އަތުގައި އަޅުވާފައި އޮތް ރަބަރުން އޭނާ އަވަށް އަވަހަށް ބޯ އައްސާލިއެވެ. އަދި ސިއްރުސިއްރުން އާއިޒްއަށް ބަލައިލިއެވެ. އަނދިރީގެ ތެރެއިން އޭނާއަށް އެ މޫނުމަތިން އެެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންކަމުން މާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ނަމަވެސް އާއިޒާ އެހާ ގާތުގައި އިންނަން ޖެހުމުން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރާކަން ޚުދު އޭނާއަށް ވެސް އެނގެއެވެ.
މަޑު ދުވެއްޔެއްގައި ލޯންޗް ކަނޑަށް ނިކުމެއްޖެއެވެ. އާއިލީ ހަމަނުޖެހުމުގެ ސަބަބުން ހިތަށް ލިބިފައިވާ އުނދަގޫތައް މަޑުމަޑުން ފިލަންފެށި ކަހަލައެވެ. މިހާރު މާޔާގެ ޚިޔާލުތައް އެހެން ދިމާއަކަށް ދަތުރު ކުރަން ފަށައިފިއެވެ. ނޭވާ ފުންވެ، ވަރުބަލިވާ ކަހަލަ ގޮތެއް ވާހެން ވެސް އޭނާއަށް ހީވެއެވެ.
ރަށްރަށުގެ ނިވަލުން ނެއްޓި، މާ ސިންގާ ބިޔަ ކަނޑުގެ ތެރެއަށް ލޯންޗް ނިކުތުމާއެކު، ލޮޅުން އަރަން ފެށިއެވެ. އަންހެންވެރީންގެ ރުއިމުގެ އަޑު ގަދަވާން ފެށީ ދެނެވެ. ނަގާ ބޮޑެތި ރާޅުގެ ސަބަބުން ބައެއް ފަހަރު ލޯންޗު ބަންޑުން ޖަހާލަން އުޅެނީއޭ ވެސް ހީވެއެވެ. ކެތްކޮށްގެން އިން ނަމަވެސް މާޔާއަށް ރޮއިގަނެވުނީ، ޚުދު އޭނާ ވެސް ވިއްސައިގެން ދަނީއޭ ހިތައެވެ. އެ ވަގުތު މާޔާގެ މުޅި ހަށިގަނޑު ހުއްޓުވާލީ، ދާދި ކައިރީގައި އިން އާއިޒެވެ. އޭނާގެ އަތުން މާޔާ ވަށާލިއެވެ. މާޔާގެ ފުރަގަހުން ވާ ގޮތަށް އަތް ހުރަސްކޮށް، އޭނާގެ ކޮނޑުގައި މާޔާ ޖައްސާލިއެވެ. އެއާއެކު އާދަޔާޚިލާފް ރައްކާތެރިކަމެއް ލިބުނުކަން މާޔާއަށް އިޙްސާސް ކުރެވުނެވެ.
" ލޯ މަރާލައިގެން އިނދޭ. އިންޝާﷲ ރަނގަޅުވާނެ." އާއިޒް ބުންޏެވެ. އަދި އޭނާ، މާޔާގެ އަތުގައި ހިފާ ބާރުކޮއްލިއެވެ.
އެއީ މީހަކު ވެސް ވަކިނުވާހާ އަނދިރިކަމުގައި ލޯންޗު ކަނޑުމަތީ ރާޅުތަކާ ހަނގުރާމަ ކުރަމުންދާ ބިރުވެރި ވަގުތެކެވެ. ބިޔަ ރާޅުގެ ސަބަބުން ބައެއް ފަހަރު ލޯންޗް މަޑުކުރަން ވެސް ޖެހެއެވެ. ގިނައީ، ކުރިއަށް ދުއްވާ ނުލެވޭ ވަގުތުތަކެވެ.
" މި ވަރަކުން ނުދުއްވޭނެ. އެންމެ ކައިރީގައި އޮތް ރަށަށް ޖައްސަން ވީ." ބާރުބާރަށް ކައްޕި ބުނެލި އަޑު އިވުނެވެ.
