ކުރީގެ ޢަދަދާއިގުޅޭ،

" އަހަންނަށް މަޢާފްކުރޭ ޝެރީން! " ޝާމިން އަވަސް އަވަހަށް ބުންޏެވެ. އޭރުވެސް ޝެރީންއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ.

Ad
rt

" ނުދޭ! ޕްލީޒް...." ޝާމިންއަށް ބުނެވުނެވެ.

އެއާއިއެކު ކަރުނައިން ފުރިގެންވާ ލޮލަކުން ޝެރިން ހިނިތުންވެލިއެވެ.

" ޝާމިން؟ އަހަންނަށް މި ފެންނަނީ ޙަޤީޤަތެއްތަ؟ "

ޝެރީންގެ ޖުމްލައަށް ޝާމިން ބޯޖަހާލިއެވެ. އެއާއެކު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލުމަށްފަހު ޝާމިންގެ ގައިގައި ބާރުބާރަށް ބައްދައިގަތެވެ. ޝެރީންގެ އެ ބަރަކާތުން ޝާމިންއަށް ލިބުނީ ނުތަނަވަސްކަމެވެ. އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެހެންކަމުން އޭނާ އަވަސްއަވަހަށް ޝެރިން ދުރުކޮށްލިއެވެ.

" އަހަންނާ ހެދި ޝެރީންއަށް ހިތްދަތިކަން ލިބުނީތީ މަޢާފަށް އެދެން. "

" ތިބުނީ ޝާމިން އަހަރެންގެ ލޯބި ގަބޫލުކުރީއޭތަ؟ ބުނެބަލަ! އަހަރެންގެ ލޯބި ޤަބޫލުކުރީއޭތަ ތިބުނީ ؟ "

ޝާމިން ލައިގެން ހުރި ޓީޝާޓްގެ ގިރުވާނުގައި ހިފަމުން ޝެރީން ބުނެލިއެވެ. ޝެރީންގެ އަމަލުތައް ހުރި ގޮތުން ޝާމިންއަށް އުނދަގޫވާންފެށިއެވެ. އޭނާ ޝެރީންގެ ދެއަތުގައި ހިފުމަށްފަހު ގަދަކަމުން ހީލިއެވެ. އަދި އޭނާގެ އަތް ނައްޓުވާލުމަށްފަހު ބޯޖަހާލިއެވެ.

" ހަމަޖެހިލަބަލަ! އަހަރެން ނުދަމެއްނު ދުރަކަށް! އަހަރެން މިހުރީ ޝެރީންގެ ކައިރީގައޭ!"

ޝާމިން ބޭނުންވީ ޝެރީން ހަމަޖައްސާލާށެވެ. ކުޑަކުއްޖަކަށް ވިސްނައިދޭ ފަދައިން އޭނާ ޝެރީން ހަމައަކަށް އެޅުވޭތޯ ބެލިއެވެ. އަދި ޝެރީން ގޮވައިގެން ކޮޓަރިއަށް ވަނެވެ.

" ދެން ނިދާލާ އިނގޭ! އަހަރެން ވެސް މިދަނީ ނިދާލަން! "

" ބޭބްވެސް އާދޭ މިތަނަށް! ކީއްކުރަން އެކޮޓަރިއަށްދަނީ؟ " ޝެރީންގެ ވާހަކައިން ޝާމިން ޖެހިލުންވިއެވެ. އަދިވެސް އޭނާއަކަށް ޝެރީންއެއް ނޭނގެއޭ ހިތަށް އެރިއެވެ.

" ފަހުން އަންނާނަމޭ! ކުޑަކޮށް ބޮލުގައި ރިއްސާތީވެ! " ޝާމިން އެހެން ބުނުމާއެކު ޝެރީން ބޭނުންވީ އޭނާގެ ބޮލުގައި ފިރުމާށެވެ. އެހެނަސް ޝާމިން އަވަސް އަވަހަށް ޝެރީންގެ އަތުގައި ހިފެހެއްޓިއެވެ. އެއާއިއެކު ޝެރީންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ރުންކުރު ގޮތަކަށް ވާހަކަ ދައްކަންފެށިއެވެ.

" ކިހިނެއްވީ؟ ކީއްވެ އަހަރެން ތި ހުއްޓުވީ؟ ޝާމިން އަހަރެންދެކެ ލޯތްބެއް ނުވޭތަ؟ ޝާމިން ބޭނުމެއް ނުވޭތަ އަހަރެންގެ އަތުގެ ފިރުމުންތަކެއް؟ ޝާމިން ބޭނުމެއް ނުވޭތަ އަހަރެންގެ..... "

" ނޫނޭ ޝެރީން! ބޭނުން ނުވަނީއެއް ނޫނޭ! ބޮލުގައި ރިއްސާއިރު ބޮލުގަ އަތްލީމަ އަހަންނަށް މާ އުނދަގޫވޭ! ޕްލީޒް އަންޑަސްޓޭންޑް ވެބަލަ! އަހަރެން މިބުނީނު އަންނާނަމޭ!"

ޝާމިން އަވަސް އަވަހަށް ތެދުވިއެވެ. ދެރަވެފައި އިނދެ ޝެރީން ބޯޖަހާލިއެވެ. އަދި މަޑުމަޑުން އޮށޯވެލުމަށްފަހު ހީލިއެވެ.

