" ކައިވެނި ކުރެވޭނީ އަދި ހަފްތާއެއްހާ ދުވަސް ފަހުން.. އެހެންވީމަ ކައިވެނި ކުރެވެންދެން ޔަޝްމީ ހުންނާނީ އެކޮޓަރީގައި..."
ހާރޫން އެހެން ބުނުމުން ޔަޝްމީ އެއްމިޔަކަނުން ހީލިއެވެ.
" ހުނ.. ކައިވެނި ކޮށްގެންވެސް އަހަރެން ހާރޫންގެ ކޮޓަރިއަކަށް ނުދާނަން"
ޔަޝްމީގެ ޖުމްލައިން ހާރޫންއަށް އިސްޖަހާލެވުނެވެ. ނަމަވެސް ދެވަނަފަހަރަށްވެސް އޭނާ ޔަޝްމީއަށް ބަލައިލީ ސާދާ ހިނިތުންވެލުމަކުންނެވެ.
" ކޯއްޗެއް ކާނީ؟ އޯޑަރ ކޮށްލަން ވެގެން.."
ޖީބުން ފޯނު ނަގަމުން ހާރޫން ސުވާލު ކުރިއެވެ. އެއާއިއެކު ދެއަތް އުރާލަމުން ޔަޝްމީ ދެބުމަ ކައިރިކޮށްލިއެވެ.
" އަހަރެން ބުނެފިންދޯ އަހަންނަށް ޒަހަރު ދޭށޭ! ޒަހަރުދީފަ އަހަރެން މަރާލަދީބަލަ! ތި ކައިވެނި ކުރުމަށްވުރެން އަހަންނަށް އެގޮތްވެސް މާ ރަނގަޅު"
ޔަޝްމީގެ ހަރުކަށި ޖުމްލަތަކުން ހާރޫންގެ ހިތަށް ވަރަށް އަސަރު ކުރުވިއެވެ. ޔަޝްމީއަށް ބަލަހައްޓައިގެން ހުރި ހާރޫން ހިންދިރުވާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ތިހެން ނުބުނޭ ޔަޝްމީ! އަހަރެންގެ ހިތުގައި ޔަޝްމީއާމެދު އޮތް ލޯތްބަކީ ތިޔަހާ ދަށު ދަރަޖައެއްގެ ލޯތްބެއް ނޫނޭ. ލޯތްބަކީ ވަކި ޢުމުރަކަށް ބަލައިގެން ވެވޭނެ އެއްޗެއްނަމަ އަހަރެން ކީއްކުރަން ޔަޝްމީދެކެ ލޯބިވާންވީ؟ "
" ލޯތްބޭ؟ ހުނ.. ލޯބި! ލައްކައިން ލައްކައިން އަހަރެންގެ ބައްޕައަށް ފައިސާތައް ދައްކާފަ ބައްޕަގެ ދެލޯ ރޯނާ ކޮށްލީވެސް ހާރޫން.. އެހެންވީމަތާ އަހަރެން މިއަދު މިތަނަށް އަންނަން މިޖެހުނީ.."
ޔަޝްމީ މަލާމާތުގެ ރާގަކަށް ބުނެލިއެވެ.
" ފައިސާގެ ދަޅައެއް ނުދައްކަން."
މަޑުމައިތިރިކަމާއިއެކު ހާރޫން ބުނެލިއެވެ.
" ކޮންމެ އެއްޗެއްވެސް ތިހެން ބުނެވިދާނެ. ހާރޫން ބޭނުންވި ކަންތައް ވެއްޖެތާ! "
އޭރުވެސް ޔަޝްމީ ހުރީ ކޮޅަށެވެ. އެކަމާ ހާރޫންއަށް ހުރީ ވަރަށް ބޮޑަށް އުނދަގޫވެސް ވެފައެވެ. ނަމަވެސް ޔަޝްމީގާތު އިށީންނަން ބުންޏަސް އޭނާ އަންނާނީ ރުޅިކަން ހާރޫންއަށް އެނގެއެވެ. އެހެންކަމުން ހާރޫން އިތުރަށް އެއްޗެއް ނުބުނެ މަޑުކުރިއެވެ.
