" އަހަރެން މަޢާފް ނުކޮށްގެން ތިހާ ބޮޑު މީހަކަށް އެހާ ވަރުވޭތަ؟ "
ރައްދުގައި ޔަޝްމީ އެހެން ބުނުމަށްފަހު ހިނގައިގަތެވެ. ހާރޫންގެ ހިތަށް އިތުރަށް އުނދަގޫވާން ފެށިއެވެ. އޭނާ މަޑުމަޑުން އެނދުގައި އިށީނދެ ދެއަތް ޖޯޑުކޮށް މޫނުގައި ޖައްސާލީ ނުތަނަވަސްކަން ފިލުވާލުމުގެ ބޭނުމުގައެވެ.
" ހާދަހާ އާދަޔާ ޚިލާފް އަންހެން ކުއްޖެކޭ! "
އޭނާއަށް ބުނެވުނެވެ.
***
" އަހަރެން މިހުންނަނީ އެވާހަކަ ފައްޓަންވީ ކިހިނެއްކަމެއް ނޭނގިގެން.."
އިސްތިރި ކުރަން ހުރި ޝަހާނާއަށް ޖާވިދަށް ބަލައިލެވުނެވެ. އޭރުވެސް ޖާވިދް އިނީ ފިކުރެއްގައެވެ.
" ތިއީ ދެން އެހާވަރުގެ ކަމެއް ނޫނޭ! ހާރޫންގާތު ބުނެބަލަ ތިމަންނަގެ ކޮއްކޮއާއި ދެމެދު އޮންނަނީ ކޮން ކަހަލަ ގުޅުމެއްތޯ؟ "
ޝަހާނާގެ ޚިޔާލަށް ޖާވިދް ތާއީދެއް ނުކުރިއެވެ. ދެފަރާތަށް ބޯހޫރާލަމުން ޖާވިދް ތެދުވެގެން ގޮސް ޝަހާނާގެ ކުރިމަތީގައި ހުއްޓުނެވެ.
" ނޫނޭ! ތިއީ އަދި ރަނގަޅު ގޮތެއް ނޫން. އަހަންނަކަށް ނުކެރޭނެ އެކަހަލަ ވާހަކައެއް ދައްކާކަށެއް! އަދި ހާރޫން ލައްކަ ދުވަހު މިރަށުގައި ހުންނާނެ! އެކަހަލަ ކަމެއް ހިނގަންޏާ ސިއްރެއްވެސް ނުވާނެ އެއްނު.. އެހެންވީމަ އަދި މަޑުކޮށްލާނީ..."
ޖާވިދް އިންކާރު ކުރުމުން ހިތްހަމަ ނުޖެހި ހުރެ، އިސްތިރި ކުރި ޓީޝާޓް ޖާވިދަށް ދިއްކޮށްލަމުން ޝަހާނާ ބުނެލިއެވެ.
" ޖާވިދަށް ފެންނަ ގޮތެއް ހަދާ! އަހަރެން އަބަދުވެސް ވާހަކަ ދައްކާނީ ޖާވިދްގެ ފައިދާއަށް. "
" ހާދަ ރަނގަޅޭ! މިރޭ ހަނދުވަރުވެސް ވަރަށް ރީތި.. ހިނގާބަލަ އަތިރިމައްޗަށް ދާން."
ގަޔަށް ޓީޝާޓް މަހާލަމުން ޖާވިދް ބުންޏެވެ. އެއާއިއެކު ޝަހާނާ އެނދުމަތީގައި އިށީންދެލިއެވެ.
" އެއީ ކީއްކުރަން؟ "
ޝަހާނާ އެހިއެވެ.
" ދެން.. މި ރީތި ހަނދުވަރީ ރޭގައި އަތިރިމަތީގައި ހިނގާލާކަށްނު! ރާޅުޖަހާ ހިތްގައިމު އަޑު އަހާލަން..."
ޖާވިދް ޝަހާނާއަށް ބަލައިލީ ނުހަނު ލޯބިންނެވެ.
