ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި އެ ކުންފުނީގެ އިސް ވެރިންގެ ވަފުދެއް ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރެއް މިއަދު ފައްޓަވައިފިއެވެ.

މި ދަތުރުގެ ތެރެއިން އެ ބޭފުޅުން އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ހއ. ވަށަފަރަށެވެ.

Ad
rt

ސްޓެލްކޯއިން ބުނި ގޮތުގައި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސްވެރިން ވަށަފަރަށް ޒިޔާރަތްކުރެއްވުމުން އެ ރަށުން ވަނީ އެ ބޭފުޅުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މި ދަތުރަކީ އަތޮޅުތެރޭގައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރެކެވެ.

ވަށަފަރަށް ކުރެއްވި މި ޒިޔާރަތުގައި، އެ ރަށުގައި ހުންނަ ސްޓެލްކޯގެ އޮފީހަށާއި، އިންޖީނުގެ އަދި ފެން ޕްލާންޓަށް އެ ބޭފުޅުން ވަޑައިގެންނެވި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އޮފީހާއި އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިސްވެރިން ވަނީ ވަރަށް ގާތުން ބައްލަވާލައްވާފައެވެ.

މި ދަތުރު މި ކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަން އުވާލައި އެ ކުންފުނިން ދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ރަސްމީކޮށް ސްޓެލްކޯގެ ދަށަށް ބަދަލުކޮށް ނިމިފައިވާ ދަނޑިވަޅެއްގައެވެ. މި ބަދަލު ގެނައުމުގެ މަސައްކަތް ނިންމާލައި، އެންމެ ފަހު ރަށެއްގެ ގޮތުގައި ލ. ފޮނަދޫގެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 5 ނޮވެންބަރު 2026 ގައެވެ.

ފެނަކަ އުވާލަން ސަރުކާރުން ނިންމެވީ އެ ކުންފުނި ހިންގުމުގައި ހުރި މާލީ އަދި އިދާރީ ބޮޑެތި މައްސަލަތަކާ ގުޅިގެން، ވަކި ކުންފުންޏެއްގެ ގޮތުގައި ދެމެހެއްޓުމަކީ ދެމެހެއްޓެނިވި ކަމެއް ނޫންކަމަށް ފަންނީ މާހިރުން ލަފާދެއްވާފައިވާތީއެވެ. ދައުލަތުގެ ޚަރަދު ކުޑަކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ފެނަކަ އުވާލައި ސްޓެލްކޯއާ އެއްކޮށްލުމަށް ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ކުރިން މާލެ ސަރަޙައްދާއި ކ، އއ، އދ، ވ، ބ، ޅ އަދި މ. އަތޮޅުގައި ޚިދުމަތް ދެމުންދިޔަ ސްޓެލްކޯއަށް، މި ބަދަލާއެކު އިތުރު 127 ރަށެއްގެ ކަރަންޓާއި އެހެނިހެން ޚިދުމަތްތައް ވަނީ ބަދަލުވެފައެވެ. މީގެ އިތުރުން، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ބަދަލުކުރުމަށް ނިންމާފައިވަނީ އެމްޑަބްލިއުއެސްސީގެ ދަށަށެވެ. މި ބަދަލުތަކާއެކު މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ މައި ކުންފުންޏަކަށް މިހާރު ވަނީ ސްޓެލްކޯ ވެފައެވެ.

ރަށްރަށުގެ އިންޖީނުގެތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ސްޓެލްކޯގެ ބްރާންޗްތަކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، ޚާއްޞަ ހަތަރު ޓީމެއް އަތޮޅުތަކަށް ފޮނުވައިގެން ޚިދުމަތްތައް ހަވާލުކުރުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ. އަދި ފެނަކައިން ސްޓެލްކޯއަށް ބަދަލުކުރި އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށާއި، ކުރިން ލިބެމުންދިޔަ މުސާރައާއި ޢިނާޔަތްތަކަށްވުރެ ކުޑަނުވާނެހެން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގަވާފައެވެ.