" މިހުރީ ކާކު؟ މީ ކޮންފިރެހެނެއް؟ " ހިތްހަމަނުޖެހޭ ރާގަކަށް ހައިދަރް ފައިހާއާއި ސުވާލުކޮށްލީ ރީހާންއަށް ބަލަހައްޓައިގެން ހުރެއެވެ. ދޭނެ ޖަވާބެއް ފައިހާއަކަށް ނޭނގުނެވެ. އޭނާއަށް ބަލާލެވުނީ ރީހާންއާއި ދިމާލަށެވެ. ރީހާންއަށް އިޝާރާތްކޮށް އޭނާ އެބުނީ އެއީ ކާކުހޭކަން ރީހާންއަށްއަށް ފަހުމްވިއެވެ.
" ބޯއީފްރެންޑް " ޖެހިލުމެއްނެތި ރީހާން އެހެން ބުނުމާއެކު ހައިދަރުއަށް ސިހުންލިބުނުކަން އޭނާގެ މޫނުމަތިން ހެކިދެއެވެ.
" ބޯއީފްރެންޑް ؟ " ނޫނެކޭ ބުނުމުގެ ގޮތުން ފައިހާ ބޯހޫރަމުންދިޔައީ ބިރުންކަން ރީހާންއަށް އެނގުނެވެ. އެވަގުތު ހައިދަރްގެ އަނބިމީހާވެސް އައިސް ހުއްޓުނެވެ.
" ފައި ކޮންބިރެއްތަ ތިގަންނަނީ. ބުނެބަލަ އެހެން! " ރީހާން ވާހަކަ ދެއްކީ ދިވެހިބަހުންނެވެ. އެހެނަސް ފައިހާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ.
" ކަލޭ އެހެން ދިރިއުޅުމެއް ފެށީއެއްނުތި! އެހެންވީމަ ކަލޭދެން އާލްއެއް ބޭނުމެއްނުވާނެ! ދަޢުލަތުން އާލް ލިބުނީ އަހަންނަށް. އެހެންވެ އަހަރެން މިއައީ އާލް ބަލާ! " ގަދަކަމުން އާލްނަގާ އުރާލައިގެން ހައިދަރު ހިނގައިގަތެވެ. ފަހަތުން އޭނާގެ އަންހެނުންވެސް ދިޔައެވެ. ހައިދަރުގެ ފަހަތުން ފައިހާ ދުއްވައިގަތް ނަމަވެސް ހުޝިޔާރުކަމާއެކު ރީހާން ފައިހާގެ ފަހަތުން އޭނާގެ ބަނޑުގައި ބައްދައިގަނެގެން ތެޅިތެޅި ހުރި ފައިހާ ހިފެހެއްޓޭތޯ މަސައްކަތްކުރަމުންދިޔައެވެ،
ރީހާން ފައިހާ ގައިގައި އޮޅުލައިގެނެގެން ހުރެ ހުރިތަނަށް އޭނާ ގޮވައިގެން ތިރިވިއެވެ. އަދި ވިނަގަނޑުމަތީ އިށީނުމާއެކު ރީހާންގެ މޭގައި ފައިހާ މޫނު ޖައްސާލީ ބާރުބާރަށް ރޮމުންނެވެ.
" އާލް!... އާލް ބޭނުން.. އަހަރެން ބޭނުން އާލް... "
ފައިހާ ބާރުބާރަށް ގޮވަމުންދިޔައެވެ.
" ޝްޝް...ޕްލީޒް ފައި! ހަމަޖެހިލަބަލަ! ޕްލީޒް..." ތަންކޮޅެއް ބާރަށް ރީހާން އެހެން ބުނުމުން ފައިހާގެ އަޑު މަޑުވިއެވެ. އަދި ރުޔުން ހުއްޓާލުމަށްފަހު ގިސްލަމުންދިޔައެވެ.
" ކިތަންމެ ބާރަށް ދުވެފަ ދިޔަޔަސް އެމީހުން އާލް ދޭނެތަ؟ ކޯޓުން ނިންމީ ހައިދަރަށް އާލް ލިބޭގޮތަށް. އަހަންނަށް އެނގޭ ފައިއަށް ކުރާނެ އަސަރު. އެކަމަކު ހަޤީޤަތް ޖެހޭނީ ޤަބޫލުކުރަން."
ރީހާން ފައިހާއަށް ވިސްނައިދެމުންދިޔައެވެ. އޭރު ވަރުބަލިވެގެން ގޮސް ފައިހާގެ ދެލޯ ދިޔައީ މެރެމުންނެވެ. ފައިހާ މައިތިރިވުމާއެކު ރީހާން ރަނގަޅަށް އޭނާގެ ގައިގައި ފައިހާ ހަރުލައްވާލުމަށްފަހު ހަމަޖެހިލީ ފައިހާ ހޭލަންދެނެވެ.
ޝާމިންގެ ޚަބަރެއްގެ އިންތިޒާރުގައި މުނާ އިރުއިރުކޮޅާ ފޯން ބަލަމުންދިޔައެވެ. ބާލީއަށް ދެވޭނެކަމަށް ޝާމިން ބުނެފައި އޮތް ގަޑިވެސް މިހާރު ފާއިތުވެ ގޮއްސިއެވެ.
" ދަރިފުޅާ! އަދިވެސް ޝާމިންގެ ޚަބަރެއް ނުވޭތަ؟ " ކާގޭގައި ބަތްކާންއިނދެ މުނާ ބަލާލީ މަންމަގެ އަޑަށެވެ.
