އޭރު އަހަރެން ހުރީ ފެންކަޅިވެފައެވެ. އަހަރެން ތަހައްމަލްކުރަމުންދާ ވޭން ހުސެން، ތަޖުރިބާކުރާކަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެންގެ ނަޒަރުގައި ހުސެން ކަހަލަ މީހަކު ލިބޭނީ ނަސީބުވެރިއަކަށެވެ.
" ދެން އެކަމާ ނުވިސްނާ ނިދާލަބަލަ." ހުސެން ބުންޏެވެ.
ހުސެންއަށް ގުޑްނައިޓް ކިޔުމަކީ އަހަރެން އެންމެ ފޫހިވާ ވަގުތެވެ. ވާހަކަ ދެއްކުން ހުއްޓާލާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ހުސެންއަށް މެސެޖް ކުރާ ހިތްވެއެވެ.
" އައި ވެސް ނިދޭތޯ މި ބަލަނީ." ހުސެން އަނެއްކާ ވެސް މެސެޖެއް ފޮނުވިއެވެ.
އެ ވަގުތު އޭނާއަށް އުނދަގޫ ނުކުރަން ވެގެން އަހަރެން ވެސް ގުޑްނައިޓް އޭ ބުނެ ފޯނު ބޭއްވީމެވެ. ނަމަވެސް އާދައިގެ މަތިން މިރޭ ވެސް އަހަންނަކަށް ނިދޭ ގޮތެއް ނުވިއެވެ. ހަތަރުދަމު އަހަންނަށް އޮވެވުނީ ހުސެންގެ ހިޔާލްތަކަށް ގޮސް ގެއްލިފައެވެ.
ރޭގަނޑުގެ ނިދި އަހަންނާ މިހާރު ބީރައްޓެހި ވެއްޖެއެވެ. އެހެންވެ، ދުވާލުގެ މަސައްކަތްތަކަށް ބައެއް ފަހަރު ބުރޫ އަރައެވެ. ނަމަވެސް އެހެން ހުރިހާ ކަމަކަށް ވުރެ ބޮޑަށް އަހަންނަށް މިހާރު އިސްކަން ދެވެނީ އަހަރެންގެ އަމިއްލަ އުފަލަށެވެ. އެއީ ހުސެންއެވެ. ހުސެންއާ ވާހަކަ ދައްކާލުމެވެ. އޭނާއާ ވާހަކަ ދައްކާލައިގެން މެނުވީ އަހަރެންގެ ސިކުނޑިވެސް ރަނގަޅަށް މަސައްކަތް ނުކުރާ ކަހަލައެވެ.
ލިލީއަށް ސައިދޭން އިންދާ ޒިޔާދު ގުޅަން ފެށިއެވެ. އޭނާ އެހާ މައިރާ ގުޅާތީ ކޮންމެވެސް ވަރަކަށް އަހަރެން ކަންބޮޑުވިއެވެ. ނަމަވެސް ފޯނު ނަގައި، އާދައިގެ ގޮތަކަށް ހަލޯއޭ ބުނީމެވެ.
" އަހަރެން ވަރަށް އަވަހަށް މާލެ ދާނަން." ޒިޔާދުގެ ފުރަތަމަ ޖުމްލައިން އަހަރެންގެ ހިތް ތެޅި ގަތެވެ.
" އެއީ؟" އަހަންނަށް ކުރެވުނީ މޮޔަ ސުވާލެކެވެ.
" އެއީ އޭ؟ " ކުރެވުނު ސުވާލާމެދު ވިސްނާލެވުނީ ޒިޔާދުގެ ބާރު އަޑުންނެވެ.
" މި ބުނީ ކުއްލިއަކަށް ތި އަންނަނީ ކީއްވެ؟ ކަމެއް ވީތަ؟" އަހަރެން އެހީމެވެ.
