ކުރީގެ ޢަދަދާއިގުޅޭ،

އަވަސް ކޮށްގެން ޝާމިން ފާޚާނާއިން ނިކުތް އިރުވެސް މުނާ އޮތީ ގަދަޔަށް ނިދާފައެވެ. ޑްރެސިންގޓޭބަލް ކައިރި ހުރެގެން ޝާމިން ތައްޔާރުވަމުން ދިޔައީ ނުތަނަވަސް ވެފައިވާ ހިތަކައިގެން ލޯގަނޑުން މުނާ އާއި ދިމާލަށް ބަލަމުންނެވެ. ކޮންމެގޮތެއްވިޔަސް މިއީ އޭނާ އުއްމީދުކުރި ގޮތެއް ނޫނެވެ.

Ad
rt

އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓް ބުރުވާލުމަށްފަހު އޭނާ އެނބުރިލީ ދޮރާއި ދިމާއަށެވެ. މުނާގެ އަރާމު ނިދިގަނޑު ހަރާބުކުރާކަށް ޝާމިން ބޭނުމެއް ނުވިއެވެ. ސައިބޯން އެއްޗެއް ބޭރުން ގެންނާނީއޭ ހިތާ އޭނާ، ވޮލެޓް ނަގާ ޖީބަށް ލުމަށްފަހު ކޮޓަރިން ނިކުތެވެ.. ކޮޓަރިން ނިކުތްހެން ހީނުވެ، އޭނާ އެނބުރި އައިސް ކޮޓަރީގެ ދޮރު ހުޅުވާލީ ހައިރާން ވެފައިވާ މޫނަކައިގެންނެވެ. ހަމަ އެވަގުތު ލޮލުގައި އަޅައިގަތީ އެނދުމަތީގައި އިށީނދެލައިގެން އިން މުނާއެވެ. އޭނާގެ މޫނުމަތީގައިވަނީ ލުއި ހިނިތުންވުމެކެވެ. އޭރުވެސް ޝާމިން ހުރީ ދޮރު ހުޅުވިގޮތަށް ތަޅުން އަތްދޫކޮށްނުލެވިފައެވެ.

"ނޫނޭ ކުޅަދާނަ އަންހެނެއްތީ"

ސަމާސާ ރާގަކަށް ޝާމިން ބުންޏެވެ. އެއާއި އެކު މުނާ ވަރަށް ބާރަށް ހީގަތެވެ. އޭނާ އެނދުން ތެދުވެ ޝާމިން އާއި ދިމާލަށް އައީ އިސްތަށިގަނޑު ފަހަތަށް އައްސާލަމުންނެވެ.

"ބޭބީ...ކިހިނެތްވަނީ އަހަރެންގެ ސަޕްރައިޒް ؟"

ލޯތްބާއިއެކު މުނާ އަހާލިއެވެ. ޝާމިން ޗޮކެއް ކަނޑާލަމުން މުނާގެ އުނަގަނޑުގައި އަތްއަޅުވާ، އޭނާ އާއި ދިމާލަށް ދަމާލިއެވެ.

"ނޭނގެ ބުނާނެ އެއްޗެއް... ހަމަ ހައިރާންކޮށްލައިފި. ކޮންއިރަކު ކޮށްފަ ހުރި މަސައްކަތެއްތަ އެއީ؟"

ޝާމިން މުނާގެ އަތުގައި ހިފައިގެން ސިޓިންރޫމަށް ނިކުތެވެ.

"ނަމާދުކޮށްގެން ޝާމިން ނިދީމަ، އަހަރެން އަނެއްކާވެސް ތެދުވީ.. ފަހެއްވެސް ޖަހައިފި އޭރު. އަހަންނަށް އެނގޭ ޝާމިން ދެން އަވަހަކަށް ނުތެދުވާނެކަން.."

އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން އައިސް މުނާ އިށީނީ ޝާމިންގެ ކުރިމަތީގައި ހުރި ގޮނޑީގައެވެ.

" ޝާމިންއަށް ހީވޭތަ ޝާމިންއަށް ކޮށްދޭންޖެހޭ އެއްވެސް ޚިދުމަތެއްގައި އަހަރެން ފެއިލް ވާނެހެން؟ " ޝާމިންއަށް ފެންތައްޓެއް އަޅައިދެމުން ބުނާ ބުންޏެވެ.ކައިވެނީގެ ފުރަތަމަ ދުވަހުވެސް އޭނާ، ޝާމިން އަޖައިބުކޮށްލައިފިއެވެ. އޭރުވެސް ޝާމިން ދިޔައީ މޭޒުމަތީގައި އަތުރާފައިވާ ކާާއެއްޗެއްސަށް ބަލަމުންނެވެ. ރޮއްޓާއި ބަރަބޯމަސްހުންޏަކީ ހެނދުނުގެ ނާސްތާއަށް ޝާމިންއަށް އެންމެ މީރު ކެއުމެވެ. އޭގެ އިތުރުން ކޮންޓިނެންޓަލް ބްރެކްފާސްޓް ވެސް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައި ހުއްޓެވެ. މޭޒުގެ އެއްކޮޅެއްގައި އަތުރާފައިވަނީ ކުދި ބިއްލޫރި ތަށީގައި ހުރި ތަފާތު ބުއިންތަކެވެ.ކޮފީ، އައިސްމައިލޯ އަދި މޭވާ ޖޫހުގެ އިތުރުން ކަޅުސައިވެސް ހުއްޓެވެ.

" އަޅެ އަހަންނަށް މި އިނދެވެނީ ލެމަންގްރާސްގައިތަ؟ އަސްލުވެސް ވަރަށް އުފާވެއްޖެ!"