" އޯކޭ! އަހަރެން އަބަދުވެސް ޝާމިންގެ ވާހަކަތައް އަޑުއަހާނަން! އަންނައްޗޭ އަވަހަށް!" ޅަ ގޮތަކަށް ޝެރީން އެހެން ބުނުމުން ޝާމިން ހީލަމުން ނިކުންނަން ހިނގައިގަތެވެ. ޝެރީންގެ ކޮޓަރީގެ ދޮރު ލެއްޕުމާއެކު އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

" މާތްކަލާކޯ! ކޮންފަދަ އިމްތިޙާނެއްބާ މީ ؟ "

ޝާމިންއަށް ބުނެލެވުނެވެ. އެންމެ ހިނދުކޮޅަކުވެސް އެތަނުގައި މަޑުނުކޮށް އޭނާ ދިޔައީ ކޮޓަރިއަށެވެ.

ކާރުގައި އިން އިރުގައިވެސް ފައިހާގެ ހިތަށްވަނީ ނުތަނަވަސްކަން ވެރިވެފައެވެ. މާލޭގައި ދިރިއުޅޭ އޭނާގެ މައިންބަފައިންނާ އާއިލާ މީހުން ދެކިލުމަށް ހިތް އެދެން ފެށިއެވެ. އެހެނަސް އެމީހުންގެ މަލާމާތާއި ނަފްރަތު ނޫން އެއްޗެއް އޭނާއަށް ނުލިބޭނެކަން އެނގޭތީ ފައިހާ އަނެއްކާވެސް ވަރަށް ދެރަވެއްޖެއެވެ.

ލިފްޓްގެ ދޮރު ހުޅުވުމާއެކު ފައިހާއަށް ފެނުނީ ހެވިދިލިފައި ތިބި ރީހާންގެ މައިންބަފައިންނެވެ. މަންމައައިސް ފައިހާގެ ގައިގައި ބައްދާލީ އަމިއްލަ ދަރިއެއް ފަދައިންނެވެ. އެއާއެކު ރީހާންގެ ބައްޕަ އާލް އުރާލިއެވެ.

" ކޮބާ އަހަންނަށް އަޅާލާނެ މީހެއް ނެތީތަ؟ " މަޖާ ރާގަކަށް ރީހާން އެހެން ބުނުމުން އެންމެން އެއްފަހަރާ ހީގަތެވެ.

" ދަރިފުޅު ބުނީ ހަމަތެދެއް! މަންމައަށް ގެނެސްދިން އަންހެން ދަރިޔަކީ ހާދަ ރީތި ކުއްޖެކޭ! " މަންމަގެ ޖުމްލައިން ރީހާން ފައިހާއަށް އެއްލޯމަރާލިއެވެ.

" ބައްޕަ އެންމެ އުފާވީ އަންހެންދަރިފުޅާއެކު ކާފަ ދަރިއެއްވެސް ލިބުނީމަ! "

" ވަރަށް ކުރީގެ އިޝްތިހާރެއް ބައްޕަ ހަނދާންވޭތަ ކޮންމެ ކޯސްޓްކިރު ދަޅަކާއެކު ހިލޭ ތައްޓެއް! "

ރީހާން އެހެން ބުނުމުން އަނެއްކާވެސް އެންމެން އެއްފަހަރާ ހީގަތެވެ.

ޝެރީންއަށް ނިދިން ހޭލެވުނެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ ޝާމިން އޭނާއަށް ގޮވަން އަންނާނެކަމަށް ބުނި ހަނދާނެވެ. ގައިމަތިން އަޅާފައިވާ ބޯ ބްލޭންކެޓް ނެގުމަށްފަހު އަވަސް އަވަހަށް އެނދުން ތެދުވިއެވެ. ފޯނު ބަލާލިއިރު ޝާމިންގެ އެއްވެސް މެސެޖެއް އަދި ކޯލެއްވެސް އައިސްފައެއް ނެތެވެ. އޭރު ގަޑިން ހެނދުނު އަށެއް ޖަހަނީއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް ޝާމިންއަށް ގުޅަން މަސައްކަތްކުރިއެވެ. ނަމަވެސް ޝާމިންގެ ފޯނަކަށް ނުގުޅުނެވެ. ކޯލް ކެނޑެނީއެވެ. ފޯނު އެނދުމައްޗަށް ހޫރާލަމުން އަވަސް ފިޔަވަޅުތަކެއްގައި އޭނާ އައީ ފާޚާނާއާއި ދިމާލަށެވެ. އެއާއިއެކު ލޮލުގައި އަޅައިގަތީ ކޮޓަރި ދޮރުކައިރީގައި އޮތް ސިޓީ އުރައެކެވެ. ހާސްހިތަކައިގެން އޭނާ ސިޓީ އުރަ ނަގާ ކަނޑާލިއެވެ.

" ރިޒައިނޭޝަން ލެޓަރ؟ ޝާމިންގެ؟ "

ހިތުގައި ބޮނޑިބޮނޑި ވަމުންދާ ސުވާލުތައް އެއްފަރާތްކޮށްލާފައި އޭނާ އެ ސިޓީ ކިޔާލިއެވެ. ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން ވަޒީފާއިން ވަކިވީ ކަމަށް އޭނާ ސިޓީގައި ލިޔެފައިވެއެވެ. ސިޓީ އުރަތެރޭގައި ދެން އޮތް ކަރުދާސްނަގާ ދެލޯ ތަންމިނަށް ހުޅުވައިގެން ހުރެ ޝެރީން ކިޔަންފެށިއެވެ.