" އުނހު. ކަމެއް ނުވޭ. ހަމަ ހަފްތާއަކަށް ޖައްސާލަނީ. ލިލީ ކައިރިއަށް ނުދެވޭތީ އެ މަންޖެ މިސްވެގެން." ޒިޔާދު ބުންޏެވެ.
އެއާއެކު އަހަންނަށް ލިލީގެ މައުސޫމް މޫނަށް ބަލައިލެވުނެވެ. ލިލީ އިނީ އޭރު ޓީވީ ބަލާށެވެ. އަނގަޔަށް ލީ ރޮށި ކޮޅު މަޑުމަޑުން ހަފަމުން ދެއެވެ.
" ދެން އަދި ތި ރަށަށް ދާން ޖެހޭތަ؟" އަހަރެން އެހީމެވެ.
" އާނ. ވީކެއް ކޮއްފައި އަންނަން ޖެހޭނެ." ޒިޔާދު ބުންޏެވެ.
" އޯކޭ. ލިލީއަށް ސައިދެނީ މި. ފަހުން ގުޅާނަން އިނގޭ." އަހަރެން ބުނީމެވެ.
" ކިހިނެއްވީ؟ ހާދަ އަވަހަކަށް ބާއްވަނީ. " ޒިޔާދު ބުންޏެވެ.
" އަހަރެން ވާހަކަ ދައްކަން ފެށިއްޔާ ޒިޔާ އުޅޭނެ ރުޅި ގަދަވެގެން އަވަހަށް ބާއްވަން." އަހަރެން ބުނީމެވެ.
" އޯހް. އެހެންވީމަ ތައިބާ މިހާރު ވަރަށް ބޮޑަށް ރަނގަޅު ކޮއްފި އިނގޭ. ތިހެންނޭ ވާން ޖެހޭނީ. އަމިއްލައަށް އަންޑަސްޓޭންޑްވީމަ ކިހާ ސަޅި. " ޒިޔާދު ބުންޏެވެ. އެއްމިޔަކަނުން އަހަންނަށް ހިނިގަނޑެއް ޖަހާލެވުނީ ވީ ފޫއްސަކުންނެވެ. އޭނާ ފޯނު ބޭއްވި އިރު އަހަރެންގެ މޫޑު މުޅިން ބަދަލު ވެއްޖެއެވެ.
ހަގީގަތުގައި ވެސް ޒިޔާދު އަހަންނާ ވާހަކަ ދައްކަން ބޭނުން ނުވާކަން ޔަގީން ވެއްޖެއެވެ. އޭނާ ދައްކަން ބޭނުންވާ ވާހަކަ، ދައްކާ ނިމުމުން ފޯނު ބޭއްވުމަކީ ޒިޔާދު ބޭނުންވާ ގޮތެވެ. އަހަރެންގެ އަމިއްލަ ކަންކަމާމެދު އޭނާ މާ ބޮޑު ފަރުވާލެއް ނުބަހައްޓާ ކަހަލައެވެ. ދެން ވެސް އަހަރެން ހިތަށް އެރީ އަބަދުވެސް ޒިޔާދާމެދު އަހަރެންގެ ހިތް ކުރާ ޝަކުވާއެވެ. ޒިޔާދު ލާރި ދިނީމަ އަހަރެން ހުންނަން ޖެހޭނީ އުފަލުން ކަމުގައި ޒިޔާދު ގަބޫލު ކުރެއެވެ. ހިތާމަކޮށް، ޝަކުވާ ކުރަން ޖެހޭ އެއްވެސް ކަމެއް އިތުރަށް އޮވެގެން ވެސް ނުވާނެއެވެ. އެއީ ޒިޔާދު އަބަދުވެސް އަހަންނާ ދިމާލަށް ބުނާ އެއްޗެކެވެ.
