ކުރީގެ ޢަދަދާއިގުޅޭ،

" އާނ! އެއްވެސް މީހަކަށް ނޭނގޭނެ! ޝާމިންއަކަށްވެސް ނޭނގޭނެ! އަންކަލް މިކަން ސިއްރުކޮށްދީ! އަހަރެންގެ ވިސްނުން ބަދަލުކޮށްލުވީ މި އުފާވެރި ޚަބަރުން. އެކަމަކު.. އަހަންނަށް އެނގޭ ޝާމިންއަށް މިކަމުން ލިބޭނީ އިތުރު ނުތަނަވަސްކަމެއް. ފަހަރެއްގައިވެސް އަހަރެން ބޭނުމެއް ނޫން އެހެން ވާކަށް.. އަހަރެން ޝާމިންދެކެ ވާ ލޯބީގެ ޙައްޤުގައި މިހެން އިނދެ، ފިރިއެއްގެ ލޯބިން މަޙްރޫމް މިވަނީ! އަދި މި ދަރިފުޅަށްވެސް ބައްޕައެއްގެ ލޯތްބެއް ނުދެވޭނެ. އަހަރެމެން ގާތު އުޅެގެން ޝާމިންއަކަށް އެއްވެސް އުފަލެއް ނުލިބޭނެ!"

Ad
rt

ޝެރީންގެ ވާހަކަތައް އަޑުއަހަން ލަތީފް ހުރީ ފެންކަޅިވެފައެވެ.

އެތައް ދުވަހެއް ވަންދެން ފައިހާ ކުރަމުންއައި ދިގު އިންތިޒާރުގެ ނިމުން އަތުވެއްޖެއެވެ. ކޯސް ނިންމާފައި ރީހާން އެނބުރި ރާއްޖެ އަތުވެއްޖެއެވެ. ސިޓިންގރޫމް އެއް އަޑުކޮށްލާފައިވަނީ އުފާވެރި، މަޖާ އަޑުތަކުންނެވެ. ރީހާންގެ މައިންބަފައިންގެ އިތުރުން ފައިހާގެ އާއިލާވެސް އެދުވަހު ރީހާންގެ ގެއަށް އައިސް ތިއްބެވެ. ދެއާއިލާގެ މެމްބަރުން ގުޅިގެން ރީހާންއަށް ސަޕްރައިޒް ޕާޓީއެއް ދިނީއެވެ.

" މިހާރު އަހަރެމެންނަށް ހީވޭ މީ ބޮޑު އާއިލާއެއްހެން! ދެން މަދުވަނީ އަދި އިތުރު މާމަ ދަރިއެއް! "

އުނގުގައި އިން އާލްގެ ބޮލުގައި ފިރުމާލަމުން ރީހާންގެ މަންމަ ބުންޏެވެ. އެއާއިއެކު ރީހާން ފައިހާއަށް ބަލާލީ ހިނިތުންވެލަމުންނެވެ. ލަދުން އިނދެ ފައިހާ އިސްޖަހާލީ އެވާހަކަ އަޑުނީވޭ ކަމަށް ހަދާފައެވެ.

" ދެން އިންޝާﷲ އެދުވަސްވެސް އަހަރެމެންނަށް އަތުވެދާނެ! " ފައިހާގެ މަންމަވެސް ރާމިޒާއާ އެއްބައިވެލިއެވެ. އެކަން ވެގެންދިޔައީ އިތުރަށް ފައިހާ ލަދުގަތް ކަމަކަށެވެ. ނަމާދުވަގުތު ޖެހުމާއެކު ސައިގެ ފޯރިގަނޑުވެސް ނިންމާލައިފިއެވެ.

" ދަރިފުޅު ދާނަންތަ މާމަގެއަށް ކޮއްކޮމެންނާއެކީ ކުޅެލަން! " ފައިހާގެ މަންމަ އާލްއާ ސުވާލުކުރުމުން އާލް ފައިހާގެ މޫނަށް ބަލާލިއެވެ. ފައިހާގެ ރުހުން ލިބުމާއެކު އާލް މާމައާއެކު އެގެއަށް ދާން ނިކުތެވެ.

" މިހާރު ފައިވެސް ތަންކޮޅެއް ފަލަ ވެއްޖެދޯ! "

ފައިހާގެ ފަހަތުން ކޮޓަރިއަށްވަތް ރީހާން ބުނެލިއެވެ. އެއާއެކު ފައިހާ ފަސްއެނބުރި އޭނާއަށް ބަލާލިއެވެ.

" އަދި އަހަރެން މިއުޅުނީ ވަރަށް ޑައިޓްގަ! ރީހާން އަންނަން ވާއިރަށް ހިކޭތޯ! މަންމަ މާ ގިނައިން ކާންދެނީ އަސްލު!"

" އޭ! އޭ! ހާދަ ވަރަކަށް... އަހަރެން ނުބުނަމެއްނު ހުތުރެކޭ! އަހަންނަށް މިހާރު މާ ރީއްޗޭ! އެހެންވެ މި ބުނެލީ! އަޅެ ދައްކަބަލަ އުފުލާލެވޭތޯ! "

ރީހާން ފައިހާގެ އުނަގަނޑުގައި ހިފާލުމާއެކު ފައިހާ ހޭންފަށާ ދުރަށް ޖެހިލިއެވެ.

" ކިހިނެއްވީ؟ކައިރިއަށް އައީމަވެސް ދުރަށް ޖެހެނީތަ؟" ރީހާން ގަދަކަމުން ފައިހާ އޭނާ ގާތަށް ގެނައެވެ.

