ވޭތުވެދިޔަ އަހަރުގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުން މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުޅުމާލޭ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްސީ) ގައި ބޭއްވުނު މި ޚާއްޞަ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން، އެމަނިކުފާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އޮނަރ ގާޑެއް ވަނީ އަރުވާފައެވެ.

Ad
rt

މީގެ އިތުރުން، މި ރަސްމިއްޔާތުގެ ތެރެއިން ދަރިވަރުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ ހަނދާނީ ހަދިޔާއެއްވެސް ވަނީ ވެދުންކޮށްފައެވެ.

މި ރަސްމިއްޔާތުގައި އިނާމު ދެވުނީ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިހާނުތަކުގެ ވަކިވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ހައި އެޗީވްމަންޓް އެވޯޑާއި، އައުޓްސްޓޭންޑިންގ ލަރނަރ އެވޯޑްތައް ހޯދި ކާމިޔާބު ދަރިވަރުންނަށެވެ. މީގެ ތެރެއިން އެންމެ ޝަރަފުވެރި އެވޯޑުތައް ދަރިވަރުންނާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ފާހަގަކުރެވުނު ގޮތުގައި، ރާއްޖޭގައި ތަޢުލީމީ އަދި ފަންނީ ޒުވާނުން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަކީ ޤައުމުގެ ދުރު ރާސްތާގެ ތަރައްޤީއަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވާ ވަރަށް މުހިންމު ތަސައްވުރެކެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ތަޢުލީމީ ދާއިރާގެ އިސް ބޭފުޅުންގެ އިތުރުން އިނާމު ހާސިލުކުރި ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.