" ފެން ވަރަށް އަގު ބޮޑުކޮއްފި. އަހަރެމެން ވެސް ބައެއް ފަހަރު އިސްކޫރުން ފެން ބޮމޭ މަންމާ. ގިނަ މީހުން އުޅޭ އިރު ހަރަދަށް ވެސް ބަލަން ވާނެ އެއްނު. އެހެން ނޫނަސް މާލޭގައި މިހާރު ވެސް އިސްކޫރު ފެން ބޯ މީހުން މަދެއް ނުވާނެ." ރައުދާ ބުނެލި ޖުމްލަ އަދިވެސް މަރިޔަމްގެ ކަންފަތުގައި ހަރުލާފައި ހުރި ކަހަލައެވެ.
" ރައުދާ އެހެން ބުނި ވާހަކަ އަަހަރެމެން ސާމިހް ކައިރީ ބުނާނެ ކަމެއް ނެތް. އެ ދެ ކުދިން މަައްސަލަ ޖެހިދާނެ." މަރިޔަމް ބުންޏެވެ.
އެ ވަގުތު ހަސަން އިނީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައެވެ. އޭނާ މަޑުމަޑުން މަރިޔަމްގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" މަރިޔަން ފިކުރު ކުރާތީ އަހަރެން ވަރަށް ދެރަވޭ. އަހަންނަށް ވެސް އެނގެޔޭ އަހަރެމެންނަށް އެ މަންޖެ ރަނގަޅު ނޫންކަން. އެކަމަކު އަހަރެމެންނަށް މި ނޫން ގޮތެއް ނެތެއްނު. ހާނިމް ވެސް މާދަމާ ނޫންކަމެއް ނޭނގެ ރާއްޖެއިން ފުރާނީ. ސާޔާ އެ ހުރީ މިހާރު އަހަރެމެންގެ ބާރުގެ ދަށަކު ނޫން. އަންހެން ދަރިންނަކަށް އަހަރެމެންގެ ބާރެއް ނުވެސް ފޯރުވޭނެ. ދެން ހުރީ ހަމައެކަނި ސާމިހް." ހަސަން ބުންޏެވެ.
" ސާމިހް ކިތަންމެހާ ވެސް ރަނގަޅު. " މަރިޔަމް ބުންޏެވެ.
ހުކުރު ދުވަހެވެ. ސާމިހްއަށް ހޭލެވުނު އިރު ގަޑިން 11 ޖަހަނީއެވެ. އޭރު ރައުދާ ވެސް އޮތީ ގަދަ ނިދީގައެވެ. ލޯ ހުޅުވާލެވުމާއެކު ސާމިހް ހަނދާންވީ އޭނާގެ މަންމައާއި ބައްޕަ މަތިންނެވެ. އެހެންވެ، ތެދުވި ގޮތަށް ފާހާނާއަށް ވެސް ނުވަދެ އޭނާ ނިކުތީ ސިޓިންރޫމަށެވެ. އޭރު މަންމައާއި ބައްޕަ ފެންނާކަށް ނެތެވެ. ހުއްޓުމެއް ނެތި އޭނާ މަންމަގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތް ވަގުތު ސިޓިންރޫމް ދޮރުގެ ތަޅުގައި ހިފާލި އަޑު އިވުނެވެ. އެ ދިމާލަށް ބަލަހައްޓައިގެން ހުއްޓާ، އެތެރެއަށް ވަނީ މަންމައާއި ބައްޕައެވެ. ލިބުނު ހައިރާންކަމާއެކު ސާމިހްއަށް ހުރި ފިޔަވަޅުމަތީ ހުރެވުނެވެ.
ހަސަންއާއި މަރިޔަމްއަށް ވެސް ސާމިހް ފެނުމާއެކު ލިބުނީ ކުއްލި ސިހުމެކެވެ. އެ ވަގުތު ހަސަން، އޭނާގެ އަތުގައި އޮތް ކޮތަޅު ފުރަގަހަށް ލިއެވެ. މަންޒަރު ބަލަން ހުރި ސާމިހްއަށް ދެނެއް ނުހުރެވުނެވެ. މަންމައާއި ބައްޕަގެ މޫނުމަތިން ފެންނަމުންދާ ކަންބޮޑުވުމާއި ހާސްކަމުގެ ސަބަބުން އޭނާ ވެސް އިންތިހާއަށް ކަންބޮޑުވިއެވެ.
