" ހުރިހާ ކުދިން އެއްވި ވަގުތު ބައްޕަ ބޭނުން ވާހަކައެއް ދައްކާލަން." ހަސަން ބުންޏެވެ.
ހަސަންގެ އަޑުން ރައުދާ ދިޔައީ ސިހިގެންނެވެ. އޭނާއަށް ބޭ އިހްތިޔާރުގައި ދެ ފަރާތަށް ބޯ ހޫރާލެވުނެވެ. ރައުދާގެ ހިތުގައި ސާމިހްގެ މައިންބަފައިންނަށް އޮތް ނަފްރަތު ހަސަންއަށް މިހާރު އެނގޭކަން ރައުދާއަށް ޔަގީނެވެ. އިންތިހާއަށް ބިރުން ހުރެ އޭނާ އިސްޖަހާލީ އެތެރެއަށް ނޭވާ ހިފަހައްޓައިގެން ހުރެއެވެ.
" ކިހިނެއްވީ ބައްޕާ؟ " ސާޔާއަކަށް މަޑަކުން ނުހުރެވުނެވެ.
" މިހާރު މަންމަގެ ފަރުވާއަށް ވަރަށް ހަރަދު ހިނގާ. އެހެންވީމަ، ހަމައެކަނި ދޮންބެއަށް އެކަން ނުޖައްސާ ހުރިހާ ދަރިން ހަމަހަމައަށް ބަހާލުން ކިހިނެއް ވާނެ؟ ސާޔާ ވެސް މިހާރު ކިޔެވުން ނިމެނީތާ." ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމްއަށް ހަސަންގެ އަތުގައި އަތް ޖައްސައިލެވުނެވެ.
" އެކި ކުދިންނަށް ލާރި މި ލިބެނީ އެކި ވަރަށް. އެއްވެސް ކުއްޖަކަށް ބުރައަކަށް ހަދާކަށް ބައްޕަ ބޭނުމެއް ނޫން. ހުރިހާ ދަރިން ވެސް ވާހަކަ ދައްކާލައިގެން ހަމަޖައްސާނީ." ހަސަން ބުންޏެވެ.
" ބައްޕާ، އަހަރެން ވަޒީފާއަކަށް ގޮސް އެހީވާނަން. ކައިވެނި ކުރަން އުޅޭތީ ރާމިޒް ވެސް ވަރަށް ޑައުން." ސާޔާ ދެރަވެލާފައި ބުންޏެވެ.
" ބައްޕާ. އަހަރެން ނޭޕާލްގައި އުޅުނަސް، ބައްޕަމެންނަށް ފޮނުވަން ޖެހޭ އެއްޗެއް ފޮނުވާނަން. އެކަމާ ފިކުރު ނުކުރޭ." ހާނިމް އަވަސް އަވަހަށް ބުނެލިއެވެ.
ސާމިހްއަށް ބަލައިލެވުނީ ރައުދާގެ މޫނަށެވެ. އެއާއެކު ރައުދާ ފުން ނޭވާއެއް ދޫކޮށްލަމުން ސާމިހްއަށް ވުރެ ކުރިން ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެމެން ވެސް ދޭން ޖެހުނު އެއްޗެއް ދޭނަން. ސާމިހް ފިކުރު ކުރާކަށް ނުޖެހޭނެ." ރައުދާ އެހެން ބުނެ ސާމިހްގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލިއެވެ.
ހަގީގަތުގައި އޭނާ ހުރީ ހަސަންގެ ރުހުން ބޭނުން ވެފައެވެ. އެ ދުވަހުން ފެށިގެން ރައުދާ އުޅެނީ ހަސަންއަށް ފިލައިގެން ކަހަލަ ގޮތަކަށެވެ. ވާހަކަ ދައްކާލާނެ ފުރުަސަތެއް ވެސް އޭގެ ފަހުން އޭނާއަށް އެ ލިބުނީ އަދިކިރިޔާއެވެ. ރައުދާގެ ވާހަކައިން އެންމެ އުފާވީ ސާމިހެވެ. އުއްމީދު ވެސް ނުކޮށް ހުއްޓާ، ރައުދާ ދެއްކި ވާހަކައިން ސާމިހް ހުރީ ފަހުރުވެރިވާފަދަ ބެލުމަކުން ރައުދާއަށް ބަލަހައްޓައިގެންނެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މަރިޔަމް އޮތީ ފުން ވިސްނުމެއްގައެވެ. ފެންވަރައިގެން ނިކުތް ހަސަންއަށް މަރިޔަމް އޮތްގޮތް ފެނި، މަޑަކުން ނުހުރެވުނެވެ. އޭނާ ގޮސް އެނދު މަގަތުގައި އިށީނެވެެ.