ޝާމިން ތަޢުރީފު ކުރަން ފެށުމުން މުނާ ވަރަށް ލަދުގަތްކަން ޝާމިންއަށް ފާހަގަކުރެވުނެވެ. އެހެންކަމުން ދައްކަމުންދިޔަ ވާހަކަތައް މަޑުޖައްސާލުމަށްފަހު ނާސްތާކުރުމަށް އަވަސްވެގަތެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުނާއަށް ޝާމިންދެކެ އިންތިހާއަށް ލޯބިވެވިއްޖެއެވެ.ޙަޔާތުގެ ފޮނިމީރުކަން މުނާއަށް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބެމުންދެއެވެ. ޝާމިންއަކީ މުނާ ބޭނުންވި ކަހަލަ ފިރިއެކެވެ.މުނާ ހޭދަކޮށްފައިވާ ހިތްދަތި ދުވަސްތައް ޝާމިންގެ ލޯބީގެ ސަބަބުން އޭނާ ހަނދާންނެތިއްޖެކަހަލައެވެ.ލޯބިވާ ފިރިމީހާއަށް ވީ އެންމެ ފުރިހަމައަށް ޚިދުމަތް ކުރުމަކީ މުނާ ބޭނުންވާ ގޮތެވެ. އެއްވެސް ކަމަކާ ޝަކުވާ ކުރާނެ ޖާގައެއް ޝާމިންއަކަށް ނުދެއެވެ.މުނާގެ ގެވެހިކަން އެގޭތެރެއަށް ވަދެލާ ކޮންމެ މީހަކަށް ފާހަގަކުރެވޭނެއެވެ.

" އަަހަރެންގެ އޮފީސްމޭޓްސް ބުނި ކާންދޭން ޖެހޭނޭ.. އެހެންވެ ރެސްޓޯރެންޓަކަށް ގެންދަން މިވިސްނަނީ.. އެހެންނޫނީ އެމީހުން އަހަރެންނަށް ވަރަށް ދިމާކުރާނެ އޮފީހަށް ނުކުން އިރަށް."

އިސްތިރިކުރަން ހުރި މުނާގެ ގައިގައި ފަހަތުން ބައްދާލަމުން ޝާމިން ބުނެލިއެވެ. ޝާމިން އައުމާއި އެކު މުނާ ބޭނުންވީ މަސައްކަތް މަޑުޖައްސާލާށެވެ.

" އަހަނ.. ކީއްވެ ތި ހުއްޓާލީ! މަސައްކަތް ކުރިއަށްގެންދޭ! "

ޝާމިން މުނާގެ ގައިން ދޫކޮށްލުމަށްފަހު އައިސް އެނދުގައި އިށީނދެލަމުން ބުންޏެވެ. ނަމަވެސް މުނާ ހުރީ، އިސްތިރިކުރާ މޫޑެއްގައެއް ނޫނެވެ. އޭނާ އައިސް ޝާމިން ގާތު އިށީނުމަށްފަހު، ކޮނޑުގައި ބޯއަޅާލަމުން ވާހަކަ ދައްކަންފެށިއެވެ.

" ޝާމިން ތިއައީ ވާހަކައެއް ދައްކާކަށްނު.. ޝާމިން އާ ވާހަަކަ ދައްކާލާފައިވެސް އިސްތިރި ކުރެވިދާނެ.."

ލޯބިގޮތަކަށް މުނާ އެހެން ބުނުމުން ޝާމިން، މުނާގެ ކޮނޑަށް އަތްވައްޓާލުމަށްފަހު، އޭނާ އިތުރަށް ގާތްކޮށްލިއެވެ.

" ތީހަމަ ޖަވާހިރެއް! މުތެއް! "

" ހޫމް.. ދެން ދައްކަން އުޅުނު ވާހަކަ ކިޔާބަލަ! ކީއްކުރަން އެމީހުން ބޭރަށް ގެންދަނީކާން؟ ގެއަށް ގެންނަންވީނު! "

މުނާ ޚިޔާލު ފާާޅުކުރިއެވެ. އެހެނަސް އެއީ ޝާމިން ބޭނުންވާ ގޮތެއް ނޫނެވެ.

" އަހަރެން ބޭނުމެއް ނޫން އެގޮތެއް.. ބައެއް މީހުންގެ ހިތް އެހާ ސާފެއް ނުވާނެ! ހަސަދައެއް ލައިގެން މަށާ ، މުނާ ވަކިވެސް ވެދާނެއެއްނު! "

ކުއްލިއަކަށް މުނާ ބޯހިއްލާލާ ޝާމިންގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާގެ މޫނުވަނީ ފުސްވެ، ނުތަނަވަސް ވެފައެވެ.

" ހަމަ އެހާ ގޯސް ރައްޓެހިންވެސް އޮފީހުގަ އުޅޭތަ؟ މީހުންނާމެދު ތިހެން ވިސްނާކަށް ނުވާނޭ ޝާމިން " މުނާ ކުޑަކޮށް ހިތްހަމަ ނުޖެހުނުކަން އެނގުމުން ޝާމިން، ލޯތްބާއިއެކު މުނާގެ ދަތްދޮޅީގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

" ނުވިސްނަމޭ އެހެންނެއް.. އެކަމުވެސް ގެއަށް ގެންނާކަށް ބޭނުމެއް ނޫން..ދެން އެވާހަކަ ބާއްވާދޯ! އެހެން ވާހަކައެއްވެސް އެބައޮތް.. "

މުނާ ދެބުމަ އަރުވާލީ ކޮންވާހަކައެއްތޯ އަހާކަހަލަ ގޮތަކަށެވެ. އެއާއިއެކު އަނެއްކާވެސް ޝާމިން މުނާގެނެސް އޭނާގެ މޭގައި ޖައްސާލިއެވެ.

" އޫމްމްމް.. އެއީ ސަޕްރައިޒެއް! ވަރަށް ބޮޑު ސަޕްރައިޒެއް"

މުނާ އަވަސް އަވަހަށް ތެޅިގަނެ، ޝާމިން އާއި ދުރަށް ޖެހިލިއެވެ. އޭރު އޭނާގެ މޫނުމަތީގައި އުފާވެރިކަން ފިޔަޖަހަމުންދެއެވެ.

