" މުނާއަށްވުރެ ބޮޑަށް ޝާމިންދެކެ ލޯބިވާ އެހެން މީހަކު ދިމާވިއްޔާ ؟ "
އިސްޖަހައިގެން އިނދެ ޝެރީންކޮށްލި ސުވާލުން ޝާމިން ކޮށިއެރިއެވެ. މޭގައި އަތްޖައްސާލައިގެން އިނދެ އޭނާ މަޑުމަޑުން ކެއްސަމުން ދިޔަވަގުތު ޝެރީން ދިއްކޮއްލީ އޭނާގެ ފެންތައްޓެވެ. ޝާމިން ޝެރީންގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. އެތަށީގައި ހިފުމުގެ ބަދަލުގައި، ކައިރީގައި ހުރި ތަށިން ޝާމިން ފެންކޯވަރެއް ދަމާލިއެވެ. ޝެރީން އޭނާގެ އަތުގައި ހުރި ތަށި މޭޒުމަތީގައި ބަހައްޓަމުން އެއްމިޔަކަނުން ހީލިއެވެ.
" ހާދަ ވަފާތެރިއޭ ދޯ! ހަމަ އެހާ ލޯބިވޭތަ އަނބިމީހާދެކެ؟ "
ޒާތީ ކަންތައްތަކުގެ ވާހަކަ ޝެރީން ދެއްކުމުން ޝާމިން އަނެއްކާވެސް ހައިރާންވިއެވެ. ޝެރީންއަކީ އޭނާގެ ވެރިމީހާ ކަމުން ވަކި ހަމައެއްގައި ބަހައްޓަން ޝާމިން ބޭނުންވެއެވެ. އޭނާ ޝެރީންއަށް ވަރަށް އިޙްތިރާމްވެސް ކުރެއެވެ. މީގެ ކުރިން އޭނާ ދެކެނީ ޝެރީންއަކީ ވަރަށް ގުޅިގެން މަސައްކަތްކުރާ ވެރިއެއްގެ ގޮތުގައެވެ.
" ހިތްހަމަ ނުޖެހުނީތަ؟ " އަނެއްކާވެސް ވާހަކަ ދެއްކީ ޝެރީންއެވެ. ކާހިތްނުވެފައި އިނދެ ޝާމިން ފެންތަށި އެއްފަހަރާ ދަމާލަމުން ހީލިއެވެ.
" ނޫން.. ކޮންކަމަކާ ހިތްހަމަ ނުޖެހެންވީ ؟ " ޝާމިން ގަޑި ބަލާލަމުން ވާހަކަ ދެއްކީ ޝެރީންގެ މޫނަށް ބަލަން ބޭނުން ނުވެގެންނެވެ.
" އޯކޭ! ދެން ހިނގާ ދާން އޮފީހަށް! " ޝެރީން ވެއިޓަރއަށް ގޮވާލަމުން ކޭޝްކާޑު ނެގީ ފަރުވާކުޑަގޮަތަކަށެވެ.
ޝެރީންގެ އަޑުން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހުން ފާހަގަވުމުން ޝާމިން ޖެހިލުންވިއެވެ. ޝެރީންއާއި އެއްވެސް މައްސަލައެއް ޖެހޭކަށް ހަޤީޤަތުގައި ޝާމިން ބޭނުމެއް ނޫނެވެ. އެއީ ޝާމިން ދެކޭގޮތިގައި އޭނާ ކުރިއަށް ދާނެ ދޮރެއް އެހާ ފަސޭހައިން ހުޅުވައިދިނީ ޝެރީންއެވެ. އެހެންކަމުން އޭނާ ބޭނުންވީ ޝެރީން ހިތްހަމަ ޖައްސާލާށެވެ.
" މިރޭ ޑިނަރ ނަގަން އަންނާނީ މިތާކަށް ނޫންދޯ؟ އެހެންތަނެއް ބަލާނީ .. "
ވަރަށް ގަޔާވެގެން ކަމަށް ހަދާފައި ޝާމިން ބުނެލިއެވެ. އެއާއިއެކު ޝެރީންގެ މޫނުމަތި އުޖާލާވެގެން ދިޔަކަން ޝާމިންއަށް ފާހަގަ ކުރެވުނެވެ.
" އެހެންވީމަ ގޫގުލްސަރޗް ކޮށްގެން ރަނގަޅުތަނެއް ބަލާނީދޯ! ތީ ވަރަށް ރަނގަޅު އައިޑިއާއެއް! "
ފައިސާ ދެއްކުމަށްފަހު ޝެރީން ތެދުވުމުން ޝާމިންވެސް ތެދުވެ ނިކުންނަން ހިނގައިގަތެވެ.
ސެމިސްޓަރ ބްރޭކް އަންނަން ކައިރިވާ ވަރަކަށް ރީހާން ތައްޔާރުވަނީ ފައިހާ ގޮވައިގެން ރާއްޖެދާށެވެ.
" އަހަރެން އެކްސެޕްޓް ކުރާނެތަ ރެހާންގެ މަންމަމެން؟ " ރީހާންއާއި ދާދި ގާތުގައި އިށީނދެލައިގެން އިނދެ ފައިހާ ބުނެލިއެވެ. އެއާއިއެކު ފައިހާގެ އަތުގެ އިނގިލިތަކާއި ކުޅެލަމުން ރީހާން ހިނިތުންވެލިއެވެ.
