ކުރީގެ ޢަދަދާއިގުޅޭ،

" އެ ކަޅު ހިޔަންޏަކީ ކާކު؟" އަވަސް އަވަހަށް ޝާމިން ސުވާލުކުރީ އެނގެން ބޭނުންވާފަދަ ގޮތަކަށެވެ.

Ad
rt

" ތިބުނީވެސް ހިޔަންޏެކޭ އެއްނު! އާނ އެއީ އަހަރެންގެ ޙަޔާތުގައިވާ ކަޅު ހިޔަންޏެއް! ކުލަވާނެ ކަމުގެ އެއްވެސް އުއްމީދެއްނެތް! "

ފަސްއެނބުރި ދަމުން ޝެރީން ބަލާލިގޮތުން ޝާމިންގެ ހިތަށް އުނދަގޫވިއެވެ. ޝެރީން ނުކުމެގެން ދަންދެންވެސް ޝާމިންއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޝާމިންގެ ބޮލުގައި ރިއްސާލިއެވެ. އެކިފަހަރު މަތިން ޝެރިން ދައްކާފައިހުރި ވާހަކަތައް ހަނދާނަށް އަންނަން ފެށިއެވެ. އެކިގޮތްގޮތުން އޭނާ ޝާމިންއަށް އިޝާރާތްތައް ކޮށްފައިވާކަން އެނގެންފެށިއެވެ. އޭނާގެ ފޯނުގައި އެވަނީ ޝާމިންގެ ފޮޓޯއެއްކަން ޝާމިންއަށް ޔަޤީންވެއެވެ. އެހެންކަމުން ޝާމިން ބޭނުންވީ ޝެރީންއާއި އަދިވެސް ސުވާލުކުރާށެވެ.

ބާރުބާރަށް ގޮސް ޝެރީންގެ ކޮޓަރީގެ ދޮރުގައި ޝާމިން ޓަކިޖެހިއެވެ. އޭރު އޭނާގެ ހިތްވަނީ އަވަސްވެފައެވެ. ދެތިންފަހަރު ޓަކި ޖަހާލުމުން ޝެރީން ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޝާމިން އަވަސް އަވަހަށް އެތެރެއަށް ދެމިގަނެ، ބާރުބާރަށް ދޮރުލެއްޕިއެވެ. އަދި ޝެރީންގެ ދެކޮނޑުގައި ހިފެހެއްޓި ވަގުތު ޝެރީން ގޮސް ޖެހުނީ ފަހަތުގައި ހުރި އަލަމާރީގައެވެ.

" ޝެރީން އަހަރެންދެކެ ލޯބިވޭތަ؟"

ޖެހިލުމެއްނެތި ޝާމިން އެހިއެވެ. ޝާމިންގެ ހަރަކާތްތައް ހުރި ގޮތުން އޭރު ޝެރީންހުރީ ބިރުގަނެފައި ކަހަލަ ގޮތަކަށެވެ.

" ލޯ ބި ވޭ ހޭ މިއަހަނީ؟" ލަސްލަހުން ޝާމިން އަނެއްކާވެސް އެހިއެވެ. އެއާއެކު ޝެރީންގެ ދެއަތުން ޝާމިންގެ މޭގައި އަޅާ ދުރަށް ކޮއްޕާލިއެވެ.

" ޝާމިން ދޭ މިތަނުން.. "

" ނުދާނަން.. އަހަރެން އެނގެން ބޭނުންވާ ބައިވަރު އެއްޗެހި އެބަހުރި! " ޝާމިންގެ އަޑު ބާރުވިއެވެ. އެއަޑުގައި ކޮންމެވެސް ވަރެއްގެ ރުޅިވެރިކަމެއް ވާކަން ޝެރީންއަށް ފާހަގަކުރެވުނެވެ.

" އަހަރެން މިބުނީނު މިވަގުތު އިހަށް ދާށޭ! ވާހަކަ ދައްކާކަށް ނެތް މޫޑެއް!" ޝާމިންއާއި ދިމާލަށް ބަލާލަންވެސް ޝެރީންއަކަށް ނުކެރުނެވެ. އޭނާ އަދިވެސް ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

" މޫޑު ނެތަސް އަހަރެން ބޭނުން ވާހަކަ ދައްކަން.. " ޝާމިން ޝެރީންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާ އާއި ދިމާއަށް ޝެރީން އަނބުރާލިއެވެ.

އެއާއިއެކު ޝެރީންއަށް ރޮވެންފެށިއެވެ. އެމަންޒަރުފެނި ޝާމިން ، އަވަހަށް ޝެރީންގެ އަތުން ދޫކޮށްލުމަށްފަހު އޭނާގެ ރާގު ބަދަލުކޮށްލިއެވެ.

