ދޮށީ އުމުރުގެ ރައްޔިތުންނަށް ލޯނު ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން، ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ލޯނު ދޫކުރާ އެންމެ ދޮށީ އުމުރުގެ ލިމިޓު 65 އަހަރަށް ނުވަތަ އެއަށް ވުރެވެސް މައްޗަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިރޭ ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، އާންމު ރައްޔިތަކު ފާޅުކުރި ކަންބޮޑުވުމަކަށް ޖަވާބުދެއްވަމުންނެވެ.
މި ޕްރޮގްރާމުގައި ވާހަކަދެއްކި ދޮށީ އުމުރުގެ މީހަކު ވަނީ ލުއި ލޯނު ލިބޭނެ މަގުތައް ފަހިވެފައިވީ ނަމަވެސް، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ނުލިބޭ މައްސަލައަކީ ވަރަށް ބޮޑު ތަކުލީފެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
އެ ރައްޔިތު މީހާ ހިއްސާކުރި ގޮތުގައި، ގެދޮރު އެޅުމަށް ލޯނު ބޭނުންވި ކަމުގައި ވިޔަސް، އުމުރުގެ ގޮތުން އެ ފުރުސަތު އޮތީ ބަންދުވެފައެވެ. އަދި ދަރިންގެ ނަމުގައި ލޯނު ނަގަން ބެލި ނަމަވެސް، އެ ކުދިން ކިޔެވުމުގެ ލޯނާއި އެހެނިހެން ދަރަނިތައް ދައްކަމުންދާތީ، އެ މަގު ވެސް ވަނީ ބަންދުވެފައެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މީގެ ކުރިން ރާއްޖޭގެ މީހުންގެ އެވްރެޖް އުމުރު ދަށް ނަމަވެސް، މިހާރު ދިވެހިންގެ އެވްރެޖް އުމުރު ހުރީ ގާތްގަނޑަކަށް 80 އާ ހިސާބުގައި ކަމަށެވެ. އެހެންކަމުން ބީއެމްއެލް އިން ކަނޑައަޅާފައިވާ 60 އަހަރުގެ ލިމިޓަކީ މިހާރު އެންމެ އެކަށީގެންވާ އުމުރެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބަދަލު ގެނައުމަށްޓަކައި ބޭންކަށާއި މިނިސްޓްރީ އޮފް ފައިނޭންސަށް މިހާރު ވެސް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު އެދިފައި އޮންނާނީ 65 އަހަރާ ހަމައަށް ނޫނިއްޔާ އެއަށްވުރެ ވެސް މައްޗަށް އޭޖް ލިމިޓް" ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މައްސަލައަށް މިހާރު ވެސް ބައެއް ބަދަލުތައް ގެނެސްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމަށް އެކަށޭނަ ހައްލެއް އަންނާނެ ކަމަށާއި، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ދޮށީ އުމުރުގެ ރައްޔިތުންނަށް އުންމީދީ ހައްލެއް ހޯދައިދޭނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!