މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހއ. އަތޮޅުގައި ކުރިއަށްގެންދާ "އެމްއެމްއޭ ފިންލިޓް ފެސްޓް" ގެ ދަށުން، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބޭއްވި ފޯރިގަދަ ކުޑަކުދިންގެ ހަވީރު ހއ. ވަށަފަރުގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ހަރަކާތަކީ ވަށަފަރު ކައުންސިލާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން އެ ރަށުގެ ޖަމްޢިއްޔާތަކުގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމަކާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ވަށަފަރުގައި ކުރިއަށްދިޔަ މި ހަވީރަށް އެ ރަށުގެ ރައްޔިތުންނާއި ގިނަ އަދަދެއްގެ ކުޑަކުދިންގެ ފަރާތުން ބޮޑު ތަރުޙީބެއް ވަނީ ލިބިގެން ގޮސްފައެވެ.

Ad
rt

ކުޑަކުދިން ގަޔާވާނެ ފަދަ ތަފާތު އުފާވެރި ކުޅިވަރުތަކާއި ހަރަކާތްތަކާއެކު ކުރިއަށްދިޔަ މި ހަވީރުގެ މައިގަނޑު އެއް ބޭނުމަކީ، ކުޑައިރުއްސުރެ ފެށިގެން ފައިސާއާ ގުޅޭގޮތުން ކުދިންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. އެގޮތުން ދިރިއުޅުމުގައި މާލީ ތަޢުލީމު ހޯދުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ހަރަކާތުގެ ތެރެއިން ވަނީ ކުދިންނަށް މަޢުލޫމާތު ފޯރުކޮށްދީފައެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ފައިސާގެ ތާރީޚު ދައްކުވައިދޭ ޚާއްޞަ ސްޓޯލެއް މި ހަވީރުގައި ވަނީ ޤާއިމުކޮށްފައެވެ. މި ސްޓޯލަށް ޒިޔާރަތްކުރި ފަރާތްތަކަށް ފައިސާގެ ތާރީޚާ ގުޅޭ ތަފާތު މުހިންމު މަޢުލޫމާތުތައް ވަނީ ދީފައެވެ.

ޚަބަރުގެ ފޮޓޯ

ހަވީރުގެ ހަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވި ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ގޮތުން، އެ ކުދިންނަށް ގިފްޓް ކާޑު ހިމެނޭހެން ގިނަ ޢަދަދެއްގެ އަގުހުރި އިނާމުތައް ވެސް ވަނީ ބަހާފައެވެ.

ޚަބަރުގެ ފޮޓޯ

އެމްއެމްއޭ އިން މާލީ ދާއިރާއަށް މީހުން ހޭލުންތެރިކުރުމުގެ މަޤްޞަދުގައި ހިންގާ މި ފެސްޓިވަލްގެ ދަށުން، ހއ. އަތޮޅުގެ 6 ރަށެއްގައި މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް އެ އޮތޯރިޓީން އަންނަނީ ރާވައިގެން ހިންގަމުންނެވެ.