މިދުވަސްވަރު ބަނބުކޭލުގެ ވާހަކަ އަޑު އިވޭލެއް ވަރަށް ގަދަ އެވެ. ދިމާވި ކޯވިޑްގެ ހާލަތުގައި ބަނބުކޭލުގެ ވާހަކަ ދައްކާލެއް ގިނަވެފައިވިޔަސް ބަނބުކޭލަކީ ރާއްޖޭގެ ގިނަ ރަށްތަކަކުންލިބޭ، ގިނަ ބަޔަކު ގަޔާވާ ގިނަ ކާނާ ވައްތަރުތަކެއް ތައްޔާރުކުރަން ބޭނުންކުރާ ބާވަތެކެވެ.

ދިވެހިންގެ ދިވެހިވަންތަ ކެއުމުގެ ތެރޭގައި ހިމެނޭ ބަނބުކޭލުން ތައްޔާރުކުރާ ބައެއް ވައްތަރުތަކުގެ ކާއެއްޗެހީގެ ތެރޭގައި ތެލުލި ބަނބުކެޔޮ، ބަނބުކެޔޮ ރިހަ، ބަނބުކެޔޮ ބޮނޑިބަތް، ބަނބުކެޔޮ ބަތް، ބަނބުކެޔޮ ބަތްޕެން، ބަނބުކެޔޮ ހިތި އަދި ބަނބުކޭލު ކަނޑު ކުކުޅު ހިމެނެއެވެ.

Ad
rt

މާދަމާގެ މެންދުރަށް އިންސާފުކޮށްލުމަށް ތައްޔާރުކޮށްލުމަށް، އުތުރުގެ ހދ. ފިނޭއަށް ނިސްބަތްވާ ކަނބަލެއް ކަމަށްވާ ވަރުދާ އަހުމަދު، ބަނބުކޭލުން ތައްޔާރު ކުރާ ވަރަށް މީރު ކެއުމުގެ ބާވަތެއް ކަމަށްވާ "ބަނބުކޭލު ކަނޑު ކުކުޅު" ތައްޔާރު ކުރާގޮތް ތިޔަ ބޭފުޅުންނަށް ގެނެސް ދެވޭތޯ ބަލާނަމެވެ.

މިލިޔުމުގައި ވަރުދާގެ ބަދިގެއިން "ބަނބުކޭލު ކަނޑު ކުކުޅު" ތައްޔާރުކުރާ ގޮތުގެ ފޮޓޯއާއި ވީޑިއޯވެސް ހިމަނާފައި ވާނެއެވެ. މިލިޔުމުގައި "ބަނބުކޭލު ކަނޑު ކުކުޅު" ތައްޔާރުކުރަން ބޭނުންވާ ތަކެއްޗާއި، ތައްޔާރުކުރާނެ ގޮތް ހިމަނާފައި އެވަނީ ވަރުދާ ކިޔައިދީފައިވާ ގޮތަށެވެ.

ބޭނުންވާ ތަކެތި

  • ރަނގަޅަށް ހަރުވެފައިވާ ބަނބުކޭލެއް
  • 3 ގަނޑު ވަޅޯމަސް
  • ދިވެހި ހަވާދުގެ 8 ސަމުސާ (މޭޒުމަތީ ސަމުސާ)
  • 2 ފިޔާ (ބޮޑު)
  • 1 ގިތެޔޮމިރުސް (ބޮޑު)
  • 3 ލޮނުމެދު
  • 1 ސައިސަމުސާ މުގުރި އިނގުރު
  • 1 ސައިސަމުސާ މުގުރި ލޮނުމެދު
  • 1 ކާށީގެ ކިރު
  • 3 ބުރި ރާނބާ ފަތް
  • ލޮނު، ތެޔޮ، އިލޮށި

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ބަނބުކޭލުގެ ދެ ކޮޅުން 2 އިންޗި ހުންނަވަރުގެ ތަންކޮޅެއް ބުރިކޮށްލާށެވެ. ދެން 2 އިންޗި ހުންނަވަރަށް ވަށްކޮށް ބުރިބުރިކޮށްލުމަށް ފަހު ތޮށި މަށާލާށެވެ. ދެން ފަހަރަކު ބަނބުކެޔޮ ބުރިއެއްގައި ފަތް ދަމާށެވެ. ފަތް ދަމާނެ ގޮތަކީ ބަނބުކެޔޮ ކޮޅުގެ ކައިރިފަށުގައި ވަޅި ޖައްސާލުމަށްފަހު ވީހާވެސް ތުނިކޮށް މަޑުމަޑުން ކަފަމުން ގެންދާނީއެވެ. މިހެން ކަރުގަނޑާއި ޖެހެންދެން ކަފާލާށެވެ.