އަނެއްކާ ވެސް ފޯނު ރިންގްވާން ފެށިއެވެ. ބަލައިލި އިރު ގުޅަނީ ނޫރާއެވެ. އެއާއެކު އޭނާ އުމްރާއަށް ގޮސް އައީކަން އަހަންނަށް އެނގުނެވެ. ފޯނު ނެގުމާއެކު އޭނާ އެދުނީ އެ ގެއަށް އައިސް ދިނުމަށެވެ. ނޫނެކޭ ބުނާކަށް އަހަންނަކަށް ނުކެރުނެވެ. އަވަސް ހަރަކާތްތަކާއެކު ލިލީގެ ހުރިހާ ކަމެއް ނިންމާލުމަށްފަހު އަހަރެން ތިރިއަށް ފޭބީ ނޫރާގެ ގެއަށް ދާށެވެ.
އޭރު ގަޑިން މެންދުރު ވެއްޖެއެވެ. ހޫނު ބާރު ކަމުން އަހަރެން ދުއްވީ ފުދޭ ވަރަކަށް ބާރަށެވެ. ދުއްވަމުން ދިޔަ މިސްރާބު އަހަރެން ބަދަލު ކޮއްލީ މަގު ކުރުކޮއްލުމަށްޓަކައެވެ. ސައިކަލްގެ ސްޕީޑް މަޑުކޮއްލަމުން އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ މަގުގެ އެއް ފަރާތެއްގައި ހުރި ރީނދޫ ކުލައިގެ ސައިކަލެކެވެ. ތަންކޮޅަކަށް އައިސް އަހަރެން ސައިކަލް މަޑުކޮއްލީމެވެ. އަދި ރަނގަޅަށް ފަހަތް ބަލައިލީ އިތުރަށް ޔަގީން ކޮއްލާށެވެ. އެ ވަގުތު އަހަރެންގެ ޝައްކު ޔަގީންވީ ސައިކަލް ކައިރީ ހުސެން ހުރިތަން ފެނުމުންނެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ކަޅުފަޓްލޫނެއް ލައިގެން އޭނާ ހުންނަ އިރު އަހަންނަށް މާ ކަމުގޮއްސިއެވެ. ވަގުވަގަށް ހުސެންގެ ފޮޓޯއެއް ނެގުމަށްފަހު ސްނެޕް ކޮއްލީމެވެ. އަދި ބާރުބާރަށް އަވަހަށް ދުއްވާލީމެވެ.
" ތިއީ ޖިންނި އެއްތަ؟ ކޮންތާކު؟" ހުސެން މެސެޖް ކުރިއެވެ.
އަހަރެން ސްނެޕް ބަލައިލީ ނޫރާގެ ގެއަށް ވަދެފައެވެ.
" ކޮބާ ޔޫ؟ އަހަރެން އޮފީހަށް ދާ ގަޑި ބަލައިގެން ފަހަތުން ދުއްވަނީތަ؟" ހުސެން އެހިއެވެ.
" ހޭ ނޫން. ހަމަ އިއްތިފާގެކޭ." އަހަރެން ބުނީމެވެ.
" މިހާރު ކޮބާ؟ ކޮންތާކު ތި ހުރީ؟" ހުސެން އެހިއެވެ. އެ ވަގުތު އޭނާ އަހަރެން ދެކޭ ހިތްވީބާއޭ ހިތަށް އެރިއެވެ.
" މިހާރު މި ހުރީ ނޫރާގެ ގޭގައޭ. އަސްލު ޔޫގެ ސައިކްގަ މާ ޔުނިކް ކުލައެއް ހުންނާތީ އެހާ ފަސޭހައިން ލޮލުގައި އަޅައިގަންނަނީ. މަގުމަތިން ވެސް މިހާރު މީހުންގެ މޫނަކަށް ބަލާކަށް ނުޖެހޭ ހުސެން ބާވައޭ ހީކޮށްފައެއް. މާ ދުރުން ތި ސައިކް އެނގޭނެ އައިއަށް. ނަންބަރު ވެސް ހިތުދަހޭ. "
އަހަރެން ބުނީމެވެ.