" ބުނީމެއްނު ނުވިސްނާށޭ. އަހަރެން އަބަދުވެސް މި ހުންނަނީ މަރިޔަންގެ ކައިރީގައެއްނު." ހަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމް މަޑުމަޑުން ތެދުވެ، އެނދުގެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ.
" އަހަރެން ހިތަށް އަރާ، ކީއްވެބާއޭ އަހަރެން މި ބަލިވީ؟ އަހަރެމެން ދެ މީހުން ވަކިވާނެތަ އަވަހަށް." މަރިޔަމް ބުންޏެވެ.
އެ ވަގުތު ދެ އަތުން ހަސަން، މަރިޔަމްގެ މޫނުގައި ހިފަހައްޓާލިއެވެ.
" އިލާހީ ގާނޫނު ފިޔަވައި އަހަރެމެން ދެ މީހުން ވަތްކެއް ނުކުރެވޭނެ. އަހަރެން އަބަދުވެސް މަރިޔަމްދެކެ ވަރަށް ލޯބިވާކަން އެނގެއެއްނު. މުސްކުޅިވެ ގައިބާރު ދެރަވެ، ދަރިންގެ އެހީއަށް އެދެން ޖެހުނަސް، އަހަރެން މަރިޔަމްގެ އަތުން ދުލެއް ނުކުރަމެއްނު. " ހަސަން ބުންޏެވެ.
އެއާއެކު ކަރުނައިން ދެ ލޯ ފުރެމުން ދިޔަ މަރިޔަމްގެ އަޑު ފަޅައިގެން ދިޔައެވެ. ހަސަންގެ ކޮނޑުގައި ބޯ ޖައްސާލައިގެން އޮވެ އޭނާ ގިސްލާން ފެށިއެވެ.
" ހެޔޮނުވާނެ. ތިހެން ނުރޮއިބަލަ. މަރިޔަން ރޮންޏާ އަހަރެން ދެރަވާކަން އެނގެއެއްނު. " ހަސަން ބުންޏެވެ.
" ނޭނގެ އަހަރެން މިހާ ބިރުގަންނަނީ ކީއްވެކަމެއް. ހަސަންއާ ދުރަށް ދަނީއޭ ހަމަ ހީވަނީ. " ރޮމުން ރޮމުން މަރިޔަމް ބުންޏެވެ.
" އަހަރެމެން އެންމެ ޅަ ދުވަހުން ފެށިގެން އަދާ ޖެހެން ދެން ވެސް ދިރިއުޅުނީ އެކުގައި. ދެން ވެސް އިރާދަކުރެއްވިއްޔާ އަޖަލު ޖެހެންދެން ވެސް އުޅޭނީ އެކުގައި. މަރިޔަންއަށް އެނގޭތަ؟ އަހަންނަށް އަދިވެސް އިހުސާސް ކުރެވެނީ އަހަރެމެންގެ ޅަ ދުވަހުގެ ލޯބި. ހަމަ އެ ނާޒުކު ލޯބި. " ހަަސަން އެހެން ބުނެލީ މަރިޔަމް އުފާކޮށްލަން ބޭނުންވާތީއެވެ. އޭނާގެ އެ ޖުމްލައިން ހަމަ ރަނގަޅަށް ވެސް މިހާރު މަރިޔަމް އެ ރޮނީ އުފަލުންކަން އޭނާއަށް އެނގުނެވެ.
" އިރާދަކުރެއްވިޔާ އަހަރެމެން ދަރިންގެ މެދުގައި ވެސް ހަމަ މި ލޯބި އޮންނާނެ. އަހަރެމެން ދެ މީހުންގެ މެދުގައި އޮތް މާތް ގުޅުން އެ ކުދިންނަށް މިސާލަކަށް ފުދޭނެ. މާދަމާ ސާޔާ މި ގެއިން ދާއިރު، އެ ދަރިފުޅަށްޓަކައި އަހަރެމެން ކުރާ ހެޔޮދުއާތަކުން އެ ދިރިއުޅުން އުޖާލާވެގެން ދާނެ ކަމަށް އުއްމީދުކުރަންވާނެ. ހިތްވަރުކުރޭ މަރިޔަން. އަހަރެން އަބަދުވެސް މި ހުރީނު." ހަސަން ނަސޭހަތް ދޭން ފެށިއެވެ.
