9 ސެޕްޓެމްބަރުގެ އަދަދާއި ގުޅޭ:
އޭނާ ލަދުގަންނަފަދަ ކަމެއް މަންމަ ކޮއްފާނެތީ އާއިޒް ކަންބޮޑުވެއެވެ. މާޔާއާއި މަންމަ ބައްދަލުވާ ފުރަތަމަ ދުވަހު ވެސް، މަންމަދެކެ މާޔާ ހިތްހަމަނުޖެހިދާނެތީ ވެސް އާއިޒް ޖެހިލުންވެއެވެ. ނަމަވެސް، އެ ދެ މީހުން ބައްދަލު ނުކޮށް ވެސް ވާކަށް ނެތޭ އާއިޒްގެ ހިތަށް އެރިއެވެ. މަންމައާއި ވާންއުޅޭ އަނބިމީހާގެ ފުރަތަމަ ބައްދަލުވުމުގައި ވެސް، ހައިޖާނުގަނޑެއް ހިނގާފާނެކަމަށް އާއިޒަށް މާ ކުރިން ވިސްނެން ފެށިއެވެ.
އޮފީހުން އައިސް އާއިޒް ގެއަށް ވަތް އިރު ސިޓިންރޫމްގައި ޖަމީލާއިނެވެ. އޭނާ އިނީ އަތުގައި އޮތް ފޯނުން ކޮންމެވެސް އެއްޗެއް ބަލާށެވެ. އާއިޒް ފެނުމާއެކު އެއް ފަހަރު އާއިޒްގެ މޫނަށް ބަލައިލުމަށްފަހު އޭނާ އަނެއްކާ ވެސް ފޯނަށް ނަޒަރު ހިންގާލިއެވެ.
"މިރޭ މާޔާ އަންނާނެ." ޖަމީލާއާ އަރާ ހަމަވެފައި އާއިޒް ބުންޏެވެ.
އެއާއެކު ސިހިފައި ޖަމީލާ، އާއިޒްގެ މޫނަށް ބަލައިލިއެވެ. އޭރު އާއިޒް ހުރީ މަންމަ ދޭނެ ޖަވާބުގެ އިންތިޒާރުގައި ކެތްމަދުވެފައެވެ.
"މިރެޔޭ؟" ޖަމީލާ ބުނެލީ ހައިރާންވެފައި އިނދެއެވެ.
ޖަމީލާއަށް ވީ ގޮތް ފާހަގަ ކުރެވުނު ނަމަވެސް އާއިޒް ބޯ ޖަހާލުން ފިޔަވައި އެއްވެސް އެއްޗެއް ނުބުނެއެވެ.
"މަންމަ މިރެޔަށް އެއްވެސް އެއްޗެއް ނުވެސް ކައްކަން." އުޒުރުވެރިވާ ޙާލު ޖަމީލާ ބުނެލިއެވެ.
"މާޔާ އަންނަނީ މަންމައާ މީޓް ކޮއްލަން. އޯކޭ ވާނެ ކާން އެއްޗެއް ނެތަސް." އާއިޒް ބުންޏެވެ.
"އެ..އެހެންތަ؟ އާނ. ގެނޭ ދެން." ނުތަނަވަސްވެފައި އިނދެ ޖަމީލާ ބުންޏެވެ.
ޖަމީލާގެ ރުހުން ލިބުމުން އާއިޒް ކޮޓަރިއާ ދިމާލަށް ހިނގައިގަތީ އިތުރަށް ވާހަކަ ދެއްކުމެއް ނެތިއެވެ. އާއިޒް ދިޔުމާއެކު ޖަމީލާ ގޮސް ކޮޓަރިއަށް ވަނެވެ. ހިތަށް ހަމަޖެހުމެއް ނުލިބިގެން އޭނާ އެންމެފަހުން އާމިރާއަށް ގުޅިއެވެ.
