޝެރީނާ އިނީ މުދަލާ ފައިސާއަކަށް ނޫން!"
" ދެން އެކަމާ އިތުރަށް ބަހުސް ކުރުމެއް ނެތެއްނުދޯ! ދެން އެވާހަކަ ހުއްޓާލަމާ! ކޮފީއެއް ގެނެސްދެންތަ؟ " އޯގާތެރިކަމާއެކު ޝެރީން އަހާލިއެވެ. ނޫނެކޭ ބުނުމުގެ ގޮތުން ޝާމިން ބޯހޫރާލުމުން ޝެރީން ވަރަށް ދެރަވިއެވެ.
" އަހަރެންގެ އަތުން ހަދާ ކޮފީތައްޓެއްވެސް ޝާމިންގެ އަރުން ނުދިރެނީތަ؟ "
" ނޫން! ރައްޓެއްސަކާއިއެކު ކޮފީއަކަށް ދަނިކޮށް ލަތީފް ގުޅީ! ދެން ދަނީ! "
ޝާމިން ހިނގައިގަތް ވަގުތު ޝެރީން އޭނާގެ އަތުގައި ހިފިއެވެ. އަދި އަސަރާއެކު ޝާމިންގެ ދެލޮލަށް ބަލަން ފެށިއެވެ.
" މިރޭ.. ކާން އާދެވިދާނެތަ؟ "
ނޫނެކޭ ބުނާކަށް ޝާމިންއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ބޯޖަހާލިއެވެ.
" ކިހާއިރަކަށް އަންނަންވީ ؟ "
ޝާމިން ދުރަށް ޖެހިލަމުން ބުންޏެވެ. އެއާއިއެކު ޝެރީންއަށް ޝާމިންގެ އަތުން ދޫކޮށްލެވުނެވެ. ޝާމިން ދުރަށް ޖެހިލީ އެގޮތް ބޭނުން ވެގެންކަން އޭނާއަށް އެނގުނެވެ.
" ދިހައެއް ޖަހާކަންހާއިރު އަޔަސް އޯކޭ ! "
ޝެރީންއާ ދިމާލަށް ބަލާވެސް ނުލާ އޯކޭ އޭ ބުނެ ޝާމިން ނިކުމެގެން ދިޔައެވެ. އެމަންޒަރު ބަލަން ޝެރީންއަށް ހުރެވުނީ ނުހަނު ދެރަވެފައެވެ.
ރޭގަނޑުގެ ވަގުތެވެ. ޝާއިނާ ނިންދަވާލާށޭ ބުނެ މުނާ ކާގެއަށް ދިޔައެވެ. ޝާމިންގާތު އެތައް ފަހަރަކު ކާން އެދުމުންވެސް ބަނޑުހައި ނުވާކަމަށްބުނެ އޭނާ ނުކައި މަޑުކުރީ ޝެރީން ކާން އައުމަށް އެދިފައިވާތީއެވެ. އެހެނަސް މުނާގާތު އެހެން ބުނާކަށް އޭނާއަކަށް ނުކެރުނެވެ.
" ނިދުނީތަ ޝައިއްކޮ؟ ގެނޭ އަހަރެންގެ އަތަށް. ދައްތަ ބުނީ ބޭބެ ދާށޯ ކާން! "
ސޮފާ އައިސް ޝާއިނާ އުރާލުމުން ޝާމިން ތެދުވެ ނިކުންނަން ހިނގައިގަތެވެ.
ސިޓިންގރޫމަށް ނިކުތުމާއެކު އޭނާއަށް ފެނުނީ ކާމޭޒުކައިރީގައި އިން މުނާއެވެ.
