" ގެއަށް އެބަ އާދޭ މިހާރު... ދެން ކިޔައިދީބަލަ"
ހާސްވެފައި ފާއިޒާ އެހިއެވެ. އޭރުވެސް ޝާކިރު އޮތީ ނިތްމަތީގައި އަތް ބާއްވާލައިގެން ވާހަކަ ދައްކަން އުނދަގޫވެފައެވެ. އެހެންކަމުން ޖާވިދް އަންނަންދެން ފާއިޒާވެސް މަޑުކޮށްލިއެވެ.
" ބައްޕާ! ކިހިނެއްވިއްޔޭ!"
މާދުރުން އިވުނު ޖާވިދްގެ އަޑަށް ޝާކިރު ފުންމައިގެން ތެދުވިއެވެ. އޭރު އޭނާއަށް ރޮވެން ފަށައިފިއެވެ.
" ބައްޕަ ފުރަތަމަ ހަމަޖެހިލަބަލަ! ކަންބޮޑު ނުވޭ! ވީ ގޮތް ސާފުކޮށް އަހަންނަށް ކިޔައިދީބަލަ! "
ޝާކިރުގެ ގައިގައި ހިފަހައްޓައިގެން ޖާވިދް އަނެއްކާވެސް ޝާކިރު ފަތްޖެހިގޮނޑީގައި ބޭންދިއެވެ. އޭރުވެސް ޝާކިރުގެ ގައިގައި އެއްވެސް ވަރެއް ނެތެވެ.
" އިންޖީނު ސްޓާޓް ނުވެގެން ފަރީދު ގޯތި ސޮރު ގެނެސް ދައްކާލީ! ކޮންމެވެސް ސްޕެއަރ އެއް ހަލާކުވެފަޔޯ އެސޮރު ބުނި! ރާއްޖެއިން ބޭރުންނޯ އެބައި ގެންނަން ޖެހޭނީ! ބައި ލައްކައެއްހާ ރުފިޔާ ޚަރަދުވާނެޔޯ..."
ޝާކިރު ދެރަވެ ދެރަވެފައި ވާހަކަ ދެއްކިއެވެ.
" ބައިލައްކައޭ؟ "
ޝާކިރާއި ދާދި ގާތުގައި އިށީންނަމުން ޖާވިދަށް ބުނެވުނެވެ. އޭރު ފާއިޒާއަށްވެސް ހުރެވުނީ ބަސްހުއްޓިފައެވެ.
" އަހަރެމެންނަށް ލާރިއެއްވެސް މި ލިބެނީ އެ ދޯނިގަނޑު މަހަށް ފުރުވާލެވިގެން... ޙައްޖަށްދާން އަދި ފައިސާވެސް ދެއްކުނީއެއް ނޫން.. ޔަޝްމީއަށް ކިޔަވައިދޭންވެސް ލާރި އެއްކުރަން ޖެހޭނެ! ޝާކިރު! ދެން އަހަރެމެން ކިހިނެއް ހަދާނީ؟ "
އިރުކޮޅަކު ވިސްނަން ހުރެފައި ފާއިޒާ ބުނެލިއެވެ. އޭރުވެސް ޝާކިރު އިނީ އިސްޖަހާލައިގެންނެވެ.
" އަހަރެން އެހީވެދެންތަ؟ "
ފަހަތުން އިވުނު ހާރޫންގެ އަޑަށް އެންމެންނަށްވެސް ބަލައިލެވުނެވެ. އޭރު ހާރޫން އެމީހުންނާއި ދިމާލަށް އާދެއެވެ.
" އެހީއޭ؟ "
ހާރޫން އައިސް ޝާކިރުގެ ކުރިމަތީގައި ހުއްޓުމާއިއެކު ޝާކިރަށް ބުނެވުނެވެ. ދެޖީބަށް އަތް ޖަހާލަމުން ހާރޫން ކުޑަކޮށް ޝާކިރާއި ދިމާލަށް ގުދުވެލިއެވެ. އަދި ހިނިތުންވެލަމުން ބުންޏެވެ.
" ތިހާ ވަރަށް ވިސްނާކަށް ނުވާނެ ބޭބޭ! އަހަރެން ބޭބެއަށް އެހީތެރިވެދީފާނަން.. ބަދަލުގައި ހަމަ އެއްވެސް އެއްޗެއް ބޭނުމެއް ނޫން.. "
ހާރޫންގެ އޯގާތެރި ބަސްތަކުން އެންމެންނަށްވެސް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނީ ޤަބޫލު ކުރަން ދަތިވެފައި ތިބެއެވެ.