" ކުރާނެ! އަހަރެންގެ އެއްވެސް ކަމަކާ މަންމަމެން ނުބެހޭނެ! "
" ދެން ކީއްވެ އަދިވެސް އަހަރެންގެ ވާހަކަ ނުބުނެވިގެން ތިއުޅެނީ ؟ މެރީކުރާނެ ވާހަކަވެސް ނުބުނެ! އަހަރެން ގޮވައިގެން ރާއްޖެދާނެ ވާހަކަ އަދިވެސް ނުބުނެ! އަހަރެން މިހާރު އެބަ ބިރުގަނޭ ރެހާން.. މާލެގޮސް އަހަރެން ވަކިދާނީ ކޮންތާކަށް؟ ބިރުގަނޭ އާއިލާ މީހަކަށް ފެނިދާނެތީވެސް. "
ފައިހާ ވާހަކަ ދެއްކީ ލަސްލަހުންނެވެ. އެއަޑުން އޭނާ ދެރަވެފައިވާވަރު ރީހާންއަށް އިޙްސާސްކުރެވުނެވެ.
" ތިހާވަރަށް ވިސްނާކަށް ނުވާނެ! ވަގުތު ޖެހުނީމަ ބުނާނަން.. ފައިހާ ހާލަކު ނުޖެހޭނެ! އެޔަޤީންކަން އެބައޮތް! " އިތުބާރާއިއެކު ރީހާން އެހެން ބުނުމުން ފައިހާ ދުރަށް ބަލަހައްޓައިގެން އިނދެ ވާހަކަ ދައްކަން ފެށިއެވެ.
" ޔަޤީންކަން ނެތީ މަންމަމެން އޯކޭ ވާނެކަމާމެދު ދޯ ؟ އާނ! އިނދެވަރިކޮށްފަ ހުރި އަންހެނަކާ، ހުރި ހަމައެކަނި ދަރިފުޅު ކައިވެނިކުރަން ރުހުންދޭނީ ކާކު؟ އަދި އަމުދުން ދަރިއެއްވެސް ހުރި މީހަކާ..... "
" ހަލޯ މަންމާ! " ސިއްސައިގެންގޮސް ފައިހާ ރީހާންއަށް ބަލައިލިއެވެ. ފައިހާއަށް ނުވެސް އެނގި ރީހާން އޭނާގެ މަންމައަށް ގުޅާ، ފޯން ސްޕީކަރަށް ލައިގެން ހުރެ، ވާހަކަ ދައްކަންފެށިއެވެ.
" މަންމާ! އަހަރެން މިހަފްތާ މާލެ ދާނަން އިނގޭ! "
" ދަރިފުޅު ކިތައް ދުވަހަށް އަންނަނީ ؟ މަންމަމެން މިތިބެނީ ދަރިފުޅު ނެތީމަ ވަރަށް ފޫހިވެފަ! "
ރީހާންގެ މަންމަ ލޯތްބާއިއެކު ވާހަަކަ ދައްކަން ފެށުމުން ފައިހާ ޝައުޤުވެރިވިއެވެ.
" އެއްމަސް ދުވަހަށް އަހަރެން ދާނީ،.. އެކަމަކު... އަހަންނާއެކުދާނެ އިތުރު ކުއްޖެއްވެސް! މަންމަ ކިޔާނެ އިތުރު ކުއްޖެއް! "
ރީހާންގެ އެ ޖުމްލައިން މަންމަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ފައިހާ އިނެވެ.
" ދަރިފުޅު ތިބުނީ މީހަކާ އިންނަ ވާހަކަތަ؟ އަނެއްކާ ބޭރުޤައުމެއްގެ ކުއްޖެއްތަ؟ އޭރުން ކިހިނެއް މަންމަމެން ވާހަކަ ދައްކާނީ ؟ "
ހީވެސް ނުކުރާ ކަހަލަ ޖަވާބެއްގެ އަޑުއިވުމުން ފައިހާ ހިނިއައެވެ. ކުރިން ރީހާން ހެދީ ތެދެއްކަން އޭނާއަށް ޔަޤީންވީ އެހިސާބުންނެވެ. އެއްވެސް ޝަކުވާއެއްނެތި ބޭރު ކުއްޖެއްވިޔަސް ރީހާންގެ ހޮވުމަށް މަންމަ ރުހޭނެކަން އޭނާއަށް އެނގިއްޖެއެވެ.
" ނޫނޭ ހަމަ ރާއްޖެ ކުއްޖެއް! އެއީ މަންމަ ދުވަހަކުވެސް ނުދެކޭފަދަ ރީތި ކުއްޖެއް މަންމާ! " ރީހާން ލޯތްބާއިއެކު ފައިހާއަށް ބަލާލަމުން އެހެން ބުނުމުން ފައިހާ ލަދުން އިނދެ އިސްޖަހާލިއެވެ.
" މަންމައަށް އެނގެޔޭ ދަރިފުޅުގެ ހޮވުން ވަރަށް ފުރިހަމަ ވާނެކަން.. ދެން ކޮބާތަ މަންމަމެންގެ އަންހެން ދަރިފުޅު؟ "
މަންމަގެ އަޑުގައިވަނީ އުފާވެރިކަމެވެ. ރީހާންގެ މޫނުމަތިންވެސް ހަމަ އެއުފާވެރިކަން ފައިހާއަށް ފެނެއެވެ.
