މަންމަގެ ޖުމްލަތަކުން އާއިޒްގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ. ހިތުގައި ޖެހި ކެތްތެރިކަން ކޮޅުންލާން ފެށިއެވެ. ދުވަހަކު ވެސް މަންމަ ދެރަކޮއްފައިނުވާއިރު، މިއަދު އޭނާއަށް މަންމަ ހިތުގައި ޖެއްސިއްޖެކަން އިހްސާސް ކުރެވުނެވެ. މަންމައަށް ގޮވަން ދާން ބޭނުން ވެގެން ކުރިއަށް ފިޔަވަޅެއް އެޅުމަށްފަހު ވެސް އޭނާ ހުއްޓުނީ ބޭކާރު ކަމަކަށް ވާނެތީއެވެ. ޔަޤީނެވެ. މަންމައަށް ގޮވަން އޭނާ ދާނެޔޭ ޚުދު މަންމަ ވެސް ހީ ކުރާނެއެވެ. ނަމަވެސް އާއިޒް މިސްރާބު ޖެހީ ކޮޓަރިއާ ދިމާލަށެވެ.
އެނދުމަތީ އޮތް އިރު ވެސް އާއިޒަކަށް ހަމަޖެހުމެއް ނުލިބެއެވެ. މަންމަގެ ފަރާތުން ފަހުން އަންނާނެ ރޯޅި މާ ވަރުގަދަ ވާނެކަން އާއިޒަށް އެނގެއެވެ. އެނބުރެމުންދާ ފަންކަލާ ދިމާލަށް ބަލަހައްޓައިގެން އާއިޒް އޮތީ ހިތް ނުތަނަވަސްވެފައެވެ. މޭމަތީގައި އޮތް އޭނާގެ ފޯނު ރިންގްވާން ފެށުމާއެކު އޭނާ ބަލައިލިއެވެ.
" ކޮއްކޯ." އާމިރާގެ އަޑުގައި ހުރި ހާސްކަން އާއިޒަށް ފާހަގަ ކުރެވުނު ނަމަވެސް އޭނާ ހައިރާނެއް ނުވިއެވެ.
" މަންމަ ގުޅީތަ؟" އާއިޒް އެހިއެވެ.
" އާނ. އުލްފާއާއި އޭނާގެ މަންމައާއި ބައްޕަ އެބަތިބި ކާން. މަންމަ ބުނީ އާއިޒް ކައިރީ ބުނާށޯ ނިކުންނާށޭ. އެއްބަސް ނުވިޔަސް އެ މީހުންނާ ވާހަކަ ދައްކާލާ މަންމަ ލަދުން ސަލާމަތް ކުރަންވާނެއެއްނު." އާމިރާ ހުރީ ހިތްހަމަ ނުޖެހިފައެވެ.
" ދެން އަހަރެން ނިކުންނައިރަށް ކައިވެނީގެ ތާރީޚް ކަނޑައަޅާ، ހުރިހާ ކަމެއް ނިންމާނެޔޭ ދޮންތާ. އަހަރެން ބޭނުމެއް ނޫނޭ އުލްފާއާ އިންނާކަށް." އާއިޒް ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ. އޭނާގެ އަޑާއި ރާގުގައި ވަނީ ފޫހިކަމެވެ.
" ފަހުން ދެން ކޮންމެވެސް ގޮތެއް ހަދާނީ. ދޮންތައަށްޓަކާ ވެސް ނިކުމޭ ބޭރަށް. އެ ތަނަށް ދޭ އަވަހަށް." އާމިރާ ބުންޏެވެ.
ފޯނު ބޭއްވުމަށްފަހު އާއިޒް ބޭރަށް ނިކުތީ ހިތާ ދެކޮޅަށެވެ. އޭނާ ނިކުތް އިރު އުލްފާ އިނީ ސިޓިންރޫމްގައެވެ. ކާގެ ތެރެއިން އެހެން މީހުން ވާހަކަ ދައްކާ އަޑު އިވެމުން ދެއެވެ. އާއިޒް ފެނުމާއެކު އުލްފާ އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. އޭރު އޭނާގެ މޫނުމަތީގައި ހުރީ ނުތަނަަވަސްކަމުގެ އަސަރުތަކެވެ.