" ޝެރީން! އަހަރެން ޝެރީންއަށް ވަރަށް އިޙްތިރާމްކުރަން! ދެމީހުންގެ ދޭތެރޭގައި ބޭއްވީވެސް ވެރިޔަކާ މުވައްޒަފެއްގެ ދެމެދު އޮންނަންޖެހޭ ގުޅުން! އިމުން ބޭރުވާން އަހަރެން ބޭނުމެއްނުވޭ! އެކަމަކު ޝެރީންގެ އެދުމުގެ މަތިން އަހަރެން ރަޙްމަތްތެރިއެއް ގޮތަށް ވާހަކަދައްކަން ފެށީވެސް.. އަދި އޮފީސް މަސައްކަތުން ބޭރުން ދެމީހުން ވަގުތު ހޭދަކުރީވެސް ޝެރީންގެ އެދުމުގެ މަތިން! އެކުގައި ކާންގޮސް ހެދީވެސް ޝެރީންގެ ދަޢުވަތުތަކަށް. އެއްވެސް ޙާލެއްގައި އަހަރެން އިސްވެ ހުރެ އެއްވެސް ކަމެއް ނުކުރަން! ދެން... ކީއްވެ ޝެރީން އަހަންނާ މެދު ތިކަހަލަ ނަޒަރަކުން ތި ދެކެނީ؟ "

ޝާމިން ބޭނުންވީ އެކަމުގައި އޭނާއަށް ގޯހެއް ނުހެދޭކަން ހާމަކޮށްދޭށެވެ. ލޮލުން އަންނަ ކަރުނަތައް ފޮހެލަމުން ޝެރީން އިސްޖަހާލިއެވެ.

" އަހަރެން ދުވަަހަކުވެސް ފްލަރޓް ކުރިންތަ؟ " ޝާމިން މަޑުމަޑުން އަހާލިއެވެ. އެއާއިއެކު ޝެރީން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ.

" ދުވަަހަކުވެސް ލޯބީގެ ވާހަކަ ދެއްކިތަ؟ ނޫނީ ޝެރީންގެ ޙަޔާތުގެ އެއްވެސް ވާހަކައެއް އޮޅުންފިލުވަން މަސައްކަތްކުރިތަ؟ ޝެރީންއާއިމެދު ޝައުޤުވެރިކަން ހުންނަ ފަދަ ގޮތަކަށް އަހަރެން އުޅުނިންތަ؟ " އެއްފައްޗަކަށް ޝާމިން ސުވާލުތައް އަމުނާލިއެވެ.

" ނޫން... ނޫން... ތިކަހަލަ އެއްވެސް ކަމެއް ޝާމިންއެއް ނުކުރެޔޭ! ކުރީރޭގެ ކަންތައްވެސް އެ އަހަރެންގެ ސަބަބުން ވީ ކަމެއްކަން އަހަރެން ޤަބޫލުކުރަން.. ޝާމިން ތީ ވަރަށް ތަފާތު މީހެއް! " ޝެރީން ބާރުބާރަށް ބުންޏެވެ. އެއާއިއެކު ޝާމިންގެ ހަނދާނަށް އައީ ކުރީރޭ ހިނގާދިޔަ ކަންތައްތަކެވެ.

" ދެން ކުރީރޭގެ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން! އެކަމާ ބެހޭގޮތުން ދައްކާނެ ވާހަކައެއް އިތުރަކަށްނެތް! "

ޝާމިން ބުނެލިއެވެ.

" ޝާމިން ހީކުރީ އަހަރެން ޝާމިންދެކެ ލޯބިވީ މިދަތުރުގެ ތެރެއިންކަމަށްތަ؟ " ޝާމިން ބަލާލިއިރު ޝެރީން ހުރީ އޭނާގެ މޫނަށް ކަތި ނަޒަރަކުން ބަލަހައްޓައިގެންނެވެ. ސުވާލުގެ ނަޒަރަކުން ޝާމިންއަށްވެސް ހުރެވުނީ ޝެެރީންއަށް ބަލާށެވެ.

" ދެން؟ ދެން ކޮންއިރަކު؟ އަހަރެމެން ބައްދަލުވީވެސް އޮފީހުން.. ގާތްކޮށް ވާހަކަ ދައްކަންފެށީ މިތަނަށް އައިސް.. ދެން ކޮންހާ މޮޅު ވާހަކަތަކެއް ދައްކާކަށް! އަނެއްކާ ޝެރީންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން މީ މީހެއްގެ ފިރިއެއްކަން އަދި ވަރަށް އަވަހަށް އަހަންނަށް ދަރިޔަކު ލިބޭނެކަންވެސް... ދެން؟ "

ޝާމިންގެ ވާހަކަތައް އަޑުއަހާފައި ޝެރީން އެއް މިޔަކަނުން ހީލިއެވެ. އަދި ޝާމިންގެ ކުރިމަތީގައި ހުއްޓި ވާހަކަ ދައްކަންފެށިއެވެ.