" ޝެރީންއެވެ. މިވަރުން އަހަންނަށް ފުދިއްޖެއެވެ. އަހަންނަކީ އެއްވެސް މީހެއްގެ ދަށުވެގެން އުޅެން ބޭނުންވާ މީހެއް ނޫނެވެ. ޝެރީންގެ ފިޔަގަނޑުގެ ދަށުން ހިޔާލިބިގެން ކާމިޔާބު ބިޒްނަސްމޭންއަކަށް ވާކަށް އަހަރެން ފަހަރެއްގައިވެސް ބޭނުމެއްނޫނެވެ. އަހަރެން ކުރިއަށްދާން ބޭނުންވަނީ އަހަރެންގެ އަމިއްލަ މަސައްކަތުންނެވެ. އަދި އެއްވާހަކަ ބުންނަހެއްޔެވެ؟ އެއްވެސް މީހެއްގެ ހިތުގެ އިޙްސާސްތަކަށް އަހަރެން މަލާމާތެއް ނުކުރާނަމެވެ. ޝެރީން އަހަރެންދެކެ އިންތިހާއަށް ލޯބިވާކަމަށް ބުނި ނަމަވެސް އަހަރެންގެ އަނބިމީހާ ލޯބިވާވަރަށް ވުރެ ބޮޑަށް އަހަރެންދެކެ ލޯބިވާނެ އިތުރު އިންސާނެއް މި އުޑުދަށަކު ނުހުންނާނެއެވެ. އަދި އަހަންނަށްވެސް އޭނާ ފިޔަވާ އިތުރު އަންހެނެއްދެކެ ލޯތްބެއް ނުވެވޭނެއެވެ. އަހަންނަށް މަޢާފްކުރާށެވެ. އަދި އަހަރެން ހޯދަން މަސައްކަތް ނުކުރާށެވެ. އަހަރެން މިދަނީއެވެ. "

ނޯޓް ކިޔާ ނިމުނު އިރު ޝެރީންއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. ފާޚާނާއަށްވެސް ނުވަދެ ބާރުބާރަށް އޭނާ ކޮޓަރިން ނިކުތެވެ. އަދި ދުވަމުން ކަހަލަ ގޮތަކަށް ގޮސް ޝާމިންގެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ކޮޓަރީގައި ޝާމިންއެއް ނެތެވެ. އޭނާގެ އެއްވެސް އެއްޗެއްވެސް ނެތެވެ. ހާސްވެފައި ހުރެ ޝެރީން ލިފްޓަށް އެރީ ރިސެޕްޝަނަށް ދާށެވެ. އޭރުވެސް އޭނާގެ ދެލޮލުން ކަރުނަތައް ފައިބަމުންދެއެވެ. ރިސެޕްޝަނުންވެސް ބުނީ ޝާމިން ރޭ ދަންވަރު އެއަރޕޯޓަށް ދިޔަ ވާހަކައެވެ. ފަތިހު ފްލައިޓުން އޭނާ ފުރާނެކަން އެނގުމުން ޝެރީންއަށް ލިބުނީ ޝޮކެކެވެ. އެއް އަތުން ބޮލުގައި އަތް ޖައްސާލައިގެން ހުރެ އޭނާ ލިފްޓާއި ދިމާއަށް ދިޔައެވެ.

" އަންކަލް!... ޝާމިން... ޝާމިން އަހަރެމެންގެ އޮފީހުން ވަކިވެއްޖެ! "

ޝެރީންއަށް ބުނެވުނީ އެހިސާބަށެވެ. އޭނާއަށް ބާރު ބާރަށް ރޮވިއްޖެއެވެ.

" އަހަރެން ރާއްޖެ ދާން ބޭނުން... " އަނެއްކާވެސް ޝެރީން ބުނެލިއެވެ.

" ދަރިފުޅާ! އަންކަލްއަށް ކޮށްދެވޭވަރު މިކޮށްދިނީއެއްނު! ދެން އާދޭ މިކޮޅަށް! ގަދަބާރުން އެއްވެސް މީހެއްގެ ލޯތްބެއް ނުހޯދޭނެޔޭ ބައްޕަވެސް ބުނުއްވިއެއްނު! "

ޝެރީންގެ ހުރިހާވެސް މީހަކީ އޭނާގެ އަންކަލްއެވެ. އަންކަލްގެ ވާހަކަ ޤަބޫލުކޮށް ޝެރީން ނިންމީ ވީހާވެސް އަވަހަކަށް ރާއްޖެދާށެވެ.

ދުވަހެއް ދުވަހަކަށް މުނާގެ ބަނޑު ބޮޑުވަމުންދެއެވެ. އެހެންކަމުން އޭނާއަށް މިހާރު ހިނގާލާ ހަދަންވެސް ނުހަނު އުނދަލެވެ. ދެފައިތިލަ ދުޅަވެ މީހާ ހުރީ ވަރަށް ބޮޑަށް ފޮއްސިވެފައެވެ.

" ދައްތަގާތު ބުނީމެއްނު އަހަރެން އަންނާނަމޭ ކައްކަން! ދެން ކީއްކުރަން ދެފައިތިލި އެލުވައިގެން އިންނަންވީ.. ބަލާބަލަ ފައިތިލައަށް ވެފައިއޮތްވަރު!"

ސޮފާ އިނީ މުނާގެ ފައިގައި ތެޔޮ ހާކާށެވެ.

