ޖުލައި 5 ވަނަ ދުވަހުގެ އަދަދާއި ގުޅޭ:

" އެހެންވިއްޔާ މައިންބަފައިގެ ޒުވާބުގެ އަޑު ކޮޓަރިން ބޭރުވިޔަ ނުދީ. ދަރިންނަށް އިވުނީމަ ސުވާލު ކުރާނެކަން ވެސް އެނގެން ވާނެ." މާޔާ އެހެން ބުނެ ބާރުބާރަށް ގެއިން ނިކުންނަން ހިނގައިގަތެވެ. ހުރި ފިޔަވަޅުމަތީ ސުވޭދާއަށް ހުރެވުނީ ހިތްހަމަނުޖެހިފައެވެ.

Ad
rt

ބޭރުގައި ހުރި ޖޯލިފަތީގައި މާޔާ ގޮސް އިށީނީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ރަށަށް އައިއްސުރެން މަންމައާއި ބައްޕަގެ ހަމަނުޖެހުމުގެ އަޑު އިވިއިވި މާޔާ ހުރީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ރަށުގައި މަޑުކުރުމުގެ ހިޔާލު ވެސް މިހާރު ބަދަލުވާން ފަށައިފިއެވެ. މާ ބޮޑަށް ކަންކަމާ ފިކުރު ކުރެވޭތީ ހިތުގެ ހަމަޖެހުން ގެއްލެމުންދާކަން މާޔާއަށް އެނގެއެވެ.

" ދަރިފުޅު ކީއްވެ މި ގަޑީގައި ބޭރުގައި ތި އިނީ؟ ނަމާދު ކޮއްފިންތަ؟" ބައްޕަގެ އަޑަށް މާޔާ ދިޔައީ ސިހިގެންނެވެ.

މާ ބޮޑަށް ފިކުރު ބޮޑުވެފައި އިނުމުގެ ސަބަބުން ބައްޕަ އައިކަން ވެސް އޭނާއަކަށް ނޭނގުނެވެ.

" ނަމާދުކޮއްފިން." މާޔާ ދިނީ ކުރު ޖަވާބެކެވެ.

އޭނާ އެހެން ބުނުމާއެކު އިތުރު ސުވާލެއް ނުކޮށް، ރާޒީ ހިނގައިގަތީ ބޭރަށް ދާށެވެ.

" ބަަަ...ބައްޕާ! " އަވަސް އަވަހަށް މާޔާ ގޮވާލިއެވެ.

ހުއްޓުމަށްފަހު ރާޒީ ބަލައިލިއެވެ. މާޔާގެ އަޑުން އޭނާ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުން ވެފައި ހުރިކަން ރާޒީއަށް ފާހަގަ ކުރެވުނެވެ.

" މާލެ ފުރާ ބޯޓެއް އެބައޮތްތަ؟" މާޔާ އަހާލިއެވެ.

" މިރޭ ލޯންޗެއް ފުރާ ވާހަކަ އަޑުއެހިން. ކިހިނެއްވީ؟ " ރާޒީ އެހިއެވެ.

" އަހަރެން މާލެ ދާން ބޭނުން." މާޔާ ބުންޏެވެ.

" އެއީ؟" ރާޒީއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ.

" މާދަމާ އީދެއްނު. އީދު ނިންމާފައެއްނު ދެވޭނީ." ރާޒީ ބުންޏެވެ.

" އެކަމަކު ވެސް މާލެ ގޮސް ޓެސްޓަށް ދަސްކުރަން ހުންނަން ބޭނުމީ. ޢީދު ނިންމާފަ ޓެސްޓް ފަށާނެ. އެހެން ނޫނަސް ރަށް ވަރަށް ފޫހި." މާޔާ ބުންޏެވެ.

" މަންމައާ ވާހަކަ ދައްކާފައެއްނު ގޮތެއް ނިންމަން ވާނީ؟" ރާޒީ ބުންޏެވެ.

" އެ ލޯންޗުން ޖާގަ ހޯދައިދީ. އަހަރެން ބޭނުމީ މާލެދާން." މާޔާ ބުންޏެވެ.

" ހާދަ އަވަހަކަށް؟" ފަހަތުން އިވުނު ސުވޭދާގެ އަޑަށް މާޔާ ދިޔައީ ސިހިގެންނެވެ.