" ސުބްހާނަﷲ. ތިހާ ވަރަށް ނުވާނެ ބަލާކަށް." ހުސެން ބުންޏެވެ.
އަހަރެން އެ ހަރުފަތަށް އަންނަން ހުސެން ބޭނުން ނުވިޔަސް، އަހަރެންގެ ހިތް ހުދު އަހަންނަކަށް ވެސް މައިތިރިއެއް ނުކުރެވެއެވެ. އެހެން ހުރިހާ ކަމަކަށް ވުރެ އޭނާގެ ކަންތައްތައް މުހިއްމުވާކަން ވެސް އަހަންނަށް ގަބޫލު ކުރެވެއެވެ. ނޫރާގެ ގޭގައި އިން އިރު ވެސް އަހަންނަށް އިނދެވުނީ އާދަޔާ ހިލާފަށް އުފާވެފައެވެ. ހުސެން ފެނިލިޔަސް، އަހަރެން ހިތްހަމަ ޖެހެއެވެ. އެ އުފާވެރިކަން މުޅި ދުވަހަށް ދެމިގެންދާކަން ވެސް މިހާރު އެނގިއްޖެއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ލިލީ ނިންދަވާފައި އަހަރެން ނިކުމެ، ސޯފާގައި އިށީނދެލީ ކޮފީތައްޓެއް ހިފައިގެންނެވެ. އެއް އަތުން ފޯނަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން ކޮފީ ބޮމުން ދިޔައީމެވެ. އޭރު ވެސް އިންތިޒާރު ކުރަމުން ދިޔައީ ހުސެންގެ މެސެޖަކަށެވެ. އޭނާ އަހަންނަށް މެސެޖެއް ކޮއްނުލާ، މާ ގިނައިރު ވިޔަސް އަހަރެން ވަރަށް ބޮޑަށް ހާސްވެއެވެ. ހިތަށް އުނދަގޫވެ، ދެރަވެއެވެ. ދުވަހުގެ ހަމަޖެހުން ގެއްލި މޫޑު ގޯސްވެއެވެ.
" ކީއްކުރަނީ؟" އަހަރެން އަހާލީމެވެ.
ހުސެންގެ ރިޕްލައިއަކަށް އަހަރެން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީމެވެ. ކުއްލިއަކަށް ޒިޔާދުގެ ކޯލް، އަހަރެން ސިއްސުވާލައިފިއެވެ.
" މި ގަޑީގައި؟" އަހަންނަށް ހިތާހިތާ ބުނެވުނެވެ.
" ހަލޯ؟" ޒިޔާދުގެ އަޑުގައި ހުރި ހާސްކަން އަހަންނަށް ފާހަގަ ކުރެވުނެވެ.
" ހޫމް." ޖެހިލުންވެފައި އަހަރެން ބުނީމެވެ.
" އިރުކޮޅަކުން މީހަކު ގުޅާނެ އެއްޗެއް ހިފައިގެން ގޮސް. އެ ނަގާފައި އަނެއް ކޮޓަރި އަލަމާރިއަށް ލައި ތަޅުލާތި. ތަޅުދަނޑި ތައިބާ ފޮރުވާ. އަދި ބުނަންތަ؟ އެ ކޮޓަރިއަށް ދެން ނުވަންނާތި. ކޮޓަރި ވެސް ތަޅުލާތި." ޒިޔާދު ވާހަކަ ދެއްކި ގޮތުން އަހަރެން ޖެހިލުންވިއެވެ.
" ކޯއްޗެއް ގެންނަނީ؟" އަހަރެން އެހީމެވެ.