" އެކަމަކު އެއީ ވަރަށް ނަސީބުދެރަ ކުއްޖެއް! މިތަނުން މީހަކާވެސް އިން! ދަރިއަކު ލިބުނީމަ އޭނާ ވަރިކޮށްލާފަ އެމީހާ ދަރިފުޅުވެސް އަތުލައިފި! މިހާރު އެއީ ވަރަށް ބޮޑު ނިކަމެއްޗެއް މަންމާ! އަހަރެން ބޭނުން އޭނަ! އަހަރެން ބޭނުން އޭނަޔާ ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއް އުޅެން! "
ރީހާންގެ ވާހަކަ މެދުކަނޑާލީ މަންމަ ބުނާނެ އެއްޗެއްގެ އިންތިޒާރުގައެވެ. ފައިހާއަށް ހުރެވުނީ ރީހާންގެ އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެންނެވެ.
" ރީހާން! ކައިވެންޏަކީ ވަރަށް މަތިވެރި ގުޅުމެއް! މުޅި އުމުރަށް އެގުޅުން ދަމަހައްޓަން ވަރަށް މަސައްކަތްކުރަންޖެހޭނެ! ކައިވެނި ކުރަންޖެހޭނީ އެކުގައި އުޅެވޭވަރުގެ ޤާބިލް ކުއްޖަކާ! "
އިވުނީ ރީހާންގެ ބައްޕަގެ އަޑެވެ. ރީހާން ބަލާލީ ފައިހާއަށެވެ.
" އެވަރުގެ އިތުބާރު، އެކުއްޖަކަށް އޮތީވިއްޔާ ބައްޕަމެންގެ އެއްވެސް މައްސަލައެއްނެތް.. އިނދެވަރިކޮށްފައި ހުއްޓަސް އެއީ މައްސަލައެއް ނޫން. ދަރިންތަކެއް ތިއްބަސް އެއީ އެމީހަކު ދިރިއުޅުމެއް ފެށުމުގެ ހުރަހެއްނޫން.."
ބައްޕަގެ ވާހަކަތަކުން ރީހާންއާއި ފައިހާއަށް ހިނިތުންވެވުނެވެ.
" ހާދަ ރަނގަޅޭ ބައްޕަމެން.. ވަރަށް އުފާވެއްޖެ! " ބައްޕަ އާއި ވާހަކަ ދެއްކުމަށްފަހު ރީހާން ފޯން ބޭއްވިއެވެ.
" އަހަރެން ބުނީމެއްނު ބައްޕަމެން އޯކޭ ވާނޭ! އަހަންނަށް ޔަޤީން ފައިހާއަކީ އަހަންނާއެކު މުޅި އުމުރަށްވެސް އުޅެވޭނެވަރުގެ ޤާބިލްކަން ހުރިކުއްޖެއްކަން! ދޮގެއްތަ މިބުނެވުނީ؟ " ރީހާން ފައިހާގެ ކޮނޑަށް އަތްވައްޓާލިއެވެ،
" އަހަރެން ވަރަށް ދެރަވޭ އާލްގެ ކަންތަކާ! އަހަންނަށް އެނގޭ ފައިހާ ރާއްޖެ ދާކަށް ބޭނުމެއްނުވާނެކަން. އެކަމަކުވެސް... އަހަންނަށް އެނޫން އިތުރު ގޮތެއް ނެތް "
ރީހާން ފައިހާގެ މޫނުގައި މޫނު ޖައްސާލިއެވެ. އެއާއެކު ފައިހާ ދެލޯމަރާލަމުން ވާހަކަދައްކަންފެށިއެވެ.
" އަހަންނަށް ރޭގަނޑުވެސް ނުނިދޭ! ހީވަނީ މަންމާއޭ ކިޔާ އަބަދު ގޮވާލާހެން.. ހީވަނީ އަހަރެންގައިގަ ބައްދާލައިގެން އެދަރިފުޅު އޮންނަހެން.. ބައެއް ރޭރޭ ހޭލެވޭ އިރަށް ހޯދެންވެސް ހޯދޭ! މީހަކަށް އިޙްސާސެއް ނުކުރެވޭނެ އަހަރެން ކުރާ ހިތާމައެއް! އަހަރެން ދުނިޔޭގައި މިހުންނަނީވެސް ރެހާން އަހަންނަށް ކެއަރ ކުރާތީ! އެހެންނަމަ މިހާރު އަހަރެން އަމިއްލައަށް..... "
ފައިހާގެ ޖުމްލަ ހުއްޓުވީ ރީހާންއެވެ. ފައިހާގެ ތުންފަތުގައި ރީހާން އިނގިލި ޖައްސާލުމާއެކު ފައިހާ ދެލޯ ހުޅުވާލިއެވެ. އެއާއެކު ލޮލުގެތެރެއަށް ޖަމާވެފައިވާ ކަރުނަތައް ފައިބައިގަތްތަން ރީހާންއަށް ފެނުނެވެ.
" ތިކަހަލަ ވާހަކަ ނުދައްކާ! އަދި ހުރިހާ ކަމެއްވެސް ރަނގަޅުވާނެ! އަހަރެން އަބަދުވެސް ފައިހާއަށްޓަކައި ހުންނާނަން.. ނުހަނު ގާތުގަ..."
ފައިހާ ގަދަކަމުން ހިނިތުންވެލިއެވެ.އޭނާ ހިތްހަމަޖައްސައިދިނުމަށްޓަކައި ރީހާން ކުރާ މަސައްކަތް އަބަދުވެސް އޭނާ ބަލައިގަންނަނީ އެފަދަ ހިނިތުންވުމަކުންނެވެ. ފައިހާގެ ކޮންމެ ހިނިތުންވުމަކީ ރީހާންއަށްލިބޭ އުފަލެއްކަން އޭނާއަށް އެނގެއެވެ.