"އާއިޒް މިރޭ މާޔާ ގެއަށް ގެންނަ ވާހަކަ ބުނެފި. މަންމަ ހަމަ އެއްގޮތަކަށް ވެސް އެ ކުއްޖާއާ ބައްދަލުކުރާ ހިތެއް ނުވެ." ޖަމީލާ ބުންޏެވެ.
"ދެން މަންމާ! ތިހެން ނޫޅެބަލަ. ކޮއްކޮ ކައިވެނި ކުރާކަށްނު އެ އުޅެނީ މިހާރު." އާމިރާ ބުންޏެވެ އޭނާ ބޭނުންވީ މަންމައަށް ވިސްނައިދޭށެވެ.
"އަހަރެންގެ ހަގު ދަރިފުޅު، އަދި އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުގެ ކައިވެނި އާދައިގެ ގޮތަކަށް ނިންމާކަށް އަހަރެން ބޭނުމެއް ނޫނޭ. ފޯރުންތެރި، މުއްސަނދި ކުއްޖަކާ ދެވަން ބޭނުންވީ އެހެންވެ. އާދައިގެ ކުއްޖަކާ އިނދެގެން އާއިޒް ކިހިނެއް އެ ހުރިހާ ހަރަދެއް ކުރަނީ؟ އާމިރާއަށް ވެސް އެނގޭނެ މިހާރު، ތަނަވަސް މީހަކާ އިނީމަ ބޭނުންވާ ހުރިހާ އުފަލެއް ލިބޭނެކަން. އާމިރާ ވެސް ކުރިން އިންނަން އުޅުނު އަދުރޭއާ އިންނަމަ، މިހާރު އުޅެން ޖެހޭނެ ހާލެއް ނޭނގެ. އެހެންވެއޭ ބުނެވެނީ މަންމަ ބުނާ ގޮތް ހަދާށޭ." ޖަމީލާ ރުޅިގަދަވާން ފެށިއެވެ.
މަންމައާ ދެކޮޅަށް ވާހަކަ ދައްކައިގެން އިތުރަށް، މަންމަ ރުޅި އަންނާނީ އާމިރާދެކެ ކަން އޭނާއަށް އެނގެއެވެ.
"ދެން މާޔާ މިރޭ ގެއަށް އައީމަ މަންމަ ކީއްކުރަން ތި އުޅެނީ؟" އާމިރާ އެހިއެވެ.
"ކަމެއް ކުރާކަށް ނޫޅެން." ޖަމީލާ ބުންޏެވެ.
"އެއްޗެއް ކާންދެއްޗޭ އެ ކުދިންނަށް."އާމިރާ އެދުނެވެ.
"މަންމަ ބުނިން އާއިޒް ގާތު، ކާއެއްޗެއް ނެތޭ. އާއިޒް ބުނި ރަނގަޅުވާނެޔޭ. ދެން މާޔާ އައިސް އަހަންނާ ވާހަކަ ދައްކާފަ ގޮސްދާނެ އެއްނު." ޖަމީލާ އެހެން ބުނުމާއެކު އާމިރާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.
" ދެން މަންމާ! ތިހެން ހަދަން ވާނެތަ؟ މަންމަ ޤަބޫލު ނޫނީތަ ހަމަ؟" އާމިރާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"މިފަހަރު އެ ހުރީ އާއިޒް ބޭނުންވާ ގޮތެއް ހަދަން ދޫކޮއްފަ. އަހަރެން ކުއްޖަކު ހޯދާނަމަ އެއަށް ވުރެ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ކުއްޖަކު ހޯދީމުސް." ޖަމީލާ ބުނެލިއެވެ.
"މަންމަ ދެން ކޮއްކަމެއްތަ ތީ؟ ކޮއްކޮގެ ދިރިއުޅުން، ކޮއްކޮ އިޙްތިޔާރުކުރަން ދޫކޮއްލަބަލަ. މަންމަ ކީއްކުރަންތަ ތިކަމާ މާ ބޮޑަށް ތި އުޅެނީ؟" އާމިރާ ބުންޏެވެ.
"އެންމެ ފަހުން މަށެއްނު މި ގޯސްވީ." ޖަމީލާ ފޫހި ރާގަކަށް ބުނެލިއެވެ.