" ރާޅުޖަހާ އަޑުފަށްގަނޑަކީ އަހަންނަށް ހިތްގައިމު އަޑެއް ނޫން. އަތިރިމަތީގެ ހަމަހިމޭންކަން ނަގާލަނީވެސް ރާޅުޖަހާ އަޑުން. އަހަރެންގެ ބޮލަށް އުނދަގޫވާނީ.."
އެހެން ބުނެ، އަވަސް އަވަހަށް ޝަހާނާ އޮށޯތެވެ. އެއާއިއެކު ޖާވިދް އައިސް އެނދުގެ މަގަތުގައި އިށީނުމަށްފަހު ޝަހާނާގެ އަތުގައި ހިފާލިއެވެ.
" އާނ! މިހާރު އެނގިއްޖެ ލޯބި ތިހުރީ ހިތްހަމަ ނުޖެހިފައިކަން! ކުއްލި އަކަށް މޫޑު ގޯސްވީ އަހަރެން އެހެން ބުނީމަތަ؟ "
ޖާވިދް ވާހަކަ ދެއްކީ ޝަހާނާގެ ރުޅިގަނޑު މައިތިރިކޮށްލާށެވެ. ނަމަވެސް ޝަހާނާ އެނބުރިގަތީ ބިއްދޮށަށެވެ.
" ދެން ތިހެން ހެދީމަ އަހަރެންވެސް ދެރަވާނެ އެއްނު.. އަހަރެން މިއަދުވެސް ބުނީމެއްނު މިރޭ ހިނގާލަންދާންވާނެޔޭ! "
ޖާވިދްގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ނުކުރެވި އުޅެނިކޮށް އެނދުމަތީގައި އޮތް އޭނާގެ ފޯނު ރިންގްވާން ފެށިއެވެ.
" ހާރޫން އެ ގުޅަނީ އަހަރެން މިއަދު ބައްދަލްކޮށްލަން ބޭނުންވާ ވާހަކަ ބުނީމަ.."
ކުޑަކޮށް ހާސްވެފައި ޖާވިދް ބުނެލިއެވެ. އެއާއިއެކު ޝަހާނާ ފަހަތަށް އެނބުރި ޖާވިދަށް ބަލައިލިއެވެ.
" އަހަރެން އެބަ އަންނަން..."
ފޯނު ނެގުމުގެ ބަދަލުގައި ޖާވިދް ނިކުތީ ބޭރަށެވެ. އޭރު ސިޓިންގރޫމްގައި ހާރޫން ހުރިތަން އޭނާއަށް ފެނުނެވެ.
"ވާހަކައެއް ދައްކަން ބޭނުންވާ ވާހަކަ ބުނީމެއްނު! އެހެންވެ ގޭގައި އުޅޭހެން ހީވާތީ މި ގުޅަނީވެސް.. ދެންމެ ގެއަށް އައިސް ފެންވަރައިގެން ނަމާދުކޮށްލީމި.."
ހާރޫން ހީލަމުން ވާހަކަ ދެއްކިއެވެ. އޭރު ގަޑިން ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ.
" ކައިފިންތަ؟ "
ޖާވިދް އަވަސް އަވަހަށް ސުވާލުކުރީ ފޯނުން ގަޑި ބަލައިލަމުންނެވެ.
" ނޫނޭ! އަދި ނުކަން.. މިރޭ ތަންކޮޅެއް ލަހުން ގެއަށް އާދެވުނީމަ ދެން އަޅައިނުލީ"
" އަނހަ! އެހެން ކަމަކު ނުދާނެއެއްނު.. ކޮންމެ އިރަކު ގެޔަށް އަޔަސް ކާން ލިބޭނޭ! މަޑުކުރައްޗޭ އަހަރެން އެބަ އަންނަން އަންހެނުންނަށް ގޮވާފަ! "
ޖާވިދް އަވަސް އަވަހަށް އެނބުރިގަތީ ކޮޓަރިއަށް ވަންނާށެވެ. ނަމަވެސް ހާރޫން އޭނާ ހުއްޓުވިއެވެ.
