އިސްރާއީލުގެ ލާއިންސާނީ އަސްކަރީ ހަމަލާތަކާ ގުޅިގެން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުންނަށް، އދ. ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ދެމުން އައި ކާބޯތަކެތީގެ އެހީގެ ދެބައިކުޅަ އެއްބައި ކަނޑާލުމާ ގުޅިގެން އެ މީހުން އިންތިހާއަށް ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިއްޖެއެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން ފޯރުކޮށްދޭ ފައިސާގެ އެހީ މަދުވުމުގެ ސަބަބުން މިދިޔަ ސެޕްޓެމްބަރު މަހު ޑަބްލިއުއެފްޕީން އެހީ ލިބޭ މީހުންގެ އަދަދު 50 އިންސައްތައަށް ދަށްކުރިއިރު، ހުޅަނގު އައްސޭރީގެ ގާތްގަނޑަކަށް 900،000 މީހުން ކާބޯތަކެތީގެ ރައްކާތެރިކަމެއް ނެތް ހާލަތެއްގައި ތިބި ކަމަށް އެ އިދާރާއިން ބުނެއެވެ.

ހުޅަނގު އައްސޭރީގެ ތުލްކަރަމް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ސިފައިން ދިން ހަމަލާތަކާ ގުޅިގެން 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވި އުމުރުން 75 އަހަރުގެ ހުވަފަތް އަންހެނެއް ކަމަށްވާ ފައުޒާ އަވާދު ބުނީ، އޭނާގެ ކުރީގެ ގެ އިސްރާއީލު ސިފައިން މުޅިން ތަޅާލައި، އަސްކަރީ އުޅަނދުތައް ދުއްވާ ބޮޑު މަގަކަށް ހަދާފައިވާ ކަމަށެވެ. ފައުޒާ މިހާރު ދިރިއުޅެމުން ދަނީ އޭނާގެ ދަރިއެއްގެ ނުނިމި ހުރި ކުޑަ ގޭގައެވެ. އޭނާގެ އެއް ފިރިހެން ދަރިފުޅު 2024 އިން ފެށިގެން އިސްރާއީލުގެ ހައްޔަރުގައި ހުރިއިރު، ކުރިން އިސްރާއީލުގައި މަސައްކަތްކުރި އަނެއް ދަރިން މިހާރު ތިބީ ވަޒީފާ ގެއްލިފައެވެ. ފައުޒާ ބުނި ގޮތުގައި ކުރިން ލިބުނު ކުޑަ އެހީ މިހާރު މުޅިން ކެނޑިފައިވާތީ، ނޭވާހިއްލުމާއި ލޭމައްޗަށްދާ ބައްޔަށް މަހަކު ބޭނުންވާ 200 ޝެކެލް (64 ޑޮލަރު) ހޯދޭނެ އެއްވެސް މަގެއް ނެތެވެ.

Ad
d

ތުލްކަރަމްގެ ތަންނާބާ ސަރަހައްދުގައި ހުންނަ އަލް މުވައްހަދު ސްކޫލުގައި ހިޔާވަހިކަން ހޯދަމުންދާ 1،000 އަށް ވުރެ ގިނަ މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 47 އަހަރުގެ ރަބާބް ގާސިމާއި އޭނާގެ 72 އަހަރުގެ ފިރިމީހާ ތާލިބް އަބޫ ސައްރިއްޔާ އަދި އެ ދެމަފިރިންގެ ތިން ދަރިން ދިރިއުޅެމުން ދަނީ 30 އަކަމީޓަރުގެ ކުޑަ ކޮޓަރިއެއްގައެވެ. އެ އާއިލާއަށް ޑަބްލިއުއެފްޕީގެ އެހީ ނުލިބޭތާ މިހާރު ތިން މަސް ވެފައިވާއިރު، ބުރަކަށީގެ ޑިސްކް ގުޑުމުގެ ސަބަބުން ފަރުވާއަށް މަހަކު ބޭނުންވާ 300 ޝެކެލް (96 ޑޮލަރު) ނުލިބި ރަބާބް އޮންނަން ޖެހެނީ ބިންމަތީގައި އަޅާފައިވާ ބާ ގޮދަޑިއެއްގައެވެ. އޭނާ ބުނީ އޭނާގެ ހަމައެކަނި އުއްމީދަކީ އެނދެއް ގަނެވޭނެ ފަދަ ތަނަވަސްކަމެއް ލިބުން ކަމަށެވެ.