މަންމަގެ ވާހަކަތަކުން އާމިރާ ނުހަނު ދެރަވެއްޖެއެވެ. މަންމަގެ ހުންނަ ރުންކުރު ގޮތްގަނޑުން، އެހެން މީހުންނަށް މަންމައާއެކު އުޅެން އުނދަގޫވާނެކަން ވެސް އާމިރާއަށް އެނގެއެވެ.
" ގޯސްވީއެއް ނޫނޭ މަންމާ! ތި ގޭގައި ދެން އުޅޭނީ ކޮއްކޮއާ ކޮއްކޮގެ އަންހެނުން. ދެން މަންމަ. ހަމަޖެހޭ އާއިލާއަކަށް ވާނީ، އެކަކު އަނެކަކަށް ހިތްހެޔޮ ކުރީމައެއްނު." އާމިރާ ބުންޏެވެ.
އާމިރާގެ ވާހަކަތައް ޖަމީލާ އަޑުއަހަން އިނީ ފޫހިކަމާއެކުއެވެ. އިތުރަށް ވާހަކަ ދައްކަން އާމިރާއަށް ފުރުޞަތު ދޭން ވެސް އޭނާ ބޭނުމެއް ނުވިއެވެ. އެހެންވެ ފަހުން ގުޅާނަމޭ ބުނެ އޭނާ ފޯނު ބޭއްވިއެވެ. އޭރު ވެސް ޖަމީލާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ.
" ހިތްހަމަޖައްސާލަން ގުޅާލީ. އެކަމަކު އޭނަ ވެސް އެ ދޭން ފެށީ ލެކްޗަރު." ޖަމީލާ އަމިއްލައަށް ހުރެގެން ވާހަކަ ދައްކަމުންދިޔައެވެ.
ލޯގަނޑުކުރިމަތީ ހުރެ، މާޔާ، އޭނާގެ ބުޅި އިސްތަށިގަނޑުގައި ފުނާ އަޅަމުންދިޔައީ ހެވިފައި ހުރެއެވެ. ޕާކިސްތާނު ހެދުމެއް އަޅައިގެން ހުންނައިރު އޭނާ ނުހަނު ރީއްޗެވެ. ކަޅިޖަހައިނުލާ އަމިއްލަ ސޫރައަށް ބަލަަހައްޓައިގެން ހުރި، މާޔާ ސިހުނީ ފަހަތުން އައިސް ޒިމްނާ ކަރުކެހިލި އަޑަށެވެ.
"ހޫމްހޫމް. ހާދަ ރީއްޗެކޭ ތިވަނީ. ތިހާ ރީތި ނުވިޔަސް ތިއީ ރީތި ކުއްޖެކޭ." ޒިމްނާ ބުނެލިއެވެ.
"އާއިޒްގެ މަންމައަށް އަހަރެން ކަމުދާނެތަ؟"މާޔާ އެހިއެވެ.
"ރީތިކަމަށް ބަލަންޏާ މައިދައިތަ ރުހޭނެ. ދެން އެހެން ކަންކަން އެނގޭނީ ގޮސް އެ ގޭގަ ވާހަކަ ދެއްކީމައެއްނު." ޒިމްނާ ބުނެލިއެވެ.
ޒިމްނާގެ ވާހަކަ އަޑުއަހަން ހުރެ، ގަޔަށް ސެންޓް ބުރުވާލަމުން މާޔާ ކުޑަކޮށް ހީލިއެވެ.
"އަހަރެންހާ ހިތް ބޮޑު މީހެއް ޒިމްނާ ދުށިންތަ؟" މާޔާ އަހާލިއެވެ.
"މަށަށް އެނގެޔޭ ތިއީ ވަރަށް ހިތްހެޔޮ ކުއްޖެއްކަން. ދެން އާއިޒްގެ މަންމަ ރުހޭނެކަމަށް އަހަރެން ވެސް މި ބަލަނީ." ޒިމްނާ ބުންޏެވެ.