" އެއީ ހާދަ ބައިވަރު ލާރިއެކޭ.."
ޖާވިދް ބުނެލީ ޖެހިލުންވެ ހުރެއެވެ. އެއާއިއެކު ހާރޫން ޖާވިދްގެ ކޮނޑުގައި އަތް ޖައްސާލިއެވެ.
" އަހަރެންގެ ބައްޕަ އަބަދުވެސް ބުނާނެ އެއިރެއްގައި އެންމެ ބޮޑަށް ބޭނުން ޖެހިފައި ހުންނަ މީހަކަށް އެހީވެދެއްޗޭ! އެހެންވެ އަހަރެން އަބަދުވެސް މިކަހަލަ ފުރުޞަތުތަކަށް އިންތިޒާރުކުރަން! "
ބޭއިޙްތިޔާރުގައި ޖާވިދަށް ހިނިތުންވެވުނެވެ. އެއާއިއެކު ޝާކިރު ދެއަތުން ހާރޫންގެ އަތުގައި ހިފުމަށްފަހު ކަރުނައިން ފުރިގެންވާ ލޮލަކުން ބަލައިލިއެވެ.
" އަހަރެން ހާރޫނަށް ޝުކުރު އަދާ ކުރާނެ ގޮތެއްވެސް ނޭނގެ.."
ޝާކިރު އެހެން ބުނުމާއިއެކު ހާރޫން ހީލަމުން ޝާކިރުގެ އަތުގައި ފިރުމާލިއެވެ.
" ޝުކުރު އަދާ ކުރާނެ ކަމެއްނެތް! ބޭބެ ދެން އެކަމާ ނުވިސްނާ! ސްޕެއަރ ޕާރޓްސް އެތެރެކޮށް ވިއްކާ އަހަރެންގެ ރައްޓެއްސެއް ހުންނާނެ.. އޭނަ އާއި ގުޅައިގެން އަހަރެން ތިކަން ބަލައިދޭނަން.. އިންޝާﷲ މާގިނަ ދުވަހެއް ނުވާނެ"
އެއްލި ކަޅިއަކުން ހާރޫންއަށް ފެނުނީ ތަންކޮޅެއް ދުރުގައި ހުއްޓި ހުރި ޔަޝްމީއެވެ. އެއާއިއެކު އޭނާއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ޔަޝްމީއަށް ހުރެވުނީ ވާނުވާ ނޭނގޭ ޙާލު ހައިރާންވެފައި ބަލަހައްޓައިގެންނެވެ.
" ބޭބެ! އަހަރެން ދެން ދަނީ.. "
ހާރޫން އެހެން ބުނުމަށްފަހު ބޭރަށް ދާން ހިނގައިގަތެވެ. އޭރުވެސް ޔަޝްމީ ހުރި ފިޔަވަޅުމަތީގައި ހުއްޓެވެ. ހާރޫން މަޑުމަޑުން އައިސް ޔަޝްމީއާއި އަރާ ހަމަވުމުން އޭނާއަށް ބަލައިލިއެވެ. ނަމަވެސް ޔަޝްމީ އިތުރަށް މަޑުނުކޮށް ބައްޕަގާތަށް ދާން ހިނގައިގަތެވެ. އޭނާ ގޮސް ވެގެން އުޅޭ ގޮތް އޮޅުން ފިލުވީއެވެ.
" ބައިލައްކަ ރުފިޔާއޭ؟ އޭނަ ކޮންތާކުން އެވަރަށް ފައިސާ ހޯދަނީ؟"
ޔަޝްމީއަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ.
" ހާރޫންގެ ބައްޕަގެ ފައިސާޔޯ ބުނީ! މީހުންނަށް ވަރަށް އެހީވާ މީހެއްކަމަށްވަނީ.. ކިހާ ރަނގަޅު އޭނަ ހުރިކަން.."
ފާއިޒާ އެހެން ބުނެ ޖޯލީގައި އިށީނދެލިއެވެ. އޭރުވެސް ޖާވިދް އިނީ ފުން ވިސްނުމެއްގައެވެ.