އޭރު ވެސް މާޔާ އޮތީ އާއިޒްގެ ކޮނޑުގައި ބޯ ޖައްސާލައިގެން، ދެ ލޯ މަރާ ފިއްތައިގެންނެވެ. އޭނާ ލޯ ހުޅުވާލީ، ލޯންޗްގެ ދުވެލި މަޑުވެ، އަމާންވީކަން ޔަޤީން ކުރެވުމުންނެވެ. އޭރު ރަށެއްގެ ފަޅުތެރެއަށް ލޯންޗް ވަންނަނީއެވެ. މަޑުމަޑުން މާޔާ ދުރަށް ޖެހިލީ އާއިޒްގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލަމުންނެވެ. އާއިޒް ވެސް އަވަސް މާޔާގެ ގައިން ދޫކޮއްލަމުން ހަށިގަނޑު ތެދުކޮއްލިއެވެ. އޭރު ދެ ހިތަށް ވެސް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ.
" މާދަމާ މޫސުމަށް ބަލާފަ ފުރޭނީ. ފުރޭވަރު ވާއިރަށް ގުޅާނަން އެންމެންނަށް. " ލޯންޗުން މީހުން ފައިބަން ފެށުމާއެކު ކައްޕި ބާރުބާރަށް ބުންޏެވެ.
އޭރު ވެސް ޖެހެމުންދާ ވަޔަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މޫސުމް އޮތީ ވަރަށް ގޯސްވެފައެވެ.
" ވިލާގަނޑެއް ނަގަނިއްޔޭ. ދުއްވާވެސް ނުލެވޭނެ މި ވަރިއްޔާ. ފެން ޢީދަކަށް ދޯ މި ވީ." އަނެއްކާ ވެސް ކައްޕި ބުންޏެވެ.
ޖެޓީއަށް ފޭބުމަށްފަހު މާޔާ ހުރީ އާއިޒްގެ އިޝާރާތަކަށް އުއްމީދުކޮށްގެންނެވެ. ކަންތައް ވީ ވެސް އޭނާ ހީކުރި ގޮތަށެވެ. އާއިޒް އޭނާއާ ދިމާލަށް އަންނަތަން ފެނުނެވެ.
" މާޔާމާޔާ! ވާހަކަ ނުދައްކައްޗޭ. ހިތަށް އަރާ އެއްޗެހި ދުލުން ބޭރު ނުކުރައްޗޭ. ޕްލީޒް ޕްލީޒް ވާހަކަ ނުދައްކައްޗޭ. އާއިޒަށް ވުރެ ކުރިން އެއްވެސް އެއްޗެއް ނުބުނާތި." ހިތާހިތުން މާޔާ، ޚުދު އޭނާއަށް ވިސްނައިދެވޭތޯ ބެލިއެވެ.
އާއިޒް އައިސް އޭނާގެ ކުރިމަތީގައި ހުއްޓުނީ ލޯންޗުން ބާލާފައި ހުރި ފޮށިތަކާ ދިމާލަށް ބަލަމުންނެވެ.
" އުމްމް... ފޮށި؟ " ފޮށިތަކަށް އިޝާރާތްކޮށް އާއިޒް މާޔާއާ ސުވާލު ކުރިއެވެ.
" ދާނެ ތަނެއް ނޭނގެ." މާޔާ ބުނެލީ ލަދުން ހުރެއެވެ.
" އަހަންނަށް ވެސް ނޭނގެ ދާނެ ތަނެއް. އެކަމަކު ވިއްސާރަ އައުމުގެ ކުރިން، މި ތަނުން ދާން ޖެހޭނެ." އާއިޒް ބުނެލިއެވެ.
ވަގުތަކީ ބަގީއެއް އައިސް އެ މީހުންނާ ދާދި ކައިރިއަށް މަޑުކޮއްލި ވަގުތެވެ.
" ކޮބާ އެއްވެސް އެހީއެއް ބޭނުންތަ؟" ޑްރައިވަރ އެހިއެވެ.
" ލަ...ލައްބަ! މިރޭ މި ރަށުގައި މަޑުކުރަން ޖެހޭތީވެ." ޖެހިލުންވެފައި ހުރެ އާއިޒް ބުނެލިއެވެ.
" އެހެންވަނީ؟ ތި ކުދިން އެކަނިތަ؟ މަންމަމެން ނެތް؟" އޭނާ ބަގީން ފައިބަމުން ސުވާލު ކުރިއެވެ.
" އެކަނި." އާއިޒް ދިނީ ކުރު ޖަވާބެކެވެ.
" ކޮއްކޮއާ ދެ ކުދިންދޯ؟" މާޔާގެ މޫނަށް ބަލައިލަމުން އަނެއްކާ ވެސް އޭނާ އެހިއެވެ.
ނަމަވެސް މި ފަހަރު އާއިޒް އެއްވެސް ޖަވާބެއް ނުދެއެވެ. މިތާ ވަރަށް ކައިރީގަ ހުންނާނެ ކުލީ ކޮޓަރި ދޫކުރާ ގެއެއް. ހިނގާބަލަ އަޅެ ބަލައިލަން." ދެ ފޮށި ބަގީއަށް އެރުވުމަށްފަހު އޭނާ ބުނެލިއެވެ.
