ކުރީގެ ޢަދަދާއިގުޅޭ،

ޝާމިން ފޯންނަގާ ގަޑިބަލާލަމުން ބުންްޏެވެ. ޝެރީންވެސް މަގުގެ ދެކޮޅު ބަލާލީ ދުރުންވެސް ދުއްވާއެއްޗެއް ފެނޭތޯއެވެ. އެމީހުންނަށް ތިބެވުނު މަގުގެ އެއްފަޅީގައިހުރީ ބޯ ގަސްތަކެވެ. އަނެއް ފަރާތުގައި ބައެއް ފިހާރަތަކާއި ގަރާޖުތައް ހުއްޓެވެ. ނަމަވެސް ގިނަތަންތަން އެވަގުތު ބަންދުކޮށްފައި ހުރުމުން މީހުންވެސް އުޅޭލެއް ފުދޭވަރަކަށް މަދެވެ. ކުއްލިއަކަށް ވައިބާރުވެ ގުގުރަންފަށައިފިއެވެ. އޭރު ޖެހެމުންދާ ގަދަ ވަޔާއެކު ހީވަނީ ދެންމެ ދެންމެ ވާރޭ ވެހެންފަށާފާނެހެންނެވެ.

Ad
rt

ގަރާޖެއްގެ އަސްކަނިދަށުގައި ޝާމިން އާއި ޝެރީންތިއްބެވެ. އެދެމީހުން ފިޔަވާ އިތުރު އެއްވެސް މީހަކު އެސަރަޙައްދުންވެސް ފެންނާކަށްނެތެވެ.

" އަހަރެން ވަރަށް ބިރުގަނޭ ޝާމިން! " ހީކަރުވައިގަނެފައި ހުރެ، ޝެރީން އެހެން ބުނުމުން ޝާމިން ޝެރީންގެ މޫނަށް ބަަލައިލިއެވެ. އެއަށްފަހު ލުއި ހިނިތުންވުމެއް ތުންފަތްމައްޗަށް ވެރިކުރުމަށްފަހު ވާހަކަދައްކަންފެށިއެވެ.

" ކޮންކަމަކާ ބިރުގަންނަންވީ؟ އަހަރެންވެސް މިހުރީނު! "

ޝެރީން މަޑުމަޑުން ޝާމިންގެ ގާތަށް ޖެހިލިއެވެ. އޭރު ކުރިމަތީގައި އޮތް ގަސްބޯ ޖަންގަލީގެ ތެރެއިން ބައެއް ޖަނަވާރުގެ އަޑުވެސް އިވެމުންދެއެވެ.

" އެއީ އެއްވެސް ކަމެއްނޫން. މީހުން އުޅޭ ސަރަޙައްދުތަކުގައި ގެއްލުންދޭ ކަހަލަ ޖަނަވާރެއް ނޫޅޭނެ! "

ދާދި ގާތުގައި ހުރި ޝެރީންގެ މޫނަށް ބަލައިލަމުން ޝާމިން ބުންޏެވެ. ޝާމިންގެ ކޮނޑާއި ހަމައަށްވެސް ޝެރީންގެ ބޯ ނާރައެވެ. އެހެންކަމުން ކޮންމެ ފަހަރަކު ޝެރިންގެ މޫނަށް ބަލައިލަންޖެހެނީ ކުޑަކޮށް ގުދުވެލުމަށްފަހުއެވެ. ކުއްލިއަކަށް ދެ ޖަނަވާރެއް ކޯޅިގަތް އަޑަށް ޝާމިންގެ އަތުގެ މުލައްދަނޑީގައި ހިފާ އޭނާގެ ކޮނޑުގައި ޝެރީންއަށް މޫނު ޖައްސާލެވުނެވެ. ޝެރީންގެ އެ ޚަރަކާތުން ޝާމިންއަށްވެސް ލިބިގެންދިޔައީ ކުއްލި ސިހުމެކެވެ. ނަމަވެސް އޭނާއަކަަށް ޝެރީން ދުރުކޮށްލާކަށް ނުކެރުނެވެ. އަދި ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ދެޖީބަށް އަތްޖަހައިގެން ހުރިގޮތަށް ޖެހި ބުދެއްހެން އޭނާއަށް ހުރެވުނީއެވެ. ޝެރީން ހުރީ ދެއަތުން ޝާމިންގެ އަތުގެ މަސްގަނޑުގައި ބާރަށް ހިފަހައްޓައިގެން ދެލޯމަރާ ފިއްތައިގެންނެވެ. އޭރުވެސް ދުންޖަހާފައި ބޯކޮށް ވާރޭ ވެހެމުންދެއެވެ.

" އެއީ ކަމެއް ނޫން! ބިރު ނުގަނޭ! " ދެމީހުންގެ ދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލީ ޝާމިންއެވެ. އެހެނަސް އެއަޑު ޝެރީންއަށް އިވުނުހެންނެއް ހިއެއްނުވެއެވެ. ޝާމިން އެހުރިގޮތަށް ހުރެ ޝެރީންގެ އަތް ނައްޓުވާލުމަށްޓަކައި އެއަތުގައި ހިފި ވަގުތު ވަރުގަދަ ގުގުރިއެއްގެ އަޑުން މުޅިތަނަށް ބިރުވެރިކަން ގެނުވިކަހަލައެވެ. ހަޤީޤަތުގައިވެސް އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައިކަން ޝާމިންއަށް އެނގުނެވެ. އެ ގުގުރި ޖެހުމުގެ ކުރިން ވިދާލި ވިދުވަރުން ޚުދު ޝާމިންވެސް ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.