"ދުޢާކޮއްލަކޮއްލަ އިންނައްޗޭ އިނގޭ! ޭ އަހަރެން އަންނަން ނުނިދާތި." ކޮނޑުގައި ދަބަސް އަޅުވާލަމުން މާޔާ ބުންޏެވެ.
ކާރަށް އެރުމަށްފަހު، މާޔާ އާއިޒަށް މެސެޖްކޮއްލިއެވެ. އޭރު ވެސް އޭނާ އިނީ އުފަލުން ހެވިފައެވެ. ކުރަމުންދިޔަ އުއްމީދު ކިތަންމެ ފޮނިވީ ނަމަވެސް، ކަންތައްވާނެ ގޮތް ނޭނގޭތީ މާޔާ އިނީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.
އާއިޒް ސިޓިންރޫމަށް ނިކުތް އިރު ވެސް އޭނާގެ މަންމަ އުޅެނީ ކޮޓަރީގައެވެ. މަޑުމަޑުން ގޮސް، މަންމަގެ ކޮޓަރި ކައިރީ ހުއްޓުމަށްފަހު، މަންމައަށް ގޮވާލިއެވެ. ޖަމީލާގެ ހަބަރެއް ނުވުމުން އޭނާ އަވަސް އަވަހަށް މަންމަގެ ފޯނަށް ގުޅިއެވެ. ދެ ފަހަރަކު ގުޅުމުން ވެސް އޭނާ ފޯނެއް ނުނެގިއެވެ. ހާސްހިތަކައިގެން އޭނާ ކޮޓަރި ތަޅުގައި ހިފާލި އިރު ކޮޓަރި ހުރީ ތަޅުވެސް ލައިފައެވެ.
"މަންމަ ކޮބައިބާ؟" އާއިޒަށް ބުނެވުނެވެ.
އެ ވަގުތު އާއިޒް ވަރަށް ބޮޑަށް ދެރަވެސް ވިއެވެ. އޭނާއަށް ނުވެސް އެނގި މަންމަ ބޭރަށް ދިޔުމުން އާއިޒް އިންތިހާއަށް ދެރަވެއްޖެއެވެ.
މަންމައާ ބައްދަލުވުމަށް އެދި މާޔާ ކުރަމުންދާ އުއްމީދުތައް ވެސް އާއިޒަށް އެނގެއެވެ. މާޔާ ވިސްނާނެ ގޮތް ވެސް އާއިޒަށް އެނގެއެވެ.
ސިޓިންރޫމްގައި ދެކޮޅަށް ހިނގާލަ ހިނގާލަ އާއިޒް ހުއްޓާ މާޔާ އޭނާގެ ފޯނަށް ގުޅަން ފެށިއެވެ.
"މި ހުރީ ތި ފްލޯގަ." މާޔާ ބުންޏެވެ.
އެއާއެކު ބާރުބާރަށް ގޮސް އާއިޒް ދޮރު ހުޅުވާލިއެވެ. ހެވިފައި ހުރި މާޔާގެ ރީތި މޫނު ފެނި، އާއިޒްގެ ހިތުގައިވާ ނުތަަވަސްކަން ފިލައިގެން ދިޔަ ކަހަލައެވެ. މާޔާ އެހާ ފުރިހަމައަށް ތައްޔާރުވެގެން ހުރިތަން އޭނާ ކުރިއަކުން ނުދެކެއެވެ. އެ ރީތި ބުޅި އިސްތަށިގަނޑު ކޮނޑުމައްޗަށް ވައްޓާލައިފައި އޮތް އިރު، މާޔާގެ މޫނުމަތިން ފެންނަނީ އުފާވެރިކަމާއި ލޯބިވެތިކަމެވެ. އާއިޒް ބަސް ހުއްޓިފައި މާޔާއާ ދިމާލަށް ބަލަހައްޓައިގެން ހުރީ، އެ ރީތިކަމަށް ތައުރީފުކުރާނެ އިބާރާތެއް ދުލަށް ނައިސްގެން ކަހަލަ ގޮތަކަށެވެ.