ކައިވެނި ހެދުމުގައި ސާޔާ ހުރިތަން ފެނި، މަރިޔަމްގެ ހިތް އުފަލުން ނަށައިގަތެވެ. ސިއްރުން ދެ ލޮލުން ކަރުނަ ފުހެލަމުން އޭނާ ސާޔާގެ ގައިގައި ބައްދާލީ ނުހަނު އުފަލުންނެވެ. ސާޔާގެ އިންތިޒާރުގައި އެންމެން އޭރު ތިބީ އެ ގޭ ސިޓިންރޫމްގައެވެ. މަރިޔަމް ސާޔާގެ އަތުގައި ހިފައިގެން ނިކުތުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ހަމަ ސާޔާއާ ދިމާލަށެވެ. އޭރު ރީތި ހިނިތުންވުމެއްގައި ހުރި ސާޔާ ހުރީ ކުޑަކޮށް ހެލިލަހެލިލައެވެ.
އެންމެންގެ މޫނުމަތިން ހިނިތުންވުން ފެނުނު ނަމަވެސް ހަސަން ހުރީ ފިކުރު ބޮޑުވެފައެވެ. ބަސްހުއްޓިފައެވެ. ކޮންމެވެސް ދުރު ހަނދާނަކަށް ގެއްލި ހުސްވެފައެވެ. ދުލުން ދެ ތުންފަތް ތެންމާލަމުން އޭނާ ފަރުވާތެރިކަމާއެކު ސާޔާއަށް ބަލަމުން ދިޔައެވެ.
" ހާދަ ޔުނިކް ހެދުމެކޭ. ވަރަށް ރީތި. މިހާ ރީތިކޮށް މިނާ ޖަހައިގެން ފަރުމާކޮށްފައި ހުރި ހެދުމެއް ނުވެސް ދެކެން. ހާދަ ކަވި މަސައްކަތެކޭމިއީ. ކޮންތާކުން ފެހީ؟" ރާމިޒްގެ މަންމަ އައިންތު އެހިއެވެ.
އެއާއެކު ސާޔާ ދެ އަތް ފުޅާކޮށްފައި ގޮސް ރައުދާގެ ގައިގައި ނުހަނު ލޯބިން ބައްދާލަމުން އައިންތުއަށް ބަލައިލިއެވެ.
" އަހަރެންގެ މި އުފާވެރި ދުވަހަށްޓަކައި އަހަރެންގެ ދައްތަ ދިން ހެދުމެއް." ސާޔާ ބުންޏެވެ.
" ތެދެއްތަ؟ ވަރަށް ތަފާތު ރީތި މި ހެދުން. ސާޔާ ގަޔަށް ވެސް އެހާ ރީތި." އަނެއްކާ ވެސް އައިންތު ތައުރީފް ކުރަން ފެށިއެވެ.
އެ ވަގުތު ސާޔާގެ ފައިން ފެށިގެން ބޮލާ ހަމައަށް ރައުދާ ބަލައިލިއެވެ. އަދި ހެވިފައި ހުރެ، ވާހަކަ ދައްކަން ފެށިއެވެ.
" މިއީ އަހަރެންގެ މަންމަގެ ހަމައެކަނި ހަނދާން. މި ދުނިޔެއަށް އަހަރެން ހަވާލްކޮށްފައި މަންމަ މުޅި އުމުރަށް އަހަރެމެންނާ ވަކިވީ. އަހަރެން މީހަކާ އިން ދުވަހު ބައްޕަ އަހަންނަށް ދިނީ މި ހަދިޔާ. އެހެންވެ ސާޔާގެ ހާއްސަ ދުވަހު އަހަރެން މި ހެދުން މި ދިނީ." ރައުދާ ބުނެލިއެވެ.
އެއާއެކު ހަސަންއަށް ތެޅިގަނެވުނެވެ. އިތުރަށް އެ ވާހަކަތައް އަޑުއަހަން ބޭނުންވިއެވެ.
