ކުރީގެ އަދަދާއިގުޅޭ،

އޭރު ދެޖީބަށް ދެއަތް ޖަހާލައިގެން ހާރޫން ހުރީ ދުރުން އަންނަ ލޯންޗާއިދިމާލަށް ބަލަހައްޓައިގެންނެވެ. ހަމަ އެވަގުތެވެ. ލޯންޗް ނެރުން ވެއްދުމާއިއެކު ހާރޫން ޔަޝްމީއަށް ބަލައިލިއެވެ. އޭރުވެސް ޔަޝްމީ ހުރީ ދުރުގައި ހުރި ނާއިފްއަށް ބަލަހައްޓައިގެންނެވެ. ހާރޫންއަށް ދެން ބަލައިލެވުނީ ނާއިފްއަށެވެ.

Ad
rt

" ހިނގާ ދަމާ! "

ފައިބުޑުގައި ހުރި ދަބަސް ނަގަމުން ހާރޫން އެހެން ބުނެލި އަޑަށް ޔަޝްމީ ސިހިފައި ތެޅިގަތެވެ. އަދި އަވަސް އަރުވާލެވުނު ވަރުން ހާރޫންއަށްވުރެ ކުރިން އޭނާއަށް ހިނގައިގަނެވުނީ ފާލަމާއި ދިމާލަށެވެ. ހާރޫން އިރުކޮޅަކު ނާއިފަށް ބަލަހައްޓައިގެން ހުރުމަށްފަހު ހިނގައިގަތެވެ.

***

ޖާވިދާއި ދެބަސް ވާންޖެހުމުން ޝަހާނާ ބޭނުންވީ ބޭރަށް ގޮސްލާށެވެ. ޖާވިދްގެ މޫޑު ބަދަލުވާން ގިނަ ވަގުތުތަކެއް ނަގާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ޝަހާނާ މިސްރާބުޖެހީ އޭނާގެ މަންމަގެއަށް ދާށެވެ.

" ބައްޕަ މިއަދުވެސް ދައްކައިފިން ދަރިފުޅު މިހާރު ކުރިން އަންނަ ގޮތަށް މިގެއަށް ނާންނަ ވާހަކަ.."

ގެއަށް ވަނުމާއިއެކު ފުރަތަމަވެސް ކަންފަތުގައި ޖެހުނީ ބައްޕަގެ ޝަކުވާގެ އަޑެވެ. އެހެންކަމުން ޝަހާނާ ބޭނުންވީ ބައްޕަ ގާތު މަޑުކޮށްލާށެވެ.

" މިދުވަސްކޮޅު ގޭގަ މީހަކު އުޅޭތީ ކުޑަކޮށް ބުރަކޮށް އުޅެން ޖެހުނީ... އެހެންވެ ނާދެވުނީ! ކޮބައިތަ މަންމަ؟ "

ޝަހާނާ އެހެން ބުނުމަށްފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ.

" މަންމަ ދެންމެ މިތާ ހުރި! "

ބޭރު ދޮރާއި ދިމާލަށް ބަލައިލަމުން ތަޢުފީޤް ބުންޏެވެ. އޭރުވެސް އޭނާ އިނީ ދުފާތަބަށް އުނގަށް ލައިގެން ދުފާށެވެ.

" ބައްޕަ ދެން ތިޔަ ކަންތައް ހުއްޓަންވީއެއްނު.. މިހާރު ތިޢުމުރަށް ދިޔައީމަ އެހާ ވަރަށް ދުފާކަށް ނުވާނެ.."

ޝަހާނާ އެހެން ބުނުމުން ތަޢުފީޤް ދެމިޔަކަނުން ރަތްކުޅު ފޮހެލަމުން ހީލިއެވެ.

" އާނ! ބައްޕަވެސް މި މަސައްކަތްކުރަނީ މިކަން ހުއްޓޭތޯ! "

" އެހެންވެސް އަހަރެން ބުނިއްޔާ ވަރަށް ގޯސްވާނެ.. ދަރި އައިސް އެހެން ބުނީމަ ބަލައިލަބަލަ ހިނިއައިސްފައި ހުރިވަރު! ގައިމު އިރު އޮއްސުމަށްފަހު މިގޭތެރެއިން މީނަ ކެއްސާއަޑުފަށްގަނޑު ނުކެނޑޭނެ.. އެވަރުންވެސް އެ ތަބަށް ދުލެއް ނުކުރާނެ"

އެތެރެއަށް ވަދެގެން އައިސް ގޮނޑިއެއްގައި އިށީންނަމުން ވަދީފާ ބުންޏެވެ. އެއާއިއެކު ޝަހާނާވެސް ހޭން ފެށިއެވެ.