" ތީ މާ ފަހުގެ ކަންތައްތައް! އަހަރެން ޝާމިންދެކެ ލޯބިވީ އޭގެ މާ ކުރިން.. ވަރަށް ކުރިން " ޝެރީން ވާހަކަ ދެއްކީ މާޔޫސީ ރާގަކަށެވެ. ޝާމިން އަނެއްކާވެސް ހައިރާންވިއެވެ.

" އެއީ މީގެ ހަތަރު ވަރަކަށް އަހަރު ކުރި! ރާއްޖެއިން ބޭރުގައި ކިޔަވަން ހުރެފައި އަހަރެން ރާއްޖެއައީ ޗުއްޓީއަކަށް! އަންކަލްއާއިއެކު އަހަރެން ތި އޮފީހަށް ދިޔައިން! އެދުވަހު ފުރަތަމަ އަހަންނަށް ޝާމިން ފެނުނީ.. އެދުވަހު އަހަރެންގެ ހިތުގަ ތި ސޫރަ ބިންވަޅު ނެގުނު... ޝާމިން ހީކުރީ މީ ދޮގެއް ކަމަށްތަ؟ ބަލާބަލަ! ޤަބޫލު ނުކުރަންޏާ ބަލާބަލަ މި! "

ޝެރީން ގޮސް އެނދުމަތީގައި އޮތް މެކްބުކް ނަގާ އަވަސް އަވަހަށް އޭގެން އެއްޗެއް ހޯދާލިއެވެ. ޝާމިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. ޝެރީން އެބުނީ ތެދެކެވެ. އެއީ އޭނާގެ ފޮޓޯއެކެވެ. އެއީ އޭނާ އެ އޮފީހަށް ވަތް ފުރަތަމަ އަހަރުކަންވެސް އެފޮޓޯ ފެނި އޭނާ ހަނދާންވިއެވެ.

" މީ އެދުވަހު އޮފީހަށް ގޮސް ސިއްރުން ނެގި ފޮޓޯއެއް. މިފޮޓޯ އަހަރެން ރައްކާކޮށްގެން އަދިވެސް މިގެންގުޅެނީ! "

ދެރަވެލާފައި ޝެރީން ޝާމިންގެ މޫނަށް ބަލާލަމުން އެނދުމަތީގައި އިށީނދެލިއެވެ. އޭރުވެސް ޝާމިން ހުރީ ކޮޅަށެވެ.

" އެދުވަހު އަހަރެން ގޮސް ބައްޕަ ގާތު ޝާމިންގެ ވާހަކަ ދެއްކިން! އެކަމަކު ބައްޕަ އެކަމާ އިންކާރު ކުރެއްވި! އޭރު އަހަންނަށް އެންމެ 18 އަހަރު ކަމާ، ކިޔެވުން އަދި ކުރިއަށް އޮތީކަމުގައި ބުނުއްވި! ބައްޕަގެ ރުހުމާ ނުލާ އަހަރެން އެއްވެސް ކަމެއް ނުކުރާނެ! އެހެންވެ އަހަރެން މާލެއިން ފުރީ ހިތާދެކޮޅަށް! އެނބުރި އައިސް ޝާމިން ހޯދުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީން.. ދެން ވެސް އަހަރަކު އެއްފަހަރު އަހަރެން މާލެ އަންނަމުންދިޔައީ.. އޭރުވެސް އަހަރެން ދިޔައީ އަންކަލް ތްރޫކޮށް ޝާމިންގެ ދިރިއުޅުމުގެ ކަންތައްތައް ބަލަމުން.. އެންމެ ފަހުން.. އަހަރެން އެއްކޮށް ކިޔަވާ ނިންމައިގެން ރާއްޖެ އަންނަން ތައްޔާރުވަމުން ދަނިކޮށް އަންކަލް ބުނި ޝާމިން ކައިވެނި ކުރިވާހަކަ!"

ޝެރީން އަސަރާއިއެކު ކިޔައިދެމުން ދިޔައެވެ. އެހިސާބަށް ވާހަކަ ދިޔުމާއެކު ޝެރީން ހުއްޓާލިއެވެ. ހީވާގޮތުން އޭނާއަށް އެވާހަކަތައް ދައްކަން އުނދަގޫވަނީއެވެ.