ތާލިބް އަލްޖަޒީރާއަށް ކިޔައިދިން ގޮތުގައި އެ އާއިލާއަށް ގިނަ ފަހަރަށް ކާނެ ޕާންކޮޅެއް ނުވަތަ އެންމެ އިރުގެ ކެއުމެއް ވެސް ނުލިބި، ނިދަން ޖެހެނީ ބަނޑުހައިހޫނުކަން މަތީގައެވެ. ކުރިން ތުލްކަރަމް ރެފިއުޖީ ކޭމްޕުގައި ކުޑަ ތަރުކާރީ މޭޒެއް ބަހައްޓައިގެން އާމްދަނީ ހޯދަމުން ދިޔަ ނަމަވެސް، މިއަދު އެ އާއިލާ އޮތީ އެއްވެސް އާމްދަނީއެއް ލިބޭނެ މަގެއް ނެތި، ހާލުގައި ޖެހިފައެވެ.

ޑަބްލިއުއެފްޕީގެ އެންމެ ފަހުގެ ކާބޯތަކެތީގެ ރައްކާތެރިކަމާ ބެހޭ ދިރާސާއިން ދައްކާ ގޮތުގައި، ހުޅަނގު އައްސޭރީގެ 76 އިންސައްތަ ގޭބިސީތަކުގެ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އަދި އާބާދީގެ 12 އިންސައްތަ މީހުންނަށް ރަނގަޅު ކާބޯތަކެތި ނުލިބޭއިރު، ތިންބައިކުޅަ އެއްބައި އާއިލާތަކަށް ސިއްހަތަށް ފައިދާހުރި ކާނާ ގަތުމުގެ ކުޅަދާނަކަން ވަނީ ގެއްލިފައެވެ. އިގްތިސާދީ މި ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ރަށްފުށުގެ ސަރަހައްދުތަކަށާއި ދެކުނު ހުޅަނގު އައްސޭރީގެ ޕްރޮވިންސްތަކަށެވެ.

ހެބްރޮންގެ ދެކުނުގައި އޮންނަ މަސާފިރު ޔައްތާގެ ޚިރްބަތުއް ރަކީޒްގައި ދިރިއުޅޭ 61 އަހަރުގެ ސައީދު އަލް އަމޫރު ބުނި ގޮތުގައި، އޭނާގެ 14 މެންބަރުންގެ އާއިލާއަށް ވޭތުވެދިޔަ ހަތް މަސް ދުވަހު ޑަބްލިއުއެފްޕީން އެއްވެސް އެހީއެއް ލިބިފައެއް ނުވެއެވެ. އިސްރާއީލުގެ ވަޒަންވެރިން ދިން ހަމަލާތަކާ ދެކޮޅަށް 2025 ވަނަ އަހަރުގެ އެޕްރީލް މަހު ނުކުތުމުން ވަޒަންވެރިއަކު ބަޑިޖަހައި އޭނާގެ އެއްފައި ބުރިކޮށްލަން ޖެހުނު ކަމަށާއި، މަހަކު ބޭސްފަރުވާއަށް 1،200 ޝެކެލް (385 ޑޮލަރު) ހަރަދުވާ ކަމަށް އޭނާ ބުންޏެވެ. އޭނާގެ ބިންތައް ފޭރިގަންނަން ވަޒަންވެރިން މަސައްކަތް ކުރަމުންދާ ވަގުތު، ލިބެމުންދިޔަ އެހީ ކަނޑާލުމަކީ ދިރިއުޅުން އިތުރަށް ބިކަވެގެންދިޔަ ކަމެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ޑަބްލިއުއެފްޕީން އޭގެ ބައިވެރިންނާ ގުޅިގެން ފައިސާގެ އެހީ އާއި ކާބޯތަކެތީގެ ވައުޗަރާއި ސީދާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ތެރެއިން ހުޅަނގު އައްސޭރީގެ 200،000 މީހުންނަށް އަދިވެސް އެހީތެރިކަން ދެމުން އައި ނަމަވެސް، އެހީ ބޭނުންވެފައިވާ އެންމެންނަށް އެހީ ފޯރުކޮށްދޭނެ ވަސީލަތްތައް އެ އިދާރާގައި ނެތް ކަމަށް ޑަބްލިއުއެފްޕީން ވަނީ ބުނެފައެވެ.

Ad
df