" އަހަރެންގެ މަންމައާއި ބައްޕަގާތަށް ދާން ކެރޭނެތަ؟ "
ހާރޫން ބުންޏެވެ. އެއާއިއެކު އަނެއްކާވެސް ޔަޝްމީ ހީލީ މަލާމާތްކުރާ ފަދަ ގޮތަކަށެވެ.
" ހާރޫން ހީކުރީ އަހަންނަކީ ހާރޫންގެ އަޅެއް ކަމަށްތަ؟ ބޮޑު އަގުގައި އަހަރެން ގަނެގެން ގެނެސް އަދިވެސް ހާރޫންގެ މީހުންގާތަށް އަހަރެންތަ ދާން ޖެހޭނީ؟ އެމީހުން ކައިރީ ބުނޭ އެމީހުން އަންނާށޭ "
ޔަޝްމީގެ ވާހަކައިން ހާރޫންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ޔަޝްމީއަށް ފެނުނެވެ. ހާރޫން ޔަޝްމީއަށް ފުރަގަސް ދިނުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
" ޔަޝްމީގާތަށް އަންނާނެހާ ބާރު އެމީހުންގެ ކިބައިގައި ހުރި ނަމަ އެމީހުންގާތަށް ޔަޝްމީ ދާކަށް ނުޖެހުނީސް.. އެމީހުން އަންނާނެ."
ހާރޫން އެހެން ބުނުމުން އިތުރަށް އޮޅުން ފިލުވަން ބޭނުންވެފައި ހުރި ގޮތަކަށް ޔަޝްމީ ބަލަމުން ދިޔައެވެ.
" އަހަރެންގެ މައިންބަފައިންނަކީ އެކަނި ހިނގާބިގާވެ އުޅެވޭވަރުގެ ބައެއްނޫން.. ޢުމުރުން ވަރަށް ދުވަސްވެފައިތިބީ. ބައްޕައަށް މިހާރު އަހަންނަކީ ބައްޕަގެ ދަރިއެއްކަންވެސް ހަނދާނެއް ނުހުރޭ.. މަންމައަށްވެސް އަމިއްލައަތުން ކެވޭވަރަށްވުރެވެސް މާ ގައިބާރުދެރަވެއްޖެ"
ދެރަވެލާފައި ހާރޫން ބުންޏެވެ. އެވަގުތު ޔަޝްމީގެ ހިތުގައި ސުވާލުތައް ފުނިޖެހެމުންދިޔައެވެ. ހާރޫންއާ އިތުރަށް ވާހަކަ ދައްކާހިތް ނުވިޔަސް އެ ސުވާލުތައް ކުރާހިތުން އޭނާވެސް ތަންކޮޅެއް ކުރިއަށް ޖެހިލިއެވެ.
" ދެން ހާރޫންގެ މައިންބަފައިން ބަލަނީ ކާކު؟ އިތުރު ދަރިން ތިބޭތަ ؟ "
ޔަޝްމީގެ އަޑަށް ހާރޫން ފަހަތަށް އެނބުރި ބުންޏެވެ.
" ނޫން.. އަހަންނަކީ އެމީހުންގެ ހުރި ހަމައެކަނި ދަރި. މަންމައާއި ބައްޕަ ބަލަން ޚާއްސަކޮށް ދެމީހަކު ހުންނާނެ. އަހަރެން މަޑުކޮށްގެން ފައިސާހޯދާނެ ގޮތެއް ނެތީމަ އަހަރެން މަސައްކަތަށް ނިކުތީ ޑިޔުޓީ ކުރަން ބޮޑު މުސާރަ ދީފައި މީހުން ބައިތިއްބާފައި. އެއީ އަހަންނަށް އެނޫން ގޮތެއް ނެތިގެން. އަހަރެންވެސް ގިނަ ވަގުތު އުޅެނީ އެގޭގައި. "
ހާރޫން ދައްކަމުންދާ ވާހަކަތައް ޝައުޤުވެރިކަމާއިއެކު ޔަޝްމީ އަޑުއަހަން ހުއްޓެވެ. އިތުރަށް ބުނާނެ އެއްޗެއް ނެތުމުން ޔަޝްމީ ހުރީ މަޑުންނެވެ.