އާދަޔާ ޚިލާފަށް މިރޭ މުނާމަތިން ހަނދާންވާކަމުގެ އިޙްސާސް ޝާމިންއަށް ކުރެވެންފެށިއެވެ. އޭނާ ބާލީއަށް އައިފަހުން މުނާއާއި ދެމީހުން ހަމަޖެހިގެން ވާހަކަ ދައްކާނުލެވޭކަންވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން ފޯނު ހިފައިގެން އެނދުގައި ޖައްސާލީ މުނާއަށް ގުޅާލާ، އޭނާގެ ހިތް އުފާކޮށްލާށެވެ.
" މިހާރު ހާދަ ނުގުޅައޭ ! "
މުނާއަށްވުރެ ކުރިން ޝާމިން ޝަކުވާކުރިއެވެ. ނުހަނު ލޯބިންނެވެ.
" އަހަރެން ގުޅަމެއްނު! ޝާމިންއަށް ޓައިމް ނުވާތީ ނުގުޅަނީ! ބިޒީ މީހާ ޓައިމް ވީމަ ގުޅަންދެން ހުންނަނީމި"
މުނާވެސް ވާހަކަދެއްކީ ވަރަށް ގަޔާވެގެންނެވެ. އެއާއިއެކު ޝާމިންއަށް ހެވުނެވެ.
" ކޮބާތަ ބައްޕަގެ ކުޑަދޫނި؟ ބައްޕަ ނެތީމަތަ ދަރިފުޅުއެހާ ބަސްއަހަނީ؟ މުނާއަށް އެނގޭތަ މުނާ އެހާ ފިޓްކަން އެއީ ނަސީބޭ ހިތަށްއަރާ! އެހެން ނަމަ އަހަރެން ކިހިނެއް މިތާ ހަމަޖެހިގެން އުޅޭނީ؟ "
ޝާމިންގެ ވާހަކަ އަޑުއަހަންއޮވެ މުނާ އޭނާގެ ބަނޑުގައި ފިރުމާލިއެވެ.
" ބައްޕަގެ ދޫނި މާޝާﷲ ވަރަށް ބަސްއަހާ! އަހަރެންވެސް ހިތަށްއަރައޭ ތިހެން..! ޝާމިން ސަކްސަސްފުލް މީހަކަށް ވެގެން އަންނަ ދުވަސް ދެކެން ވަރަށް ބޭނުން. ވެދާނެ އެއްނު އެހެންވީމަކަމަށް އަސްލު އަހަރެން މިހާ ދުޅަހެޔޮ ޞިއްޙަތެއްގައި މިހުންނަނީ.. އެހެންނަމަ ޝާމިންއަށް މިކޮޅަށް އަންނަން މަޖުބޫރުވާނެތާ! ޝާމިންގެ ދަތުރުގައި އަހަރެންވެސް މިއަދާކުރަނީ ކިހާބޮޑު ރޯލެއް އެހެންވީމަ.. "
މުނާ ވާހަކަ ދެއްކީ ނުހަނު އުފަލުންނެވެ. އަނެއްކާވެސް ޝާމިން ހީގަތެވެ.
" ޔޭސް މޭމް! އަހަރެން ވަރަށް އުފާވޭ މުނާ އަހަންނަށް ކޮންމެ ކަމެއްގައިވެސް ތިހާބޮޑަށް އެއްބާރުލުންދޭތީ! ތިކަހަލަ ބައިވެރިއެއް ނުލިބޭނެ އެހެން އިންސާނަކަށް! ޔަޤީން... " ޝާމިންގެ ޖުމްލަ ނުނިމެނީސް ވައިބަރ ކޯލް ކެނޑުނީ ޝެރީން ގުޅަންފެށުމުންނެވެ.
" އޯހް ޝިޓް! މީ ހާދަ ހަނދާންވެސް ގަދަ އަންހެނެކޭ! ޑިނަރއަށް ކަންނޭނގެ އެގުޅަނީ "
ފޫހިކަމާއިއެކު ޝާމިން އޮތީ ފޯން ނުނަގާށެވެ.
" ޝާމިން! ކޮބާ އަހަރެން ހޯދައިފިން ކެފޭއެއް! ރެޑީތަ ދާން؟ "
" އާނ.. މީ.. މްމް.. ނިދިފަ އޮތީ އޭރު.. މިހާ ލަސްވީއިރުގައި ޚަބަރެއްނުވީމަ ހީކުރީ ނުދަނީކަމަށް"
ޝާމިން އުޅުނީ ބަހަނާއެއް ދައްކާފައި ނުގޮސް މަޑުކުރާށެވެ. އެހެނަސް ކަންތައްވީ އޭނާ ހީކުރިގޮތަކަށް ނޫނެވެ.
" ލަސްވީމައެއްނު އެތަނުގަ މީހުން މަދުވާނީ.. އަހަރެން ރެޑީވެގެން މީނީ ބޭރުގަ! އާދޭ އިނގޭ"
ޝެރީން ފޯން ކަނޑާލީ ޝާމިންގެ ޖަވާބަކަށްވެސް ބެލުމެއްނެތިއެވެ. ޝެރީން ފޯން ބޭއްވުމާއެކު މުނާ ގުޅަންފެށިއެވެ.
" ފޯން ބިޒީވެފަ ހުރީ ކީއްވެ؟ ކަމެއް ދިމާވީތަ؟ "
މަޑުމަޑުން މުނާ އަހާލިއެވެ. ބުނާނެއެއްޗެއް ޝާމިންއަކަށް ނުވިސްނުނެވެ. ޝެރީންއާއިއެކު ޑިނަރއަށް ދާވަހަކަ ބުނިއްޔާ މުނާ ވަރަށް ދެރަވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން މިދަނޑިވަޅު މުނާ ދެރަކޮށް ހިތުގައި ޖެއްސުމަކީ ފަހަރެއްގައިވެސް އޭނާ ކުރާނެކަމެއްނޫނެވެ.
