ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ އެކި މައްސަލަތައް ހައްލުކޮށް، އިންސާފުވެރި މަސައްކަތު މާޙައުލެއް އޮތްކަން ޔަގީންކޮށްދޭން މަސައްކަތް ކުރަށްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕޮގްރާމްގެ 14 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުންނެވެ.
މި ޕްރޮގްރާމްގެ ތެރެއިން ނަރުހަކު ވަނީ ވަޒީފާގެ މާހައުލުގައި ތަފާތު ކުރުންތަކާއި ކުރިމަތިވާ ކަންކަމުގައި އިންސާފު ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ވަޒީފާގެ މާހައުލުގައި ހުންނަ ކަންބޮޑުވުންތަކަށް ވަޒީފާދޭ ފަރާތްތަކުން އެކަށޮގެންވާގޮތަކަށް އިޖާބަ ނުދޭ ކަމުގެ ޝަކުވާވެސް އެ ފަރާތުން ހިއްސާކުރިއެވެ.
ނަރުސް ފާހަގަކުރެއްވި ގޮތުގައި، ބައެއް ތަންތަނުގައި ސީދާ ވެރިންނަކަށް ތިއްބަވަނީ އެ ދާއިރާއަކަށް ފަރިތަ ނަރުހުންނެއް ނޫނެވެ. އެގޮތުން ޕޮފެޝަނަލް ކަންކަމަށް ބަލާލުމެއްނެތި، މަސައްކަތް ކުރާގޮތް ނޭނގި ތިބެ ޒިންމާތައް ހަވާލުކުރެވޭކަން ފާހަގަކުރައްވައި، އައިޖީއެމްއެޗް ފަދަ ތަންތަނުގައިވެސް ނަރުހުންނަށް މިފަދަ ކަންކަން ދިމާވަމުންދާކަން ވަނީ ހާމަކޮށްފައެވެ.
މި ވާހަކަތަކަށް ރައްދުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ވަޒީފާގެ މާހައުލުގައި ހުންނަ މިފަދަ ނުރަނގަޅު ކަންކަން އިސްލާހުކުރުމަށް ފުރިހަމައަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމްކުރުމާއި، މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއަހައި އެކަންކަމަށް ދެފުށް ފެންނަގޮތަށް ޖަވާބުދާރީވާނެ ނިޒާމުތަކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ތިހުރި ގޮ ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން. ވަޒީފާގެ މާހައުލުގައި އިންސާފު ޤައިމްކުރުން ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑު އެހުމާއި އެކަންކަމަށް ޖަވާބު ދާރީވުމާއި ވީހާވެސް ދެފުއް ފެންނަ ގޮތައް، މުވައްޒަފުންނާއި ދޭތެރޭ ނަރުހުން ހާއްސަކޮށް ވަރަށް މުހިންމު ހިދުމަތެއް ދޭ ބައެއް. ތިކަން ވަރަށް ސީރިއަސްކޮށް ބަލާދޭނަން" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ދިމާވާ އެކި ކަހަލަ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ކުރުން ހުއްޓުވުން ހަރުދަނާކުރުމަށް ޤާނޫނަށް އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. އަދި ޝާމިލު މުޖުތަމައެއް ބިކުރުމުގެ ޤައުމީ މަޝްރޫޢެއް ފަށަން ނިންމާފައިވާއިރު، ނުކުޅެދުންތެރިކަން ހުން ފަރާތްތަކަށްވެސް ވަޒީފާގެ ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!