" ދެން.. މިހާރަކު ނޫން.. ބަންގިވެސް ގޮވައިފިއެއްނު!" އޭރު ފައިހާ ހުރީ ވަރަށް ބޮޑަށް ލަދުގަނެފައެވެ. ނަމަވެސް ރީހާންގެ ދެލޯ ހުރީ ސީދާ ފައިހާއަށް އަމާޒުވެފައިކަމުން އޭނާއަށް ގަދަ ހަދާކަށް ނުކެރުނެވެ.

" އަންނާނަން ވުޟޫކޮށްގެން.." ކުއްލިއަކަށް އެހެން ބުނެ ފައިހާ ފާޚާނާއާއި ދިމާލަށް ބާރުބާރަށް ހިނގައިގަތެވެ. ލާނެތް ހިނިތުންވުމެއްގައި ހުރެ ރީހާންވެސް ފައިހާގެ ފަހަތުން ދިޔައެވެ.

" ބައްޕަ ދެން އަޅުގަނޑަށް އިތުރަށް މަޖުބޫރު ނުކޮށްބަލަ! އަޅުގަނޑު އެކަންޏެއް ނުވާނޭ! "

ފޮއްޓަށް އެއްޗެހި އަޅަން ހުރެ ޝެރީން ވާހަކަ ދެއްކީ އޭނާގެ ބައްޕައާއެވެ.

" ޝާމިން ދަރިފުޅާއެކު އުޅެން ހުއްޓާ ކިހިނެއް ހަދަންތަ ތިއުޅެނީ؟ "

އޭނާގެ މަންމަގެ އަޑު ބާރުވާންފެށިއެވެ. އެއާއެކު ޝެރީންގެ އަޑުވެސް ކުރިއަށްވުރެ ބާރުވިއެވެ.

" ދެއަތްނބަށް އިނދެގެން އުޅޭނެ ހިތްވަރު ހުންނާނެ ކަމަށް ހީކުރީ! އެކަމަކު އެހިތްވަރެއްނެތް! އެހެންވެ.. ދެން ބޭނުންވަނީ ޝާމިންއާ ވަކިވާން! އަޅުގަނޑަށް ރަނގަޅީ ބައްޕަވެސް ދެން އިތުރަށް ތިވާހަކަތައް ނުދެއްކެވިއްޔާ! މިއީ އަޅުގަނޑުގެ ދިރިއުޅުން.. މީގެ ކުރިންވެސް ބައްޕަމެން އަޅުގަނޑުގެ އުފަލަށް ގިނަ ކަންތައްތަކެއް ކޮށްދެއްވި. ހަމަ އެގޮތަށް ދެންވެސް އަޅުގަނޑު ރުހޭ ގޮތަކަށް ކަންތައް ކޮށްދެއްވާ ބައްޕާ! "

ޝެރީން ދެއްކި ވާހަކަތައް އަޑުއަހަން އިނދެ ޖައުފަރު ސޯފާއިން ތެދުވިއެވެ.

" ދާން ބޭނުން ތާކަށް ދެވޭނެހާ ފައިސާ ޝެރީންގެ އެކައުންޓުގައި ހުންނާނެ! އެއީ ޝެރީން މުސްކުޅި ވަންދެންވެސް އެކަނި އުޅެވޭނެހާ ފައިސާ! އެކަމަކު ހަނދާންކުރާތި! ތިދަނީ މި މައިންބަފައިންނާ ދުރަށް.. "

" ބައްޕާ! އަޅުގަނޑު މިދަނީ މުޅި ޢުމުރަކަށް ނޫނޭ! ހިތްހަމަ ޖައްސާލާފަ އަންނާނަމޭ!"

ޝެރީން ވާހަކަ ދައްކަ ދައްކާ ހުއްޓާ ޖައުފަރު ނިކުމެގެން ދިޔައެވެ. ގޮތް ހުސްވެފައިވާ ލޮލަކުން ޝެރީން ބަލާލީ އޭނާގެ މަންމައާ ދިމާއަށެވެ. އެއާއެކު އޭނާގެ މަންމަ ބުންޏެވެ.

" ޝެރީނަށް އެނގޭނެ ބައްޕަގެ ގޮތް! ހިތްހަމަ ނުޖެހުނިއްޔާ ދެން އަލަކުން ދައްކާނެ ވާހަކައެއް ނޯންނާނެ! ތީގަ ދެން މަންމަ ކުރާނީ ކީއް؟ "

މޭޒުމަތީގައި އޮތް އަތްދަބަސް ނަގައިގެން ޝެރީންގެ މަންމަ ވެސް ނިކުންނަން ހިނގައިގަތެވެ. މަންމައާ ބައްޕަގެ އެ ޢަމަލުން ޝެރީންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް އޭނާގެ ނިންމުން ބަދަލުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ހިތްވަރުކޮށްލާފައި ޕެކިންގެ މަސައްކަތް އަނެއްކާވެސް ފެށިއެވެ. ދެ ފޮށްޓަށް އެއްޗެހި އަޅާ ބަންދުކޮށްލުމަށްފަހު ޝެރީން ސިޓިންގރޫމަށް ނިކުތީ ވަރުބަލި ފިލުވާލުމަށްޓަކައެވެ. ސޯފާގައި އިށީނދެލާ، ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒުމައްޗަށް ފައިލައިގެން އޮވެ އޭނާ ދެލޯ މަރާލިއެވެ. އިރުކޮޅަކު އެހެން އޮއްވާ ނިދިޖެހެން ފެށިއެވެ. އެހެންކަމުން އެތަނުން ތެދުވާހިތެއް ނުވިއެވެ.