" ނޫން.. އެ އޮފީސް ސޮރެއް"
" މިހާ ލަސްކޮށްފަ؟ ޝާމިން އޮފީސް މަސައްކަތްތައް ރަނގަޅަށް ކުރައްޗޭ! ފަރުވާކުޑަ ނުކުރާތި! އަނެއްކާ އޭނަ އެގުޅީ ޝާމިން ކަމެއް ނުކޮށް ހުރެގެންތަ؟ "
މުނާއަށް ދޮގުހަދަންޖެހޭތީ ޝާމިން ވަރަށް ދެރަވެއްޖެއެވެ. އެހެނަސް ތެދަށް ބުނެގެންވެސް ކަންތައްދާނީ ގޯހަށްކަން ޝާމިންއަށް ޔަޤީންކުރެވެއެވެ.
" ނޫން! އަހަރެންގެ ލޯބިވާ އަނބިމީހާ ދޫކޮށް މިހާދުރަށް މިއައީ ވަރަށް ބޮޑު މަޤްޞަދެއްގައި! އެހެންވީމަ އަހަރެން އެއްވެސް ކަމެއްގައި ފަރުވާކުޑައެއް ނުކުރާނެއެއްނު! މިއަހަރު ނިންމާފަައި އަހަރެން ރަށަށް ދާނީ މުނާ ބޭނުންވާކަހަލަ ހަރުދަނާ މީހަކަށް ވެގެން. އެއަށްފަހު ކިޔަވަންދާނީ މުނާއާއި ދަރިފުޅުވެސް ގޮވައިގެން.. ކާމިޔާބު ވިޔަފާރި ވެރިއަކަށްވެ، އަހަރެމެންގެ އަމިއްލަ ބްރޭންޑްތަކުގެ އެއްޗެހި މުޅި ދުނިޔޭގައި ދައުރުކުރުމަކީ އަހަރެންގެ ހުވަފެން.. އެނގޭތަ އަހަރެންގެ އަމިއްލަ ބްރޭންޑަށް ދޭނީ ކޮންނަމެއްކަން؟ "
ޝާމިން ދުވާލުކޮށްލުމާއެކު ދަރިފުޅަށް ދޭނެ ނަންދޯއޭ މުނާ ބުނެލިއެވެ.
" ނޫނޭ! އަދި ރަނގަޅެއްނޫން! އަހަރެންގެ އަމިއްލަ ބްރޭންޑެއް އުފެއްދިއްޖެނަމަ މުނާގެ ނަމުން ނަންދޭން ބޭނުންވަނީ! އެއީ އަހަރެންގެ ވަރަށްބޮޑު އުއްމީދެއް! މި ދުނިޔޭގައި އަހަރެން އެންމެ ލޯބިވާ މީހަކީ ތީ "
ޝާމިންގެ ލޯބި ބަސްތަކުން މުނާއަށް ރޮވޭގޮތްވިއެވެ.
" އަހަރެން ވަރަށް އުފާވެއްޖެ ހަމަ ރޮވިއްޖެ! "
މުނާ އެހެން ބުނުމާއެކު ޝާމިން އަވަސް އަވަހަށް ވާހަަކަ ދެއްކިއެވެ.
" ލޯބި.. ފާޚާނާއަށް ވަދެލަނީމި އިނގޭ! ދެން ނިދާލާ! މާދަމާ ގުޅާނަން"
ޝާމިންގެ އެދުމުގެމަތިން މުނާ ފޯން ބޭއްވީ ލޯބިވާކަން ހަނދާންކޮށްދެމުންނެވެ. ފޯން ބޭއްވުމާއެކު ފުންމައިގެން ތެދުވެ އޭނާ އަވަސް އަވަހަށް ތައްޔާރުވެލިއެވެ. ގަޔަށް ސެންޓްޖަހާލާ ބޯ ރީތިކޮށްލައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ބޭރަށް ނިކުތުމާއެކު އޭނާގެ ލޮލުގައި އަޅައިގަތީ މަލެއްހެން ފަރިވެފޮޅިފައިވާ ޝެރީންއެވެ. އޭނާ ހީވަނީ ޕާޓީއަކަށްދާން ތައްޔާރުވެގެން ހުރިހެންނެވެ. ތައްޔާރުވެފައިވާގޮތް އެހާވެސް ފުރިހަމައެވެ. ޝާމިންއަށް އޭނާ ކިތަންމެހާވެސް ރީއްޗެވެ. އެހެނަސް ރީތި ކޮންމެ މީހަކަށް ހިތް ނުދެވޭނެކަން އޭނާގެ ސިކުނޑި އަބަދުވެސް އޭނާއަށް ހަނދާންކޮށްދެއެވެ. އަދިވެސް އޭނާގެ ހިތުގައިވަނީ މުނާގެ ތާޒާ ލޯބީގެ އަސަރެވެ.
ޝެރީންއާއި އަރާ ހަމަވުމާއެކު ޝެރީން ޝާމިންއަށް ބަލައިލިއެވެ. އޭނާ އެހާވަރަށް ރީތި ވެގެން އަންނަންވީ ކީއްވެހެއްޔޭ ޝާމިންގެ ހިތަށް އަރަމުންދިޔައެވެ. އެހެނަސް ބޭކާރު ޚިޔާލްތަކުން ސިކުނޑި ތަޣައްޔަރު ކުރުމަށްވުރެ، އެކަމާމެދު ނުވިސްނުން މާރަނގަޅުވާނޭވެސް އޭނާ ހިތަށް އެރިއެވެ.