" ނޫނެކޭ! ހަމަ ސީރިއަސްކޮށް މިބުނީ.. އަހަރެން ގެއަށް އައީ ދަޅެއްވެސް ބޮއިގެންނޭ! ދެން އޯކޭވާނެ."
ހާރޫން ތަންކޮޅެއް ބާރަށް އެހެން ބުނުމުން ޖާވިދް ހަމަޖެހިލިއެވެ.
" ކޮން ވާހަކައެއް ދަައްކާލަންތަ ބުނީ؟ ވަރަށް ބޮޑު ވާހަކައެކޭ ބުނީމަ އަހަރެން މިހުންނަނީ ބިރުވެސް ގަނެފައޭ!"
ހެމުން ހެމުން ހާރޫން ބުނީ ޖާވިދާއިއެކު ބޭރަށް ނިކުންނަން ހިނގައިގަންނަމުންނެވެ. އެދެމީހުން އެކު އެކީގައި ގޮސް އިށީނީ ބޭރު ޖޯލީގައެވެ.
" ދެން ހާރޫން މިރަށުގައި އެހާ ދުވަހު ހުންނާތީވެ ފަހަރެއްގައި މީހެއްގެ އުނދަގުލެއްވެސް ފޯރައިފާނެތީ އެކަހަލަ ވާހަކަ ދައްކަން ބޭނުންވީ.. "
ބުނާނެ އެއްޗެއް ނޭނގި އިނދެ، ވިސްނާލުމަށްފަހު ޖާވިދް ބުނެލިއެވެ. އެއާއިއެކު ހާރޫން ޖާވިދްގެ ބުރަކަށީގައި ޖަހާލިއެވެ.
" އަހަރެންގެ ރައްކާތެރިކަމަށް ވިސްނާފައި އަދި ދުވަހަކުވެސް މީހަކު ތިހާ ގާތްކޮށް ވާހަކަ ތި ދެއްކީ! މިކަހަލަ އަމާން ރަށެއްގައި މީހެއްގެ އުނދަގުލެއް ފޯރަ ފާނެހެން ހިއެއްނުވޭ"
ހާރޫން އެހެން ބުނުމުން ޖާވިދް އަނެއްކާވެސް ފުންކޮށް ވިސްނަން ފެށިއެވެ. ކޮންމެ ޖުމްލައެއްވެސް އޭނާ ދޫކޮށްލަނީ ނުތަނަވަސްކަމާއިއެކުގައެވެ.
" ފަހަރެއްގައި އަންހެންވެރިންގެ އުނދަގޫވެސް ޖެހިދާނެދޯ! "
ޖާވިދްގެ ޖުމްލައިން ހާރޫން ބާރުބާރަށް ހެމުން ދިޔައެވެ. އެހެންކަމުން ޖާވިދަށްވެސް ހެވުނެވެ.
" އަންހެންވެރިންގެ އުނދަގުލޭ! އަހަންނަށް މިހާރު އިޙްސާސް ކުރެވެނީ ތިއީ ހަމަ އަހަރެންވަރުގެ ބޮޑު ފިރެހެނެކޭ! ޖާވިދް ތިއީ ހަމަ މޭންއެއް އިނގޭ! "
ހާރޫން ޖާވިދްގެ ބޮލުގައި ޖަހާލީ ލޯތްބާއިއެކުއެވެ.
" އަނެއްކާ މިރަށުގައި އެކަހަލަ ފާޑުގެ އަންހެންވެރިން ގިނައީތަ؟ ފިރެހެނަކު ފެންނައިރަށް މޮޔަވެގެން ދުވާ ކަހަލަ އަންހެނުންވެސް އުޅެއެއްނު.."
