ރަހުމަތްތެރިއަކު ދިން ފޮށިގަނޑަކުން ޑްރަގް ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލި މީހަކު ހައިކޯޓުން ސަލާމަތްވެއްޖެ އެވެ.

ވ. ކެޔޮދޫ ޒުވާނަކު ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލީ 2016 ވަނަ އަހަރު އޭނާ އާއި ގއ. ވިލިގިއްޔަށް ނިސްބަތްވާ ރަހުމަތްތެރިއަކާ ދެ މީހުން ޑްރަގް ހުރި ފޮށިގަނޑެއް ހިފައިގެން ގޮސް ބޯޓަކަށް އަރަނިކޮށް އަތުލައިގަތް މައްސަލާގަ އެވެ. ހައްޔަރުކުރި ވަގުތު ފޮށިގަނޑު ހުރީ ރަހުމަތްތެރިޔާ އަތުގަ އެވެ.

Ad
rt

އެކަމަކު ރަހުމަތްތެރިޔާ ތަހުގީގުގައި ވާހަކަ ދެއްކީ ދެ ގޮތަކަށެވެ. ހައްޔަރުކުރި ވަގުތު ބުނީ އެއީ އެހެން މީހަކު ދިން ފޮށިގަނޑެއް ކަމަށެވެ. ބަޔާން ނެގިއިރު ބުނީ އެއީ ކެޔޮދޫ ޒުވާނާ އޭނާގެ އަތަށް ދިން ފޮށިގަނޑެއް ކަމަށެވެ. އަދި ކޯޓުގައި އޭނާ ހެކިބަސް ދޭން ހާޒިރެއް ވެސް ނުވެ އެވެ.

ހައްޔަރުކުރަން ދިޔަ ފުލުހުންގެ ބަހުން ވެސް، ޑްރަގް ފޮށިގަނޑު ހިފަހައްޓައިގެން ހުރީ ކާކުކަމެއް ޔަގީނެއް ނުވެ އެވެ. ދައުލަތުން ދައުވާކުރީ ކެޔޮދޫ ޒުވާނާގެ މައްޗަށް އެކަންޏެވެ. ކްރިމިނަލް ކޯޓުން އޭނާ އުމުރަށް ޖަލަށްލި އެވެ. އޭނާ ބުނާގޮތުން ރަހުމަތްތެރިޔާ އޭނާގެ ބޮލުގައި ކަމެއް އެޅުވީ އެވެ.

ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ މިނިވަންކުރަން ކުރި ހުކުމުގައިވަނީ ޑްރަގް ހުރި ފޮށިގަނޑު ހިފަހައްޓައިގެން ހުރި މީހަކު ފުލުހުންނަށް ނޭނގުމުގެ އިތުރުން ރަހުމަތްތެރިޔާ އެކިފަހަރު އެކިގޮތަށް ވާހަކަ ދެއްކުމާއި އަދި ކޯޓުގައި ހެކިބަސް ނުދިނުމަކީ ޝައްކު ކުރެވޭ ފަދަ ކަންތައްތަކެއް ކަމަށެވެ.

ޑްރަގް ހުރި ފޮށިގަނޑު ހަގީގަތުގައި ގެންގުޅުނީ ކެޔޮދޫ ޒުވާނާ ކަމާ މެދު ޝައްކު އުފެދޭ ކަމަށް ހުކުމުގައިވެ އެވެ. އަދި ރަހުމަތްތެރިޔާގެ އަމަލުތަކަށް ބަލާއިރު، ކެޔޮދޫ ޒުވާނާގެ ބޮލުގައި ކަމެއް އެޅުވީ ކަމަށް ބުނާ ބުނުމަށް ބާރު ލިބޭ ކަމަށާއި އެކަމަކު ތަހުގީގުގައި އެކަން ބެލިފައި ނެތް ކަމަށް ހުކުމުގައިވެ އެވެ.

ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމެވީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އޭނާ މިނިވަން ކުރުމަށެވެ. ރައުޔު ތަފާތުވި ފަނޑިޔާރުގެ ރައުޔަކީ ހުކުމް ދެމެހެއްޓުމަށެވެ.