" ދެން.. ނޫން.. ބުނެ ބުނެ ބުނޭ.. ދެން ބުނެބަލަ! "

މުނާއަށް އެނދުމަތީގައިވެސް އިނދެވެނީ ކިރިޔާއެވެ. އެއަޑުގައިވެސް ވަނީ އުފާވެރިކަމެވެ. މުނާގެ ހަރަކާތްތަކުން ޝާމިން ހެމުން ދިޔައެވެ.

" އަޅޭ މީ ކެތްތެރިކަމެއްވެސް ހުންނަ ކުއްޖެއް ނޫންތަ؟ އަބަދުވެސް ބުނަމެއްނު ކެތްތެރިވާންވާނޭ! ސަޕްރައިޒެއްވީމަ ދެން ތިހާ އާދޭސް ކުރިޔަސް ނުބުނެވޭނެ! އެހެންވީމަ ދެން ނުވާނެ އަހައިގެންވެސް... "

ޝާމިން މުނާގެ ކަންފަތުގައި ލޯތްބާއިއެކު ހިފާލިއެވެ. އެއާއިއެކު އޭނާ ކުޑަކުއްޖަކުފަދައިން ތުންދަމާލާ ، ޝާމިންއަށް ލޯއަޅާލިއެވެ.

" ދެން ކީއްކުރަންތަ ތި ބުނީ؟ ނުބުނެ ހުރި ނަމައެއްނު.." ރުޅި އަންނަ ކަމަށް ހަދާފައި މުނާ ތެދުވެ ހިނގައިގަތީ އަނެއްކާވެސް އިސްތިރި ކުރުމަށްޓަކައެވެ.

" ރީހާންގެ ޚަބަރެއް ނުވާތާ ދެދުވަހެއް ވެއްޖެ! މެސެޖެއްވެސް ކޮށްގެން މިއުޅެނީ. އެކަމަކު އަދިވެސް އެއްވެސް ޚަބަރެއްނުވެ. ކިހިނެއްވީބާއޭ ހިތަށް އަރަނީ."

ނުތަނަވަސްވެފައިވާ ރާގަކަށް ޝާމިން ވާހަކަ ދެއްކިއެވެ. މަސައްކަތުގައި މަސްޣޫލްވެހުރި މުނާ ޝާމިންއަށް ބަލާލުމަށްފަހު އެއްޗެއް ނުބުނެ މަޑުކޮށްލީ އޭނާ ފޯނާއި ކުޅެން ފެށުމުންނެވެ.

" ނުވެޔޭ ހަމަ ޚަބަރެއް!"

" ވެދާނެ އެއްނު ކޮލެޖް ބިޒީކަމަށް.. ރީހާން ގާތު ބުނެބަލަ އެއްކޮށް އުޅޭ ފްރެންޑެއްގެ ނަންބަރު ޝާމިންއަށް ދޭށޭ. އޭރުން ރީހާންއަށް ނުގުޅުނަސް އެމީހަކަށް ގުޅައިގެން ޙާލު ބެލިދާނެއެއްނު. "

މުނާގެ ޚިޔާލު ޝާމިންއަށް ވަރަށް ކަމުދިޔައެވެ. އެނދުމަތީގައި ފޯނު ބޭއްވުމަށްފަު މުނާ އާއި ދިމާލަށް ޝާމިން ހިނގައިގަތެވެ.

" އަހަރެންގެ އަންހެނުންގެ ވިސްނުން މިހާރު ހާދަ ރަނގަޅު ވެއްޖޭ! ތީ ވަރަށް މޮޅު ޚިޔާލެއް. އެހެންވީމަ އޮންނާނެ ހަދިޔާއެއް.. " ޝާމިން އަންނަން ފެށި ގޮތުން އޭނާ އެއަންނަނީ ކީއްކުރަންކަން މުނާއަށް އެނގުނެވެ. އެހެންކަމުން އޭނާ ހެމުން ހެމުން ދުވެފައި ގޮސް، ކައިރީގައި ޖެހިފައިހުރި ފާޚާނާގެ ދޮރުން އެތެރެވެ، ތަޅުލިއެވެ. ބާރުބާރަށް ޝާމިން ގޮސް ޖެހުނީ ދޮރުފަތުގައެވެ.

" އޭ ދެން ހުޅުވަބަލަ! އޭ! "

ހިނިގަނޑެއް ޖަހާލަމުން ޝާމިން ގޮވާލިއެވެ. އޭރު މުނާވެސް އެތެރޭގައި ހުރެގެން ހޭއަޑު އިވެއެވެ.

" ނޫން ދެން.... ކޮލުގަ ދަތްއެޅީމަ ވަރަށް ތެދުވެޔޭ! ނުހުޅުވާނަން..ކޮންމެ ފަހަރަކު ޝާމިން ހަމަ އައިސް ދަތް އަޅާނީ.. "

" އޯކޭ! އަހަރެން މިދަނީ އެހެންވިއްޔާ ބޭރަށް ކޮފީއަކަށް... " ޝާމިން އެހެން ބުނުމާއެކު މުނާ އަވަސް އަވަހަށް ދޮރު ހުޅުވަމުން ބުނެލިއެވެ.

" އުނހޫ ނުދައްޗޭ! އޭރުން ވަރަށް ފޫހިވާނެ އަހަރެން.. މިގަޑިއަކު ނޫން.. ހަވީރަށް ދޭ! ޕްލީޒް...."

މުނާ ފެނުމާއިއެކު ޝާމިން މުނާގެ ގައިގައި ހިފައިގަތެވެ.

" ކޮބާ! މިއޮތީ އަތުވެފަ!މިއޮތީ އަތުވެފަ "

މުނާ ހަޅޭއްލަވަމުން ތެޅިފޮޅެނީއެވެ. އެހިނދު ދެމީހުންގެ ސަކަރާތާއި ހުނުމުގެ އަޑުން ކޮޓަރިތެރެ އެއްއަޑު ކުރަމުންދެއެވެ.