މަންމާއޭ ކިޔާ ޝެރީން ބާރުބާރަށް ޝާމިންގެ ގައިގައި ބައްދައިގަތެވެ. އިރުކޮޅެއް ވުމުންވެސް ޝެރީން، ޝާމިންގެ ގަޔަކުން ދުކެއް ނުކުރިއެވެ. އެހެންކަމުން އޭނާ ދުރުކޮށްލަން، ޝާމިންއަށް އަތް އުފުލާލެވުނު ނަމަވެސް ބޭއިޙްތިޔާރުގައި ޝެރީންގެ އުނަގަނޑުގައި ހިފަހައްޓާލެވުނެވެ. އެއާއިއެކު ޝެރީން އިސްއުފުލާ ޝާމިންއަށް ބަލާލިއެވެ. އަނދިރީގެ ތެރެއިންވެސް ޝެރީންގެ އަލި މޫނު ޝާމިންއަށް ފެނެއެވެ. ނުހަނު ކައިރިން ޝާމިންއަށް ފެންނަމުންދާ ރީތި މޫނުގައި އަތްޖައްސާލުމަށް ޝާމިންގެ ހިތް އެދެން ފަށައިފިއެވެ. ޝެރީންގެ އުނަގަނޑުން އަތްދޫކޮށްލުމަށްފަހު މަޑުމަޑުން އޭނާއަށް އަތް އުފުލާލެވުނެވެ. އަދި ތުރުތުރުއަޅާ އަތަކުން ޝެރީންގެ ކޯތާފަތުގައި އަތް ޖައްސާލެވުނެވެ. މަޑުމަޑުން އޭނާގެ އިނގިލިތައް ޝެރީންގެ މޫނުގައި ހިންގާލެވުނެވެ. އަދި ޝެރީންގެ އިސްތަށިގަނޑުގެ ދަށުން ކަނދުރާގައި ފިރުމާލަމުން މޫނު ގާތްކޮށްލެވުނެވެ. އޭރުވެސް ކަޅިޖަހާނުލާ ޝެރީން ދިޔައީ ޝާމިންއަށް ބަލަމުންނެވެ. ކުއްލިއަކަށް ދެމީހުންވެސް ސިއްސައިގެންދިޔައީ ޝެރީންގެ އަތްދަބަހުގައި އޮތް ފޯން ރިންގްވާންފެށުމުންނެވެ. އެއާއިއެކު ޝާމިންއަށް ދުރަށް ޖެހިލެވުނެވެ. އޭނާއަށް ހީވީ ހުވަފެނެއްގެ ތެރެއިން ނިކުމެވުނުހެންނެވެ. ޝާމިން ވަގުތުން ޝެރީންއަށް ފުރަގަސްދީ ދެއަތުން މޫނު ފޮހެލިއެވެ.

" ލޮކޭޝަން އެބަ ފޮނުވާލަން.. ކާރު ފޮނުވާލާ މިތަނަށް.. "

ޝެރީންގެ އަޑަށް ޝާމިން އޭނާއަށް ބަލައިލިއެވެ. އޭރު ޝެރީންވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.

" ރިސެޕްޝަނުން އެގުޅީ... "

މަޑުމަޑުން ޝެރީން ބުންޏެވެ. ޝާމިން ބަލައިލީ ދުރަށެވެ. ދެމީހުން އެއްހަމައެއްގައި ދާދި ގާތުގައި ތިބި ނަމަވެސް ދެމީހުންވެސް ބަލަމުން ދިޔައީ ކުރިމަތީގައި އޮތް ފުޅާ މަގަށެވެ.

" އަހަރެން ގަސްތަކު ނޫން.... " ޝާމިންއަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

" އަހަރެންވެސް..... ގަސްތަކު ނޫން... " ޝެރީންވެސް ހަމަ އެ ޖުމްލަ ތަކުރާރުކޮށްލިއެވެ.

" އަހަރެން އަބަދުވެސް ރޭގަނޑު ގުގުރަންޏާ ބިރުގަނޭ! " ދެންވެސް ވާހަކަ ދެއްކީ ޝެރީންއެވެ. އެހެނަސް ޝާމިންއަށް ދައްކާނެ ވާހަކައެއް އަދިވެސް ނޭނގުނެވެ. މުނާ ފިޔަވާ ހިލޭ އަންހެނަކާ ދިމާލަށް ބަލާލަންވެސް އޭނާ ފޫހިވެއެވެ. އެކަމަކު މިރޭ އޭނާއަށް އެވީގޮތުން ހިތްވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. އެހެނަސް މިވަގުތު ހިތުގައި ތަފާތު އަސަރުތަކެއް ރަސްކަންކުރާކަމުގެ އިޙުސާސެއްވެސް އޭނާއަށް ކުރެވެންފަށައިފިއެވެ. އޭނާ އަދިވެސް ހުރީ ޝެރީންގެ މޫނަށް ބަލާލަންވެސް ނުކެރިފައެވެ. އެހެންކަމުން ޝެރީންވެސް މަޑުމަޑުން ހުރީއެވެ.