" އެހެންވެ... އެހެންވެ އަހަރެން އިތުރު ދެމަސްދުވަހު އެކޮޅުގައި މަޑުކުރިން.. ރާއްޖެ އަންނަން ބޭނުމެއްވެސް ނުވި! ދެން ބައްޕަ ދިޔައީ އަހަރެން ބަލާ! ބައްޕަ ބުނުއްވި ކޮމްޕެނީ އަހަންނާ ޙަވާލްކުރާ ވާހަކަ! އެވަރުންވެސް އަހަރެން ރާއްޖެ އަންނަން އެއްބަހެއް ނުވަން. ދެން ބައްޕަ ބުނުއްވީ ޝާމިން އުޅޭ އޮފީހުގެ ވެރިޔަކަށް މަސައްކަތްކުރާށޭ! އަދި އަހަރެން އަމިއްލައަށް ޝާމިންގެ ހިތް ފަތަޙަ ކުރާށޭ! ލޯތްބަކީ ގަދަބާރުން ހޯދޭނެ އެއްޗެއް ނޫނޭ! ޝާމިންވެސް އުޅެނީ ކައިވެންޏެއްކޮށްގެންނޭ! އެކައިވެނި ރޫޅިދިޔުމުގެ އަސްލަކަށް ޝެރީން ވެގެން ނުވާނޭ! ބައްޕަގެ ނަޞޭޙަތުގައި ހިފައި އަހަރެން ރާއްޖެ އައީ ޝާމިންގެ ލޯބި އަހަންނަށް ލިބޭނެ ކަމުގެ އުއްމީދުގަ! އަހަރެން އެކިގޮތްގޮތުން ހޯދިން ޝާމިން ކުރިއަށް ދާންބޭނުންވާ ކަންތައްތައް! އަދި އެކަންތައްތައް ފަހި ކޮށްދޭން އަހަރެން މިހުރިހާ ކަމެއް މިކުރީ! ދެން... ރޭގަ ޝާމިންއަށް ދަރިޔަކު ލިބެން އުޅޭކަމުގެ ވާހަކަ ބުނީމަ އަހަރެން ބޭނުމެއްނޫން ދެން... ޝާމިންގެ ދަރިފުޅަށް ދެރައެއް ދޭން އަހަރެން ބޭނުމެއްނޫން.. "

ހިތްވަރުކޮަށްފައި ޝެރީންގެ ހުރިހާ ވާހަކަތަކެއް އޭނާ ކިޔައިދިނެވެ. އެއްޗެއް ނުބުނެ އިރުކޮޅަކު ހުރުމަށްފަހު ޝާމިން ފެށިއެވެ.

" ތީ ވަރަށް ނުބައި ނުލަފާ އަންހެނެއް! މަކަރުވެރި ރޭވުންތެރިއެއް ތީ! ކަމަނާއާއި ކަމަނާގެ ބައްޕާފުޅުވެގެން އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލަން ދޯ ވިސްނީ! ތި މުއްސަނދިކަން ދައްކައިގެން އަހަރެންގެ ލޯބި ޙާޞިލްކުރަންދޯ ފައިވިއްދާފަ ތިހުރީ؟ ނުވާނެ ތިކަމެއް! އެއް އަހަރު ދުވަހުގެ ތަޖުރިބާ ދަތުރެކޭ ކިޔައިގެން އަހަރެން މިތަނަށް ގެނެސް އައްޓަމަހެއްހެން ނެއްޓެން ނޭނގިގެން އުޅެނީ... މިއަހަރު ނިންމާފަ ކިޔަވައިދީފަ ވަޒީފާ ދީފަ ދެން ބުނާނީ ކަލެޔާ އިންނާށޭ! އިންކާރު ކުރީމަ ދެން ގޮވާނީ ކަލަ! ކޮށްދިން ހުރިހާ ކަމެއް ގޮވާލާނެ! އެންމެ ފަހުން މަށަށް ޖެހުނީހީ އިންނަން! ނަސީބެއްނު މި އަަހަރުވެސް ނުނިމޭނިސް މަށަށް ކަލޭމެންގެ ރޭވުން އެނގުނުކަން! "

އެއްޗެހި ކިޔަމުން ގޮސް ޝާމިން ހުއްޓުނީ ޝެރީންގެ ކުރިމަތީގައެވެ. އެނދުގައި އިން ޝެރީން އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އޭރުވެސް ނޫނެކޭ ބުނަމުން އޭނާ ދެފަރާތަށް ބޯހޫރަމުންދެއެވެ.

" ބުނަންތަ ޝެރީން! ދެން އަހަރެން ތިއޮފީހުގައިވެސް މަސައްކަތްކުރާކަށް ބޭނުމެއްނޫން! އަހަރެން ބޭނުންވަނީ ރާއްޖެ ދާން! މިއަދުން ފެށިގެން އަހަންނަކީ ކަލޭމެންގެ މުވައްޒަފެއްނޫން! "

ޝެރީން ބުނާނެ އެއްޗެއް އަޑުއެހުމެއްނެތި ޝާމިން ހިނގައިގަތީ ނިކުންނާށެވެ. އެހެނަސް ދުވެފައިގޮސް ޝެރީން ޝާމިންގެ ކުރިމައްޗަށް އެރިއެވެ. އަދި ޝާމިންގެ ފައިބުޑަށް ތިރިވެ ބާރަށް ރޯންފެށިއެވެ.