" ޝާމިން ދާހިތް ނުވެ ހުރެފަތަ ތިއައީ ؟ "
ޝެރީން އެހެން ބުނުމުން ޝާމިން ވަގުތުން ބޯހޫރާލިއެވެ.
" ނޫން... ކާކު ކާހިތްނުވާނީ ؟ ކެއުމެއްވިއްޔާ ނުގޮހެއް ނުހުންނާނެއެއްނު! އެކަމަކު މިރޭ ހާދަ ވައިގަދަކޮށޭ އުޅެނީ.. ނިކުމެލީމަ މިއިނގުނީ.. "
ޝާމިން މަސައްކަތްކުރީ ދުރުދުރުން ވާހަކަ ދެއްކޭތޯއެވެ.
" ވިއްސަކަށް މިނެޓުން ދެވެނީވެސް އެތަނަށް.. ކާރެއް އެބަ އާދެ މިހާރު.. އޯކޭތަ އަނެއްކާ! "
އެހާ ދުރުތަނެއް ނެގުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލުކޮށްފާނަމޭ ޝާމިން ހިތަށް އެރިއެވެ. އެހެނަސް މިފަހަރުވެސް އޭނާ ބޯޖަހާލިއެވެ.
ކާރަށް އެރިގޮތަށް ޝާމިން ފޯނާކުޅެން ފެށިއެވެ. އެހެންކަމުން ޝެރީން އިނީ ކޮންމެވެސް ވަރަކަށް ފޫހިވެފައެވެ. ޝާމިން އެއްވެސް ވަރަކަށް އޭނާއަށް ސަމާލުކަން ނުދިނުމުން ޝެރީން ވާހަކަ ދައްކަންފެށިއެވެ.
" މާދަމާ ކުރަން ޖެހޭ މަސައްކަތް އެނގޭތަ ؟ "
އޮފީހުގެ ވާހަކައެއް ދައްކަންފެށުމުން ޝާމިން އަވަހަށް ފޯން ބޭއްވިއެވެ.
"ނޫން.. އަދި ނޭނގެ! "
" ރާއްޖެއަށް ޝިޕްކުރަންޖެހޭ ބައިވަރު ބޫޓާ ފައިވާންތަކެއް އެބަހުރި! އެކަމާގުޅޭ ލިޔެކިޔުންތައް ބަލަހައްޓަންވީ! އޭރުން ޝާމިންއަށް އެކަންތައްތައް މިކޮޅުގައި ކުރާގޮތް އެނގޭނެ! އަސްލު ކޯސް ހަދާއިރު ކުރަންޖެހޭ ކަންކަންމީ! ޕްރެކްޓިކަލްބައި.. އެކަމަކު ޝާމިންއަށް ތަޖުރިބާ ލިބިފައި ހުރީމަ ވަރަށް އީޒީވާނެ ކިޔަވަންވެސް.. އަހަރެން އެހެންވެ ޝާމިންއަށް މި އޮފަރ ހަމަޖެއްސީ.. "
ޝެރީން ހެވިފައި އިނދެ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތައް އިވިފައި ޝާމިން ވަރަށް ބޮޑަށް ހިތްހަމަޖެހުނެވެ.
" އަހަންނަށް އެނގޭ ޝާމިންއަކީ މާލޭގައި ގެދޮރުހުރި ފައިސާ ލިބޭ މީހެއްކަން. ޝާމިން ބޭނުންނަމަ އަމިއްލައަށްވެސް ކިޔެވިދާނެކަންވެސް އެނގޭ! އެކަމަކު.... މިގޮތަށް ވޯކް ކުރާކަށް ފުރުޞަތެއް ނުލިބޭނެއެއްނުދޯ! "
ޝާމިން ހައިރާންވީ ޝެރީންއަށް އޭނާގެ ޒާތީ މަޢުލޫމާތުވެސް އެނގޭތީއެވެ. ސުވާލުމާކު ޖެހިފައިވާ ޝާމިންގެ މޫނަށް ބަލަން އިނދެ ޝެރީން ހީލިއެވެ.
" ހާދަ ވަރަަކަށް ތިބަލަނީ ؟ ހައިރާންވީތަ؟ އަސްލު އޮފީސް ފަރާތުން މިހާބޮޑު ޚަރަދެއްކޮށްފަ، މިކަހަލަ ފުރުޞަތެއް މީހަކަށް ދޭއިރު އެމީހަކާ ބެހޭ ހުރިހާ މަޢުލޫމާތެއް ނަގާނެދޯ! "
" އޯހް! އެހެންދޯވީ! އަސްލު އަހަރެން އެހެންވެ ހަމަ އަންނަން ބޭނުންވީވެސް.. އަހަރެންގެ ކުރިމަގާމެދު ވިސްނާފަ! އަހަރެން ބޭނުންވަނީ ކާމިޔާބު ވިޔަފާރިވެރިއަކަށްވާން! "
ޝާމިން ބޯޖަހާލަމުން ބުންޏެވެ.
" ހާސްނުވޭ! އިރާދަކުރެއްވިއްޔާ ތިކަން ކޮށްދޭނަން! ޝާމިންއަކީ ރާއްޖޭގައިހުރި އެންމެ ވަރުގަދަ ވިޔަފާރިވެރިޔާއަށްވާތަން ދެކެން އަހަރެންވެސް ބޭނުން... "
ސީރިއަސް ރާގެއްގައި ޝެރީން އެހެން ބުނި ނަމަވެސް ޝާމިން ޖަހާލީ ވަރުގަދަ ހިނިގަނޑެކެވެ.