" ޝެރީން! " ނިދީގެ ތެރެއަށް ގެނބިގަތްވަގުތު އޭނާއަށް އިވުނީ ޝާމިންގެ ފިރެހެންވަންތަ އަޑެވެ. އެއީ އޭނާއަށް އެންމެ ރީތި އަޑެވެ. އޭނާ އެންމެ އަހާހިތްވާ އަޑެވެ.

" ޝާމިން! އަދި އެއްފަހަރު ތިހާ ލޯބިން ގޮވާލަބަލަ! "

ބޭއިޙްތިޔާރުގައި ޝެރީންއަށް ބުނެލެވުނެވެ. އެއާއެކު އަނެއްކާވެސް ޝާމިންގެ އަޑުއިވުނެވެ.

" ނިދަނީތަ؟ " ތަންކޮޅެއް ބާރަށް އެހެން ބުނުމާއެކު ޝެރީނަށް ލޯ ހުޅުވާލެވުނެވެ. އޭރު ސޯފާ ކައިރީގައި ހުރި ކުޑަ މޭޒުގަނޑުގައި އިށީނދެލައިގެން ޝާމިން އިނީ އޭނާގެ މޫނަށް ބަލަހައްޓައިގެންނެވެ. އަވަސް އަވަހަށް ޝެރީން ތެދުވެ އިށީނދެލިއެވެ.

" ޝާމިން؟.. މިގަޑީގަ؟ "

މޫނުމައްޗަށް ވެއްޓިފައިހުރި އިސްތަށިތައް އެއްފަރާތްކޮށްލަމުން ޝެރީން އަހާލިއެވެ. ފެނުނީ ހުވަފެނެއް ނޫންކަން އެނގުމުން އޭނާ އިނީ ކޮންމެވެސް ވަރަކަށް ލަދުގަނެފައެވެ. ޝާމިން ފެނުމާއެކު އޭނާގެ ހުރިހާ ހިއްސެއް ކިޔަމަންވާފަދައެވެ.

" އެދުވަހު ހޭލައިގެން ދިޔަ ގޮތަށް މިގެއަށް ނާންނާތީ ހީކުރީ ދެން ނާންނާނެކަމަށް! "

އަނެއްކާވެސް ވާހަކަ ދެއްކީ ޝެރީނެވެ.

" ގެއަށް ގޮސް ދެން އެއްވެސް ތާކަށް ނިކުންނާކަށް މޫޑެއް ނެތް. އެހެންވެ ގޭގަ އޮތީ ހަމަ! "

ތެދުވެލުމަށްފަހު ޝާމިން ބުންޏެެވެ. އެއާއެކު ޝެރީންގެ ތެދުވެ ޝާމިންގެ ކުރިމަތީގައި ހުއްޓުނެވެ.

" އަހަރެން ވާހަކައެއް ދައްކަންވެފަ އެބައޮތް! "

އަވަސް އަވަހަށް ޝެރީން ބުނެލިއެވެ. އޭރު އޭނާ ކޮންމެވެސް ވަރަކަށް ނުތަނަވަަސްވާން ފަށައިފިއެވެ.

" ވާހަކައެއް؟ އަނެއްކާ ކިހިނެއްވީ؟ "

" އަހަންނަށް ކަމެއް ކޮށްދީފާނަންތަ؟ " ޝެރީން ބަލަހައްޓައިގެން ހުރީ ސީދާ ޝާމިންގެ ދެލޮލަށެވެ. އޭރު އެދެލޮލުގެ ތެރެއަށް ރަތްކަން ވެރިވަމުންދާތަން ޝާމިންއަށް ފެނުނެވެ. ސުވާލުގެ ނަޒަރަކުން ޝާމިންވެސް ޝެރީންގެ މޫނަށް ބަލަމުން ދިޔައެވެ.

" އަހަރެން ވަރިކޮށްދީ! "

ލަސްލަހުން ޝެރީން ބުނެލި ޖުމްލައިން ޝާމިންއަށް ސިހުން ލިބުނެވެ. އެތައް ބައިވަރު ސުވާލުތަކަކުން އޭނާގެ ހިތް ފުރިގެން ދިޔައެވެ. ޝާމިން ބާރުބާރަށް ޝެރީންގެ ދެއަތުގެ މުލައްދަނޑީގައި ހިފާ ވާހަކަ ދައްކަން ފެށީ ދަތްވިކާފައި ކަހަލަ ގޮތަކަށެވެ.

" ޝެރީން ހީކުރީ ކައިވެންޏަކީ ބޭނުންވާހާ ގޮތަކަށް އަނބުރާލެވޭނެ އެއްޗެއް ކަމަށްތަ؟ ޝެރީން ހީކުރީ މީ ޖޯކެއް ކަމަށްތަ؟ ސަމާސާއެއް ނޫނީ ހުވަފެނެއްކަމަށްތަ؟ "

" އާނ! އާނ! އަހަރެން އަދިވެސް މި ބަލަނީ ހުވަފެން! އަހަރެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން ޝާމިންއާ ކައިވެނި ކުރީ! އެކަމަކު އަދިވެސް އަހަރެންގެ ހުވަފެން އޮތީ ހުވަފެނެއްގެ ގޮތުގައި! އަހަރެން ހީކުރީ ، ޝާމިންދެކެ ވާ ލޯބި ހާމަކޮށްލަދެވޭނެ އެތައް ފުރުޞަތެއް އަހަންނަށް ލިބިދޭނެކަމަށް! އަހަރެން ހީކުރީ ޝާމިންގެ ހިތް އަހަންނަށްޓަކައި ލަންބުވާލެވޭނެކަމަށް! އަހަރެން ހީކުރީ ޝާމިން އަހަރެން ޤަބޫލުކުރާނެކަމަށް އަހަރެންދެކެ ލޯބި ވާނެކަމަށް..."