" އަހަރެން މި ދަނީ ބަނދަރުމައްޗަށް. ދެމައިން ވާހަކަ ދައްކާފަ ގޮތެއް ނިންމާ. އޭރުން ބައްޕަ ތި ކަމާ އުޅޭނަން." އަތުގައި އޮތް ފޯނަށް ބަލައިލަމުން ރާޒީ ބުންޏެވެ.

އޭރު ވެސް ހައިރާންވެފައި ސުވޭދާ ބަލަމުން ދިޔައީ މާޔާގެ މޫނަށެވެ. މާޔާގެ މޫނުމަތީގައި ހުރި ނުތަނަވަސްކަމާއި ކަންބޮޑުވުމަކީ ކޮބައިކަން ސުވޭދާއަށް ރަނގަޅަށް އެނގެއެވެ. ރާޒީ ދިޔުމާއެކު ސުވޭދާ ގޮސް މާޔާއާ ޖެހިގެން ހުރި ޖޯލީގައި އިށީނެވެ. ނަމަވެސް މާޔާ އިސްއުފުލައި އޭނާގެ މަންމަގެ މޫނަށް ބަލައިވެސް ނުލައެވެ. ހަމަހިމޭންކަމުގެ ކުޑަ ވަގުތު ކޮޅަކަށްފަހު، ސުވޭދާ ވާހަކަ ދައްކަން ފެށީ ނުހަނު މަޑުމަޑުންނެވެ.

" ބައްޕައަށް ބަދަލުތަކެއް އަންނަމުންދާތާ މިހާރު ވަރަށް ދުވަސްވެއްޖެ. ދަރިފުޅު ތުއްތު އިރުއްސުރެން ބައްޕަ، މަންމައާ ވަރަށް ދުރު. ދެން ވަރިކޮއްފިއްޔާ ވާނީ ތިން ފަށް. އެހެންވެ، މަންމަ ރުޅި އަންނައިރަށް ބައްޕަ ބޭރަށް އެ ދަނީ. އަންނަ ރުޅީގަ ކޮންމެ ފަހަރަކު ވަރި ކުރާނީ." ސުވޭދާގެ ވާހަކައިން މާޔާއަށް ލިބުނީ ހައިރާންކަމެވެ. ސުވާލުތައް ހިތުގެ ތެރޭގައި އުތުރި އަރާއިރު ވެސް ދޫ އޮތީ ހިމޭންވެފައެވެ. މަންމައަށް ކޮއްފައިވާ އަސަރުތައް އެ މޫނުމަތިން ވެސް ސާފުކޮށް ހާމަވެގެން ދެއެވެ. މާޔާ އެންމެ ދެރަވީ އެކަމާއެވެ.

" ކާކުކަން ނޭނގުނަަަސް ބައްޕަގެ ޙަޔާތުގައި މަންމަ ނޫން އިތުރު އަންހެނަކު ހުރޭ. މިއަދު އުމުރުން ދުވަސްވީމަ އެ ކުޅިވަރު ފަށައިގެން ދަރިންގެ ކުރިމަތީގައި ލަދުގަންނަން މި ޖެހެނީ." ސުވޭދާ ބުންޏެވެ.

" އެއީ ކާކު؟ " މާޔާ އެހިއެވެ.

ސުވޭދާ ދެ ފަރާތަށް ބޯ ހޫރާލިއެވެ.

" ނޭނގެ. މީހެއްގެ ފަރާތުން ވެސް އެ ކަހަލަ އަޑެއް ވެސް ނާރަ. އެކަމަކު މަންމައަށް އެނގޭ. ޔަޤީން ކުރެވޭ. ޝައްކުވަމުން ގޮސް މިހާރު ޔަޤީން ކުރެވޭ. " ސުވޭދާ ފެންކަޅިވެއްޖެއެވެ. އެ މަންޒަރު ބަލަން މާޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާ މަޑުމަޑުން މަންމަގެ ކޮނޑުގައި ބޯ ޖައްސާލިއެވެ.

" މަންމާ! މިއަދާ ހަމައަށް ވެސް މަންމަ ތި ހިތްވަރު ކުރީއެއްނު. ތިން ފަށް ވެދާނެތީ ބިރުން ނުހުރޭ. މަންމައަށް ހިތްދަތިކަން ދެމުން ބައްޕައަށް އެހެންނެއް ނޫޅެވޭނެ. އަހަރެން ބޭނުން ބައްޕައާ ވާހަކަ ދައްކަން." މާޔާ ބުންޏެވެ.