" އަހަރެން ދެން ނުވެސް ވައްދާނަންތަ؟" ލަދުން ހުރެ މާޔާ ބުންޏެވެ.
" ނޫނޭ... ނޫން! އާދޭ އަވަހަށް." ހިނިތުންވެލަމުން އާއިޒް ބުންޏެވެ
އެ ގެއަށް ވަނުމަށްފަހު، މާޔާ މަޑުމަޑުން މުޅި ގެއަށް ނަޒަރު ހިންގާލިއެވެ. މާޔާ ފެނުމުން ކުޑަ ވަގުތުކޮޅެއްގެ ހިތްހަމަޖެހުމެއް އޭނާގެ ހިތަށް ލިބުނު ނަމަވެސް އަނެއްކާ ވެސް އާއިޒްގެ ހިތް ނުތަނަވަސްކަމުން ފުރިއްޖެެއެވެ. މަންމަ ކޮބައިތޯ މާޔާ ސުވާލު ކުރާނެކަން އާއިޒަށް އެނގެއެވެ. ނަމަވެސް އޭނާއަށް ނޭނގެނީ ދޭނެ ޖަވާބެކެވެ.
" އިށީނދޭ." އާއިޒް ބުނެލިއެވެ.
އެއާއެކު މާޔާ މަޑުމަޑުން ސޯފާގައި އިށީނދެލިއެވެ.
"ކޮބާ.... މަންމަ؟" މާޔާ އެހިއެވެ.
"މަންމަ... ކޮންމެވެސް ތަނަކަށް... ގޮއްސަވީ. ނެތް ގެޔަކު." މާޔާގެ މޫނަށް ބަލަން އިނދެ އާއިޒް ބުނެލީ ބިރުން ހުރެއެވެ.
އެ ޖުމްލައިން މާޔާގެ މޫނުމައްޗަށް ވެރިވި އަސަރުތައް އާއިޒަށް ދެނެގަނެވުނެވެ.
"ގެއަކު ނެތޭ؟ މަންމަ ކައިރީ ބުނީމެއްނު އަހަރެން އަންނަ ވާހަކަ." މާޔާ ބުންޏެވެ.
"އާނ.. އަންނަ ވާހަކަ ބުނިން. އެކަމަކު ގަޑިއެއް ނުބުނަން. ފަހަރެއްގައި ތަންކޮޅެއް ލަހުން އަތުވެދާނެތީ ތާކަށް ނިދައީ ކަންނޭނގެ." އެހެން ބުނެ އާއިޒް މަސައްކަތް ކުރީ ހަމަޖެހޭ ގޮތް ދައްކާށެވެ.
މާޔާ ކުޑަކޮށް ހީލިއެވެ.
"ދެން ގުޅާލަންވީނު." އާއިޒްގެ އަތުގައި އޮތް ފޯނަށް އިޝާރާތްކުރަމުން މާޔާ އެދުނެވެ. އެ ވަގުތު އާއިޒް ގަދަކަމުން ހީލިއެވެ. އޭނާ ދެ ފަހަރަކު ގުޅުމުން ވެސް ޖަމީލާ ފޯނު ނުނަގާތީ އާއިޒް ހުރީ މަންމައަށް ގުޅަން ބޭނުން ނުވެފައެވެ.
ހަމައެވަގުތެވެ. ކުއްލިއަކަށް ސިޓިންރޫމް ދޮރު ހުޅުވުނު އަޑަށް މާޔާއާ އާއިޒަށް އެ ދިމާލަށް ބަލައިލެވުނީ އެއްފަހަރާއެވެ. އެތެރެއަށް ވަތް ޖަމީލާ ފެނުމާއެކު މާޔާ އާއިޒްގެ މޫނަށް ބަލައިލިއެވެ. އެއާއެކު އާއިޒް ލޮލުން މަންމައަށް އިޝާރާތްކޮއްލިއެވެ. މާޔާ އަވަސް އަވަހަށް ކޮޅަށް ތެދުވީ ހިނިތުންވަމުންނެވެ. އޭރު ވެސް އާއިޒް އިނީ މަންމަދެކެ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
" މާޔާ އައިސް ދޯ މި އިނީ." ހިނިތުންވެލަމުން ޖަމީލާ ބުންޏެވެ.
