" އެއީ... ރައުދާ. ރައުދާޢަކީ ޝަބްނަމްގެ ދަރިއެއް." ސީލިންގަށް ބަލައިލަމުން ހަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ސުވާލު އުފެދިފައި އޭނާއަށް އިނދެވުނީއެވެ.
" އަހަންނަށް ހަމަ ޔަގީންވެއްޖެ." ހަސަން އަނެއްކާ ވެސް ބުންޏެވެ.
" އެއީ ކިހިނެއް؟ " މަރިޔަމް އެހިއެވެ.
" ސާޔާއަށް ރައުދާ ދިން ހެދުމަކީ ޝަބްނަމް އަމިއްލައަށް ފެހި ހެދުމެއް. އެއީ އަހަރެން ލައްވާ ކައިވެންޏަށް އެއްބަސް ކުރުވާފައި އޭނަ ކުރި މަސައްކަތް. ކައިވެނި ހެދުން ތައްޔާރު ކުރީ." ހަސަން ކިޔައިދިނެވެ.
ލުއި ގޮތަކަށް ހީލަމުން މަރިޔަމް ހަސަންގެ މޭމަތީ އަތް ބާއްވާލިއެވެ.
" އެއީ ހާދަ ކުރިއެކޭ. ދެން ހަސަން ތި ވިސްނަނީ ޝަބްނަމްގެ ވާހަކަ ރައުދާއަށް ކިޔައިދެންތަ؟" މަރިޔަމް އެހިއެވެ.
އޭނާގެ އަޑުގައި ހުރި ނުތަނަވަސްކަން ހަސަންއަށް އިހްސާސް ވެސް ކުރެވުނެވެ. ހަސަން މަޑުމަޑުން މަރިޔަމްގެ މޫނަށް ބަލައިލިއެވެ.
" ތިހެން ނީނދެ އަހަރެން ކައިރީ އޮށޯވެލަން ވީނު." ހަސަން އެހެން ބުނެ މަރިޔަމްގެ އަތުގައި އަތް ޖައްސާލިއެވެ.
ދެކޮޅު ހަދާކަށް މަރިޔަމް ބޭނުމެއް ނުވިއެވެ. އޭނާ މަޑުމަޑުން އޮށޯވެލުމަށްފަހު، ހަސަންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އެއާއެކު ހަސަން މަރިޔަމްގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ.
" އަހަރެން މިހާރު ދެން އެ ވާހަކައެއް ކިޔައެއް ނުދޭނެ ދޯ. އަދިވެސް ހަމަ އެހާ ބިރުގަނޭތަ؟" ހަސަން އެހިއެވެ.
" ހޫމް... މުސްކުޅި ވިޔަސް ހަސަން ގެއްލިދާނެތީ އަބަދުވެސް އަހަރެން ބިރުގަނެޔޭ. ހަސަން އަދިވެސް ކިހާ ފިރިހެންވަންތަ." މަރިޔަމް ބުންޏެވެ.
އެ ވަގުތު ބާރު ހިނިގަނޑެއް ޖަހާލަމުން ހަަސަން މަރިޔަމްގެ ގައިގައި ނުހަނު ލޯބިން ބައްދާލިއެވެ.
" ހިތެއް މުސްކުޅިއެއް ނުވާނެ. މަރިޔަން އަދި އަހަންނަށް މާ ރީތި. އަހަރެމެން ކައިވެނި ކުރި ދުވަހު މަރިޔަން ހުރި ގޮތް ވެސް އަދިވެސް އަހަރެން ހަނދާން އެބަހުރި. އަހަރެންގެ ހިތް ކިހާ ޒުވާންވީމަ. ތި ސޫރަ މި ހިތުގައި ކުރެހުނު ދުވަހު ހުރި ގޮތަށް އަދިވެސް ހުރީ." ހަސަން ވާހަކަ ދެއްކީ ލޯތްބާއެކުއެވެ.