" ކައިވެންޏަށް އެއްބަސް ނުވަނީތަ؟" އާއިޒަށް ހަމަޖެހި ނުލެވެނީސް އުލްފާ އެހިއެވެ.
އުލްފާގެ ރާގު ހުރި ގޮތުން އާއިޒަށް ހީވީ އޭނާގެ ބޮލުގައި މީހަކު އެތިފަހަރެއް ޖެހި ހެންނެވެ. އުލްފާގެ އަމުރުވެރި، ރުޅިވެރި ރާގު އާއިޒަކަށް ކަމަކު ނުދިޔައެވެ. އާއިޒަށް ކުރެވުނު އިޙްސާސްތަކާއެކު އޭނާގެ މޫނުމަތީގެ ކުލަވަރު ވެސް ބަދަލުވެއްޖެއެވެ.
" ބަލަހައްޓައިގެން ހުންނަންވީއެއް ނޫނޭ. އަހަންނަށް ޖަވާބެއް ދޭންވީ. އަހަރެމެން މި ގެއަށް މި އައީ އާއިޒްގެ މަންމަގެ ދަޢުވަތަކަށް އުފާވެރި ޚަބަރެއް ދޭނެ ކަމުގެ އުއްމީދުގައި. އަހަންނާ އަހަރެންގެ މައިންބަފައިން ނާއުއްމީދުކޮށްފައި ފޮނުވާ ނުލާނެ ކަމަށް ހީކުރަން." ދެ އަތް އުރާލަމުން އުލްފާ އާއިޒަށް ފުރަގަސްދިނެވެ.
ޖުމްލަތައް ސިކުނޑީގައި އެތުރެމުން ދިޔަ ނަމަވެސް، އަނގައިން ބުނެވޭ ގޮތެއް އާއިޒަކަށް ނުވިއެވެ. އަވަސްވަމުން ދިޔަ ނޭވާތަކާހެދި އޭނާ ވަރުބަލި ވެއްޖެއެވެ. އަނެއްކާ ވެސް އާއިޒަށް ފެނުނީ އުލްފާގެ މޫނެވެ.
" ކީއްވެ އެއްޗެއް ނުބުނީ؟ ނޫނެކޭ ބުނަން ޖެހޭ އެއްވެސް ސަބަބެއް ނެތް. ލޯބިވާ އިތުރު މީހަކު ހުންނަނީތަ؟" އަނެއްކާ ވެސް އުލްފާ އެހިއެވެ.
ދެން ވެސް އާއިޒް އެއްޗެއް ނުބުނެއެވެ.
" ތިއީ މަންމަނެއްތަ؟ މި ވަރަށް ސުވާލު ކުރާއިރު ވެސް އެއްޗެއް ބުނަން ނޭނގެނީތަ؟" އުލްފާ ބުނީ ވަރަށް ބާރަށެވެ.
ވަގުތަކީ އުލްފާގެ މައިންބަފައިންނާއެކު ޖަމީލާ ވެސް އައިސް އެ ތަނަށް ހުއްޓުނު ވަގުތެވެ.
" ކިހިނެއްވީ ދަރިފުޅާ؟ ހާދަ އަޑުގަދަވަނީ." އުލްފާގެ މަންމަ މާރިޔަތު އައިސް އުލްފާގެ ގައިގައި މަޑުމަޑުން ހިފަހައްޓާލިއެވެ. ދެ ޖީބަށް އަތް ޖަހާލައިގެން ހުރެ އޭނާގެ ބައްޕަ ސަމަދު އާއިޒަށް ބަލައިލީ ނުރުހުންވެ ހުރެއެވެ.
ހާސްވެފައި ޖަމީލާ، އާއިޒަށް ލޯ އަޅާލީ މޭގައި އަތް އަޅައިގެން ހުރެއެވެ. މާހައުލު މުޅިން ގޯސްވެއްޖެއެވެ. ރޮމުން ރޮމުން އުލްފާ، އޭނާގެ މަންމަގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެއާއެކު މާރިޔަތު އުލްފާގެ ބުރަކަށީގައި ފިރުމަންފަށައިފިއެވެ.