" 250 ރުފިޔާއަށް ކޮޓަރި ދޭނެ. " ޑްރައިވަރ ބުނެލިއެވެ.
" އެންމެ ރޫމެއްތަ ލިބެނީ؟" އަވަސް އަވަހަށް މާޔާއަށް ސުވާލު ކުރެވުނެވެ.
" ދިޔައިމަތާ އެނގޭނީ." ހަމަޖެހިލަމުން ޑްރައިވަރ ބުންޏެވެ.
އާއިޒްގެ ފަހަތުން މާޔާ ބަގީއަށް އެރީ ނުތަނަވަސްވެފައި ހުރެއެވެ. ނަމަވެސް އާއިޒް ފިޔަވާ އޭނާއަށް އެހީވާނެ އިތުރު މީހަކު ނެތެވެ. ލޯންޗަކީ އެހެން ރަށެއްގެ ލޯންޗަކަށް ވެފައި ލޯންޗްގައި ތިބީ ވެސް މުޅީން ބީރައްޓެހިންނެވެ.
ބަގީ މަޑުކުރުމާއެކު މާޔާ ފޭބުމަށްފަހު ބޭރުގައި މަޑުކޮއްލައިގެން ހުރީ ޑްރައިވަގެ ފަހަތުން އާއިޒް ދާން ފެށުމުންނެވެ. ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި އެ ދެ މީހުން އެނބުރި އަންނަތަން ފެނުނެވެ.
" ފުރަންވީމަ ބޭބެ ނަންބަރަށް ގުޅާލާ އިނގޭ." ނަންބަރު ކިޔުމަށްފަހު ޑްރައިވަރ ބުނެލިއެވެ. އަދި އަވަސް އަވަހަށް އޭނާ ބަގީއަށް އަރައިގެން ދިޔައެވެ.
ފަސްއެނބުރި ބަލައިލުމާއެކު އާއިޒަށް ފެނުނީ ސުވާލުތަކުން ފުނިޖެހިފައިވާ މާޔާގެ މޫނެވެ. އެ މޫނުމަތީގައިވާ ނުތަނަވަަސްކަމުގެ އަސަރުތައް އާއިޒް ދެނެގަތެވެ.
" އެންމެ ރޫމެއް ލިބުނީ. މާޔާ މަޑުކޮއްލާ ރޫމްގަ. އަހަރެން ނުނިދާނަން. ސިޓިންރޫމްގައި އިންނާނީ." އާއިޒް ބުނެލިއެވެ.
" އެކަމަކު... ނުނިދައެއް ނުހުރެވޭނެއެއްނު. " މާޔާއަށް ބުނެވުނީ ބޭއިހްތިޔާރުގައެވެ.
" އެއް ކޮޓަރިއެއްގައި ވެސް ނުތިބެވޭނެ އެއްނު." އާއިޒް މަޑުމަޑުން ބުނެލިއެވެ.
އާއިޒް ގެއަށް ވަންނަން ހިނގައިގަތުމުން ފަހަތުން މާޔާ ވެސް ދިޔައެވެ. ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ގެ އެއްކަމުން، ކޮޓަރިއަށް ވަދެވެންދެން ވެސް މާޔާ ދިޔައީ އެކި ދިމަދިމާލަށް ބަލަމުންނެވެ.
ކޮޓަރިއަށް ވަނުމަށްފަހު ވެސް މާޔާއަށް ހުރެވުނީ އާއިޒްގެ މޫނަށް ބަލައިލަން ނުކެރިފައެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް، އެނދުމަތީ ބެހެއްޓުމަށްފަހު މާޔާ ކޮޓަރީގެ ދިމަދިމާލަށް ނަޒަރު ހިންގާލިއެވެ.
" އަހަރެން... އަހަރެން މި ދަނީ ސިޓިންރޫމަށް.." އާއިޒް ބުނެލީ މަޑުމަޑުންނެވެ.
އިތުރަށް އޭނާ އެންމެ ހިނދުކޮޅަކު ވެސް މަޑެއް ނުކުރިއެވެ. ބޭރަށް ނިކުންނަން ހިނގައިގަތީއެވެ.
" އާ...އާއިޒް. " މާޔާ އަވަސް އަވަހަށް ގޮވާލުމާއެކު އާއިޒް ހުއްޓުނެވެ. އަދި ސުވާލުގެ ނަޒަރަކުން މާޔާގެ މޫނަށް ބަލަން ފެށިއެވެ.