" ޝެރީން އަހަންނަށް މަލާމާތްކުރަނީދޯ! ފަހަރެއްގަ ހަމަ ތިހެން ވެދާނެ އިނގޭ! އެކަމަކު އޭރުން ޝެރީން ހުންނާނީ ރާއްޖޭގެ ކިތައްވަނައިގަތަ؟ "
މަޖަލަކަށް ހަދާފައި ޝާމިން ބުންޏެވެ. އޭރުވެސް އޭނާ ހުރީ ހެވިފައެވެ.
" އަހަރެން؟ އަހަރެން ހުންނާނީ ޝާމިންގެ ފަހަތުގަ! ޝާމިންއާއި ޖެހިގެން..."
ޝެރީން ވާހަކަ ދެއްކި ރާގުން ޝާމިން މައިތިރިވިއެވެ. ހަމަ އެވަގުތު ދުއްވަމުންދިޔަ ކާރު އޭގެ މަންޒިލަށް ފޯރުމުން، ދުވެލި މަޑުކޮށްލިއެވެ.
ޝާމިންއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ޝެރީން ކާރުން ފައިބައިފިއެވެ. އެތެރެއަށްވަނީ ދެމީހުން އެއްކޮށެވެ. ޝެރީން ހީކުރި ގޮތާ ޚިލާފަށް އެތަނުގައި ބައިވަރު މީހުންތިއްބެވެ. ހީވާ ގޮތުން ޝޯއެއްވެސް އެތެރޭގައި ކުރިއަށްދެއެވެ.
" ހާދަ މިޔުޒިކް އަޑުގަދައޭ! "
ޝާމިންއަށް ބުނެލެވުނެވެ. އެހެނަސް ޝެރީންގެ ފަހަތުން އޭނާ ވަދެގެން ދިޔައެވެ. އެމީހުން ގޮސް އިށީނީ އެންމެ ފަހަތުގައި ހުސްކޮށް ހުރި ގޮނޑިތަކުގައެވެ. އޭރު އެތާ އެތެރޭގައި ހުރި ސްޓޭޖެއްގެ މަތީގައި ގައިގޯޅިކޮށް ދެމީހަކު ނަށަމުންދެއެވެ. އެއްފަރާތެއްގައި ގިޓައެއް ހިފައިގެން ލަވަކިޔަން ޒުވާން ފިރެހެނެއް އިނެވެ.
" މީހަމަ ފިލްމްތަކުން ދައްކާ ކަހަލަ ތަނެއްދޯ! ލައިވް މިޔުޒިކާއިއެކު މިއޮތީ.. ޝެރީންއަށް ކަމުދޭތަ؟ "
ޝާމިން ފޫހިކަމާއެކު ބުނެލިއެވެ. އޭރުވެސް ޝެރީން އިނީ ނަށަމުންދާ ދެމީހުންނާއި ދިމާލަށް ބަލާށެވެ.
" އާނ ވަރަށް ކަމުދޭ! ކިހާ ރޮމް ލަވައެއް އެޖަހަނީ! އަހަރެން ކަހަލަ އެކަނިވެރިންނަށް ކަމުދާނީދެން މިކަހަަލަ ލޯބީގެ ލަވައެއްނު! "
ނުސީދާކޮށް އޭނާ އެބުނީ ، ޙަޔާތުގެ ބައިވެރިއެއް ނެތްވާހަކަކަން ޝާމިން ދެނެގަތެވެ. އެހެނަސް އެކަމަށް މާބޮޑު ސަމާލުކަމެއްދޭކަށް ޝާމިން ބޭނުމެއްނޫނެވެ. އެންމެ ހިނިގަނޑަކުން ފުއްދާލީއެވެ. ހަމައެވަގުތެވެ. ދެމީހުންނަށް ކުއްލި ސިހުމެއްލިބުނީ އައިނައި ދިމާލެއް ނޭނގި އެމީހުން ތިބި މޭޒުަމައްޗަށް މާބޮނޑިއެއް ވެއްޓުމުންނެވެ. އެއާއިއެކު އަތްތިލަބަޑީގެ އަޑު ގަދަވެގެންދިޔައެވެ. އެންމެން ތިބީ ފަހަތަށް އެނބުރި އެދެމީހުންނަށް ބަލާށެވެ. ވާނުވާ ނޭނގޭ ޙާލު ޝެރީންއާއި ޝާމިން ތިބީ ހައިރާންވެފައެވެ. އޭރު އެންމެންހެން އެމީހުންގެ ބަހުން ކޮންމެވެސް އެއްޗެއް ގޮވަމުންދެއެވެ.
ކުއްލިއަކަށް ދުވެފައި އައީ ކުރިން ސްޓޭޖްގައި ނަށަންތިބި ދެމީހުންނެވެ. އެމީހުން އައިސް އަތުގެ އިޝާރާތުން އެތަނަށް ނަށަން ދިޔުމަށް އެދުނެވެ. ޝެރީން އާއި ޝާމިންވެސް އަތުގެ އިޝާރާތުން ދިޔައީ ނޫނެކޭ ބުނަމުންނެވެ. އެހެނަސް އެމީހުން ޝެރީންމެންގެ އަތުގައި ހިފައިގެން ގެންދިޔައެވެ. އެންމެން އޭރުވެސް އަތްޖަހަމުންދެއެވެ.