" އާނ މަންމާ! އަހަރެންވެސް އިރުއިރުކޮޅާ އެބަ ބަލަން މެސެޖެއްވިޔަސް ލިބޭތޯ.. " އިސްޖަހާލަމުން މުނާ ބުންޏެވެ. ދުއްވާގޮނޑީގައި ސަމީހާ އައިސް މުނާ އާއި ކައިރިކުރިއެވެ. ސަމީހާގެ ޙާލު މިހާރު ވަރަށް ބޮޑަށް ރަނގަޅެވެ. މިހާރު ފަރުވާކުރަމުންދަނީ ހަމައެކަނި އޭނާގެ ފަޔަށެވެ. ދެތިންމަސް ދުވަހު ފަރުވާ ކުރުމުން ފައިވެސް ރަނގަޅުވާނެކަމަށް ބޭސްވެރިޔާ ބުނެފައި އޮތުމުން ސަމީހާގެ ހުރިހާ ކަންބޮޑުވުމެއް މިހާރުވަނީ ފިލާގޮއްސައެވެ.
" މިދުވަސްވަރު ނުވާނެ ތިހެން ފިކުރު ކުރާކަށް. މަންމައަށް ޔަޤީން ޝާމިން އެންމެ ފުރަތަމަވެސް ޚަބަރުވާނީ ދަރިފުޅަށްކަން! ދެން ތި ބަތްކޮޅު ހާވަން ނީނދެ ކާލަބަލަ"
ލޯތްބާއެކު ސަމީހާ ވާހަކަދެއްކުމުން މުނާއަށް ނުރޮވުނީ ކިރިޔާއެވެ. ގަދަކަމުން ހީލަމުން އޭނާ ބަތްސުވަލެއް ނެގީ މަންމަ ހިތްހަމަޖައްސާލުމަށްޓަކައެވެ.
" ދަރިފުޅު މޭނުބައި ކުރޭތަ؟ އެއްވެސް އުނދަގުލެއް ވޭތަ؟ އެއްވެސް ކަމެއް ވަންޏާ ބުނާތި.. ނުވާ ކަންތައްތައް ސޮފާ ކައިރީގަ ބުނާނީ.. އޭނަ އަންނާނެ ހަމަ ގުޅާލާއިރަށް "
ސަމީހާ އިނީ ނުހަނު ކަންބޮޑުވެފައިކަން މުނާއަށް އެނގުނެވެ.
" މަންމާ! އަހަރެން އަލްޙަމްދުލިﷲ ހަމަ ރަނގަޅު. ބަނޑުބޮޑުކަމުގެ އެއްވެސް އިޙުސާސެއް ނުވޭ! ހޮޑެއްވެސް ނުަލަވާ! އެއީވެސް ނަސީބެއްނު ހަމަ! މީހުން ބުނެއެއްނު ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށޭ! ހޮޑުލާނަމަ މަންމަ ކިހިނެއް އަހަރެން ބަލަނީ؟ އަހަރެން ހަމަ ރަނގަޅޭ މަންމާ! "
ހިތްވަރާއެކު މުނާ ވާހަކަދެއްކިއެވެ.
" މިހާރު އަސުރަށް ގޮވަނީ ކަންނޭނގެ. ދަރިފުޅު އަދިކިރިޔާ ތިކަނީ... ތަންކޮޅެއް އަވަހަށް ކާންވެއްޖެ މިހާރު. މަންމަ ދެން މިދަނީ ކޮޓަރިއަށް ވަދެލަން.. ޝާމިނުގެ ޚަބަރެއް ވީމަ މަންމައަށް ގޮވާލާތި.."
ސަމީހާ ގޮނޑި އަނބުރާލުމަށްފަހު ދުއްވާލީ ކާގެއިން ނިކުތުމަށެވެ.
ފައިހާ ގޮވައިގެން ރީހާން ދިޔައީ ކުލީކޮޓަރިއަކަށެވެ. އެތެރެއަށް ވަނުމަށްފަހު އިށީންނަން ނުކެރި ފައިހާ ހުރީ ކޮޓަރީގެ މެދުގައި ކޮޅަށެވެ. ތަޅުލުމަށްފަހު ރީހާން ފައިހާއަށް ބަލާލިއެވެ.
" ފައިހާގެ ހުރިހާ ޒިންމާއެއް އަހަރެން މިނެގީ ހެޔޮހިތުން.. އަހަރެން ބަލާނަން ފައިހާ ބޭނުންވާ އެއްޗެހި މިރޭ ހޯދައިދެވޭތޯ " ފައިހާގެ ކުރިމަތީގައި ހުއްޓި ދެޖީބަށް އަތްޖަހާލަމުން ރީހާން ބުންޏެވެ. ފައިހާ ހުރީ ކަޅިޖަހާނުލާ ރީހާންގެ މޫނަށް ބަލަހައްޓައިގެންނެވެ.
" ރީހާން ކީއްވެ ތީ އަހަރެންގެ ބޯއީފްރެންޑޭ ބުނީ ؟"
ފައިހާ ސުވާލުކޮށްލީ މަޑުމަޑުންނެވެ. އެއާއިއެކު އެއްމިޔަކަނުން ރީހާން ހީލިއެވެ.
" ދެން؟ ފައިހާނަމަ ކީކޭ ބުނާނީ ؟.... " ރީހާންގެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގިގެން ފައިހާ އިސްޖަހާލިއެވެ.