" ނޫން ޝާމިން ނޫން! ތިހެން ނަހަދާ! އަހަރެންގެ ނިޔަތް ތިހާ ގޯހެއް ނުވާނެ! އަހަރެން މީ ތި ހީކުރާ ކަހަލަ މީހެއް ނޫން ޝާމިން! އަހަންނަށް ކުރެވުނު ކުށަކީ ހަމައެކަނި ޝާމިންދެކެ ލޯބިވުން! އަހަންނަށް މަޢާފްކުރޭ ޝާމިން"

ޝެރީންގެ ވާހަކަތައް އަޑުއަހަން ހުރެވޭ ވަރަށްވުރެ ބޮޑަށް ޝާމިން ހުރީ ރުޅިއައިސްފައެވެ. އެހެންކަމުން އޭނާ ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ. ޝެރީން އެ އިންގޮތަށް އިންދާ، އެއްވެސް ޖަވާބެއްނުދީ ޝާމިން ނިކުމެގެން ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ.

ރާއްޖެ ދިޔުމަށްޓަކައި ދަތުރު ހަދާ ނިންމާލުމަށްފަހު ރީހާން ހަމަޖެހިއެވެ. ފައިހާގެ މޫނުމަތިން މިހާރު ފެންނަނީ މާޔޫސީކަން ރީހާން ފާހަގަ ކުރެވެން ފެށުމުން އޭނާ އެކަމާ ނުހަނު ކަންބޮޑުވިއެވެ.

" ދެން ތިހެން ހުއްޓަކަސް އަހަންނަކަށް ނޭނގޭނެއެއްނު! ބުނެބަލަ ކިހިނެއްތަ ވީ ؟

ފައިހާގެ ކޮނޑަށް އަތްވައްޓާލަމުން ރީހާން އޭނާ ގާތްކޮށްލިއެވެ.

" އަސްލުވެސް ބުނަންވީތަ؟ "

ޖެހިލުންވެ ހުރެ ފައިހާ ބުނެލިއެވެ. އެއާއިއެކު ރީހާން ބުނާށޭ ބުންޏެވެ.

" މިހާރު އާލްވެސް އެހުރީ އަހަރެންގާތު! ދެން... ރީހާން އާއި މެރީކޮށްފަ އަހަރެން އުޅެންވީ ދުރުގަތަ؟ އެހެންވެ ރާއްޖެ ދާކަށް ބޭނުމެއްނޫން.."

ފައިހާ ބޭނުންވާ ގޮތް އެނގުމުން ރީހާން ކަންބޮޑުވިއެވެ. އޭނާގެ މަންމަމެން ފައިހާއަށް އިންތިޒާރުކުރަމުންދާތާ ކިތަންމެ ދުވަހެކެވެ. ފައިހާ އާއި އާލް އެގޭގައި ގެންގުޅޭހިތުން އެމީހުން ދެކޭ ހުވަފެންތައް ރީހާންއަށް އެނގެއެވެ.

" ލޯބި! އަސްލު އަހަރެންވެސް ބޭނުންވަނީ އެއްކޮށް އުޅެންް! އެއް އަހަރު ތެރޭގަ އަހަރެންގެ ކޯސްވެސް ނިމޭނެ! އަންނަ އަހަރު މިއަށްވުރެ ގިނަ ބްރޭކްތައްވެސް ލިބޭނެ! އެހެންވީމަ ރަނގަޅުވާނީ ރާއްޖެ ދިޔުމެއްނު! މިތާންގަ ތަނެއް ހިފައިގެން އުޅެން ވަރަށް އުނދަގޫވާނެ! "

ރީހާން މަސައްކަތްކުރީ ފައިހާއަށް ވިސްނައިދެވޭތޯއެވެ. އިތުރަށް އެއްޗެއް ނުބުނެ ފައިހާ ހިނިތުންވެލިއެވެ. އެހެންކަމުން ރީހާން ނިންމީ އޭނާ އެދޭގޮތަށް ފައިހާވެސް ރުހުނީކަމުގައެވެ.

" ޝާމިން އެބަގުޅާ! އޭނަ ހަބަރެއް ނުވާތާ ދުވަސްކޮޅެއް ވެއްޖޭ މިހާރު..." ފޯން ރިންގްވާންފެށުމުން ރީހާން ބުނެލިއެވެ.

" އޯކޭ އަހަރެން މިއަންނަނީ އާލްއަށް ކާންދީފަ އިނގޭ! " ފައިހާ ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް އެހެން ބުނެ، ތެދުވެގެން ހިނގައިގަތެވެ.

" ކަލެއަށް ހަބަރު ވެވިއްޖެދޯ! ފައިހާ ގޮވައިގެން މާދަމާ ފުރަން މިއުޅެނީ.." ރީހާން ވާހަަކަ ދެއްކީ ވަރަށް ހަމަޖެހިފައެވެ.

" އެހެންތަވަނީ؟ އޭ އިނގޭތަ މަ ކީމެއްނު ޝެރީންއެއްގެ ވާހަކަ؟ އޭނަ މަށަށް ބޮޑެތި އޮފަރ ތަކާ ސްކޯލާޝިޕްތައް ދީހެދީ ކީއްވެގެންކަން އެނގޭތަ؟ "

ޝާމިން ބޭނުންވީ ރީހާންއަށް އެވާހަކަތައް ކިޔައިދީ ،ސިކުނޑިއަށް ލުއިކަމެއް ހޯދާށެވެ.

