ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫޢުތަކަށް ދައުލަތުގެ ބަޖެޓުން މިހާތަނަށް 5.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ އެކި މަޝްރޫޢުތަކަށް ޖުމްލަ 6.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

Ad
rt

މާލީ ވުޒާރާއިން އެންމެ ފަހުން ޢާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، ސަރުކާރުގެ ޚަރަދުގައި ޢާންމު އިޖުތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކަށް މި ހިނގާ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 5.3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީއަށް ދައުލަތުން 7.0 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން ވަކިވަކި ދާއިރާތަކަށް ހިނގި ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ މަސައްކަތްތަކަށެވެ. އެގޮތުން އިޤްތިޞާދީ ދާއިރާއަށް ކުރި ޚަރަދު 2.3 ބިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ޚަރަދުވެފައިވަނީ ދަތުރުފަތުރުގެ ދާއިރާއަށެވެ. ދަތުރުފަތުރުގެ ދާއިރާއަށް އެކަނިވެސް 2 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ދައުލަތުގެ ޢާންމު ޚިދުމަތުގެ ދާއިރާއިން މި މުއްދަތުގައި 780 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ޚަރަދުވެފައިވަނީ 432 މިލިއަން ރުފިޔާއެވެ. ޢާންމު ޚިދުމަތުގެ ދާއިރާއިން އެންމެ ބޮޑު ހޭދައެއް ކުރެވިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބިންތައް ބެލެހެއްޓުމަށެވެ. އެ ބަޔަށް 775 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މީގެއިތުރުން، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 717 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި ދާއިރާއަށް ހޭދަކޮށްފައިވަނީ 600 މިލިއަން ރުފިޔާއެވެ. އަދި ޞިއްޙީ ދާއިރާއިން ކުރިއަށްގެންދިޔަ މަޝްރޫޢުތަކަށް 359 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި އެ ދާއިރާއަށް ޚަރަދުވީ 329 މިލިއަން ރުފިޔާއެވެ.