ރޮވޭފަދަ އަޑަކުން ޝެރީން ކިޔަމުންދިޔައެވެ. އެއާއެކު ލުތްކެއް ޖަހާފައި ޝާމިން، ޝެރީންގެ ދެއަތުން ދޫކޮށްލިއެވެ. އަދި އޭނާއަށް ފުރަގަސްދިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ.

" ޝެރީން ހަނދާންކޮށްބަލަ އަހަރެންގެ ޙަޔާތަށް ޝެރީންއައީ ކިހިނެއްކަން؟ ގަދަ ބާރުން! ޝެރީންގެ މައިންބަފައިން އަހަރެންގާތު އާދޭސްކޮށްގެން އިންސާނިއްޔަތަށްޓަކައި އަހަރެން ކައިވެނިކުރީ!އެކަން ޝެރީނަށްވެސް އެނގޭނެ! އަދި އަހަންނަށް ލޯބި ނުވެވޭނެކަންވެސް އެނގޭނެ! މިކައިވެނިން އަހަންނަށް ލިބުނީ ކޮން އުފަލެއް؟"

ޝާމިން އެނބުރިލުމަށްފަހު ޝެރީނަށް ބަލާލިއެވެ.

" ބުނެބަލަ! އަހަރެންގެ ނިކަމެތި އަނބިމީހާއާ ދަރިފުޅު ދުރަށް ފޮނުވާލަން މިޖެހުނީ! ބައްޕައެއްގެ ލޯބި ބޭނުންވި ދުވަހު މިޖެހުނީ ދުރުކޮށްލަން. މުނާއަށް ފިރިއެއްގެ އަޅާލުން އެންމެ މުޙިއްމުވީ ދުވަހު އަހަރެން އޭނާވެސް މި ފޮނުވާލީ! ކީއްވެ؟ އެނގޭތަ ކީއްވެގެންކަން؟ ޝެރީންގެ މަައިންބަފައިންނަށް އަހަރެން ވީ ވަޢުދު ފުއްދުމަށް! އެމީހުންގެ ހުރި ހަމައެކަނި ދަރިފުޅުގެ ފުރާނައަށްޓަކައި! މުނާގެ ޝަކުވާތަކާއި އޭނާ ރޯ ރުއިން ބަލަން އަހަންނަށް އުނދަގު! އަބަދު ދެމީހުން މައްސަލަ ޖެހެނީ! އެހުރިހާ ކަމަކުން ސަލާމަތްވުމަށް އަހަރެން މުނާ މި ފޮނުވާލީ! "

އެހިސާބަށް ވާހަކަ ދިޔުމަށްފަހު ޝާމިން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ސޯފާގައި އިށީނުމަށްފަހު އަނެއްކާވެސް ބުންޏެވެ.

" ދެން ތިބުނަނީ ވަރިކުރާށޭ! ޝެރީނަށް ހުރިހާކަމެއްވެސް އެނގި ހުރެއެއްނު އަހަންނާ އިނީ.. ދެން މިހާރު ކިހިނެއްވީ ؟"

ޝާމިންގެ ސުވާލަށް ޖަވާބެއް ނުދެވިފައި އިރުކޮޅަކު ހުރުމަށްފަހު ޝެރީން ވާހަކަ ދައްކަންފެށިއެވެ.

" އަހަރެން ބުނެފީމެއްނު އަހަރެން ހީކުރީ ޝާމިންގެ ލޯބި ޙާޞިލް ކުރެވޭނެކަމަށޭ! އަހަރެން އިތުރަކަށް ނެތިން ޝާމިންގެ ދިރިއުޅުމުގެ ތެރެއަށް ވަންނާކަށް. އަހަރެންގެ މައިންބަފައިންނަށް ވީ ވަޢުދާމެދު އިތުރަށް ނުވިސްނާ! އަހަރެން އެމީހުންނާ ހުރިހާ ވާހަކައެއް ދައްކައިިފިން! "

"ޝެރީންއަށް ވަރަށް ފަސޭހަދޯ ކަންތައްތައް ނިންމާލަން! " ޝާމިން ގާތަށް އައީ ރުޅިއެވެ.

" ކިހިނެއްވީ؟ ޝާމިން ބޭނުމެއް ނޫނެއްނު އަހަންނާއެކު އުޅޭކަށް! ދެން އަހަރެން ދޫކޮށްލަންވީނު! އަހަރެން ވަރިކުރޭ! "

ހިތްހަމަ ނުޖެހޭ ރާގަކަށް ޝެރީން ބުނެލިއެވެ. ދެންވެސް ޝާމިން އެއްޗެއް ނުބުމުން ޝެރީން ދިޔައީ ކޮޓަރިއާ ދިމާއަށެވެ. އޭނާ އެނބުރި އައީ ހުދުކުލައިގެ ކަރުދާހެއް ހިފައިގެންނެވެ.

" މީގަ ސޮއި ކޮށްލާ "

ވަރީގެފޯމް ދިއްކޮށްލުމާއެކު ޝާމިން އިސްއުފުލާ އޭނާއަށް ބަލާލިއެވެ. ދެމީހުން ހަތަރުކަޅި ހަމަވުމާއެކު ޝެރީންއަކަށް ކެތެއް ނުވިއެވެ. އޭނާ ފެންކަޅިވެ މޫނުމަތި އުދާސްވިއެވެ. އެމަންޒަރު ބަލަން ހުރެ، ޝާމިން ފޯމުގައި ހިފިއެވެ.

