13 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ:

" ދެ މީހުންގެ ލާރިން ނުވަންޏާ، މާޔާގެ އާއިލާގެ މީހުން އެހީތެރި ނުވާނެތަ؟ މި ޒަމާނުގައި ކައިވެންޏެއް ކުރަންޏާ ދެ ފަރާތުން ވެސް އެއްވަރަކަށް ހިއްސާ އޮވެގެން ބޮޑެތި ޙަފްލާތައް ބާއްވަނީ." ޖަމީލާ ބުނެލިއެވެ.

Ad
d

އެ ވަގުތު އާއިޒަށް ޖެހުނީ ނޭވާ ހިފަހައްޓާލާށެވެ. މާޔާގެ ހިތް ވެސް ނުތަނަަވަސްކަމާއެކު ބާރުބާރަށް ތެޅެމުންދެއެވެ. ޖަމީލާގެ ވާހަކަތަކަށް ޖަވާބުދޭކަށް މާޔާއަކަށް ފަސޭހައެއް ނުވިއެވެ. އެހެންވެ، އިރުއިރުކޮޅުން އޭނާއަށް ބަލައިލެވެނީ އާއިޒަށެވެ. ނަމަވެސް ފޯނުގެ ސްކްރީނަށް ބަލަހައްޓައިގެން އިން އާއިޒް އެއްވެސް ކަމަކަށް ސަމާލުކަން ދޭ ހެންނެއް ހިއެއް ނުވެއެވެ.

" އެއްވެސް ތައްޔާރުވުމެއްނެތި ކައިވެނި ކުރަންތަ ތި އުޅެނީ؟" އަނެއްކާ ވެސް ޖަމީލާގެ ސުވާލު އަމާޒުވީ ސީދާ މާޔާއަށެވެ.

އެތެރެއަށް ނޭވާ ހިފަހައްޓާލައިގެން މާޔާއަށް އިނދެވުނީ ކުޑައިރުކޮޅެކެވެ. އެއްޗެއް ނުބުނެ އިންނަން ބޭނުން ވިޔަސް، އޭނާއަކަށް މަޑަކުން ނީނދެވުނެވެ. ވާހަކަ ދެއްކުމެއްނެތި، އާއިޒް ހަނު ހުންނާތީ މާޔާގެ ރުޅިގަނޑު އެތެރޭގައި އޭރު ވެސް ކެކި އަރަމުންދެއެވެ.

" ކައިވެންޏަށް އެދި ހުށަހެޅީ އާއިޒް. އާއިޒް ބޭނުންވީ ވެސް މިހާރުން މިހާރަށް ކައިވެނިކުރަން. އަހަންނަކީ ކާކުކަމާ، ކިހާ ފެންވަރެއްގެ އަންހެންކުއްޖެއްކަން ވެސް އާއިޒަށް އެނގޭނެ. އާއިޒްގެ މަންމައަށް އާއިޒް އެއްވެސް އެއްޗެއް ކިޔައި ނުދޭތީ ވަރަށް ދެރަވެއްޖެ." ހިތުތެރޭގައި ރުޅިވެރިކަން ހަނގުރާމަ ކުރަމުން ދިޔަ ނަމަވެސް، އާއިޒްގެ މަންމައަށް އިޙްތިރާމް ކުރުމުގެ ގޮތުން އޭނާ ވާހަކަދެއްކީ މަޑުމަޑުންނެވެ.

ކުއްލިއަކަށް އާއިޒް ސޯފާއިން ތެދުވެއްޖެއެވެ. އެއާއެކު ޖަމީލާގެ އިތުރުން މާޔާއަށް ވެސް ބަލައިލެވުނީ އާއިޒްގެ މޫނަށެވެ.

" މިހާރު ކައިވެނި ކުރަން ނިންމައިފީމެއްނު. ދެން އިތުރަށް ކުރަން ހުރި ކަންކަމާމެދު އަހަރެން ވިސްނާނަން. އަހަރެން މިރޭ މާޔާ ގެނައީ މަންމައާ ބައްދަލުކޮއްލާ ވާހަކަ ދައްކާލަން. ދެން ހިނގާ ދާން." އާއިޒް ބުންޏެވެ.