ހަމަޖެހިލާފައި ހާރޫން ސުވާލުކުރިއެވެ. ހެވިފައި އިން ޖާވިދް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އެކަހަލަ އެއްޗެއް ބުނެވުމުންވެސް އޭނާ މިހާރު އިނީ ލަދުންނެވެ. ނަމަވެސް ހާރޫންއަކީ ވަރަށް " ކޫލް " މީހެއްކަން ޖާވިދްއަށް ޔަޤީން ކުރެވުނެވެ. އަދި އޭނާއަކީ މާބޮޑު މީހެއްކަމެއް އިޙްސާސެއްވެސް ނުކުރެވުނެވެ.
" އަހަރެންގެ އަނތްބެއްނެތް ކަމެއް އެއްވެސް މީހަކަށް ނޭނގޭނެއެއްނު.."
" އަސްލު ކީއްވެތަ މެރީ ނުކޮށް ތިއުޅެނީ؟ އަހަރެމެން ތިބީ އުމުރު ހަަމަ ނުވެގެން ނީނދެވިފައި.."
ޖާވިދް ބާރު ހިނިގަނޑެއް ޖަހާލިއެވެ.
" މެރީ ދޯ؟ ތިކުރީ ވަރަށް ފާޑެއްގެ ސުވާލެއް އިނގޭ! "
ހާރޫން ޖާވިދަށް ބަލައިލިއެވެ. ފެންޑާގައި އެލުވާފައި ހުރި ބޮކީގެ ފަނޑު އަލިން ގަސްދޮށުގެ އަނދިރިކަންވަނީ ގެއްލިފައެވެ. އެހެންކަމުން ޖާވިދްގެ މޫނަށް އަރާ ފައިބަމުންދާ ކުލަވަރުތައް ހާރޫންއަށް ރީތިކޮށް ފެނެއެވެ.
" ތި އަޅާލީ އަހަރެން ވަރަށް ނުދައްކާ ވާހަކައެއްގެ ސުރުޚީއެއް.. އެކަމަކު މިރޭ ހަމަ ތި މައުޟޫއަށް ވާހަކަ ދައްކާލާ ހިތްވެއްޖެ! "
ހާރޫން ޖޯލީގައި އޮށޯވެލަމުން ބުނެލިއެވެ. އެއްވެސް އެއްޗެއް ނުބުނެ ޖާވިދް އިނީ އަޑުއަހާށެވެ.
" އަހަންނަކީ މާލޭ މީހެއް.. ދުނިޔޭގައި މަންމައާއި ބައްޕަވެސް އެބަތިބި.. އެކަމަކު ދެމީހުންވެސް މިހާރު ތިބީ ބަލި ޙާލުގައި.. އަހަރެންގެ ފުރަތަމަ އުފަލަކީ މައިންބަފައިން.. ދެން ފައިސާ! "
ހާރޫންގެ ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޖާވިދް އިނީ ވަރަށް އަޑުއަހާހިތުންނެވެ.
" ރެޔާ ދުވާލު އަހަރެން މަސައްކަތްކުރީ ފައިސާ ހޯދުމުގައި... ޢުމުރުން ދުވަސްވަމުންދާ މައިންބަފައިންގެ ގެގަނޑު ކޮޅަށް ޖެހޭތޯ ބެލީ! ދެން އަމިއްލަ ފައިމައްޗަށް ތެދުވަން އަހަރެން މަސައްކަތްކުރީ! އަހަންނަށް އަބަދުވެސް އިވެނީ ކައިވެނިކޮށްގެން މީހުން ޙާލުގައި އުޅޭ ވާހަކަ.. އަބަދުވެސް ހަމަނުޖެހުމުގައި އުޅޭ ވާހަކަ. އެހެންވެގެން އަހަރެން ބޭނުންވީ އެ ޓެންޝަނުން ދުރުވެ ހުންނަން.. ހުސްވަރިބައިކޮށްހުރެ، އަހަރެން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވީ އިރު އަހަރެންގެ ޢުމުރު މިވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް.. "
ހާރޫން ފުން ނޭވާއެއް ދޫކޮށްލިއެވެ.