ފޯމުގައި ހިފުމާއެކު އަނެއް އަތުން ޝެރީން ދިއްކޮށްލީ ގަލަމެކެވެ. ޝާމިން އެ ގަލަމުގައިވެސް ހިފިއެވެ. ޝެރީންއަށް ބަލަހައްޓައިގެން ހުރެ އޭނާ އަނެއްކާވެސް ފޯމަށް ބަލާލިއެވެ.

" އިތުރަށް ވިސްނުމުގެ ބޭނުމެއްނެތްހެން ހީވަނީ.." ޝެރީން އެހެން ބުނުމާއެކު ޝާމިން އޭގައި ސޮއިކޮށްލިއެވެ. އަދި ފޯމުން ގަލަމުގެ ތުނޑު ނައްޓާނުލާ ހުރެ ޝެރީނަށް ބަލާލިއެވެ. އެއާއިއެކު ޝެރީންގެ ކޯތާފަތްމައްޗަށް ކަރުނަތައް ފޭދިގަތްތަންވެސް އޭނާއަށް ފެނުނެވެ.

" ޝާމިންގެ ލޯތްބަކީ، އުފަލަކީ އަދި ހިތްހަމަ ޖެހުމަކީވެސް މުނާ! އަހަންނަށް އެކަން އެނގޭ! އަދި ތި ހިތުގައި އަހަންނަށްޓަކައި ޖާގައެއް ނެތްކަންވެސް އެނގޭ! އެކަމަކު ދެންވެސް އަހަރެން ދިރިހުންނާނީ ހަމަ ތި ލޯބީގެ ޙައްޤުގައި!" އަސަރާއެކު ޝެރީން ބުނެލިއެވެ.

" އަހަންނަށް ޝެރީންދެކެ ލޯބި ނުވެވުން އެއީ ޝެރީންގެ އުނިކަމެއް ނޫން! އަދި ޝެރީން ލޯބިން މަޙްރޫމް ވުމެއްވެސް ނޫން! އަހަންނަށްވުރެ އެތައް ގޮތަކުން ޝެރީންއަށް އެކަށީގެންވާ މީހުން ލިބޭނެ! "

ޝާމިން ޝެރީންގެ ބޮލުގައި ފިރުމާލިއެވެ. އެއާއެކު ޝެރީންއަށް ޝާމިންގެ އަތުގައި އަތް ޖައްސާލެވުނެވެ. އޭނާގެ ހިތް އެދުނީ ޝާމިންގެ އަތުން އޭނާގެ ބަނޑުގައި ފިރުމާލުމަށެވެ. އޭނާގެ ބަނޑުގައި އެވަނީ ޝާމިންގެ ލެޔެވެ. ޝާމިންގެ ދަރިއެކެވެ. ނަމަވެސް އެކަން ހާމަކުރާކަށް އޭނާ ބޭނުމެއް ނޫނެވެ.

" އަހަރެން އިތުރު ފިރެހެނެއް ބޭނުމެއް ނޫން! އެކަމަކު.. ދިރިހުރުމަށްޓަކައި އިތުރު ހިތްވަރެއް ލިބިއްޖެ! އަހަރެން ދިރިހުންނަން މަޖުބޫރު! ތި އެންމެން ހީކުރާކަހަލަ ގޯސް ޢަމަލެއް އަހަރެން ނުކުރާނަން! މި ވަގުތީ ލައިފް އަހަންނަށް ދަސްކޮށްދިނީ ކެތްތެރިވުމުގެ މުޙިއްމުކަން! އެވަރުންވެސް އަހަންނަށް ފުދޭ! "

އެހެން ބުނުމަށްފަހު ޝެރީން ކޮޓަރިއާއިދިމާއަށް ދުއްވައިގަތެވެ. ޝެރީން ލޯމަތިން ގެއްލެންދެން ޝާމިން ހުރީ ބަލާށެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ މުޅިގެއަށް ނަޒަރު ހިންގާލިއެވެ. ތެދުވެ ހިނގައިގަތީ ދެވަނަ ފަހަރަށް އެގެއަށް ނުވަންނަން ޢަޒުމް ކަނޑައަޅައިގެންނެވެ.

ފްލައިޓްގައި އިން އިރުގައިވެސް ޝެރީންގެ ދެލޮލުން ކަރުނަ ވިދަވިދާ ހުއްޓެވެ. ބަނޑުގައި އޮތް މައުސޫމް ދަރިފުޅާއިމެދު ވިސްނެނީއެވެ.ބައްޕައެއްގެ ލޯތްބާއިނުލާ އެދަރިފުޅު ބަލާނެ ގޮތެއްވެސް އޭނާއަކަށް ނޭނގެއެވެ. އެހެނަސް އެދަރިފުޅުގެ ޙައްޤުގައިވެސް އޭނާ ކެތްކުރާނެއެވެ. އުފަލުގައި ދިރިއުޅެވޭތޯ މަސައްކަތްކުރާނެއެވެ. ޝެރީން ބޭނުންވީ އެއްވެސް މީހެއްގެ އުނދަގޫ ނުފޯރާ ހިސާބެއްގައި އުޅޭށެވެ. ދިރިއުޅުމުގައި ދިމާޥި ހިތްދަތި ކަންތައްތައް ހަނދާންނުވާހާ ދުރުގައި އުޅޭށެވެ. އޭނާ އެމެރިކާއަށް ދާން ބޭނުންވި ސަބަބަކީވެސް އެއީއެވެ. އުފާވެރި ޙަޔާތެއްގެ އުއްމީދުގައި ފެށި ދަތުރު ކުރުކޮށްލަން ޖެހުނުގޮތް އަދިވެސް ކަޅު ލައްގަނޑެއްހެން ހިތުގައި އެބަހުއްޓެވެ.