ފުރުމުގެ ކުރިން އެއްފަހަރު ނަމަވެސް އެދަރިފުޅު ދެކިލަން ފައިހާ ހައިދަރްގާތު އެދުނެވެ. ހައިދަރުގެ ހުއްދައާއިއެކު ހައިދަރުގެ ގެއަށް ފައިހާ އާއި ރީހާން ދިޔައީ އާލްއާއި ބައްދަލްކޮށްލާށެވެ. ފައިހާގެ ހިތް އޭރު ތެޅިތެޅި އޮތީ އޭނާގެ ތުއްތު ދަރިފުޅު ދެކިލާހިތުންނެވެ. އެތައް ދުވަހެއް ވަންދެން ނުފެނި ހުރެ އެދަރިފުޅު ފެންނާނެ ވަގުތަކަށް އޭރުވެސް ފައިހާ ދިޔައީ ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުންނެވެ. ސޯފާގައި އިން ފައިހާ އިރުއިރުކޮޅުން ރީހާންއަށް ބަލައިލައެވެ. އޭރު ހައިދަރުވީ އާލް ބަލައި އޭނާގެ ކޮޓަރިއަށްގޮހެވެ.

" މަންމީ! " އާލްގެ ޅަ އަޑުން ފުރަތަމަވެސް ފައިހާގެ ދެލޮލުން ކަރުނަ ހިލިގަތެވެ. ފުންމައިގެން ތެދުވެ ފަހަތް ބަލައިލެވުމާއެކު ފައިހާއަށް ބާރަށް ރޯންފެށުނެވެ. އޭރު ހައިދަރްގެ އަތުގައި ހިފައިގެން އާލް ހުއްޓެވެ. ފުއްގަނޑެއްފަދަ އެ ލޯބި ކުއްޖާ މިހާރު ވަނީ ހިކި އަނަރޫފަވެފައެވެ. ލޯބިލޯބި ދެކޯވަނީ ވަޅުވަދެފައެވެ. ފައިހާއަށް ދުވެފައިގޮސް އާލްގެ ގައިގައި ބައްދައިގަނެވުނެވެ. އަދި އެދަރިފުޅުގެ މޫނާއި ގައިގެ އެތަންމިތަނުގައި ވަސްގަންނަންފެށިއެވެ.

" މަންމި އާލް ބަހައްޓާފަ ދަނީއޭ ބައްޕަ ބުނީ؟ އާލް ދާނަން... " އެޖުމްލައިގެ އަޑުއިވި ރީހާންއަށްވެސް ރޮވެން އުޅުނެވެ. އޭނާއަށްވެސް ހުރެވުނީ ތެދުވެވުނު ގޮތަށް ހުރިތާނގައެވެ. ހައިދަރުގެ މޫނުމަތިންވެސް ފެންނަނީ ހިތާމައިގެ އަސަރުތަކެވެ.

" މަންމި ކިހިނެއް ދަރިފުޅު ބަހައްޓާފަ ދާނީ ؟ މަންމި ކިހިނެއް ދަރިފުޅާނުލާ އުޅޭނީ ؟ ބައްޕި ގާތު ބުނޭ ދަރިފުޅު މަންމި ގާތަށް ފޮނުވާށޭ... "

ރޮމުން ރޮމުން ފައިހާ ކުޑަކަކޫ މައްޗަށް ތިރިވިއެވެ. އޭނާ އިނީ އާލްގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. އަަވަސް އަވަހަށް އާލް ހައިދަރުގެ އަތުގައި ހިފާ ތަޅުވައިގަތެވެ.

" ބައްޕާ! އާލް މަންމަ ގާތަށް ދާނީ! އާލް މަންމަ ގާތަށް ދާން... " ހައިދަރް އެއްވެސް އެއްޗެއް ނުބުންޏެވެ. މިއަދު ފެންނަނީ އޭނާގެ ރުޅިވެރި މޫނެއް ނޫނެވެ. އޭނާވެސް ހުރީ ހިތުގައި ޖެހިފައި ކަހަލަގޮތަކަށެވެ. ދެރަވެފައެވެ. ފައިހާ ކޮޅަށް ތެދުވެ ހައިދަރްގެ ކުރިމަތީ ހުއްޓި ވާހަކަ ދައްކަންފެށިއެވެ.

" މިވީ މަހެއްހާ ދުވަސްތެރޭގައި އާލްއަށް އައިސްފައިވާ ބަދަލް އަހަންނަށް ފެނިއްޖެ! އެކުއްޖާ އަހަންނަށް ދައްކާވެސް ނުލާ ހައިދަރް ގެންގުޅުނީ... އެކުޑަކުޑަ ހިތުގައި މަންމައަށްޓަކައިވާ ލޯބި ފެނިއްޖެތަ ހައިދަރް..."