" ކޮންތާކުން ތި އައީ؟ ކޯއްޗެއް ގަތީ؟" ސާމިހް އެހިއެވެ.
އެ ވަގުތު ހަސަންއާއި މަރިޔަމްއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ.
" ކީއްވެ މަންމަމެން އެކަނި ބޭރަށް ދިޔައީ؟ މިހާރު މަންމަމެން ތި ތިބީ އަހަރެމެން ކައިރީގައެއްނު. ކަމެއް ބޭނުން ވިޔަސް އަހަރެމެން ގާތު ދޯ ބުނަންވާނީ. އެކަނި ތިހެން ބޭރަށް ގޮސް އުޅެނިކޮށް ކަމެއް ވެދާނެ." ސާމިހްގެ އަޑުގައި ކަންބޮޑުވުމާއެކު ހިތްހަމަ ނުޖެހުމުގެ އަސަރުތައް ވެސް ހުއްޓެވެ.
ސާމިހް އެފަދަ ގޮތަކަށް ވާހަކަ ދައްކާ އަޑު އަހާކަށް ހަސަންއަކަށް ކެތެއް ނުކުރެވުނެވެ.
" މަންމަ ކަނީ ވަރަށް ބާރުގަދަ ބޭހެއް. ބޭސް ކެއުމުގެ ކުރިން ރަނގަޅަށް ކާންޖެހޭނެޔޭ ޑޮކްޓަރު ބުނިކަން ދަރިފުޅަށް އެނގެއެއްނު. އެހެންވެ މަންމައަށް ހެދިކާއެއް ގަނެގެން މިއައީ. " ހަސަން ބުންޏެވެ.
" ހެދިކާއޭ؟ " ސާމިހް އެހިއެވެ.
" އާނ. މަންމަމެން ކަނީ ގަނެގެން. ހެނދުނު ކަނީ އާފަލެއް ކަހަލަ އެއްޗެއް. އެކަމަކު މެންދުރަށް ކޮންމެވެސް ހަރު އެއްޗެއް ކާލާ ހިތްވާތީ ހެދިކާ ނޫނީ ބަނަސް ގަންނަނީ. މި ގޮތް ވެސް ފުދެޔޭ." މަރިޔަމް ބުނެލިއެވެ.
އެހެން ބުނެ، މަރިޔަމް ގޮސް ވަނީ ކޮޓަރިއަށެވެ.މަންމަގެ އެ ވާހަކަތަކުން ސާމިހްއަށް ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. ބައްޕަގެ މޫނަށް ބަލައިލި އިރު އެ މޫނުމަތިން ވެސް ފެންނަނީ ސާމިހްއަށް ބަލައިގަންނަން އުނދަގޫ އަސަރުތަކެކެވެ. ކުޑަ އިރުކޮޅަކު ހަސަން އެތާ ހުރުމަށްފަހު، ސާމިހް އެއްޗެއް ނުބުނުމުން އޭނާ ވެސް ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ.
" ރައުދާ. ރައުދާ. އޭ ހޭލަބަލަ." ސާމިހް ރައުދާއަށް ގޮވަން ފެށިއެވެ.
ދެ ލޯ ހުޅުވާލުމާއެކު ރައުދާއަށް ފުރަތަމަ ވެސް ފެނުނީ ސާމިހްގެ މޫނުމަތީގައިވާ ރުޅިވެރިކަމެވެ.
" ހާދަ ހެނދުނަކާ ކޮންކަމަކާ ރުޅި އައިސްގެން ތި ގޮވަނީ؟" ރައުދާ އެހިއެވެ.
" ހާދަ ހެނދުނެކޭ. މިހާރު 12 ޖަހަނީއޭ. "ސާމިހް ބުންޏެވެ.