ފުއްޓަރު ފަރާތުގައިހުރި ގަހެއްގައި އެލުވާފައި ހުރި އުނދޯއްޔެއްގައި މުނާ އޮތެވެ. އޭނާގެ އުނގުގައި ފަސްމަހުގެ ޝާއިނާ އޮތީ ނިދިފައެވެ. ޖެހެމުންދާ ނަލަ ވައިރޯޅިއާއެކު މުނާއަށްވެސް އޮތީ ނިދިޖެހޭ ގޮތްވެފައެވެ. ދެއަތުން ޝާއިނާގެ ގައިގައި ހިފަހައްޓާލައިގެން އޭނާ އޮތީ ހެއްލާލަ ހެއްލާލައެވެ. ކުއްލިއަކަށް އޭނާގެ ދެލޮލުގައި މީހަކު އަތްއެޅުމުން މުނާ ދިޔައީ ސިހިގެންނެވެ.

" ސޮފާ ދެން ސިއްސައިގެންނޭ ދިޔައީ! "

ހެމުން ހެމުން ސޮފާ އައިސް ނިދިފައި އޮތް ޝާއިނާ އުރާލުމަށްފަހު ގަސްދަށުގައި ހުރި އަށީގައި އިށީނެވެ.

" އެހެރީ ކާކުތަ؟ ބީރައްޓެއްސެއްތަ؟ "

ސޮފާގެ ޖުމްލައާއެކު މުނާ ފަސްއެނބުރި ބަލާލިއެވެ. އެއާއެކު މުނާއަށް ތެދުވެވުނީ ކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި ޝާމިން ފެނުމުންނެވެ. ހެވިފައިހުރެ ޝާމިން އައިސް ހުއްޓުނީ ސޮފާގާތުގައެވެ. ނިދާފައި އޮތް ޝާއިނާ އުރާލަމުން އޭނާ މުނާއަށް ބަލާލިއެވެ.

" ގެއަށް ދިޔައީމަ މަންމަ ބުނީ މިތާނގައޭވީ! އެހެންވެ ހުރިގޮތަށް މިއައީ މިތަނަށް! "

" ނުވެސް ބުނަމެއްނު އަންނަ ވާހަކަ! އަހަރެން ހީކުރީ މާލޭގަ މާ އަރާމުގަ އުޅެވޭތީ އަހަރެމެން މަތިން ހަނދާން ނެތުނީކަމަށް!"

މުނާގެ ރާގުގައި ހުރީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ. އެހެންކަމުން އެތަނުގައި ހުންނާކަށް ސޮފާ ބޭނުމެއްނުވިއެވެ. ފޯނާ ކުޅެމުން އޭނާ އަވަހަށް އަށިމަތިން ފައިބައިގެން ގެއަށްދާން ހިނގައިގަތެވެ.

" ލޯބި އަދިވެސް ރުޅި އައިސްފަތަ؟ އަހަރެން ކިހާވަރަކަށް ގުޅަން ޓްރައިކުރަން..؟ ހިތްހަމަ ނުޖެހިގެން ބްލޮކް ކޮށްގެން ތިއުޅެނީ! ދެން އަބަދު މަންމަ ފޯނަށް ސޮފާއްކޮ ފޯނަށް ގުޅާކަށް ނުކެރޭނެއެއްނު. ގޮތްދޫކުރަން ވެއްޖެދޯ! "

" މަދޯ ގޮތް ދޫ ނުކުރަނީ؟ ޝާމިންއަށް މާ ރީތި އަތްނބެއް ލިބިގެން އަހަރެމެން ދުރުކޮށްލީ! އަހަރެމެން ގާތަށް ނައިސް ޝާމިން ތިއުޅުނީ ހަތަރުމަސް ދުވަސް ވަން ދެން! އަހަންނަށް އަސަރެއް ނުކުރާނެތަ؟ "

މުނާ އިސްޖަހާލިއެވެ. އެއާއިއެކު ޝާމިން އައިސް މުނާއާ ދާދި ގާތުގައި ހުއްޓުނެވެ.

" އަހަރެން މިއައީ ވަޒީފާއެއް ހޯދައިގެން ތި ދެމައިން ބަލާ! "

" ނުދާނަން! "

ޝާމިންގެ ވާހަކަ ނުނިމެނީސް މުނާ ބުންޏެވެ.

" ޝެރީން ވަރިކޮށްފިން! "

ޝާމިންގެ ޖުމްލައިން މުނާއަށް ސިހުން ލިބުނެވެ. އޭނާ ހައިރާންކަމާއެކު ބަލަހައްޓައިގެން ހުރުމުން ޝާމިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

" ހިނގާބަލަ ގެއަށް ދާން! އަހަރެން ހުރިހާ ވާހަކައެއްވެސް ކިޔާދޭނަން! "

ޝާމިންގެ ކޮނޑުމަތީގައި ދަރިފުޅު ބާއްވާލަމުން ޝާމިން ހިނގައިގަތެވެ. ފަހަތުން މުނާވެސް ދިޔައެވެ.