" ދެން ކުރެވޭވަރުގެ ކަންތައްތައް ކޮށްލަންވާނެއެއްނު! މަންމަވެސް އަސްލު އެހެން އިނދެގެން ކުރެވޭވަރުގެ ހުރިހާ ކަމެއްވެސް ކުރޭ މިހާރު! ދައްތައަކަށް އެހާ ބުރައެއް ނޫނޭ! "

މުނާ ހީލަމުން ބުންޏެވެ. އޭރު ފެންފުޅިއެއް ހިފައިގެން ސަމީހާ ބާރުބާރަށް ގޮނޑި ދުއްވަމުން އަންނަތަން ފެނުނެވެ.

" މިއަދު އަދި މުނާ ނުބޮއި ފެނެއް! މަންމަ މިކިޔަނީ ފެންފުޅިއެއް ވާނޭ މިހާރު ހުސްކުރަން. ވިހަން އެންމެ މަހަކަށްވީ"

މުނާއަތަށް ފެންފުޅިއެއް ދިއްކޮށްލަމުން ސަމީހާ ބުންޏެވެ. އޭރުވެސް ސޮފާއިނީ މުނާގެ ފައި މަސާޖްކުރާށެވެ.

" ބޭބެއަށް ވިހަން އާދެވޭތަ؟ އަނެއްކާ ވާވަރަށް ރުފިޔާ އެބަހުރިތަ؟" އާދައިގެ ގޮތަކަށް ސޮފާ ސުވާލުކުރިއެވެ. ސޮފާގެ ސުވާލުން މުނާއަށް ހިތްދަތިކަން ލިބުނުކަން ސޮފާއަށް އެނގުނީ މުނާގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުންނެވެ.

" ކިހިނެއްވީ ދައްތާ؟ ބޭބެއަކަށް ނާދެވޭތަ؟ "

އަނެއްކާވެސް ސޮފާ ސުވާލުކުރިއެވެ. މުނާ ދޭނެ ޖަވާބެއްގެ އިންތިޒާރުގައި އޭނާއަށް ބަލަހައްޓައިގެން ސަމީހާވެސް އިނެވެ.

" ނޭނގެ ކޮއްކޯ! ބޭބެ އަންނާނަމޭ ބުނި! އެކަމަކު ފަހުން އެވާހަކައެއް ނުދައްކާ! އެކޮޅުގަ މާ ބިޒީކަންނޭނގެ! ގިނަ ފަހަރު ފޯނަކަށް ނުވެސް ގުޅޭ! ގޮއްސަ ފުރަތަމަ ދެތިން މަހު މީހަކު ގެނެސްދިން ބޭބެ ފޮނުވި ލާރި! ދެން ބުނި ވިހަން ދާން މުސާރަ ބަހައްޓާވާހަކަ! ދަތިވަންޏާ ބުނާށޭ ބުނީ! ދައްތައަކަށް ނޭނގެ ދެން،،"

މުނާގެ ވާހަކަ ހުރިގޮތުން ސޮފާ ގާތަށް ރުޅިއައެވެ. އަތުގައި ހުރި ތެޔޮފުޅީގައި މަތި ޖަހާލަމުން އޭނާ ބުންޏެއެވެ.

" ބޭބެއަށް އާދެވެން ޖެހޭނެދޯ! ދިޔައިރުވެސް ބުންޏެއްނު އަންނާނަމޭ! ނާދެވެންޏާ ކީއްކުރަން ދާންވީ؟ އަހަންނަށް މައްސަލައަކީ ދައްތަ ހުއްދަ ދިނީމަ.. މަ ނަމަ ލާހިކެއްނޫން ދާކަށް! "

" ދައްތައަކީ ސޮފާ ކަހަލަ ބޯހަރު ކުއްޖެއް ނޫނޭ! " ސިހިފައި ތިން މީހުންނަށްވެސް ބަލާލެވުނީ ދުރުން އިވުނު ޝާމިންގެ އަޑަށެވެ. އެއާއިއެކު ސޮފާއަށް އުފަލުން ކޮޅަށް ތެދުވެވުނެވެ.

" ޝާމިން؟ " ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން މުނާއަށްވެސް ގޮވާލެވުނެވެ. ކޮނޑުގައި އަޅުވާފައި އޮތް ބޮޑު ދަބަސް ޖޯލިފައްޗަށް ވައްޓާލަމުން ޝާމިން ފުރަތަމަވެސް މުނާ އިން ގޮނޑި ކައިރީ ކުޑަކަކޫ ޖަހާ އިށީނެވެ. އަދި އޭނާގެ ބަނޑުގައި އަތްޖައްސާލުމަށްފަހު މުނާއަށް ބަލާލިއެވެ.

" ބޭބީއަށް މިހާރު އެނގޭނެ ބައްޕަ އައީކަން." ސޮފާ މަޖަލަކަށް ހަދާފައި ބުނެލިއެވެ.

" މަންމާ! މަންމަ ފެންނަނީ ހާދަ އުފާވެރިކޮށޭ! " ތެދުވަމުން ޝާމިން ވާހަކަދެއްކިއެވެ.