ކޯހުގެ ބައެއް ފުރިހަމަ ކުރުމަށްޓަކައި ގިނަ އަދަދެއްގެ ފޮޓޯތަކެއް ނަގަން ޖެހިގެން ރީހާންވެސް އެދުވަހު ބޭރަށް ދިޔައީ އެމަސައްކަތް ކުރުމަށްޓަކައެވެ. ރީހާންގެ އަމާޒަކަށްވީ ކުޑަކުދިންނެވެ. ތުއްތު ކުދިންގެ ފޮޓޯ ކަލެކްޝަންއެއް ހެދުމަށްޓަކައި އޭނާ ދިޔައީ ޕާކުތަކަށެވެ،އެއީ މެލޭޝިއާގައި ވަރަށް މަޝްހޫރު ޕާކެކެވެ. ކުޅެން އުޅެވޭނެ ގޮތަށް ތަފާތު އެއްޗެހި ބަހައްޓާފައި ހުރިއިރު، ޕޫލްތަކާއި ކެއުމަށް ޚާއްސަ ކެފޭތައްވެސް ހުއްޓެވެ. އެހެންކަމުން އުފަލުން ދުވެލާފައި އުޅޭ ކުދިންނާއި މަޖާވެލާފައި އުޅޭ ކުދިންގެ ރީތި ފޮޓޯތަކެއް ރީހާންއަށް ނެގުނެވެ. އަދި ރޯ ކުދިންނާއި ބޮޑާހާކާފައި ރުޅިގަދަކޮށްލައިގެން އުޅޭ ލޯބިލޯބި ތުއްތު ކުދިންވެސް އޭނާއަށް ފެނުނެވެ.ބައިވަރު ކުޑަކުދިންތަކެއް އެއްތަނަކުން ފެނުމުން ބައްޕައަކަށްވެސް ވާހިތްވިކަހަލައެވެ. ހެވިފައިހުރެ، އޭނާ އެކި ދިމަދިމާލުން ފޮޓޯ ނަގަމުންދިޔައެވެ. ކޮންމެ ފޮޓޯއެއް ނެގުމަށްފަހު ކެމެރާއަށްވެސް ބަލައިލެވެއެވެ. ކުއްލިއަކަށް އޭނާގެ ކެމެރާ ލެންސަށް އެރީ ގަހެއްގެ ބުޑުގައި ވިނަގަނޑުމަތީ އިށީނދެލައިގެން އިން އަންހެން ކުއްޖެކެވެ. ބަލާބެލުމަށް މެލޭޝިއާގެ ކުއްޖެއް ނޫނެެވެ. އޭނާ ބޮޑަށް ހީވަނީ ދިވެއްސެއްހެންނެވެ. އެހެންކަމުން ރީހާންގެ ހިތުގައި އެދިމާލަށް ދިއުމުގެ ޝައުޤުވެރިކަން އުފެދުނެވެ. ގަހާއި ތަންކޮޅެއް ދުރުގައި ހުރެ، އެ އަންހެންކުއްޖާގެ ފޮޓޯއެއް ނެގުމަށްފަހު އެކިދިމަދިމާ ބަލައިލީ އޭނާ އައިސް އެއިނީ އެކަނިތޯ ޔަޤީންކޮށްލާށެވެ. ހުދުކުލައިގެ ކުރުތާއަކާއި ހުދު ޖިންސެއްލައިފައި އިން އެކުއްޖާ އަޅާފައިވަނީ ކްރީމްކުލައިގެ ޝޯލްއެކެވެ. އޭނާ އިނީ ފޯނުން ކޮންމެވެސް އެއްޗެއް ބަލާށެވެ. ކައިރީގައި ކުޑަކުއްޖެއްގެ ދަބަހެއް ހުރުމުން ، ކޮންމެވެސް ކުއްޖެއް ގޮވައިގެން އައިސް އުޅެނީހެން ހީވެއެވެ. ގަހާއި ފުދޭވަރަކަށް ކައިރިއަށް ދެވުމާއިއެކު ކޮންމެވެސް ކުއްޖަކު ވަރަށް ބާރަށް ރޮއިގަތް އަޑު ރީހާންގެ ކަންފަތުގައި ޖެހުނެވެ. އަޑުއައި ދިމާލަށް ބަލާލިއިރު ކުޑަކުއްޖެއް އޭނާ އާއި ދާދި ގާތުގައި ވެއްޓިފައި އޮތެވެ. ދެތިން ފިޔަވަޅެއް އެޅުމަށްފަހު ރީހާން އެކުއްޖާ އާއި އަރާ ހަމަކޮށް އޭނާ ނަގާ އުރާލިއެވެ. އެއީ ތިން ވަރަކަށް އަހަރުގެ ކުޑަ ފިރެހެން ކުއްޖެކެވެ.

" އާލް! "

ރީހާން ސިހުނީ އުރައިގެން ހުރި ކުޑަކުއްޖާގެ ގައިގައި އަތްލަމުން އަންހެނަކު ވާހަކަ ދެއްކިއަޑަށެވެ. އަވަސް އަވަހަށް އެކުއްޖާ ، އޭނާގެ ގާތަށް ދާން އަތްދިއްކޮށްލިއެވެ.

" ކިހިނެއްވީ ވެއްޓުނީތަ؟ " އޭނާ ވާހަކަ ދެއްކީ ދިވެހި ބަހުންނެވެ. ރީހާންގެ ހިތުގެ ޝައްކުވެސް ސާފުވީތާއޭ އޭނާގެ ހިތަށް އެރިއެވެ.