" ނޭނގުނެއްނު! ފައިއަށް އަހަރެން މިއީ ކާކުކަން ބުނެދޭނެ ގޮތެއް ނޭނގެއެއްނު! ގައިމުވެސް... ތީ... އަހަރެންގެ..... ރައްޓެއްސެއްނޫން... " ލަސްލަހުން ރީހާން އެހެން ބުނުމާއެކު ފައިހާ އަވަސް އަވަހަށް ރީހާންގެ މޫނަށް ބަލާލިއެވެ. އެއަށްފަހު ދުރަށް ބަލާލަމުން އޭނާ ރީހާންއަށް ފުރަގަސްދިނެވެ.
" އެންމެ ދެތިން ފަހަރެއްގެ ބައްދަލްވުމަކުން އަހަންނަށް ރީހާންގެ ހިތާ މިހާ ގާތްވެވުނީ ކީއްވެކަމެއް އަހަންނަކަށް ނޭނގެ.. ބޭއިޚްތިޔާރުގައި އަހަންނަށް ރީހާންއަށް އިތުބާރުކުރެވުނީ ކީއްވެކަމެއް ނޭނގެ. އަހަންނަށް ރީހާން ޚާއްސަވަނީ ކީއްވެގެންކަމެއް އަހަންނަކަށް ނޭނގެ... " އެންމެ ފަހު ޖުމްލަ އާއި އެކު ފައިހާގެ ލޮލުން ކަރުނަ ހިލުނެވެ. އެކަން ރީހާންއަށް އެނގުނީ ފައިހާގެ އަޑުގައިވާ ތުރުތުރުލުމުންނެވެ. ދެތިން ފިޔަވަޅުން ރީހާން ފައިހާގެ ކުރިމައްޗަށް އަރާ އޭނާގެ ދެއަތުގައި ހިފާ ކުޑަކޮށް އުފުލާލިއެވެ.
" އަހަންނަށް އިތުބާރުކޮށް، އަހަރެންނަކީ ފައިހާއަށް ޚާއްސަ މީހަކަށްވެ، އަހަރެންގެ ހިތާ ތިހާ ބޮޑަށް ގާތްވީ ކީއްވެކަން ފައިއަށް ނޭނގުނަސް އަހަންނަށް އެނގޭ! "
އޭނާގެ އަތާއި ގުޅިލާމެހިފައިވާ ރީހާންގެ އަތަށް ބަލަހައްޓައިގެން ހުރެ، ފައިހާ ރީހާންގެ މޫނަށް ނަޒަރުހިންގާލިއެވެ.
" ލައިކްވަނީދޯ "
އެހާ ސާފުކޮށް ރީހާން އެހެން ބުނުމުން ފައިހާ ލަދުގަތެވެ. ރީހާންގެ އަތުން އަތް ދޫކޮށްލުމަށްފަހު އޭނާ އަނެއްކާވެސް ރީހާންއަށް ފުރަގަސްދިނެވެ.
" މީހަކުދެކެ ލައިކްވާން އަހަރެން މީކާކު؟ އަހަންނަށް އަހަރެންގެ އަމިއްލަ ނަފްސުވެސް އޮޅިއްޖެ! މިހާރު އަހަންނަށް ހީވާކަހަލަ މިހުރެވެނީ ދާނެ މިސްރާބެއްނެތި އޮޔާ ދޫކޮށްލާފައިވާ ދޯންޏެއްގެ ދިރުނބާކޮޅުގައޭ"
" ތިދައްކަނީ މާ ކުރީގެ ވާހަކަ! ފަހަތަށް ދޫކޮށްދިޔަ މާޒީގެ ވާހަކަ! ތިވާހަކަތަކުން ފައިއަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ! ކުރިން ތީ ވަރަށް ބޮޑު ނިކަމެއްޗެއް! ހަތަރު އުދަރެސް ފެނުޖެހިފައި ހުރި އެކަނިވެރިއެއް.. އެކަމަކު މިހާރު ފައިހާއަކީ ނިކަމެއްޗެކޭ މިހާރު އެއްވެސް މީހަކަށް ނުބުނެވޭނެ! ދެން ފައިއަށްވުރެ އުފަލުގައި އުޅޭނެ އިންސާނެއް މިއުޑުދަށުގައި ނުވާނެކަން އަހަންނަށް ޔަޤީން.. މިހާރު ފައިހާ ތިހުރީ އަހަރެންގެ ބެލުމުގެ ދަށުގަ! އަހަރެންގާތު. ފައި ތިކަހަލަ ވާހަކަ ދެއްކީމަ އަހަރެން ދެރަވާނެކަން އެނގޭތަ؟..."
އެއްފައްޗަކަށް ރީހާން އަމުނާލި ޖުމްލަތައް އަޑުއަަހަން ފައިހާ ހުރީ ހައިރާންވެފައެވެ.
" ފައިހާއަށް މިހާރު މަދުވާނީ ހަމައެކަނި އާލް! އާލް އެވަނީ އަހަންނަށް ބާރުފޯރުވޭވަރަށްވުރެ މާ ދުރުގައި.. އެހެންނަމަ އެކަންވެސް އަހަރެން ކޮށްދިނީމުސް.."