އާއިޒްގެ ޢަމަލުތައް ހުރި ގޮތް މާޔާއަކަށް ކަމަކު ނުދިޔައެވެ. އާއިޒް ތެދުވި ނަމަވެސް މާޔާ ހަމަ އިނީއެވެ. ކަންބޮޑުވެފައި އޭނާ ޖަމީލާއަށް ބަލައިލި އިރު އޭނާގެ މޫނުމަތިން ފެންނަނީ ލުއި ހިނިތުންވުމެކެވެ.

" ހާދަ އަވަހަކަށް ތި ދަނީ؟ އަދި ރަނގަޅަށް މާޔާއާ ވާހަކަ ވެސް ދައްކާނުލެވޭ. " ޖަމީލާ ބުންޏެވެ.

" އަހަރެން ތަނަކަށް ދާން ޖެހިއްޖެ. އެހެންވެ." އާއިޒް ހުރީ މަޑުކުރާ ގޮތަކަށް ނޫނެވެ. އެއާއެކު މާޔާ ވެސް ތެދުވެއްޖެއެވެ.

" މާޔާ އަދި އަންނައްޗޭ މި ގެއަށް." ހެވިފައި ހުރެ ޖަމީލާ ބުނެލީ ހިތްހެޔޮ ރާގެއްގައެވެ. މާޔާގެ ހިތަށް ތަސައްލީއެއް ލިބުނީ އެ ހިސާބުންނެވެ.

" އާއިޒް ގެންނަން ހުރިއްޔާ އަންނާނަން އަދި." މާޔާ ބުންޏެވެ.

އާއިޒް ހިނގައިގަތުމާއެކު މާޔާ ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ. ގެއިން ބޭރަށް ނިކުމެވުމާއެކު މާޔާ ހުރީ ވާހަކަ ދައްކަން ލަސްވެފައެވެ.

" އަހަރެން ދުވަހަކުވެސް މިހާ ލަދެއް ނުގަނެ. އެއީ އާއިޒްގެ މަންމަ. އަހަރެންތަ ޖެހެނީ ހުރިހާ ޖަވާބެއް ދޭން؟ ކީއްވެތަ އާއިޒް އެއްޗެއް ނުބުނެ އިނީ؟ އަހަރެން ގެންގޮސް ދޫކޮއްލާފަ އާއިޒް އިނީ ފޯނާ ކުޅެން." މާޔާ ބުންޏެވެ.

" ދައްކަން ނުޖެހޭ ވާހަކަތަކެއް މަންމަ ދެއްކީމަ އަހަރެން ރުޅި އައީ. އެހެންވެ އެއްޗެއް ނުބުނީ. ކާރެއް ނަގަންތަ ގެއަށް ދާން؟" އާއިޒް ވާހަކަ ދެއްކީ ފޫހިކަމާއެކުއެވެ.

އެއާއެކު މާޔާ އިތުރަށް ހިތްހަމަނުޖެހުނެވެ. އޭނާ ހައިރާންކަމާއެކު އާއިޒްގެ މޫނަށް ބަލަމުން ދިޔައެވެ.

" އަހަރެން ގެއަށް ދާންވީތަ؟ އާއިޒަށް އެނގޭތަ މައްސަލައެއް ޖެހިއްޖެކަން؟ ދެން މި ބަރު ހިތާއެކު، ގެއަށް ގޮސް އަހަންނަށް ނިދޭނެތަ؟" މާޔާ ބުންޏެވެ.

" ގުޅާ ގެއަށް ގޮސް." އަތުގައި އޮތް ފޯނު ޖީބަށް ލުމަށްފަހު، ދުރަށް ބަލައިލަމުން އާއިޒް ބުންޏެވެ.

" ގުޅާށޭ؟ ކައިރީގަ ހުރެގެން ވާހަކަ ނުދައްކާ، ގުޅައިގެން ގޮސް ކޮން ވާހަކައެއް ދައްކަން؟" މާޔާ ދެ އަތް އުރާލިއެވެ.

" ވާހަކަ ދައްކާނަން. މި ވަގުތު އަހަރެން ކޮންމެ އެއްޗެއް ބުންޏަސް މާޔާ ރުޅި އަންނާނެ." އާއިޒް ބުނެލިއެވެ.

" އަހަރެންތަ ރުޅި އަންނަނީ؟ އާއިޒާ ހެދިއެއްނު އަހަރެން ރުޅި މި އަންނަނީ. އެންމެ ފަހުން ރުޅިގަދަ މީހެއްގެ ލޭބަލް ތި އެޅުވީ." އެހެން ބުނުމަށްފަހު މާޔާ އާއިޒަށް ފުރަގަސް ދިނެވެ.

