" އަހަންނަށް މި ކުރެވުނީ ރަނގަޅު ކަމެއްބާ؟ ޔަޝްމީ އަހަންނަށް ކިތަންމެ ނަފްރަތެއް ކުރިޔަސް އޭނާދެކެ ވާ ލޯބި ދުވަހެއް ދުވަހަކަށް ވަނީ އިތުރު... ޔަޝްމީދެކެ ފޫއްސެއް ނުވެވުނު.. ރުޅިއެއް ނާދެވުނު.. ކައިވެނި ލަސްކުރާހިތެއްނުވެ! އަހަރެން ކޮންމެ ޙާލެއްގައި އުޅެން ޖެހުނަސް ޔަޝްމީ އަހަރެންގެ އަނތްބަކަށް ހަދަން ބޭނުން. "
ހާރޫން ހިތަށް އަރަމުން ދިޔައެވެ. އެއާއިއެކު އޭނާ ސިހުނީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. ދޮރާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ހާރޫން ތެދުވެގެން ގޮސް ދޮރު ހުޅުވި އިރު ދޮރުމަތީގައި ހުރީ ޔަޝްމީއެވެ. ޔަޝްމީ ފެނުމާއިއެކު ބޭއިޙްތިޔާރުގައި ހާރޫންގެ މޫނުމައްޗަށް އުފާވެރިކަން ވެރިކުރުވިއެވެ.
" ކަމަކުތަ؟ ކިހިނެއްވީ؟ އެއްޗެއް ބޭނުންވީތަ؟ "
ހާރޫން އަވަސް އަވަހަށް ސުވާލަކަށްފަހު ސުވާލެއް ކުރަން ފެށުމުން ފޫހި ގޮތަކަށް ޔަޝްމީ ތުންތަޅުވާލިއެވެ.
" ހާރޫން ހީކުރީ އަހަރެން މިއައީ ހާރޫން ކައިރީ ސަލާން ޖަހަން ކަމަށްތަ؟ އެއްޗެއް ބޭނުންތޯ ތިއަހަނީ! "
އާއްމުކޮށް ޔަޝްމީ ހާރޫންއާ ވާހަކަ ދައްކާ ފަދައިން ރުންކުރު ގޮތަކަށް އޭނާ ބުނެލިއެވެ. ޔަޝްމީގެ އެ ޖުމްލަތަކުން ހާރޫންގެ ހިތަށް އަސަރު ކުރުވިއެވެ. އިތުރަށް އެއްވެސް އެއްޗެއް އަހާކަށްވެސް އޭނާއަކަށް ނުކެރުނެވެ. އެހެންކަމުން އޭނާ ޔަޝްމީގެ މޫނަށް ބަލަމުންދިޔައެވެ.
" އަހަންނަކީ އެހާ މަތީ މީހެއްނޫން! ރެސްޓޯރެންޓުން ކޮންމެހެން އަހަންނަށް ކާ އެއްޗެހި ގެންނާނެ ކަމެއްނެތް. ގޭގައި ކައްކައިގެންވެސް އަހަންނަށް ކެވޭނެ! "
ޔަޝްމީގެ ޖުމްލައިން ހާރޫންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ.
" ނޫނޭ! ޔަޝްމީ ބަދިގެއަށް ވަންނާކަށް އަހަރެން ހިތްހަމައެއް ނުޖެހޭ.. ކޮންމެ އިރަކަށްވެސް ބޭނުން ކޮންމެ އެއްޗެއް ކާން ލިބޭނެ.."
ހާރޫން އެހެން ބުނުމުން ޔަޝްމީގެ އަޑު ކުރިއަށްވުރެ ގަދަވިއެވެ. ދެބުމަ ގޮށްޖަހާފައި ހުރެ އޭނާ ވާހަކަ ދައްކަން ފެށިއެވެ.