" ކީއްވެ؟ ކީއްވެ ރީހާން؟ ރީހާންއަށް އަހަރެން އެހާ ޚާއްސަވަނީ ކީއްވެ؟ " ފައިހާ ބާރުބާރަށް ބުނެލިއެވެ. އެއާއެކު ބާރުބާރަށް އައިސް ރީހާން ފައިހާގެ ދެކޮނޑުގައި ހިފާ އޭނާގެ މޫނާއިގާތްކޮށްލިއެވެ.
" އަދިވެސް ނުވިސްނޭތަ؟ އަދިވެސް ނޭނގޭތަ؟ އިޙްސާސެއް ނުކުރެވޭތަ އަހަރެން ފައި ދެކެ ލޯބިވާވަރު؟ " އޭރު ރީހާންގެ މޫނުވަނީ ރަތްވެފައެވެ. އޭނާއަށް އެޖުމްލަ ބޭރުކޮށްލެވުނީ ވަރަށް އުނދަގުލުންކަން އެމޫނަށް ބަލާލަމުން ހާމަވެއެވެ.
" ބުނެބަލަ! ފައި އަަހަރެންދެކެ ލޯތްބެއް ނުވޭތަ؟ އަހަރެންގެ މީހަކަށް ވާކަށް ބޭނުމެއްނޫންތަ؟ "
ރީހާން ލުތްކެއް ޖަހާފައި ފައިހާގެގައިން ދޫކޮށްލަމުން އެއް އަތުން އަނގަމަތީގައި އަތްއަޅާ، އަތުގެ ނުފުށުން ދާތިކިތައް ފޮހެލިއެވެ. ބުނާނެއެއްޗެއް ނޭނގި ފައިހާއަށް ހުރެވުނީ ގަނޑުވެފައިކަހަލަގޮތަކަށެވެ.
" ސޮރީ... " ރީހާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އަދިވެސް ފައިހާއަށް ހުރީ އެއްޗެއް ނުބުނެވިފައެވެ. ހަޤީޤަތުގައި އެޖުމްލަތައް އަޑުއަހަން އޭނާ ބޭނުންވާތާ ކިތަންމެ ދުވަހެކެވެ. އެހެނަސް އޭނާއަށް ކުރިމަތިވި އެންމެ ހިތްދަތި ދުވަހު، އެވާހަކަތައް އަޑުއަހަން ޖެހުމުން ، ކުރަންވީ އުފާކަމެއް ނޫނީ ވާންވީ ދެރަކަމެއް އޭނާއަކަށް ނޭނގުނެވެ.
" އަހަންނަށް އެނގޭ ފައިއަށް މިއަޑުތައް އަހަން ފަސޭހައެއް ނުވާނެކަން! އެކަމަކު....ނުހިފެހެއްޓުނީ... ސޮރީ! "
" ފަސޭހައެއް ނޫން! އެކަަމަކު... މީ އަހަރެން ވަރަށް އިންތިޒާރުކުރި ވަގުތުކޮޅެއް! އެކަމަކު އަހަންނަށް އުފަލެއް ނުލިބުނު! އުފާވާކަށް ނޭނގުނު ރީހާން! " ފައިހާއަށް ރޮވިއްޖެއެވެ. ރީހާން އަނެއްކާވެސް ފައިހާގެ އަތުގައި ހިފާލިއެވެ.
" އަހަންނާ މެރީ ކުރަންވީނު ؟ " ޖެހިލުމެއްނެތި ރީހާން ސުވާލުކުރުމުން ފައިހާ ދިޔައީ ސިހިގެންނެވެ. އެހިނދު ދުރުގައި ހުރި ފައިހާ ބާރުބާރަށް އައިސް ރީހާންގެ ގައިގައި ޖެހިގަނެ ރޯންފެށިއެވެ.
ހޮޓެލްގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމުން ޝާމިން ބަލާލީ ޖެހިގެން ހުރި ސީޓުގައި އިން ޝެރީންއަށެވެ. ބިއްލޫރިގަނޑުގައި ބޯޖައްސާލައިގެން އޭނާއަށް އިނީ ނިދިފައެވެ. ޑްރައިވަރ ކާރުތެރެއިން ނިކުތުމާއެކު ޝާމިން ޝެރީންއަށް ގޮވާލިއެވެ.
" މޭމް! މޭމް! " ސިހިފައި ޝެރީންއަށް ލޯހުޅުވާލެވުމާއެކު އޭނާ އަވަސް އަވަހަށް އިސްތަށިގަނޑު ރީތިކޮށްލިއެވެ. އަދި އަތުގައި އޮތް ޓިޝޫއިން މޫނު ސާފުކޮށްލަމުން ބުންޏެވެ.
" ކުޑަކޮށް ނިދުނީ ..."
ކާރުން ފައިބައިގެން އެމީހުން ހޮޓެލްއަށް ވަނެވެ. އެދެމީހުންނަށް ކޮޓަރި ލިބުނީ ދިހަވަަނަ ފަންގިފިލާއިންނެވެ.
" ހާދަ ރީތި ހޮޓެލްއެއް! އެއް އަހަރު ވަންދެން މިތާނގަތޯ އުޅެނީ ހަމަ؟ " އެކި ދިމަދިމާލަށް ބަލަމުން ޝާމިން އެހެން ބުނުމާއެކު ޝެރީން ހޭންފެށިއެވެ.
