އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކުގައި ހަނގުރާމައިގެ ޖަރީމާތަކާއި، ލާއިންސާނީ އަނިޔާދިނުމާއި، ރޭޕްކުރުމާއި އަދި ޖިންސީ ގޯނާ ފަދަ އިންސާނިއްޔަތާ ޚިލާފު ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމަށް އދ. ގެ މިނިވަން ބައިނަލްއަގުވާމީ ތަހުގީގީ ކޮމިޝަންގެ ރިޕޯޓްގައި ބުނެފައިވާއިރު، އދ.ގެ ފަހުގެ މި ރިޕޯޓަކީ އިސްރާއީލްގެ ލާއިންސާނީކަމާއި ޖައްބާރުކަމުގެ ފަރުދާ ކަހައިލިދިން އައު ރިޕޯޓެކެވެ.

ފަލަސްތީނުގައި ޒަމާނުއްސުރެ އިސްރާއީލުން ހިންގާ ލާއިންސާނީ ޢަމަލުތަކަކީ ދުނިޔެއަށް ސިއްރެއް ނުމެނޫންމެއެވެ. ހިތާމައަކީ މި އަނިޔާއާއި ވޭން ''ދުނިޔޭގެ ލޮލަށް'' ނުފެނުމެވެ. ދުނިޔޭގެ ބާރުހުރި ގައުމުތަކަށް އިންސާނީ ހައްގަކީ ވެސް އެބައިމީހުން ބޭނުންހާ ގޮތަކަށް މޮޑެން އޮންނަ ފުއްގަނޑެކެވެ. އެެއަށްވުރެ ބޮޑު ހިތާމައަކީ ބާރުހުރި މުއްސަނދި ޢަރަބި އިސްލާމީ ޤައުމުތަކުން ވެސް ފަލަސްތީނު މައްސަލައަކީ ''ބަޔާނަކުން'' ފުއްދާލާ މައްސަލައަކަށް ހަދައިފައިވުމެވެ.

Ad
d

މި ޙަޤީޤަތްތައް މިހެންހުރިއިރު، އދ. އިން އާންމުކުރި ފަހުގެ ރިޕޯޓްގައި ފާހަގަކޮށްފައި ހުރި މުހިންމު ނުކުތާތަކަށް ޚުލާޞާގޮތެއްގައި ބަލައިލާނަމެވެ. އިރުމަތީ ގުދުސް ހިމެނޭހެން ފަލަސްތީނުގެ ބިންތަކާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި މި ރިޕޯޓުގައި ބުނެފައިވަނީ، ޣައްޒާގައި ނަސްލު ފޮހެލުމުގެ އަމަލުތައް ހިންގަމުންދާއިރު ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އިސްރާއީލުން ގަސްދުގައި އަމާޒުކޮށް ހަމަލާތައް ދެމުންދާ ކަމަށެވެ.

ހަމަލާތައް އަމާޒުކުރަނީ ގައުމިއްޔަތާއި، ނަސްލާއި، ޖިންސު އަދި އުމުރަށް ބަލައިގެން

ދައުލަތްތަކުން ހިންގާ ގަތުލުއާންމުތަކާއި ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް އަލިއަޅުވާލައި ނެރުނު މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 7 އޮކްޓޫބަރު 2023 ގެ ފަހުން ހުޅަނގު އައްސޭރީގެ ހާލަތު ވަނީ އިންތިހާއަށް ގޯސްވެފައެވެ. އެގޮތުން ހުޅަނގު އައްސޭރިއަށް ދޭ ވައިގެ ހަމަލާތަކުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، 2008 އިން ފެށިގެން 6 އޮކްޓޫބަރު 2023 އާ ދެމެދު އެ ސަރަހައްދުން ވައިގެ ހަމަލާތަކުގައި ޝަހީދުވެފައިވަނީ ހަ މީހުންނެވެ. ނަމަވެސް، 7 އޮކްޓޫބަރު 2023 އިން ފެށިގެން 30 ސެޕްޓެމްބަރު 2026 އާ ދެމެދު ވައިގެ ހަމަލާތަކުގައި 254 މީހުން ޝަހީދުވެފައިވާ ކަމަށާއި، މި ހަމަލާތައް އަމާޒުކުރަނީ މީހުންގެ ގައުމިއްޔަތާއި، ނަސްލާއި، ޖިންސު އަދި އުމުރަށް ބަލައިގެން ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ޣައްޒާ ސިޓީ