" އާއިޒް އެއްޗެކޭ ބުނީތަ؟" ކުޑަކުއްޖަކު ގާތު އަހާ ފަދައިން، މާރިޔަތު އުލްފާ ގާތު އެހިއެވެ.
" އެއްޗެކޭ ނުބުނެގެން މި އުޅެނީ. އިންނަންޏާ ވެސް ބުނީމައެއްނު އެނގޭނީ. މަނެއްހެން ހުއްޓަކަސް ނޭނގޭނެ އެއްނު." އުލްފާ ބުންޏެވެ.
މަންމަގެ ކޮނޑުން ބޯ ހިއްލައިގެން ހުރެ، އާއިޒަށް އޭނާ ބަލަމުން ދިޔަ ގޮތުން ޚުދު އާއިޒް ވެސް ޖެހިލުންވިއެވެ.
" މި ކަމާ ބެހޭ ގޮތުން އާއިޒް ކީކޭ ބުނަނީ؟" އުލްފާގެ ބައްޕަ ސަމަދުގެ އަޑުގައި ވެސް ހުރީ ހަރުކަށިކަމެވެ. ބިރުން ގޮސް އާނއެކޭ ބުނެވިދާނެތީ އާއިޒް ހުރީ ވަރަށް ވިސްނައިގެންނެވެ. ގޮތް ހުސްވެފައި ހުރެ، އޭނާ މަންމައަށް ބަލައިލިއެވެ. އެއާއެކު އާއިޒަށް ފެނުނީ ވާނުވާ ބަލަން ހުރި މީހެއް ފަދައިން ޖަމީލާ އެކަކު އަނެކަކަށް ބަލަމުން ދާތަނެވެ.
" އަހަރެން މި އަހަނީ އާއިޒް ކައިރީ. އުލްފާއާ އިންނަން ރުހެންތޯ ނޫނީ ނޫންތޯ؟ " ދެ ވަނަ ފަހަރަށް ސަމަދު ބުނެލީ ނުހަނު ބާރަށެވެ. އެ އަޑަށް ޖަމީލާއަށް ވެސް ލިބުނީ ކުއްލި ސިހުމެކެވެ.
" ނޫން. ބޭނުމެއް ނޫން." އާއިޒް ބުންޏެވެ.
އޭނާ އިސްޖަހާލީ، އެ މީހުންގެ މޫނުތަކަށް ވާ ގޮތް ބަލަން ބޭނުން ނުވާތީއެވެ.
" އަހަރެން ހީކުރީ ޖަމީލާ އަހަރެމެން ތި ގެނައީ އަހަރެންގެ ހުށަހެޅުން ޤަބޫލު ކޮށްގެން ކަމަށް. އެއްވެސް ބަޔަކު އަދި ދުވަހަކު ވެސް އަހަރެމެން މިހާ ދަށު ދަރަޖައަކަށް ވައްޓައެއް ނުލާ. " މާރިޔަތު އެހެން ބުނެ ނުނިމެނީސް އުލްފާ ބާރުބާރަށް ބޭރަށް ދުއްވައިގަތެވެ.
" މަޑުކޮއްބަލަ ދަރިފުޅާ މަންމައާއެކު ދާން." އުލްފާގެ ފަހަތުން ޖަމީލާ ވެސް ދުއްވައިގެންފިއެވެ.
" އަހަރެން ބަލާނަން އަހަރެންގެ ދަރިފުޅުގެ ހިތުގައި ޖައްސާފަ ދުވަހަކު ވެސް ކަލެއަށް އުފަލުގައި ދިރިއުޅެވޭތޯ." އާއިޒާ ކައިރިވެލަމުން ސަމަދު ބުންޏެވެ.
އޭނާ ނިކުމެގެން ދިޔުމާއެކު ޖަމީލާ ބާރުބާރަށް އައިސް އާއިޒްގެ ކުރިމަތީގައި ހުއްޓުނެވެ. މަންމަ ބުނާނެ އެއްޗެއް ނޭނގޭތީ އާއިޒް ހުރީ ކޮންމެވެސް ވަރަކަށް ޖެހިލުންވެފައެވެ.