" ތިގޮތް ބޭނުން ނުވެގެންދޯ އަހަރެން މިތަނަށް އައިސް މިހުރީ! "
" ޔަޝްމީ މިހާރު ތިހުރީ އަހަރެންގެ ގޭގައި.. އެހެންވީމަ ބައެއް ފަހަރު މިގޭގެ ޤަވާޢިދުތަކަށް ކިޔަމަންތެރިވާންޖެހޭނެ. ޔަޝްމީއަށް ކެއްކުން މަނާވީމަ އަހަރެން މިހެން މި ބުނަނީ.. އެ ބަދިގެއަކީ ހަމައެކަނި ކޮފީ އާއި ސައި ބޯލަން ތައްޔާރުކޮށްފައިވާ ބަދިގެއެއް"
ހާރޫން ތަންކޮޅެއް ހަރުކަށި ގޮތަކަށް ބުނުމުން ޔަޝްމީ މައިތިރިވިއެވެ. އަދި އިތުރަށް އެއްޗެއް ނުބުނެ އޭނާ ހިނގައިގަތެވެ. ހަމަ އެވަގުތެވެ. ހާރޫންގެ ފޯނު ރިންގްވާން ފެށިއަޑު ޔަޝްމީއަށްވެސް އިވުނެވެ.
" ޔަޝްމީ! އެބަ ގުޅާ ޔަޝްމީގެ ބައްޕަ. އާދެބަލަ މިކޮޅަށް."
ފޯނުގެ ސްކްރީން ދައްކާލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޔަޝްމީ އެ ފޯނަށް ބަލައިލިއެވެ. ނަމަވެސް އޭނާ ހުރީ މަޑުކުރާ ގޮތަކަށް ނޫނެވެ. އަވަސް އަވަހަށް ގޮސް އޭނާ ވަނީ ކޮޓަރިއަށެވެ.
އޭގެ އިރުކޮޅެއް ފަހެވެ. އެނދުމަތީގައި އިން ޔަޝްމީ ދޮރާއި ދިމާލަށް ބަލައިލީ ހާރޫން ގޮވާލި އަޑަށެވެ. ދެފަރާތަށް ބޯހޫރާލަމުން އޭނާގޮސް ދޮރު ހުޅުވީވެސް މޫނު ހަދައިގެން ހުރެއެވެ.
" ބައްޕަ ސަލާމް ބުނި! "
ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އެއްޗެއް ނުބުންޏެވެ.
" ބައްޕަދެކެވެސް ރުޅި އައިސްދޯ ތިހުރީ! ބައްޕަ އެހީ ޔަޝްމީގެ ވާހަކަ. އަހަރެން ބުނިން ކޮޓަރީގައި ނިދިފަ ހެންނޭ ހީވަނީ.. ޔަޝްމީ ނައިވާހަކަ ބުނީމަ ބައްޕަ ކިހާ ދެރަވާނެ. "
ހާރޫން އެހެން ބުނުމާއިއެކު ޔަޝްމީ އަވަސް އަވަހަށް ދޮރު ލެއްޕިއެވެ. ދޮރުމަތީގައި ހުރި ހާރޫން ސިހިފައި ފަހަތަށް ޖެހިލީ ޔަޝްމީ ދޮރުޖެހިލެއް ބާރުކަމުންނެވެ. ނަމަވެސް އިތުރަށް އޭނާ ޔަޝްމީއަށް ގޮވާކަށް ނަހަދައެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ ޔަޝްމީ ރޮމުން ދިޔައެވެ. މަންމައާއި ބައްޕަގެ ރާނީއަށް ވެގެން ގޭގައި އުޅުނު ދުވަސްތައް ހަނދާންވާންފެށީއެވެ. ދޮންބެގެ ލޯބި ކޮއްކޮއަށް ވެގެން އަބަދު ސަކަރާތްޖަހާ ހަނދާންވެ އިތުރަށް ދެރަވާންފެށިއެވެ. ހަމަ އެވަގުތެވެ. ހާރޫންދެކެ އޭނާއަށް އިންތިހާއަށް ރުޅި އާދެވުނެވެ. އަތަށް ބާރުލައިފައި އަތުގެ އިނގިލިތައް އެތެރެއަށް ފިތާލެވުނެވެ. ދަތްކުނޑި ވިކާފައި ބާރުބާރަށް ދެލޯވެސް މަރާލެވުނެވެ. އެއާއިއެކު އޭނާއަށް ހާރޫންގެ މޫނު ސިފަވެގެން ދިޔައެވެ.