ހަސަންއާއި މަރިޔަމްގެ ލޯތްބަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. ޒުވާން ދުވަސްވަރު އުޅުނު ދަތި، އުނދަގޫ ދިރިއުޅުން ވެސް އެ ދެ މީހުން ކަޑައްތުކުރީ އެކުއެކީގައެވެ. އަދި ލޯބިން ފުރިގެންވާ ހާލުގައެވެ. ދިމާވި ކޮންމެ ކަމަކަށް ކުރިމަތިލީ ވެސް ދެ މީހުން އެކުގައެވެ. ފަހަރެއްގައި ވެސް އެކަކު އަނެކަކު، އެކަނި ހާލަށް ދޫކޮށެއް ނުލައެވެ. ދެ މީހުންގެ މެދުގައި އޮތް ފުރިހަމަ އިތުބާރަކީ މިއަދާ ޖެހެން ދެން ވެސް އެ ދެ މީހުން އެ ގޮތުގައި ތިބެވުނު އެންމެ ބޮޑު ސަބަބެވެ.
" ހާނިމް ރާއްޖެ ދޫކޮށް ދާތީ އަހަރެން ހާދަ ދެރަވެޔޭ. އެ އުމުރަކީ ހިޔާލުތައް އެތަން މިތަނަށް ދުވާ އުމުރު. ބޭނުން ކޮންމެ ކަމެއް، ވިސްނުމެއްނެތި ކުރާނެ. އެކަމަކު ހާނިމް އެ ހުރީ އަހަރެމެން ބުނާ އެއްޗެއް އަޑު އަހާ ގޮތަކަށް ނޫން ކަންނޭނގެ. " ހަސަން ބުނެލިއެވެ.
އެ އާއެކު މަރިޔަމް ބޯ ހިއްލާލަމުން ހިނިތުންވެލިއެވެ.
" އަނެއްކާ ދަރިންނާ މެދު ވިސްނާވިސްނާ، ހަސަން ވެސް ލޭ މައްޗަށް ދާން އުޅޭނެކަމެއް ނެތް. އެ ކުދިންގެ އުފަލަށްޓަކައި ކުރާ ކަންކަމަށް އެހާ ބޮޑަށް ބެހޭ ހިތެއް ނުވެ. މިހާރު އެ ތިބީ ބޮޑެތިވެފައި. އަހަރެމެން އެއްޗެއް ބުނިއްޔާ އަހަރެމެންދެކެ ދެން އަންނާނީ ރުޅި. އެހެންވީމަ އެންމެ ރަނގަޅުވާނީ ދަރިން ބުނާ ގޮތަކަށް ހެދިގެން އުޅުނިއްޔާ. މި އުމުރުގައި އަހަރެމެންނަށް އެ ނޫން ގޮތެއް ނޯންނާނެ އެއްނު." މަރިޔަމް ބުންޏެވެ.
ހަސަންއަކީ އަބަދުވެސް މަރިޔަމް ބުނާ އެއްޗެހި ގަބޫލު ކުރާ މީހެކެވެ. ހަސަންއަށް އެންމެ އަވަހަށް ވިސްނޭނީ ވެސް މަރިޔަމް ވާހަކަ ދެއްކުމުންކަން ހުދު މަރިޔަމްއަށް އެނގެއެވެ.
ފިރިމީހާގެ ގެއަށް ސާޔާ ބަދަލުވުމުން މަރިޔަމް އިންތިހާއަށް ދެރަވިއެވެ. ނަމަވެސް އަންހެން ކުއްޖެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބަކުން އެ ދުވަސް އަންނާނެކަން މަރިޔަމްއަށް އެނގެއެވެ. މައިންބަފައިންނާ ވަކިން، މުޅިން އެހެން ބައެއްގެ ހިޔާވަހިކަމަށް ދާން ޖެހޭނެކަން މަރިޔަމް ގަބޫލު ކުރެއެވެ. ނަމަވެސް އޭނާގެ ހިތަށް ލިބިފައިވާ ފަޅުކަމުގެ ސަބަބުން އާދަޔާ ހިލާފަށް ދެރަވާކަން އޭނާއަށް އެނގެއެވެ.
" މިއަދު ސައިތައްޓެއް ވެސް ނުބޮންތަ؟" ހަސަން ބުނެލިއެވެ.