" މިދުވަސްތަކުގައި އަހަރެން ވަރަށް މަސައްކަތްކުރިން އާލް ރަނގަޅަށް ބަލަން... އެކަމަކު އަހަންނަށް އެކަން ކާމިޔާބެއްނުވި! އެވަރުގެ ތުއްތު ކުއްޖެއް މަންމަ އާއި ވަކިކުރެވުނުކަން އެއީ އަހަރެންގެ ގޯސްކަން."

ހައިދަރް އެހެން ބުނުމުން ފައިހާގެ ހިތަށް ފިނިވެގެން ދިޔައެވެ.

" ކޮބާ އަންހެނުން؟ "

" ފައިހާއަށް އާލް ޙަވާލްކުރަން އަހަރެން ނިންމީމަ އޭނަ އަހަރެންދެކެ ރުޅިއައިސްގެން އަހަރެން ދޫކޮށް ގޮއްސި! "

" އަހަންނާ ޙަވާލްކުރަން؟ ހައިދަރް އަދި އެއްފަހަރު ބުނެބަލަ! އާލް އަހަންނަށް ދެނީތަ؟ ރީހާން ބަލާބަލަ !.. މިކިޔާ އެއްޗެއް އަޑުއަހާބަލަ!"

އުފަލުންގޮސް ފައިހާއަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ކަހަލައެވެ. ދުރުގައި ހުރި ރީހާން ބާރުބާރަށް އައިސް އާލް އުރާލީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

"އާލްގެ ހުރިހާ އެއްޗެއް އަހަރެން ހުންނާނީ ޕެކްކޮށްފައި! މަންމި ނޫން އެހެން މީހަކަށް އާލްއެއް ނުބެލޭނެ! " ފައިހާ ރޮވިފައިހުރެ ހިނިތުންވަމުން އާލްގެ ކޮލަށް ބޮސްދިނެވެ. އަދި ރީހާންއާއި އެކު ކުރިއަށް ހިނގައިގަތީ ހައިދަރްއަށް ބަލައިވެސްނުލައެވެ.

" މަންމީ!... އަހަރެން އަދި އެއްްވާހަކަ ބުނަން ބޭނުން! "

ހުރި ފިޔަވަޅުމަތީގައި މަޑުކޮށްލުމަށްފަހު ފައިހާ އެނބުރި ބަލައިލިއެވެ. ހައިދަރް އިސްޖަހާލުމަށްފަހު އަނެއްކާވެސް ފައިހާއަށް ބަލައިލިއެވެ.

" އަހަރެންވެސް އާލްދެކެ ވަރަށް ލޯބިވޭ! އަހަންނަށްވެސް ވަރަށް އުނދަގުވާނެ އާލްއާއި ނުލާ އުޅެން... އާލްގެ ހުރިހާ ކަމެއްވެސް އަހަރެން ވަރަށް ފުރިހަމައަށް ކޮށްދިނިން. އެކަމަކު މަންމިނެތީމަ އާލް ނުނިދާ ނުކައި އެގޮތަށް އުޅުނީ.. އެހެންވެ އަހަރެން އާލްއަށްޓަކައި މިގޮތަށް ނިންމީ.. ހަމަ އެގޮތަށް އާލްވެސް ބޭނުންވާނެ ދެމީހުންގެ ލޯބި! ފައި ބޭނުންވާނަމަ... ބޭނުންވަންޏާ އަހަރެން ބޭނުން ކައިވެނި ކުރަން.. އާލްގެ ޙައްޤުގައި.."

ހައިދަރްގެ އެންމެ ފަހު ޖުމްލައިން ފައިހާއަށް ކުއްލި ސިހުމެއްލިބުނެވެ. އޭނާގެ ލޭ ކެކިގެން ދިޔައެވެ. ބާރުބާރަށް އައިސް ހައިދަރްގެ ކުރިމަތީގައި ހުއްޓި އޭނާގެ މޫނާއިދިމާލަށް އިނގިލި ދިއްކޮށްލިއެވެ.

" ދެވަނަ ފަހަރަށް ތިގޮތަށް ނުވިސްނާތި! އާލްގެ ޙައްޤުގައިވެސް އަހަރެން ކަލޭގެ ދިރިއުޅުމަކަށް ނާންނާނަން.. އަހަރެންގެ އަތުން އާލް އަތުލުމަށްފަހު އަހަރެންގެ ޙާލެއް ބަލާލިންތަ؟ މަޔަކާ ދަރިއެއް ވަކިކުރުމުން ދަރިފުޅު އުޅުނުގޮތް ފެނުނެއްނު! ހަމަ އެގޮތަށް މި މައިލަގޮނޑިއަށް ކެތްވާނީ ކިހިނެއް؟ އަހަރެން ރޮއިރޮއި ހުއްޓާ އަތުލައިގެން މިދަރިފުޅު ރޮއްވައިގެން ގެންދިޔައީ! އެދުވަހު އަހަންނަށް ހީވީ މިހަށިގަނޑާ ފުރާނަ ވަކިކޮށްލީހެން.. ހައިދަރް! އަހަރެން މިއަދު ދުނިޔޭގައި މިހުރީ އެހެރަފެންނަ އިންސާނާގެ އޯގާތެރިކަމުން.. އަހަރެންގެ ޙަޔާތުގައި ޖާގަ ދެވިފައިވަނީ މިހާރު ހަމައެކަނި އޭނާއަށް.. އެއް އިރެއްގަ އަހަރެން ހައިދަރްދެކެ ވަރަށް ލޯބިވިން. އަމިއްލަ އާއިލާވެސް ދޫކޮށްލީ ހައިދަރްއަށްޓަކަައި. އޭގެ ފަހުން އަހަރެން މިވަނީ އާއިލާނެތް މީހަކަށް ވެފައި! އެހެންވީމަ ދެން ތި ވިސްނުން ދޫކޮށްލާ! "

