މިއަދު މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވުނު ހުކުރު ޚުޠުބާގައި، ހަގީގަތް ހޯދާ ބެލުމެއްނެތި ވާހަކަ ދެއްކުމާއި، ދޮގު މައުލޫމާތު ފެތުރުމުގެ ނުރައްކާތެރިކަމުގެ މައްޗަށް ވަރަށް ބޮޑަށް އަލިއަޅުވައިލައިފިއެވެ.
''މުއުމިނުންގެ ބަސްމަގު'' މައުޟޫއަށް ގެނެސްދިން ޚުޠުބާގައި ހީގެ މައްޗަށް ބިނާކޮށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، މީހާ ފާފަވެރިވެދާނެ ކަމެއް ކަމަށް ބުނެފަވެއެވެ.
ދޮގު ވާހަކަ ދެއްކުމަކީ އިސްލާމްދީން މަނާކުރާ ކަމެއްޚުޠުބާގައި ބުނީ، ސާބިތުނުވާ ދޮގުވާހަކަ ދެއްކުމަކީ، އިސްލާމް ދީން ނުހަނު ބޮޑަށް މަނާކުރާ ކަމެއް ކަމަށެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيَقُلْ خَيْرًا أَوْ لِيَصْمُتْ) މާނައީ: "މާތް اللهއާއި އާޚިރަތްދުވަހަށް އީމާންވާމީހާ، ހެޔޮ ބަސް ބުނާހުށިކަމެވެ. ނޫން ނަމަ އޭނާ ހަނުހުންނާހުށިކަމެވެ." މި ޙަދީޘުން ދޭހަވަނީ، މުސްލިމަކު ހެޔޮ ބަހެއް ނުބުނާނަމަ ހަނުހުރުން މާ މޮޅުއިތުރު ކަމެކެވެ.
ވާހަކަ ފެތުރުމުގެ ކުރިން ތެދުދޮގު ބެލުން މުހިންމުޚުޠުބާގައި އިތުރަށް ބަޔާންކުރީ، މީހުން ދައްކާ ވާހަކައިގެ ތެދުދޮގު ބެލުމެއްނެތި، އެ ވާހަކަ ފެތުރުމަކީ އޭގެ ނަތީޖާ ނުހަނު ހިތިވެދާނެ ކަމެއް ކަމަށެވެ. އެހެންކަމުން، އެފަދަ ވާހަކައެއް ފެތުރުމުގެ ކުރިން އޭގެ ޙަޤީޤަތަކީ ކޮބައިތޯ ބަލާންޖެހޭނެ ކަމަށެވެ. އެއީ ހަމަ ހިނގި ކަމެއްތޯއާއި ކިހިނެއް ހިނގިކަމެއްތޯ ބެލުން މުހިންމެވެ. އިސްލާމް ދީނުގައި ޚިޔާލުތަކާއި ޝުޢޫރުތައް ފާޅުކުރުމުގެ މިނިވަންކަން ދެއްވައިފައިވަނީ މި ކަންކަމަށް ރިޢާޔަތްކޮށްގެން ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތަކުގައި މަޞްލަޙަތުވެރީންގެ ލަފާ ހޯދުންޚުޠުބާގައި އިޝާރާތްކޮށްފައި ވަނީ، މީހަކު ދައްކާހައި ވާހަކައަކީ، އަދި ފަތުރާހައި ޚަބަރަކީ ތެދެއް ނޫން ކަމަށާއި، އޭގެ މުރާދު ދެނެގަންނާން އެންމެންނަށް އެނގޭނެ ވާހަކައެއް ވެސް ނުމެނޫންމެއެވެ. އެހެންކަމުން ދީނާއި މުޖުތަމަޢުގެ މަޞްލަޙަތު އެކުލެވޭ ވާހަކަތައް ކަންފަތަށް އިވުމުން، އެ ކަމާ މެދު މަޞްލަޙަތުވެރީން ދެކޭ ގޮތް، އޮޅުންފިލުވުމަށް ޚުޠުބާގައި ގޮވާލިއެވެ. އެފަދަ ކަންކަމުގެ ތެދުދޮގު ބޮޑަށް އެނގޭނީ އެ މީހުންނަށް ކަމަށާއި، އެ ފަދަ ވާހަކަތައް ފަތުރާންވާނީ، އެ މީހުންގެ ލަފަޔާއި ރައުޔާ އެއް ގޮތަށް ކަމަށް ޚުޠުބާގައި ބަޔާންކޮށްފައި ވެއެވެ.