އޭރު މަރިޔަމް އިނީ ސޯފާގައެވެ. އޭނާ ފިކުރު ބޮޑުވެފައި އިންކަން ހަސަންއަށް ވަރަށް ރަނގަޅަށް ފާހަގަ ކުރެވުނެވެ.
" ހަސަން ނިކުތީމައެއްނު." ހަސަންއަށް ބަލައިލަމުން މަރިޔަމް ބުނެލިއެވެ.
އެ ވަގުތު ހަސަންއަށް ބަލައިލެވުނީ ސިޓިންރޫމްގައި ހުރި މޭޒާ ދިމާލަށެވެ.
" އެހެންޏާ އަހަރެން ނިކުންނައިރު ހުންނަނީ ސައި ހަދާފައެއްނު." ހަސަން ބުނެލިއެވެ.
މަޑުމަޑުން މަރިޔަމް ތެދުވެ، ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ހަސަން ވެސް މަރިޔަމްގެ ފަހަތުން ހިނގައިގެންފިއެވެ. އެހެން ދުވަސްތަކާ ހިލާފަށް މިއަދު މަރިޔަމްގެ މޫނުމަތިން އެއްވެސް ކަހަލަ ހިނިތުންވުމެއް ފެންނާކަށް ނެތެވެ.
" ކޮންމެ ކަމެއްގައި ވެސް މަރިޔަން އަހަންނަށް ނިކަން ރީތި ނަސޭހަތް ދޭނެ. އެކަމަކު ބަލާބަލަ މީހާ ތި ހުރި ގޮތް. އަހަންނަށް އެނގެޔޭ ސާޔާ ދިޔައީމަކަން ތިހާ ދެރަވެފައި ތި ހުރީ. " ހަސަން ބުނެލީ އިށީނދެލަމުންނެވެ.
" ސާޔާ ކައިރީ އުޅެން އަހަރެން ވަރަށް ބޭނުން. އެ މަންޖެއަށް ފަސޭހަކޮށްދޭން ވެސް ބޭނުން. އަދި ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުގައި އެހީވެދޭން ވެސް ބޭނުން. އެކަމަކު އެ މަންޖެ އެ ދިޔައީ މުޅިން އާ ބައެއްގެ ކައިރިއަށް. އަހަރެން ހިތަށް އަރާ ކިހިނެއްބާވައޭ ކަންތައް ވާނީ؟ އަދި އެހާ ޅަ އުމުރު ކައިވެނި ކުރީ. އެއްޗެއް ނުވެސް ވިސްނޭނެ." ހިތުގައި ހުރި ހުރިހާ އުދާސްތަކެއް މަރިޔަމް ބޭރުކޮށްލީ ރޮވޭ ހާލުގައެވެ.
" ހުރިހާ ކަމެއް ވެސް ރަނގަޅުވާނެކަމަށް ވިސްނާ. ތިހެން ހިޔާލުކޮށްގެން އިތުރަށް އަހަރެމެން ދެރަވާނީ. " ހަސަން ބޭނުންވީ އެ މައުލޫއަށް ވާހަކަ ދެއްކުން ހުއްޓާލާށެވެ. އިތުރަށް ވާހަކަ ދެއްކި ވަރަކަށް މަރިޔަމް ހިތުގައި ޖެހޭނެކަން އޭނާއަށް އެނގެއެވެ. އެއީ ފަހަރެއްގައި ވެސް ހަސަން ބޭނުންވާ ގޮތެއް ނޫނެވެ.
ރޭގަނޑުގެ ދަން ވަގުތެކެވެ. ސާމިހް ގެއަށް އައި އިރު ފިލްމެއް ބަލަން ސޯފާގައި ރައުދާ އޮތެވެ. އޭނާ އައި ގޮތަށް އައިސް ސޯފާ ކައިރީ ހުއްޓި، ވާހަކަ ދައްކަން ފެށިއެވެ.
" ވަރަށް ބަނޑުހައި. އާދެބަލަ ކާން ހަދާލަން." ސާމިހް ބުންޏެވެ.