" ދެން އާދެބަލަ! ޝާމިންއަށް އެންމެ މީރު ކޮއްތުމީ ނޫޑްލްސް ހަދާފައޭ މިހުރީ! ކިހާ ދުވަހެއްކޮށްފަ އަހަރެން ކައްކާ އެއްޗެއް ކާލަން ތިލިބުނީ. ދެން އިށީނދެބަލަ! ހަވީރު ސައިވެސް ނުބޮއި ނިދީނު އޮވެގެން! ބަނޑުހައިވާނެ އެއްނު! "
އަވަސް އަވަހަށް މުނާ އެހެން ބުނުމަށްފަހު ޝާމިންއަށް ފެން އަޅައިދިނެވެ. ނުކައިދާކަށް ޝާމިންއަކަށް ނުކެރުނެވެ. އޭނާ ގަޑި ބަލާލިއިރު ގަޑިން ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. އޭރު ޖީބުގައި އޮތް ފޯން ވައިބްރޭޓް ވަަމުންދެއެވެ. އެހެނަސް އެގުޅަނީ ޝެރީންކަން އެނގޭތީ ފޯން ޖީބުން ނަގާކަށް އޭނާއަކަށް ނުކެރުނެވެ.
" މީރުތަ؟ " ކާން އިނދެ މުނާ އަހާލިއެވެ. އެއާއެކު ޝާމިން ބޯޖަހާލިއެވެ
" އެހެންޏާ އަހަރެން އެހުމުގެ ކުރިން ޝާމިން ބުނާނެ މީރުވާހަކަވެސް! އެތައް ދުވަހަކަށްފަހު އަހަރެންގެ އަތުން ކައްކާފަ ކާންދިނީމަވެސް، އެހާ އުފަލުން ހުރި ހެންނެއް ހިއެއް ނުވޭ! ހީވަނީ ކޮންމެވެސް ފިކުރެއްގައި ހުރިހެން! "
ދެރަވެފައި އިނދެ މުނާ އެހެން ބުނުމުން ޝާމިން ހީލިއެވެ.
" އަސްލުވެސް ވަރަށް މީރު! ބޭރަށް ދާން އެބަޖެހެޔޭ! އަންނާނަން އިނގޭ ގޮސްލާފަ! "
ޝާމިންގެ އެދުމަށް މުނާ ވަގުތުން ދެކޮޅު ހެދިއެވެ.
" ދެން ނޫން...މިހާރު އެގާރަ ޖަހާ ބޮޑުވީނު! ދެން ކީއްކުރަން ބޭރަށްދަނީ؟ އަނެއްކާ ޝެރީން ގުޅީތަ؟ "
ނާހަން ހުރެފައިވެސް ކުރަން ބޭނުންވި ސުވާލު އޭނާ ކޮށްލިއެވެ. އެއާއިއެކު ފެންތަށި ނަގަމުން ޝާމިން ޗޮކެއް ކަނޑާލިއެވެ.
" އަހަރެން ކޮންމެ ރެޔަކު ނިދަނީ ޝެރީން ގާތުގައިތަ؟ އެހެންވެ މިބުނަނީ ބޭކާރު ވާހަކައޭ ތި ދައްކަނީ.. އެބަ އަންނަން ވަރަށް އަވަހަށް! " މުނާ އެއްޗެއް ބުނަން ވާއިރަށް އޭނާ ބޭރަށް ނިކުމެއްޖެއެވެ. ސައިކަލްމަތީގައި އިނދެ ފޯން ނެގި އިރު ޝެރީންގެ ދެ މިސްކޯލް އޮތެވެ. އޭނާއަށް ގުޅާލަން އުޅެފައިވެސް އަވަހަށް އެގެއަށް ދާނީއޭ ހިތާ ސައިކަލް ދުއްވާލިއެވެ.
ގޭގެ ދޮރުގައި ހިފާލި އިރު ހުރީ ތަޅުލައިފައެވެ. އެހެންކަމުން އޭނާއަށް ޝެރީން ދީފައިވާ ތަޅުދަނޑި ނަގާ ދޮރު ހުޅުވާލިއެވެ. އެއާއެކު ޝާމިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. މުޅި ސިޓިންގރޫމް އޮތީ އުއްބަތި ޖަހައިގެން ދިއްލާލާފައެވެ. ކާމޭޒުގައި ބޯޖަހާލައިގެން އޮތް ޝެރީން ފެނުމުން ޝާމިންގެ ހިތް ބާރަށް ތެޅިގަތެވެ. މޭޒު ކައިރިއަށް ގޮސް ހުއްޓުނު އިރު މޭޒުމަތީ އަތުރާލާފައިވާ މީރު ކާއެއްޗެހިތައް ޝާމިންއަށް ފެނުނެވެ. ޝެރީނަށް އޮތީ ނިދިފައިކަމުން ޝާމިން ކުޑަކޮށް މޭޒުގައި ޖަހާލިއެވެ.