" ދެން ބައްޕަ އެކަމާ ހާސްނުވޭ! ހުރިހާ ކަމެއް ހަމަޖެހިފައެއްނު ތިޔަ އޮތީ! "
ޔަޝްމީ ޝާކިރުގެ ބުރަކަށީގައި ފިރުމާލަމުން ބުނެލިއެވެ.
****
" ތިޔަ ވަރުގެ އެހީއެއް ނުވާނެ! މިޒަމާނުގައި އެދުމެއް ނެތި ވެދުމެއް ނުކުރާނެ އެއްވެސް މީހަކު.. "
ޚަބަރު ލިބުމާއިއެކު ޝަހާނާ ތެޅިގަތެވެ. އޭރުވެސް ޖާވިދްގެ މޫނުމަތިން ފެންނަމުންދަނީ ނުތަނަވަސްކަމެވެ.
" އަހަންނަށް ހަމަ ޔަޤީން އޭނަ ޔަޝްމީދެކެ ލޯބިވަނީކަން! އޭނަ ޔަޝްމީގެ ބޭނުމުގައި އެއުޅެނީ.. އެހެން ނޫންނަމަ އޭނަ ކީއްކުރަން އެއްކޮށްފަ ހުރި ހުރިހާ ފައިސާއެއް ބައްޕަގެ އިންޖީނު ހަދަން ދޭންވީ؟ އޭނަ އެއީ މޮޔައެއްތަ؟ "
ޝަހާނާއަށް ކޮޅަށްވެސް ހުރެވެނީ ކިރިޔާއެވެ. ކޮޓަރި ތެރޭގައި އޭނާ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.
" ޝަހާ ކީއްވެތަ އެހާ ބޮޑަށް ހައިރާންވަނީ؟ އެހާ ބާރަށް ތިވާހަކަ ނުދައްކަބަލަ! "
ޖާވިދް ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިގެންނެވެ. އެހެންކަމުން ޝަހާނާ އައިސް ޖާވިދްއާއި ޖެހި ފިތިގެން އެނދުމަތީގައި އިށީނދެލިއެވެ.
" އަހަރެން ހުރެދާނަން މިވާހަކަތައް ބާރަށް ނުދައްކާ! އެކަމަކު ދުވަސްކޮޅަކުން އެ ހާރޫންގެ އަސްލު ސޫރަ ފެންނާނެ.. ބައްޕައަށް އޭނަ އެ ފައިސާ ޚަރަދުކޮށްފައި ދެން އެދޭނީ ޔަޝްމީގެ ކައިވެންޏަށް! މަ ބުނީތީވެސް ބަލަން ހުންނާތި.. އޭރުން ބައްޕައަކަށް ނުކެރޭނެ ނޫނެކޭ ބުނާކަށް.. އާނ އޭރު އެއޮތީ ބައްޕައަށްވެސް ހާރޫންގެ ލާރި ކެވިފައިތާ! ކިހިނެއް ނޫނެކޭ ބުނާނީވެސް..."
އަދިވެސް ޝަހާނާ މައިތިރި ވާކަށް ނޫޅެއެވެ.
" އަހަރެން ހައިރާންވަނީކީ ނޫނޭ! ކަންތައް ވާގޮތް އަހަންނަށް އެނގޭތީ އެއްޗެއް ނުބުނެ ނުހުރެވެނީ! އަސްލު އަހަންނަށްވެސް ރަނގަޅީ ޔަޝްމީ އޭނަޔާ ދެވިއްޔާ! އޭރުން އަހަރެމެންގެ އުއްމީދުތައް ހާޞިލް ވާނެތާ! "
ޝަހާނާގެ އެންމެ ފަހު ޖުމްލައިން ޖާވިދް އޭނާއަށް ބަލައިލިއެވެ.
" އަހަރެންވެސް މި ވިސްނަނީ ތިކަމާ! އޭނަ ޔަޝްމީއާއި އިންނަން ބޭނުންވޭބާއޭ ހިތަށް އަރަނީ! އޭރުން އަހަރެމެންނަށް ވަރަށް ފަސޭހަވާނެ.. ކޮއްކޮގެ ހުރިހާ ކަމެއް ހާރޫން ބަލަހައްޓާނެތާ! "
ޖާވިދް އެހެން ބުނުމުން ޝަހާނާގެ ތުންފަތްމައްޗަށް އުފާވެރިކަމުގެ ކުލަވަރު ފެތުރިގަތެވެ. އޭނާ އަވަސް އަވަހަށް ޖާވިދްގެ ކޮނޑުގައި ބޯ އަޅާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އަހަރެން އަބަދުވެސް ދައްކަމުންދިޔަ ވާހަކަ އަދިކިރިޔާ ޖާވިދްއަށް ތި ވިސްނުނީ! އެހެންވެ އަހަރެން ބުނަނީ އަހަންނަކީ ބޭކާރު ވާހަކަ ދައްކާނެ މީހެއް ނޫނޭ! އަހަރެން ދައްކާނީ ވަރަށް އޮއްޓަރު ހުންނަ ފައިދާވެސް ވާ ކަހަލަ ވާހަކަ.."