" އާނ! މާ ތޯތޯ ވެގެން ވާހަކަ ނުދައްކަބަލަ! ބުނަންތަ ދެން މޭމް ވެސް ނުކިޔާތި! ޝެރިން ކީމަ އަހަންނަށް މާ ހިތްގައިމު! "
ކުރިއަށްވުރެން ގާތްގޮތަކަށް ޝެރީން އެހެން ބުނުމުން ޝާމިން ހީލިއެވެ. އެކަމަކު އެއީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫނެވެ. ބޮސްއާއި މާތްބަހުން ވާހަކަ ދެއްކުމަކީ އޭނާގެ އާދައެކެވެ.
" މި އޭރިއާގައި ހަމަ އޮފީސް ހުންނާނީވެސް. ހިނގާލާފައިވެސް ދެވޭނެ! މީ ކޮމްޕެނީ މުވައްޒަފުން ބައިތިއްބަން ހިފާފައި ހުރި ހޮޓެލްއެއް! "
ޝާމިންގެ ކޮޓަރި ތަޅުދަނޑި ދިއްކޮށްލަމުން ޝެރިން ބުނެލިއެވެ.
ކޮޓަރިއަށްވަދެ ހަމަޖެހިލުމަށްފަހު އޭނާ ފޯންނަގާ ވައިފައި ޖައްސާލިއެވެ. ގަޑިބަލާލިއިރު ރާއްޖޭގެ ގަޑިން މިހާރު ފަތިހު ފަހެއް ޖަހާފާނެއެވެ. މުނާ ނިދާފައި އޮންނާނެތީ ގުޅާކަށް ޝާމިން ބޭނުމެއްނުވިއެވެ. އެހެންކަމުން އެނދުމައްޗަށް ފޯން އެއްލާލުމަށްފަހު ޓީޝާޓް ބޭލީ ފެންވަރަން ދިޔުމަށްޓަކައެވެ. އެއާއެކު ކުއްލިއަކަށް ފޯންވެސް ރިންގްވެއްޖެއެވެ. މުނާގެ ވަޓްސްއެޕް ކޯލެއްކަން އެނގުމާއެކު އަވަސް އަވަހަށް އޭނާ ފޯންނަގައިފިއެވެ. އުފަލުންނެވެ. ހަމަ އެވަގުތު ދޮރުގައި މީހަކު ޓަކި ދިނުމުން ހަލޯ ހަލޯ ކިޔަމުން ގޮސް އޭނާއަށް ދޮރުހުޅުވާލެވުނެވެ. ކުރިމަތީގައި ހުރީ ޝެރީންއެވެ. ޝެރީންގެ ނަޒަރު އަމާޒުވެފައިހުރީ ޝާމިންގެ ރީތި ބިޔަ ހަށިގަނޑަށެވެ.
" މީ... އަހަރެންގެ ބޭގް މިރޫމަށް ދޯ ވައްދާފަ ހުރީ.. ބޭގް ބަލާ މިއައީ " ލަދުގަނެފައި ހުރެ ޝެރިން އެހެން ބުނުމުން ޝާމިން ބަލާލީ ކޮޓަރިތެރެއަށެވެ. އޭރުވެސް މުނާ ހަލޯ ކިޔާއަޑު އޭނާއަށް އިވެއެވެ. އޭނާ އަވަސް އަވަހަށް ބޭގް ދިއްކޮށްލީ މުނާއާއި ވާހަކަ ދައްކާލަން ބޭނުންވެގެންނެވެ.
" ކޮން އަންހެނެއްގެ އަޑެއް އެއިވުނީ ؟ ދިވެހި އަންހެން ކުއްޖެއްވެސް ދިޔަތަ؟ " މުނާގެ ސުވާލު އަމާޒުވުމާއެކު ޝާމިން ހީގަތެވެ.
" ހޫމް.. އެއީ އޭ ބޮސް!"
" ޝާމިންގެ ބޮސް އެއީ އަންހެންކުއްޖެކޭ ކުރިންނެއް ނުބުނަމެއްނު! ޝާމިން ތިތަނަށް ތި ދިޔައީ އޭނައާއި އެކުގަ؟ " މުނާގެ އަޑުގައިވަނީ ހިތްހަމަނުޖެހުން އެކުލެވިފައެވެ.
" މުނާ ނާހަމެއްނު އޭނައަކީ އަންހެނެއްތޯއެއް! އެކަމާތަ ޝަކުވާ ތިކުރަނީ ؟ އަހަރެން މިއުޅެނީ އޭނަޔާ ހިތާވާކަށް ނޫން "
ޝާމިން ނުރުހުން ފާޅުކުރުމުން މުނާ، އެވާހަކަ ދެއްކުން ހުއްޓާލިއެވެ.
" އޯކޭއޭދެން... އަހަރެން އަދިވެސް މިއޮންނަނީ ނުނިދާ! ޝާމިންގެ ޚަބަރެއް ނުވެގެން"
ޝާމިން ރުޅިއަތުވެދާނެތީ މުނާ މައުޟޫ ބަދަލުކޮށްލި ނަމަވެސް އޭނާގެ ހިތް ވަރަށް ބާރަށް ތެޅެމުންދެއެވެ. އެހިތްވަނީ މުޅީން ނުތަނަވަސްވެފައެވެ.