" މަންމި ބުނީމެއްނު ނުދުވާށޭ! ވެއްޓިދާނެޔޭ! ނަސީބެއްނު ތަނެއް ހަލާކު ނުވާކަން.. ހިނގާ އަަވަހަށް ދާން! "

ވާހަކަ ދައްކަމުން ދައްކަމުން އެކުއްޖާ ގޮވައިގެން އޭނާ ހިނގައިގަތީ ރީހާންއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. އެންމެ ކުޑަމިނުން ޝުކުރުވެސް އަދާކޮށްނުލައެވެ. ރީހާން ކެމެރާ ނަގާ އެދެމައިންގެ ފޮޓޯއެއް ނެގުމަށް ސެޓްކޮށްލި ވަގުތު، ހިނިތުންވުމާއިއެކު އޭނާ އެނބުރި ބަލައިލިއެވެ. އެމަންޒަރު ވަރަށް ރީތިކޮށް ރީހާންގެ ކެމެރާއަށް އެރިއެވެ. ދެން ފެނުނީ އޭނާ ބާރުބާރަށް ހިނގާފައި އަންނަތަނެވެ.

" މެންގަޕާ އަންދާ މެންގަންބިލް ގަމްބަރ ކަމި؟ "

އޭނާ ވާހަކަ އެދެއްކީ މެލޭ ބަހުން ކަމަށްވާތީ ރީހާންގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭރު ކުރިމަތީގައި ހުރި އަންހެންކުއްޖާގެ މޫނުމަތީގައިވަނީ ނުތަނަވަސްކަމެވެ. ކުޑަކުއްޖާ އުރައިގެން، އޭނާ ހުރީ ވަރުބަލިވެފައިކަންވެސް ރީހާންއަށް ފާހަގަކުރެވުނެވެ.

" މެންގަޕާ އަންދާ މެންގަންބިލް ގަމްބަރ ކަމި؟ " އަނެއްކާވެސް އޭނާ ސުވާލު ތަކުރާރުކޮށްލިއެވެ. މިފަހަރު އޭނާގެ ރާގުގައި ނުރުހުންތެރިކަން އެކުލެވިފައިވެއެވެ.

" އަހަރެން ހަމަ އެހާ ވައްތަރީތަ މެލޭޝިއާ މީހަކާ؟ " ރީހާން ދިވެހިން ވާހަކަ ދެއްކުމުން އެ އަންހެންކުއްޖާގެ ތުންފަތްމައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިކުރުވިއެވެ. އެއާއިއެކު އޭނާއަށްވެސް ހެވިއްޖެއެވެ.

" އަހަންނަށް އެނގޭ ތީ ދިވެއްސެއްކަން.."

ރީހާން އެހެން ބުނުމުން ސުވާލުގެ ނަޒަރަކުން އޭނާ ބަލައިލިއެވެ.

" ދެންމެ މި ބޯއީ އާ ވާހަކަ ދެއްކީމެއްނު ދިވެހިބަހުން.. އެހެންވެ އިނގުނީ."

ރީހާން ކެމެރާއިން އެފޮޓޯ އޭނާއަށް ދައްކާލަމުން ބުނެލިއެވެ. އެފޮޓޯގަނޑު ފެނުމާއިއެކު ބޭއިޚްތިޔާރުގައި އޭނާއަށް ހިނިތުންވެވުނެވެ.

" ވަރަށް ރީތި ފޮޓޯއެއް! ހަމަ ޑިލީޓް ކޮށްލަންވީތަ؟ "

ދަރިފުޅާއިއެކު އެހާ ރީތި ފޮޓޯއެއް ފެނުމުން އެފޮޓޯ ޑިލީޓްކޮށްލާކަށް އޭނާ ބޭނުމެއްނުވިއެވެ. ކުރިމަތީގައި ހުރީ ދިވެއްސެއްކަމުން ހިތުގައި އުފެދިފައިވާ ބިރުވެރިކަންވެސް އޭނާގެ ހިތުން ފިލައިގެން ދިޔަކަހަލައެވެ.

" އުނ.. ނޫން.. ތި ފޮޓޯ ބޭނުން.. ފޮނުވިދާނެތަ؟ "

އުރުގައި އިން ދަރިފުޅު ތިރިއަށް ބާލަމުން އޭނާ ސުވާލުކޮށްލިއެވެ. ރީހާންއަށް ބަލައިލެވުނީ އެ ކުޑަކުޑަ ކުއްޖާ އާއި ދިމާލަށެވެ. އެހިނދު އޭނާގެ ހިތުގައި ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އުޅޭކަން އިޙްސާސްވަމުންދިޔައެވެ.

" ފޮނުވިދާނެ! އެކަމަކު.... ގެއަށްގޮސް ލެޕަށް އަޅައިގެން ވާނީ.. ދެން...ކިހިނެއް ފޮނުވާނީ؟"

މަޑުމަޑުން ރީހާން އެހެން އަހާލުމުން އޭނާއަށްވެސް ދޭނެ ޖަވާބެއް ނޭނގުނެވެ. ފޯނު ނަންބަރ ދޭން ބޭނުން ނުވެފައި ހުރި ކަހަލައެވެ. ޖަވާބު ނުދެވި އިރުކޮޅަކު ހުރުމަށްފަހު އޭނާ ބުންޏެވެ،

" މީ... އޫމްމް.. ފޭސްބުކް ގެންގުޅެންތަ؟"

ރީހާން އަވަސް އަވަހަށް ބޯ ޖަހާލިއެވެ. އޭނާ ފޯނުނަގާ އޭނާގެ އައިޑީ ދައްކާލުމާއިއެކު ރީހާންވެސް ޖީބުން ފޯނު ނެގުމަށްފަހު، ވަގުތުން ފްރެންޑް ރިކުއެސްޓް ފޮނުވިއެވެ.

" ފޮނުވައިދެއްޗޭ! " އެކުވެރިއަކު ބުނެލާފަދަ ގޮތަކަށް އޭނާ އެހެން ބުނުމުން ރީހާން ހިނިތުންވަމުން އަނެއްކާވެސް ބޯޖަހާލިއެވެ. އެއާއިއެކު ދަރިފުޅުގެ އަތުގައި ހިފައިގެން އޭނާ ހިނގައިގަތެވެ.

ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ހުރިހާ ކަމެއްވެސް ވެ، ނިމުނީއެވެ. އިރުއޮއްސި އަނދިރިވީ އިރުގައިވެސް ރީހާން ހުރީ ޕާކުތެރޭގައެވެ. އެހެނަސް ފޮޓޯ ނެގުމުގެ މަސައްކަތަކު ނޫނެވެ. މީގެ އިރުކޮޅެއްކުރިން ބައްދަލްވި، އަންހެންކުއްޖާގެ " ފައިހާ ކިއާން" ގެ ނަމުގައި އޮތްފޭސްބުކް އެކައުންޓް ބެލުމުގައެވެ. އެއަންހެން ކުއްޖާގެ ޖާދޫގައި ޖެހުނު ނަމަވެސް އެއީ ކައިވެންޏެއް ކޮށްގެން އުޅޭ ކުއްޖެއްކަން އެނގުމުން ރީހާން ހުރީ މާޔޫސްވެފައެވެ. އެހެނަސް އޭނާ ހާދަހާ ރީއްޗެވެ. ހީވަނީ އަށާރަ އަހަރުގެ ޅަ އަންހެން ކުއްޖެއް ހެންނެވެ. އެއީ އޭނާގެ ދަރިފުޅުކަމާއިމެދުވެސް ރީހާންއަށް ޝައްކެވެ. އެހެނަސް ފޭސްބުކްގައިވާ ކޮންމެ ފޮޓޯއެއްގައި "މަންމީގެ ދަރިފުޅު ކިއާން "ޖަހާފައި އޮތުމުން އެޝައްކުވެސް މިހާރު ޔަޤީނާއި ކައިރިވެއްޖެއެވެ. ޕްރޮފައިލް ހޭވުމުގައި އެތައް އިރެއް ހޭދަކުރެވުނު އިރު ރީހާންއަށް އިނގުނު އެއްކަމަކީ ފައިހާގެ ދިރިއުޅުން އެހާ އުފާވެރި ނޫންކަމެވެ. އެއްވެސް ފޮޓޯއެއްގައި ކިއާންގެ ބައްޕަގެ ފޮޓޯއެއް ނެތެވެ. ބައެއްފަހަރު އޭނާ ޝެއަރ ކޮށްފައި ހުރި ފޮޓޯތަކުގައި ހުންނަ ލިޔުންތަކުން ފައިހާއަކީ އުފަލުގައި އުޅޭ ކުއްޖެއްހެން ހިއެއްނުވެއެވެ. ކޮންމެ ގޮތެއްވިޔަސް ފައިހާ އާއިމެދު ރީހާން ވަރަށް ގަޔާވެއްޖެއެވެ. އޭނާ އާއި ވާހަކަ ދައްކާލާހިތްވެއްޖެއެވެ. އަދިވެސް އޭނާ ދެކިލާހިތްވެސް ވެއްޖެއެވެ.ހިޔާލީފޮލާ ކައްކަމުން ދަނިކޮށް ބަންގީގެ އަޑު ފޯނުން އިއްވަން ފަށައިފިއެވެ.އެހެންކަމުން ރީހާން އަވަހަށް ދަބަހަށް ކެމެރާ ލުމަށްފަހު، ޕާކުތެރެއިން ނިކުންނަން ހިނގައިގަަތެވެ.

" ދެން ބުނެބަލަ ކޮންތާކަށްތަ މިދަނީ؟ "

އާދޭހުގެ ރާގަކަށް މުނާ ޝާމިން އާއި ސުވާލުކުރިއެވެ. ލޯންޗު އޭގެ އެންމެ ބާރުމިނުގައި ކަނޑުގެ ލޮނުގަނޑު ކަފަމުން ދެއެވެ. މުނާ އިނީ ބާރުބާރަށް ޝާމިންގެ އަތުގައި ހިފަހައްޓާލައިގެންނެވެ. އޭރު އޭނާގެ ބޮލުގެ އިސްތަށިތައް އެގޮތްމިގޮތަށް ހޫރެމުންދެއެވެ. ބައެއް ފަހަރު އެކަމާ އުނދަގޫވެގެން އޭނާ ގާތަށް ރުޅިވެސް އާދެވެއެވެ.

" އަހަރެން ބުނީމެއްނު ބޯ އައްސާލައްޗޭ! "

ޝާމިން އެހެން ބުނުމުން މުނާ އިތުރަށް ރުޅިގަދަވިއެވެ.

" ދެން ނޭނގޭނެއެއްނު ގެނެސް ލޯންޗަކަށް ކަމެއް އަރުވާނީ.. ރީތިވެލާށޭ ވިއްޔަ ބުނީ. އަހަންނަށް ވަރަށް ހަޑި ބޯ އެއްސީމަ! ދެން މިވާހަކައެއް ނޫނޭ... ދާތަނެއް ބުނެބަލަ ޕްލީޒް..."

ޝާމިންގެ އަތުގައި މަޑުމަޑުން ވިކާލަމުން ބުނާ އަނެއްކާވެސް އެހިއެވެ. އެހެނަސް ޖަވާބު ދިނުމުގެ ބަދަލުގައި ޝާމިން ބަލައިލީ ދުރަށެވެ. ތުން އަނބުރާލުމަށްފަހު މުނާ ވެސް އަނެއްފަރާތަށް އެނބުރިއިނީ ހިތްހަމަނުޖެހިގެންނެވެ. އޭނާ އެހެންއިނދެ ކުދި ކިޔާ އަޑުވެސް ޝާމިންއަށް އިވެއެވެ.

" އަހަރެމެން މިދަނީ ދުރުން އެ ފެންނަ ރަށަށް..."

އެއްގަޑިއިރަށްވުރެ ގިނަ އިރު ދުއްވިފަހުން ފެނުނު ރަށެއް ދެއްކުމަށްފަހު ޝާމިން ބުނެލިއެވެ. އެއާއިއެކު ސުވާލުގެ ނަޒަރަކުން މުނާ ޝާމިންއަށް ބަލައިލިއެވެ.