" އެ ކޮތަޅު ނުކަނޑާތި. ކޯއްޗެއްތޯ ވެސް ނުބަލާތި. ހުރި ގޮތަށް ގެން ގޮސް މި ބުނި ގޮތަށް ކަންތައް ކުރޭ." ޒިޔާދު އެހެން ބުނުމާއެކު އަހަރެންގެ ފޯނަށް ނުދަންނަ ނަންބަރަކުން ގުޅަން ފެށިއެވެ.
" އެ ގުޅަނީތަ؟" އަހަރެން ޒިޔާދު ގާތު އެހީމެވެ.
" އާނ! ވަރަށް އަވަސް ކުރާތި. ފޯނުގައި ހުރެގެން ގޮސް އެ ނަގާ." ޒިޔާދު ބުންޏެވެ.
އަހަރެން ކުރިއަށް ވުރެން ވެސް ޖެހިލުންވެއްޖެއެވެ. ޒިޔާދު އެހާ ސިއްރުން ގެއަށް ވައްދަން އެ އުޅެނީ ކޯއްޗެއް ކަމެއް ނޭނގޭތީ އަހަންނަށް އުނދަގޫވާން ފެށިއެވެ.
" ބުނެބަލަ! ކޯއްޗެއްތަ އެއީ؟" ތެދުވަމުން އަހަރެން ސުވާލު ކުރީމެވެ.
" ދެން މާ ސުވާލު ގިނަ ނުކޮއްބަލަ! އަވަސް ކުރޭ ތައިބާ." ޒިޔާދު ބުންޏެވެ.
އަހަރެން ބޭރަށް ނިކުތުމާއެކު މަގުގެ އަނެއް ފަރާތުގައި ހުރި މީހަކު އަހަންނާ ދިމާލަށް އަންނަން ފެށިއެވެ.
" ޒިޔާދުގެ ވައިފް؟" އޭނާ އެހިއެވެ.
އަހަރެން ބޯ ޖަހާލުމާއެކު އޭނާ އަހަރެންގެ އަތަށް ދިއްކޮއްލީ އެތެރެ ނުފެންނަ ކޮތަޅެކެވެ. އެއަށްފަހު އެނބުރި އައި ކޮޅަށް ހިނގައިގެންފިއެވެ. އެ ކޮތަޅު ހިފައިގެން އަހަރެން ގެއަށް ވަތް އިރު ވެސް ޒިޔާދު ފޯނު ކަނޑައެއް ނުލައެވެ.
" ނުކަނޑައްޗޭ." ޒިޔާދު ބުންޏެވެ.
" އެކަމަކު މިއީ ކޯއްޗެއްތަ؟" އަހަރެން އަނެއްކާ ވެސް އެހީމެވެ.
" ތިއީ ބޮސް އެއްޗެކޭ. އޭނަ ރަށުގައި ނެތީމަ އަހަރެން މި ހަވާލުވީ." ޒިޔާދު ބުނެލީ ހިތްހަމަ ނުޖެހިފައި ހުރެއެވެ.
ޒިޔާދު އެހެން ބުނުމުން އަހަރެން އަދި މާ ހައިރާން ވިއެވެ.
" ބޮސްގެ ވައިފް ކޮބާ ދެން؟ " އަހަރެން ސުވާލު ގިނަ ކަމުން ޒިޔާދުގެ ރުޅިގަނޑު އިތުރުވީ ކަހަލައެވެ.
" ދެން ހާދަ ގިނަ ސުވާލުތަކެއް ތައިބާ؟ ބޮސްގެ ވައިފް ވީ ތަނެއް މަށަށް ކިހިނެއްތަ އެނގޭނީ؟ ދެން މާ ވާހަކަ ގިނަ ނުކޮށް ރޫމް ތަޅުލަބަލަ." ޒިޔާދު ބުންޏެވެ.
އޭނާ ބުނި ފަދައިން ކަންތައް ކޮއްފައި އަނެއްކާ ވެސް އަހަރެން ގޮސް ސޯފާގައި އިށީނީމެވެ. އޭރު ހުސެންގެ ދެ ތިން ސްނެޕް އަހަންނަށް ލިބިފައި އޮތެވެ.