" އާނ އެމަންޖެ ހިތާވީދޯ އެންމެ ފަހުން؟" ހިނިގަނޑެއް ޖަހާލަމުން ރީހާން ބުންޏެވެ.

" އާނއެކޭ! މަ ވަރަށް ރުޅި އައިސް މިހުރީ އެކަމާ! މަގޭ ދިރިއުޅުން ހަލާކުކޮށްލަންދޯ އެއުޅުނީ.. މަށާ މުނާޔާ ދުރުކުރަން. އެހެންނެއް ނުވާނެދޯ އެކަމެއް! "

ޝާމިން ވާހަކަ ދެއްކީ އަވަސް އަވަހަށެވެ. ޝެރީން ދެއްކި ހުރިހާ ވާހަކައެއް ޝާމިން ރީހާން އާއި ހިއްސާކުރިއެވެ. އެކަމަކު ރީހާންގެ ވިސްނުން ޝާމިންގެ ވިސްނުމާ ވަރަށްވެސް ތަފާތެވެ.

" އަސްލު މަގޭ ތިކަމާމެދު ދެކޭ ގޮތް ބުނަންތަ؟ ޔޫ މަދެކެ ރުޅި ނާންނާތި! " ސީރިއަސްވެފައި ހުރެ ރީހާން ފެށިއެވެ.

" ތި ކޭސްގަ ޝެރީން ގޯހެއްނޫން! އޭނަ އެބުނީތާ ވަރަށް ކުރިން ލޯބިވީ ވާހަކަ.. ލޯބިވާ މީހަކު މަސައްކަތްކުރާނެދޯ ހާސިލްކުރަން.. އަނެއްކާ އޭނަ އެ މަސައްކަތްކުރީ ހުތުރުކޮށެއްނޫން! ޝާމިން އޭނައަށް ފޯލްވޭތޯ ބަލަން އެއުޅުނީ.. ލޯބިވާކަމުގެ އެއްވެސް އިޝާރާތެއް އޭނަ ދެއްކީކީ ނޫން. މުނާޔާ ދޭތެރެ ޖައްސަން އުޅުނީކީ ނޫން.. މަށަށް ދެން އެންމެ ސަޅި ތަންކޮޅު ބުނަންތަ؟ އޭނަ އެބަހުރި ދޯ ވިސްނާފަ ޝާމިންގެ ކުރިމަގަށް! އޭނަ އެބަހުރިދޯ ކިތަންމެ ފަހަރަކު ބުނެފަ ޝާމިން ބޭނުންވާ ކަހަލަ ކާމިޔާބު ވިޔަފާރިވެރިއަކަށް ހަދައިދޭނަމޭ! އަސްލު އޭނަ ވަރަށް ލޯބިވޭ ހަމަ ޝާމިންދެކެ.. އެއީ ޙަޤީޤީ ލޯބި! "

"ވެދާނެ ތިހެން ކަމަށްވެސް.. އެކަމަކު މަ ބޭނުމެއްނޫން އެގޮތަކަށް ކިޔަވާކަށް.. އޭރުން މުޅި އުމުރު މަ ޖެހޭނީ އޭނައަށް އަޅުވެތިވާން! "

ރީހާންގެ ވާހަކައިގެ ތެރެއަށް ޝާމިން އިތުރުކޮށްލިއެވެ.

" އަޑުއަހާ ޝާމިން! ޝާމިން ބޭނުންވާ ކާމިޔާބު ހޯދެން އޮތް ގޮތަކަށް ހޯދަބަލަ! ކަލޭ ޝެރިން ދެކެ ރުޅިއައިސްގެން ވަޒީފާއިން ކެނޑިގެން ރަށަށްގޮސް މުނާ ގާތު އޮތީމަ އޮންނާނީ ބިޒްނަސްމޭންއަކަށް ވެފައޭ! ނިކަން ހޭއަރާބަލަ! ނަސީބު އައިސް އަތުގަ ހިފީމަވެސް ތިއުޅެނީ ބަޗަން ވިއްޔަ! "

ރީހާން މަސައްކަތްކުރީ ޝާމިންއަށް ވިސްނައިދެވޭތޯއެވެ. އޭނާ ނޫނީ ޝާމިންއަށް ވިސްނައިދެވޭނެ މީހަކު ނުހުންނާނެކަންވެސް ރީހާންއަށް ހަމަ ރަނގަޅަށް އެނގެއެވެ.

" ހޫމް.. ކިޔާބަލަ! މަ ކިހިނެއްތަ ހަދަންވީ ؟ "

" ކަލޭ ޝެރީންއާ ކައިވެނިކުރޭ! "ފަސޭހަކަމާއެކު ރީހާން ބުނެލިއެވެ. އެއާއިއެކު ޝާމިންގެ ހުނުމުގެ އަޑު ރީހާންއަށް އިވުނެވެ.

