އިސްރާއީލުން ޣާޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުގެ 350،000 އާއިލާއެއްގެ ހިޔާވަހިކަން ގެއްލި، ބޯހިޔާވަހިކަމެއް ނެތިފައިވާ ކަމަށް ޣާޒާގެ ޕަބްލިކް ވާކްސް އެންޑް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ. މި ހަމަލާތަކުގެ ސަބަބުން ޣާޒާގެ ގެދޮރުގެ 80 އިންސައްތަވަނީ ހަލާކުވެފައެވެ.
މިނިސްޓްރީން ބުނިގޮތުގައި މި ހަމަލާތަކާ ގުޅިގެން އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީގެދޮރު ނެތި ގޮސްފައެވެ. އަދި އަންނަ ފިނި މޫސުމުގައި މި މީހުން ދަނީ ހަލާކުވެފައިވާ ފޭލިއުތަކާއި ވަގުތީ ހިޔާތަކުގައި ނިކަމެތި ހާލެއްގައި ދިރިއުޅެމުންނެވެ.
މި ހަނގުރާމައިގެ ތެރޭގައި ޖުމްލަ 410،000 ހައުސިން ޔުނިޓަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ. އޭގެ ތެރެއިން 335،000 ގެދޮރުވަނީ މުޅިން ސުންނާފަތިކޮށްލާފައެވެ.
އދ. ގެ އޮފީސް ފޯ ދަ ކޯޑިނޭޝން އޮފް ހިއުމެނިޓ އެފެއާޒް (އޯޗާ) އިން ލަފާކޮށްފައިވާ ގޮތުގައި، ޣާޒާގެ އާބާދީގެ 94 އިންސައްތަ މީހުން ކަމަށްވާ 1.98 މިލިއަން މީހުންނަށް އަވަސް މުއްދަތެއްގައި ބޯހިޔާވަހިކަމާއި ޒަރޫރީ ނޫން ތަކެތީގެ އެހީތެރިކަން ބޭނުންވެއެވެ. އަދި އޭގެ ތެރެއިން 1.2 މިލިއަން މީހުން ތަހައްމަލުކުރަމުންދަނީ ނުރައްކާތެރި އަދި ކާރިސީ ހާލަތެއްގައި ހުރި ބޯހިޔާވަހިކަމެކެވެ.
ހަނގުރާމައިގެ ސަބަބުން ހާލުގައިޖެހިފައިވާ މީހުންނަށް ތަފާތު ހަރުކަށި ހުރަސްތަކާ ކުރިމަތިލާންޖެހިފައިވާއިރު، އެ މީހުން ތަހައްމަލުކުރަމުންދަނީ އެ ސަރަހައްދުގެ އެންމެ 35 އިންސައްތައިގެ ސަރަހައްދެއްގައެވެ. މިއީ ފެންބޮޑުވުމުގެ ނުރައްކޮށް އޮތް އައްސޭރިފަށުގެ ސަރަހައްދުތަކާއި ދާޚިލީ ސަރަހައްދުތަކެވެ.
ފިނި މޫސުމުގެ ދުވަސްވަރު ޣާޒާގެ ރޭގަނޑުގެ ފިނިހޫނުމިން 6 ޑިގްރީ ސެލސިއަސްއަށް ނުވަތަ އެއަށްވުރެ ދަށަށް އިގެންދާއިރު، ވެހޭ ވާރެޔާއި ޖެހޭ ގަދަ ވަޔާއެކު ސިއްހީ ގޮތުން ކުރިމަތިވާ ނުރައްކާތައް އިތުރަށް ބޮޑުވެގެންދެއެވެ. ނޮވެމްބަރު މަހު ވެހުނު ވާރޭގެ ސަބަބުން ވަގުތީ ކޭމްޕްތަކަށް ފެންބޮޑުވެ، ފޭލިއުތައް ވަނީ ހަލާކުވެފައެވެ.
އދ. ގެ ޝެލްޓަރ ކްލަސްޓަރގެ ކުރީގެ ތަފާސްހިސާބުތަކުން ދައްގޮތުގައި ނޮވެމްބަރު މަހުގެ ކުރީކޮޅު އެކަނިވެސް 23،500 އަށްވުރެ ގިނަ ހިޔާވަހިކަމަށް ގެއްލުންވެފައިވެއެވެ. އަދި މީގެ ސަބަބުން ހާހުން ގިނަ އާއިލާތައް ހާމަކަން ބޮޑު ތަންތަނުގައި ނިދަންޖެހި، ފެންބޮޑުވުމުގެ ނުރައްކާތެރި ސަރަހައްދުތަކުގައި ތިބި ގާތގަނޑަކަށް 950،000 މީހުންނަށް ނުރައްކާ ކުރިމަތިވެފައިވެއެވެ.
މި ހާލަތުން އަރުވައިގަތުމަށްޓަކައި ފަލަސްތީނުގެ އިދާރާތަކުންވަނީ ވަގުތުން މޫސުމަށް ކެތ ކޮށްލެވޭ ފަދަ 200،000 ފޭލިއުއާއި، ތާމަލް އިންސުލޭޝަން އަދި ވޯޓާޕްރޫފް ޓަރޕްލިން ހިމެނޭ 300،000 ކުއް ހިޔާވަހިކަމުގެ ކިޓް ވީއންމެ އަވަހަކަށް ވެއްދުމަށް ގޮވާލާފައެވެ. ނަމަވެސް ބޯޑަރުގެ ހުރަސްތަކާއި ބައިނަލްއަގްވާމީ އެތައް އެންޖީއޯއެއްގެ ރަޖިސްޓްރީ ބާތިލްކުރުމާ ގުޅިގެން، ފިނި މޫސުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް އިންސާނީ އެހީދޭ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!