" އަހަރެންގެ އުފާވެރި ދިރިއުޅުން ޖަހައިގަތީ ހަމަ ކަލޭ! އަހަރެން ކަލެއަށް ދުވަހަކުވެސް މަޢާފެއް ނުކުރާނަން! "
އެހެން ބުނުމަށްފަހު ޔަޝްމީ ދެލޯ ހުޅުވާލީ ހާރޫންގެ ސޫރަވެސް ދެކެން ބޭނުން ނުވެގެންނެވެ.
***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ފާއިޒާ އިނީ މަދު ފަޅާށެވެ. މަދަކަށް ފަހު މަދެއް ފަޅަމުންގޮސް ގޯނި ހުސްވާހެން ހީވުމުން އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވިއެވެ.
" ފާއިޒާ! މިހާރަކަށް އައިސް ހާދަހާ ހެވިފައޭދޯ ތިޔަ އިންނަނީ"
ސިހިފައި ފާއިޒާއަށް ދުރަށް ބަލައިލެވުނީ ހައްވަގެ އަޑަށެވެ. އޭރު އޭނާ ހެވިދިލިފައި ހުރެ ފާއިޒާއާއި ދިމާލަށް އާދެއެވެ. ހައްވަ ފެނުމާއިއެކު ފާއިޒާގެ މޭ ކަރައިގަތެވެ.
" ޔަސްމީ ފުރައިގެން ދިޔަ ވާހަކަ އަޑުއެހިން.."
އޭނާ އައިސް ޖޯލީގައި އިށީނުމުން ފާއިޒާ އިނީ ހިތްހަމަ ނުޖެހިފައެވެ.
" ކާކު ބުނީ؟ "
ފާއިޒާއަށް އަހާލެވުނެވެ. އޭރުވެސް ހައްވަގެ މޫނުމަތީގައިވަނީ މަލާމާތުގެ ހިނިތުންވުމެވެ.
" ބުނި މީހެއް ހަނދާނެއްނެތް. އެމަންޖެ ދިޔައީ މިރަށަށް މިސްކިތް ހަދަން އައިސް އުޅުނު މީހަކާ ހިތާވެގެންނޯވެސް ކިޔާ އަޑުއިވުނު"
ހައްވަގެ ވާހަކައިން ފާއިޒާގާތަށް އިތުރަށް ރުޅި އައެވެ. އެހެންކަމުން ބިންމަތީގައި ކަތިވަޅި ބޭއްވުމަށްފަހު އޭނާއަށް ބަލައިލެވުނީވެސް ހިތްހަމަ ނުޖެހޭ ފަދަ ގޮތަކަށެވެ.
" މަގޭ ދަރިފުޅު ކޮންމެ ގޮތަކަށް އުޅުނަސް މިރަށު މީހުންނަށް ކޮން ބެހޭކަމެއްތަ؟ މިރަށު މީހުންގެ ލާރީގައިތަ އެމަންޖެ އެދިޔައީ؟ "
ފާއިޒާ ރުޅިއަރުވާލުމަކީ ހައްވަގެ މަޤްޞަދުކަމެއް އޭރަކު ފާއިޒާއަކަށް ނޭނގެއެވެ.
" އާނ ތިހެން ބުނީމަ މި ހަނދާންވީ.. އަދި އަޑުއެހިން އެމީހާއަކީ މުއްސަންޖެއްވީމަ ފާއިޒާމެންނަށް ކޮންމެވެސް މޮޅެއް ވެގެންނޯލަ އެ ފޮނުވާލީ.."