" އަހަރެމެންނަށް ދެންމެ މި އާދެވުނީ ހޮޓެލްއަށް. ނިދާފަ އޮންނާނެތީ މަޑުކޮށްލީ! ދެން މިދަނީ ފެންވަރަން.. މަންމައަށް ސަލާމް ބުނާތި"
ޝާމިން ވާހަކަ ކުރުކޮށްލީ ހިތްހަމަ ނުޖެހިގެންކަން މުނާއަށް އެނގެއެވެ. ޝާމިންގެ އެންމެ ކަމުނުދާ ސިފައަކީ އެއީއެވެ. މުނާ އަބަދުވެސް އެކަމާ ދެރަވެއެވެ. ހިތްހަމަ ނުޖެހޭ ކަމެއްގެ ވާހަކަ ބުނިއްޔާ ޝާމިން ވާހަކަ މަދުކުރާނެއެވެ.
" ހިތްހަމަ ނުޖެހުނީދޯ! އަހަންނަށްވެސް އެހެން އަހާލެވިދާނެއެއްނު! "
މުނާ ބޭނުންވީ ޝާމިންއާއި އިތުރަށް ވާހަކަ ދައްކާށެވެ. އެހެނަސް އޭނާ ހުރީ އެހާ ވާހަކަ ދިގު ކުރާގޮތަކަށް ނޫނެވެ.
" ދެެން އެކަންތައް އެ ނިމުނީނު.. މިހާރު އެނގިއްޖެއެއްނު އަހަރެންގެ ވެރިމީހާއަކީ އަންހެނެއްކަން. އަހަރެން ހިއެއްނުކުރަން މިކަހަލަ ކުދިކުދި ކަންކަމާ މުނާ އެހާ ހާސްވެ ކަންބޮޑުވާނެކަމަކަށް."
މީގެ ކުރިން ޝާމިން އެހާ "ރޫޑް"ކޮށް ވާހަކަ ދައްކާފައެއް ނުވެއެވެ. އެހެންކަމުން އިންތިހާއަށް މުނާ ދެރަވެއްޖެއެވެ. އެހެނަސް އޭނާ އެކަން ޝާމިންއަށް އަންގާކަށް ބޭނުމެއްނޫނެވެ.
" އޯކޭ އަހަރެން ފެންވަރަން މިވަންނަނީ! ދެން ތިކަހަލަ ވާހަކަ ދައްކައިގެން ދެރަނުވައްޗޭ! އަހަންނަށް ޓްރަސްޓްކުރޭ! ނިދާލާދެން"
މުނާގެ ޖަވާބަކަށް މަޑުނުކޮށް ޝާމިން ފޯންކަނޑާލިއެވެ. މުނާއަށް އޭރުވެސް އޮވެވުނީ ކަންފަތުގައި ފޯނު ޖަހައިގެން ދެރަވެފައެވެ.
ފަޔާޒާއި މޯޑް ގޮވައިގެން ރީހާން އިނީ ކޮފީޝޮޕްގައެވެ. އެ ތިން މީހުންގެ މޫނުމަތިންވެސް ފެންނަމުންދަނީ އުފާވެރިކަމެވެ.
" މީނަ އަވަހޭ ކަންތައްތައް ނިންމާލަން. ސަޅި މީހުންނަށްދޯ ރީތި ކުދިން ކާމިޔާބުވާނީ.." މޯޑު ރީހާންގެ ކޮނޑުގައި ޖަހާލިއެވެ.
" ތިއެއްނޫނޭ! މަބުނީ އެއްމަސްދުވަހުގެ ޗުއްޓީގަ ދާންވީދޯ މެރީކުރަން ރާއްޖެ! "
ރީހާން އަވަސް އަވަހަށް ބުންޏެވެ. މޯޑް ފަޔާޒަށް ބަލާލަމުން ނިތްއަރުވާލީ ރީހާންއަށް ޖެއްސުމަށެވެ. ފަޔާޒް ގާތަށްވެސް އައީ އަމަށަކު ހިންޏެއް ނޫނެވެ.
" އަހަރެމެން ކީކޭ ދެން ކިޔަންވީ؟ ތިއޮތީ ކައިވެނިވެސް ނިމިފައެއްނު! އަހަރެމެން ދާނަން ކާން . ދޯ މޯޑް."
" އޭ ދެން ސީރިއަސްވެބަލަ! އެފަކީރު އެއިންނަނީ ރޮއިލަރޮއިލަ އާލްގެ ކަންތަކުގަ. ކޮންމެ ގޮތެއްވިޔަސް ހައިދަރު އާލްއެއް ނުދޭނެ. ކޯޓުންވެސް ނިންމާފައޮތީ އެގޮތަށް. ދެން އަހަންނަށް ހީވަނީ ފައިހާ މާލެ ގެންދިޔައީމަހެން ރަނގަޅުވާނީ. މިތާ ހުރުން އޭނައަށް ރައްކާތެރިއެއްވެސް ނޫން"
ރީހާންގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހާސްކަން ފެނުމުން ފަޔާޒްވެސް ސީރިއަސްވިއެވެ.
" ދެން ނެތެއްނު މާގިނަ ދުވަހެއް ޗުއްޓީލިބޭކަށް. އަވަހަށް ރެޑީވޭ ކައިވެންޏަށް.."
މޯޑު އެހެން ބުނުމުން ރީހާން ބޯޖަހާލިއެވެ.