" ޔަޝްމީ ދާން ބޭނުން ނުވަންޏާ ދެން ކޮޓަރިއަށް ވަދެފައި ރެސްޓްކޮށްލާ! އަހަރެން މިދަނީ އެގެއަށް ގޮސްލަން.. އަހަރެން ވަރަށް އަވަހަށް އަންނާނަން.. ކާއެއްޗެހިވެސް އަންނަމުން ހިފައިގެން އަންނާނީ.."
ހާރޫން ދޮރާއި ދިމާލަށް ހިނގައިގަންނަމުން ބުނެލިއެވެ. ނަމަވެސް ޔަޝްމީ ހުރީ އޭނާގެ ގޮތުގައެވެ. އަޅައިވެސް ނުލައެވެ. ހާރޫން ހިނގައިގަތީ ޔަޝްމީ އަންނާނެކަމުގެ އުއްމީދުގައި ހުރެއެވެ. ނަމަވެސް އޭނާގެ އެއްވެސް އިޝާރާތެއް ނުވުމުން ހިނގުން ބާރުކޮށްލުމަށްފަހު ހާރޫން ނިކުމެގެން ދިޔައެވެ.
ހާރޫން ދިޔުމާއިއެކު ޔަޝްމީގޮސް އޭނާއަށް ހާރޫން ޚާއްސަކުރި ކޮޓަރިއަށް ވަދެ ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލިއެވެ. އެއާއިއެކު ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނީ އެފަދަ ރީތި ކޮޓަރިއަކަށް އޭނާ ވަތް ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ. ކިންގް ސައިޒްގެ ބޮޑު އެނދަކާއި ހަތް ދޮރުފަތުގެ ބޮޑު އަލަމާރިއެއް އޭނާއަށް މި ފެނުނީ އަލަށެވެ. އޭސީ ފިނީގެ އަސަރު އޭނާގެ މުޅި ހަށިގަނޑަށް އިޙްސާސްވަމުން ދިޔައެވެ. ހިނިތުންވެ ހުރެ އެނދުގައި އިށީނދެލެވުމާއިއެކު ގޮދަނޑި މަޑުކަމުން އޭނާ ގަނބައިގަތެވެ. އެހިނދު ހިނި އާދެވުނު ވަރުން ޔަޝްމީ އެނދުގައި އޮށޯވެލީއެވެ.
" އާހް! ހާދަ އަރާމު އެނދެކޭ... ހާދަ ފިންޏޭ! ތެދުވާ ހިތެއްވެސް ނެތް"
ހިތާހިތާ އޭނާ ވާހަކަ ދައްކާލިއެވެ. ނަމަވެސް އޭނާގެ ރުންކުރު ގޮތްގަނޑުން ސިކުނޑި ޚަރާބުވާކަށް މާ ގިނަ އިރުތަކެއް ނުނެގިއެވެ.
" އަހަރެން ހަމަ އެހާ ރުޅި ގަދައީތަ؟ އެކަމަކުވެސް ހެޔޮ! ހާރޫން ފެނުނީމަ އަހަންނަށް އެއާދެވޭ ރުޅިއެއްގެ ވާހަކަ ނުވާނެ ދައްކަންވެސް.."
އަނެއްކާވެސް ޔަޝްމީއަށް ބުނެވުނެވެ.
