އެމެރިކާއިން އީރާނާ ދެކޮޅަށް ކުރިއަށް ގެންދާ އިގުތިޞާދީ އަދި ކަނޑުގެ ހިސާރަކީ ހަނގުރާމައިގެ އަމަލެއް ކަމަށް އީރާނުން ސިފަކޮށްފިއެވެ.
މީގެ އިތުރުން އެ ހިސާރު ހުއްޓުވުމަށްޓަކައި ބޭނުންވާ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށް އެ ގައުމުން ވަނީ ބުނެފައެވެ.
އީރާނުގެ ނައިބު ފޮރިން މިނިސްޓަރު ކާޒިމް ޣަރީބާބާދީ މިފަދައިން އިއުލާނުކުރެއްވީ ގަތަރުގައި ބޭއްވެވި މަޝްވަރާތަކަކަށްފަހުއެވެ. މި ބައްދަލުވުންތައް ބޭއްވިފައިވަނީ ހަނގުރާމަ ހުއްޓާލުމާ ބެހޭ ގޮތުން ކުރެވުނު މަޝްވަރާތައް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.
މިދިޔަ އޭޕްރީލް މަހު ހޮރްމުޒް ކަނޑުއަޮޅީގެ ދަތުރުފަތުރަށް އީރާނުން ހުރަސްއެޅުމާ ގުޅިގެން، ވޮޝިންޓަނުން ވަނީ އީރާނުގެ ބަނދަރުތަކަށް ކަނޑުގެ ހިސާރެއް ކުރިމަތިކޮށްފައެވެ. އަދި ޖުލައި މަހުގެ 14 ވަނަ ދުވަހު އެ ހިސާރު އަލުން އިއުލާނުކޮށްފައިވާ ކަމަށް އެމެރިކާއިން ބުނެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އަންނަނީ އީރާންގެ ތެލުގެ މައި މަރުކަޒަށް ދަތުރުކުރަން އުޅޭ ތެޔޮ އުފުލާ ބޯޓުތަކަށް ހުރަސްއަޅައި، އެ ބޯޓުތަކުގެ އިންޖީނު ރޫމްތަކަށް މިސައިލް ފޮނުވަމުން ކަމަށް މަޢުލޫމާތު ލިބެއެވެ. އީރާނުގެ ޢާންމު ތެލުގެ އެކްސްޕޯޓުގެ ގާތްގަނޑަކަށް 90 އިންސައްތަ ބަލަހައްޓަނީ މި މަރުކަޒުންނެވެ.
މި ހަނގުރާމަ ފެށުނު ފެބްރުއަރީ މަހުގެ ކުރިން، އީރާނުން ކޮންމެ ދުވަހަކު 1.5 މިލިއަނާއި 2 މިލިއަން ސާފުނުކުރާ ތެޔޮ އެކްސްޕޯޓުކުރިއެވެ. ނަމަވެސް، ތެޔޮ އުފުލާ ބޯޓުތަކަށް އަމާޒުކޮށް ދިން ހަމަލާތަކާ ގުޅިގެން، ނޮވެމްބަރު މަހުގެ މެދުތޭގައި ހޮރްމުޒް ކަނޑުއޮޅީގެ ވޮލިއުމް ވަނީ ހަނގުރާމައިގެ ކުރީގެ މިންވަރަށްވުރެ 65 އިންސައްތަ ދަށަށް ގޮސްފައެވެ.
މި މައްސަލައާ ގުޅޭގޮތުން އީރާނުގެ ފޮރިން މިނިސްޓަރު އަބާސް އަރަގްޗީ އަދި ނައިބު ފޮރިން މިނިސްޓަރު ޣަރީބާބާދީ ވިދާޅުވެފައިވަނީ، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވުން ބަރޯސާވެފައިވަނީ ދެ ދުވަހުގެ ތެރޭގައި ތަންފީޒުކުރާ ފްރޭމްވަރެއްގެ ދަށުން އީރާނުގެ ޝަރުތުތައް ވޮޝިންޓަނުން ގަބޫލުކުރުމުގެ މައްޗަށް ކަމަށެވެ.
އީރާނުން ޝަރުތުކޮށްފައިވަނީ ކަނޑުގެ ހިސާރު އުވައިލުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް ނައްތައިލުމާއި، ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމާއި، އަދި ސަރަހައްދީ ހަނގުރާމަތައް ހުއްޓައިލުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!