" ރަށެކޭ؟ ދެން؟ ކީއްވެ ބޭގް ނުލާ މިއައީ އަަހަރެމެން.. ؟ "

މުނާ ސުވާލު ކުރުމުންވެސް އެއްމިޔަކަނުން ހީލަމުން ޝާމިން މުނާއަށް ބަލަމުން ދިޔައެވެ. މުނާގާތަށް އަނެއްކާޥެސް ރުޅި އަތުވެއްޖެއެވެ. ލޯންޗް ރަށާއި ކައިރިވާ ވަރަކަށް އެރަށުގެ މަލަމަތި ސާފުކޮށް ފެންނަންފެށިއެވެ. އެއީ ރިސޯޓެއްކަން އެނގުމާއިއެކު މުނާގެ އަނގަ ހުޅުވި ދެލޯބޮޑުވެއްޖެއެވެ. އަނގަމަތީގައި އަތްއެޅުމަށްފަހު މުނާ ޝާމިންގެ ކޮނޑުގައި ބޯޖައްސާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

" އާހް.. ޝާމިން.. އަދި އަލަށްވެސް އަހަރެން ރިސޯޓަކަށް ނުދަން! އަދި އަލަށް މިހާ ކައިރިންވެސް މި ފެނުނީ ރިސޯޓެއް! "

" އަދި އަލަށް މިއަދު މި ރިސޯޓަށް ފޭބޭނެ "

ޖެއްސުމުގެ ރާގަށް ޝާމިން އެހެން ބުނުމާއިއެކު މުނާއަށް ހީގަނެވުނެވެ. ގޮށްމުށުން އޭނާއަށް ޝާމިންގެ އަތުގެ މަސްގަނޑުގައި ބާރަށް ތަޅައިގަނެވުނެވެ.

" ކިހިނެއްވަނީ އަހަރެންގެ ސަޕްރައިޒް؟ ހަފްތާއެއްހާ ދުވަހު މިރިސޯޓުގައި މަޑުކޮށްލަން މިއައީ.. އޯކޭތަ؟ "

ޖެޓީ އާއި ލޯންޗް ކައިރި ކުރަމުން ދިޔަވަގުތު ޝާމިން މުނާގާތު އަހާލިއެވެ. އަނެއްކާވެސް މުނާގެ ދެލޯބޮޑުވެގެން ދިޔައީ އުފަލުންނެވެ.

" ހަފްތާއެކޭ؟ އެހާ ގިނަދުވަސްވަންދެން؟ ވަރަށް ރުފިޔާދާނެ އެއްނު؟ "

ސިއްރުސިއްރުން މުނާ ޝާމިންގެ ކަންފަތްދަށުގައި އެހެން ބުނުމާއެކު ޝާމިންގާތަށް އަނެއްކާވެސް ހިނިއައެވެ.

" މޮޔަގަނޑު"

މުނާގެ އަތުގައި ހިފައިގެން ހުރެ ޝާމިން ޖެޓީއަށް ފޭބިއެވެ. އޭރު އެމީހުންނަށް ޚާއްސަކޮށްފައި އޮތް ބަގީ އަތުވެއްޖެއެވެ.

ކޮޓަރިއަށް ވަދެވުނު އިރުވެސް މުނާ ހުރީ ވަރަށް އުފަލުންނެވެ. މުނާގެ ހިނިތުންވެފައިވާ މޫނަށް ބަލާލެވޭ ކޮންމެ ފަހަރަކު ޝާމިންއަށްވެސް ލިބެނީ ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެކެވެ.

" އަޅެ ހާދަ ރީއްޗޭ މި ރޫމް... ޕޫލެއްވެސް؟؟ ވާއޯ! " ދުވެފައި ގޮސްޕޫލް ކައިރީ އިށީނދެ ޕޫލަށް ދެފައި ބާލަމުން މުނާ ޝާމިންއަށް ގޮވާލިއެވެ. އޭރު ޝާމިން ހުރީ ކޮޓަރި ތެރޭގައެވެ. ދެފަހަރަކު މުނާ ޝާމިންއަށް ގޮވާލުމުން އޭނާ ނިކުމެގެން އައިސް މުނާ އާއި ދާދި ގާތުގައި އިށީނދެލިއެވެ.

" ތޭންކްސް ޝާމިން! އަހަރެން ވަރަށް އުފާވެއްޖެ އަސްލުވެސް.. ވަރަށް ވަރަށް ހެޕީ "

" ހިނގާބަލަ އަހަންނާއެކު.."

ޝާމިން މަޑުމަޑުން އެހެން ބުނެ ތެދުވިއެވެ. އެއާއިއެކު މުނާވެސް ޝާމިންގެ އަތުގައި ހިފައިގެން ތެދުވުމަށްފަހު ހިނގައިގަތީ ކޮޓަރި އާއި ދިމާލަށެވެ. ކޮޓަރިއަށް ވަދެވުމާއިއެކު ޝާމިން، މުނާގެ ދެލޮލުގައި އަތްއެޅިއެވެ.

" އަނެއްކާވެސް ސަޕްރައިޒެއް ދޭންވެގެންތަ؟ "

ދެކޮނޑު އަރުވާލަމުން މުނާ އެހެން ބުނުމަށްފަހު ޝާމިން ގެންދާ މިސްރާބަކަށް ދިޔުމަށް ހިނގައިގަތެެވެ. ޝާމިން އޭނާގެ ދެއަތް މުނާގެ ލޮލުން ނެގީ އަލަމާރި ކުރިމަތީގައި ހުއްޓުމަށްފަހުއެވެ.ލޯ ހުޅުވާލެވުމާއެކު، މުނާގެ އަނގަ ތަންމިނަށް ހުޅުވި ދެލޯވެސް ބޮޑުވެގެން ދިޔައެވެ. ކޮނޑުތަކުގައި އަޅުވާލެވިފައިހުރީ ދުވަހަކުވެސް އޭނާ ނުދެކޭ ފަދަ ރީތި ހެދުންތަކެކެވެ. ކޮންމެ ހެދުމަކާ ދިމާ ތިރީގައި އެ ހެދުމަކާ ގުޅޭ ބޫޓު ތަކާއި ފައިވާންތައް ހުއްޓެވެ. ހުދު ކުލައިން ފެށިގެން މަޑު ފިޔާތޮއްޓާއި ޖެހެންދެން ކުލަފޮށީގެ ހުރިހާ ކުލައެއްގެ ހެދުން ހުއްޓެވެ.