" މަންމަ ހާދަ ވަރުބަލިވެފައި! މާ ބުރަކޮށް އުޅޭ ދުވަހަކީތަ؟"

އޯގާތެރިކަމާއިއެކު ޝަހާނާ އެހެން ބުނުމުން ވަދީފާ ދެފަރާތަށް ބޯ ހޫރާލިއެވެ.

" ނޭވާ ނޭފަތުން ލާހާ ހިނދަކު މި ބުރަ ކަމެއް ނުހުއްޓޭނެދޯ! އަބަދުވެސް މިވަރެއްގައި ވަރުބަލިކަންމަތީ މި ހުންނަނީ!"

ވަދީފާ ތަޢުފީޤަށް ބަލައިލީ ނުރުހުންތެރިކަމާއިއެކުއެވެ.

" ޝަހާނާ! ދެންމެ ކުނިއުކަން ދަނިކޮށް ފާޑެއްގެ ވާހަކައެއް މަންމަ އަޑުއަހައިފިން..."

ވަދީފާ އެހެން ބުނުމުން، އޭނާ ދައްކަން އެއުޅެނީ ކޮން ވާހަކައެއްކަން ޝަހާނާއަށް އެނގުނެވެ.

" އާމިސްކިތާ ޙަވާލުވެ އުޅޭ މީހާ ފުރައިގެން ދިޔައީ ތިޔަ އުޅޭގޯތި ޔަސްމީ ގޮވައިގެންނޯލަ! އަޅެ ތެދެއްތަ އެއީ؟ ދެތިން މީހަކު މަންމަގާތުވެސް އެހެން އަހާލައިފި. އިންނަން ދިޔައްޔޯވެސް ކިޔާ! "

ހައިރާންވެފައި އިނދެ ވަދީފާ ވާހަކަ ދެއްކީ ނިކަން މަޑުންނެވެ.

" ޔަސްމީ؟ އެގޮއްޔަ އެއީ އަދި ހާދަ ކުޑަކުޑަ ކުއްޖެކޭ! ތި ނުވާނެ ތެދު ވާހަކައަކަށް.."

ފޯއްވަޅި ބާއްވަމުން ތަޢުފީޤްވެސް ވަދީފާއާއި ބައިވެރިވެ އެވާހަކަ އާކޮށްލިއެވެ. އޭރު ޝަހާނާގެ މޫނުމަތީގައިވަނީ ހިނިތުންވުމެވެ.

" އާނ! އެ ހާރޫން ޔަޝްމީއާ އިންނަން ބޭނުންވެގެން އެގޭ މީހުންގެ ރުހުމުގައި ޔަޝްމީ ގޮވައިގެން އެދިޔައީ އިންނަން"

ޝަހާނާ އެއްނޭވާއިން އެމީހުންނަށް ކަންތައްވީގޮތް އޮޅުން ފިލުވައިދިނެވެ. އެއާއިއެކު ވަދީފާގެ އިތުރުން ތަޢުފީޤަށްވެސް ލިބުނީ ހައިރާންކަމެވެ.

" ނާހަމަ ތެދެއްތަ؟ ބައްޕަވެސް ތިބުނާ ހާރޫނެއް ދެކެން ވަރަށް ގިނައިން މިސްކިތު ސަރަޙައްދުން.. އެކަމަކު ޔަސްމީއާއި ބަލާފައި އެއީ ހާދަ ދޮށީ މީހެކޭ"

" އަހަރެން ބުންޏޭ ކިޔާފައި އަނެއްކާ މަންމަމެން މިހެންވެސް ނުދައްކާތި. އޭރުން ޖާވިދް ރުޅި އަންނާނެ.."