އެ ވަގުތު ރައުދާ ތެދުވެ، އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އެނދުގެ ހެޑް ބޯޑުގައި ލެނގިލިއެވެ. އޭރު ވެސް އޭނާއަށް އާފުރެވެއެވެ.
" އެނގެއެއްނު އަހަރެން ރޭގަ ނިދީ ލަހުންކަން. ކީއްކުރަންތަ ގޮވީ؟" ރައުދާ އެހިއެވެ.
" އަހަރެންގެ މައިންބަފައިންނަށް ހަމަ އެއްވެސް އެއްޗެއް ކާން ހޯދައެއް ނުދެންތަ؟ ނުކެއްކެންޏާ އެ މީހުންނަށް އެއްޗެހި އޯޑަރ ކޮށްދޭށޭ އަހަރެން ބުނީމެއްނު. ރައު ފަހަކަށް އައިސް ހަމަ ސޮއިކޮށްފައި ގެއަކަށްނު އަންނަނީ." ސާމިހް ބުންޏެވެ.
ކިތަންމެ ރުޅި އައި ނަމަވެސް، ރައުދާއާ ރުޅި އައިސްގެން ވާހަކަ ދައްކައިފިނަމަ، އޭނާގެ ޑްރާމާ ބޮޑުވާނެކަން ސާމިހްއަށް އެނގެއެވެ. އެހެންވެ، ސާމިހް އިސްކުރީ ހަމަޖެހުމެވެ.
" އަޅެ އަހަރެން ހުންނަނީ ޑައެޓްގައިކަން ސާމިއަށް އެނގެއެއްނު. އެހެންވެ އަހަރެން އެއްޗެހި ނުގެންނަނީ. ހޮޓަލުން ބައްޕަ އެއްޗެހި ގެނެޔޭ. ދެން އެއީ އެވަރުގެ ކަމެއް ނޫނެއްނު. ބައްޕަމެން ނުކުރާ ޝަކުވާއެއް ސާމި ކީއްކުރަން ތި ކުރަނީ؟" ރައުދާ ބުނެލިއެވެ.
" ބައްޕަމެން ޝަކުވާއެއް ނުކުރާނެ ބަނޑަށް ހުންނަން ޖެހުނަސް." ސާމިހް ބުނެލީ ދެރަވެފައި ހުރެއެވެ.
ނަމަވެސް ރައުދާއަކަށް އެކަން މާ ބޮޑު ކަމަކަށް ނުވިއެވެ. އޭނާ ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު ގޮސް ފާހާނާއަށް ވަނީ ސާމިހްގެ ވާހަކަތަކުން ސަލާމަތް ވުމަށް ކަހަލައެވެ.
" ހަމަ ހުވާ އަފޫ. މަ މިހާރު ގެއަށް ވަންނަ ހިތް ވެސް ނުވެ. މިހާރު ސާމިހް ކައިރި ކޮންމެވެސް ވާހަކަތަކެއް ދައްކައިގެން ކަންނޭނގެ އެ އުޅެނީ. އެހާ މުސްކުޅި ބަޔަކަށް ދެން ކޯއްޗެއްތަ ކެވޭނީ. " ރައުދާ ބުންޏެވެ.
އޭނާ އިނީ އަފްޒާއާއެކު ރެސްޓޯރެންޓެއްގައެވެ. ރައުދާގެ ވާހަކަތަަކަށް އަފްޒާ ސަޕޯޓެއް ނުކުރެއެވެ. އެހެންކަމުން އޭނާ ހީލަހީލާ އިނީއެވެ.
" މަހެއް ހާ ދުވަހަށް އޮފީހު މީހުން އެބައޮތް ލަންކާއަށް ދިޔުން. ކުރިން އަހަރެން އުޅުނީ ސާމިހް ހިނގައިދާނެތީވެ. އެކަމަކު މިހާރު މަ ބޭނުމީ ސާމިހް އެ ދަތުރު ފޮނުވާލަން. " ރައުދާ ބުންޏެވެ.
" އެޔޯ؟ ކީއްވެ މިހާރު ފޮނުވާލަން ބޭނުން ވެގެން ތި އުޅެނީ؟" އަފްޒާ އެހިއެވެ.