އިސްރާއީލުން ނަސްލު ފޮހެލުމުގެ އަމަލުތައް ގަސްދުގައި ދަނީ ހިންގަމުން

ޣައްޒާގައި އެކުލަވާލެވުނު ކަމަށް ބުނާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ފަހުން ވެސް، ފަލަސްތީނުގެ ރައްޔިތުން އެކީ އެކައްޗަކަށް ނުވަތަ އޭގެ ބައެއް ނައްތާލުމުގެ ނިޔަތުގައި އިސްރާއީލުގެ ސިފައިންނާއި އިދާރާތަކުން ނަސްލު ފޮހެލުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިކަމާ ގުޅިގެން ކޮމިޝަނުގެ ޗެއަރ ސްރިނިވާސަން މުރަލިދަރް ވިދާޅުވީ، ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ އާންމުން ގަސްދުގައި މެރުމާއި، ޒަޚަމްކުރުމާއި، އަދި ގެދޮރު ހަލާކުކުރުމުގެ އިތުރުން މިކަންކަމުގެ ޒިންމާ ނެގުމަށް އިސްރާއީލުން ތަކުރާރުކޮށް އިންކާރުކުރުމަކީ، ފަލަސްތީނު މީހުން ނައްތާލައި، ގެދޮރުން ބޭރުކޮށް، ދިރިނޫޅެވޭނެ ފަދަ ހާލަތްތަކެއް މަޖުބޫރުކުރުމަށް ރާވާފައިވާ ފުޅާ ސްޓްރެޓެޖީއެއްގެ ބައެއް ކަމަށެވެ. މީގެއިތުރުން، ޣައްޒާގެ ބިންތަކުގެ މައްޗަށް ބާރުފޯރުވުން ފުޅާކުރުމުގެ ސަބަބުން، 'ޔެލޯ ލައިން' ކައިރިއަށްދާ ނުވަތަ އެ ރޮނގު ހުރަސްކުރާ އާންމުން މެރުމުގެ އަމަލުތައް ހިނގަމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޔަހޫދީންގެ އަނިޔާވެރި އުދުވާނުގައި ޝަހީދުކޮށްލާފައިވާ ކުއްޖަކު ޢާއިލާއިން ގެންދަނީ، ފޮޓޯ: އަލްޖަޒީރާ

ހުޅަނގު އައްސޭރީގައި ހިންގަނީ އާންމުންނާ ދެކޮޅަށް ރޭވިގެން ހިންގާ ނިޒާމީ ހަމަލާތަކެއް

ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިންގެ މެދުކެނޑުމެއްނެތް އަނިޔާވެރިކަމާ ގުޅިގެން އިސްރާއީލު ސިފައިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަކީ އާންމުންނާ ދެކޮޅަށް ރޭވިގެން ހިންގާ ނިޒާމީ ހަމަލާތަކެކެވެ. މީގެއިތުރުން، ލާއިންސާނީ އަނިޔާދިނުމާއި، ދަރިމައިވުމުގެ ނިޒާމަށް އަމާޒުކޮށްދޭ އަނިޔާތަކާއި، ރޭޕްކުރުމާއި، އަދި ޖިންސީ ގޯނާގެ އެކި އަމަލުތައް ހިންގަމުންދަނީ ފަލަސްތީނުގެ ރައްޔިތުން ގެދޮރުން ބޭރުކޮށް، އެމީހުން އަޅުވެތިކޮށް، އަދި މުޖުތަމައުގެ ހަމަޖެހުން ނަގާލުމުގެ މަގުސަދުގައެވެ.