ފަސްއަހަރު ފަސް

ފުރަން ތައްޔާރުވެފައި އޮތް މަތިންދާބޯޓުގެ ސިޑި ކައިރީ ތިރީގައި ޝާމިން ހުއްޓެވެ. އެއަރޕޯޓުގައި އޭނާ މަސައްކަތްކުރަންފެށީ މާލޭގައި ދިރިއުޅުމަށްޓަކައެވެ. ދަތުރުވެރީން ސިޑިން އަރައިގެން ދާތަން ޝައުޤުވެރިކަމާއެކު ބަލަން ހުރި ޝާމިންގެ ލޮލުގައި އަޅައިގަތީ ޝެރީންއާ އޭނާގެ މަންމައެވެ. އަދި އޭނާގެ އަތުގައި ހިފައިގެން ހުރި ފަސްވަރަކަށް އަހަރުގެ ކުޑަ ފިރެހެން ކުއްޖާ ފެނުމުން ޝާމިން ހައިރާންވިއެވެ. ޝާމިންދެކެ ލޯބިވާކަމަށް ބުނެ، ރޮއި ހެދި ޝެރީން ދިރިއުޅުމެއް ފެށީތޯ ބަލާލާހިތްވިއެވެ. ޝެރީން މާލެއައިސް އުޅޭކަން ޝާމިންއަކަށް ކުރިއަކުން ނޭނގެއެވެ. ދެމައިން ސިޑިއާއި ހަމައަށް އައުމާއެކު ޝެރީންއަށް ޝާމިން ފެނުނެވެ. އޭނާގެ ފިޔަވަޅު ކުޑަކޮށް މަޑުޖެހުނު ނަމަވެސް ފަހަތުގައިވެސް މީހުން ތިބުމުން އިތުރަށް މަޑުނުކޮށް އޭނާ ބޯޓަށް އެރިއެވެ. ޝާމިންގެ ހިތަށް އުނދަގޫވާންފެށީ ކީއްވެގެންކަމެއް އޭނާއަކަށް ނޭނގުނެވެ. ދެތިން ސިކުންތުވެ ވަގުތުކޮޅަކަށް ޝެރީން ފެނި ގެއްލުނީއެވެ. ބޯޓު ނައްޓާލި އިރުގައިވެސް ޝާމިންއަށް ހުރެވުނީ އުނދަގޫވެފައެވެ. އެހެންކަމުން އޭނާ ނިންމީ ލަތީފް ހޯދުމަށެވެ.

ލަތީފްގެ ގޭގެ އެޑްރެސް އޭނާއަށް އެނގޭތީ އޭނާ ހަމަ އެދުވަހު އެގެއަށް ދިޔައެވެ.

" އަހަންނަށް އެނގޭ ޝާމިން އަންނާނެކަން! ޝެރީން އަހަރެންގާތު ބުނި ޝާމިން ފެނުނު ވާހަކަ! "

ޝާމިންއަށް އިށީނުމަށް ގޮނޑިއެއް ދައްކަމުން ލަތީފް ބުނެލިއެވެ.

" ޝެރީން ދިރިއުޅެނީ މާލެއަކު ނޫންދޯ؟އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލި އޭނަ! އެންމެ ފަހުން ބޮޑު ސަކަރާތްގަނޑެއް ޖަހާފަ އަމިއްލައަށް ވަރިވީވެސް.. އެވަރަށް މަދެކެ ލޯބިވީ މީހަކު މިހާރު މީހަކާ އިނދެ ދަރިން ހޯދައިގެން އެއުޅެނީ "

ޝާމިން ބޭނުންވީ ލަތީފުވެސް ރުޅި އަރުވާލާށެވެ. ޝެރީންގެ ސަބަބުން އޭނާގެ ޙަޔާތް އޭރު ބަނަވުމުން އަދިވެސް އޭނާ ޝެރީނަށް ނަފްރަތުކުރާ ކަހަލައެވެ.

" ފަސްއަހަރު ފަހުން ޝެރީން އެއައީ ރާއްޖެ! ޝެރީން މިހާރު ދިރިއުޅެނީ އެމެރިކާގައި! އޭނަ ގާތު އެހުރީ ޝާމިންގެ ދަރިއެއް! "

ޝެރީންއާމެދު ޝާމިން ވާހަކަ ދެއްކި ގޮތުން ލަތީފްވެސް ރުޅިއައެވެ.

" އޭނ؟ މަގޭ...ދަ..ރިއެކޭ؟ "

ޝާމިންއަށް ފުންމައިގެން ތެދުވެވުނެވެ. އެއާއެކު އޭނާގެ ހިތާއި ސިކުނޑިއަށް ޝެރީންގެ ހަނދާންތަކެއް އާވެގެން ދިޔައެވެ.

" ދެން ކީއްވެ ޝެރީން ސިއްރުކުރީ؟ "

" ޝާމިންގެ އުފަލަށްޓަކައި! އެދުވަހު އޭނަ އެވާހަކަތައް ބުނިނަމަ.. ކަންތައް ވެގެންދާނެގޮތްވެސް ޝާމިންއަށް އެނގޭނެ! އެހެންވެ އޭނަ ސިއްރުކުރީ! "

ލަތީފް ބުނެލިއެވެ. ޝާމިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެދަރިފުޅު އެންމެ ފަހަރަކު ފެނިލި ކަމަށްޓަކައިވެސް ޝާމިންގެ ހިތުގައި ޖެހުނެވެ. ދެވަނަ ފަހަރަށްވެސް ދަރިފުޅު ދެކިލަން އޭނާގެ ހިތް އެދެން ފެށިއެވެ.

