މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބާއްވަމުން ގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް"ގެ ދަށުން މިއަދު ކުޑަކުދިންގެ ހަވީރެއް ހއ. ދިއްދޫގައި ބާއްވައިފިއެވެ.
700 އަށްވުރެ ގިނަ ކުދިން މި ހަރަކާތުގައި ބައިވެރިވިއިރު، ކުދިންނަށް ތަފާތު ކުޅިވަރުގެ ހަރަކާތްތަކާއި އިނާމުތައް ދީފައިވެއެވެ. މީގެ އިތުރުން ކުޑައިރުއްސުރެ ފައިސާ ގެންގުޅުމާއި ފަހަށް ރައްކާކުރުން ފަދަ މުހިންމު ކަންތައްތައް ކުދިންގެ ގައިގައި އަށަގެންނެވުމުގެ ގޮތުން މާލީގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް މި ހަވީރުގައި ކުރިއަށް ދިޔައެވެ. އަދި ރާއްޖޭގެ ފައިސާގެ ތާރީޚު ދައްކައިދޭ ސްޓޯލަކާއެކު ރަސްކަމުގެ ޒަމާނުއްސުރެ ރާއްޖޭގައި ބޭނުންކޮށްފައިވާ އެކިއެކި ފައިސާ ފޮއްޗާއި ފައިސާ ނޫޓުތަކުގެ މައުލޫމާތު ވަނީ ބައިވެރިންނަށް ދީފައެވެ.
ހަރަކާތުގައި ބައިވެރިވި ކުދިންނަށް ގިފްޓް ކާޑު ހިމެނޭހެން ތަފާތު އިނާމުތައް ދީފައިވާއިރު، ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި އައިޕެޑެއް ދިނެވެ.
މިއަދު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގައި އެމްއެމްއޭއާއެކު ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް އިސްލާމިކް ބޭންކުން ވެސް ބައިވެރިވެފައިވެއެވެ. އަދި މިކަމުގައި ދިއްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވެސް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.
ފިންލިޓް ކިޑްސް ކްލަބްހައުސް ކުޑަކުދިންގެ ހަވީރު ދެން ބާއްވާނީ މާދަމާ ހއ. ވަށަފަރުގައެވެ. މީގެ އިތުރުން، ފިންލިޓް ފެސްޓްގެ ދަށުން ހއގެ 6 ރަށެއްގައި މާލީ ހޭލުންތެރިކަމާބެހޭ ސެޝަންތައް ކުރިއަށްދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!