" މަންމަވެސް އުފާވާނެއެއްނު އަންގާވެސް ނުލާ ދަރިފުޅު އައިސް ވަންނަތަން ވިއްޔަ މިފެނުނީ! " ސަމީހާ އެހެން ބުނެލުމުން ޝާމިން ބަލާލީ އަނެއްކާވެސް މުނާއަށެވެ. ބުނާނެ އެއްޗެއް ނޭނގި މުނާ އިިނީ އަދިވެސް ޤަބޫލުކުރަންދަތިވެފައެވެ. އޭނާ ހީވަނީ ކުއްލިއަކަށް ޝާމިން ފެނުމުން، ލިބުނު އުފަލުން އަނގައިންވެސް ބުނަން ހަނދާންނެތިފައި އިންހެންނެވެ.

" އަހަރެން މިދަނީ ސައިހަދަން! "

ސޮފާ އެހެން ބުނެ ބަދިގެއާއި ދިމާލަށް ދިޔައެވެ. މަންމަވެސް ދާނެކަމަށް ބުނެ ސަމީހާވެސް މުނާގެ ފަހަތުން ގޮނޑި ދުއްވާލިއެވެ.

" ވަރަށް މިސްވި އިނގޭ! " މުނާގެ ކުރިމަތީގައި ހުރި ޖޯލިފަތީގައި އިށީނދެލަމުން ޝާމިން ބުންޏެވެ. އަދި މުނާގެ އަތް އޭނާގެ އަތުގެ ތެރެއަށްލައި މަޑުމަޑުން ފިތާލިއެވެ.

" އަހަރެންވެސް.... އަދިވެސް މިއިންނަނީ ބުނާނެ އެއްޗެއް ނޭނގިފަ. ކީއްވެ ކުއްލިއަކަށް ތިއައީ ؟ "

" ދެން.. އައީ! ވިހަންވެސް ނާދެވުނީސް.. އެހެންވެ ކެނޑިގެން މިއައީ؟"

ޝާމިންގެ ޖުމްލައިން މުނާއަށް ލިބުނީ ހައިރާންކަމެވެ. ޝާމިން އެފަދަ ބޮޑު ނިންމުމެއް ނިންމަފާނެކަމަކަށް މުނާ ހިއެއްވެސް ނުކުރެއެވެ.

" ކީއްވެގެން ކެނޑުނީ؟ ޝާމިން! ބުނެބަލަ! ކީއްވެތަ ވަޒީފާ ދޫކޮށްލީ؟ އަހަރެން އެއްފަހަރުވެސް ނުބުނަމެއްނު ވަޒީފާ ދޫކޮށްލާފަ އަންނާށެކޭ! މިހާރުވެސް އަހަރެން މިއުޅެނީ ފަސޭހައެއްގައެއް ނޫނޭ! އެކަމުވެސް އަހަރެން ޝާމިން ނެތީމަ އެއްވެސް ޝަކުވާއެއް ކުރިތަ؟ "

ޝާމިން ދެކެމުންދާ ހުވަފެންތައް ޙަޤީޤަތަކަށް ނުހަދާ ވަޒީފާ ދޫކޮށްލުމުން މުނާ ހިތްހަމައެއް ނުޖެހުނެވެ. އަތުތެރޭގައިވާ މުނާގެ އަތުގައި ލޯތްބާއިއެކު ޝާމިން ފިރުމާލުމަށްފަހު މުނާގެ ދަތްދޮޅީގައި ހިފާލިއެވެ.

" ހަމަޖެހިބަލަ! އަހަންނަށް މުނާ ފިޔަވާ މުހިއްމު އެއްވެސް ކަމެއްނެތް! ތީ އަހަރެންގެ ހުރިހާވެސް މީހަކީ! ދެން އަހަރެމެންގެ ދަރިފުޅު! ތި ދެމީހުންނަށް ދެރައެއް ލިބޭފަދަ އެއްވެސް ކަމެއް އަހަންނެއް ނުކުރާނެއެއްނު! "

ޝާމިން އެހެން ބުނުމުން މުނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ޝާމިންގެ އަތުގެ ތެރެއިން އަތް ދަމައިގަންނަމުން މުނާ ސުވާލުކޮށްލިއެވެ.

" ކީއްވެ ތިހެން ތިބުނީ؟ އަހަރެމެންނަށް ދެރަވާފަދަ ކަމެއް ކުރަން މީހަކު ބުނީތަ؟ އަހަންނަށް ހަމަ ޔަޤީން ޝާމިން ކެނޑިގެންނެއް ނާންނާނެ ކަމެއް ނުވަނީހެއް! އެއީ އަހަރެން މިޙާލުގައި އިންދާ ވިއްޔަ ފުރައިގެން ދިޔައީވެސް. "

މުނާގެ އެންމެ ފަހު ޖުމްލައިން ޝާމިންއަށް ވަރަށް އަސަރުކުރިއެވެ. އެހެނަސް މުނާ ވިހެއުމުގެ ކުރިން ޝެރީންގެ ވާހަކަތައް ކިޔައިދޭކަށް ޝާމިން ބޭނުމެއް ނޫނެވެ. އޭނާ ހުރީ ކަންތައް ހިނގާ ދިޔަ ހުރިހާ ގޮތެއްވެސް މުނާއަށް ކިޔައިދޭން ނިންމައިގެންނެވެ. އެހެނަސް ރަނގަޅު ވަގުތެއް ބަލާފައެވެ.