" ނުކައިތަ އައީ؟ ދެން މިހާރު 11 ޖެހީ. އަހަރެން ހީ ކުރީ ކައިގެން ކަމަށް އަންނާނީ. އަހަރެން ވެސް އައީ ބޭރުން ކައިގެންނޭ." ރައުދާ ބުންޏެވެ.
ފޫހި ގޮތަކަށް މޫނު ހަދާލަމުން ރައުދާ ސޯފާއިން ތެދުވިއެވެ. އެއާއެކު ސާމިހްގެ މޫނުމަތިން ފެނުނީ ހައިރާންކަމެވެ.
" ދެން ކޯއްޗެއް ގޭގައި ކެއްކީ؟" ސާމިހް އެހިއެވެ.
" ހެނދުނު އޮފީހަށް ދިޔަ ގޮތަށް އަހަރެން ގެއަށް އައީ ހަވީރެއްނު. ވަރުބަލި ވެސް ވާނެ އެއްނު. ދެން އައިސް މަ ނިދީ. ހޭލެވުނީ އަފޫ ގުޅީމަ. އެ ގެއަށް ގޮސް އައީ ކައިގެން. އައި އިރު މަންމަމެން ތިބީ ނިދާފަ ކަންނޭނގެ." ރައުދާ ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.
" އަހަރެން މި އެހީ ރައުދާ ކޯއްޗެއްހޭ ކެއްކީ؟" ސާމިހް ސުވާލު ކުރީ ބާރަށެވެ.
" ރައުދާ އޭ؟ ސާމިހް ހާދަ ބޮޑަކަށް ތި ރުޅި އައީ؟" ރައުދާ ބުނެލިއެވެ.
ސާމިހް އެއްވެސް އެއްޗެއް ނުބުނެ، މޫނު އަނބުރާލިއެވެ.
" އަހަންނަކަށް ނުވޭ ކައްކާކަށް ވަގުތެއް. ކުރިން ވެސް އަހަރެން މިހެން ބުނީމެއްނު. ސާމިހް ވެސް ތިއީ އޮފީހުން ކާ މީހެއް. އަހަރެން ވެސް ހަތަރުދަމު މި އުޅެނީ އޮފީހުގައެއްނު. " ރައުދާ ބުންޏެވެ.
އެހެން ބުނެ، އޭނާ ބާރުބާރަށް ގޮސް ކޮޓަރިއަށް ވަނީ ރުޅި އައިސްގެންނެވެ. އެ ވަގުތު ސާމިހް މަޑުމަޑުން ސޯފާގައި އިށީނދެލީ ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ރައުދާ ރުއްސަން ދާން ޖެހޭ އެއްވެސް ސަަބަބެއް ނެތޭ ހިތަށް އެރިއެވެ. ރައުދާ ރުޅި އައިސްގެން ދިޔުމުން އޭނާގެ ފަހަތުން ސާމިހް ދާންޖެހޭނެކަން އަބަދުވެސް ރައުދާ ބުނެއެވެ. އޭނާ ރުއްސަން މަސައްކަތް ނުކުރިޔަސް، ރައުދާ ރުޅި ގަދަ ވާނެއެވެ. ރައުދާ ބުނާހާ ގޮތެއް ހަދައިގެން އުޅުމަކީ މީގެ ކުރިން ސާމިހްގެ އާދައެކެވެ.
އެތައް އިރެއް ފާއިތުވީ އިރު ވެސް ސާމިހް އިނީ ސޯފާގައެވެ. ރައުދާ ފެންނަ ހިސާބަށް ދާން ވެސް އޭނާ އިނީ ފޫހިވެފައި ކަހަލައެވެ. މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދޭން އޭނާއަށް ލިބުނު ފުރުސަތުގައި އެ މީހުންނަށް މި ދެވެނީ ހިތާމަކަން ފުރަތަމަ ފަހަރަށް ސާމިހްއަށް އިހްސާސްވިއެވެ.
ކުއްލިއަކަށް އޭނާއަށް ބަލައިލެވުނީ މަންމަގެ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. އޭރު ހުސް ފުޅި ހިފައިގެން ބައްޕަ ނިކުންނަނީއެވެ. ހަސަން ފެނުމާއެކު ސާމިހް އަވަސް އަވަހަށް ކޮޅަށް ތެދުވިއެވެ. ސާމިހް ފެނުމުން ހަސަން ވެސް ހުއްޓުނެވެ.