ޝަހާނާ ތެދުވަމުން ބުންޏެވެ. އޭރުވެސް ވަދީފާއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

****

ބާރު ސްޕީޑުގައި ލޯންޗް ދަތުރު ކުރަމުން ދިޔައެވެ. ޔަޝްމީ އިނީ އެންމެ ފަހަތު ސީޓްގައެވެ. އޭނާއާއި ތަންކޮޅެއް ދުރުގައި ހާރޫންވެސް އިނީ ހަމަ އެސީޓްގައެވެ. ވަޔާ ވިހުރެމުންދާ ޔަޝްމީގެ ފަން، ދިގު އިސްތަށިގަނޑު ހަމައެއް ލަމައެއްނެތި މުޅި މޫނުމަތީގައި ހޭކެމުންދެއެވެ. ނަމަވެސް އެކަމާވެސް ޔަޝްމީގެ އެއްވެސް ފަރުވާލެއް ނެތްކަހަލައެވެ. އިރުއިރުކޮޅުން ހާރޫން ޔަޝްމީއަށް ބަލައިލައެވެ. ލޯންޗަށް އެރީއްސުރެ ޔަޝްމީ އިނީ ހާރޫންއަށް ނުބަލަން، އެހެން ދިމާލަކަށް މޫނު އަނބުރައިގެންނެވެ.

" ފެން ފުޅިއެއް ބޭނުންތަ؟ "

ހާރޫން އަހާލީ ޔަޝްމީއަށް އަޑު އިވޭވަރަށެވެ. ނަމަވެސް ޔަޝްމީ އިވޭ ކަމަށް ނަހަދާ އިނެވެ.

" މިހާ އިރުވާއިރު ފެން ބޮވާނެއެއްނު! ފެން ފުޅިއެއް ގެނެސްދެންތަ؟ "

ދެވަނަ ފަހަރަށް ހާރޫން ސުވާލުކޮށްލީ ޔަޝްމީއާއި ދިމާއަށް އަރިވެލަމުންނެވެ.

" ޒަހަރު ގެނެސްދީ ޒަހަރު! ބޭނުންވަނީ ޒަހަރު..."

އަވަސް އަވަހަށް ހާރޫންއާއި ދިމާލަށް އެނބުރިލުމަށްފަހު ރުޅިވެރި އަޑަކުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ހާރޫންއަށް ސިހުން ލިބުނެވެ. ހިންދިރުވާލުމަށްފަހު އޭނާ ހަށިގަނޑު ތެދުކޮށްލީ ހިތަށް ލިބުނު މޮޅިވެރިކަމުން ދެރަވެގެންނެވެ. އިތުރަށް އެއްވެސް އެއްޗެއް އަހާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އޭރުވެސް ޔަޝްމީ އިނީ ވަރަށް ރުޅި އައިސްފައިކަން ހާރޫންއަށް އެނގުނެވެ.

***

ހޭލެވުނު އިރު ޖާވިދްގެ ކަނދުރާގައި ވަރަށް ބޮޑަށް ރިއްސައެވެ. ކަނދުރާގައި އަތްޖައްސާލައިގެން އޭނާ ތެދުވެ ގަޑި ބަލައިލިއެވެ. އަޞްރު ވެގެން ދިޔަކަން އެނގުމުން އޭނާ އަވަސް އަވަހަށް ތެދުވީ ގޭގައި ނަމާދުކޮށްލުމަށެވެ. ނަމާދުކޮށް އަވަދި ވީއިރުގައިވެސް ޝަހާނާއެއް ނައެވެ.

" އެއްޗެއް ބުނެވުނިއްޔާ ދެން މާ ކަންތައްގަނޑުވެސް ބޮޑުކުރަނީ! ރުޅި އައިސްގެން ދިޔަތާކުން ދެން އަންނަން ވެއްޖެއެއްނު"

ބޭރަށް ނިކުންނަމުން ޖާވިދަށް މަޑުމަޑުން ބުނެލެވުނެވެ. ގެއިން ބޭރަށް ނިކުތުމާއިއެކު ގަސްދޮށުގައި އޮތް ޝަހާނާ ފެނުނެވެ. އެހެންކަމުން ބާރު ހިނގުމުގައި އައިސް ޖާވިދްވެސް ޖެހިގެން ހުރި ޖޯލީގައި އިށީނދެލިއެވެ.

" ކީއްވެ މިތާ ތި އިންނަނީ؟"

ޝަހާނާގެ މޫނުމަތިން ފެންނަމުންދާ ނުތަނަވަސްކަމުން އޭނާ އަދިވެސް ހަމައަކަށް ނޭޅޭކަން ޖާވިދަށް އެނގުނެވެ.