" ކައިވެންޏަކާއިމެދު އަހަރެން ވިސްނަން މި ފެށުނީ އަދިކިރިޔާ! "
ހާރޫންގެ އެ ޖުމްލައިން ޖާވިދްގެ މޭ ތެޅިގަތެވެ. އޭނާގެ އަމާޒަކީ ޔަޝްމީބާވައޭ ހިތަށް އެރިއެވެ.
" މިހާރު ބޭނުންވާ ކަހަލަ ކުއްޖަކު ފެނިއްޖެތަ؟ "
ހާރޫންއަށް ބަލައިލަމުން ޖާވިދް އެހެން ބުނުމުން ހާރޫން ދެއަތް ދެއަތާލައި، ބާރުކޮށްލަމުން ހިނިގަނޑެއް ޖަހާލިއެވެ.
" ބޭނުންވާ ކުއްޖަކު ފެނުނަސް، އަހަރެންގެ ޢުމުރު އެނގުނީމަ ބިރުން ފިލާނެއެއްނު.. "
" ހާރޫންގެ ޢުމުރު އެނގޭނީ މާ ފަހުންތާ! ސާޅީސް އަހަރު އެއީ މުސްކުޅިވުމެއް ނޫނެއްނު.. އެއީ އަދި ޒުވާން ޢުމުރޭ... ހާރޫން އެއްވެސް ވަރަކަށް ހިއެއްނުވެ ދުވަސްވީ މީހެއް ހެންނެއް."
ޖާވިދް އެހެން ބުނުމުން އަނެއްކާވެސް ހާރޫން ޖާވިދްގެ ބުރަކަށީގައި ޖަހާލިއެވެ.
" ހިތެއް މުސްކުޅިއެއް ނުވާނެދޯ! "
ހާރޫން އެހެން ބުނެލި އިރު ޔަޝްމީ ގޭތެރެއިން ނިކުމެގެން އާދެއެވެ.
" ހުވަނދުމާސައިބޯންތަ؟ "
ޔަޝްމީ އަރާ ހަމަވުމުން ލޯތްބާއިއެކު ޖާވިދް ބުނެލިއެވެ. ލަދުން ހުރެ ޔަޝްމީ ބޯ ޖަހާލުމަށްފަހު ދިޔަގޮތަށްގޮސް ކާގެއަށް ވަނެވެ. ޔަޝްމީއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ހާރޫންގެ މޫނުމަތީގައިވާ ހިނިތުންވުން ތަފާތުކަން ޖާވިދްއަށް ފާހަގަ ކުރެވުނެވެ. އެހެންކަމުން ޔަޝްމީއާއިމެދު ހާރޫންގެ ހިތުގައި އޮތީ ކޯއްޗެއްތޯ ބަލާލަން އޭނާ ބޭނުންވިއެވެ.
" ކޮއްކޮވެސް ދެން މީހަކާ ދެވަންވީ! އަންހެން ކުދިން ޖެހޭނެ އަވަހަށް މީހުންނާ އިންނަން.. ދޯ؟"
ޖާވިދް އެހެން ބުނުމުން ހާރޫން އެނބުރި ޖާވިދަށް ބަލައިލިއެވެ. އަދި ލުއި ހިނިތުންވުމެއްގައި އިނދެ ބޯ ޖަހާލިއެވެ.
" ޖާވިދް! އާދެބަލަ..... "
ގޭތެރެއިން ބޭރަށް ބޯ ދިއްކޮށްލަމުން ޝަހާނާ ގޮވާލިއަޑަށް ޖާވިދް ސިހިފައި އެދިމާލަށް ބަލައިލިއެވެ. އޭނާ އަވަސް އަވަހަށް ތެދުވެގެން އެދިމާލަށް ހިނގައިގަތީ ހާރޫންގާތު ދަނީއޭ ބުނުމަށްފަހުގައެވެ. ޖާވިދް ގޮސް ގެއަށް ވަނުމާއިއެކު ހާރޫން ތެދުވިއެވެ. އަދި ގެއާއި ދިމާލަށް ބަލަމުން ބަލަމުން އޭނާ ގޮސް ހުއްޓުނީ ކާގެ ދޮރުމަތީގައެވެ. އޭރު ސައިތައްޓެއް ހިފައިގެން ޔަޝްމީ އިނެވެ.