" ދޫނީ ދޫނީ ދޫނީ... އެއްވެސް ކަމެއް ނުވެޔޭ! ހާސްނުވެބަލަ! އަހަރެން ހަމަ މިއައީ އަހަރެންގެ އަލަތު ދަރިފުޅު ގާތަށް... މުނާ ގާތަށް! ދެން ސުވާލުތައް ނުކޮށްބަލަ! އުފަލެއްވެސް ނުވޭތަ އަހަރެން ފެނުނީމަ!"

ޝާމިން ބޭނުންވީ މުނާގެ މޫޑު ބަދަލުކޮށްލާށެވެ. މުނާއަކީ މާގިނައިން ދެބަސްވެއުޅޭ ކުއްޖެއް ނޫންކަމުން އޭނާވެސް ޝާމިން ބޭނުންވާގޮތަށް އަވަހަށް ހީލިއެވެ.

" އަހަރެން ކޮންމެވެސް ދުވަަހަކުން އޭނަ ޙާސިލްކުރާނަން އަންކަލް! "

ގަދަބަހުން ޝެރީން ބުނެލިއެވެ. އެއާއިއެކު ޝެރީންގެ އަންކަލް ލަތީފް ބޯޖަހާލިއެވެ.

" ތިކަން އަދި ވާނެ! އަދި އެއްދުވަހަކުން އޭނަ އައިސް ދަރިފުޅުގެ ފައިބުޑަށް ވެއްޓި އާދޭސްކުރާނެ! ބަލަން ހުންނައްޗޭ! "

" ތިދުވަސް އޮތީ ވަރަށް ކައިރީގަހެން ހީވަނީ! އެންމެ ފަހަރަކު އަހަންނަށް އޭނަ ފެނިލަންޖެހޭނީ! އަހަރެންގެ މުށުތެރޭގައި ރަނގަޅަށްވެސް ފިއްތާލާނަން!" ހިތްހަމަނުޖެހިފައި ހުރެ ޝެރީން ބުނެލިއެވެ.

" އޭނަ އުޅޭތަނެއް އެނގޭތަ؟ " އަނެއްކާވެސް ވާހަކަ ދެއްކީ ޝެރީންއެވެ. މޭޒުމަތީގައި ހުރި ކޯކްތަށިން ކޯވަރެއް ބޯލަމުން ލަތީފް ބޯ ހޫރާލިއެވެ.

" ނޯއައިޑިއާ! ހަމަ އެއްގޮތަކަށްވެސް ނޭނގެ! އެނގޭހާވެސް އެއްޗަކީ ޝާމިން ދިރިއުޅެން ނިންމާފަ ހުރީ މާލޭގައިކަން. އޭނަ މަންމަގޭގަ އުޅުނީ އޭރު. މިހާރު ޖެހޭނީ ދެން ބަލަން އުޅޭތަނެއް! "

ކޮންމެ ކަމެއްގައިވެސް ޝެރީންއަށް އެހީތެރިވެދޭ މީހަކީ ލަތީފެވެ. އެހެންކަމުން ޝެރީންގެ ހިތްހަމަޖެހުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ލަތީފް ކުރާނެއެވެ.

ޝާމިން ދަތުރު ހަދަމުންދަނީ މުނާ ގޮވައިގެން މާލެދިޔުމަށެވެ. އަތޮޅު ހޮސްޕިޓަލެއްގައި ވިހާކަށް ޝާމިން ބޭނުމެއް ނުވިއެވެ.

" މަންމަ ދެރަނުވައްޗޭ! ބޭބީ ގޮވައިގެން އަހަރެމެން އަންނާނީ ރަށަށޭ ދޯ މުނާ! އަސްލު މަންމަ ދާން ބޭނުމިއްޔާ އަހަރެމެންނާއެކު ހިނގާ! "

ހެނދުނުގެ ނާސްތާއަށް އިންސާފުކުރުމަށް އިނދެ ޝާމިން ބުނެލިއެވެ. އެއާއިއެކު މުނާވެސް އޭނާ އާއި އެއްބައިވެލިއެވެ.

" ތެދެއް މަންމާ! ހިނގާ ދާން! "

" ނޫނޭ! ދަރިފުޅުމެން ދޭ! މަންމައަށް މިހާރު އެހާ ފަސޭހައެއް ނުވާނެ ބޯޓުތަކަށް އަރާ ހަދާކަށް! ވިހައިގެން އާދޭ އަވަހަށް މިކޮޅަށް. ސޮފާވެސް ދާނެ އެއްނު! "

އެއްގޮތަކަށްވެސް ސަމީހާ މާލެދާ ޚިޔާލެއް ނުކުރެއެވެ. އެހެންކަމުން ގަދަކަމުން އޭނާ ގެންދާކަށް ޝާމިންވެސް ބޭނުމެއް ނޫނެވެ.

" މަންމަ ބޭނުންވާ ގޮތެއް! މިހާރު މަންމައަށް އަމިއްލަ ކަންތައްތައް ކޮށްލެވޭނެދޯ! ދެން އެކަމު ސޮފާ ދިޔައީމަ މަންމަ އެކަންޏެއް ގެއަކު ނުުރެވޭނެ! ސޮފާ ބުނި މަންމަ ނުދަންޏާ މަންމަ ޖެހޭނީ އެގެއަށް ބަދަލުވާށޭ! ތިހެން މަޑުމަޑުން އުޅުނަސް ހަމަ ކަމެއް ވެދާނެއެއްނު! "

މަންމަގެ ފަޔަށް ބަލާލަމުން ޝާމިން ބުނެލިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ސަމީހާ ބޯޖަހާލިއެވެ.