" ފޯނު... ފޯނު ދެވިދާނެތަ؟ މަންމައަށް ގުޅާލަން ވެގެން." މާޔާ ބުންޏެވެ.
" ފޯނެއް ނޯވޭތަ؟" އާއިޒް ހައިރާންކަމާއެކު އެހިއެވެ.
" ހޫމް. އަދި ނޯވެ. " މާޔާ ދިނީ ކުރު ޖަވާބެކެވެ.
" އޯހް. އެހެންތަ؟ " ފޯނު ދިއްކޮއްލަމުން އާއިޒް ބުންޏެވެ.
" އަހަރެން ބޭރުގައި މަޑުކޮއްލާނަން. ނިންމާލާފަ ގެނެސްދީ." އާއިޒް އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ.
މާޔާ ބޯ ޖަހާލީ ހިނިތުންވަމުންނެވެ.
" ނުވެސް އެނގި، ނުވެސް ބުނެ، ހަމަ ކުއްލިއަކަށް ފުރައިގެން ދިޔައީ؟ އެންމެ ކުޑަމިނުން ސަލާމްކޮއްލަން ވެސް ނާދޭ. " ނުހާ ހުރީ މާޔާދެކެ ވަރަށް ރުޅި އައިހެވެ.
" ކަންތައް ވީ ގޮތެއް ނުބަލާ ރުޅި އަންނާކަށް ނުވާނެ. އޭނާގެ ހާލަތު އަހަރެމެންނަށް ކިހިނެއް އެނގޭނީ؟ ބޮޑު ކަމެއް ނުވާނަމަ ޢީދަށް އައި މީހަކު އެ ގޮތަކަށް ނުދާނެ." ލީނާ، މާޔާ ދިފާޢުކުރަމުން ބުންޏެވެ.
" ރަނގަޅޭ! ކޮންމެ ކަމެއް ވިޔަސް އަހަރެމެން ދެ މީހުން ކައިރީ ނުބުނެ ދިޔައީމަ އަހަންނަށް އެއީ ވަރަށް ބޮޑު މައްސަލައެއް." ނުހާ ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ.
" ވީކަމެއް ނުވާ ކަމަކަށް ނުވާނެ. ދެން އޭނައާ ދިމާލަށް އެއްޗެހި ނުގޮވާ. ތިއަށްވުރެ މާ ބޮޑު ވާހަކައެއް އަހަރެން ދައްކަންވެފަ އެބައޮތޭ." ލީނާ އަވަސް އަވަހަށް ބުންޏެވެ.
" އަނެއްކާ ވެސް އަމާ ކަމެއް ކުރީތަ؟" ފަރުވާކުޑަ ގޮތަކަށް ނުހާ ބުނެލިއެވެ.
" ދެން ނުހާ! ތިހެން ބުނީމަ ބުނާހިތް ވެސް ކެނޑިއްޖެ. ހީވަނީ އަޑުއަހާ ހިތަކުން ނޫންހެން ތި ހުރީ." ލީނާ ޝަކުވާ ކުރިއެވެ.
" އާނ. އިތުރު ވާހަކައެއް ފަށާއިރު ވެސް ލީނާއަށް އެނގޭނެ އަހަރެން މި ހުރީ ވަރަށް ހާޑު ވެފަކަން. އަސްލުވެސް ވަރަށް ފޫހިވެފަ މި ހުރީ. އެހާ ޕްލޭންތައް ކޮއްފަ ޖެހޭތަ ދެން ފުރައިގެން ދާން؟" ނުހާ ބުންޏެވެ.
" އެހެންވިއްޔާ އަހަރެން ދައްކަން އުޅުނު ވާހަކަ ބާއްވާނީ. ކަލޭ ރުޅި މައިތިރިވީމަ މަ ކިޔައިދޭނަން." ލީނާ ބުންޏެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މާޔާ ބޭރަށް ނިކުތީ އާއިޒް ހޯދާށެވެ. އޭރު ސޯފާގައި އިން އާއިޒް އިނީ ފާރުގައި ބޯ ޖައްސާލައިގެން ލޯ މަރައިގެންނެވެ. ފެންނަ ފެނުމަށް އޭނާ ވެސް ހުރީ ވަރަށް ވަރުބަލި ވެފައެވެ. މާޔާ ގޮސް ހުއްޓުނީ ސީދާ އާއިޒްގެ ކުރިމަތީގައެވެ. އެއާއެކު މީހެއްގެ ހިލަމެއް ވީހެން ހީވުމުން އާއިޒް ސިހިފައި ހަށިގަނޑު ތެދުކޮއްލިއެވެ.