ހުޅަނގު އައްސޭރީގައި ހުރި ފަލަސްތީނު ރައްޔިތެއްގެ ގެ އިސްރާއީލު ސިފައިން ތަޅާލާފައި

ހަމައެއާއެކު، ޣައްޒާގައި ކަންކުރި ބީދައިން، އިސްރާއީލުގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ކުޑަކުދިން ގަސްދުގައި މަރައި، އެކުދިންނަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދީފައި ކަމަށް ކޮމިޝަނުން ހާމަކުރެއެވެ. އަދި ފަލަސްތީނުގެ ކުޑަކުދިންނާ ދެކޮޅަށް އުމުރަށް ބިނާކޮށް މިފަދަ އަނިޔާވެރި އަމަލުތައް އިސްރާއީލުން ހިންގަމުންދާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިސްރާއީލުން ދަނީ އަނިޔާވެރިކަން އިސްކޮށްގެން ބިންތައް ފުޅާކުރުމަށާއި ފަލަސްތީނު މީހުން ގެދޮރުން ބޭރުކުރުމަށް މަސައްކަތްކުރަމުން

މި މައްސަލައިގެ އަސްލު ސަބަބުތައް ދެނެގަތުމަށް ކުރެވުނު ފުޅާ ތަހުގީގުން ހާމަވި ގޮތުގައި، 1947-48 ގެ ހަނގުރާމައިން ފެށިގެން އިސްރާއީލުން ދަނީ އަނިޔާވެރިކަން އިސްކޮށްގެން ބިންތައް ފުޅާކުރުމަށާއި ފަލަސްތީނު މީހުން ގެދޮރުން ބޭރުކުރުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން ޖެނުއަރީ 2025 އިން ފެށިގެން ހިންގި އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން، ހުޅަނގު އައްސޭރިން 1967 ގެ ފަހުން އެންމެ ގިނަ އަދަދަކަށް މީހުންގެ ގެދޮރު ގެއްލިފައިވާއިރު، އޯގަސްޓް 2026 އާ ހަމައަށް 34,176 ފަލަސްތީނު ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

ފަލަސްތީނުގެ އާބާދީ ވީހާވެސް މަދުކޮށް އެންމެ ބޮޑު ސަރަހައްދެއްގެ ބިން ފޭރިގަތުމަކީ އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް

Ad
df

މުރަލީދަރު ވިދާޅުވީ، ފަލަސްތީނުގެ އާބާދީ ވީހާވެސް މަދުކޮށް، އެންމެ ބޮޑު ސަރަހައްދެއްގެ ބިން ފޭރިގަތުމަކީ އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން އެތައް ޖީލެއްގެ ފަލަސްތީނު ރައްޔިތުން ގެދޮރުން ނެރެލައި، ޒަޚަމްކޮށް، މަރާލާފައިވާ ކަމަށެވެ. އަދި ފަލަސްތީނުގެ ދައުލަތެއް އުފެދުމަކީ ނުރައްކަލެއްގެ ގޮތުގައި ދައްކައި، އަމިއްލަ ނިންމުންތައް ނިންމުމުގެ ހައްގަށް އިސްރާއީލުން ހުރަސްއަޅާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފަލަސްތީނިއަން އޮތޯރިޓީން ވެސް ވަނީ އިދިކޮޅު ފަރާތްތަކަށާއި ނޫސްވެރިންނަށް އަމާޒުކޮށް ފިޔަވަޅު އަޅައި، މީހުން މެރުމުގެ ހާދިސާތައް އިންސާފުވެރިކޮށް ތަހުގީގުކުރުމާއި އަނިޔާ ލިބުނު ފަރާތްތަކަށް މާލީ ބަދަލު ދިނުމުގައި ފެއިލްވެފައެވެ.