ހޮޓެލްގެ ބޭރުގައި ޝެރީންގެ އިންތިޒާރުގައި ޝާމިން ހުއްޓެވެ. މާގަސް ހައްދާފައިހުރި ފާރުބުރިއެއްމަތީ ޝާމިން އިށީނދެ ޝެރީންއަށް ގުޅަން ފޯނު ނަގަނަގާ ހުއްޓާ ފެނުނީ ޝެރީން އަންނަތަނެވެ. ޝެރީން ފެނުމުން ޝާމިން އަޖައިބުވެ އަންތަރީސްވީ ކަހަލައެވެ. އިށީންނަށް އުޅެފައި އޭނާ ކޮޅަށްތެދުވެ ހަމަޖެހިލިއެވެ. އަތްކަނޑާފައިހުރި ކުރި ރަތްކުލައިގެ ކުރު ޓޮޕްކޮޅަކާއި ކަކުލުން މައްޗަށް އަރާވަރުގެ ބާރު ޖީންސް ސްކާރޓެއްގައި ލައިފައި ހުންނައިރު ޝެރީންގެ ރީތިކަން އެތައް ގުނައަކަށް ފާޅުވެއެވެ. އިސްތަށިގަނޑުހުރީ ބޮލުމެދަށްނަގާ އައްސާފައެވެ. ގަދަ ރަތްކުލައިގެ ލިޕްސްޓިކުން ތުންފަތުގެ ރީތިކަން އިތުރުވާކަހަލައެވެ.
" ލެޓްސް ގޯ" ޝެރީން އައިސް ޝާމިންގެ ކުރިމަތީގައި ހުއްޓުމުން އޭނާއާއި ހަތަރުކަޅި ހަމަކުރާކަށް ޝާމިންއަކަށް ނުކެރުނެވެ.
" ލަންޗް ނަގައިގެން ދާނީ އޮފީހަށް..." ޝެރީން އެހެން ބުނުމުންވެސް ޝާމިން އެއްޗެއް ނުބުންޏެވެ. ކުއްލިއަކަށް ޝާމިންގެ ފޯން ރިންގްވުމާއެކު ޝާމިން ޖީބުން ފޯންނަގާ ބަލާލިއެވެ. މުނާގެ ކޯލް ކަނޑާލާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އެހެނަސް ޝެރީންގެ ކުރިމަތީގައި ވާހަކަދައްކާކަށްވެސް ބޭނުމެއްނޫނެވެ.
" ވައިފްތަ؟ " ފޯން ސައިލެންޓަށްލީތަން ބަލަން ހުރެ ޝެރީން އަހާލިއެވެ. އެއާއިއެކު ޝާމިން ބޯޖަހާލިއެވެ. ޝެރީން އިތުރަށް އެއްޗެއް ނުބުނުމުން ޝާމިން ބުންޏެވެ.
" ކައިގެން ގުޅާލަންވެގެން މި ކަނޑާލީ! "
" އަސްލު ވަރަށް އުނދަގޫވާކަމެއްދޯ އަބަދު ގުޅުމަކީ.. ޝާމިން މިތަނަށް ތިއައީ ވަރަށް ބުރަކޮށް މަސައްކަތްކުރަން. ވައިފް ގާތުވެސް ބުނެލާފަ ބާއްވާތި ޝާމިންއަށް ގުޅޭނެ ގަޑިތައް. އޭރުން ތިމައްސަލަ ޙައްލުވީ "
ޝެރީން އެހެން ބުނުމުން ޝާމިން ލަދުވެސްގަތެވެ. އެހެނަސް އޭނާ ހިނިތުންވެލުމަށްފަހު އެކަމާ ގުޅިގެން އެއްވެސް އެއްޗެއް ނުބުނެއެވެ. މަޑު ހިނގުމެއްގައިގޮސް ދެމީހުންވަނީ ކައިރީގައި ހުރި ރެސްޓޯރެންޓަކަށެވެ.
" މިކޮޅަށް އައިސް މީ އަހަރެން އަބަދުވެސް އަންނަތަން . ވަރަށް މީރުވާނެ މިތާ ކާއެއްޗެހި... "
މެނޫ ނެގުމަށްފަހު ޝެރިން ބުނެލިއެވެ. ޝައުޤުވެރިކަމާއެކު ޝާމިން އިނީ އަޑުއަހާށެވެ.
" މްމްމް އަަހަރެން ކާނީ ޗިކަންސެލަޑެއް! ޝާމިންވެސް ކޮންމެވެސް އެއްޗެއް ނަގާބަ! "
ޝެރިން ހީވަނީ ޝާމިންގެ ދެކެފަރިތަ ރައްޓެއްސެއްހެންނެވެ. އެއްގޮތަކަށްވެސް އޭނާއަކީ އޮފީހުގެ ވެރިމީހާހެނެއް ހިއެއްނުވެއެވެ.
"ހިތްހަމަ ނުޖެހޭ އެއްވެސް ކަމެއް އުޅެންޏާ ބުނައްޗޭ! މިބުނީ އަަހަރެންގެ ފުށުން."
ފެންފޮދެއް ބޯލަމުން ޝެރިން ބުނެލިއެވެ. ހީލުން ފިޔަވާ އިތުރު އެއްވެސް އެއްޗެެއް ޝާމިން ނުބުނެއެވެ. އެހެންކަމުން ޝެރީންވެސް ވާހަކަދެއްކުން މަދުކޮށްލިއެވެ.
" ޝާމިން ހީވަނީ ވަރަށް އުނދަގޫވެފަ އިންނަހެން. އަހަންނާއެކު މިހެންއުޅެން އަންކޮންފޮޓަބަލްތަ؟ "
ޝެރީން މަޑުމަޑުން އަހާލިއެވެ. އެއާއިއެކު ފޯނަށް ބަލަން އިން ޝާމިން ޝެރީންއަށް ބަލާލިއެވެ. އޭރު ޝެރީންވެސް އިނީ އޭނާއަށް ބަލާށެވެ.