ފައިހާ އަވަސް އަވަހަށް ހައިދަރްއަށް ފުރަގަސްދިނީ ރޮވޭގޮތް ވުމުންނެވެ. އޭނާ އިތުރަށް މަޑުނުކޮށް ނުކުންނަން ހިނގައިގަތުމުން ރީހާންވެސް ހިނގައިގަތެވެ.

ޝާމިންއަށް އަދިވެސް ވިސްނެނީ ރޭގައި ހިނގި ކަންތަކާއެވެ. އޭނާ އެހެން އޮއްވާ މުނާ ދެފަހަރަކު ގުޅިއެވެ. އެހެނަސް މުނާއާއި ވާހަކަ ދައްކަން އޭނާގެ ޟަމީރު އަދިވެސް އެއްބަހެއް ނުވެއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރެވޭ ވަރަކަށް ޝާމިންވަނީ ދެރައެވެ. އެހެން އޮއްވާ ފޯނަށް މެސެޖެއް އައެވެ.

" ސޮރީ! " ލިބުނީ ޝެރީންގެ މެސެޖެކެވެ. ރޭގަ ވާހަކަ ދައްކަން ނުކެރުނު ނަމަވެސް މެސެޖުން އޭނާ ހުރީ ވާހަކަ ދައްކަން ބޭނުންވެފައެވެ.

"ސޮރީ! އަހަންނަށް ކަންތައްކުރެވުނީ ރަނގަޅަކަށް ނޫން.."

ޝާމިން މަޢާފަށް އެދުނެވެ.

" ރޭގަ އަހަންނަކަށް ނުނިދުނު"

" އެއީ ކިހިނެއްވީ؟ " ޝާމިން އެ ފޮނުވީ ޝެރީން ބޭނުންވި ޖަވާބެވެ.

" ވިސްނެނީ.. "

" ކޮންކަމަކާ ވިސްނެނީ ؟" ޝާމިން ސުވާލު އެކުރަނީ ވާހަކަ ދައްކާހިތްވާތީކަން ޝެރީންއަށް އެނގުނެވެ. އެހެންކަމުން އޭނާ ކުރިއަށް ގެންދިޔައީ ނުހަނު ދުރުންނެވެ.

" އަސްލު ވިސްނެނީ ޝާމިންއާއިމެދު.. ރޭގެ ކަންތަކާމެދު.. ނޭނގެ ކީއްވެކަމެއް! ފާޑެއްގެ ގޮތެއްވޭ! "

ޝެރީން މެސެޖް ދޫކޮށްލިއެވެ. އެހެނަސް އޭނާއަށް ރިޕްލައިއެއް ނުލިބުނެވެ. ޝެރީން ކަންބޮޑުވެފައި އޮތީ ޝާމިން ރުޅިއައީކަމުގައި ހީކޮށެވެ. އެހެނަސް އޭގެ އިރުކޮޅެއްފަހުން ޝާމިންގެ މެސެޖްލިބުނެވެ.

" އަހަރެން ގަސްތަކު ނޫން އަސްލު.. އެކަމަކު ދޮގުހަދާކަށްނެތިން. ޝެރީން އެހާ ކައިރިން ފެނުނީމަ ބޭއިޙްތިޔާރުގައި އެގޮތަށް ކަންތައްކުރެވުނީ! އަހަރެންގެ އަންހެނުންނަށް އަހަރެން ވަރަށް ވަފާތެރިވަން. އެކަމަކު ރޭގަ... " މެސެޖުގެ އެންމެ ފަހަތުގައި އޮތީ ސޭޑްފޭސް އިމޯޖީއެކެވެ. ޝެރީންއަށް އެމެސެޖް އެތައް ފަހަރަކު ކިޔުނެވެ. އެއަށްފަހު އޭނާ އަވަސް އަވަހަށް ޖަވާބު ޓައިޕްކުރަން ފެށިއެވެ.

" އެއީ އަދި ބޭވަފާތެރިވުމެއްނޫން.. ހިތަކީ ވަރަށް ނާޒުކު އެއްޗެއް! ގަދަބާރުން ހިތް މައިތިރިއެއް ނުކުރެވޭނެ! އަހަންނަށްވެސް އެނގޭ ތީ މީހެއްގެ ފިރިއެއްކަން! އެކަމަކު އަހަރެންގެ ހިތް މިހާވަރަށް ޝާމިންއަށް އެދެވެނީ ކީއްވެގެންކަމެއް އަހަންނަކަށްވެސް ނޭނގެ! އަހަރެންވެސް ގަސްތަކު ނޫން... "