" އަހަރެން މިތާ އިނީމަވެސް ޖާވިދަށް އުނދަގޫވަނީތަ؟ "

ޝަހާނާ ރުންކުރު ގޮތަކަށް ބުނެލިއެވެ. ޖާވިދަށް ދެފަރާތަށް ބޯ ހޫރާލެވުނީ ޝަހާނާގެ ހުރި ގޮތްދޫނުކުރުން ވަޒަން ކުރެވިގެންނެވެ.

" ސާބަހޭ ދަރިފުޅާ! ދޫ ނުކުރާތި! "

މަލާމާތުގެ ރާގަކަށް ޖާވިދް ބުނެލީ ރުޅިވެރިކަމާއިއެކުއެވެ. އެއާއިއެކު ޝަހާނާ އެނބުރިލީ އަނެއް ފަރާތަށެވެ.

" އަހަރެން އޭރު އެގޮތަށް ޝަހާއާ ވާހަކަ ދެއްކީ ކީއްވެގެންކަންވެސް ޝަހާއަށް ހަަމަ އެނގޭނެ! އަހަރެންގެ ކުރިމަތީގައި ޔަޝްމީ ރޮއިފަ އޭނަ އެކަމުން ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރި. އެކަމަކު އަހަންނަށް އެއްވެސް ކަމެއް ނުކުރެވުނު! ޝަހާ ލޯބިނުވާ، ބޭނުން ނުވާ މީހަކާ ކައިވެނިކުރަން އެއްބަސް ވާނަންތަ؟ ނުވާނެ! ހަމަ އެގޮތަށް އޭނަވެސް ބޭނުމެއް ނުވާނެދޯ.. އެކަމަކު އެކުއްޖާ އެދިޔައީ މައިންބަފައިންގެ އުފަލަށްޓަކައި އަމިއްލަ އުފާތައް ޤުރުބާންކޮށްފައޭ.. އަހަންނަކީ އޭނަގެ ލެޔޭ! އަހަރެން ވަކި ދެރައެއް ނުވާނެތަ؟ އެކަމަކު މިއަދު ޝަހާ ތި ހުންނަނީ އަހަންނާ ދެކޮޅަށް އަހަންނަށް ޖެއްސުން ކުރަން ފައިވިއްދައިގެން،.."

އެހިސާބަށް ބުނުމަށްފަހު ޖާވިދް ތެދުވެގެން އަނެއްކާވެސް ގެއަށް ވަންނަން ހިނގައިގަތެވެ. ޖާވިދް ގޮސް ގެއަށް ވަނުމުން ޝަހާނާވެސް ތެދުވެގެން ދިޔައެވެ.

" އަަހަރެން ކޮން އިރަކު ޖާވިދަށް ޖެއްސުންކުރީ؟ "

ކޮޓަރިއަށްވަދެ ތަޅުލުމަށްފަހު ޝަހާނާ ބުންޏެވެ. އޭރު ޖާވިދް އޮތީ އެނދުމަތީގައި އޮށޯވެލައިގެންނެވެ.

" ދެން އެހެންވެސް ނުބުނެވޭ ވަރެއް ނޫނެއްނު! ހެޔޮނުވާނެ ޝަހާ އަހަރެން ޝަހާ މާލެ ފޮނުވައިދޭނަމޭ! ފުރަތަމަ އަހަރެން އަމިއްލަ ފައިމައްޗަށް ތެދުވެވެންދެން އަހަންނަށް އެއްބާރުލުން ދީބަލަ! ކާކުތަ ހުސްއަތާގޮސް މާލެއިން ތަނެއް ކުއްޔަށް ނަގާނީ؟"

ޖާވިދް އަނެއްކާވެސް ރުޅި ގަދަވެއްޖެއެވެ. ބާރު ހިނގުމުގައި ޝަހާނާ އައިސް އިށީނީ ޖާވިދްގެ މަގަތުގައެވެ.