" އޭރުން ވެސް ގޭގައި ތިބި ދެ މީހުން ކުޑަކޮށް ސައިޒް ވެދާނެ އެއްނު. ސާމިހް އަންނައިރަށް ކޮންމެވެސް އެއްޗެއް އެބަ ކުޓުވައޭ. ސާމިހް މިހާރު ލޯބިން މަށަށް ބަލައިވެސް ނުލާ. ދެން މާ މަންމަމެން ވެގެން އުޅެނީ. އެ މީހުން ސިޓިންރޫމްގައި ތިބިއްޔާ އޭނަ ބޭރަށް ދާނީ އެ މީހުން ވަނީމަ." ފޫހިވެފައި އިނދެ ރައުދާ ބުންޏެވެ.
އަފްޒާ އަނެއްކާ ވެސް ޖަހާލީ ހިނިގަނޑެކެވެ. އޭރު ވެސް ރައުދާ ހުއްޓުމެއްނެތި ސާމިހްގެ ވާހަކަތައް ދައްކަމުން ދިޔައެވެ.
ރައުދާ ގެއަށް އައީ ވަރަށް ލަހުންނެވެ. އޭރު ސާމިހް އޮތީ ނިދަން އަރައެވެ. އެނދުމަތީ އޮތް ސާމިހް ފެނި، ރައުދާއަށް ލިބުނީ ކުއްލި ހައިރާންކަމެކެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަސް ގޮނޑިމަތީ ބެހެއްޓުމަށްފަހު ރައުދާ، ސާމިހްއާ ދިމާލަށް ހިނގައިގަތެވެ.
" ކީއްވެ ގެއަށް އައިސް ގުޅައިވެސް ނުލާ ތި އޮތީ؟ އަހަރެން މި ހުރީ ސާމިހް އަންނަންދެން އަފޫއާ އެކު." ރައުދާ ބުނެލިއެވެ.
" ވަރުބަލި ކަމުން ފެންވަރައިގެން އަހަރެން އޮށޯތީ. މާދަމާއަކީ މަންމަ ޑޮކްޓަރަށް ދައްކާ ދުވަސް. އަހަރެން ބޭނުން އެ ވަގުތަށް އޮފީހުން ބްރޭކް ނަގަން." ސާމިހް ބުންޏެވެ.
" އާނ ތިހެން ބުނީމައޭ މި ހަނދާން ވީ. އެއް މަސް ދުވަހުގެ ކޯހަށް ސާމިހް ދާން ވީނު ލަންކާއަށް. މުސާރަ ވެސް ބޮޑު ކޮށްދޭނެ ކަންނޭނގެ އެ ކޯސް ހެދީމަ." ރައުދާ ބުނެލިއެވެ.
" ކޯސް ދޯ؟ މަންމަމެން ޑޮކްޓަރަށް ދައްކަން އައިސް ތިއްބާ އެހާ ގިނަ ދުވަހަށް ދާކަށް ބޭނުމެއް ނޫން." ސާމިހް ބުންޏެވެ.
އެ ވަގުތު ރައުދާގެ މޫނުމަތީގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ. އޭނާ އިތުރަށް ރުޅި ގަދަވެއްޖެއެވެ.
" ދެން؟ ތިއޭ މައްސަލައަކީ. ހަމަ އެ މީހުން ޑޮކްޓަރަށް ދައްކާލާށޭ ކިޔާފަ ސާމިހްއަށް ލިބޭ ފުރުސަތުތައް ދޫކޮށްލަންވީ؟ މިތާ ސާޔާ ވެސް އެބަހުރި ދޯ. އަހަރެން ވެސް މި ހުރީނު. ސާމިހް ދެން މާ ވަރަކަށް ތި އުޅެނީ. ސާމިހް ތިހެން އުޅޭތީއޭ އެ މީހުންނަށް ސާމިހް ކައިރީ ފާޑުފާޑުގެ ވާހަކަ ދައްކަން ކެރެނީ." ރައުދާ އެހެން ބުނެ ދެ އަތް އުރާލިއެވެ.