ޝަހާނާ އެހެން ބުނުމުން ޖާވިދަށް ހެވުނެވެ. ޝަހާނާގެ މޫނުމަތިން އުޖާލާކަން އޭރުވެސް ފެންނަމުން ދެއެވެ.
***
މަންމައާއި ބައްޕަގެ ކޮޓަރިއަށް ޔަޝްމީވަނީ ފޮތެއް ހިފައިގެންނެވެ. އޭރު ފާއިޒާއާއި ޝާކިރު އެނދުމަތީގައި ތިބީ އޮލަ ވާހަކައެއްގައެވެ.
" މަންމާ! ކޯސްތައް އިޢުލާންކޮށްފި! އަހަރެން ބޭނުންވަނީ ނަރސިން ހަދަން.. އެކަމަކު ކޯސްފީ ވަރަށް އަގުބޮޑު. މާލެއިން އެކަނި ކިޔެވެނީވެސް.. "
ދެރަވެލާފައި ޔަޝްމީ އެހެން ބުނުމުން ޝާކިރާއި ފާއިޒާގެ މޫނުމަތިން ނުތަނަވަސްކަން ފެނިގެން ދިޔައެވެ. އެކަކު އަނެކަކުގެ މޫނަށް ބަލައިލަމުން އެމީހުންނަށް ޔަޝްމީގެ މޫނަށް ބަލައިލެވުނެވެ.
" ދަރިފުޅާ! ތިޔަވަރުގެ ކޯހެއް ކިޔަވައިދޭނީ ކިހިނެއް؟ ބައްޕަމެންނަށް މި ލިބެނީ ވަރަށް ކުޑަ އެއްޗެއް! ދޮންބެވެސް މިހާރު އެއުޅެނީ ދިރިއުޅުމެއް ފަށައިގެން.. ދޮންބެ އަތުން އެއްޗެއް ލިބޭނީ އެމީހުން ދިނިއްޔާ! ދޭށޭ ކިޔައި އާދޭސް ކުރުމަކީ ބައްޕަގެ ގޮތެއް ނޫން.. "
ޝާކިރު ކަރުއެލުވާލީ ދެރަވެގެންނެވެ. އޭރު ޔަޝްމީ ހުރީ ފެންކަޅި ވެފައެވެ.
" ޙައްޖަށް ދާން އެއްކޮށްފައި ހުރި ފައިސާކޮޅު ހުރީ! އަދި އެވެސް ހަމައެއް ނުވެ! ދަރިފުޅަށް ކިޔަވައިދިނުމަކީ މަންމަގެވެސް ވަރަށް ބޮޑު ހުވަފެނެއް! އެކަމަކު.. އަދި މަޑުކޮށްލާ! ތަންކޮޅެއް ހަމަޖެހިލެވުނީމަ ކިޔަވަން ފަށާނީ.."
ފާއިޒާ ތެދުވެގެން އައިސް ޔަޝްމީގެ ގައިގައި އަތް ޖައްސާލުމާއިއެކު އޭނާ ދުރަށް ޖެހުނެވެ.
" އަހަންނާއިއެކު ކިޔެވި ހުރިހާ ކުދިންވެސް މިއަހަރު ކިޔަވަން މާލެދޭ! ފަހުން ކިޔަވަންޏާ އަހަރެން ދެން ދާންޖެހޭނީ މާ ކުޑަ ކުދިން އުޅޭ ކްލާސްތަކަށް! އަހަރެން ނޫޅެން ކިޔަވާކަށް.."