" ދަރިފުޅު ދެންމެތަ ތި އައީ؟" ހަސަން އެހިއެވެ.
" ނޫން އިރުކޮޅެއް ވެއްޖެ. ފެން ހުސްވީތަ ކޮޓަރިން؟" ސާމިހް އެހިއެވެ.
އެ ވަގުތު ހަސަން ހިނިއައިސް ހުރެ ބޯ ޖަހާލިއެވެ. ހަސަން ގޮސް ސިންކު ކައިރީ ހުއްޓި ފުޅިއަށް ފެން އަޅަން ފެށުމުން ސާމިހްއަށް ލިބުނު ހައިރާންކަން މާ ބޮޑަށް ވެސް އިތުރު ވެއްޖެއެވެ.
" ބައްޕާ؟ ތި ފެން ބޮނީ؟ ތި ނުވާނެ ބޯކަށް. " ސާމިހް އަވަސް އަވަހަށް ބުނެލިއެވެ.
އަދި އޭނާ ބާރަށް ހިނގާފައި ގޮސް ބައްޕައާ ދާދި ގާތުގައި ހުއްޓުނެވެ.
" ބެލްކަނީގައި އެ ހުރީ ފެން ކޭސްތައް. ބައްޕައަށް އެނގެއެއްނު އެތާ ހުންނަކަން." ސާމިހް ބުންޏެވެ.
" ރަނގަޅުވާނެ މި ފެން ވެސް. " ހަސަން ބުންޏެވެ.
އެއާއެކު ހަސަންގެ އަތުން ސާމިހް ފެން ފުޅި އަތުލިއެވެ. އަދި ބެލްކަންޏަށް ވަދެ، ފެން ކޭހެއް ނަގައިގެން ގޮސް މަންމަގެ ކޮޓަރިއަށް ވެއްދިއެވެ. އޭރު މަރިޔަމް ވެސް އޮތީ ހޭލައެވެ.
" މަންމަމެން ކީއްކުރަންތަ ސަޕްލައި ފެން ބޮނީ؟ " ސާމިހް ބުނެލީ ބާރަށެވެ.
" އެ ފެން ވެސް މީރޭ." މަރިޔަން ތެދުވަމުން ބުންޏެވެ.
" ދެން ނުބޯތި. ކޭސް ހުސްވީމަ އަހަރެން އަދި ވައްދާނަން. ބޭރުގައި ވެސް ހުންނާނެ. އިސްކޫރުން ފެން ނުވާނެ ބޮއިގެންނެއް." ސާމިހް ބުނެލިއެވެ.
މަރިޔަމް އިތުރަށް އެއްޗެއް ނުބުނުމުން ސާމިހް ނިކުންނަން ހިނގައިގަތެވެ. އޭރު ހަސަން ވެސް އައިސް ކޮޓަރިއަށް ވަންނަނީއެވެ. ނަމަވެސް ހިތްހަމަ ނުޖެހުނުވަރުން ސާމިހް މަޑުނުކޮށް ނިކުމެގެން ދިޔައެވެ.
" އެ ސޮރަކަށް ނޭނގޭނެ އަހަރެމެން އުޅޭ ހާލެއް." މަރިޔަމްއަށް ބުނެވުނެވެ.
" ފެން ވަރަށް އަގު ބޮޑުކޮއްފި. އަހަރެމެން ވެސް ބައެއް ފަހަރު އިސްކޫރުން ފެން ބޮމޭ މަންމާ. ގިނަ މީހުން އުޅޭ އިރު ހަރަދަށް ވެސް ބަލަން ވާނެ އެއްނު. އެހެން ނޫނަސް މާލޭގައި މިހާރު ވެސް އިސްކޫރު ފެން ބޯ މީހުން މަދެއް ނުވާނެ." ރައުދާ ބުނެލި ޖުމްލަ އަދިވެސް މަރިޔަމްގެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!