ދެން ހަވާދުކޮޅު ހިމުން ކޮށްލުމަށްފަހު ފިޔާ، ހިކަނދިފަތް، ވަޅޯމަސް، މިރުސް އަދި ލޮނުމެދު ކޮށާށެވެ. ދެން ކުޑަ ހިކަނދި ފަތްކޮޅަކާއި، ރާނބާފަތްކޮޅާއި، 1/2 ފިޔާ އަދި ކުޑަ ގިތެޔޮ މިރުސް ކޮޅަކާއި، ކޮށިތަނުން ވަޅޯމަސް ކޮޅެއް ރިހަކަށްކަން ވަކިން ބެހެއްޓުމަށްފަހު، ބާކީ ހުރި ފިޔާ، މިރުސް، ހިނކަނދިފަތް، ލޮނުމެދު، އިނގުރު (މުގުރާފައި) އަދި ކޮށި ލޮނުމެދު ކޮޅު ބޭނުންކުރާނީ ރިހަކަށްކާށެވެ.

ދެން ވަކި ތައްޓެއްގައި ހަވާދު، ފިޔާ ރަނގަޅަށް މޮޑެލާށެވެ. ދެން މުގުރި ހަވާދު ކޮޅުން 4 ސަމުސާ ހަވާދު އަޅާފައި މަސްގަނޑާއި އެއްކޮށް މުގުރާލާށެވެ. ދެން ފަތްދެމި ބަނބުކެޔޮ ކޮޅުން ފަތެއް ނެގުމަށްފަހު ފަހަރަކު ފަތަކަށް މަސް އަޅަމުން އޮޅަމުން ދާށެވެ. ފުޅާމިނުގައި 2 އިންޗި ބައި ހުންނަ ވަރަށް އޮޅުމުން ބާކީބައި އިލޮށި ޖަހައި ހަރުކޮށްލާށެވެ. މިގޮތަށް އޮޅާއިރު ވީހާވެސް ބާރަކަށް އޮޅާށެވެ. ނޫންނަމަ ރިހަ ކަށްކާއިރު ރޫޅި ދާނެއެވެ.

ހުރިހާ ބަނބުކެޔޮތަކެއް އޮޅާ ނިމުމުން ތެއްޔަކަށް ބާކީ ހުރި މަހާއި، ހަވާދު އަދި ކިރުކޮޅު ފިޔަވައި ދެން ހުރި އެއްޗެހި އަޅައި ރަތްވަންދެން ރަނގަޅަށް މީރުކޮށްލާށެވެ. ފިޔާކޮޅު ރަތްވުމުން ބާކީ ހުރި ހަވާދުކޮޅާއި، ކިރާއި، ވަޅޯމަސްކޮޅު އަޅައި ލޮނު ރަހަ ހެޔޮވަރު ކޮށްލާށެވެ.

ދެން އޮޅާފައި ހުރި ބަނބުކެޔޮތައް ތެލީގައި އަތުރާލާށެވެ. ތެލީގައި ހުރި ރިހަކޮޅު ބަނބުކެޔޮތަކުގެ މައްޗަށް އަރާވަރަށް ހުންނަން ވާނެއެވެ. ދެން ތެލީގައި މަތިޖަހައި، މަޑުވަންދެން މަޑު ގިނީގައި ކައްކާލާށެވެ.

ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ ކެއުމަށް ތައްޔާރުކުރާ "ބަނބުކޭލު ކަނޑު ކުކުޅު" ވަރުދާ ކިޔައިދިންހެން އަޖުމަބަލާލާށެވެ.