އެހެން ބުނުމަށްފަހު އޭނާ އެ ކޮޓަރިން ނިކުންނަން ބާރުބާރަށް ހިނގައިގަތެވެ. އޭރު ރަނގަޅަށްވެސް އޭނާއަށް ރޮވިއްޖެއެވެ. ފައިވާނަށްވެސް ނާރާ، ކޮޓަރިން ނިކުމެގެން ބޭރަށް ދުއްވައިގަތް ވަގުތަކީ ހާރޫން ބޭރުން އައިސް ގެއަށް ވަތް ވަގުތެވެ. އެއާއިއެކު ޔަޝްމީ ލައިގަތީ ހާރޫންގެ ގައިގައެވެ. ނަމަވެސް ޖެހުނުހެން ހީނުވެ އޭނާ ދުރަށް ދިޔައެވެ. އަދި މާނޭވާލެވޭ ޙާލު ހާރޫނަށް ބަލަން ހުރެވުނީ ރޮމުންނެވެ. އޭރު ޔަޝްމީގެ މުޅި މޫނުމައްޗަށްވަނީ އިސްތަށިތައް ފައިބައިފައެވެ. ނުހަނު ކަންބޮޑުވެ ހުރެ، ހާރޫން ޔަޝްމީއަށް ބަލަން ފެށިއެވެ. ފަހަތަށް ޖެހެމުން ގޮސް ޔަޝްމީ ކާގެއާއި ދިމާލަށް ދުއްވައިގަތުމުން ހާރޫން ބޯދިއްކޮށްލީ ގޭތެރެއަށެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އޭނާވެސް ބާރުބާރަށް ކާގެއާއި ދިމާލަށް ދާން މިސްރާބު ޖެހިއެވެ.
" ކިހިނެއްވީ؟ "
ހާރޫން އައިސް ކާގެއަށް ވަތްއިރު ކާމޭޒުގައި ބޯ އަޅައިގެން އޮވެ ޔަޝްމީ ގިސްލަމުންދެއެވެ.
" ވީގޮތެއް އަހަރެން ގާތު ބުނެދީފާނަންތަ؟ "
ހާރޫން އިށީނީ ޔަޝްމީގެ ކުރިމަތީގައެވެ. ނަމަވެސް ޔަޝްމީ އަދިވެސް ބޯ ހިއްލައިލާކަށް ނޫޅުނެވެ. ހުއްޓާނުލައި އޭނާ ރޮމުން ދިޔައެވެ.
" ކިޔަވާނެ ފުރުޞަތު އަހަންނަށް ގެއްލިއްޖެ! ހުރިހާ ރައްޓެހިން ކިޔަވަން މާލެދަނީ! އެކަމަކު މަންމަމެން ބުނީ ނުދެވޭނެޔޯ! ކިޔަވައިދޭނެ ލާރިއެއްވެސް ނެތޯ! މަޑުކުރާށޯ ލާރި ލިބެންދެން.... އެކަމަކު.. އެގޮތަށް ކިހިނެއް މަޑުކުރާނީ؟ "
ޔަޝްމީ ވާހަކަ ދެއްކީ ވަރަށް މަޑުމަޑުންނެވެ. އޭރުވެސް އޭނާ އޮތީ މޭޒުގައި ބޯ އަޅާލައިގެންނެވެ. ޔަޝްމީގެ ވާހަކަތައް އަޑުއަހަން އިން ހާރޫންގެ އިޙްސާސްތައް ބޭރުވާން އުޅޭކަހަލައެވެ. ޔަޝްމީގެ ބޮލުގައި ފިރުމާލަން ހިތް އެދޭވަރުން އޭނާއަށް އެތައް ފަހަރަކު އަތްވެސް އުފުލައިލެވުނެވެ. ނަމަވެސް ހިތްވަރެއް ނުލިބެއެވެ. ބިރުގަންނަނީއެވެ. ޔަޝްމީ ދެކޭނެ ގޮތެއް ނޭނގޭތީ ޖެހިލުންވަނީއެވެ.
" އަޅެ ބުނެބަލަ! އަހަރެން ހަމަ މިހެން ބާކީވެފައި ގޭގައި އިންނަންވީތަ؟ "
ބޯ ހިއްލާލަމުން ޔަޝްމީ ހާރޫންއާއި ސުވާލު ކުރިއެވެ. އޭރު އޭނާގެ ރީތި މޫނުވަނީ ރޮއިރޮއި ދުޅަވެފައެވެ. މުޅި މޫނުމަތިވަނީ ކަރުނައިން ތެމިފައެވެ.