" އޯހް... އައީތަ؟ ފޯން ނުނެގީމަ ހީކުރީ ނާންނާނެކަމަށް! އެކަމަކުވެސް މިތަނުގައި އިނދެވުނީ! "
ހަމަޖެހޭ ގޮތް ދައްކަން މަސައްކަތް ކުރި ނަމަވެސް އޭރު ޝެރީންގެ ދެލޮލުން ފެން އަންނަން ފަށައިފިއެވެ.
" ސީފުޑްގެ އެއްޗެހި އަހަރެން އަލަށް އަދި މި ކެއްކީ! ޝާމިންއަށް ވަރަށް މީރެއްނު ސީފުޑް ދޯ؟"
" ކީއްވެ ތި ރޮނީ؟ "
ޝެރީން ދައްކާ އެއްވެސް ވާހަކައަކަށް ސަމާލުކަމެއް ނުދީ ޝާމިން އަހާލިއެވެ.
" ނުރޮން.." ޝެރީންއަށް އެހެން ބުނެވުމާއެކު އޭނާގެ އަޑު ފަޅައިގެން ދިޔައެވެ. އޭނާއަށް ބާރަށް ރޮވިއްޖެއެވެ. ދާދި ގާތުގައި ހުރި ޝާމިންއަށް އެމަންޒަރު ބަލަން ވީ އުނދަގޫ ކަމަކަށެވެ. އެހެންކަމުން އޭނާ މަޑުމަޑުން ، ޝެރީންގެ ދެއަތުގައި ހިފެހެއްޓިއެވެ. މޫނުމަތީގައި އަތް އަޅައިގެން ހުރެ ޝެރީން ރޮމުން ދިޔައެވެ.
" ހުއްޓާލާފަ މިއަތް ނަގާބަލަ! އޭ! ބަލާލަބަލަ! " ޝާމިން މަޑުމަޑުން ވާހަކަ ދެއްކިއެވެ. އެއާއެކު ޝެރީން މަޑުމަޑުން މައިތިރިވިއެވެ.
" ފޯން ނުނެގީމަ އިނގިއްޖެ ދެން ނާންނާނެކަން! އަހަރެން މިހާ ތައްޔާރުވީމަވެސް ޝާމިން ނައޭ ހީކޮށްފަ ދެރަވީ ހަމަ."
ޝެރީން އެހެން ބުނުމުން އަނެއްކާވެސް ޝާމިން މުޅި ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އަދި ޝެރީން އާއި ދިމާލަށްވެސް ބަލާލެވުނެވެ.
އުޑުނޫކުލައިގެ ކުރު ހެދުމެއްގައި ހުރި ޝެރީންގެ ރީތިކަން މިރޭ ވަކިން ފުރިހަމައެވެ.
" ސޮރީ! "
" ދެން.. އޯކޭ އޭ! ކާން އުޅޭ! " ޝެރީން އެހެން ބުނުމުން މިފަހަރުވެސް ޝާމިން ޖެހިލުންވިއެވެ.
" ކާން ދޯ؟ ހަނދާންނެތި މިރޭ ކެވުނީ. އަސްލު މުނާ ވަރަށް ދުވަސް ވެއްޖެ ނުކައްކާތާ! އެހެންވެ މިރޭ އޭނަ ނޫޑްލްސް ކެއްކީމަ މާގަދަޔަށް ކެވުނީ! "
ބޭއިޙްތިޔާރުގައި ޝާމިންއަށް ބުނެލެވުނެވެ. އޭރު އެވާހަކަތައް އަޑުއަހަން ހުރި ޝެރީންގެ ހިތަށް އަރާ ފައިބަމުންދާ އެއްވެސް އެއްޗެއް ޝާމިންއަށް ނުވިސްނޭފަދައެވެ.
** ނުނިމޭ **
ސިލްސިލާ ވާހަކަ: ޙައްޤުގައި (18)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!