" އެހެންވެ މި ބުނީ ގެއަށް ދާށޭ މި ވަގުތު. " އާއިޒް އެދުނެވެ.

" ހިތްހަމަ ނުޖެހުނީމަ އާއިޒް ބޭނުންވާނީ ވާހަކަ ނުދައްކާ ތިބެން. ނޫނީ ދުރަށް ދާން. ކަންކަން އެ ގޮތަށް ޙައްލުވާނެތަ؟" މާޔާ އާއިޒަށް ބަލައިލަމުން ބުނެލިއެވެ.

" ދެން މިތާ ވާހަކައެއް ނުދެއްކޭނެއެއްނު. ދޭބަލަ ގެއަށް." އާއިޒް އަނެއްކާ ވެސް ބުންޏެވެ.

" ނުދާނަން. އަހަރެން ދާނީ ރަނގަޅަށް ވާހަކަ ދައްކާފަ، ހިތްހަމަޖެހިގެން." މާޔާ ބުންޏެވެ.

އެންމެ ފަހުން އާއިޒަށް ޖެހުނީ މާޔާ ބޭނުންވާ ގޮތް ހަދައިދޭށެވެ. މާޔާއާއެކު އޭނާ ގޮސް ވަނީ އެ މަގުގައި ހުރި ރެސްޓޯރެންޓަށެވެ.

" ކާހިތެއް ނެތް. ކޮފީއެއް އަހަރެން ބޭނުމީ." މާޔާ ބުނެލިއެވެ.

މީގެ ކުރިން މުޅިން ވެސް ވެއިޓަރާ ވާހަކަ ދައްކާނީ މާޔާއެވެ. މިއަދު އޭނާ މޫނު އަނބުރާލައިގެން އިނުމުން، މާޔާގެ މޫޑު ވަރަށް ގޯސްކަން އާއިޒަށް އެނގުނެވެ.

" ދެން ކިޔާބަލަ" އާއިޒް ބުންޏެވެ.

" އަހަންނާ އިންނަން އާއިޒްގެ މަންމަ ޤަބޫލެއް ނޫން ދޯ." މާޔާ ބުންޏެވެ.

" ޤަބޫލުވީމަ އެއްނު އަހަރެން، މާޔާ މިރޭ ގެއަށް ގެންދިޔައީ." އާއިޒް ޖަވާބު ދިނެވެ.

" އެކަމަކު މަންމަ ކީއްވެ އެހާ ބޭކާރު ސުވާލުތަކެއް އެ ކުރީ؟" މާޔާ އެހިއެވެ.

" ނޭނގެ. މަންމައަކަށްނު އެނގޭނީ." އާއިޒް ބުންޏެވެ.

އާއިޒް އެހެން ބުނުމުން މާޔާއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ. އޭނާ އިނީ އަދިވެސް ހަމަޖެހިފައެއް ނޫނެވެ.

" ދެން އާއިޒް. ތިހެންތަ ޖަވާބު ދޭނީ؟ ވެޑިން ނުބާއްވާ ވާހަކަ ބުނީމަ މަންމަ ކީއްވެ އެ ބުނީ އަހަރެންގެ ފެމިލީގެ ވާހަކަ. އާއިޒް ނުބުނަންތަ އަހަންނަށް ހަރަދު ކުރާނެ ބަޔަކު ނެތްކަމެއް." މާޔާ ބުންޏެވެ.

" އަހަރެން ނުބުނަން އެއްވެސް އެއްޗެއް. މަންމައަށް އެނގެންޖެހޭ ވަރަށް އެނގޭނެ. ދެން އެ ވާހަކަ ނުދައްކަބަލަ. އެކަން އެ ނިމުނީނު." އާއިޒް ބުންޏެވެ.

އާއިޒް އެހެން ބުނުމުން މާޔާއަށް ޖެހުނީ އެ ވާހަކަ ހުއްޓާލާށެވެ. ނަމަވެސް އޭނާ އިނީ އިތުރަށް ވެސް އެ ވާހަކަ ދައްކަން ބޭނުން ވެފައެވެ.