***
އެންމެ ހޫނުގަދަ ވަގުތެވެ. އޮފީހުން ނިކުމެގެން ޖާވިދް އައީ ބައިސްކަލްގައެވެ. އަވިގަދަކަމުން އޭނާއަށްވެސް ލޯ ހުޅުވާލެވެނީ ހަމަ ކިރިޔާއެވެ. އެހެންކަމުން ފަޔަށް ބާރުލައިފައި އެނބުރޭހާ ބާރަކަށް އަނބުރަމުން އޭނާ ކުރިއަށް ދިޔައެވެ.
" ޖާވިދް! އޭ"
ފަހަތުން ޝަހާނާ ގޮވާލި އަޑަށް ޖާވިދް އަވަސް އަވަހަށް ބުރެކި ޖައްސާ ބައިސްކަލް މަޑުކޮށްލިއެވެ. އޭރު ފިހާރައިން ނިކުމެގެން ޝަހާނާ އަންނަތަން ފެނެއެވެ.
" ކޯއްޗެއް ގަނެގެން؟"
ޖާވިދް އަހާލީ ޝަހާނާގެ އަތުގައި އޮތް ކޮތަޅަށް ބަލައިލަމުންނެވެ. އެއާއިއެކު ބައިސްކަލްގެ އަތްގަނޑުގައި ކޮތަޅު އަޅުވާލަމުން ޝަހާނާ ބުންޏެވެ.
" އެއީ ކޯކް ފުޅިއެއް"
ހައިރާންކަމާއިއެކު ޝަހާނާގެ މޫނަށް ޖާވިދް ބަލަން ފެށުމުން ޝަހާނާ ކަންބޮޑުވިއެވެ.
" ދެން ތިގޮތަށް ތިޔަ ބަލަނީ ކީއްވެގެންތަ؟ ހޫނު ގަދަކަމުން ކޯކް ބޯ ހިތްވީ! އެހެން ނޫނަސް އެއީ މައްސަލައެއްތަ؟ "
ޝަހާނާ ޖާވިދާއި ތަންކޮޅެއް ގާތަށް ޖެހިލަމުން ބުނެލިއެވެ. އެއާއިއެކު ޖާވިދް ފެށީ ހޭށެވެ.
" ނޫނޭ! މައްސަލައެއް ނޫން. އެކަމަކު މިހާރު ޝަހާ ހަށިގަނޑަށް ބަދަލްތަކެއް އަންނަހެން ހީވާތީދޯ! "
ޖާވިދްގެ ޖުމްލައިން ޝަހާނާ ވަރަށް ބޮޑަށް ލަދުގަތެވެ. ތެދެކެވެ. އޭނާ މިހާރު ވަރަށް ބޮޑަށް ފަލަވެއްޖެއެވެ. އޭނާއަށް އެކަން ފާހަގަ ކުރެވުނު ނަމަވެސް ޖާވިދް އެއްޗެއް ނުބުނާތީ އޭނާވެސް އަޅާނުލަނީއެވެ. ނަމަވެސް މިއަދު ޖާވިދް އެހެން ބުނުމުން ޝަހާނާ އިންތިހާއަށް ކަންބޮޑު ވެއްޖެއެވެ.
" ތިބުނީ އަހަރެން ފަލައޭތަ؟ "
" އަހަރެން ތިހެންނެއްވެސް ނުބުނަމެއްނު! ގައިމު އަހަންނާ ކައިވެނި ކުރިއިރު ޝަހާ ހުރީ ތިހެންނެއްނޫން..."
ޖާވިދް މަޖާ ރާގަކަށް ބުންޏެވެ. ނަމަވެސް އެޖުމްލަ ވެގެން ދިޔައީ ޝަހާނާއަށް ވަރަށް އަސަރު ކުރުވި ޖުމްލައަކަށެވެ. އެހެންކަމުން އޭނާ ޖާވިދްގެ މޫނަށް ފާޑަކަށް ބަލައިލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. ފަހަތުން ޖާވިދްވެސް މަޑުމަޑުން ބައިސްކަލް ދުއްވާލިއެވެ.