" އަހަރެންގެ މައިންބަފައިންނަކީ ތި ހީކުރާ ކަހަލަ ބައެއް ނޫން. އެ މީހުން ނުދައްކައޭ އަހަރެން ކައިރީ ފާޑުފާޑުގެ ވާހަކައެއް. ދެން އެ މީހުންނާ ދިމާލަށް ދިމާލަށް ރައުދާގެ ދުލުން އިތުރަށް ހެޔޮ ބަހެއް ވެސް އަދި ނުބައި ބަހެއް ވެސް ބުނެގެން ނުވާނެ. ހަނދާން ކުރާތި." ސާމިހް ބުންޏެވެ.
އޭނާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރި ބާލީހުގައި ބައްދާލިއެވެ. އިތުރަށް ރައުދާގެ ސޫރަ ދެކެން ވެސް އޭނާ ބޭނުން ނުވާ ކަހަލައެވެ.
ރައުދާ ވެސް ސާމިހްއަށް ފުރަގަސް ދެމުން ރުޅި ގަދަވެފައި އޮވެ މަޑުމަޑުން ކުދި ކިޔަމުން ދިޔައެވެ.
" ދަރިފުޅު މަންމަމެން ކައިރިއަށް ނައިސްތަ ފުރަނީ؟" މަރިޔަމް އެހިއެވެ.
" ހަނީމޫނަށް ގޮސް އައިސް ދެން ދެވޭނީ. ވަރަށް ކުއްލިއަކަށް ދަތުރު މި ހަމަޖެހުނީ. ދިހަ ވަރަކަށް ދުވަހަށޭ މި ދަނީ." ސާޔާގެ އަޑުގައި ހުރީ އުފާވެރިކަމެވެ.
ފޯނު ބޭއްވި އިރު ވެސް މަރިޔަމް ހުރީ އިންތިހާއަށް ދެރަވެފައެވެ. މަރިޔަމްގެ ކަންބޮޑުވެފައި ހުރި މޫނު ފެނުމުން ހަސަން އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ.
" އެ ކުދިންނަކަށް ވެސް ދެން ވަގުތެއް ނުވާނެ. އަހަރެމެން ދެ މީހުން އަމިއްލައަށް އެކަން ދަނެގެން އުޅެންވީ. އެއްވެސް ދަރިއަކަށް އެއްވެސް ކަމަކު މަޖުބޫރު ކޮށްގެން ނުވާނެ." ހަސަން ބުންޏެވެ.
އެ ވަގުތު މަރިޔަމްއަށް ހަސަންގެ ކޮނޑުގައި ބޯ އަޅާލެވުނެވެ. ހަމަ އެ ވަގުތެވެ. ކޮޓަރި ދޮރުގައި ޓަކި ޖަހާލި އަޑަށް ހަސަންއާއި މަރިޔަމްއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ދެ ވަނަ ފަހަރަށް ޓަކި ޖަހާލުމުން ހަސަން ގޮސް ދޮރު ހުޅުވީ ހާސް ހިތަކައިގެންނެވެ. ކުރިމަތީގައި ހުރި ރައުދާ ފެނުމާއެކު ހަސަންގެ ހިތް އިތުރަށް ނުތަނަވަސް ވިއެވެ.
" ބައްޕަމެން އަހަރެންގެ ވާހަކަ ސާމިހް ކައިރީ ދެއްކީމަ އޭނަ އަހަރެން ދެކެ ވަރަށް ރުޅި އައިސް ހުރީ. އަހަރެން ކޮން ގޯސް ގޮތަކަށް ބައްޕަމެންނާ މެދު ކަންތައް ކުރީ؟ އަހަރެން އެއްޗެއް ބުންޏަސް ބުނަނީ ހަމަ ރީތިކޮށް ދޯ. އެހެން ނޫނަސް ބައްޕަމެން މި ގެއަށް އައި އިރު ވެސް ބުނިން އަހަންނަކީ ކައްކަން އެނގޭ މީހެއް ނޫނޭ." ރައުދާ ބުންޏެވެ.
" އަހަރެމެން ނުދައްކަން އެއްވެސް ވާހަކައެއް. " ހަސަން ބުންޏެވެ.