އެއާއެކު ސުވޭދާ ތެޅިގަތެވެ. އޭނާގެ މޫނުމަތިން ފެންނަމުންދަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ. ބާރުބާރަށް މާޔާގެ ދެ އަތުގައި ހިފަމުން ސުވޭދާ ވާހަކަ ދައްކަން ފެށިއެވެ.

" ހަބަރުދާރު. މި ވާހަކަ ބައްޕައަށް އަންގައިގެން ނުވާނެ. ބައްޕައާ ވާހަކަ ދެއްކީމަ އިތުރަށް މަންމަދެކެ ރުޅި އަންނާނީ. މީހުންނަށް ހީވަނީ ވަރަށް އުފަލުން އުޅޭ ބައެކޭ މިއީ. އެކަމަކު އެ ވިގަނި ބައްޕައާ ހިތާވި ފަހުން މި ދިރިއުޅުމުގެ އުފާވެރިކަން ގެއްލިއްޖެ." ސުވޭދާ ބުނެލިއެވެ.

" އެހެންވިއްޔާ އަހަންނަކަށް މި ރަށަކު ނުހުރެވޭނެ. މިތާ އަހަރެން ހުންނަން ވެއްޖެއްޔާ މަންމަ ބޭނުންވާ ގޮތަށް އެއްކަމެއް ވެސް ނުވާނެ. އަހަރެން އަނބުރާ މާލެ ފޮނުވައިދީ." މާޔާ ބުންޏެވެ.

ދަރިފުޅު ދުރަށް ފޮނުވާލަން ބޭނުން ނުވި ނަމަވެސް، ސުވޭދާއަށް ޖެހުނީ މާޔާގެ އެދުމަށް އެއްބަސްވާށެވެ.

މާޔާ ރަށަށް އައުމާއެކު ގެއަށް ދިރުން އައި ނަމަވެސް އާއިލާގެ އުފާވެރިކަން ގެއްލިދާކަށް ކުޑަ ވަގުތުކޮޅެއް ވެސް ނުނެގިއެވެ. ފޮށި ބަންދު ކުރުމުގައި ފިރާޝާ ހުރީ މާޔާއަށް އެހީތެރިވެދޭށެވެ. ނަމަވެސް ހަރަކާތްތައް އަވަސްވެފައި ހުރި މާޔާ، މިއަދު ފިރާޝާއާ ވެސް ވާހަކައެއް ނުދައްކައެވެ. އެހެންވެ، ފިރާޝާއަށް ވެސް ހުރީ އަނގައިން ބުނަން ނުކެރިފައެވެ.

" މާޒިން." ބޭރަށް ބޯ ދިއްކޮަލަމުން ފިރާޝާ އޭނާގެ ފިރިމީހާއަށް ގޮވާލިއެވެ.

" ފޮށި ނިމިއްޖެ." މާޒިން އައުމާއެކު ފިރާޝާ ބުންޏެވެ. އޭރު ސިޓިންރޫމްގައި ހުރި ގޮނޑިއެއްގައި ސުވޭދާ ވެސް ފިކުރު ބޮޑުވެފައި އިނެވެ.

ކޮޓަރިއަށް ވަތް މާޒިންގެ ފަހަތުން މާޔާ ވެސް ނިކުތެވެ. އެއާއެކު މަންމަ އިން ގޮތް ފެނި މާޔާގެ ލޮލުން ކަރުނަ ހިލިގެން ދިޔައެވެ. އާއިލާަ ދޫކޮށް ދުރަށް ދާކަށް މާޔާ ފަހަރެއްގައި ވެސް ބޭނުމެއް ނޫނެވެ.

" ދޮންބެއާއެކު މި ދަނީ. މަންމަ އެ ތަނަށް ދިޔައްޔާ އަހަރެން މާ ދެރަވާނެ." ސުވޭދާގެ ބޮލުގައި ފިރުމާލަމުން މާޔާ ބުންޏެވެ.

" ޓެސްޓަށް ދަސްކުރެވޭނެ މިތާ ހުރެގެން ވެސް. ބައްޕަ ބޭނުމެއް ނޫން މާޔާ އެކަނި ފޮނުވާޅާކަށް." ބޭރުން އައިސް ވަތް ރާޒީގެ އަޑަށް އެންމެން ދިޔައީ ސިހިގެންނެވެ. ބައްޕަގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން މާޔާއަށް ހުރެވުނެވެ.

