ފީފާ ކްލަބް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ފްލެމިންގޯއާއި ޗެލްސީ ޖާގަ ހޯދައިފިއެވެ.
ގްރޫޕް ޑީގައި މިއަދު ހެނދުނު ތޫނިސްއާއި ޗެލްސީ ބައްދަލުކުރި މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކޮށްފައި ވަނީ ޗެލްސީއެވެ. މި ގްރޫޕްގައި ފްލެމިންގޯއާއި ލޮސް އެންޖެލަސް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ.
މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ހޯދީ ފްލެމިންގޯއެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމްގެ ގޮތުގައި ޗެލްސީ ދެވަނަ ބުރަށް ކޮލިފައިވީ ތިން މެޗުން ހޯދި ހަ ޕޮއިންޓާއި އެކުގައެވެ. މި ގްރޫޕުން ކަޓައިގެން ދިޔައީ ތޫނިސް އާއި ލޮސް އެންޖެލަސްއެވެ.
މި މެޗުގައި ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. މޮޅަށް ކުޅުނު ނަމަވެސް ޗެލްސީއަށް ތޫނިސްގެ ގޯލު ފޫއަޅުވާލެވޭވަރުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. އެގޮތުން ފުރަތަމަ ލަނޑު ޖަހައިދިނީ އަޑަރަބިއޮޔޯއެވެ. މި ލަނޑު އޭނާ ޖަހާފައި ވަނީ ތޫނިސްގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ އެންޒޯ ފެނާންޑޭޒް ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ޗެލްސީ އިން ލީޑު ފުޅާކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމާއި އަލަށް ގުޅުނު އިނގިރޭސި ފޯވާޑް ލިއަމް ޑެލަޕް އެވެ. މިއީ އިޕްސްވިޗް ދޫކޮށް ޗެލްސީއާއި ގުޅުނު ފަހުން ޑެލަޕް އެޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މި ދެ ލަނޑު ޖެހުމަސް ވެސް އެސިސްޓް ކޮށްފައި ވަނީ ރޭ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެންޒޯ ފެނާންޑޭޒްއެވެ.
މިމެޗުގައި ޗެލްސީގެ ތިންވަނަ ލަނޑު ފަހުހާފުގެ އިތުރު ވަގުތުގެތެރޭގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޒުވާން ފޯވާޑް ޓިރިކް ޖޯޖްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!