ލިޔެފައި، ފޮނުވަން ނުކެރި ހުރެ، ޝެރީން ފޮނުވާލީ ދެލޯމަރާލަމުންނެވެ. މާދަމާވެސް ޝާމިންއާ ކުރިމަތިލާންޖެހޭނެކަން އެނގިހުރެއެވެ. ލިބުނު ދިގު މެސެޖް ކިޔާލުމާއެކު ޝާމިންއަށް ތެޅިގަނެވުނެވެ. އޭނާއާއިމެދު އެފަދަ ގޮތަކަށް ޝެރީން ދެކިގެން ނުވާނެޔޭ އެތައް ފަހަރަކު ހިތް ބުނެދިނެވެ. އެހެނަސް ޝެރީންއަށް އެހެން އެވީ ޚުދު އޭނާގެ ސަބަބުންނޭ ހިތަށް އެރުމާއެކު އޭނާއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވެންފެށިއެވެ. ޝެރީންގެ ގައިގައި އަތްނުލިނަމަ ޝެރީން އެފަދަ ނަޒަރަކުން އޭނާއަކަށް ނުބަލާނެޔޭ ހީކުރެވުނެވެ.

ޝާމިންގެ މެސެޖްގެ އިންތިޒާރުގައި ޝެރީން ތެޅިފޮޅެނީއެވެ. އެނދުގައި ނޯވެވިގެން އޭނާ ނިކުތީ ކޮޓަރީގެ ބެލްކަންޏަށެވެ. އަނެއްކާ ޝާމިން ރުޅިއައީބާއެވެ؟ އޭނާ ހިތްހަމަ ނުޖެހިގެން ފުރައިގެން ގޮސްދާނެބާވައެވެ؟ ނޫނީ އެންމެންގެ ތެރޭގައި އަހަރެން ބޭޒާރުކޮށްލާނެބާއެވެ؟ އެފަދަ ޚިޔާލުތަަކަކުން ޝެރީން ބިރުގަންނަން ފަށައިފިއެވެ. އަތުގައި އޮތް ފޯނުގެ ޑިސްޕްލޭ ދިއްލުމާއެކު ޝެރީން ދެއަތުން ފޯނުގައި ހިފައިގެން ހުރެ، ލިބުނު ދިގު މެސެޖް ކިޔަންފެށިއެވެ.

" ޝެރީން! އަހަންނަށް ކުރެވުނު ކަންތަކުން އަހަރެން ލަދުގަނެ ދެރަވަން! އަހަންނަށް އެނގޭ އަހަންނަށްޓަކައި ތިފަދަ ގޮތަކަށް ތި ވިސްނީ އަހަންނަށް އެގޮތަށް ޢަމަލު ކުރެވުނީމަކަން. ހަމަ އެގޮތަށް ޝެރީންއަށްވެސް ކުރެވުނީ ރަނގަޅުކަމެއްނޫން.. ދެން އަހަންނަށް ފެންނަނީ މިހިސާބުން މިވާހަކަ ނިންމާލަން. އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް ތަކުރާރެއްނުވާނެ! ވައިފްދެކެ އަހަރެން ވަރަށް ލޯބިވޭ! ދެތިން މަސްތެރޭގަ އަހަންނަށް ބޭބީއެއްވެސް ލިބޭނެ އިންޝާﷲ.. އަހަރެން ބޭނުމެއް ނޫން އިތުރަށް ގޯހެއް ހަދާކަށް."

ޝެރީން ދެރަވީ އެންމެ ފަހުގެ ޖުމްލަ ކިޔާލާފައެވެ. އެއީ އެއްގޮތަކަށްވެސް ޝާމިން އޭނާއަށް ނުލިބިދާނެތީއެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ޝެރީންއަށް ހުރެވުނެވެ. ކަންތައްކުރަންވީ ގޮތާއިމެދު އޭނާ ފުންކޮށް ވިސްނަމުންދިޔައެވެ. މެސެޖަކުން ހުރިހާ ވާހަކައެއް ބުނާނީބާވައެވެ؟ ނޫނީ ޝާމިންގާތަށް ދާންވީ ބާވައެވެ؟ އެހެނަސް އެއްވެސް ހިތްވަރެއް ޝެރީންއަކަށް ނުލިބުނެވެ. މަޑުމަޑުން ހިނގާފައިގޮސް އެނދުގައި އޮށޯވެ އޯކޭ ޖަހާފައި ޝާމިންއަށް މެސެޖެއް ކޮއްލިއެވެ.

" ކީކޭތަ ޝާމިންބުނީ؟ ވިހަންވާއިރަށް އާދެވޭނެޔޭ ބުނިތަ؟ "

ފިޔާކޮށަން އިނދެ ސަމީހާ ސުވާލުކުރީ މުނާއާއެވެ. އޭރު މުނާއިނީ ކެރެޓްމަށާށެވެ.

" ރޭގަ ބުނި ހިއެއްނުވެޔޭ! އަހަރެން ވަރަށް ދެރަވޭ އެހެންވެ.. ފަހަރެއްގައޭ ބުނީ.. ނާދެވެންޏާ ކިހިނެއްހަދާނީ؟ މަންމައަކަށް ނުދެވޭނެއެއްނު"

ގޮތް ހުސްވެފައިވާ ރާގަކަަށް މުނާ ވާހަކަ ދެއްކިއެވެ. މުނާގެ ޖުމްލައިން ވަގުތުން މަސައްކަތް ހުއްޓާލައިގެން ސަމީހާއަށް އިނދެވުނީއެވެ.

