ހއ. ދިއްދޫ ފުޓްބޯޅައިގެ ހަބަކަށް ހެދުމުގެ ގޮތުން، ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްބޯޅަ ދަނޑަކާއި ޓީމުތައް ތިބޭނެ އެކޮމޮޑޭޝަން ބްލޮކެއް ތަރައްގީކުރުމުގެ ޔަގީންކަން ކުޅިވަރާ ބެހޭ އިސް ވެރިން އެ ރަށުގެ ރައްޔިތުންނަށް ދެއްވީ ދިވެހި ޕްރިމިއަ ލީގުގައި ދިއްދޫ ސްޕޯޓްސް އާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗު ޝަރަފުވެރިކޮށްދެއްވުމަށް މިދިޔަ ހޮނިހިރު ދުވަހު ދިއްދޫއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ކުޅިވަރާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެފްއޭއެމްގެ ރައީސް އަދި މަހިބަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) މި ޔަގީންކަން ދެއްވީ ދިއްދޫ އާއި ނިއު ރޭޑިއަންޓް ވާދަކުރި މެޗު ޝަރަފުވެރިކޮށްދެއްވުމަށް މިދިޔަ ހޮނިހިރު ދުވަހު ދިއްދޫއަށް ވަޑައިގެންނެވި ވަފުދަށް އެ ރަށު ބަނދަރުމަތިން ކީ ހޫނު މަރުހަބާގެ ހަފުލާގަ އެވެ.

Ad
d

ދެ ބޭފުޅުންގެ ވާހަކާގައި ވެސް ދިއްދޫ ފުޓްބޯޅައިގެ ހަބަކަށް ހެދުމަށް ފޫގަޅައިގެން ހުންނެވި، ދިއްދޫ ފުޓްބޯޅައިގެ ތަރައްގީގެ އެންމެ އިސް އެއް ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު (ލަތީބެ)ގެ ވާހަކަ ފަށްފަށްކުރެއްވީ ސަބަބެއް ނެތިއެއް ނޫނެވެ. ދިއްދޫ އަށް އެ މަގާމު ހޯދައިދިނުމަށް ލަތީފް ކުރަށްވާ މަސައްކަތާއި، ލަތީފްގެ ކޯލްތަކާއި ހެދި ''ލޮލުފިޔަ ނުޖެހޭ''ކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވިއެވެ. އެއިން އެގެނީ ލަތީފްގެ ހިތުގައި ދިއްދޫ އަށް އޮތް ލޯތްބެވެ. ދިއްދޫ އަށް އެ ޝަރަފް ހޯދައިދިނުމަށް ކެތްމަދުވެހުންނަވާ ކުރަށްވާ މަސައްކަތްޕުޅެވެ. ސިޔާސީ ތަރާދުން އެއްކިބާވެ، ލޯމަތީން ފެންނަން ހުރިކަންކަމަށް ބަލާއިރު، ދިއްދޫ ފުޓްބޯޅައިގެ އެންމެ އުހަށް ގެންދިޔުމަށް ވަލުގެ މުގުލުގައި ހިއްޕަވައިގެން ލަތީފް ކުރެއްވި މަސައްކަތް ފެންނަން އެބަހުއްޓެވެ. ލަތީފްގެ ހުރިހާވެސް ހިތްވަރަކީ ދިއްދޫގެ އެކުވެރި ރައްޔިތުންނެވެ.

ދިއްދޫއަކީ ޒަމާނުއްސުރެ ހެޔޮ މެހްމާންދާރީގެ ނަމޫނާ ރަށެކެވެ. އަމާންކަމާއި ހިތްމަހަޖެހުން ގެނުވާ މާހައުލެކެވެ. ހިނިތުންވެފައިވާ މޫނުތަކެއްގެ ވެރި ބަޔެކެވެ. މިހާރު ކުރިއަށްދާ މެޗުތަކުން ވެސް އެެކަން ފެނެއެވެ. ކުޅިވަރުގެ ވާދަވެރިކަމުގެ ހޫނުގައި ބަހެއް އެއްލައިނުލާނެއެކޭނޫނެވެ. ދިއްދޫން ކިޔަމުން އަންނަނީ ނަމޫނާ މަރުޙަބާއެކެވެ. ރަށް ފައްކާކޮށްފައި އޮތީ އެހާމެ ފުރިހަމައަށެވެ. މިކަމުގެ ފަހަތުގައި ވެސް ލަތީފްގެ މަސައްކަތް ކުޑައެއްނޫނެވެ.