" ކުޅިވަރެއްގެ މެދަށްދޯ އައިސް މިވަދެވުނީ... "
ޝާމިން ބުންޏެވެ. ހަދަންވީގޮތެއް ނޭނގި ޝެރީންއަށްވެސް ހުރެވުނީއެވެ. އޭރު މުޅިތަން އަނދިރިކޮށް، އެދެމީހުންނާއިދިމާލަށް ލައިޓެއްވެސް އަޅުވައިފިއެވެ.
" ހޮލީވުޑްގެ ފިލްމެއްތަ މީ ؟ " ޝާމިން މަޖާގޮތަކަށް އެހެން ބުނުމުން ޝެރީންއަށް ހެވުނެވެ. އެއާއިއެކު މިޔުޒިކްގެ އަޑު އިވެންފެށިއެވެ.
" ހިނގާ ދުއްވައިގަންނަން. " ޝާމިން އެހެން ބުނުމުން ޝެރީންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
" އެހުރީނު ދޮރެއް މިދިމާލުގަ. ހިނގާދާން! "
އެހެން ބުނުމަށްފަހު ކުއްލިއަކަށް ޝާމިން ޝެރީންގެ އަތުގައި ހިފައިފިއެވެ. އެއާއިއެކު މީހުންތަކުގެ އަޑުގަދަވެއްޖެއެވެ. މާގިނަ ވަގުތެއް ނުނަގާ ހުރި ސީދަލަށް ޝާމިން ޝެރީން ގޮވައިގެން ސްޓޭޖުން ފުންމާލުމަށްފަހު ކައިރީގައި ހުރި ދޮރުން ބޭރަށް ނިކުތެވެ. މީހުންތަކުގެ އަޑާއި ފޯރި ގަދަވިކަން އެމީހުންނަށް އެނގުނީ ބޭރަށްވެސް ހަޅޭކުގެ އަޑު އިވެމުންދާތީއެވެ. ޝާމިން ޝެރީންގެ އަތުން ދޫކޮށްލީ ވަރަށް ދުރަށް ގޮހެވެ. ވަރުބަލިވެގެން ދެމީހުންވެސް ހުއްޓި، ކަކުލުގައި އަތްއަޅައިގެން ގުދުވެލީ ނޭވާލާން ފަސޭހައަކަށެވެ.
" ވަރަށް ވަރުބަލި ވެއްޖެ! "
ޝެރީން ބުނެލިއެވެ. އެއާއިއެކު ދެމީހުންނަށް އެއްފަހަރާ ބާރުބާރަށް ހެވުނެވެ.
" ނަސީބެއްނު ފަހަތުން ނައިކަން މީހުންގަނޑު! މަ ވަރަށް ބިރުގަތް ޝާމިން ދުއްވައިގަތީމަ! "
ޝެރީން މޭގައި އަތްއަޅަމުން ކެއްސާލިއެވެ.
" ނާންނާނެ! އެއަށްވުރެ އެމީހުން މާ ފޯރިގަދަކޮށްތިބީ! އެމީހުންނަށްވާނީ މަޖާކަމަކަށް ކަންނޭނގެ!"
ނޭވާ ހަމައަކަށް އެޅުމުން ޝާމިން ހަަމަޖެހިލިއެވެ. އޭރުވެސް ޝެރީން ހުރީ ހެވިފައެވެ.
" މިރޭ ދެން ކާން ކިހިނެއް ހަދާނީ ؟ ވަރަށް ބަނޑުހައި... "
ޝެރީން އެހެން ބުނުމާއެކު ކުއްލިއަކަށް ވިދާލައިފިއެވެ. ޝާމިންއަށްވެސް ބަލާލެވުނީ އުޑުމައްޗަށެވެ. އޭރުވެސް ފުދޭވަރަކަށް ވައިޖެހެއެވެ.
" މިރޭ މިހާ އަނދިރީވެސް ވިލާ ބޯ ވީމަކަންނޭނގެ! ދުއްވާއެއްޗެހިވެސް ވަރަށް މަދުވެއްޖެއެއްނު! އުޅޭ ގެއާދިމާލަށްދާން ކާރެއް ހޯދަން! އެހެން ނޫނީ މިރޭ ލަނޑެއްލިބިދާނެ! "
ޝާމިން ފޯންނަގާ ގަޑިބަލާލަމުން ބުންޏެވެ. ޝެރީން ވެސް މަގުގެ ދެކޮޅު ބަލާލީ ދުރުން ވެސް ދުއްވާއެއްޗެއް ފެނޭތޯއެވެ. އެމީހުންނަށް ތިބެވުނު މަގުގެ އެއްފަޅީގައިހުރީ ބޯ ގަސްތަކެވެ. އަނެއް ފަރާތުގައި ބައެއް ފިހާރަތަކާއި ގަރާޖުތައް ހުއްޓެވެ. ނަމަވެސް ގިނަތަންތަން އެވަގުތު ބަންދުކޮށްފައި ހުރުމުން މީހުންވެސް އުޅޭލެއް ފުދޭވަރަކަށް މަދެވެ. ކުއްލިއަކަށް ވައިބާރުވެ ގުގުރަންފަށައިފިއެވެ. އޭރު ޖެހެމުންދާ ގަދަ ވަޔާއެކު ހީވަނީ ދެންމެ ދެންމެ ވާރޭ ވެހެންފަށާފާނެހެންނެވެ.
** ނުނިމޭ **
ސިލްސިލާ ވާހަކަ: ޙައްޤުގައި (11)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!