ކުށްހީގެ މައްޗަށް ބިނާކޮށް ވާހަކަ ފެތުރުމުގެ ނުރައްކާބައެއް މީހުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފާޑުފާޑުގެ ވާހަކަތައް ފަތުރައިއުޅޭ ކަމަށާއި، އޭގެ ތެރޭގައި މީހުން ބަދުނާމުވެ، އަބުރުގެއްލޭ ޒާތުގެ ވާހަކަ މަދެއްނޫން ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. މި ޒަމާނަކީ ވާހަކަތައް ފަތުރައިލާން ވަރަށް ފަސޭހަ ޒަމާނެއްކަން ފާހަގަކޮށް، މީސްމީޑީއާގެ މަންސަތައް މެދުވެރިކޮށް، ވާހަކައެއް ފަތުރައިލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނެ ކަމެއް ކަމަށް ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ. މާތް الله ވަޙީކުރައްވައިފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ." (سورة الحجرات: 12). ވީއިރު ސާބިތުނުވާ ވާހަކަތައް ފެތުރުމަކީ، ޒިންމާދާރު މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި، އެ ފަދަ ވާހަކަތައް ފަތުރައިނޫޅުމަށް މުސްލިމުންނަށް ވަޞިއްޔަތްކުރެއްވިއެވެ.
ދޮގު ވާހަކަ ފެތުރުމުގެ ނުރައްކާތަކަށް ސަމާލުވުމަށް ގޮވާލުންޚުޠުބާގައި ބަޔާންކޮށްފައި ވަ ނީ، މީހުން ފަތުރާ ވާހަކަތަކަކީ، ދޮގެއްތޯ ނުވަތަ ތެދެއްތޯ މީސްތަކުންނެއް ނުބަލާ ކަމަށެވެ. އޭގެ ބަދަލުގައި އެ މީހުން ބަލަނީ، އަވަހަށް އެ ވާހަކައެއް ފަތުރައިލެވޭތޯއެވެ. އެއީ ދޮގަކަށް ވެއްޖެ ނަމަ ނިކުމެދާނެ ހިތި ނަތީޖާއަކަށް އަދި އޭގެ ސަބަބުން މީހަކަށް ނުވަތަ ބަޔަކަށް ލިބިދާނެ ގެއްލުމަކަށް އަދި ތިމާއަށް ލިބިދާނެ ފާފައަކަށް ނުބަލާ ކަމަށް ޚުޠުބާގައި ވަނީ ވަރަށް ބޮޑަށް އިރުޝާދު ދީފައެވެ.
އިސްލާމްދީން ބަސްމޮށި އުޅެންވީ ޞައްޙަ މިންގަނޑު ބަޔާންކޮށްދެއްވައިފިއިސްލާމްދީން ވަނީ، ބަސްމޮށި އުޅޭންވީ ޞައްޙަ މިންގަނޑު ބަޔާންކުރައްވައިފާ ކަމަށާއި، ދައްކާންވީ ވާހަކައާއި ނުދައްކާންވީ ވާހަކަ އަންގަވައިފި ކަމަށް ޚުޠުބާގައި ފާހަގަކޮށްފަވެއެވެ. މުސްލިމުން ވާންޖެހޭނީ އެބައިމީހުންގެ އަޚުންގެ ޢައިބުތައް ފޮރުވާ ބަޔަކަށް ކަމަށާއި، އެ ކަންކަން ހާމަކުރާ ބަޔަކަށް ނޫން ކަމަށް ނަސޭހަތްތެރިވިއެވެ. މީސްތަކުންގެ ޢައިބުތައް ފޮރުވައިދޭ މީހުންނަށްހުރި ދަރުމަ ބަޔާންކުރައްވައި މާތްނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވައިފައި ވެއެވެ. (وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ) މާނައީ: "އަދި މުސްލިމެއްގެ ޢައިބެއް ވަންހަނާކޮށްދީފި މީހާ ދަންނާށެވެ! ދުނިޔެއާއި އާޚިރަތުގައި ވެސް، މާތް الله އެ މީހާގެ ޢައިބުތައް ވަންހަނާކޮށްދެއްވާނެތެވެ."
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!