ޔުއެފާ ޔޫރޮޕާ ލީގުގައި ރޭ ރޯމާއާއި ފްރާންސްގެ ލިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ލިލް އިން ކާމިޔާބު ކޮށްފިއެވެ.
ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ ހަވަނަ މިނެޓުގައި ލިލް އަށް ޖަހައިދިނީ ހެރަލްޑްސަންއެވެ.
މެޗުގެ ދެވަނަ ހާފުގައި އެޓޭކިން ބައެއް ބަދަލުތަކާއިއެކު ރޯމާއިން އެޓޭކް ރަނގަޅުކުރިއިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދިހަ މިނެޓަށްވެފައި ވަނިކޮށް ރޯމާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ރޯމާއަށް މި ޕެނަލްޓީ ލިބިފައިވަނީ ލިލްގެ އޭރިއާތެރެއިން އެ ޓީމްގެ މަންޑީ އަތުގައި ބޯޅަ ޖެހުމުންނެވެ.
ރޯމާގެ ޕެނަލްޓީ ޑޮވްބީކް ފޮނުވާލިއިރު، ލިލްގެ ކީޕަރު އޮޒާ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ. ނަމަވެސް އެ ޕެނަލްޓީ ފޮނުވާލި ވަގުތު ލިލްގެ ޑިފެންޑަރެއް އޭރިއާތެރެއަށް ވަދެ ހުރުމުން، ދެވަނަ ފަހަރަށް އެ ޕެނަލްޓީ ޖަހަން ރެފްރީ ވަނީ އަންގާފައެވެ.
ދެވަނަ ފަހަރަށް ވެސް ޕެނަލްޓީ ފޮނުވާލީ ޑޮވްބީކްއެވެ. ނަމަވެސް އެ ޕެނަލްޓީ ވެސް ލިލްގެ ކީޕަރު ވަނީ މަތަކޮށްފައެވެ. ވީއޭއާރުން ބެލުމުން، ބޯޅަ ފޮނުވާލުމުގެ ކުރިން ގޯލު ރޮނގު ހުރަސްކޮށް ކީޕަރު ބޭރަށް ނުކުމެފައިވާކަން އެނގުމުން ރެފްރީ ވަނީ އެ ޕެނަލްޓީ ތިންވަނަ ފަހަރަށް ޖަހަން އަންގާފައެވެ.
ތިންވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ޖެހުމުން ރޯމާއިން ވަނީ ޕެނަލްޓީ ޖަހާ މީހާ ބަދަލުކޮށްފައެވެ. ތިންވަނަ ފަހަރަށް ޕެނަލްޓީ ފޮނުވާލީ ސޫލާއެވެ. އޭނާ ފޮނުވާލި ޕެނަލްޓީ ވެސް ލިލްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއިއެކު ދިފާއު ކޮށްފައެވެ. މެޗު ނިމިގެން ދިޔައީ ލިލް މޮޅުވެގެންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރޯމާގެ ކޯޗު ޖިއަން ޕިއޭރޯ ގަސްޕެރީނީ ބުނީ، އެއް މެޗެއްގައި ތިން ޕެނަލްޓީ ނާކާމިޔާބުވި މަންޒަރު މި ގޮތަށް މި ފެނުނީ އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރު ކަމަށާއި، އެވަރަށް ޕެނަލްޓީ ޖަހަން ލިބި ނާކާމިޔާބު ވުމުން ދެން މެޗުގެ ނަތީޖާއާއި މެދު ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!