" ކައިވެނިކޮއްގެން ކުރު ޗުއްޓީއެއް ނަގާނީ. ބޭނުމިއްޔާ މާޔާގެ ރަށަށް ވެސް ދެވިދާނެ. ހަނީމޫނަށް ނުދެވުނަސް، މާޔާ އުފާކޮއްދޭން އަހަރެން ބޭނުން." އާއިޒް ބުންޏެވެ.

އެއާއެކު މާޔޫސްވެފައިވާ މާޔާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވެގަތެވެ.

" އަސްލުތަ؟ އަހަރެން ވަރަށް އުފާވެއްޖެ. ހަމަ ރަނގަޅަށް ވެސް ވަރަށް އުފާވެއްޖެ." މާޔާ ބުންޏެވެ.

" އެހެންވެ އަހަރެން ބުނަނީ ބޭކާރު ކަންކަމާ ވިސްނުމަށްވުރެ، ތިމާއަށް އުފަލެއް ލިބޭ ކަހަލަ ވާހަކަ ދައްކާށޭ. ދެން ހަމަ މިރޭ އެއްކޮށް ވެސް މަންމަ ކީއްވެ އެހެން ބުނީ، މިހެން ބުނީ ކިޔާލަކިޔާލަ ތިބެންވީ؟" އާއިޒް ހަމަޖެހިލާފައި ބުންޏެވެ.

މާޔާގެ މޫނުމަތިން ފެނުނު ހިނިތުންވުމުގެ ސަބަބުން އާއިޒްގެ މޫޑުވެސް ރަނގަޅުވެއްޖެއެވެ. އާއިޒް ދެއްކި ވާހަކައިން މާޔާއަށް ކުރިއަށް ވުރެ ބޮޑަށް ހިނިތުންވެލެވުނެވެ.

" ދެން އެކަމަކު... މަންމަ އެހާ އޯކޭ ނޫންހެން ހީވާތީ އަހަންނަށް ވަރަށް އުނދަގޫވި. ދެން އާއިޒް ވެސް އަޅައިވެސްނުލާ އިނީމަ." މާޔާ ބުންޏެވެ.

" އަނެއްކާ ފެށީއޭ. ދެން އެ ވާހަކަ ބާއްވާ. މަންމަ ޤަބޫލޭ. އެކަމަކު ތަންކޮޅެއް އަނގަގަދަވާނީ. " އާއިޒް ބުންޏެވެ.

" މިހާރު ބަނޑުހައިވެއްޖެ. ކާން ބޭނުން." ކުޑަކުއްޖަކު ފަދައިން މާޔާ ބުނެލީ ގެނެސް ހުރި ކޮފީތައްޓަށް ބަލައިލަމުންނެވެ.

" ކޮބާ! ރުޅިއަކީ ހަމަ ހުރިހާ އެއްޗެއްގެ ވެސް ހަލާކު. ބަޑުހައި ވިޔަސް، ރުޅި އައިސް ހުރިއްޔާ ބަނޑުހައި ވާ ކަމަކަށް ނުވާނެ." އާއިޒް ބުންޏެވެ.

އެއާއެކު މާޔާއަށް ބާރަށް ހެވުނެވެ.

މާޒިން އިނީ ކެފޭގައި ފުޓްބޯޅަ ބަލާށެވެ. ރަށުގައި އުޅޭ ފުޓްބޯޅަ ބަލާ ހުރިހާ އެންމެން ކަހަަލަ ގޮތަކަށް ޖަމާވެފައި އޮތީ ކެފޭއަށެވެ. އޭނާ ލަސްވެގެން އިރުއިރުކޮޅުން ފިރާޝާގެ މެސެޖެއް އޭނާގެ ފޯނަށް އާދެއެވެ. އޭރު ގަޑިން ދޭއް ވެސް ޖަހައިފިއެވެ. އެންމެ ފަހުން މެޗް ނުނިންމާ މާޒިން ކެފޭއިން ނިކުތީ ފިރާޝާ ރުޅި އައުމުންނެވެ.