" އެންމެ ރަނގަޅޭ! ދެން އަހަރެން ފަލަވީމަ، ހަޑިވީމަ އެހެން މީހަކު ހޯދަންވީނު"
ޖާވިދް ބާރުބާރަށް ހޭންފެށީ ޝަހާނާގެ ވިސްނުން ހުރި ގޮތުންނެވެ.
" އަހަރެން ނުބުނަމެއްނު ހަޑިއެކޭ! ދެން މި އަންހެންވެރިންގާތު ނޯންނާނެ އެއްޗެއްވެސް ބުނެލެވޭކަށް. އެންމެ ފަހު ޖުމްލައިން ބޮޑުތާ ޖައްސާނެ! އެހެން މީހަކު ހޯދިޔަސް އެހާ ވަރުވާނެ"
ޖާވިދް ވާހަކަ ދެއްކީ ޝަހާނާއަށް އަތް އުކަމުންނެވެ. ލޯ އަޅައިގެން ހުރެ ޝަހާނާ ކުރިއަށް ހިނގަމުން ދިޔައެވެ.
" ހަމަ އަހަރެން މި ކޯކް ފުޅި ގަތީމަ ކިޔާހާ އެއްޗެހިދޯތީ! މީގެކުރިން އަހަރެން ފަލަވާ ވާހަކައެއް ޖާވިދެއް ނުދައްކާ.. އެންމެ ރަނގަޅޭ. އަހަރެން ދީފާނަން ފަނަރަ ރުފިޔާ"
ޝަހާނާ ގެއަށްވަނީ ކޯކް ފުޅިވެސް ޖާވިދަށް ދީފައެވެ. ލާނެތް ހިނިތުންވުމެއްގައި ހުރެ، ގަސްދޮށުގައި ބައިސްކަލް ބަހައްޓާފައި ޖާވިދްވެސް ގެއަށް ވަންނަން ދިޔައެވެ.
" އަޅެ ޝަހާ! ހާދަ އަވަހަކަށް ތި މޫޑު ގޯސްވަނީ؟ މަޖަލަކަށް އަހަރެން ވާހަކައެއް ދެއްކިޔަސް ޝަހާއަށް މިހާރު ކަމަކު ނުދޭ!"
ކޮޓަރިއަށް ވަނުމާއިއެކު ޖާވިދަށް ފެނުނީ އެނދުމަތީގައި ބަންޑުން އޮތް ޝަހާނާއެވެ. ބެގީ ނައްޓަމުން އައިސް އޭނާ ޝަހާނާގާތު އިށީނދެ އޭނާގެ ގައިގައި އަތް ޖައްސާލިއެވެ.
" ނޫޅެން.. ދެން އަހަރެން ނުވެސްކާނަން. އަހަރެން އަޅެ އެހާ ފަލަތަ؟ ޖާވިދަށް މިހާރު އަހަރެން ކަމުނުދަނީ.. އަހަންނަށްވުރެ ރީތި ކުއްޖަކު ފެނުނީ.. އެނގެޔޭ ތިހެންކަން ވާނީވެސް"
ރޮމުން ރޮމުން ޝަހާނާ ވާހަކަ ދެއްކިއެވެ. އެނދުމަތީގައި އިނދެ ޖާވިދް ދެފަރާތަށް ބޯ ހޫރަމުން ދިޔައެވެ.
" ޝަހާ ޝަހާ! ހާދަ މައްޗަކަށް ތި ދިޔައީ؟ އަޅެ އެއީ އަހަރެން މަޖަލަކަށް ބުނެލި ވާހަކައެކޭ!"
ޖާވިދް އެހެން ބުނުމުން ޝަހާނާ ފުންމައިގެން ތެދުވިއެވެ.
" މަޖަލަކަށް ނޫން. ހަމަ ރުޅި އައިސްގެން ބުނީ. ޖާވިދް ބޮއި ތި ކޯކް ފުޅި. އަހަރެން ތި ބޮއިފާނެތީ ޖާވިދްހީވީ އެހެން ކަމެއް ވެގެން އުޅޭހެން.."