" ނާދެވޭނޭ؟ އެކަމަކު ތީ ހާދަ ދެރަގޮތެކޭ! ދެން ތިބޭނީ ސޮފާގެ މީހުން.. އެއީ ހާދަ ހެޔޮބައެކޭ! އެމީހުންގާތު ބުނިއްޔާ އެގެއިން ގޮސްދާނެ ސޮފާ މައިދައިތަވެސް.. ސޮފާވެސް ހުންނާނެއެއްނު! އެކޮއި ފިރިމީހާވެސް ދާނެކަންނޭނގެ! އިރާދަކުރައްވައިގެން ރަނގަޅުގޮތަކަށް ދިޔައްޔާ އާދެވޭނެ އަވަހަށް. އެހާ ވަރަށް ނުވިސްނާ! ދެން ދެތިން މަހެއްގެ ތެރޭގަ ޝާމިންއަށްވެސް އާދެވިދާނެ! "

ސަމީހާ ބެލީ މުނާ ހަމައަކަށް އެޅުވޭތޯއެވެ.

ޖެހިގެން އައިދުވަހަކީ ބަންދު ދުވަހެއް ކަމުން ޝާމިން ތެދުވީ އެގާރަވެސް ޖެހިފަހުންނެވެ. ފޯން ބަލައިލިއިރު ޝެރީންގެ އެއްވެސް ޚަބަރެއްނެތެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން އޭނާ ނިކުތީ ހޮޓެލްގެ ކޮފީޝޮޕަށް ދިޔުމަށްޓަކައެވެ. އެތަނަށް ވަނުމާއެކު އޭނާއަށް ފެނުނީ މޭޒެއްގެ ދަށުގައި އެކަނިމާއެކަނި އިން ޝެރީންއެވެ. މެކްބުކް ހުޅުވައިގެން އޭނާއިނީ ކޮންމެވެސް މަސައްކަތަކަަށް ގެއްލިފައެވެ. ޝާމިންގޮސް ހުއްޓުނީ ޝެރީންގެ ފަހަތުގައެވެ. އޭނާ ކުރަމުންދާ މަސައްކަތްފެނި ޝާމިންގެ ހިތް ނުތަނަވަސްވިއެވެ.

" ތީ އަހަރެން ކުރަންޖެހޭ ކަމެއްނު؟" ސިހިފައި ޝެރީން ފަހަތް ބަލައިލީ ޝާމިންގެ އަޑަށެވެ. އެހެންޏާ އަބަދުވެސް ހިނިތުންވުމެއްގައި ހުންނަ ޝެރީން މިއަދު ފެންނަނީ މިލާމޯޅިވެފައިވާތަނެވެ. އޭގެ އިތުރުން ޝާމިންގެ ލޮލުގައި އަޅައިގަތީ އޭނާ ލައިގެން އިން ހެދުމެވެ. އަތްދިގު، ދިގު ހެދުމެއްލަަައިގެން ހުއްޓާ އޭނާއަށް ޝެރީން ފެނުނީ އަލަށެވެ. ޝެރީންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނުމަށްފަހު ޝާމިން އަނެއްކާވެސް ބުންޏެވެ.

" މާދަމާ އޮފީހަށް ގޮސް ތިއެއްޗެހި އެންޓަރ ކުރަން ބަހައްޓާފައި ތިހުރީ.."

" އާނ މީ އެވަރު ތަންކޮޅެއް ލަސްވާތީވެ، މިއަދަކީ ރާއްޖެއަށް ބަންދު ދުވަހެއް ނޫނެއްނު! އެކޮޅަށް ކޮންޓޭނަރތައް ލިބިއްޖެ! އެހެންވެ "

ޝެރީން ވާހަކަ ދެއްކި އިރުގައިވެސް ޝާމިންއަކަަށް ނުބަލައެވެ.

" އެހެންޏާވެސް އަހަންނަށް އަންގަމެއްނު ކޮންޓޭނަރތައް އެކޮޅަށް ލިބުނީމަ! ކީއްވެ މިއަދު އަމިއްލައަށް ތި ނިންމާލަނީ؟ " ކަންބޮޑުވެފައި އިނދެ ޝާމިން ވާހަކަ ދެއްކިއެވެ.

" ބުނެފީމެއްނު ލަސްވާތީއޭ! އަހަންނަށްވެސް މިކަންތައް ކުރެވެނީއެއްނުމި.. " ޝެރީންގެ އަޑުގައި ރޫޑް ގޮތެއް ހުއްޓެވެ. އެހެންކަމުން ޝާމިންގެ ހިތް އިތުރަށް ނުތަނަވަސްވަމުން ދިޔައެވެ.

" މިއަދު ކޮފީއަށް ތިއައީ ގުޅާވެސްނުލާ! އަނެއްކާ ރުޅި އައިސްތަ؟ " ޝެރީން ހަމައަކަށް އަޅުވާލުމުގެ މަޤްޞަދުގައި ޝާމިން މައުޟޫ ބަދަލުކޮށްލިއެވެ.