ދިއްދޫ - ނިއު މެޗު ކުޅެވެމުން ދިޔައިރު ފުޓްބޯޅައިގެ ޝަރަފްވެރި ބޭފުޅުންކޮޅަކާއި ލެޖެންޑުން ހިމެނޭހެން ދާއިރާގެ ބޭފުޅުންނާއެކު ލަތީފް މެޗު ބައްލަވަނީ، ފޮޓޯ: ދިއްދޫ ސްޕޯޓްސް

ދެން ޖެހިލާނީ މި ވާހަކަ ފެށުނު ހަފްލާއާއި ހަމައަށެވެ. ދިއްދޫގައި ބައިނަލްއަގުވާމީ މެޗުތައް ކުޅެވޭ ފެންވަރަށް ގުދުރަތީ ވިނަ އޮންނަ ޕިޗެއް ހެދުމަށް ސަރުކާރާއި އެފްއޭއެމުން ދަނީ ރާވަމުންދާކަމަށް އެ ހަފްލާގައި މިނިސްޓަރު ރާފިއުއާއި، އެފްއޭއެމް ރައީސް ތޯރިގް ވާހަކަތަކުން ވެސް އެނގުނެވެ. އެ ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފީފާ ސްޓޭންޑާޑްގެ ފުޓްބޯޅަ ދަނޑެއްގެ ބިންގާ އަޅައި، އޭގެ އަމަލީ މަސައްކަތް މިހާރު ދިއްދޫގައި ކުރިއަށްދާ ކަމަށެވެ. އެމްޓީސީސީން މިހާރު ވެސް އެ މަސައްކަތް ފަށާފައިވާއިރު، ރާފިއު ވަނީ މި މުބާރާތުގެ އިންތިޒާމުތަކާއި ލޮޖިސްޓިކްސް ހަމަޖެއްސެވުމުގައި މެމްބަރު ލަތީފް ކުރެއްވި ބުރަ މަސައްކަތާއި ކުޅިވަރަށް ހުރި ޝައުގުވެރިކަން ފާހަގަކުރައްވައި ތައުރީފު ކުރައްވާފަ އެވެ.

އެފްއޭއެމުން އަލަށް އުފައްދާ ރީޖަނަލް އެސޯސިއޭޝަންތަކުގެ ތެރެއިން ނޯތު ރީޖަން ފުޓްބޯލް އެސޯސިއޭޝަންގެ އިދާރާ ހުންނާނީ ވެސް ދިއްދޫގަ އެވެ. ތޯރިގު ވިދާޅުވީ އެ އޮފީސް ހަދާނެ ބިމަކާއި، މިނީ ޕިޗަކާއި، އެކޮމޮޑޭޝަން ބްލޮކެއް އެޅުމަށް ބިން ލިބުނުހާ އަވަހަކަށް އެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި ފީފާގެ ރައީސާ އެކު ބޭއްވި ބައްދަލުވުމެއްގައި މިފަދަ ރީޖަނަލް އެސޯސިއޭޝަންތަކަށް ފީފާގެ އިތުރު އެހީ ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ވެސް އޭނާ ހާމަކުރެއްވި އެވެ.

ދިއްދޫ ސްޕޯޓްސް ދިވެހި ޕްރިމިއަ ލީގަށް ކޮލިފައިވުމަކީ އެ ރަށުން ހޯދި ބޮޑު ކާމިޔާބީއަކަށްވާއިރު، ދިއްދޫގައި ކުޅުނު މެޗު ނިއު ރޭޑިއަންޓާ ވާދަކޮށް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެމްބަރު ލަތީފް ވިދާޅުވީ، ދިއްދޫ ފުޓްބޯޅައިގެ ހަބަކަށް ބަދަލުވުމަކީ ކުއްލިއަކަށް ވީ ކަމެއް ނޫން ކަމަށާއި، އެއީ ދިގު ޒަމާންތަކެއް ވަންދެން ރަށުގައި ހިންގި ފުޓްބޯޅަ ހަރަކާތްތަކުގެ ނަތީޖާ ކަމަށެވެ. އަދި ވަސީލަތްތައް ގާއިމުވުމުން ރަށުން އިތުރު ތަރިން އުފެދިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Ad
df

މީގެއިތުރުން ލަތީފް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ފީފާ ފެންވަރުގެ ދަނޑެއް ދިއްދޫގައި އެޅުމަކީ މުޅި ރަށުގެ ރައްޔިތުންގެ ބޮޑު ހުވަފެނެއް ކަމަށެވެ. އެ ދަނޑާ އެކު ގައުމީ ޓީމުގެ މެޗުތައް ވެސް ދިއްދޫގައި ކުޅުމަކީ ސަރަހައްދުގެ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި، އެކަން ހަގީގަތަކަށް ވެގެން ދިއުމަކީ ރަށަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް ކަމުގައި ލަތީފް ފާހަގަކުރެއްވި އެވެ. ތޯރިގު ވެސް ވިދާޅުވީ މުސްތަގުބަލުގައި ދިއްދޫ ފުޓްބޯޅައިގެ ހަބަކަށް ވެގެންދާއިރު، ޕްރިމިއަ ލީގުގެ ތެރޭގައި އެ ޓީމު ހިފަހައްޓާލުމަކީ މުހިންމު ކަމެއް ކަމަށެވެ.