ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ހއ. ބާރަށުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ "ޝިޕް ވިޒިޓް" އަކާއި ޚާއްޞަ މައުރަޒެއް ބާއްވައިފިއެވެ.
މި ހަރަކާތްތަކަކީ ސިފައިންނާއި ރަށުގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި، ނަޞްރުގެ ދުވަހުގެ ޝަހީދުންނަށްޓަކައި ދިވެހީންގެ ހިތތަކުގައި އޮންނަ ޤައުމީ ފަޚުރާއި އެއްބައިވަންތަކަމުގެ ރޫޙު އާލާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ހަރަކާތްތަކެކެވެ.
މިއަދު ހެނދުނު ބާރަށު ބަނދަރު ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ 'ނޫރައްދީން' ގައި ކުރިއަށްދިޔަ މި ޝިޕް ވިޒިޓްގައި، އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ. މި ޒިޔާރަތުގެ ތެރެއިން ބައިވެރިންނަށް ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ. އަދި ކޯސްޓްގާޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ދައްކާލައި، ކަނޑުމަތީގެ ހާދިސާތަކުގައި އެ އުޅަނދުގައި ބޭނުންކުރާ ބައެއް އާލާތްތައް ބަލައިލުމާއި އެ ތަކެއްޗާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު ވަނީ ދީފައެވެ.
މީގެ އިތުރުން، ނަޞްރުގެ ދުވަހާ ގުޅުވައިގެން "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހއ. ބާރަށު ސްކޫލުގައި ވަނީ ހުޅުވާފައެވެ. ތިންވަނަ ނޮވެންބަރުގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށުގައި ބޭއްވި މި މައުރަޒު ހުޅުއްވައިދެއްވީ މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، އިސްމާޢީލް ނަޞީރެވެ.
އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒުގައި 1988 ނޮވެންބަރު 3ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގެ ފޮޓޯތަކާއި، ކުރެހުންތަކާއި، އަޑާއި މަންޒަރު އަދި ލިޔުންތައް ހިމަނާފައިވެއެވެ. އެ ދުވަހުގެ ޢުދުވާނީ ހަމަލާތައް ފެށި ވަގުތުން ފެށިގެން ދިވެހިންނަށް ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއް ގޮތަށް ސިފަކޮށްދޭ މި މައުރަޒުން، ދިވެހި ސިފައިންނާއި ރައްޔިތުން ވީ ޤުރުބާނީއާއި ދެއްކި ގަދަހިތްވަރު ތަޞައްވުރުކޮށްލެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ބާރަށު ސްކޫލުގައި ކުރިއަށްދާ މި މައުރަޒު މިރޭގެ 22:00ގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.
މި މައުރަޒު ހުޅުވުމުގެ ގޮން ބޭއްވި ރަސްމިއްޔާތުގައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢުއާއި، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ގިނަ އަދަދެއްގެ ޢާންމު ރައްޔިތުންނާއި ސްކޫލުގެ ދަރިވަރުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!