" ނުން.. ނޫން... އެހެނެއްނޫން.. އިޙްތިރާމްކުރެވެނީ ބޮސްވީމަ " ޝާމިންދިނީ ސާދާ ޖަވާބެކެވެ. އެހެން ބުނުމާއެކު ޝެރީން ބާރުބާރަށް ހީގަތެވެ.
" ބޮސް ނުކިޔާށޭ ބުނީމެއްނު! ޝެރިން ކިޔާބަ! އަހަންނަށް މާ ކަމުދޭ ޝާމިން އެހެން ކީމަ! އެހެން ނޫނަސް އަހަރެން ޝާމިންއަށްވުރެ ކުޑައެއްނު. ދެން ބޮސްކީމަ އަހަންނަށް ހީވަނީ އަހަރެންމީ ބޮޑު އަންހެނެއްހެން"
ސަމާސާ ރާގަކަށް ޝެރިން ވާހަކަ ދައްކަމުން ހެމުންދިޔައެވެ. އަނެއްކާވެސް ޝާމިންގެ ފޯން ރިންގްވާން ފެށިއެވެ. މިފަހަރު ބިޒީކޮށްލާކަށް އޭނާއަކަށް ނުކެރުނެވެ. އެއީ މުނާ ކަންބޮޑުވާނެތީއެވެ.
" ކިހިނެއްވީ ؟ "
ފޯން ނެގިގޮތަށް ޝާމިން އަހާލިއެވެ. ޝެރީން އިނުމުން އޭނާއަށް އެހާ ގާތްކޮށް ވާހަކަ ދައްކާކަށް ނުކެރުނެވެ.
" ކިހިނެއްވީހޭ؟ ކީއްވެ ތިހެން ތިއެހީ؟ ހަމަ މިސްވެގެން ގުޅާލީ"
މުނާ އަސަރާއެކު ބުނެލިއެވެ. ދޭން ބޭނުންވާ ޖަވާބު ނުދެވިގެން ޝާމިން އިނީ ވަރަށް އުނދަގުވެފައެވެ.
" އެހެންތަ؟ މަންމަ ރަނގަޅުތަ؟ " ނުގުޅޭ ވާހަކައެއް ދައްކަން ފެށުމުން މުނާ ހިތްހަމަނުޖެހުނެވެ. އެހެންކަމުން އޭނާ ބޭނުންވީ ފޯން ބާއްވާށެވެ.
" އޮފީހުގަ އުޅެންޏާ އަހަރެން ފޯން ބާއްވަފާނަމޭ! ތިކޮޅަށްގޮސް މިވީ ދެތިން ދުވަސް.. ޝާމިން އަހަރެންމަތިން ހަނދާންނެތުނީތަ؟ މާރީތި ކުއްޖެއް ގޮވައިގެން އުޅެންޏާވެސް ތިހެން ވެދާނެ! "
މުނާ ހިތްހަމަނުޖެހިފައި އެހެން ބުނުމުން އިތުރު އެއްޗެއް ނުބުނެ ޝާމިން ފޯން ބޭއްވިއެވެ.
" އަހަރެން އިނީމަތަ ވާހަކަ ނުދެއްކުނީ ؟" ޝާމިންގެ މޫޑު ގޯސްވެފައި ހުރިތަން ފެނުމުން ޝެރީން ސުވާލުކޮށްލިއެވެ. އެއާއިއެކު ގަދަކަމުން ހީލަމުން ޝާމިން ނޫނެކޭ ބުނެލިއެވެ.
" ޝާމިންގެ ވައިފްއަށް އެނގޭނެތަ އަހަންނާއެކުގައި ވޯރކް ކުރަންކަން މިތަނަށް އައީ ؟ " ޝެރީންގެ ސުވާލުން ޝާމިން ސިހުނެވެ. ދޮގު ހަދާކަށް އޭނާ ބޭނުމެއްނޫނެވެ. އެހެންކަމުން ޝާމިން ބޯޖަހާލިއެވެ.
" ހޫމް ބުނިން.. މުނާ ވަރަށް އަންޑަސްޓޭންޑިންގ ވާނެ! އެއްވެސް ކަމެއްގަ ޝަކުވާއެއް ނުކުރާނެ! އަހަރެންދެކެ ވަރަށް ލޯބިވާނެ "
ޝާމިން ބޭނުންވީ މުނާ ދިފާޢުކުރާށެވެ. އޭރު ޝެރީން އިނީ ސެލަޑްތަށީގެ ތެރޭގައި އޫ ހާކާލަ ހާކާލައެވެ.
" މުނާއަށްވުރެ ބޮޑަށް ޝާމިންދެކެ ލޯބިވާ އެހެން މީހަކު ދިމާވިއްޔާ ؟؟ "
އިސްޖަހައިގެން އިނދެ ޝެރީންކޮށްލި ސުވާލުން ޝާމިން ކޮށިއެރިއެވެ. މޭގައި އަތްޖައްސާލައިގެން އިނދެ އޭނާ މަޑުމަޑުން ކެއްސަމުން ދިޔަވަގުތު ޝެރީން ދިއްކޮއްލީ އޭނާގެ ފެންތައްޓެވެ. ޝާމިން ޝެރީންގެ މޫނަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
** ނުނިމޭ **
ސިލްސިލާ ވާހަކަ: ޙައްޤުގައި (10)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!