ހައްވަގެ ވާހަކައިން މިފަހަރު ފާއިޒާއަކަށް ހިމޭނަކުން ނީނދެވުނެވެ. ބާރުބާރަށް ތެދުވެ އޭނާވެސް ގޮސް އިށީނީ ހައްވައާއި ޖެހިގެން ހުރި ޖޯލީގައެވެ.
" މީހުން ދައްކާހާ ވާހަކައެއް ފަތުރަމުންދޯ ހައްވަ ތިޔަ ހިނގަނީ؟ ދެމީހަކު އެއްގޮަތަކަށް ވާހަކައެއް ނުދައްކައޭ! މިއީ ހަމަ ހަސަދަވެރިވުމެއް ނޫންތަ؟ އެމަންޖެ މުއްސަންޖަކާ ނޫން ފަޤީރަކާއި އިނަސް، އުޅޭނީ މިރަށު މީހުންގެ ބޯމަތީގައިތަ؟ ނޫނީ މިރަށު މީހުންތަ އެގޮއްޔައަށް ކާންދޭނީ؟ އަޖައިބު ހީވޭ ހަމަ!"
ފާއިޒާ މާ ބޮޑަށް ރުޅި އައުމުން ހައްވަ ތެދުވިއެވެ. އަދި އޭނާވެސް ރުޅިއައިކަން އަންގާލުމަށްޓަކައި ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން ހިއެއް ނުކުރަން ފާއިޒާއަށް ތިޔަހާ ވަރުތަކެއްވާނެ ކަމަކަށް.. އަޅެ މަވާ މި އަހާލީދޯ! ފާއިޒާ ނިކަން މަގުމައްޗަށް ނިކުމެލަބަލަ.. މުޅި ރަށުގައި އެގޮވަނީ އެވާހަކަ.. މީހުން ދައްކާ ވާހަކަ ޙަޖަމު ކުރަންވެސް ފާއިޒާއަކަށް ނޭނގެ.. މަވާ މިދަނީ.."
ފާއިޒާ ބުނާނެ އެއްޗަަކަށް ނުބަލާ ހައްވަ ނިކުމެގެން ދިޔައެވެ. އޭރު ފާއިޒާ ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާގެ ހިތް ނުތަނަވަސްވީ ވަރުން އޭނާއަށް ޖޯލީގައި އޮށޯވެލެވުނެވެ. އަދި އަމިއްލައަށް ލަދުވެސް ގަތެވެ.
" މަންމާ! ޝަހާ... މަންމާ! "
ފާއިޒާއާއި ޝަހާނާއަށް ގޮވަމުން އަންނަ ޖާވިދް ފެނި ފާއިޒާ ތެދުވިއެވެ. އޭރު ޖާވިދްގެ މޫނުމަތީގައިވަނީ އާދަޔާ ޚިލާފް އުފާވެރިކަމެކެވެ. އޭނާ އައި ގޮތަށް އައިސް ހުއްޓުނީ ފާއިޒާގެ ކުރިމަތީގައެވެ.
" މަންމާ! ކޮބައިތަ ޝަހާ؟ "
އަނެއްކާވެސް ޖާވިދް އެހިއެވެ. އެއާއިއެކު ފާއިޒާ ގެއާއި ދިމާލަށް ބަލައިލުމަށްފަހު ގޭގައޭ ބުނެލިއެވެ.
" ކިހިނެއްތަވީ ދަރިފުޅާ؟ މާ ބޮޑަށްވެސް އުފަލުން ހުރިހެން ހާދަ ހީވެޔޭ"
ފާއިޒާ ހިނިތުންވެލީ ގަދަކަމުންނެވެ. އެއާއިއެކު އަތުގައި އޮތް ސިޓީ އުރައިން ކަރުދާހެއް ނަގައި އޭނާ މަންމައަށް ދައްކާލިއެވެ.