" ހޭ؟ ތިއީ މިތާ ކައިރިއެއްނު. މި ހިސާބުގަައި ކީއްކުރަނީ؟" އަހަރެން އެހީމެވެ.
ކޮފީ ތައްޓަކާއެކު އޭނާ އަހަންނަށް ފޮނުވާފައި އޮތީ ރެސްޓޯރެންޓްގެ ނަންބޯޑުގެ ފޮޓޯއެކެވެ.
" ކޮފީއެއްގައި." ހުސެން ބުންޏެވެ.
" އެކަނި؟" އަހަރެން އެހީ އަވަސް ހިތަކައިގެންނެވެ.
" ހޫމް. މިހާރު އެކަނި. މީ ވެސް ދާން ވެގެން މި އުޅެނީ." ހުސެން މެސެޖް ކުރިއެވެ.
" ގެއަށް؟" އަހަރެން އެހީމެވެ.
" ހޫމް. ތި ގެއަށް." ހިނިގަނޑެއްގެ ސްޓިކާއަކާއެކު ހުސެން ފޮނުވިއެވެ. އެހެންވެ ހުސެން އެ ބުނީ މަޖަލަށްކަން އަހަންނަށް އެނގުނެވެ. ނަމަވެސް ހުސެން ދެކިލާ ހިތްވާލެއް ބޮޑުކަމުންނާއެކު އޭނާ ހުރީ މި ގެ ކައިރީގައި ކަމަށް ވާތީ އަހަންނަކަށް މަޑަކުން ނީނދެވުނެވެ.
" އާދެބަ މި ގެއަށް." ވިސްނަން އިނދެ އެންމެ ފަހުން މޭގައި އަތް އަޅާފައި އަހަރެން އެދުނީމެވެ.
" ތި ގެއަށް؟ ދާން ވީ؟" ހުސެން އެހިއެވެ.
" ހޫމްމް." އަހަރެން ފޮނުވާލީމެވެ.
" ކީއްކުރަން؟" ހުސެން އެހިއެވެ.
ހުސެން އެހެން ބުނުމާއެކު ލަދުން ގޮސް އަހަންނަށް އޮޅިގަނެވުނެވެ.
" ކަމެއް ކުރާކަށް ނޫން. ހަމަ ދެކޭހިތް ވީ" އަހަރެން ބުނީމެވެ.
" އޯހް. އެހެންތަ؟ މި ދަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި." ހުސެން ބުންޏެވެ.
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނެއްކާ ވެސް ހުސެންއާ ބައްދަލްވާނެޔޭ އަހަރެންގެ ހިތަށް އެރިއެވެ. ހުސެން ގެންނަން މި އުޅެނީ ހިތަށް ފަރުވާއެއް ލިބޭތޯއެވެ. ނަމަވެސް ހިތުގެ ހާލު ހައްތަހާދަނީ ދަށަށް ހެން އަހަންނަށް ހީވިއެވެ.
ކުއްލިއަކަށް ދޮރުގައި މަޑުމަޑުން ޓަކި ޖަހާލި އަޑަށް އަހަރެންގެ ނަޒަރު ހުއްޓުނީ މައި ދޮރަށެވެ. ދޮރާ ދިމާލަށް އަހަންނަށް ދެވުނީ ދުވަމުން ކަހަލަ ގޮތަކަށެވެ. އަވަސް އަވަހަށް ދޮރު ހުޅުވާލުމާއެކު ހުސެން އެތެރެއަށް ވަނެވެ. އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. ހެވިފައި ހުރެ ހުސެން އަހަންނާ ދިމާލަށް ބަލައިލުމާއެކު އަހަންނަށް ހިނިތުންވެލެވުނެވެ.