މާލެ އައިތާ ދުވަސްކޮޅެއް ފަހުން ފައިހާ އާއި ރީހާންގެ ކައިވެނި ކުރެވިއްޖެއެވެ. ފައިހާއަކީ ރީހާން ބޭނުންވާފަދަ ރަނގަޅު ބައިވެރިއެވެ. އެހެންކަމުން ރީހާން ހުންނަނީ ނުހަނު އުފަލުންނެވެ.

" މަންމަވެސް ބުނި ފައިހާއަކީ ވަރަށް ގެވެހި ކުއްޖެކޭ! ބައްޕަ ބުނީ މިހާރު އަންހެން ދަރިއެއް ނެތްކަމުގެ އިޙްސާސެއް ނުކުރެވެޔޯ! އަހަރެން ހާދަ އުފާވެޔޭ އަހަރެންގެ މައިންބަފައިން ފައިއަށް އެހާ ތަޢުރީފް ކުރާތީ..."

ރީހާން ވާހަކަ ދެއްކީ އޭނާގެ މޭމަތީގައި ބޯއަޅާލައިގެން އޮތް ފައިހާއާއެވެ.

" އަހަރެން ވަރަށް އުފާވޭ ރީހާންގެ މައިންބަފައިން އަހަންނަށް އެހާ އޯގާތެރިވީމަ! އެކަމަކު އަހަރެންގެ މަންމައާއި ބައްޕަމަތިންވެސް ވަރަށް ހަނދާންވޭ!އަހަރެން އެންމެ އުފަލުން ކުރި ކައިވެނިވެސް މިކުރީ މަންމަމެންނާ ނުލާ! ކޯޓުން އެއްބާރުލުން ނުދިންނަމަ މި ކައިވެނި ނުވެސް ކުރެވުނީސްދޯ! "

ފައިހާ ބަލާލީ ރީހާންގެ މޫނަށެވެ.

" ނޫނޭ! އަހަރެންގެ ބައްޕަގެ ވަރަށް ގާތް ރައްޓެހިން އުޅޭނެ ކޯޓުގަ! ބައްޕައަށް ނުވާނެ ކަމެއް ނޯންނާނެ އެތާކު! ދެން އެވާހަކައެއް ނޫނޭ.. މަންމަ ބުނީ މަންމަމެންގެ ހުރި ހަމައެކަނި ދަރިފުޅުގެ ކައިވެނީގައި އެއްވެސް ސައެއް އެއްޗެއްވެސް ނުދޭނަންހޯ؟ އަހަރެން ބުނިން އަނެއްކާވެސް ފުރަން ޖެހޭތީ ކިހިނެއްހޭ ސައިދޭނީ؟ ބުނީމަ ބުނި ކޮންމެވެސް ރެސްޓޯރެންޓަކުން އަހަރެމެންގެ އެކުވެރިންނަށް ސައިދޭށޯ! ދެން މަންމަގެ ގާތް މީހުންނަށް މަންމަ މިގޭގަ ކެއުމެއް ރެޑީކުރާނަމޯ! މަންމަ ބުނި ފައިހާގެ އާއިލާ މީހުން ހަމަ ނާންނާނެހޯވެސް. އަހަރެން ބުނިން އެމީހުން ނާންނާނޭ! ފައިހާ އެމީހުންނާ ރުޅިއޭ! ވަރަށް ދެރަވެފަ މަންމަވެސް ހުރީ"

ރީހާންގެ ވާހަކަތަކުން ފައިހާއަށް ވަރަށް އަސަރުކުރިއެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ އޮތުމުން ފައިހާ ދެރަވީކަން ރީހާންއަށް އެނގުނެވެ.

" ފައި! އޭ... އަނހާ މާބޮޑަށް ދެރަވީތަ؟ އެހެންވެޔޭ އަހަރެން ބުނަނީ ބެޑްޓައިމްއަކީ ޑިސްކަޝަންސްގެ ޓައިމެއް ނޫނޭ! މީ އަހަރެމެން ދެމީހުންގެ ވަގުތު.. ދެން ބަލާލަބަލަ! "

ރީހާން ފައިހާގެ ބުރަަކަށީގައި ފިރުމާލިއެވެ. ގަދަކަމުން ހިނިތުންވެލަމުން ފައިހާ ބަލާލުމާއިއެކު ރީހާން އޭނާގެ މޫނުގައި މޫނު ޖައްސާލިއެވެ.

" ދެން ހެޕީތަ؟ ބުނެބަލަ ހެޕީތަ؟ "

ރީހާންގެ ސުވާލަށް ފައިހާ އަވަސް އަވަހަށް ބޯޖަހާލިއެވެ.

އެތައް ދުވަހަކަށްފަހު މާލެ އާދެވުމުން މުނާ ހުރީ އިންތިހާއަށް އުފާވެފައެވެ. ޝާމިންގެ ގޭގެ ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަނީ މުނާ ގަޔާވެގެން ހޯދާފައިވާ އެއްޗެއްސެވެ. މުޅިންވެސް މުނާގެ ހޮވުމެވެ.

" ކޮބާ އަހަރެންގެ ކޮޓަރި؟ " ގޭތެރޭގެ އެތަންމިތަނަށް ބަލަމުން އައިސް ސޮފާ ބުނެލިއެވެ. އެއާއިއެކު ޝާމިން ސޮފާއަށް އޭނާގެ ކޮޓަރި ދެއްކިއެވެ.