އޭރު މުޅި ރަށް އޮތީ ހިމޭންވެފައެވެ. މެންދަމުގެ އެ ވަގުތު ޖެހޭ ވައިރޯޅިތައް ހަށިގަނޑުގައި ބީހިލާ ވަގުތު، ހާދަ އަރާމޭ މާޒިންގެ ހިތަށް އެރިއެވެ. ބާރުބާރަށް ދާން ބޭނުން ވިޔަސް، ފިޔަވަޅުތައް ލަސްކޮއްލީ، ހަމަހިމޭންކަމަށް އޭނާގެ ހިތް އެދުނު ވަރުންނެވެ. އެހާ ހިމޭން ވަގުތެއް، އެ ރަށުން އޭނާ ދުށް ހަނދާނެއް ވެސް ނެތެވެ.

މަގުގެ ދެ ފަރާތުގައި ހުރި ހުރިހާ ގެއެއްގެ ދޮރުތަކާއި ކުޑަދޮރުތައް ވެސް ހުރީ ލައްޕާފައެވެ. ގޭގޭ ކުޑަދޮރުތަކުން ފެންނަނީ ފަނޑު އަލީގެ އަސަރެވެ. މަގުބައްތިތަކުގެ އަލިކަން ވެސް އެހާމެ ފަނޑެވެ. ނަމަވެސް އަރާ ހުރި، ފުރިހަމަ ހަނދުގެ އަލިން، ދުނިޔެއަށް ވެރިވެފައިވަނީ ރީތި ހަނދުވަރީ އައްޔެކެވެ. ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ، ދުނިޔެވީ ކަންކަމަށް ވިސްނަމުން މާޒިން ހިނގަމުންދިޔައީ މަގުގެ އެއް ފަރާތުންނެވެ.

ކުއްލިއަކަށް ވިއްސަކަށް ފޫޓޫ ދުރުގައި ހުރި ގެއަކުން މީހަކު ނިކުތްތަން މާޒިންއަށް ފެނުނެވެ. ފަސް އެނބުރި ބެލުމެއް ނެތި އެ މީހާ ކުރިއަށް ހިނގަމުން ދިޔައީ ނުހަނު ބާރަށެވެ.

މާޒިންއަށް ހުރި ފިޔަވަޅުމަތީ ހުރެވުނީއެވެ. އޭނާއަށް ދެން ބަލައިލެވުނީ އެ ގެއާ ދިމާލަށެވެ. މަޑުމަޑުން ހިނގާފައި ގޮސް އެ ގޭ ދޮރުމަތީ އޭނާ ހުއްޓުނު އިރު، ކޮންމެވެސް ވަރަކަށް އޭނާ ދާހިއްލަން ވެސް ފަށައިފިއެވެ. ކުއްލިއަކަށް އަނެއްކާ ވެސް ފިރާޝާ މެސެޖެއް ކުރި އަޑަށް މާޒިން ދިޔައީ ސިހިގެންނެވެ. ޖީބުން ފޯނު ނެގުމަށްފަހު، އޭނާ މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ.

" އިނދެބަލަ ސިޓިންރޫމަށް ނިކުމެ. އަހަރެން މި ދަނީ މިހާރު." މާޒިން ބުނެލިއެވެ.

" އެކަމަކު މިހާރު އެއްޗެހި ވެސް ބަދަލު ކޮއްގެން މި އޮތީ. ކީއްކުރަންތަ ބޭރަށް ނެރެން ތި އުޅެނީ؟" ނިދި އަޑަކުން ފިރާޝާ ބުންޏެވެ.

" ވަރަށް ބޮޑު ކަމެއް ވެގެންނޭ. މަ ގޮސް ބުނާނަމޭ! ސިޓިންރޫމު ސޯފާގައި އިނދެބަލަ. ވަރަށް އަވަހަށް. ބައްޕަ ގެއަށް ވަނަސް އެއްވެސް އެއްޗެއް ނުބުނާތި. ބުނޭ އަހަރެން ކެފޭއިން އަންނަން ދެންނޭ މި އިނީ. ބައްޕަ ކޮޓަރިއަށް ވަނީމަ އަހަންނަށް ގުޅާ. އޭރުން ދާނަން ގެއަށް." މާޒިން ބުނެލިއެވެ.

" ބައްޕައޭ؟" ފިރާޝާއަށް ސުވާލު ކުރެވުނެވެ.

" ދެން އަވަސްކޮއްބަލަ." މާޒިން ތަންކޮޅެއް ބާރަށް އެހެން ބުނުމަށްފަހު ފޯނު ކަނޑާލިއެެވެ.

( ނުނިމޭ )

Ad
df

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.

(ނިމުނީ)