" ކައިވެންޏޭ؟ ކަލޭ މޮޔަވީތަ ؟ " ޝާމިން ހެމުން ހެމުން ބުންޏެވެ.

" ކަލެއެއްނު ތިހުރީ މޮޔަވެފަ! ބަލަ ފިރެހެނުންނަށް ހަތަރު އަނބިންވެސް ހުއްދައޭ! އަނެއްކޮޅުން މަށަށް ޔަޤީން ދަރިޔަކު ލިބުނީމަ މުނާ ވަރިއެއް ނުވާނެ! ނުކެރޭނެ ވަރިވާކަށް! ޝެރީންއާއި ކައިވެނިކޮށްގެން އެ ބިޒްނަސް ހިންގަންޖެހޭނީ ޝާމިން! ދެން ޝެރީން އެބުނާ ގޮތަށް ކިޔަވަންވެސް ދާނީ! ޝެރީންގެ އާއިލާއަކީ މުޅި ރާއްޖެއަށްވެސް ބޭރަށްވެސް މަޝްހޫރު ވިޔަފާރިއެއް އޮންނަބައެއް! އެކަހަލަ ބޮޑުދޮރަކުން ނިކުތީމަ ޝާމިންވެސް މަޝްހޫރުވެ، މީހުން ދަންނަ މޫނަކަށް ވާނެ! ފަހުން ދެން ޝާމިން އަމިއްލައަށް އެކަން ކުރެވިދާނެތާ! އޭރުން އޮންނާނީ ޝެރީންގެ ކޮމްޕެނީއަށް އޮންނަ އިތުބާރު ޝާމިންއަށްވެސް ލިބިފަ! ކަލޭ ތި ވިސްނަނީ ސިކުނޑިއަކުން ނޫނޭ! ބޮލުން ކުޅެން ޖެހޭ އެއްޗެހި މީ! "

ރީހާންގެ ޖުމްލަތައް ޝާމިންގެ ސިކުނޑީގައި ތަތްލައިފިއެވެ. އެހެނަސް މުނާގެ ހިތަށް ކުރާނެ އަސަރާ އޭނާ ވާނެ ދެރަ ހިތަށް އަރާފައި ޝާމިންއަށް އެކަމާ ދެކޮޅު ހެދުނެވެ.

" ކަލޯ އެއީ ދުވަސްކޮޅެއްގެ ކަމެކޭ! ރޮއިލާނެ ދުވަސްކޮޅަކު ހަމަ! ފަހުން ހަމައަކަށް އެޅޭނެ! ފުރަތަމަ އިސްކަންދީބަލަ ތިމާގެ ހުވަފެންތަކާ އުއްމީދުތައް ޙާޞިލްކުރަން! އަނެއްކާ ޝެރީންއަކީ އެހާ ޗާލުކުއްޖެކޭ ބުނީމެއްނު! "

" އޭ ދެން މަ ކޮން އިރަކުން ޝެރީން ދޫކޮށްލާނީ ؟ މުޅި އުމުރަށް ދެމީހުންނާ އިނދެގެންނެއް ނޫޅެވޭނެ އެއްނު! މުނާއާއިމެދު މަށަށް ވަރަށް ވިސްނޭ ރީހާން! "

ޝާމިން އެހެން ބުނުމާއެކު، ރީހާން ދެއްކި ވާހަކަތައް ޝާމިން ޤަބޫލުކޮށްފިކަން ރީހާންއަށް އެނގުނެވެ.

" އެއެއް އިނގޭނީ ދެން ޝާމިންއަށް. ރަނގަޅު ދަނޑިވަޅެއް ބަލާފަ ދޫކޮށްލާނީ! އޯހް މަ ވަރަށް އުފާވާނެ ޝާމިން ކޯޓު ފަޓްލޫންގަ ހުއްޓާ ފެނުނީމަ.. " ރީހާން ދިމާކޮށްލިއެވެ. މިހާރު ޝާމިން ހުރީ ވަރަށް ހަމަޖެހިފައެވެ. އެހެނަސް އަދިވެސް އޭނާ ހާސްވާ އެއްކަމެއް އެބައޮތެވެ.

" އޭ އަކަމަކު މަ މިރޭ މިއައީ އޭނައަށް ހެޓަކަށް އަޅާލާފަ! ދެން ކިހިނެއް ކުއްލިއަކަށް ކައިވެނި ކުރަން ބޭނުންވާ ވާހަކަ ބުނާނީ؟ ރީހާން! މުނާގާތުވެސް އަހަރެން މިވާހަކަ ބުނަން ޖެހޭނެއެއްނު! "

" ޝާމިން ދެން އޭނަ ގާތު މަޢާފަށް އެދޭ! މުނާ ގާތު ނުބުނެ މާލެ އައިސް ކައިވެނިކުރަންވީނު! ޝެރީން އެއްބަސްވާނެއެއްނު! ކައިވެނިކޮށްފަ އަނެއްކާވެސް ފުރާނީ! ލާރި އޮންނަ ބައެއްނު އެއީ.." ރީހާންގެ ޚިޔާލުތައް މޮޅުކަމުން ޝާމިން ހުރީ ހައިރާންވެފައެވެ.