އޭނާ އެހެން ބުނެ މާޔާގެ ކުރިމަތީގައި ހުރި ސޯފާ ގޮނޑީގައި އިށީނެވެ. މާޔާ ވެސް މަޑުމަޑުން އިށީނދެލިއެވެ.
"މިހާރު ކައިވެނި ކުރާ ތާރީހެއް އެނގިއްޖެތަ؟" ޖަމީލާ ބުނެލީ ދުރުމީހަކު އަހާލާ ފަދަ ގޮތަކަށެވެ.
ޖަމީލާގެ އަޑާއި ރާގު ހުރި ގޮތުން މާޔާގެ މޫނުމަތީގައި ހުރި އުފާވެރިކަން ގެއްލޭކަށް ސިކުންތެއް ވެސް ނުނެގިއެވެ. އޭނާ އަވަސް އަވަހަށް އާއިޒަަށް ބަލައިލީ ނުތަނަވަސްކަމާއެކުއެވެ.
"މަންމަ ކައިރީ ބުނީމެއްނު އަދި ހަމައެއް ނުޖެހެޔޭ." އާއިޒް ބުނެލީ ފޯނާ ކުޅެން އިނދެއެވެ. އޭނާ އިނީ ޖަމީލާގެ މޫނަށް ބަލައިލަން ވެސް ބޭނުން ނުވެފައެވެ.
"ޗުއްޓީއަށް ލައިފަ ވީ. ހަމަޖެހުނީމަ ދެން ޑޭޓެއް ކަނޑައަޅާނީ ދޯ އާއިޒް." މާޔާ ބުންޏެވެ.
"އޯހް. ހަނީމޫނަށް ރާއްޖެއިން ބޭރަށް ދަނީތަ؟ ޕާޓީ ބާއްވާފައި ހަނީމޫނަށް ދެވޭނެތަ؟" ޖަމީލާގެ ސުވާލުތަކުން އާއިޒް އިތުރަށް ރުޅި އަންނަން ފެށިއެވެ.
ޖަމީލާގެ ކޮންމެ ސުވާލަކުން މާޔާއަށް ބަލައިލެވެނީ އާއިޒްގެ މޫނަށެވެ. މާޔާ އޭނާއަށް ބަލާކަން ވެސް އާއިޒަށް އެނގެއެވެ. ނަމަވެސް މި ފަހަރު އެއްވެސް ޖަވާބެއް ދޭކަށް އާއިޒް ބޭނުމެއް ނުވިއެވެ.
"ޕާޓީ ނުބާއްވަން ދޯ އާއިޒް. ދެން. ހަނީމޫނަށް ވެސް ބޭރަކަށް ނުދެވޭނެ. ދެ މީހުންނަށް ވެސް ލާރި ސޭވް ނުވެ ހުރީމަ." ތެދުތެދަށް މާޔާ ބުންޏެވެ. މާޔާ އެހާ ތަފްޞީލްކޮށް ކިޔައިދޭން ފެށުމުން އާއިޒަށް އިނީ އުނދަގޫވެފައެވެ.
" ދެ މީހުންގެ ލާރިން ނުވަންޏާ، މާޔާގެ އާއިލާގެ މީހުން އެހީތެރި ނުވާނެތަ؟ މި ޒަމާނުގައި ކައިވެންޏެއް ކުރަންޏާ ދެ ފަރާތުން ވެސް އެއްވަރަކަށް ހިއްސާ އޮވެގެން ބޮޑެތި ޙަފްލާތައް ބާއްވަނީ." ޖަމީލާ ބުނެލިއެވެ.
އެ ވަގުތު އާއިޒަށް ޖެހުނީ ނޭވާ ހިފަހައްޓާލާށެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!