" ބައްޕަ ބުނި މިއީ މަންމަ ވަރަށް ލޯބިން ރައްކާކޮށްގެން ގެންގުޅުނު ހެދުމެކޭ. މަންމަ ބުންޏޯ މަންމަ އަމިއްލައަށް ވަރަށް ހާއްސަވެގެން ފެހި ހެދުމެކޭ. މަންމަގެ އެ ރީތި ދެ އަތުން މި ހުރީ މިނާ ޖަހާފައި. މި ހެދުން ރައްކާކުރީ އަހަރެންގެ ކައިވެންޏަށޭ ބުންޏޯ. އެކަމަކު އެ ދުވަސް ފެނުމުގެ މާ ކުރިން މަންމަ އަހަންނާ ވަކިވީ." ރައުދާ ކިޔައިދިނެވެ.
އޭނާގެ ޖަޒްބާތީ ވާހަކަތައް އަޑުއަހަން އެންމެންނަށް ވެސް ތިބެވުނީ ނުހަނު ހަމަހިމޭންކަމާއެކުއެވެ.
" ވަރަށް ރީތި." ހަމަހިމޭންކަން ފޫއަޅުވާލުމަށްޓަކައި ސާޔާ ބުނެލިއެވެ.
" އާނ. ޝަބްނަމް ތިކިތަކެއްފަދަ މިނާތަކެއް ދޯ." ރައުދާ އެހެން ބުނެ ސާޔާގެ ގައިގައި ބައްދާލީ ލޮލުން ކަރުނަ ފުހެމުންނެވެ.
އެ ވަގުތު ހަސަންގެ ނޭވާގެ ހިނގުމަށް ވެސް އަސަރު ކުރުވިހެން އޭނާއަށް ހީވިއެވެ. ރައުދާގެ ދުލުން ޝަބްނަމްގެ ނަން ކިޔުމަކީ އިއްތިފާގެއް ބާވައެވެ؟ ނޫނީ ޝައްކު ޔަގީން ކުރެވެން އޭނާއަށް ލިބުނު އިތުރު ހެއްކެއް ހެއްޔެވެ؟ ހަސަންއަށް ކުޑަކޮށް ބޯ ތަޅުވާލެވުނެވެ. ހަޔާތަށް އައި ނުހަނު އުފާވެރި ދުވަހެއްގައި އޭނާއަށް އެ ފަދަ ވިސްނުންތަކެއް ކުރިމަތިވީތީ އިންތިހާއަށް ހަސަން ހާސްވެސް ވެއްޖެއެވެ. ސާޔާގެ ފަހަތުން ނިކުމެގެން ދިޔައިރު ވެސް ހަސަންއަށް ބެލެނީ އެ ހެދުމަށެވެ.
މީހުން ގިނަ ތަންތަނުގައި މާ ގިނަ ވަގުތު އުޅުމަކީ މަރިޔަމްއަށް ރައްކާތެރި ކަމަކަށް ނުވާތީ، ހަސަންއާއި މަރިޔަމް ޕާޓީ ދޫކޮށް ތަންކޮޅެއް އަވަހަށް ގެއަށް އައެވެ. އޭރު ވެސް ހަސަންގެ ސިކުނޑީގައި އެނބުރެމުންދަނީ މީގެ އެތައް އަހަރެއްގެ ކުރީގެ ހަނދާންތަކެކެވެ. ޝަބްނަމްގެ ސޫރަ ކުއްލިއަކަށް ކުރިމަތިން ފާޅުވާން ފަށައިފިއެވެ. ދެންމެ ވީ ކަމެއް ހެން އޭނާއަށް މަންޒަރުތައް ސިފަވާން ފަށައިފިއެވެ.
" ރީތިތަ؟ ބުނެބަލަ ރީއްޗޭ." ޝަބްނަމް ސުވާލު ކުރީ ހަސަންއާއެވެ.
ކޮޓަރިން ނިކުތް ހަސަންއަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. ޝަބްނަމް ހުރީ އޭނާގެ އިންތިޒާރުގައި ކޮޓަރި ދޮރުމަތީގައެވެ. އޭރު ވެސް އޭނާގެ އަތުގައި އެ ހެދުން އޮތެވެ. އޭރު ވެސް އޭނާ ދިޔައީ ތިނޯހަކުން މިނާ ޖަހަމުންނެވެ.