" ދެން ޝެރީންއެއް ނާންނާނެ! ޝެރީންއެއައީ ޖައުފަރު ވަރަށް ބޮޑަށް ބަލިވެގެން.. ޖައުފަރު ނިޔާވުމުން ދެތިން ދުވަސްކޮށްފަ އެ ފުރީ މަންމަވެސް ގޮވައިގެން! ދެން ދުވަހަކުވެސް ޝާމިންއަކަށް އެމީހުން ނުފެންނާނެ! އެކަމާ ނޫޅޭ! "

ޝާމިންގެ ދޫ ބަންދުވީކަހަލައެވެ. ބުނާނެއެއްޗެއް އޭނާއަކަށް ނޭނގުނެވެ.

" އެންމެ ރަނގަޅު! ދެން ދަނީ! ޝެރީން ގާތު ބުނެލަދީ ކޮންމެވެސް ދުވަހަކުން އަހަރެންގެ ދަރިފުޅު އަހަރެންގާތަށް ގެނެސްދޭށޭ! "

ޝާމިން އަސަރާއެކު ބުންޏެވެ. ނަމަވެސް ލަތީފް މާބޮޑު ސަމާލުކަމެއް ނުދިނުމުން ޝާމިން އެގެއިން ނިކުމެގެން ދިޔައެވެ.

ގެއަށް ދިިޔަގޮތަށް އޭނާ އޮށޯތީއެވެ. ސިކުނޑިއަށް ލިބިފައިވާ ވަރުބަލި ކަމެއްގެ ސަބަބުން ގައިންވެސް ހުރި ހަކަތަ ހުސްވެފައެވެ. ބަންޑުން އޮވެ ދެލޯ މަރާލުމާއެކުވެސް ފެންނަނީ ޝެރީން އެދަރިފުޅު ގޮވައިގެން ސިޑިމަތީގައި ހުރި މަންޒަރެކެވެ.

" ބައްޕީ ތެދުވޭ! ދުއްވާލަންދާން! .."

ޝާއިނާ އިރުއިރުކޮޅާ ގޮވަމުންދިޔައެވެ. އެހެނަސް އެއްވެސް ސަމާލުކަމެއްނުދީ ޝާމިންއަށް އޮވެވުނީއެވެ.

" އަޅެ ޝާއްކޮ ކިހާވަރަކަށް އެބަގޮވާ! ޝާމިން ކިހިނެއްވެފަތަ ތި އޮންނަނީ؟ ކޮއްކޮއަށް އަޅާވެސްނުލަނީތަ؟ "

ރުންކުރު ރާގަކަށް މުނާ ބުންޏެވެ. ޝާއިނާ ބޭރަށްދާން ކިޔާތީ، މުނާވެސް ހުރީ ޝާމިންގެ އިންތިޒާރުގައެވެ. މުނާގެ އަޑަށް ޝާމިން ތެދުވެ އެނދުމަތީގައި އިށީނދެލިއެވެ. އަދި މުނާއަށް ބަލާލުމަށްފަހު ޝާއިނާގެ މޫނަށް ބަލާލިއެވެ. މިހާރު އޭނާގެ ހުރިހާވެސް ބަޔަކީ އެއީއެވެ. އޭނާގެ ދިރިއުޅުމާއި އުފަލަކީވެސް އެއީއެވެ. އިތުރަށް އެވާހަކަ ދައްކައިގެން އޭނާގެ އުފާވެރި ދިރިއުޅުން ދެވަނަ ފަހަރަށް ބަނަވެގެންދާކަށް އޭނާ ބޭނުމެއްނޫނެވެ.

" ބައްޕިތޯ ކޮއްކޮތޯ އެންމެ އަވަހަށް ރެޑީވާނީ...."

މުނާ އެހެން ބުނުމާއެކު، ޝާމިންގެ ކޮލަށް އުންމައެއް ދިނުމަށްފަހު ޝާއިނާގޮސް ފާޚާނާއަށްވަނެވެ. އެއާއިއެކު މުނާއައިސް ޝާމިންގާތު އިށީނދެ އޭނާގެ އަތުގައި ހިފާލިއެެވެ.

" ކިހިނެއްވެފަ؟ ބުނެބަލަ! ހާދަ ބޮޑު ފިކުރެއްގައި؟ "

" އުމް.. ނޫން... ތަންކޮޅެއް ޓަޔަޑް ދުވަހެއް! އެހެންވެ ހީވާގޮތް! " މުނާގެ އަތުގައި ފިރުމާލަމުން އޭނާ ބުނެލިއެވެ.

ތައްޔާރުވެލައިގެން ތިންމީހުން ކާރަށް އެރީ ހުޅުމާލެ ދިޔުމަށްޓަކައެވެ. ކާރުތެރޭގައިވެސް މުނާއާއި ޝާއިނާ މަޖާ ވާހަކަތައް ދައްކާ ހީ ސަކަރާތްޖަހަމުންދެއެވެ. އެމަންޒަރު ބަލަން ޝާމިންއަށް އިނދެވުނީ ހިނިތުންވެފައެވެ. އޭނާ މިހާރު ބޭނުންވަނީ މާޒީ ހަނދާނުން ފުހެލާށެވެ. އަދި ދާދި ގާތުން އިވެމުންދާ ހީ ސަމާސާކުރާ އަޑާ، ފެންނަމުންދާ އުފާވެރި ހިނިތުންވުންތަކުން ދިރިއުޅުން އާރާސްތުކޮށް އުޖާލާކުރާށެވެ.

(ނިމުނީ)