" ކީކޭ އުލްފާ ކީ." ޖަމީލާ ސުވާލު ކުރީ މަޑުމަޑުންނެވެ.
އާއިޒަށް ލިބުނީ ހައިރާންކަމެވެ. ހަޅޭއްލެވުމުގެ ބަދަލުގައި މަންމަގެ އަޑުގައި ހުރި މަޑުމައިތިރިކަން ފެނި އާއިޒްގެ ހިތަށް ފިނިކަން ލިބުނެވެ.
ކަންތައް ވީ ގޮތް އާއިޒް މަންމައަށް ކިޔައިދިނެވެ.
" އަހަރެން އޭނައާ އިނިއްޔާ އަބަދުވެސް ހުންނަން ޖެހޭނީ އޭނަގެ ދަށުވެފަ. ސައިޒް ވެފަ. " އާއިޒް ބުނެލިއެވެ.
" ގެއަށް އައި ގޮތަށް އާއިޒް ކޮބައިތޯ އެހީ. ތައްޔާރުވަނީއޭ މަންމަ ބުނިން. އެހެން ބުނިތަނާ އުލްފާ ރުޅި އަތުވެއްޖެ. ތިމަންމަ އައުމުގެ ކުރިން ތައްޔާރު ނުވީ ކީއްވެތޯއާ ތިމަންނަގެ އިންތިޒާރުގައި އާއިޒް ނުހުރީ ކީއްވެތޯ އަހާ، ޝަކުވާ ކުރަން ފެށި. އެ ކުއްޖާ މި ތަނަށް ނިކުތީ ނުވެސް ކައި. އެ ހިސާބުން އޭނަގެ ހުރި ރުޅިއާއި ޒީލަގަދަކަން މަންމައަށް އެނގުނު. " ޖަމީލާ ބުންޏެވެ.
އާއިޒަށް ހިނިތުންވެވުނެވެ. ޖަމީލާ ފުން ނޭވާއެއް ދޫކޮއްލަމުން އަތުގައި އޮތް ފޯނަށް ބަލައިލީ އާމިރާ ގުޅާތީއެވެ.
" ނަސީބެއް މިހެން މިކަން ވީކަން. އޭނަގެ އަސްލު ސޫރަ ހާދަ އަވަހަކަަށޭ މި ފެނުނީ." އާއިޒް ބުނެލިއެވެ.
އޭރު ކަންފަތުގައި ފޯނު ޖަހައިގެން ޖަމީލާ ކޮޓަރިއާ ދިމާލަށް ހިނގައިގެންފިއެވެ.
ލީނާއަށް ނިދިން ހޭލެވުނީ ކެއްސައިގަނެގެންނެވެ. އަވަސް އަވަހަށް ތެދުވެ، އޭނާއަށް ބަލައިލެވުނީ މޭޒުމަތީގައި ހުރި ކުޑަކުޑަ އެލާމް ގަޑިއަކަށެވެ.
" މާ އަވަހަށް ދޯ ނިދުނީ. އަދި 12 ޖެހީ." ފޫހި ކަމާއެކު ލީނާއަށް ބުނެވުނެވެ.
މޭޒުމަތީގައި ހުރި ފެންފުޅި ހުސްވެފައިވާ ތަން ފެނުމުން ލީނާ އިތުރަށް ފޫހިވެއްޖެއެވެ. ތެދުވެގެން ދާން ޖެހޭތީއެވެ. ކަންނެތްކަމާއެކު ތެދުވެ ބާރުބާރަށް ފުޅި ނެގުމަށްފަހު ލީނާ ހިނގައިގަތެވެ. ސިޓިންރޫމަށް ނިކުތުމާއެކު އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ސިޓިންރޫމްގެ ދޮރު އަދިވެސް އެ ހުރީ ތަންޑު ނާޅުވައެވެ.
" މަންމަ އަދިވެސް ބޭރުގަ؟" ލީނާއަށް ބުނެވުނެވެ.
