ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާގައި، ގާތްތިމާގެކަމުގެ ގުޅުން ނުވަތަ ރަޙިމުގެ ގުޅުން ކަނޑައިލުމަކީ ނުރައްކާތެރި، ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ހަނދާންކޮށްދީ، އެފަދަ މީހަކު ސުވަރުގެއަކަށް ނުވަންނާނެ ކަމަށް ބުނެފިއެވެ.

"ޢާއިލީގުޅުން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫޢަށް ޚާއްޞަކޮށްގެން ދިން މި ޚުޠުބާގައި ވަނީ ޢާއިލީ ގުޅުންތައް ދެމެހެއްޓުމާއި، ކުދިން ހެޔޮ ގޮތުގައި ތަރުބިޔަތު ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައެވެ.

Ad
d

ޚުޠުބާގައި ފާހަގަކުރި ގޮތުގައި އިންސާނީ މުޖުތަމަޢެއް އުފެދެނީ ޢާއިލާތަކަކުން ކަމަށްވާތީ، ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ޢާއިލާތައް ވެސް ހަރުދަނާކުރެވިގެންނެވެ. މިއަދު މުޖުތަމަޢުގެ އަފުރާދުންގެ އަޚުލާޤީ ފެންވަރު ދުވަހުން ދުވަހަށް ދަށްވުމާއި، ޢާއިލާގެ ތެރޭގައި އޮންނަންޖެހޭ ގުޅުންތައް ނެތި ޢާއިލާތައް ރޫޅި ވިއްސިވިހާލިވުމަކީ އެންމެންގެ ވެސް ޝަކުވާއެއްކަން ފާހަގަކުރަމުން، މުޖުތަމަޢުގެ އަޚުލާޤީ ފެންވަރު ދަށްވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބަކީ ބޮޑުވަމުން އަންނަ ދަރިން ތަރުބިޔަތުކުރެވޭ ގޮތާއި އެ ދަރިންނަށް ދެވޭ ތަޢުލީމު ކަމުގައި ބަޔާންކުރިއެވެ.

ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީ އިސްލާމްދީނުގައި ކަމަށާއި، އެ ކުއްޖަކު އެކި ގޮތްގޮތަށް ބައްޓަންވަނީ ލިބޭ ތަޢުލީމާއި ތަރުބިޔަތުން ކަމަށް ކީރިތި ރަސޫލާގެ ޙަދީޘްފުޅަކާ ޙަވާލާދީ ޚުޠުބާގައި ބުންޏެވެ. އެހެންކަމުން މައިންބަފައިންނާއި ބެލެނިވެރިން ކުދިން ބޮޑެތިކުރާއިރު ދީނީ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން، މައިންބަފައިންނަށް ކިޔަމަންގަނެ ކަމޭހިތުމަށާއި، ގާތްތިމާގެ މީހުންނާ ގުޅުން ބަދަހިކުރަން ދަސްކޮށްދޭންޖެހޭނެ ކަމަށް ބުންޏެވެ. އަދި އެ ކުދިންގެ ތިމާގެ މީހުންނަކީ ކޮބައިކަމާއި، ރަޙިމުގެ ގޮތުން ގުޅިފައިވަނީ ކޮން ބަޔަކާކަން ކުދިންނަށް އަންގައިދޭންޖެހޭނެ ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

އިސްލާމްދީނުގައި ދަމަހައްޓަން އަންގަވާފައިވާ ޢާއިލީ ގުޅުންތަކުގެ ތެރެއިން އެންމެ މުހިންމު ގުޅުމަކީ ރަޙިމުގެ ގުޅުންކަން ފާހަގަކޮށް ޚުޠުބާގައި ބުނީ، އެ ގުޅުމަށް ނަންދެއްވާފައިވަނީ ﷲ ތަޢާލާގެ އިސްމުފުޅު "އައްރަޙްމާން" އާ ގުޅުވައިގެން ކަމަށެވެ. ޤުދުސިއްޔަ ޙަދީޘްތަކުން އެނގޭ ގޮތުގައި، ރަޙިމުގެ ގުޅުން ނުކަނޑައި ދަމަހައްޓައިފި މީހަކާ ﷲ ގުޅުން ޤާއިމުކުރައްވާނެ ކަމަށާއި، އެ ގުޅުން ކަނޑައިފި މީހަކާ އެކަލާނގެ ގުޅުން ކަނޑުއްވައި ވަކިކޮށްލައްވާނެ ކަމަށް ވެސް ބަޔާންކުރިއެވެ.

Ad
df

މީގެ އިތުރުން، ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ދުނިޔެމަތީގައި ރިޒުޤު ތަނަވަސްވެ، ޢުމުރުގައި ބަރަކާތްލެއްވުމަށް މެދުވެރިވާ ސަބަބެއް ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ވިޔަފާރި އުޞޫލުން އެކަކު ކޮށްދޭ ހެޔޮކަމަކަށް ބަދަލުގައި ކަމެއް ކޮށްދިނުން ނޫންކަން ފާހަގަކޮށް، ޙަދީޘްފުޅާ ޙަވާލާދީ ބުނީ، ޙަޤީޤީ ގާތްތިމާގެކަން ދަމަހައްޓާ މީހަކީ އަނެކަކު ގުޅުން ބޭއްވުމުން ބަދަލުގައި ގުޅުން ބާއްވާ މީހާ ނޫން ކަމަށާއި، އެއީ ގާތްތިމާގެކަމުގެ ގުޅުން ކެނޑިގެންދާ ހިނދުގައި ވެސް އެ ގުޅުން ދަމަހައްޓާ މީހާ ކަމަށެވެ.

ޚުޠުބާ ނިންމާލަމުން ފާހަގަކުރި ގޮތުގައި، ޢާއިލާއެއްގައި ދެމަފިރިންގެ އެންމެ އިސް މަސްއޫލިއްޔަތަކީ ދަރިންގެ ޙައްޤުތަކަށް ރައްކާތެރިވުމެވެ. އަދި ޢާއިލާތަކުގެ ގުޅުން ބަދަހިކުރެވޭނީ ތަރުބިޔަތު ކުރުމުގެ ޤާބިލުކަން ހުރެގެންނެވެ. ހަމައެއާއެކު، މައިންބަފައިންނަށް ކިޔަމަންވުމަކީ ވާޖިބު ކަމަކަށް ވިޔަސް، އެ މީހުންނަށް ކިޔަމަންވާން ޖެހޭނީ ﷲ އަށް އުރެދެވޭ ކަމަކަށް އަމުރު ނުކުރާހައި ހިނދަކު ކަމަށާއި، ޚާލިޤުވަންތަ ﷲ އަށް އުރެދެވޭ އެއްވެސް ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތް ކަމަށް ވެސް ޚުޠުބާގައި ވަނީ ބުނެފައެވެ.