" މިތާ ހުރެގެން ނުވާނެތީ ދާން މި އުޅެނީ. މިތާ ހުންނަން ވިއްޔާ، ބައްޕަދެކެ އިތުރަށް އަހަރެން ރުޅި އަންނާނީ." ބާރުބާރަށް އެހެން ބުނުމަށްފަހު މާޔާ ނިކުންނަން ހިނގައިގަތެވެ. ފަހަތުން ފިރާޝާއާއި މާޒިން ވެސް ދިޔައެވެ.

" ކޮންމެވެސް އެހެން ކަމެއް އެބައުޅޭ. ކަލެއަށް އެނގޭނެ. " އިސްޖަހާލައިގެން އިން ސުވޭދާއާ ގާތަށް ޖެހިލަމުން ރާޒީ ބުންޏެވެ.

" ކަލެއަށް އެނގޭ ވަރަށް މަށަށް ވެސް އެނގެނީ." ޖެހިލުންވެ އިނދެ ސުވޭދާ ބުނެލިއެވެ.

" އަހަންނޭ ކިޔައިގެން އެ ވާހަކަތައް ދެއްކީތަ؟ " ރާޒީ އެހިއެވެ.

" އަހަރެން ނުބުންޏަސް އެއް ގެއެއްގަ އުޅޭއިރު ނޭނގޭތަ ވަރަށްތަ އަހަރެމެން ޒުވާބު ކުރަނީ؟" ސުވޭދާގެ ޖުމްލައިން ރާޒީގެ ރުޅިގަނޑު އިންތިހާއަށް ގަދަވިއެވެ. އޭނާ، ސުވޭދާގެ މޫނާ ދިމާލަށް ގުދުވެލީ ދެ ލޯ ބޮޑުކޮށްގެން ހުރެއެވެ.

" މަ ތަ ޒުވާބު ކުރަނީ؟ ރޭގަނޑު ބޭރުން އައިސް ގެއަށް ވަނިއްޔާ ސުވޭދާގެ މޫނު ބަލައިލަން ނުކެރޭނެ. ކޮންމެވެސް އަންހެނަކާ މަށާ އަޅުވާ ނުކިޔާ އިރެއް ނުދާނެ. ދަރިންނާ ހަމައަށް އެ އަޑުތައް ހިނގައިދާނެތީ އޭރު ވެސް މަ ބުނީ އަޑުގަދަ ނުކުރާށޭ." ރާޒީ ބުންޏެވެ.

" ދަރިންނަށް ވެސް ބައްޕަ އުޅޭ ގޮތް އެނގެން ޖެހޭނެ. މަގޭ ޝައްކެއް ނޫން ކުރަނީ. މަށަށް އެނގޭ ހުރިހާ ކަމެއް ވެސް. ނޭނގެނީ އެ އަންހެންމީހާއަކީ ކާކު ކަން. އެނގޭ ދުވަހަކުން...." ސުވޭދާގެ ވާހަކަ ރާޒީ މެދުކަނޑާލީ ނުހަނު ރުޅީގަދަވެ ހުރެއެވެ.

" އެނގޭ ދުވަހަކުން މަގޭ އޭނައާ އިންނާނަން. ހޯދަބަލަ އެއީ ކާކުކަން. އޭނަ ނަން ސުވޭދާގެ ދުލުން މަށާ ދިމާލަށް ބުނާ ދުވަސް އެ މަ އޭނައާ އިންނަ ދުވަސް." ރާޒީ އެހެން ބުނުމަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު ރުޅި ގަދަވެފައި އިން ސުވޭދާއަށް ރޮވިއްޖެއެވެ.

މާޔާމެންނަށް ދެވުނު އިރު ލޯންޗަށް މީހުން އަރައިފިއެވެ. އެހެންވެ، ޖެޓީގައި މާ ގިނައިރު މަޑުކުރާކަށް މާޔާއަކަށް ވަގުތެއް ނުލިބުނެވެ.

" މަންމަ ރަނގަޅަށް ބަލައްޗޭ." ފިރާޝާގެ އަތުގައި ހިފަމުން އެންމެ ފަހު ބަހަކަށް މާޔާ ބުނެލިއެވެ.