އެހެން ބުނުމަށްފަހު ޝަހާނާ ތެދުވެގެން ގޮސް ފާޚާނާއަށް ވަނެވެ. އެދިމާލަށް ބަލަހައްޓައިގެން އިނދެ ޖާވިދަށް އެނދު ހުރަހަށް އޮށޯވެވުނީ އިތުރަށް ދައްކާނެ ވާހަކައެއް ނެތުމުންނެވެ.
***
ގަޑިއެއްހާއިރު ތެރޭގައި ހާރޫން ގެއަށް އަތުވެއްޖެއެވެ. އޭނާ އަންނަމުން ޔަޝްމީއަށް ގެނައި ބަތްޕާރްސަލް މޭޒުމަތީގައި ބަހައްޓަމުން ހާރޫން ބަލައިލީ ޔަޝްމީގެ ކޮޓަރިއާއި ދިމާލަށެވެ. ލަސް ހިނގުމެއްގައި ގޮސް އޭނާ އެކޮޓަރި ދޮރުގައި ޓަކި ޖެހިއެވެ. އިސާހިތަކު ޔަޝްމީ ދޮރު ހުޅުވިއެވެ. އޭރު އޭނާ ހުރީ ފެންވަރާ ތާޒާ ވެލައިގެންނެވެ. ޔަޝްމީގެ ރީތި މޫނު ފެނި ހާރޫން ބުނަން އުޅުނު ޖުމްލަވެސް ހަނދާން ނެތުނެވެ. އޭނާއަށް ރޭކާލީ ޔަޝްމީ އޭނާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރި ކުރުވުމުންނެވެ.
" ޔަ..ޔަޝްމީއަށް ގެނައި ފްރައިޑްރައިސް އެހުރީ މޭޒުމަތީގައި.. ކާލަންވީނު.."
ބަނޑުހައިވެފައި ހުރިވަރުން ޔަޝްމީއަށް މޭޒާއި ދިމާލަށް ބަލައިވެސްލެވުނެވެ.
" އަހަރެން ބަނޑުހައިވީމަ ކާނަން.. އަހަރެން ކާންވާ ވަގުތެއް ކޮންމެހެން ހާރޫން ބުނާކަށް ނުޖެހޭނެ!"
އެހެން ބުނުމަށްފަހު ބާރުބާރަށް އޭނާ ދޮރުޖެހިއެވެ. ސިއްސައިގެން ގޮސް ހާރޫންއަށް ދެލޯމަރާލެވުނެވެ. އިތުރަށް އެތަނުގައި މަޑުނުކޮށް ހާރޫން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އަދި އެނދުގައި އިށީނދެލުމަށްފަހު ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ދެއަތް ކޮއްޕައިލެވުނެވެ.
" އަހަންނަށް މި ކުރެވުނީ ރަނގަޅު ކަމެއްބާ؟ ޔަޝްމީ އަހަންނަށް ކިތަންމެ ނަފްރަތެއް ކުރިޔަސް އޭނާދެކެ ވާ ލޯބި ދުވަހެއް ދުވަހަކަށް ވަނީ އިތުރު... ޔަޝްމީދެކެ ފޫއްސެއް ނުވެވުނު.. ރުޅިއެއް ނާދެވުނު.. ކައިވެނި ލަސްކުރާހިތެއްނުވެ! އަހަރެން ކޮންމެ ޙާލެއްގައި އުޅެން ޖެހުނަސް ޔަޝްމީ އަހަރެންގެ އަނތްބަކަށް ހަދަން ބޭނުން. "
ހާރޫން ހިތަށް އަރަމުން ދިޔައެވެ. އެއާއިއެކު އޭނާ ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ.
( ނުނިމޭ )
ސިލްސިލާ ވާޙަކަ: ޝިކާޔަތު (18)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!