" ޔޫއަށް ގެނައި ކުޑަ ގިފްޓެއް މިއޮތީ." ފަޓްލޫން ޖީބުން އެއްޗެއް ނަގަމުން ހުސެން ބުންޏެވެ.
އޭނާ އަހަރެންގެ އަތަށް ދިއްކޮއްލީ ކުޑަކުޑަ ކްރީމް ދަޅުގަނޑެކެވެ. ހެވިފައި ހުރެ އަހަރެން އެ ދަަޅުގައި ހިފުމަށްފަހު، ވަސް ބަލައިލީމެވެ.
\" ހާދަ މީރުވަސް ދުވާ އެއްޗެއް." އަހަރެން ބުނީމެވެ.
" ތިއީ ހޭންޑް ކްރީމެކޭ. ޓްރައި ކޮއްލަބަލަ." ހުސެން ބުންޏެވެ.
" ތެންކްސް. ހަނދާނަކަށް ބަހައްޓާނީ." އަހަރެން ބުނީމެވެ.
އެއާއެކު ހުސެން ބާރަށް ހޭންފެށިއެވެ. ހުސެންއާ ދާދި ކައިރީގައި އިށީންނަމުން އަހަރެން އޭނާގެ މޭގައި ގޮށްމުށުން ޖަހާލީމެވެ. އެ ވަގުތު ހުސެން އަހަރެންގެ އަތުގައި ބާރުބާރަށް ހިފެހެއްޓިއެވެ.
" ދެން ހަމަ ހޭނެ ހުރެގެން." އަހަރެން އެހެން ބުނެ ހުސެންގެ މޭގައި ބޯ ޖައްސާލީމެވެ.
" ކިހިނެއްވީ؟ ލަދުގަތީތަ؟" ހުސެން އަހާލީ ނުހަނު ލޯބިންނެވެ.
" ދެން ދިމާކުރަންޏާ ލަދު ގަނެޔޭ." އަހަރެން ބުނީމެވެ.
އެ ވަގުތު ހުސެން އޭނާގެ ދެ އަތުން އަހަރެންގެ ބުރަކަށީގައި ހިފަހައްޓާލިއެވެ. ބާރަށް ތެޅެމުންދާ ދެ ހިތަށް ހަމަހިމޭންކަން ވެރިވާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ. އަހަރެންގެ ހިއްސުތައް އޭނާއަށް ކިޔަމަންތެރިވީ ކަހަލައެވެ.
އަހަރެންގެ މޫނުގައި ދެ އަތުން ހިފަހައްޓާލަމުން ، ހުސެން، އަހަރެންގެ ނިތްކުރީގައި ތުންފަތް ޖައްސާލިއެވެ. އާއްމުކޮށް ފިލްމުތަކުން ނޫނީ އެ މަންޒަރެއް އަހަންނެއް ނުދެކެމެވެ. ބުނާތީ އަޑުއަހަމެވެ. އަޅާލުމާއި އޯގާތެރިކަމުން ފުރިފައިވާ ލޯތްބެއް ވިއްޔާ ނިތްކުރިއަށް ބޮސްދޭނެއެވެ. އެއީ ވަރަށް މުހިއްމު މީހުންނަށް ހާއްސަކުރެވިފައިވާ ކަމެކެވެ.
އެ ފިކުރުގައި އިންދާ ހުސެން މަޑުމަޑުން އަހަރެންގެ ކޯތާފަތަށް ވެސް ބޮސް ދީފިއެވެ. އެއާއެކު އަހަންނަށް އޭނާގެ ގައިގައި ހިފަަހައްޓާލެވުނެވެ. ނޭވާ ފުންވެ، ދިގުވަމުން ދިޔައެވެ. ހުސެންގެ ބުރަކަށީގައި ދެ އަތުން އަތް ހިންގާލެވުނީ އޭނާގެ ހަށިގަނޑުގެ އެންމެ އެތެރެއަށް ވެސް ވަންނަން ބޭނުން ވެގެން ކަހަލަ ގޮތަކަށެވެ.