" މަންމަމެން ތިބީ ވަރަށް ކަންބޮޑުވެފައި. އަހަރެން ބުނިން ލޯންޗުން ދިމާވި ކުއްޖަކު އެހީތެރިވެދިން ވާހަކަ.ބައްޕަ ކައިރީ އަހަރެން ބުނިން އެއީ ބޯޓުން ދިމާވި ކުއްޖާއޭ. " މާޔާ އެހެން ބުނުމަށްފަހު އާއިޒަށް ފޯނު ދިއްކޮއްލިއެވެ.
އާއިޒް އެއްވެސް އެއްޗެއް ނުބުނެ ފޯނާ ކުޅެން ފެށިއެވެ.
" ތެންކްޔޫ އަހަންނަށް ހެލްޕް ވީމަ. އަސްލު ކީއްވެ އަހަންނަށް ތި އެހީވީ؟ ކުރީ ދުވަހު އަހަރެންދެކެ ރުޅި އައިސްގެން އެހާ އެއްޗެހި ކީމަ، އަހަރެން ހުރީ އާއިޒް ފެނިގެން ވަަރަށް ބިރުން." މާޔާ ވާހަކަ ދެއްކިއެވެ.
" ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވިފައި ހުރީމަ، އެކަނި ދޫކޮއްލަން ނުކެރުނީ. " އާއިޒް ބުންޏެވެ.
" އާއިޒް ނެތް ނަަމަ އަހަރެން ހަދާނީ ކިހިނެއް ކަމެއް ވެސް ނޭނގެ. ދަންނަ އެއްވެސް މީހަކު ލޯންޗަކު ނެތް." މާޔާ ބުނެލިއެވެ.
" ދެން ނިދަން ދޭ އަވަހަށް. " މާޔާ މާ ގިނަ ވާހަކަ ދައްކަން ފެށުމުން އާއިޒް ބޭނުންވީ އޭނާ ފޮނުވާލާށެވެ. ނަމަވެސް މާޔާ އިނީ ދާހިތަކުން ނޫނެވެ.
" ނިންޖެއް ނާދެ." މާޔާ އަވަސް އަވަހަށް ބުންޏެވެ.
އާއިޒް އިތުރަަކަށް އެއްޗެއް ނުބުންޏެވެ.
" އާއިޒް ވަރުބަލީ ދޯ. އެހެންވިއްޔާ ދަނީ." މާޔާ ތެދުވިއެވެ. ދެން ވެސް އާއިޒް ވާހަކައެއް ނުދެއްކިއެވެ. އެހެންވެ އިތުރަށް މަޑުކުރަން ނުކެރިގެން މާޔާ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަދެ އެނދުމަތީ މާޔާ އިށީނދެލީ ހިތްހަމަޖެހިގެންނެވެ. އެއާއެކު ލޯންޗް ތެރޭގައި އާއިޒްއާ ދާދި ގާތުގައި އިން ހަނދާންތައް ހިތަށް ވެރިވާން ފަށައިފިއެވެ. ހިނިތުންވުމާއެކު އެނދު ހުރަހަށް އޭނާ އޮށޯތީ އެ މަންޒަރުގެ ރީތިކަމާއި ހިތްގައިމުކަން ހިތާހަމައަށް ފޯރުމުންނެވެ. އޭރު ހިތުގައި ހިނގި އިޙްސާސްތައް މިހާރު ވެސް ހިނގަމުންދާ ކަހަލައެވެ.
" މާޔާ! ޕްލީޒް ވަރަށް އަވަހަށް ހުޅުވަބަލަ." މާޔާއަށް އިވުނީ އާއިޒްގެ އަޑެވެ.
އެ އަޑުގައި ހުރީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
" އަވަސް." ދޮރާހަމައަށް މާޔާއަށް ނުދެވެނީސް ދޮރުގެ ތަޅުގައި ހިފަމުން އާއިޒް އަނެއްކާ ވެސް ގޮވާލިއެވެ.
" ކި...ކިހިނެއްވީ؟ " ހާސްވެފައި މާޔާއަށް ސުވާލު ކުރެވުނު އިރު އާއިޒް ބާރުބާރަށް އެތެރެއަށް ދެމިގެންފިއެވެ.
(ނުނިމޭ)
މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ. ނަމަވެސް ދިމާވާކަމަކުން މިއިން ދުވަހަކު ވާހަކަ ނުގެނެސްދެވުމަކީ އެކަށީގެންވާ ކަމެކެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!