ސައޫދީ ޕްރޯ ލީގުގައި އަލް އަހްލީ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެ، އަލް ނަސްރަށް މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.
މި މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގެ 1000 ވަނަ ލަނޑާ ގާތަށް ޖެހިލުމުގެ އިތުރުން ފުރަތަމަ ހާފުގައި ޕެނަލްޓީއެއް ބޭކާރުކޮށްލައިފައެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ޔާއޯ ފެލިކްސް ދިން ބޯޅައަކުން، ގޯލުގެ ދުރު ކަނަށް ވޮލީއަކުން ބޯޅަ ވައްދާލައިގެން އަލް ނަސްރަށް ކުރިހޯދައިދިނީ ރޮނާލްޑޯއެވެ. މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބުކުރި 986 ވަނަ ލަނޑުގެ އިތުރުން، މި ސީޒަނުގައި ކްލަބަށް ހުރިހާ މުބާރާތެއްގައި ޖަހައިދިން 10 ވަނަ ލަނޑެވެ.
ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ލީޑު ފުޅާކުރަން ލިބުނު ރަނުގެ ފުރުސަތު އުމުރުން 41 އަހަރުގެ ފޯވާޑަށް ވަނީ ގެއްލިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނަވާފް އަލް ބުޝައިލް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ރޮނާލްޑޯ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މިއީ މި ސީޒަނުގައި އަލް ނަސްރަށް އޭނާ ފޮނުވާލި ދެ ޕެނަލްޓީ ވެސް ނާކާމިޔާބުވި ފަހަރެވެ. އަދި މިއީ މި މުބާރާތުގައި ވިދިވިދިގެން ދެ ޕެނަލްޓީ އޭނާ އަތުން ބޭކާރުވި ފުރަތަމަ ފަހަރު ވެސް މެއެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް އަލް އަހްލީން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ގަލޭނޯއެވެ.
ދެވަނަ ހާފަށް ނުކުމެ އަލް އަހްލީން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. އެ ޓީމަށް ކުރިހޯދައިދިނީ ލިބުނު ޕެނަލްޓީއަކުން އިންގްލެންޑުގެ ސްޓްރައިކަރު އައިވަން ޓޯނީއެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 14 ވަނަ ލަނޑެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ބްރެޒިލްގެ ޑިފެންޑަރު ރޮޖާ އިބަނޭޒް ވަނީ އަލް އަހްލީގެ ތިންވަނަ ލަނޑު ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
މި ނަތީޖާއާއެކު، މި ސީޒަނުގެ ލީގުގައި ދެވަނަ ފަހަރަށް ބަލިވި އަލް ނަސްރު އޮތީ ތާވަލުގެ ތިންވަނައިގައެވެ. މެޗުން މޮޅުވި އަލް އަހްލީ ވަނީ ތާވަލުގެ ހަތަރުވަނައަށް ޖެހިލައި، ރޮނާލްޑޯގެ އަލް ނަސްރާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ.
ރޮނާލްޑޯގެ ޖުމްލަ 986 ލަނޑުގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޫބަރު 23 ގައި އަލް ފައިސަލީއާ ދެކޮޅަށް ޖެހި، ސުވާލު އުފެދިފައިވާ ލަނޑެއް ހިމެނެއެވެ. އެ ލަނޑު ސައޫދީ ޕްރޯ ލީގުން ޕޯޗުގަލްގެ ތަރިއަށް ނިސްބަތްކުރި ނަމަވެސް، ތަފާސްހިސާބު ބަލަހައްޓާ އޮޕްޓާއިން ނިންމާފައިވަނީ އެއީ ބައިކޮޅަށް ވަން ލަނޑެއްގެ ގޮތުގައެވެ.
ފިރިހެނުންގެ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑު އޮންނަ ރޮނާލްޑޯ ވަނީ މި މަހުގެ ކުރީކޮޅު ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!