" ނޫނޭ! ކީއްވެ ބާކީ ވާންވީ؟ ޔަޝްމީ ހީކުރީ މަންމަމެންނަށް ޔަޝްމީއަށް ކިޔަވައި ނުދެވުނީމަ، ދެން ޖެހޭނީ ގޭގައި ބާކީވެފައި އިންނަން ކަމަށްތަ؟ "
އަވަސް އަވަހަށް ހާރޫންއަށް އެހެން ބުނެވުނީ އޭނާގެ ހިތްވެސް އަވަސްވެފައި ހުރުމުންނެވެ. ހާރޫންގެ ޖުމްލައިން ޔަޝްމީއަށް ތަންކޮޅެއް މައިތިރި ވެވުނެވެ. އަދި ހާރޫން ބުނި ޖުމްލައިގެ މާނަ ރަނގަޅަށް ފަހުމް ނުވެގެން އޭނާ ހާރޫންގެ މޫނަށް ބަލަން ފެށިއެވެ.
" މިބުނި އެއްޗެއް ނޭނގުނުދޯ! "
ހިނިތުންވެ އިނދެ ހާރޫން ބުނެލިއެވެ.
" ޔަޝްމީ! އަހަންނަކީ އަމިއްލަ އެދުންބޮޑު މީހެއްނޫން.. އަހަރެން އެއްވެސް މީހަކަށް އެހީއެއް ނުވާނަން އޭގެ ބަދަލް ބޭނުން ވެގެންނެއް.."
ހާރޫން ބުންޏެވެ. އޭނާ ދައްކަމުންދާ ވާހަކަތައް އަޑުއަހަން އިން ޔަޝްމީއަށް ލިބެމުންދާ ހައިރާންކަން ހައްތަހާވަނީ އިތުރެވެ.
" އަހަރެން ވާހަކައެއް ބުނަން ބޭނުން.."
ތެޅިތެޅި އޮތް ހިތަކައިގެން ހާރޫން އެހެން ބުނުމުންވެސް ޔަޝްމީ އެއްވެސް އެއްޗެއް ނުބުންޏެވެ.
" ޔަޝްމީގެ ހިތުގައި އޮތީ ކޯއްޗެއް ކަމެއް އަހަންނަކަށް ނޭނގެ! އެކަމަކު.. އަހަންނަށް ޔަޝްމީ ވަރަށް ޚާއްސަ ވެއްޖެ! "
ހާރޫން އެހެން ބުނީ އިސްޖަައިގެން އިނދެއެވެ. ނަމަވެސް ސިހިފައި އޭނާއަށްވެސް ކޮޅަށް ތެދުވާން މަޖުބޫރުވީ ޔަޝްމީ ތެދުވިލެއް ބާރުކަމުންނެވެ.
" ޔަޝްމީ! ސޮރީ.. އަހަރެން މިހެންވެސް މިބުނީ ޔަޝްމީގާތު އެކަނި! ޕްލީޒް.. އަހަރެން ބޭޒާރުކޮށް ނުލައްޗޭ! ޕްލީޒް.."
ހާރޫން ކުޑަކޮށް އަތް އުފުލާލިއެވެ. ދެލޯ ބޮޑުކޮށްގެން ހުރެ ޔަޝްމީ ހާރޫންއަށް ބަލަމުން ދިޔައެވެ. އޭރު އޭނާގެ މޫނުމަތީގައި ނުރުހުމުގެ އަސަރުތައްވެސް އެކުލެވިގެންވެއެވެ.
" އަހަރެން މި އާއިލާއަށް އެހީވެދޭން ބުނީ މިކަމަކަށް އެދިއެއް ނޫނޭ! އެއީ އަހަރެން އިންސާނިއްޔަތަށް ކޮށްދޭ ކަމެއް! އަހަރެން ދެކެ ރުޅި ނާންނައްޗޭ ޔަޝްމީ! އަހަންނަށް އެނގެޔޭ ޔަޝްމީއާ އަހަރެންގެ އުމުރު ވަރަށް ވަރަށް ތަފާތުކަން! އެކަމަކުވެސް އަހަރެންގެ ހިތަކަށް ބާރެއް ނުފޯރުވުނު.."
ހާރޫންގެ ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޔަޝްމީ ފަހަތަށް ޖެހެމުން ގޮސް ބޭރަށް ދުއްވައިގަތެވެ. ހާރޫނަށް ހުރެވުނީ ކަންބޮޑުވެފައި އެދިމާލަށް ބަލާށެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (12)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!