" ނޫނޭ ކަލޭ ހާދަ މޮޅޭ! އަސްލު ވަރަށް އުނދަގޫ ނިންމުން ތަކެއްމީ.. އެކަމު ރީހާންއާއި ވާހަކަ ދައްކާލީމަ ހީވަނީ ހަމަ ވައެއް ލައްވާލުން ކަހަލަ ކަމެކޭ މީ!"

ޝާމިން ފޯން ބޭއްވީ ރީހާން ބުނިގޮތަށް ކަންތައް ކުރެވޭތޯ ބަލާނެކަމަށް ބުނެފައެވެ. އެހެނަސް އޭނާގެ ހިތަށް އެކަމުގެ ސަބަބުން އެއްވެސް ހަމަޖެހުމެއް ނުލިބުނެވެ. ބުނެދޭން ނޭނގޭ ކަހަލަ އަސަރުތަކެއް ކުރެވެމުންދެއެވެ. ފުން ވިސްނުމެއްގައި އޮއްވާ ދޮރުގައި މީހަކު ޓަކި ޖަހާލިއެވެ. ކަންނެތް ގޮތަކަށް ތެދުވެ ގޮސް ދޮރު ހުޅުވާލި އިރު ދޮރުމަތީގައި ހުރީ ޝެރީންއެވެ. އޭނާ ފެނި ޝާމިން ޖެހިލުންވިއެވެ. ޝެރީންގެ ކޮނޑުގައި ބޮޑު ދަބަހެއް އަޅުވާފައި އޮތެވެ. އަދި ކައިރީގައި އޭނާގެ ފޮށިވެސް ހުއްޓެވެ. އޭނާ ޝާމިންއަށް ދިއްކޮށްލީ ސިޓީއުރައެކެވެ.

" މިއޮތީ އެންމެ ފަހުން ފޮނުވަންޖެހޭ ޝިޕްމަންޓް ލިސްޓް! މާދަމާ ދާއިރު މީތި އޮފީހަށް ގެންގޮސްދީ! އަހަރެން މިދަނީ ފުރަންދާން... ކޮންމެ ގޮތެއްވިޔަސް.. އަހަރެން ބޭނުމެއްނޫން ޝާމިންގެ ހުވަފެންތަކުގެ ހުރަހަކަށް އަހަރެން ވާކަށް.. ޝާމިން މިތާ ޖޮބްގަ މަޑުކުރޭ! ވަޒީފާއިން ކެނޑުމަކުން ވީކަމެއް ނުވާ ކަމަކަށްވެސް ނުވާނެ! އެގޮތެއް އަހަރެން ބޭނުމެއްނޫން! ވެގެން ވަންޏާ އަހަންނަށް މަޢާފްކޮށްދީ!"

ޝެރީން ލަސްލަހުން ވާހަކަ ދެއްކިއެވެ. ޝާމިންއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެއްކޮޅުން ރީހާންގެ ވާހަކަތައް ތާޒާކަމާއެކު އަޑު އިވިއިވި ހުއްޓެވެ. އަނެއްކޮޅުން މުނާގެ މައުސޫމް މޫނު ފެންނަ ކަހަލައެވެ.

" މީގަ... ނުހިފާނަންތަ؟ "

ޝާމިން އެއްޗެއް ނުބުމުން ޝެރީން އަހާލިއެވެ. ޝެރީން އަނެއްކާވެސް ސިޓީއުރަ ދިއްކޮށްލިއެވެ. ތުރުތުރުއަޅާ އަތަކުން ޝާމިން އޭގައި ހިފިއެވެ. އެއާއިއެކު ޝެރިން ފޮށީގައި ހިފާ ހިނގައިގަތެވެ. އެމަންޒަރު ބަލަން ޝާމިންއަށް އުނދަގޫވީ ކީއްވެކަމެއް އޭނާއަކަށް ނޭނގުނެވެ. ބޭއިޙްތިޔާރުގައި ޝާމިންއަށް ޝެރީންގެ ފަހަތުން ހިނގައިގަނެވުނެވެ. އަދި އޭނާގެ އަތުގައި ހިފާ ހުއްޓުވިއެވެ. ހައިރާންވެފައި ޝެރީންއަށް ހުރެވުނީ ޝާމިންގެ މޫނަށް ބަލާށެވެ.

" އަހަންނަށް މަޢާފްކުރޭ ޝެރީން! " ޝާމިން އަވަސް އަވަހަށް ބުންޏެވެ. އޭރުވެސް ޝެރީންއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ.

" ނުދޭ! ޕްލީޒް...." ޝާމިންއަށް ބުނެވުނެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (13)

ސިލްސިލާ ވާހަކަ: ޙައްޤުގައި (13)

(ނިމުނީ)