" ނުދައްކަންޏާ ސާމިހް އެހާ ރުޅި އައިސް އަހަންނަކާ ވާހަކައެއް ނުދައްކާނެ. ދެން ހެވޭ. މިހެން އަހަރެން ކީ ވާހަކަ އަނެއްކާ ނުބުނާތި. މިއަދު އެ ހުރީ ބޭރުން ސައިބޯން ގެނެސް. ސައިބޮއިގެން ތިބޭ. އަހަރެން ސައި ދިން ވާހަކަ އެކަމަކު ސާމިހް ކައިރީ ބުނާތި. " ރައުދާ އެހެން ބުނެ މަޑު އަވަސް އަވަހަށް ގޮއްސިއެވެ.
" ބޭނުމެއް ނޫން އެ އެއްޗެހި ކާކަށެއް." ހަސަން އެހެން ބުނެ އަނެއްކާ ވެސް އައިސް މަރިޔަމްގެ ކައިރީ އިށީނެވެ.
" އޭރުން ދެން ވެސް އޭނަ އައިސް އަހަރެމެން ދެކެ ރުޅި އަންނާނީ. ގޮތް ދޫކޮށްފައި ހިނގާ. މި ތާ އުޅެވޭނީ އޭނަގެ ބަސް އަހައިގެން." މަރިޔަމް ބުނެލިއެވެ.
އެ ވަގުތު އެއްވެސް އާރެއްބާރެއް ނެތް ފަދަ ގޮތަކަށް ހަސަންއަށް މަރިޔަމްގެ މޫނަށް ބަލައިލެވުނެވެ.
އޮފީސް ނިންމާފައި ސާމިހް ގެއަށް އައީ ނުތަނަވަސްވެފައިވާ ހިތަކައިގެންނެވެ. ހިތް ބަރުވެ، ވަރަށް ބޮޑަށް އޭނާ ހުރީ ދެރަވެފައެވެ. ލެޕްޓޮޕް ދަބަސް ސޯފާގައި ބޭއްވުމަށްފަހު، އޭނާ ގޮސް މަންމަގެ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. ދޮރު ހުޅުވާލުމާއެކު މަންމައާއި ބައްޕަ ފިކުރު ބޮޑުވެފައި އެނދުމަތީގައި ތިބި ތަން ފެނި، އޭނާގެ ހިތަށް ވަރަށް އަސަރު ކުރިއެވެ.
" ކޮން ވާހަކައެއްގައި؟ އޮށޯވެސް ނުލައި ތި ތިބީ ކީއްވެ؟" ސާމިހް ސުވާލު ކުރިއެވެ.
" ދެން ކުރާނެ ކަމެއް ނެތީމަ މިހެން ތިބެނީ. އަބަދު ކިހިނެއް އޮށޯވެގެން ތިބޭނީ؟" ހަސަން ހިނިތުން ވަމުން ބުންޏެވެ.
" ދަރިފުޅު ހީވަނީ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުން ވެފައި ހުރި ހެން." މަރިޔަމް ބުނެލިއެވެ.
އޭނާ އޭރު ވެސް އިނީ ސާމިހްގެ މޫނަށް ކަޅި ޖަހައިވެސް ނުލާ ބަލާށެވެ.
" އެއް މަސް ދުވަހަށް ޖެހިއްޖެ ލަންކާއަށް ދާން. އޮފީސް ދަތުރަކު. " ސާމިހް ބުންޏެވެ.
އެއާއެކު މަރިޔަމްއަށް ހަސަންގެ މޫނަށް ބަލައިލެވުނީ ކަންބޮޑުވުމާއެކުއެވެ.
" ނުދާން ވަރަށް މަސައްކަތް ކުރިން. އެކަމަކު... އެކަމަކު ބޮސް ބޭނުން ވީ އަހަރެން ފޮނުވަން. " ސާމިހް ބުންޏެވެ.
ނުނިމޭ
މި ވާހަކަ ގެނެސްދެނީ ކޮންމެ އާދީއްތަ ، ހޯމަ އަދި ބުދަ ދުވަހެވެ.
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!