" މިތަނަށް އައިއްސުރެ އަބަދުވެސް ޝާމިންއަށް ގުޅަނީ އަހަންނެއްނު! އެއްފަހަރުވެސް ކޮފީއަކަށް ދާން ، ނޫނީ ކާން ދާން ޝާމިންއެއް ނުގުޅަ! މިއަދުވެސް އަހަރެން ނުގުޅީމަވެސް ތިއައީ އަހަންނަށް ގުޅާނުލާ! އެހެންވީމަ... ޝާމިންއަށް ކޮންފޮޓަބަލް ގޮތަކަށް އުޅެން ދޫކޮށްލީ! " އޭރުވެސް ޝެރީން އިނީ ޓައިޕްކޮށްލަކޮށްލައެވެ. އެންމެ ފަހަރަކުވެސް އޭނާ ޝާމިންގެ މޫނަކަށް ނުބަލައެވެ.

" އަސްލު ރޭގެ ކަންތަކާދޯ! ތެދަށް ބުނެބަލަ! " ޝާމިން އެހެން ބުނުމުން ޝެރީން ޝާމިންއަށް ބަލައިލިއެވެ. އެދެލޯ ފެނުމާއެކު ޝާމިން ހައިރާންވިއެވެ. އޭނާގެ ދެލޯވަނީ ވަރަށް ބޮޑަށް ރަތްވެ ދުޅަވެެފައެވެ. ރޭގަ ވަރަށް ގިނައިން އޭނާ ރޮއިފައިވާކަން އެދެލޮލުން ހެކިދެއެވެ.

" ޝާމިން އެއްނު ބުނީ ދެން އެވާހަކަ ނިންމާލަން! އެހިސާބުން ހުއްޓާލަން! އަހަރެންތަ އެވާހަކަތައް މިފެށީ؟ އަހަރެން އެއިން އެއްވެސް ވާހަކައެއް އަލަކުން ނުދައްކަމޭ! ދެން ޝާމިން ކީއްވެ އަނެއްކާ އެކަންތައް ހަނދާންކޮށްދޭން ތި މަސައްކަތްކުރަނީ ؟" އޭރު ޝެރީންގެ ދެލޯ ކަރުނުން ފުރިއްޖެއެވެ. ބާރުބާރަށް މެކްބުކް ލައްޕާލަމުން އެ ހިފައިގެން ތެދުވެ ޝެރީން ދުވަމުން ހިނގަމުން ކަހަލަ ގޮތަކަށް ބޭރަށް ނިކުތެވެ. އޭނާއަށް ދެވުނީ ފޯން މޭޒުމަތީގައި ބާއްވާފައެވެ. ޝާމިންއަށް އިނދެވުނީ ބަސްހުއްޓިފައެވެ. މީގެ ކުރިން ޝެރީންގެ އެސިފައެއް އޭނާއަކަށް ނުފެނެއެވެ. ޝެރީން ހިތްދަތިވެފައިވާވަރު އޭނާގެ އަޑުންވެސް އެނގެއެވެ. ކުއްލިއަކަށް ޝެރީންގް ފޯނަށް ނޮޓިފިކޭޝަނެއް އައުމުން ޝާމިން އެ ފޯނަށް ބަލައިލިއެވެ. އެއާއިއެކު އޭނާގެ ދެބުމައާއި ދެލޯ އެކުވެގެން ދިޔަކަހަލައެވެ. އެފޮޓޯއަށް އޭނާ ޝައުޤުވެރިކަމާއެކު ބަލަމުންދިޔައެވެ. އެއީ އޭނާގެ ފޮޓޯއެއްކަން ޔަޤީނެވެ. ފަހަތުން ނަގާފައިވާ އެފޮޓޯވަނީ އެއްކޮށް ކަޅުހިޔަންޏަކަށް ހަދާފައެވެ. ނަމަވެސް އެއީ ޝާމިންގެ ހަށިގަނޑުކަން ޝާމިންއަށް ޔަޤީނެވެ. އެފޮޓޯއަށް ބަލަހައްޓައިގެން އިންދާ ކުއްލިއަކަށް އޭނާ ސިހުނީ އަތުގައި އޮތް ފޯން ޝެރީން ދަމައިގަތުމުންނެވެ. ޝާމިންއަށް ބާރުބާރަށް ކޮޅަށް ތެދުވެވުނެވެ.

" އެ ކަޅު ހިޔަންޏަކީ ކާކު؟" އަވަސް އަވަހަށް ޝާމިން ސުވާލުކުރީ އެނގެން ބޭނުންވާފަދަ ގޮތަކަށެވެ.

" ތިބުނީވެސް ހިޔަންޏެކޭ އެއްނު! އާނ އެއީ އަހަރެންގެ ޙަޔާތުގައިވާ ކަޅު ހިޔަންޏެއް! ކުލަވާނެ ކަމުގެ އެއްވެސް އުއްމީދެއްނެތް! " ފަސްއެނބުރި ދަމުން ޝެރީން ބަލާލިގޮތުން ޝާމިންގެ ހިތަށް އުނދަގޫވިއެވެ. ޝެރީން ނުކުމެގެން ދަންދެންވެސް ޝާމިންއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (12)

ސިލްސިލާ ވާހަކަ: ޙައްޤުގައި (12)

(ނިމުނީ)