" ޖާވިދްގެ މައްސަލައަކީ މޮޅެތި ހުވަފެންތައް ދައްކާތީ! ބަލަ ޖާވިދެއް ނޫންތަ މާލެ ގޮސް އައިސް އެތަނަށް ބަދަލުވާ ވާހަކަ ދެއްކީ؟ އަދި އަހަރެމެން ދެމީހުން އެކަންޏެއްވެސް ނޫން.. އާއިލާގެ ވަންހަ ކޮޅަށްދާންދެން ގޮވައިގެން ދާން. އެވަރުން ނިމުނީއެއްނޫން. ދޯނިވެސް ގެންދާނިއްޔޯ! ދެން މިވަރަށް ފޮނިކެނޑީމަ އަހަރެމެންވެސް ހުވަފެން ބަލާ ހިތްވާނެދޯ! މީގެ ކުރިން ދުވަހަކުވެސް ޖާވިދް އަޑުއެހިންތަ މާލެއޭ ކިޔާފައި އަހަރެން އެއްވެސް އެއްޗެއް ބުނާއަޑު.. އަހަރެން އެތާކަށް ދާހިތް ކުރުވީވެސް ހަމަ ޖާވިދް! އެހުވަފެން އަހަންނަށް ދައްކައިދިނީވެސް ހަމަ ޖާވިދް! ދެން ކޮންމެހެން އަހަންނަށް ބަވާނެ ކަމެއްނެތް."

ޝަހާނާ ތުންދަމައިގެން އިނދެ ވާހަކަ ދެއްކި އިރު އޭނާގެ ދެއަތުގެ ޚަރަކާތްތަކެއްވެސް ނުހުއްޓެއެވެ. ޝަހާނާ އެދެއްކީ ތެދު ވާހަކަތަކެއްކަން ޖާވިދްއަށް ޤަބޫލު ކުރެވުނެވެ. މާލެގޮސް އައިއްސުރެ އޭނާއަށް އެ ދުވަސްކޮޅު މުޅިންވެސް ދެއްކުނީ އެކަހަލަ ވާހަކަތަކެވެ. އެހެން ހިތަށް އެރުމާއިއެކު ޖާވިދް ގާތަށް ހިނިވެސް އައެވެ.

ޖާވިދް ޝަހާނާގެ ބުރަކަށީގައި ފިރުމާލަމުން އޯގާތެރި ރާގެއްގައި ވާހަކަ ދައްކަން ފެށިއެވެ.

" ޝަހާއާ ދެބަސްވުމަކީ އަހަންނަށް ވަރަށް އުނދަގޫކަމެއް.. އެކަމަކު ދުލުގައި ހިފައި ދަމަންޏާ އެއްޗެއް ނުބުނެ ނުހުރެވޭނެއެއްނު. އަހަރެން ޝަހާދެކެ ވަރަށް ލޯބިވޭ! އެކަން ޝަހާއަށް ނޫން ދެން ކާކަށްތަ އެނގޭނީ؟ އަހަރެންވެސް ބޭނުމޭ މާލެއަށް ބަދަލުވާން. އިރާދަކުރެއްވިއްޔާ އަހަރެމެން ދެމީހުންގެ އެ ހުވަފެނުގައި ވަރަށް އަވަހަށް ކުލަޖެހޭނެ! "

ޝަހާނާ ޖާވިދްއާ ދިމާލަށް ބަލައިލީ ހިތްހަމަ ނުޖެހިފައި އިނދެއެވެ.

" ދެން ތިހެން ނުބަލަބަލަ! އަހަންނާ ދިމާލަށް ތަންކޮޅެއް ލޯބިން ބަލައިލިޔަސް ފާފަވެރިއެއް ނުވާނެ"

ޖާވިދް އެހެން ބުނުމުން ޝަހާނާ ތުންފަތަށް ވައްތަރެއް ޖައްސާލިއެވެ.

" ނިދަން އޮވެވުނު ގޮތަކުން މިއުޅެނީ ކަނދުރާގައިވެސް ވަރަށް ރިއްސާތީ.."

ކަނދުރާގައި އަތް ޖައްސާލަމުން ޖާވިދް އެހެން ބުނުމުން ޝަހާނާ ތެދުވެގެން ގޮސް އަލަމާރީ ކައިރީ ހުއްޓުނެވެ. އެނބުރި އޭނާ އައި އިރު މޫވް ފުޅިއެއް އަތުގައި އޮތްތަން ޖާވިދަށް ފެނުނެވެ.

" ދައްކަބަލަ މީތި އުނގުޅާލާނަން"

ޝަހާނާ ޖާވިދްގެ ބޮލުގައި ހިފަހައްޓާލަމުން ބުންޏެވެ. އެއާއިއެކު ޖާވިދް ހީލަމުން ޝަހާނާގެ އަތުގައި ހިފާލިއެވެ.