" އަހަރެމެންގެ ކައިވެނި ހަފްލާގައި އަހަރެން ލާނީ މި ހެދުން. އެހެންވެ މި ހެދުން މި ފަހަނީ އަހަރެންގެ އަތުން. އެއީ އަހަންނަށް ހަސަން ވަރަށް މުހިއްމުވީމަ." ޝަބްނަމް ބުންޏެވެ.
އެ ހެދުމާ ދިމާލަށް ހަސަން ބަލަން ފެށީ ގަޔާނުވާފަދަ ގޮތަކަށެވެ.. އޭރު ޝަބްނަމް އޭނާގެ ފަތިހަށިގަނޑުގައި ހެދުން ޖައްސާލުމަށްފަހު ހަސަންއާ ދިމާލަށް ބަލައިލިއެވެ.
" ބުނެބަލަ. ރީތި ދޯ." ޝަބްނަމް ބުންޏެވެ.
އެ ވަގުތު ހަސަން ހިތާ ދެކޮޅަށް ބޯ ޖަހާލިއެވެ.
ފާހާނައިން މަރިޔަމް ނިކުތުމާއެކު ހަސަން ދިޔައީ ސިހިގެންނެވެ. ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަން ހައްތަހާ ދިޔައީ އިތުރުވަމުންނެވެ. އެއާއެކު މަރިޔަމް ކައިރީ އެ ވާހަކަ ދައްކަން އިންތިހާއަށް ހިތް އެދެން ފަށައިފިއެވެ.
ލުއި ހިނިތުންވުމެއްގައި ހުރެ މަރިޔަމް އައިސް ހަސަންއާ ދާދި ގާތުގައި އޮށޯވެލުމާއެކު ހަސަން މަރިޔަމްއަށް ގޮވާލިއެވެ.
" އަހަރެމެންގެ އަލަތު ކައިވެނީގެ ރޭ މަތިން ހަނދާން އެބަހުރިތަ؟" މަރިޔަމް އެހިއެވެ.
" ހޫމް." ހަސަން ހޫމް އަޅުވާލި ގޮތުން މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނެވެ.
" ކިހިނެއްވީ؟ ހާދަ ނޫން ގޮތަކަށް." މަރިޔަމް ބުންޏެވެ.
" އަހަރެން ވާހަކައެއް ބުނަންތަ؟" ހަސަން ބުންޏެވެ.
އެއާއެކު މަރިޔަމް އަރިއަކަށް އޮވެ، ބޯ ހިއްލާލިއެވެ.
" ކަމެއްވީތަ؟ " މަރިޔަމް އެހިއެވެ.
" ކަމެއް... ވީކީ... ނޫން. އެކަމަކު... ކުރިން އަހަރެމެންނަށް ނޭނގޭ ކަމެއް އެނގުނީ." ހަސަން ބުންޏެވެ.
އެއާއެކު އެނގެން ބޭނުންވީ ވަރުން މަރިޔަމް ތެދުވެ، ހެޑްބޯޑުގައި ލެނގިލިއެވެ.
" ޝަބް...ޝަބްނަމް ހަނދާން އެބަހުރިތަ؟" ހަސަން އެހިއެވެ.
އެ ވަގުތު މަރިޔަމް ކުޑަކޮށް ހީލިއެވެ.
" އެއީ ދުވަހަކުވެސް މަ ހިތުން ފިލާނެ ނަމެއްތަ؟ ކިހިނެއްވީ؟ އޭނަ ފެނުނީތަ؟ އަދިވެސް ހަމަ އެހާ ރީތީތަ؟" މަރިޔަމް ބުނެލީ ސަމާސާ ރާގަކަށެވެ.
" އޭނައެއް ނުދެކެން. އެކަމަކު... އޭނަގެ ދަރިފުޅު ފެނުނީ." ހަސަން ބުނެލިއެވެ.
" ޕާޓީންތަ؟ ކިހިނެއް ހަސަންއަށް އެނގުނީ؟" ސުވާލަކަށް ފަހު ސުވާލެއް މަރިޔަމް ކުރަމުން ދިޔައެވެ.
" އެއީ... ރައުދާ. ރައުދާޢަކީ ޝަބްނަމްގެ ދަރިއެއް." ސީލިންގަށް ބަލައިލަމުން ހަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމްއަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. ސުވާލު އުފެދިފައި އޭނާއަށް އިނދެވުނީއެވެ.
" އަހަންނަށް ހަމަ ޔަގީންވެއްޖެ." ހަސަން އަނެއްކާ ވެސް ބުންޏެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!