ޢީދުގެ ޝޯގެ އަޑެއް ވެސް މިހާރަކު ނީވެއެވެ. ސާދުނާ ގެއަށް ނާންނާތީ ލީނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިއްޖެއެވެ. ބޭރު އަނދިރިކަމުން، ބަދިގެއާ ދިމާއަށް އޭނާ ހިނގައިގަތީ ނުހަނު މަޑުމަޑުންނެވެ. މުޅި ސަރަޙައްދަށް ހަމަހިމޭންކަން ވެރިވެފައި އޮތުމުން ލީނާގެ ހިތް އޮތީ ބިރުންނެވެ. ނަމަވެސް ފެންބޮވައިގެންފައި ހުރުމުން ކޮންމެހެން ވެސް ބަދިގެއަށް ދާން އޭނާއަށް މަޖުބޫރުވެފައިވާ ކަހަލައެވެ.
ބަދިގެ ފެންޑާއަށް ނުވަންނަނީސް ލީނާގެ ކަންފަތުގައި ޖެހުނީ ފިރިހެނެއްގެ ބަރު އަޑެވެ. އަޑު އައީ ސީދާ ކާގެ ތެރެއިންނެވެ. ކާގޭގެ ބޮކި ހުރީ ނިއްވާފައެވެ. ދޮރު ހުރީ ލައްޕާފައެވެ. ނަމަވެސް އަޑު އަންނަނީ ހަމަ ކާގެއިން ކަން ލީނާއަށް ޔަޤީނެވެ. އޭނާ މަޑުމަޑުން ފެންޑާއަށް ވަނެވެ.
" މިހެން ކިހާ ދުވަހެއް ވަންދެން އަހަރެމެން އުޅެން ޖެހޭނެ.؟" ސާދުނާގެ އަޑު އިވި މާޔާގެ އަތުން ފެންފުޅި ދޫ ނުވީ ކިރިޔާއެވެ.
" އަހަންނާ ހަމަ އިންނަން ކެރޭނެތަ؟" ފިރިހެން އަޑާމެދު ލީނާއަށް ޖެހުނީ ވިސްނާށެވެ. އޭނާ އިތުރަށް ދޮރާ ކައިރި ވެލިއެވެ.
" އާނ. އިންނަން ބޭނުން. " ސާދުނާ ބުންޏެވެ.
" އަހަރެންގެ ދަރިން ބުނާނެ އެއްޗަކާމެދު ވިސްނެނީ. އަހަރެންގެ މާޔާ މިހާރު ވެސް ފުރައިގެން އެ ދިޔައީ އަހަންނާ ސުވޭދާގެ ޒުވާބެއް އަޑު އިވިގެން. އެއީ ވަރަށް ހުށިޔާރު ކުއްޖެއް." މާޔާގެ ބައްޕަ ރާޒީގެ އަޑަށް ލީނާއަށް އަނގަމަތީ އަތް އެޅުނެވެ.
އޭރު ނުހިފެހެއްޓޭ ވަރަށް އޭނާގެ މޭ ތެޅެމުން ދެއެވެ. ފަހަތަށް ޖެހެން ފެށުނީ އިތުރަށް ކުޑަ ހިނދުކޮޅަކު ވެސް އެތާ ހުންނަން ބޭނުން ނުވާތީއެވެ.
އަތުގައި އޮތް ފުޅި އެނދުމައްޗަށް ހޫރާލުމަށްފަހު މުށިތައް މަތީ ލީނާ އިށީނީ ރޮމުންނެވެ. އޭނާގެ ކުރިމަތީގައި މަޔާގެ ތަސްވީރު ކުރެހެމުންދެއެވެ. މާޔާގެ ވާހަކަތައް ދެ ކަންފަތަށް އިވެމުން ދާ ކަހަލައެވެ. ދެ ކަންފަތުގައި އަތް އަޅައިގެން އިނދެ ލީނާ ގިސްލަމުން ދިޔައީ މަޑުމަޑުންނެވެ.
" އަހަރެން މާޔާއަށް ދައްކާނީ ކޮން މޫނެއް؟" ލީނާއަށް މަޑުމަޑުން ބުނެވުނެވެ.
( ނުނިމޭ )
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!