އޭނާގެ ކަނދުރާގައި މޫނު ޖައްސާ ބާރުކޮއްލަމުން އަހަރެން ހުސެންގެ ގައިގައި ބާރަށް ބައްދާލީމެވެ.
" ސޮރީ... ސޮރީ..." އަހަރެން ބުނީމެވެ.
" އެއީ ކިއްވެ؟" އަހަރެންގެ ކަންފަތް ދޮށުގައި ހުސެން ބުނެލީ ވައި އަޑުންނެވެ.
" އަހަރެން އަންނާށޭ ބުނީމައެއްނު މިހެން މި ވީ." އެހެން ބުނެ، ހުސެންގެ ކަނދުރާގައި އަހަރެން ތުންފަތް ޖައްސާލީމެވެ.
" އަހަރެން ވެސް އަންނަން ބޭނުންވީމަ އެއްނު މި އައީ." އަހަރެންގެ ބުރަކަށީގައި އަތް ހިންގާލަމުން އޭނާ ބުންޏެވެ.
ހުސެންގެ ކޮންމެ ފިރުމާލުމެއްގައި އެކުލެވިގެންވާ އޯގާތެރިކަމަށް އަހަަރެންގެ މުޅި ހަށިގަނޑު ދަހިވެތިވީ ކަހަލައެވެ. އޭނާގެ ކޮންމެ ހަރަކާތަކުން އަހަރެންގެ ހިތް އިތުރަށް މޮޔަ ކުރުވިއެވެ. ކެތްތެރިކަން ކޮޅުންލާން ފެށުމުން ހުސެންގެ މޫނުގައި އަހަރެން ހިފަހައްޓާލީ ތުރުތުރު އަޅާ ހާލުގައެވެ. އެ ވަގުތު ދެ މީހުންގެ ނަޒަރު ސީދާވެ، ހިތުގެ އަމުރާ ހިލާފު ވެވިއްޖެއެވެ. މަޑުމަޑުން އޭނާގެ ތުންފަތުގައި އަހަރެން ތުންފަތް ޖައްސާލީމެވެ. އެއާއެކު ބާރުބާރަށް ހުސެން އަހަރެންގެ އުނަގަނޑުގައި ހިފާ އިތުރަށް އޭނާއާ ގާތްކޮއްލިއެވެ.
ހުސެންގެ ފަރާތުން އޮހެމުންދިޔަ ލޯބިން އަހަރެންގެ ހިތް ފުރެމުން ދިޔައިރު، ލިބެމުންދިޔަ ހައިރާންކަން ވަކި ކުޑައެއް ނޫނެވެ. ހުސެންގެ ހަރަކާތްތަކުގައި އެކުލެވިގެންވި ޖާދުވީ ބާރުން އަހަންނަށް ހުދު އަހަރެން ވެސް އޮޅިއްޖެއެވެ. އެކަމަކު އަހަންނަށް "އަސްލު" އަހަރެން ފެނުނު ކަހަލައެވެ.
މަރުވެފައިވާ އަހަރެންގެ ޖަޒްބާތުތަކަށް ދިރުން ލިބި، އަހަރެންގެ ދުނިޔެއަށް ނިކުމެވުނު ކަހަލައެވެ. ރޮމޭންސް ކުރަން އަހަންނަށް އެނގޭކަން ވެސް އަހަންނަށް ފަހުމުވީ އަދި ކިރިޔާއެވެ. މީގެ ކުރިން ޒިޔާދު އަހަންނަކަށް އެ ފުރުސަތެއް ނުދެއެވެ. ނަމަވެސް ހުސެން އައިސް އަހަރެން ހޭލައްވާލައިފިއެވެ. އެއާއެކު އިތުރަށް ހުސެންއަށް ދަހިވެތި ވެއްޖެއެވެ.
( ނުނިމޭ )
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!