" އަހަރެން އެހެންވެޔޭ ޝަހާދެކެ ލޯބިވަނީ! ކިތަންމެ ރުޅި އައިސް ހުއްޓަސް އަހަންނާމެދު ވަރަށް ވިސްނާނެ.."

" ހޫމް.. ދެން ގޯނި ފުލަށް ލާނެ ކަމެއްނެތޭ"

ނުހޭން ހުރި ނަމަވެސް ޝަހާނާއަށްވެސް ހެވުނެވެ. އެހެންކަމުން ޖާވިދްގެ މޫނުމަތި އިތުރަށް އުޖާލާވެގެން ދިޔައެވެ.

***

ދޮރަށް ތަޅުދަނޑި ޖަހާލުމަށްފަހު ހާރޫން ތަޅު ހުޅުވާލިއެވެ. ޔަޝްމީ ހުރީ އޭނާގެ ފަހަތުގައެވެ. އޭރުވެސް ޔަޝްމީގެ މޫނުމަތިން ފެންނަމުންދަނީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.

" އެތެރެއަށްވަދޭ! "

ހާރޫންގެ ފަހަތުން ޔަޝްމީ ނުވަނުމުން ފަސްއެނބުރި ބަލައިލުމަށްފަހު ހާރޫން ބުނެލީ މަޑުމައިތިިރި ކަމާއިއެކުއެވެ. ޙަޤީޤަތުގައި ޔަޝްމީ ބޭރުގައި މަޑުކުރީ އެތެރެއަށް ވަންނަން ބޭނުން ނުވާކަން ހާރޫންއަށް އަންގާށެވެ. ދެވަނަ ފަހަރަށްވެސް އެތެރެއަށް ވަންނަން ހާރޫން އެދުނެވެ. އިސްޖަހައިގެން ހުރެ ޔަޝްމީ އެތެރެއަށްވަނެވެ. ހުރި ފިޔަވަޅުމަތީގައި ހުރެ މުޅި ގޭތެރެއަށް ނަޒަރު ހިންގާލެވުނެވެ. އެއީ ދެކޮޓަރީގެ އެޕާރޓްމަންޓެކެވެ. ފުޅާ، ދިގު ސިޓިންގރޫމަކާއި އެކު ބަދިގެވެސް ހުރީ ޒަމާނީ ފެންވަރަށް ހަދާފައެވެ. ގޭގެ ރީތިކަން ފާހަގަ ކުރެވުނު ނަމަވެސް ހިތްހަމަ ނުޖެހިވެފައި ހުރިވަރުން އޭނާހުރީ އަދިވެސް މޫނު ހަދައިގެންނެވެ.

" މިއީ ޔަޝްމީގެ ގެ! މިގޭގައި އުޅޭނީ އަހަންނާ ޔަޝްމީ އެކަނި.. "

ކޮޓަރީގެ ދޮރު ހުޅުވާލަމުން ހާރޫން ބުނެލިއެވެ. އެއަޑު އިވުނު ނަމަވެސް އޭނާ މާބޮޑު ސަމާލުކަމެއް ނުދިނެވެ. ޔަޝްމީގެ ދަބަސް އެކޮޓަރީގައި ބެހެއްޓުމަށްފަހު ހާރޫން ނިކުތް އިރު ޔަޝްމީ ހުރީ ސިޓިންގރޫމް މެދަކާއި ހަމައިގައެވެ.

" ކައިވެނި ކުރެވޭނީ އަދި ހަފްތާއެއްހާ ދުވަސް ފަހުން.. އެހެންވީމަ ކައިވެނި ކުރެވެންދެން ޔަޝްމީ ހުންނާނީ އެކޮޓަރީގައި..."

ހާރޫން އެހެން ބުނުމުން ޔަޝްމީ އެއްމިޔަކަނުން ހީލިއެވެ.

" ހުނ.. ކައިވެނި ކޮށްގެންވެސް އަހަރެން ހާރޫންގެ ކޮޓަރިއަކަށް ނުދާނަން"

ޔަޝްމީގެ ޖުމްލައިން ހާރޫންއަށް އިސްޖަހާލެވުނެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (17)

ސިލްސިލާ ވާހަކަ: ޝިކާޔަތު (17)

(ނިމުނީ)