" އަހަރެންގެ ވަޒީފާ މަތި ވެއްޖެ! މަޤާމްވެސް ބަދަލުވެއްޖެ.. މިހާރު ލިބޭނެ މުސާރަ އެނގޭތަ؟ "
އުފަލުން ހުރެ ޖާވިދް އެހެން ބުނުމުން ފާއިޒާ ހިނިތުންވެލުމަށްފަހު ބޯޖަހާލިއެވެ.
" އާނ! މި ސިޓީގައި އެބައޮތް ދިހަ ހާސް ރުފިޔާ ލިބޭނެކަމަށްދޯ! "
ޖާވިދް ދެބުމަ ހިއްލާލަމުން ހޭން ފެށިއެވެ. މަންމަ ގާތު އިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާ ގެއާއި ދިމާލަށް ދިޔައީ ބޮޑުފިޔަވަޅުގައި ހިނގަމުންނެވެ. އޭނާ ހުރީ ލިބުނު އުފާވެރި ޚަބަރު ޝަހާނާއާ ހިއްސާ ކުރާހިތުންނެވެ. އަވަސް ހިނގުމުގައި ގޮސް ކޮޓަރިއަށް ވަތް އިރު ޝަހާނާއާށް އޮތީ ނިދިފައެވެ. އެހެންކަމުން ޖާވިދުގެ މޫޑު މުޅިންހެން ބަދަލުވެގެން ދިޔައެވެ.
" ޝަހާ.."
މަގަތުގައި އިށީންދެލަމުން ޝަބާނާއަށް ޖާވިދް ގޮވާލިއެވެ. އެއަޑަށް ދެފަރާތަށް ތެޅިލަމުން ޝަހާނާ ލޯ ހުޅުވާލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
" ޖާވިދް އައީތަ؟ "
ކަންނެތް ގޮތަކަށް އޭނާ ބުނެލިއެވެ.
" މެންދުރު އަހަރެން ކައިގެން ދިޔައިރު އޮށޯތް ގޮތަށްދޯ އަދިވެސް ތިޔައޮތީ؟ "
ހައިރާންވެފައި އިނދެ ޖާވިދް އެހިއެވެ. އެއާއެކު ޝަހާނާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ފުންމައިގެން ތެދުވެ އޭނާ ރުޅިވެރިލޮލަކުން ޖާވިދްއަށް ބަލަން ފެށިއެވެ.
" ދެން ކިހިނެއްވި؟ އަހަރެން އަރާމުކޮށްލަން އޮށޯވެލިޔަސް ޖާވިދްއަށް ކަމަކު ނުދޭތަ؟"
" ނޫން ނޫން. އޮށޯވެލުން އެއީ އެއްވެސް މައްސަލައެއްނޫން.. މެންދުރުނަމާދު ކުރި ގޮތަށް އޮށޯވެލީ! ބަލާބަލަ ގަޑި؟ ފަސްގަޑި ބައިވަނީ މިހާރު.. "
ޖާވިދް އެހެން ބުނުމުން ޝަހާނާއަށް ދެފަރާތަށް ބޯހޫރާލެވުނެވެ.
" މިހެން ބުނީމަ ދެން އިތުރަށް ރުޅި އަންނަންވީއެއް ނޫނޭ.. މިއަދު އަހަރެން މިއައީ ވަރަށް ބުރަކޮށް މަސައްކަތްކޮށް ވަރަށް ބޮޑަށް ވަރުބަލިވެގެން... ޝަހާ ރީތިވެލައިގެން ހުންނަތަން ފެނުނީމަ އަހަރެންވެސް އުފާވާނެދޯ! އަނެއްކާ މަންމަވެސް އެއިނީ އެކަނިމާއެކަނި.. މިގޭގަައި ބައިވަރު މީހުންތަކެއް އުޅެނީއެއްނޫން. މަންމައާއެކު މިގަޑީގައި ބޭރުގައި ތިބެލާނަމަ.."
ޖާވިދް ވާހަކަ ދެއްކީ މަޑުމައިތިރިކަމާއެކުއެވެ.