" މުނާ! އަވަސްކޮށްލާ ފެންވަރާލާ! މިގަޑީގަ އޭޑީކޭއަށް ދާން ޖެހޭނެ . ޑޮކް ބަލަން ފަށާނެ ތިނެއް ޖަހާއިރަށް! "

ފޮށިން އެއްޗެހި ނަގަމުން ޝާމިން ބުނެލިއެވެ. އެއާއިއެކު ސޮފާ އައިސް އެކޮޓަރިއަށް ވަނެވެ.

" ބޭބެ މެން ރެޑީވެބަލަ! އަހަރެން ތިކަންތައްތައް ކޮށްފާނަމޭ! އަވަސްކުރޭ! "

ކޮއްކޮގެ އެދުމުގެ މަތިން ޝާމިންވެސް ފާޚާނާއާއި ދިމާއަށް ހިނގައިގަތެވެ.

މާގިނައިރުތަކެއްނުވެ ޝާމިން މުނާގޮވައިގެން ދިޔައީ އޭޑީކޭއަށެވެ. އަދި ކިޔު ނަންބަރގެ އިންތިޒާރުގައި ގޮނޑިބަރިތަކުގައި ތިއްބެވެ.

" ޝާމިން؟ "

ކުއްލިއަކަށް ޝާމިންގެ ކަންފަތުގައި ޖެހުނު އަޑުން އޭނާ ސިހިގެންދިޔައެވެ. ދެބުމަ އެކުވެ ދެތުންފަތް ބާރުކޮށްލެވުނެވެ. އިސްޖަހައިގެން އަތުގައި އޮތް ފޯނަށް ބަލަން އިނދެ އޭނާ އިސްއުފުލާލީ ހިތާދެކޮޅަށެވެ. ޝާމިންގެ ކުރިމަތީގައި އެހުރީ ޝެރީން ނޫން ދެވަނަ ދެމީހެއްނޫނެވެ. ޝެރީން ފެނުމާއެކު ޝާމިންއަށް ސިހުން ލިބުނެވެ. މިހާރު އޭނާ ފެންނަނީ މުޅީން ތަފާތު ސިފައެއްގައެވެ. ޝެރީން ލައިފައިހުރީ ދިގުކޮށްހުރި ހެދުމެކެވެ. އަދި އޭނާ ހުރީ ބުރުގާވެސް އަޅައިގެންނެވެ.އެހާ ފެޝަނަށާ ލޯބި ކުރި މީހަކު ކުއްލިއަކަށް އެހާ ބޮޑަށް ބަދަލުވެފައި ހުރުމުން ޝާމިން ހައިރާންވިއެވެ.

" ޝާމިން.. މީ ވައިފްތަ؟ "

ޝެރީން ސުވާލުކޮށްލީ ހިނިތުންވެ ހުރެއެވެ. ނުދަންނަ ފަދަ ގޮތަކަށް މުނާ އިނީ ޝެރީންއަށް ބަލަހައްޓައިގެންނެވެ.

" ހޫމް.. ވައިފް! " ޝާމިންގެ ރާގު ހުރިގޮތުން އޭނާ އިނީ މާ ގަޔާވެފައި ނޫންކަން މުނާއަށް އެނގުނެވެ.

" މީ ޝެރީން! ޝާމިންއާއިއެކު ވޯކްކުރި ކުއްޖެއް! " ޝެރީން އެހެން ބުނުމުން މުނާ ހިނިތުންވެލިއެވެ. އަދި ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ޝެރީން އަވަސް އަވަހަށް މުނާގެ އަތުގައި ހިފާލިއެވެ. ޝެރީން އޭނާގެ އަތުގައި ހިފާ ލަމުން ޝާމިންއަށް ބަލާލީ ފުން ނަޒަރަކުންނެވެ.

" އޯހް ހާދަ ލޯބިއޭ! ކޮންދުވަހަކުން ވިހަނީ ؟ " މުނާގެ ބަނޑަށް ބަލާލަމުން ޝެރީން ބުނެލިއެވެ.

" މިއަދު ދެއްކީމަ އެނގޭނީ..." ޖަވާބު ދިނީ މުނާއެވެ.

" އެހެންތަ؟ އޭޑީކޭގަތަ ވިހަނީ ؟ "ޝެރީން ސުވާލުކުރަން ފެށުމުން ޝާމިންއަށް އުނދަގޫވާންފެށިއެވެ. އާނއެކޭ ބުނަން މުނާ އަނގަ ހުޅުވާލުމާއެކު ޝާމިން ވާހަކަ ދައްކަންފެށިއެވެ.

" ނޫން.. ނޭނގެ އަދި! " ރުންކުރު ގޮތަކަށް ޝާމިން އެހެން ބުނުމުން މުނާ ހިތްހަމައެއް ނުޖެހުނެވެ.

" ބޮޑަށް ހީވަނީ މިތަނުގައިހެން ވިހާނީ.. އަންނަން ވާނެ އިނގޭ! " މުނާ ބޭނުންވީ ޝެރީން އާއި ރަޙްމަތްތެރިކަން ބާއްވާށެވެ. އެހެނަސް އެކަން އެގޮތަށް ވިޔަ ދޭކަށް ޝާމިން ބޭނުމެއް ނޫނެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (14)

ސިލްސިލާ ވާހަކަ: ޙައްޤުގައި (14)

(ނިމުނީ)