އަނގައިން ބަހެއް ބުނުމެއްނެތި މާޒިން ހުރުމުން ފިރާޝާ ހުރީ ހިތް ނުތަނަވަސް ވެފައެވެ. ނަމަވެސް މާޔާ ދާތީ މާޒިންއަށް ވެސް ހުރީ ވަރަށް އަސަރު ކޮއްފައިކަން އޭނާއަށް އެނގެއެވެ.

" ގެއަށް ދެވުނީމަ ޚަބަރު ވައްޗޭ. " މާޒިން ބުންޏެވެ.

ބޯ ޖަހާލުމަށްފަހު މާޔާ ލޯންޗަށް އެރިއެވެ. ހުސް ޖާގައެއް ފެނޭތޯ، އެކި ދިމަދިމާލަށް އޭނާ ނަޒަރު ހިންގާލުމާއެކު ލޮލުގައި އަޅައިގަތީ ސީދާ އޭނާއަށް ނަޒަރު ހުއްޓައިގެން އިން، އާއިޒެވެ. އެއާއެކު މާޔާގެ ހިތް، އަވަސް ވެގެން ދިޔައެވެ. އެންމެ ފަހުން ބައްދަލްވި ދުވަހު އާއިޒް ކީ އެއްޗެހި އަނެއްކާ ވެސް އިވެން ފެށި ކަހަލައެވެ.

" ކަމަނަ އެ ސީޓަށް ދޭ އަވަހަށް. " ލޯންޗުގެ ފަޅުވެރިޔަކު މާޔާ ގާތު ބުނެލިއެވެ.

އޭނާ ދައްކާލީ، އެންމެ ފަހަތު ސީޓުގެ ކަނެވެ. މާޔާއަށް ހުރީ ހިނގައިގަންނަން ނުކެރިފައެވެ. އާއިޒްއާ އެހާ ކައިރީ އިންނަން އޭނާ ފަސްޖެހެއެވެ. އާއިޒްގެ މޫނުމަތީގައިވާ ޝުޢޫރުތަކުން މާޔާއަށް އެއްވެސް އެއްޗެއް ދޭހައެއް ނުވިއެވެ. މަޑުމަޑުން ގޮސް މާޔާ އިށީނުމާއެކު ލޯންޗުތެރޭގައި ދިއްލާފައި ހުރި ބޮކި ނިވާލައިފިއެވެ. އަދި ލޯންޗު ޖެޓީއާ ދުރުކުރަން ފެށިއެވެ.

ބާރުބާރަށް ތެޅެމުންދާ މާޔާގެ ހިތަށް ހަމަޖެހުމެއް ލިބޭތޯ އޭނާ މަސައްކަތް ކުރަމުންދެއެވެ. ބޭރަށް ބަލަހައްޓައިގެން އިނެއް ކަމަކު މުޅި ސިކުނޑިތެރޭގައި އެނބުރެމުން ދަނީ ދާދި ގާތުގައި އިން އާއިޒެވެ. ލޯންޗް ދުއްވާލުމާއެކު މާޔާގެ ރީިތި ބުޅި އިސްތަށިތައް ވަޔާ ވިހުރެން ފަށައިފިއެވެ. އަތުގައި އަޅުވާފައި އޮތް ރަބަރުން އޭނާ އަވަށް އަވަހަށް ބޯ އައްސާލިއެވެ. އަދި ސިއްރުސިއްރުން އާއިޒްއަށް ބަލައިލިއެވެ. އަނދިރީގެ ތެރެއިން އޭނާއަށް އެ މޫނުމަތިން އެެއްވެސް އެއްޗެއް ނުފެނުނެވެ. އެހެންކަމުން މާޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ނަމަވެސް އާއިޒާ އެހާ ގާތުގައި އިންނަން ޖެހުމުން އޭނާއަށް އާދަޔާ ޚިލާފް އަސަރުތަކެއް ކުރާކަން ޚުދު އޭނާއަށް ވެސް އެނގެއެވެ.

( ނުނިމޭ)

މި ވާހަކަ ގެނެސްދޭން ހަމަޖެހިފައި ވަނީ ކޮންމެ އާދީއްތަ، އަދި ބުދަ ދުވަހެވެ. ނަމަވެސް ދިމާވާކަމަކުން މިއިން ދުވަހަކު ވާހަކަ ނުގެނެސްދެވުމަކީ އެކަށީގެންވާ ކަމެކެވެ.

(ނިމުނީ)