" އަޅޭ! ހާދަ ރަނގަޅޭ! ހާދަ ރަނގަޅޭ! އެކަމަކު... އަޅެ އަހަންނަށް ކިޔާދީބަލަ ޝާމިން މިކަންތައްތައް ކުރި ގޮތެއް! "

އުފާވި ވަރުން މުނާ ލަދުވެސްގަތެވެ. އޭނާ ގޮސް ޝާމިންގެ މޭގައި ލައްވެލުމުން ޝާމިން ލޯތްބާއިއެކު މުނާގެ ގައިގައި ބައްދާލިއެވެ.

" ތީ ވަރަށް ކުރީއްސުރެ ރޭވިގެން ކޮށްފައިހުރި ކަންތައްތައް... މުނާއަށް ހެދުން ގެނެސް އެހުރީ ބޭރުން... ދެން ރިސޯޓް ޓްރިޕް ހަމަޖެއްސި އިރު މިތާ މީހުންނާ ވާހަކަ ދައްކައިގެން މިކަންތައްތައް އިންތިޒާމްކުރީ.. "

ޝާމިންގެ ވާހަކަތައް އަޑުއަހަން މުނާ ހުރީ ގަޔާވެގެންނެވެ.

" ދެން ނެއްތަ އިތުރު ސަޕްރައިޒެއް! ހަމަ އަސްލުވެސް މިބުނީ އަހަރެން ވަރަށް ބޮޑަށް އުފާވެއްޖެ! މިހާ ބޮޑު އުފާވެރިކަމެއް ނުވެސް ލިބޭނެކަންނޭނގެ ދުވަހަކުވެސް..."

އުފަލުންގޮސް ކިޔޭ ނުކިޔޭ އެއްޗެއް އޭނާއަކަށްވެސް ނޭނގެއެވެ.

" ހޫމް... ދެން ތަސްބީހައެއްހެން ތިކިޔަނީ އުފާވޭ އުފާވޭ! ކީއްތަވާނީ ބަދަލުގަ އަހަރެން އުފާކޮށްލަ ދިނިއްޔާ؟ "

މުނާގެ މޫނާއި، ގާތްވެލަމުން ޝާމިން އެހެން ބުނުމުން މުނާ އިތުރަށް ލަދުގަތެެވެ. އަދި އަވަސް އަވަހަށް ދުރަށް ޖެހެން މަސައްކަތްކުރިއެވެ. ނަމަވެސް ޝާމިންގެ ދެއަތުން އޭނާގެ ގައިގައި ހިފަހައްޓާފައިވާލެއް ބަރުކަމުން މުނާއަށްޖެހުނީ މައިތިރިވާށެވެ.

ދަންވަރުގެ ވަގުތެވެ. ޕާކުގައި ނެގި ފޮޓޯތައް ލެޕްޓޮޕަށް އެޅުމަށްފަހު ރީހާން ޖައްސާލިއިރުގައިވެސް ސިކުނޑި އުނދަގޫ ކުރަމުންދެއެވެ. އެ ފޮޓޯތައް، ފައިހާއަށް ފޮނުވަން ކިތަންމެ ފަހަރަކު އޭނާގެ ހިތް އެދެމުންދިޔައެވެ. އެހެނަސް އެކަމުގެ ސަބަބުން އިތުުރު ތަކުލީފްތަކަކާއި ކުރިމަތިލާން ޖެހިދާނެތީ އޭނާ ނިންމީ އެކަން ނުކުރުމަށެވެ. ނިތްމަތީގައި އަތްބާއްވާލައިގެން ރީހާން އޮތީ ފައިހާގެ ފޭސްބުކް ޕޯސްޓްތަކާއިމެދު ވިސްނާށެވެ.އޭނާ ލިޔެފައިވާ ބައެއް ކޯޓްސްތަކުން އޭނާއަށް އެހީތެރިޔަކު ބޭނުންވާހެންވެސް ހީވެއެވެ. ކުއްލިއަކަށް މޭމަތީގައި ބާއްވާލާފައި އޮތް ފޯންގެ ސްކްރީން ދިއްލުމާއެކު ރީހާން ފޯން ނަގާ ބަލައިލިއެވެ. އެއާއިއެކު އޭނާއަށް ތެދުވެ، އެނދުމަތީގައި އިށީނދެލެވުނެވެ.

މެސެންޖަރ ހުޅުވާލުމަށްފަހު އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. ފޯނަށް ލިބުނީ ފައިހާގެ މެސެޖެކެވެ.

"ހައި ލިއޮނެލް ރެހާން!"

ހެޕީފޭސް އިމޮޖީއަކާއިއެކު އޮތް މެސެޖް ރީހާން ކިޔާލީ ގަޔާވެގެންނެވެ.

" މެސީގެ ފޭނެއްތަ؟" އެއްޗެއް ނުބުނެ އޮއްވާ އަނެއްކާވެސް ފައިހާގެ މެސެޖެއް ލިބުނެވެ. މެސެޖް ބަލާފައި ރިޕްލައި ނުކުރުމުން ވާހަކަ ދައްކަން ބޭނުން ނުވަނީއޭ ފައިހާއަށް ހީވެދާނެތީ ރީހާން ބޭނުންވީ ރިޕްލައި ކުރާށެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (6)

ސިލްސިލާ ވާހަކަ: ޙައްޤުގައި (6)

(ނިމުނީ)