" މަންމައާއެކު މިއަދު އަަހަރެންވެސް ވަރަށް މަސައްކަތްކުރީމޭ.. އަހަންނަށްވެސް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮންނަންވާނެދޯ! އަހަރެން މިތާ އޮވެގެން މަންމަ ނުކުރާ ޝަކުވާއެއް ޖާވިދް ކީއްކުރަންތަ ކުރަންވީ؟ އަހަރެންވީ ރޮބަޓެއްހެން އަބަދު ސައްވީސްގަޑިއިރު ތެދަށް އިންނަން! ކޮޅަށް ހުންނަން! ނޫނީ މަސައްކަތް ކޮށްލަކޮށްލަ ހުންނަން.. ވަރަށް ފޫހިވޭ!"
އުނގުމަތީގައި އޮތް ބާލީސް އެނދުމަށްޗަށް ހޫރާލަމުން ޝަހާނާ ތެދުވެގެން ދިޔައީ ފާޚާނާއާ ދިމާލަށެވެ. އަތުގައި އޮތް ސިޓީއުރަށް ބަލަހައްޓައިގެން އިނދެ ޖާވިދަށް ފުން ނޭވާއެއް ދޫކޮށްލެވުނީ ލިބުނު ހިތްހަމަނުޖެހުމެއްގެ ސަބަބުންނެވެ. އެނދުމަތީގައި ސިޓީއުރަ ބޭއްވުމަށްފަހު އޭނާ ތެދުވެ ގަމީހުގެ ގޮށްތަން ނައްޓަން ފެށީ ޝަހާނާއާ އިތުރަށް ވާހަކަ ނުދައްކަން ނިންމައިގެން ހުރެއެވެ.
***
ޔަޝްމީ ސިޓިންގރޫމްގައި އިނީ ޓީވީ ބަލާށެވެ. އޭރު ސޮނީ ޓީވީ އިން ލޯބީގެ ރީތި ހިންދީ ފިލްމެއް އާދެއެވެ. ހިންދީބަސް އެއްވެސް ވަރަކަށް ނޭނގުނަސް ޔަޝްމީއަށް އެ ފިލްމު ވަރަށް ކަމުގޮއްސިއެވެ. އެހެންކަމުން އޭނާއަށް އިނދެވުނީވެސް ވަރަށް ހަމަޖެހިލައިގެންނެވެ. އެއްލިކަޅިއަކުން އޭނާއަށް ފެނުނީ ދުރުގައި ބަލަހައްޓައިގެން ހުރި ހާރޫންއެވެ. ފިލްމުގެ ތެރެއަށް ވަދެވިފައި އިންވަރުން ހާރޫން އައިކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. ހާރޫން ފެނުމާއިއެކު އޭނާއަށް ތެޅިގަނެވުނެވެ. އިސާހިތަކު މޫނުމައްޗަށް ފޫހިކަންވެސް ވެރިވެއްޖެއެވެ. އެމަންޒަރު ފެނި ހާރޫން ދެރަވި ނަމަވެސް އޭނާ އެކަން މޫނުމަތިން ހާމައެއް ނުކުރެއެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް ސޯފާގެ އަނެއްކޮޅުގައި ހާރޫން އިށީންދެލިއެވެ. އަތުގައި އޮތް ކުޑަ ކަރުދާސް ކޮތަޅަށް ބަލަހައްޓައިގެން އިން ހާރޫންއަށް ޔަޝްމީ އަނެއްކާވެސް ބަލައިލިއެވެ. ހާރޫން ސޯފާގައި އިނުމުން އޭނާއަށް އިނީ އުނދަގޫވެފައެވެ.
" މިއީ އަހަރެން ޔަޝްމީއަށް ގެނައި ކުޑަ ކުޑަ ހަދިޔާއެއް!"
ކޮތަޅު ދިއްކޮށްލަމުން ހާރޫން ބުނެލިއެވެ. އެކޮތަޅަށް ބަލައިލުމަށްފަހު ޔަޝްމީ އަނެއްކާވެސް ބަލައިލީ ހާރޫންގެ މޫނަށެވެ.