" އަހަންނަކަށް ނެތްތަ ސައިތައްޓެއް"
ހާރޫން އެހެން ބުނުމުން ޔަޝްމީ ބާރުބާރަށް ތެދުވިއެވެ.
" ކީއްވެގެންތަ އަހަރެންގެ ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ؟ އަހަންނަކީ ތިމާއަށްވުރެ މާ ކުޑަ ކުއްޖެކޭ!"
އެހެން ބުނުމަށްފަހު ޔަޝްމީ ފުންމައިގެން ތެދުވިއެވެ.
" އަހަރެން.. މިއަދު އަދި އެއްވެސް އެއްޗެއް ނުކައި މިހުރީ... އެހެންވެގެން ބުނެވުނީ! އަހަންނަށް މަޢާފް ކުރޭ..."
ހުރި ފިޔަވަޅުމަތީގައި ހުރެ އެހެން ބުނުމަށްފަހު ހާރޫން އެނބުރި ހިނގައިގަތެވެ. އޭނާ އެހެން ބުނިގޮތުން ޔަޝްމީގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. ނަމަވެސް ގޮވާލަން ނުކެރިފައި އޭނާއަށް ހަމަ ހުރެވުނީއެވެ.
****
މެންދުރު ވުމުގެ ކުރިން ޝާކިރު ގެއަށް އައުމުން ހައިރާންވެފައި ފާއިޒާ އެހިއެވެ.
" ހާދަ އަވަހަކަށް ތިޔަ އައީ؟ "
އޭރު ޝާކިރު ހުރީ ދާހިއްލާ ފޯވެފައެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ހިތާމައިގެ ކުލަވަރެވެ. ޝާކިރުގެ ގައިގައި އެއްވެސް ހަކަތައެއްވެސް ނެތްކަހަލައެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް ގަސްދޮށުގައި ހުރި ފަތްޖެހި އެނދުގައި އޭނާ އޮށޯތެވެ. ފެންޑާގައި ހުރި ފާއިޒާ ބާރުބާރަށް އައިސް އަނެއްކާވެސް އެސުވާލު ތަކުރާރުކޮށްލިއެވެ.
" މަހަކަށް ނުދަމޭ! ދޯނި އިންޖީނު މައްސަލަ ޖެހިއްޖެ"
އޭނާ އެހެން ބުނުމުން ފާއިޒާގެ މޫނުމަތިވެސް ދިޔައީ ބަނަވެގެންނެވެ.
" ދޭބަލަ ފޯނު ގެނެސް ޖާވިދަށް ގުޅަން.. އޮފީހުގައި އިނަސް ގެއަށް އައިސްލާށޭ ބުނެބަލަ! "
ޝާކިރުގެ އެދުމަށް ފާއިޒާ ގެއަށް ވަނެވެ. އޭރުވެސް ޝާކިރު އޮތީ ފަތްޖެހި އެނދުގައެވެ.
" ގެއަށް އެބަ އާދޭ މިހާރު... ދެން ކިޔައިދީބަލަ އެކަން ހިނގި ގޮތް"
ހާސްވެފައި ފާއިޒާ އެހިއެވެ. އޭރުވެސް ޝާކިރު އޮތީ ނިތްމަތީގައި އަތް ބާއްވާލައިގެން ވާހަކަ ދައްކަން އުނދަގޫވެފައެވެ. އެހެންކަމުން ޖާވިދް އަންނަންދެން ފާއިޒާވެސް މަޑުކޮށްލިއެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (11)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!