" އަހަންނަށް ހަދިޔާ ގެނެސްދޭނެކަމެއް ނެތް. ބޭނުމެއް ނޫން.."
ޓީވީއާ ދިމާލަށް ބަލައިލަމުން ޔަޝްމީ ބުނެލިއެވެ. ދުލުން ތުންފަތް ތެންމާލަމުން ހާރޫން ހީލަމުން އެ ކޮތަޅު ސޯފާގައި ބޭއްވިއެވެ. އެއަށްފަހު އޭނާ ތެދުވެއްޖެއެވެ. އޭރުވެސް ޔަޝްމީ އިނީ ޓީވީ ސްކްރީނަށް ބަލަހައްޓައިގެންނެވެ.
" އަހަރެން ދިނީމަ ނުހިފިއެއްކަމަކު ސޯފާމަތިން އެ ގިފްޓް ނަގާނެ ކަމަށް ހީކުރަން.. އެއީ މިވަގުތު ޔަޝްމީއަށް ވަރަށް ބޭނުންތެރި އެއްޗެއް! "
ހާރޫން އެހެން ބުނުމުންވެސް ޔަޝްމީގެ ސަމާލުކަމެއް އޭނާއަކަށް ނުލިބުނެވެ. ޓީވީއިން ދައްކަމުންދާ ލަވައަށް ޝައުޤުވެރިވެފައި ޔަޝްމީ އިނީއެވެ.
" އާޕް މުޖޭ އައްޗޭ ލަގްނޭ ލަގޭ! އޭގެ މާނަ އިނގޭތަ؟ "
ދެޖީބަށް އަތް ޖަހާލަމުން ހާރޫން ސުވާލު ކުރުމާއިއެކު ބޭއިޙްތިޔާރުގައި ޔަޝްމީއަށް ދެފަރާތަށް ބޯހޫރާލެވުނީ ހާރޫންއަށް ބަލައިލަމުންނެވެ.
" އަހަންނަށް ކަލާ ކަމުދާން ފަށައިފިއޭ! އެއްދުވަހަކުން ޔަޝްމީއަށްވެސް އަދި އެހެން ވާނެ"
ހާރޫންގެ ދިގު ހަށިގަނޑު ކުޑަކޮށް ގުދުކޮށްލުމަށްފަހު އޭނާ އެހެން ބުނެލިއެވެ. އަދި ލާނެތް ގޮތަކަށް ހެވިފައި ހުރެ ކޮޓަރިއާއި ދިމާލަށް ދިޔައީވެސް ޔަޝްމީއަށް ބަލަމުންނެވެ. އޭރުވެސް ޔަޝްމީ އިނީ ހާރޫން އެބުނި ޖުމްލައާއިމެދު ވިސްނާށެވެ.
" ޗި! ނުވާނެ! ދުވަހަކުވެސް ނުވާނެ..."
ހާރޫން ބުނެލި ޖުމްލަ ރަނގަޅަށް ފަހުމް ވުމުން ޔަޝްމީއަށް ބުނެވުނެވެ. ހިތްހަމަ ނުޖެހުނުވަރުން އޭނާ އަވަސް އަވަހަށް ޓީވީ ނިއްވާލުމަށްފަހު ތެދުވެއްޖެއެވެ. އެހިނދު އަނެއްކާވެސް ސޯފާމަތީގައި އޮތް ކޮތަޅު ޔަޝްމީގެ ލޮލުގައި އަޅައިގަތެވެ. ކޮތަޅުގެ އެތެރެ ބަލައިލިއިރު އޭގައި އޮތީ ރަތްކުލައިގެ ކަރުދާހަކުން ބަންދުކޮށްފައި އޮތް ކުޑަ ފޮށިގަނޑެކެވެ. ޔަޝްމީއަށް ދެން ބަލައިލެވުނީ ހާރޫންގެ ކޮޓަރިއާއި ދިމާލަށެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (19)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!